ޝައްކެއް ނެތް މިންވަރަށް އެމްޑީއެން ވަނީ ކުށްވެރިވެފައި، އަދަބު ލިބެންޖެހޭ: ޝައިޚް ޢަލީ ޒާހިރު

ފޮޓޯ: ސޯޝަލްމީޑިއާ

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވާރކް (އެމްޑީއެން) ރާއްޖޭގެ ޤާނުނު އަސާސީ އާއި ޤާނޫނުތަކުގައި ބުނާގޮތުން ޝައްކަތްނެތް މިންވަރަށް ކުށްވެރި ވެފައިވާ ކަމަށް ޞައިޚް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ. އަދި އެމްޑީއެންގެ ރިޕޯޓް ތައްޔާރުކުރުމުގައި އެކިގޮތްގޮތުން ބައިވެރިވެފައިވާ ފަރާތްތަކަށް ޤާނޫނޫ ތަންފީޒުކުރުމުގެ ހަމަތަކުގެ ތެރެއިން އަދަބު ލިބެންޖެހޭ ކަމަށް ވިދާޅުވިއެވެ. އެނާ މިހެން ވިދާޅުވީ ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ  ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ.

މާތﷲ ގެ ދީނަށް ފުރައްސާރަކޮށް، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އިސްލާމްދީނުގެ އަސްލުތަކާ ދެކޮޅަށް ގޮންޖަހާ ތައްޔާރުކޮށްފައިވާ އެ ރިޕޯރޓަކީ ޣައިރު ޤާނޫނީ ރިޕޯރޓެއްކަމަށް ޝައިޚް ޢަލީ ޒާހިރު ވިދާޅުވިއެވެ. އެ ރިޕޯރޓް ލިޔުނު ފަރާތްތަކާއި އެކަމުގައި ބައިވެރިވާ އެންމެހާ ފަރާތްތަކަކީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ރާއްޖޭގެ ޤާނޫނުތަކާއި އެޤާނޫނުތަކުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކާ ވެސް ކަނޑައެޅިގެން ޚިލާފުވެ، ކުށްވެރިވެފައިވާ ބައެއްކަމަށް އޭނާ ވިދާޅުވިއެވެ.

" ދިވެހިރާއްޖޭހައި އުފެދިފައިހުރި ޤާނޫނުތަކާއި ޤަވާޢިދުތަކުގައި، އެއްވެސް ޝައްކަތް ނެތް މިންވަރަށް، މިޖަމްޢިއްޔާއާއި މިޖަމްޢިއްޔާގައި ޙަރަކާތްތެރިވި އެންމެހާ ފަރާތްތަކާއި، އަދި މިރިޕޯރޓް ލިޔުނު ފަރާތްތަކާއި މިކަމުގައި އެހީތެރިވި ފަރާތްތަކާއި ފަންޑުކުރި ފަރާތްތަކާއި މިކަންކަމުގައި ވާގިވެރިވި އެންމެހާ ފަރާތްތައް އެވަނީ، ޤާނޫނީ ހަމަތަކުގެ މަތިން ކުށްވެރި ވެފައި. ޤާނޫނޫ ތަންފީޒުކުރުމުގެ ހަމަތަކުގެ ތެރެއިން އެބައިމީހުންނަށް އަދަބު ލިބެންޖެހޭ" ޞައިޚް ޢަލީ ޒާހިރު ވިދާޅުވިއެވެ.

ޤާނޫނޫއަސާސީގެ 10 ވަނަ މާއްދާގައި، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނޭ. އަދި އިސްލާމްދީނަކީ ރާއްޖޭގެ ޤާނޫނު އަސާސީގެ މައިގަނޑު މަސްދަރޭ، ވަރަށް ސަރީހަށްކޮށް ބަޔާންކޮށްފައިވާއިރު އެމްޑީއެންގެ ރީޕޯޓަގައި ޤާނޫނުއަސާސީއަށް ވަރަށް ބޮޑަށް އިހާނާތްތެރިވެ އެއާ ޚިލާފު ވާހަކަތައް ގެނެސްފައިވާކަމަށް ޝައިޚް ވިދާޅުވިއެވެ. ޤާނޫނުއަސާސީގައި ދެވިފައިވާ މިނިވަންކަމަކީ ވެސް އިސްލާމީ ޝަރީޢަތުގެ ހުދޫދުގެތެރޭގައި އޮންނަންޖެހޭ މިނިވަންކަމެއްކަން ކަނޑައަޅައިފައިވާކަމަށް ޞައިޚް ފާހަގަކުރެއްވިއެވެ.

"ޤާނޫނު އަސާސީގެ 19 ވާނަ މާއްދާގައި، އިސްލާމީ ޝަރީޢަތުގައި އަދި ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ނުވާ ކަންކަން ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިގެންވާކަން ބަޔާންކޮށްފައިވާއިރު، އެމްޑީއެންގެ ޢަމަލަކީ، ޤާނޫނު އަސާސީން ލިބިދީފައިވާ މިނިވަންކަމުގެ ބޭރުން ކޮށްފައިވާ ޤާނޫނީ ކުށެއްކަން ވަރަށް ރަނގަޅަށް ސާބިތުވޭ" ޝައިޚް ޢަލީ ޒާހިރު ވިދާޅުވިއެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ހަތަރުވަނަ މާއްދާގެ (ހ) އަށް ބަލާލާއިރު ވެސް އެމްޑީއެންގެ ރިޕޯރޓް ތައްޔާރުކުރި ފަރާތާއި އެޖަމްއިއްޔާ އާއި އެކަމުގައި ބައިވެރިވި ފަރާތްތަކަކީ ޤާނޫނީ ގޮތުން ކުށެއްކޮށްފައިވާ ބައެއްކަން އެއްވެސް ޝައްކެތް ނެތް މިންވަރަށް ސާފްކޮށް އެނގޭ ކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔާތްކުރުމުގެ ޤާނޫނޫ ހަތަރުވަނަ މާއްދާގެ (ހ )ގައި ބުނަނީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކުރުމާއި މީހުންގެ މެދުގައި ދީނީ ގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަދެއްކުމާއި އެފަދަ ގޮތްގޮތަށް ޢަމަލު ކުރުމާއި ނުވަތަ ކުރަންއުޅުމަކީ މަނާކަމެއްކަމަށެވެ. މިޤާނޫނުގެ ހަތަރުވަނަ މާއްދާގެ (ހ ) ގެ ދަށުން މިޢަމަލަކީ، ބޮޑު ކުށެއްގެ ގޮތުގައި ބަޔާންކޮށް އެކުށަށް ކަނޑައެޅިފައިވާ އަދަބުވެސް ބަޔާންކޮށްފައިވާކަން ޞައިޚް ޢަލީ ޒާހިރު ވިދާޅުވިއެވެ.

ޤާ ނޫނުލް އުޤޫބާތި 617 ވަނަ މާއްދާގެ (ހ) ގެ 2 އަދި 5 ގައި ބަޔާންފައިވާ ގޮތުންވެސް އެމްޑީއެންގެ ޢަމަލަކީ ޤާނޫނީ ކުށެއްކަމަށް ޞައިޚް ވިދާޅުވިއެވެ. އެހެންކަމުން ޤާނޫނުލް އުޤޫބާތުގެ ދަށުންވެސް އެމީހުން ކުށްވެރިވެ އަދަބު ލިބެންޖެހޭކަމަށް  ފާހަގަކުރެއްވިއެވެ.

ޖަމްޢިއްޔާތަކުގެ ޤާނޫނުގެ 19 ވަނަމާއްދާގައި (ހ) ގައި ބަޔާންކުރެވޭ ހުރިހާ ކަމެއް މިރިޕޯރޓް ތައްޔާރުކުރި ފަރާތަތަކަށް އެޕްލައިވާކަމަށް ޝައިޚް ޢަލީ ޒާހިރު ވިދާޅުވިއެވެ. ހަމަ އެމާއްދާގެ (ށ) ގައި ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ކުރުމަކީ ކުށެއްގެ ގޮތުގައި އޮންނައިރު، އެކަންވެސް އެޖަމްޢިއްޔާއިން ކޮށްފައިކަމަށް ވިދާޅުވިއެވެ. ހަމަ އެމާއްދާގެ (ޅ) ގައި ރައްޔިތުންގެ ތެރޭގައި ފިތުނަ އުފެއްދުމަކީ ކުށެއްގެ ގޮތުގައި އޮތްއިރު، މުސްލިމު މުޖްތަމަޢެއްގައި މިއަށްވުރެ ބޮޑު ފިތުނައެއް، ނަފްރަތެއް، ދެކޮޅުވެރިކަމެއް އުފެއްދޭނެ އެއްވެސް ކަމެއް ނެތްކަމަށް ވެސް ޞައިޚް ވިދާޅުވިއެވެ.

"މުސްލިމުން ދިރިއުޅެމުންދާ ތަނެއްގައި އެބައިމީހުންގެ ލޮބުވެތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ކީރިތި ޤުރުއާނާމެދު، މީހުންގެ ހިތުގައި ޝައްކު އުފައްދަން މަސައްކަތް ކުރުން، އިސްލާމްދިނަށް ހަޖޫޖަގާ މަލާމަތްކުރުން، މިއަށްވުރެ ބޮޑު ފިތުނައެއް، ނަފްރަތެއް، ދެކޮޅުވެރިކަމެއް، އުފެއްދޭނެ އެއްވެސް ކަމެއް ނެތް" ޞައިޚް ޢަލީ ޒާހިރު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.