އެމްޑީއެން އުވާލަން ނިންމައިފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓުވޯކް (އެމްޑީއެން) އުވާލަން ސަރުކާރުން މިއަދު ނިންމަވައިފިއެވެ.

އެމްޑީއެން އުވާލަން ނިންމައި ޔޫތުމިނިސްޓްރީން ނެރުއްވި ބަޔާނާއެކު ޔޫތުމިނިސްޓަރ އަހުމަދު މަހުލޫފު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެ ޖަމިއްޔާ އުވާލަން ނިންމެވީ އެޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަތަކެއްހުރިކަން ފުލުހުންނާއި އިސްލާމިކް މިނިސްޓްރީން ކުރި ތަހުގީގުން ކަށަވަރުވެފައިވާތީ އެވެ.

މި ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުގައި އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ އެމައްސަލަ ފުލުހަށް ހުށަހަޅައި އެޖަމިއްޔާ އުވާލުމަށް ދީނީ ޢިލްމުވެރިން ގޮވާލައި އަޑު އުފުލަން ފެށުމުން ޔޫތުމިނިސްޓްރީން ވަނީ އޮކްޓޯބަރ 10 ވަނަ ދުވަހުން ފެށިގެން އަޖަމިއްޔާ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައެވެ.

ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ ދަށުން އެޖަމިއްޔާ އުވާލަން ނިންމައި އެކަން މިއަދުވަނީ އެމްޑީއެން އަށް އަންގާފައި ކަމަށްވެސް ޔޫތު މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

"މި ޖަމިއްޔާ އުވާލުމަށްޓަކައި، މިޖަމިއްޔާގެ ދަރަންޏާއި މުދަލުގެ އެންމައިކަންކަން ހަމަޖެއްސުމަށް ޖަމިއްޔާތަކާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން 45 ދުވަހުގެ މުއްދަތެއް އެފަރާތަށް ދެވިފައިވާ ވާހަކަ އާންމުކޮށް އަންގައި އިއުލާން ކުރަމެވެ." އެބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީއެން އުވާލަން ނިންމެވުމުން ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒުވަނީ އެޖަމިއްޔާ އުވާލުމަށް މަސައްކަތްކުރި އެންމެންނަށް މަރުހަބާ ކިޔައިފައެވެ. "އެމްޑީއެންގެ ޝައިތާނީ ރިޕޯޓާ ދެކޮޅަށް އަޑު އުފުއްލެވި ހުރިހާ ފަރާތްތަކަށް މަރުހަބާ. ނަސްރަކީ މުއުމިނުންގެ ހައްގެއްކަން މިއަދު އިތުރަށް ޔަގީން ވެގެން ހިނގައްޖެ،" ޑރ. އިޔާޒު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.