އެމްޑީއެންގެ ރިޕޯރޓުން ޢިލްމްވެރިން ކަންބޮޑުވުން އުފެދިފައިވާ ކަންކަން

ފޮޓޯ: ސޯޝަލްމީޑިއާ

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވާރކް (އެމްޑީއެން) އިން ތައްޔާރުކޮށް އާއްމުކޮށްފައިވާ ރިޕޯރޓުން ދީނީ ޢިލްމްވެރިން ކަންބޮޑުވުން އުފެދިފައިވާ ކަންކަން ހާމަކޮށްފިއެވެ. ދީނީޢިލްމުވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޢިލްމުވެރިންގެ ފަރާތުން މިކަންބޮޑުވުންތައް ހާމަކުރެއްވީ ޝައިޚް ނިމާލް މުޙައްމަދެވެ. އޭނާ ވަނީ ރިޕޯރޓުން ފާހަގަ ކުރެއްވުނު ކަންބޮޑުންތައް ހާމަކޮށްފައެވެ.  ހާމަކުރެއްވި ބައެއް ކަންބޮޑުތައް ތިރީގައި އެވަނީ

  • އިސްލާމްދީނުގެ ޞައްޙަކަމާއި ކީރިތި ޤުރުއާންގެ ތެދުކަމާމެދު ޝައްކު އުފައްދައި ދީނުގެ އަސްލުތަކާމެދު އިންކާރުކޮށްފައި ވުން.
  • ކީރިތިޤުރުއާންގައި ބަޔާންކޮށްފައިވާ ކަންކަން، ސައިންޓިފިކް ހެކިތަކުން، ސާބިތުނުވާކަމަށްބުނެ، އެއި ފްލޯކް ވާހަކަތައް ކަމަށް ދެއްކުމަށް މަސައްކަތްކުރުން.
  • ކީރިތިޤުރުއާންގެ ބައެއް އާޔަތް ތަކުން ގެވެށި އަނިޔާއަށް ހިތްވަރުދޭކަމަށް ބުނެފައިވުން.
  • ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމައަށް ލޯބިވާން އަންގައިފައި ވުމަކީ އެކަލޭގެފާނަށް "ކުޑަ ކަލާނގެ" އެއްގެ ލަޤަބު ދިނުންކަމަށް ބުނެފައި ވުން.
  • މުސްލިމުން އެއްބަޔަކު އަނެއްބަޔަކު ލޯބިވާންވާނެކަމަށް އޮތުމަކީ، އެހެން ދީންތަކުގެ މީހުންނާމެދު ނަފުރަތު އުފެދޭނެ ކަމެއްގެ ގޮތުގައި ސިފަކޮށްފައިވުން.
  • ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ބައެއް ޙަދީޘްފުޅުތަކުން ހައްދުފަހަނާޅާ ދާން ހިތްވަރުލިބޭކަމަށް ބުނެފައިވުން.
  • ޔަހޫދީންގެ ނުބައި ވާހަކަ ބަޔާންކޮށްފައި ވުމަކީ ހައްދު ފަހަނަޅައި ދިއުންކަމަށް ބުނެވުން.

ޝައިޚް ނިމާލު ވިދާޅުވީ އިސާލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން ލިޔެ ހާމަކޮށްފައިވާ ރިޕޯރޓަކީ މާތް ﷲ ގެ ކިބްރިއާވަންތަ ވެރިކަން ނުވަތަ ޤަދަރާއި ޢިޢްޒަތަށް ކުޑައިމީސްކޮށް، ކީރިތި ޤުރުއާންގެ އާޔަތްތަކަށް އިންކާރުކޮށް ލިޔެފައިވާ ރިޕޯރޓެއްކަމުގައެވެ. އެ ރިޕޯޓަކީ އެއްވެސް ޙަޤީޤަތެއް ނެތް ބުހުތާނު ދޮގު ރިޕޯރޓެއްކަމަށް ޞައިޚް ނިމާލް ފާހަގަ ކުރެއްވިއެވެ. އަދި ދިވެހިން ގެ ހިތްތަކުގައި އިސްލާމްދީނަށް އޮތްލޯބި އެއްފަރާތްކޮށް އިސްލާމީ އެއްބައިވަންތަކަމަށް ބުރޫއަރުވާލުމަށް، ނެރެފައވާ ނުރައްކާތެރި މަކަރުވެރި ރިޕޯރޓެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.