އެމްޑީއެން އުވާލުމުގެ ކުރިން، ރިޕޯޓު ލިޔުނު މީހުންނަށް އަދަބުދޭންޖެހޭ: ޢުމަރު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ރިޕޯޓުގައި ދީނަށް ފުރައްސާރަކޮށްފައިވާކަމަށް ފުލުހަށް ސާބިތުވާނަމަ އެކަން ޔޫތު މިނިސްޓްރީއަށް ހުށަހެޅުމަކީ ފަހުގެ ކަމެއްކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އެކަން ޔޫތު މިނިސްޓަރުގެ ސަމާލުކަމަށް ގެނައުމުގެ ކުރިން ޤާނޫނީ ގޮތުން ފުރަތަމަ ފުލުހުން ކުރަންޖެހޭނެ ކަމަކީ ރިޕޯޓު ލިޔުނު މީހުން ހޯދައި އެމީހުންގެ މައްސަލަތައް ޝަރީޢަތަށް ފޮނުވައި ޤާނޫނީ އަދަބު ދިނުން ކަމަށެވެ. އެމްޑީއެން އުވާލުމަކީ އެފަހުން ކުރަންޖެހޭ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ މީހަކު މީހެއްގެ ގަޔަށް ވަޅިއެއް ހެރިތަން ފުލުހުންނަށް ފެނިއްޖެނަމަ އެމީހެއްގެ އަތުން ވަޅިއަތުލާފައި އެމީހާ ދޫކޮށްނުލެވޭނެއެވެ. އެމީހާގެ މައްސަލަ ވެސް ޤާނޫނާ އެއްގޮތަށް ޝަރީއަތަށް ފޮނުވަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތަށް އެމްޑީއެންގެ ރިޕޯޓު ލިޔުމުގައި ބައިވެރިވި އެންމެނަށް ޤާނޫނީ އަދަބުދޭންޖެހޭ ކަމަށް ޢުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވެފައިވަނީ ރާއްޖެއަށް އިސްލާމްދީން ފިޔަވައި އެހެންދީންތައް ގެނައުމަށް މަސައްކަތް ކުރާނަމަ އެކުރެވެނީ އެންމެ ބޮޑު ގޯސްކަންތައް ކަމަށެވެ. އެހެން ކަމުން އެއްވެސް ބަޔަކު ދީނާނުކުޅެ ﷲ އެންގެވި ގޮތަށް ހުރިހާކަމެއްގައި ޢަމަލު ކުރުމަށް އޭނާ ނަސޭހަތް ދެއްވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.