މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުން ހިންގި ތަފާތު 2 އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ އުމުރުން 35 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެކެވެ.
މި ދެ މީހުންގެ ތެރެއިން 22 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ހިންމަފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ހެނދުނު 10:55 ހާއިރުއެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ އެވަގުތު ހުރި ތަނުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 3 ރަބަރު ޕެކެޓް ފެނިފައިވެއެވެ.
35 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ގއ.ގެމަނަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 2016 ނޮވެމްބަރ 20 ވަނަ ދުވަހު 10:20 ހާއިރުއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެމީހުން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް މުއްދަތު ދީފައެވެ.
އެގޮތުން 35 އަހަރުގެ މީހާއަށް ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވަނީ 7 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި 22 އަހަރުގެ މިހާއަށް ކ. ހިންމަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 12 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަތައް ކ. ހިންމަފުށި ޕޮލިސް ސްޓޭޝަނާއި ގއ. ގެމަނަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.