ފާނޫޒު - 29

(1 އޯގަސްޓު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ) 

"އަަހަރެން ބޭނުން ނަމާދު ކުރަން. ވުޟޫ ކުރަންވެސް ބޭނުން." އިމާމާ ބުންޏެވެ.

ސާލާރަށް ވުރެ ކުރިން މަސައްކަތު މީހާ ބުންޏެވެ. "ފެން ހުންނާނެ އެ ބަނޑިޔަލުގައި. އެއިން ވުޟޫ ކުރެވިދާނެ."

"އޭނަ ނަމާދު ކުރާނީ ކޮންތާކު؟" ސާލާރް އެހިއެވެ.

"އެ ފެންނަ ކޮޓަރީގައި. އަހަރެން މުސައްލައެއް ގެނެސްދޭނަން. އެބަ އަންނަން މުސައްލަ ނަގައިދީފައި." އެހެން ބުނެފައި އޭނާ އެ ކޮޓަރިއަށް ދިޔައެވެ.

އިމާމާ ފެން ބަނޑިޔަލާ ދިމާއަށް ދިޔަަތަން ސާލާރަށް ފެނުނެވެ. ގަސްތަކާ ނުލައި އޭނާ އިމާމާ އާ ގާތަށް ޖެހިލިއެވެ. ފެން ހުރީ ބޮޑު ފީފާއެއްގައެވެ. އޭގައި ހުރީ މަތި ޖަހާފައެވެ. "މިއިން ފެން ނަގަނީ ކިހިނެއް؟" އިމާމާގެ ފުރަގަހުން މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން ފަހަތަށް އެނބުރުނެވެ. ސާލާރް ވަށައިގެން ހޯދާލިއެވެ. ތަންކޮޅެއް ދުރުން ހުސް ބާލިދީއެއް ފެނުމުން އޭނާ އެ ހިފައިގެން އައެވެ. "މިއީ ފެން ނަގަން ބޭނުންކުރާ ބާލިދީއެއް ހެން ހީވަނީ." ބާލިދީން ފެން ނަގަމުން އޭނާ ބުންޏެވެ. އަހަރެން ވުޟޫކުރަން ފެން އަޅައިދޭނަން. އިމާމާ ހުރީ އުނދަގޫ ވެފައެވެ. އެކަމަކު ވެސް އަތުކުރި އޮޅާލާފައި އަތުކުރީގައި އޮތް ގަޑި ނަގާފައި ސާލާރް އަތަށް ދިނެވެ. އަދި އިށީނދެލިއެވެ. ސާލާރް އޭނާގެ އަތަށް ފެން އޮއްސަން ފެށުމުން އޭނާ އަތް ދަމައިގަތެވެ.

"ކިހިނެއްވީ؟" އޭނާ ހައިރާންވިއެވެ.

"ކަމެއް ނުވޭ. ފެން ވަރަށް ފިނި. އެކަމަކު ވެސް އޮއްސާލަދީ." އިމާމާ އަތް ދިއްކުރުުމުން ސާލާރް އޭނާގެ އަތަށް ފެން އޮއްސަމުން ދިޔައެވެ. އިމާމާ ވުޟޫ ކުރިއެވެ. މިއީ ސާލާރަށް އިމާމާގެ އަތް، އުޅަނބޮށްޓާ ހަމައަށް ފެނުނު ފުރަތަމަ ފަހަރެވެ. އިމާމާގެ އަތުކުރިން ފެށިގެން އޭނާގެ މޫނާ ހަމައަށް ސާލާރް ރަނގަޅަށް ބަލައިލިއެވެ. ޗާދަރު ނުނަގައި އިމާމާ ފަރުވާތެރިކަމާއެކު ބޮލާއި ކަންފަތް، އަދި ކަރުގައި ފެން ފުހެލިއެވެ. ސާލާރްގެ ނަޒަރު ހުއްޓިފައި ހުރީ އިމާމާގެ އަތުގެ ހަރަކާތަށެވެ. އިމާމާގެ ކަރުގައި ދެއަތަށް ހެލިލަހެލިލާ އޮތް ރަން ފަށާއި އެފަށުގައި އޮތް ޕާރލް ފޫ ސާލާރަށް ފެނުނެވެ. މީގެ ކުރިން ސާލާރަށް އޭނަ ފެންނަ ކޮންމެ ފަހަރަކު ހުންނަނީ ޗާދަރުން ނިވައި ވެގެންނެވެ. ކުލަ ތަފާތުވިޔަސް އަބަދުވެސް އެ ޗާދަރު އޭނާ އަޅަނީ އެއް ސްޓައިލަކަށެވެ. އޭނާ އިމާމާގެ ހަށިގަނޑުގެ ބައްޓަމަކަށް ނުވަތަ އޭނާ ހުންނަ ގޮތަކާ މެދު މީގެ ކުރިއަކުން ނުވިސްނައެވެ. "ފަޔަށް ފެން އަޅާނީ އަހަރެން އަމިއްލައަށް." ކޮޅަށް ތެދުވެ އޭނާ ސާލާރްގެ އަތުން ބާލިދީ އަތުލިއެވެ. އޭނާ ފަހަތަށް ދެ ތިން ފިޔަވަޅެއް އަޅާފައި ހުއްޓިއްޖެއެވެ. އަދި ފުން ޚިޔާލަކަށް ގެނބިގެންފިއެވެ. ޚިޔާލީ ދުނިޔެއިން ނިކުތީ އިމާމާ ވުޟޫކޮށް ނިމުމުންނެވެ. އޭނާ އިމާމާގެ ގަޑި ދިއްކޮށްލިއެވެ.

އެ ފިރިހެން މީހާ ދެއްކި ކޮޓަރިއަަށް އިމާމާއާއެކު ސާލާރް ދިޔައެވެ. ކޮޓަރީގެ ކަނެއްގައި މުސައްލަ ފަތުރާފައި އޮތެެވެ. އިމާމާ ކުރިއަށް ޖެހިލިއެވެ. ކޮޓަރީގައި ދެ ތިން ގޮނޑި ވެސް ހުއްޓެވެ. ސާލާރަށް އެއީ ކޮން ކޮޓަރިއެއްކަން ފުރަތަމަ ނޭނގުނެވެ. ކޮޓަރީގެ ފަހަތުގައި އެންމެ ފަހަތުގައި ހުރި ކައުންޓަރު ކައިރިއަށް އޭނާ ދިޔައެވެ.

"ދެ ތަށި ސައި ލިބިދާނެތަ؟" އެތަނުގައި އިން ފިރިހެން ކުއްޖެއް ގާތު އޭނާ އަހައިލިއެވެ. އެ ކުއްޖާ ބޯ ޖަހާލާފައި އުނދުނާ ދިމާއަށް ދިޔައެވެ. ސާލާރް އެނބުރި ކޮޓަރިއަށް ދިޔައެވެ. އިމާމާ ނަމާދުކުރަން ފަށައިފިއެވެ. އޭނާ ގޮނޑިއެއްގައި އިށީނދެލާފައި މޭޒުމައްޗަށް ފައި ދަމައިލިއެވެ. އަދި އިމާމާ ނަމާދުކުރާ ތަން ބަލަން އިނެވެ. އިމާމާގެ މިޒާޖުހުރި ގޮތުން އޭނާ ރޯނެހެން ސާލާރަށް ހީވިއެވެ. ކަންތައް ވީ ދިމާ އިދިކޮޅަށެވެ. އިމާމާގެ ފަރާތުން އެކަހަލަ އެއްވެސް ކަމެއް ނުފެނުނެވެ. ދެ އަތް އުފުލައި އޭނާ އިރުކޮޅަކު ދުއާކުރިއެވެ. އަދި މޫނު ފިރުވައިލުމަށްފަހު ތެދުވިއެވެ. ސާލާރް ފުން ނޭވައެއް ލާފައި އަނެއް ފަރާތަށް އެނބުރުނެވެ.

***

ލާހޯރުގެ އިމަށް ވަދެވުމާއެކު އިމާމާ ބުންޏެވެ. "ކޮންމެވެސް ބަސް ސްޓޭންޑެއް ކައިރިއަށް ކާރު ހުއްޓާ. އަހަރެން އެކަނި ހިނގައިދާނާން."

"އިމާމާ ދާން ބޭނުން ތަނަކަށް ގެންގޮސްދޭނަން. މި ފިނީގައި އެއްޗެއް އަންނަންދެން ވަރަށް ގިނައިރު މަޑުކުރަން ޖެހިދާނެ."

ފަތިސް ވަގުތު ކަމުން މަގުމަތި އޮތީ ވަރަށް އަމާންކޮށެވެ. ހުރިހާ އެއްޗެއް ހުރީ ފިނި ހިފާފައެވެ.

"އަހަންނަކަށް ނޭނގޭ އަހަރެން ދާނެ ތަނެއް. އެހެންވީމާ ކިހިނެއް ދާންވީތަނެއް ކިޔައިދޭނީ؟ އަަހަރެން މިހާރު ދާނީ ހޮސްޓެލްއަށް ކަން ނޭނގެ. ދެން އެތަނުން..."

ސާލާރް އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "އަހަރެން ހޮސްޓެލް އަށް ގެންގޮސްދީފާނަން." ހޮސްޓެލް އަށް ސާލާރް މިސްރާބު ޖެހުމުން ކާރުތެރެއަށް ހިމޭންކަން ވެރިވިއެވެ.

ހޮސްޓެލް އިމާރާތާއި ތަންކޮޅެއް ދުރަށް ކާރު ހުއްޓަން އިމާމާ ބުންޏެވެ. "މިތަނަށް މަޑުކުރޭ. އަހަރެން ހިނގާފައި ހިނގައިދާނަން. ސާލާރް އާއެކު އެތަނަށް ދާތަން ބަޔަކަށް ފެންނާކަށް ބޭނުމެއް ނޫން." ސާލާރް ކާރު ހުއްޓިއެވެ. "ވޭތުވެ ދިޔަ ދުވަސްކޮޅު ސާލާރްގެ އެހީތެރިކަން އަހަންނަށް ވަރަށް ބޮޑަށް ލިބުނު. އެ ހުރިހާ ކަމަކަށް ޝުކުރު އަދާކުރަން ބޭނުން. ސާލާރްގެ އެހީތެރިކަން ނުލިބުނު ނަމަ އަހަންނަށް މިތަނަށް ނާދެވުނީސް." ފުން ނޭވައެއް ލާފައި އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަހަރެންގެ އަތުގައި އަދިވެސް ސާލާރް ގެ ފޯނު އެބައޮތް. އަދި ދުވަސްކޮޅަކު އަަހަރެން ފޯނު ބޭނުންވާނެ. ފަހުން ފޮނުވާނަން." 

"އިމާމާ އަތުގަ ފޯނު ބާއްވާ."

"ދުވަސްކޮޅަކުން އަހަރެން ގުޅާނަން. އޭރުން ވަރީގެ ލިޔުންތައް ފޮނުވައިދީ. އުއްމީދުކުރަން އަހަރެންގެ މައިންބަފައިން ގާތު އެއްވެސް ވާހަކައެއް ނުބުނާނެ ކަމަށް."

"ތީ ބުނަންޖެހޭ ވާހަކައެއްތަ؟" ބުމަ ހިއްލައިލަމުން ސާލާރް ބުންޏެވެ. "ބުނަން ބޭނުން ނަމަ އޮންނާނީ މާކުރިން ބުނެފައި." އޭނާ ބުންޏެވެ. "އަހަންނާ ދޭތެރޭ އިމާމާ ބެލީ ވަރަށް ގޯސްކޮށް. އަދިވެސް ދެކެނީ އެގޮތަށް ތަ؟ ނުވަތަ ދެކޭގޮތް ބަދަލުވެއްޖެތަ؟" ސާލާރް ހިނިތުންވެލާފައި އެހިއެވެ. އޭނާއަށް ޖަވާބު އެނގޭ ކަހަލައެވެ. "އަހަންނަކީ ވަރަށް ވަރަށް ރަނގަޅު މީހެއް ކަމަށް ގަބޫލެއް ނުކުރަންތަ؟"

"ވެދާނެ." އޭނާ ވައި އަޑުން ބުނެލިއެވެ.

"ވެދާނެ އޭ؟" އިމާމާގެ ޖަވާބުން ސާލާރު ސިހުނެވެ. ޝައްކުން ފުރިގެންވާ ގޮތަކަށް އޭނާ ހިނިތުންވެލިއެވެ.

"އަދިވެސް ތިބުނަނީ ވެދާނެއޭ. ޝުކުރުވެރި ނުވިޔަސް ބޮޑުވަރު. ޒުވާން ފިރިހެން ކުއްޖަކު މީހަކަށް ކޮށްނުދޭނެ ހުރިހާ ކަމެއް އަހަރެން އިމާމާ އަށް ކޮށްދިނިން. އެކަމަކު އަހަރެންގެ އެއްވެސް ރަނގަޅު ސިފައެއް ހުރިކަމަކަށް އިމާމާ ގަބޫލެއް ނުކުރަމެއްނު؟"

"ޝުކުރުވެރި ނުވަނީ އެއް ނޫން. އަހަންނަށް ވަރަށް ގިނަ ކަންތައް ކޮށްދިންކަން ގަބޫލުކުރަން. ސަލާރްގެ ޖާގައިގަ އެހެން މީހަކު ހުރިނަމަވެސް ކޮށްދޭނެ."

"އޭގެ މާނައަކި އަހަންނަކީ ރަނގަޅު މީހެކޭތަ؟" ސާލާރް އަހައިލިއެވެ. އިމާމާ އެއަށް ޖަވާބެއް ނުދެއެވެ. އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ.

"ނޫން، އޭގެ ޖަވާބު އެނގޭ އަހަންނަށް. އަނގައިން ނުބުނެ ހުރުމުގެ މާނައަކީ ނޫނެކޭ. ނޫންތަ؟"

"ބޭކާރު ޒުވާބެއް ނޫންތަ މި ފެށެނީ؟"

"ވެދާނެ، އެކަމަކު އަހަރެން ހަމަ ހައިރާންވެއްޖެ އިމާމާ..."

"މިފަހަރު އިމާމާ އޭނާ ހުއްޓުވިއެވެ. "ސާލާރް އަހަންނަށް ވަރަށް ގިނަ ކަންތައް ކޮށްދީފި. އަހަންނަށް ތީ ކާކުކަން ނޭނގޭނަމަ ތީ ވަރަށް ރަނގަޅު މީހެއްކަމަށް ގަބޫލުކުރީމުސް. އެކަމަކު އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ ސާލާރް، އެހެންވީމާ ތީ ރަނގަޅު މީހެކޭ ނުބުނެވޭނެ." އޭނާ ކުޑަކޮށް ވާހަކަ މެދުކަނޑާލައިފިއެވެ. ސާލާރް އޭނާއާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. "އަމިއްލައަށް މަރުވާން އުޅެ، ރޯ ބޮއި، ކޮޓަރީގެ ހަތަރު ފާރުގައި އަންހެނުންގެ އޮރިޔާން ފޮޓޯ ހަރުކޮށްގެން އުޅޭ މީހަކު ރަނގަޅެއް ނުވާނެ." އިމާމާ ބުނެލިއެވެ.

"ތިބުނި ތިން ކަންތައް ނުކުރާ މީހެއް ގާތަށް ގޮސް، އޭނަ އެހީތެރިކަން ފޯރުކޮށްނުދީފިއްޔާ އެއީ ރަނގަޅު މީހަކަށް ވާނެތަ؟" ސާލާރްގެ ގާތަށް ރުޅި އަތުވެއްޖެއެވެ. "ޖަލާލް އަންޞާރް ފަދަ؟"

އިމާމާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. "އާނ، އޭނާ އަހަންނަށް އެހީ އެއް ނުވި. އެއީ އޭނާ ގޯސް މީހަކަށް ވާ ސަބަބެއް ނޫން. އަހަރެން އަދިވެސް ދެކެނީ އެއީ ރަނގަޅު މީހެއް ކަމަށް."

"އަހަރެން އިމާމާ އަށް އެހީވިން. އިމާމާ އާ އިނިން. އިމާމާ ދެކޭ ގޮތުގައި އަހަންނަކީ ހަމަ އެހާ ގޯސް މީހެއްތަ؟" އޭނާގެ ތުންފަތުން ފެންނަނީ ވިހަ ހިނިތުންވުމެކެވެ. "އިމާމާ ތީ މާ ރަނގަޅު މީހެއްތަ؟"

އިމާމާގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި އޭނާ އަނެއްކާވެސް ބުންޏެވެ. "އަހަންނަކަށް ހިއެއްނުވޭ ތީ މާ ރަނގަޅު މީހެއްހެން. ގެއިން ފިލައިގެން ތިދަނީ ފިރިހެނަކަށްޓަކައި.  ލޯބިވެރިޔާއަށް އޮޅުވާލީ. އާއިލާގެ އިއްޒަތް ވެއްޔާ މޮޑެލީ." އިމާމާގެ އިހުސާސްތަކަށް އިހްތިރާމް ކުރުމެއް ނެތި ސާލާރް ފަތިވަރެއް އަމުނައިލިއެވެ.

އިމާމާ އިނީ ފެންކަޅިވެފައެވެ. "ރަނގަޅު ވާހަކައެއް. އަހަންނަކީ ރަނގަޅު މީހެއް ނޫން. އިތުރު އެތައް ބައެއްގެ އަނގައިން އަދި ތި ވާހަކަ އަޑު އިވޭނެ. މިގޮތަށް ކަންތައް ކުރަންޖެހުނު ގޮތް ވަރަށް ދިގުކޮށް އޮޅުންފިލުވައިދެވިދާނެ. އެކަމަކު އެއީ ބޭކާރު ކަމެއް. ސާލާރަކަށް ނުވިސްނޭނެ."

"ލާހޯރަށް ގެނައުމުގެ ބަދަލުގައި އެހެންތަނަކަށް އަހަރެން އިމާމާ ގޮވައިގެން ދިޔަނަމަ ކީކޭ ބުނާނީ؟ އެކަމަކު ސަލާމަތުން މިތަނަށް މި ގެނެސްދިނީ. އަހަރެން މިކޮށްދިނީ ކިހާވަރެއްގެ ހެޔޮ ކަމެއް ކަން އިހުސާސް ކުރެވޭތަ؟"

އޭނާއާ ދިމާއަށް ބަލަން އިނދެފައި އިމާމާ ބުންޏެވެ. "އަހަރެން މިތަނަަށް ގެނެސްދޭނެ ކަމުގެ ޔަގީންކަން އަހަންނަށް އޮތް. އެހެންތަނަކަށް ނުގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް."

"ތި ބުނީ އަހަންނަށް އިތުބާރުކުރާ ވާހަކަތަ؟ އެއީ ކީއްވެ؟ އަހަންނަކީ ވަަރަށް ގޯސް މީހެއްކަން ހަނދާން ނެތުނީތަ؟" އޭނާ އިމާމާއަށް ރައްދު ދިނެވެ.

"އަހަރެން ސާލާރަށް އިތުބާރެއް ނުކުރަން. އަހަރެން ގެދޮރާއި އާއިލާ އަދި ހުރިހާ ކަމެއް ދޫކޮށްލީ ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި." ސާލާރް ދެބުމަ ގޮށްޖަހައިގެން އިމާމާ އަށް ބަލަން އިނެވެ. "އެހެންކަމުން ރަހްމެއް ނެތް މީހެއްގެ އަތް މައްޗަށް އެކަލާނގެ އަހަރެން އެކަނިމާއެކަނި ދޫކޮށްނުލައްވާނޭ ކަމުގެ ފުރިހަމަ އިތުބާރު އަހަންނަށް އޮތް."

"އެހެންވީނަމަ ކިހިނެއް ހަދާނީ؟" ސާލާރް އެހިއެވެ.

"ނުހިނގާ ކަމަކާ މެދު ވިސްނުމުގެ ބޭނުމަކީ ކޮބާ؟" އިމާމާ ބުނެލިއެވެ.

"އޭގެ މާނައަކީ އަހަރެން ކޮށްދިން މަސައްކަތް އެއްވެސް ވަރަކަށް ބަލައިނުގަންނަ ވާހަކަތަ؟" ސާލާރް އެހިއެވެ. "ތި ދާން އުޅޭ ތަނަކަށް ދިޔަނުދީ އަހަރެން އިމާމާ ހިފަހައްޓައިފިއްޔާ ކިހިނެއް ހަދާނީ؟ އަހަރެން ހުޅުވައިދިނީމަ ނޫންގޮތަކަށް ކާރުގެ ދޮރު ނުހުޅުވޭނެ. އެކަން އެނގޭތަ؟"

އިމާމާ ސާލާރާ ހަތަރުކަޅި ހަމަކޮށް އޭނާގެ ލޮލަށް ބަލަހައްޓައިގެން އިނެވެ. އޭނާ އަދި ވެސް އިމާމާ އަށް ޖެއްސުން ކުރަނީއެވެ. "ނުވަތަ އަހަރެން..." ސާލާރް ޑޭޝްބޯޑު މަތީގައި އޮތް ފޯނު ނަގައިގެން ނަންބަރަކަށް ޑަޔަލް ކުރަން ފެށިއެވެ. "ތި ގެއަށް ފޯނު ކުރިއްޔާ..." އޭނާ އިމާމާއަށް ފޯނު ދައްކައިލިއެވެ. އޭގެ ސްކްރީނުން ފެންނަނީ އޭނާގެ ނަންބަރެވެ.

"ގުޅާފަ މިހާރު ތިއިނީ ކޮންތާކު ކަމާއި، ކާކާ އެކު ކަން ބުނަންތަ؟ އަދި ފުލުސް އޮފީހަށް ގޮވައިގެން ދަންތަ؟ އޭރުންވެސް ދެރަގޮތެއް މެދުވެރިނުކުރައްވާނެ ކަން ޔަގީންތަ؟" އޭނާ އިމާމާއަށް މަލާމާތް ކުރިއެވެ.

އިމާމާ އިނީ ކަޅިޖަހައިނުލައި އަދިވެސް ސާލާރަށް ބަލަހައްޓައިގެންނެވެ. ސާލާރް އިނީ ކުރެވުނު މޮޅު ކަމާމެދު ފަޚުރުވެރިވެފައެވެ. ފޯނު ކަނޑާލާފައި އޭނާ އިމާމާއަށް ފޯނު ދެއްކިއެވެ.

'އަހަންނަށް ގެއަށް ގުޅާފަ ހުރިހާ ވާހަކައެއް ކިޔައިދެވިދާނެ. އެކަމަކު އެހެން ނަހަދާ، އަހަރެން މިކޮށްދިނީ ހެޔޮކަމެއް ކަން އެނގޭތަ؟" ޑޭޝްބޯޑު މަތީ ފޯނު ބާއްވަމުން އޭނާ ބުންޏެވެ. "ރޭގާ އިމާމާ މުޅިން ގޮތް ހުސްވެފައި ހުރި ނަމަވެސް އަހަންނަށް އިމާމާ ގޮވައިގެން އެހެން ތަނަކަށް ދެވުނީސް. އޭރުން ކީއްކުރާނީ؟"

"ބަޑި ޖަހައި މަރާލާނީ؟" އިމާމާ ލަސްލަހުން ބުންޏެވެ.

ސާާލާރް ހޭން ފެށިއެވެ. "ކީކޭ؟ ބަޑިޖަހައި މަރާލާނީ...'" އިމާމާ ބުނި ގޮތަށް ސާލާރް ބުންޏެވެ. އަދި ބާރަށް ހޭން ފެށިއެވެ. "ދުވަހަކު ފިސްތޯލައެއް ދުށިންތަ؟" އޭނާ އިމާމާ އަށް މަލާމާތް ކުރިއެވެ.

ފައިތިލައާ ދިމާއަށް އިމާމާ އަތް ގެންދިޔަތަން އޭނާއަށް ފެނުނެވެ. "އަހަންނަށް ހީވާގޮތުން ފިސްތޯލައޭ ކިޔަނީ މިޔަަށް؟"

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.