އައްޑޫ ސިޓީ ހުޅުމީދޫ ސްކޫލްގައި މަސައްކަތްކުރާ ބިދޭސީ ޓިޗަރަކު ދިރިއުޅޭ ގެއަކުން 5900 (ފަސް ހާސް ނުވަ ސަތޭކަ ) ޔޫއެސް ޑޮލަރު ގެއްލިގެން ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން އެފައިސާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އެއިގެ ތެރެއިން 5740 (ފަސް ހާސް ހަތް ސަތޭކަ ސާޅީސް ) ޑޮލަރު ފުލުހުން ހޯދައިފިއެވެ. އަދި އެވައްކަން ކުރި ކަމަށް ތުހުމަތުކުރެވޭ މީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ 18:30 ހާއިރު ފުލުހުންނަށް މި މައްސަލަ ހުށަހެޅުމާއި ގުޅިގެން އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި އައްޑޫ އިންޓެލިޖެންސްގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުން މިމައްސަލައިގެ ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފައިވަނީ މި ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބެލި ބެލުމުން މަސްތުވާއެއްޗެއް ބޭނުންކޮށްގެން ހުރިކަމަށް ޕޮޒިޓިވް ވެފައިވެއެވެ.
ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 3600 ( ތިންހާސް ހަސަތޭކަ) ޔޫއެސް ޑޮލަރު ފުލުހުން ހޯދާފައިވަނީ ފަޅު ގޯއްޗެއްގައި ވަޅުލާފައި ވަނިކޮށެވެ. އަދި އަނެއްބައި ފައިސާ ހޯދާފައިވަނީ އެހެން މީހެއްގެ އަތުގައި ހުއްޓައެވެ.
މިމައްސަލަ އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ގެންދަނީ އިތުރަށް ތަހްޤީޤްކުރަމުންނެވެ.