އެމްޑީއެންގެ ރިޕޯރޓާމެދު ތަފާތު ގޮތްގޮތަށް ވާހަކަދައްކަވަމުން ގެންދަނީ ސީރިއާއަށް މީހުން ފޮނުވާކަމަށް ތުޙުމަތުކުރެވޭ ފަރާތްތައް: ރައީސް ނަޝީދު

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެމްޑީއެންގެ ރިޕޯރޓާމެދު ތަފާތު ގޮތްތަށް ވާހަކަދައްކަވަމުން ގެންދަނީ ސީރިއާއަށް މީހުން ފޮނުވާކަމަށް ތުޙުމަތުކުރެވޭ ކަމަށް އެރިޕޯރޓްގައި ފާހަގަކޮށްފައިވާ ފަރާތްތައްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި މޭރުމުން ވާހަކަ ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރ،އަޙްމަދު ޝިޔާމް އެމްޑީއެންގެ ރިޕޯރޓްގެ މައްސަލައިގައި ސަރުކާރަށް ފާޑް ވިދާޅުވެ ދެއްކެވި ވާހަކަ ތަކަކަށްފަހު އެވެ.

ރައީސް، ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯރޓްގައިވާ އިސްލާމްދީނަށް ފުރައްސާރަވާ ބަހުރުވައާއި ކަންތަކުގެ ވާހަކަތައް، ސަރުކާރާއި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ކުށްވެރިކޮށްފައިވާކަމަށެވެ.

އެމްޑީއެންގެ ރިޕޯރޓްގައި ހިމެނޭ އަޞްލު އަސާސީ ވާހަކަ އަކީ ސީރިއާއަށް މީހުން ފޮނުވާކަމަށް ތުޙުމަތުކުރެވޭ ފަރާތްތަކުގެ ވާހަކަ ކަމަށް މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އަސްލު ވާހަކަ ގެއްލިގެން ގޮސް، ސަރުކާރަށް ހަމަލާދިނުމަށް ބޭނުންކުރާ "ހަތިޔާރެއް" ގެ ގޮތުގައި ރިޕޯރޓް ހަދައިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެރިޕޯރޓްގައިވޭ ފާހަގަ ނުކުރެވޭ އެހެން ވާހަކަތަކެއް. އެއީ ސީރިއާއަށް މީހުން ފޮނުވަނީ ކޮންބަޔަކު އެކަމުގެ ތެރޭގައި ވެގެންތޯ. ފާހަގަވެގެން ދަނީ މި ރިޕޯރޓްމީ، އެވެނި މިވެނި ރިޕޯރޓެއްކަމަށް ވިދާޅުވެ. އެންމެ ހަރުއަޑުން ވާހަކަ ދައްކަވަނީ އެރިޕޯރޓްގައި ސީރިއާއަށް މީހުން ފޮނުވާކަމަށް ތުޙުމަތު ކުރެވި އިނގިލިދިއްވެފައިވާ މީހުން. އެހެންވީމާ ވެގެން މިދާ ގޮތަކީ މިރިޕޯރޓްގައި އޮތް އަޞްލު އަސާސީ ވާހަކަ ގެއްލި ދަނީ. ގެއްލިގެންގޮސް، ރިޕޯރޓުން މި ނުކުންނަނި ސަރުކާރަށް ހަމަލާއެއްގެ ގޮތުގައި، ނެގޭނެ ހަތިޔާރެއް." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓުގައި އިސްލާމްދީނަށާއި ރަސޫލާ ޞައްލައްﷲ ޢަލައިހިވަސައްލަމައަށް ފުރައްސާރަކޮށް ވާހަކަތަކެއް ހިމަނައިފައިވާތީ، އެމްޑީއެންއާ ދެކޮޅަށް ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިންތަކެއް ދަނީ އަޑުއުފުލައި، އެޖަމްޢިއްޔާ އުވާލުމަށް ގޮވާލައްވަމުންނެވެ.

އެމްޑީއެންގެ ރިޕޯރޓްގެ މައްސަލައިގައި ސަރުކާރަށް ފާޑު ވިދާޅުވަމުން ނައިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމް ވިދާޅުވީ އެމްޑީއެންގެ ރިޕޯރޓަކީ ފުޑް ސެކިއުރިޓީއަށް ވުރެ މާކަންބޮޑުވާންޖެހޭ ރިޕޯރޓެއްކަމުގައެވެ. ދިވެހިން އިސްލާމް ދީނަށް އުޅުނަ ނުދިނުމަށް ސަރުކާރާ ގުޅުން އޮތް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށް ނައިފަރު ދާއިރާ މެމްބަރ ތުޙުމަތު ކުރެއްވިއެވެ. އެމްޑީއެން އަކީ ރާއްޖެ އަށް ފާޅު ވެފައިވާ "ދައްޖާލެއް"ގެ ގޮތުގައި ނައިފަރު ދާއިރާގެ މެމްބަރ ސިފަ ކުރެއްވިއެވެ. "ދައްޖާލެއް" ގެ ގޮތުގައި ސިފަ ކުރައްވާ އެމްޑީއެންއާ ދެކޮޅަށް މުޅި ރާއްޖޭގައި މުޒާހަރާކުރަމުންދާއިރު އެޖަމާޢަތާމެދު، ފިޔަވަޅު އަޅުމުގެ ބަދަލުގައި ރައީސުލް ޖުމްހޫރިއްޔާއާއި މުޅި ސަރުކާރު އޮތީ ފިލައިކަމަށް އޭނާ ވިދާޅުވިއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.