(11 އޮކްޓޯބަރ 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފޯނު ނެގި އަންހެން މީހާއަކީ ނާސިރާ އެވެ. ނާސިރާ އަކީ އިމާމާގެ ގެ އާއި ސާލާރްގެ ގޭގައި މަސައްކަތް ކުރާ މީހެކެވެ. ކަންފަތުގައި އަޑު ޖެހުމާއެކު ނާސިރާއަށް އެއީ އިމާމާކަން އެނގުނެވެ. އިމާމާ ފޯނު ކަނޑާލުމުން އެނާ ދިޔައީ ސިކަންދަރް އުސްމާންގެ ކޮޓަރިއަށެވެ. އެ ދުވަހު އޭނާ އޮފީހަކަށް ނުދެއެވެ.
"ދެންމެ އަންހެން ކުއްޖަކު ފޯނުކުރި... އޭނާ ބޭނުންވީ ސާލާރް އާ ގުޅަން..." ނާސިރާ ސިކަންދަރް ގާތު ބުންޏެވެ.
"ސާލާރް ގާތު ބުނޭ." ސިކަންދަރް ބުންޏެވެ. ސާލާރް ވެސް އެ ވަގުތު ގޭގައި އުޅެއެވެ. އޭނާ އައީ އެމެރިކާގައި ހުރެފަައި ޗުއްޓީ އަށެވެ.
"އެއީ އިމާމާ ކޮއްކޮ..." ނާސިރާ ބުންޏެވެ.
ސިކަންދަރް އަތުން ސައި ތަށި ބަންޑުން ނުވީ ކިރިޔާއެވެ. "އިމާމާ ހާޝިމް؟ ހާޝިމް މުބީންގެ ދަރިފުޅު؟"
އާނއެކޭ ބުނުމުގެ ގޮތުން ނާޞިރާ ބޯ ޖަހައިލިއެވެ.
"އެހެންވީމާ އިމާމާ އާ ގުޅުމެއް ނެތްކަމަށް ބުނެ ސާލާރް އެ ހަދަނީ ދޮގުތާ؟" ސިކަންދަރްގެ ހިތަށް އެރިއެވެ.
"އިމާމާ އޭ ބުނިތަ؟" ސިކަންދަރް އެހިއެވެ.
"ނޫން. އަޑުން އެނގުނީ. އިމާމާ ހޭ އެހުމުން ފޯނު ކަނޑައިލީ."
އަނެއްކާވެސް ފޯނު ރިންގުވިއެވެ. ނާސިރާ ފޯނު ނެގުމުގެ ކުރިން ސިކަންދަރް ކޮޓަރިން ފޯނު ނެގިއެވެ. އެ އަންހެން ކުއްޖާ އޭނާއަކީ އިމާމާކަން ސިކަންދަރަށް ކަށަވަރު ކޮށްދިނެވެ. ސާލާރް އާ ނުގުޅޭތާ ދެ އަހަރާއި ހަމަސް ދުވަސް ވެއްޖެކަމަށް ބުންޏެވެ. އެ އަންހެން ކުއްޖާގެ ވާހަކަ ކަށަވަރު ކުރެވޭނެ ގޮތް ނެތް ނަމަވެސް އެ ކުއްޖާ އެ ހަދަނީ ދޮގު ނޫންކަމަށް ސިކަންދަރްގެ ހިތް ބުންޏެވެ.
"ސާލާރް އާ އެ އަންހެން ކުއްޖާ އާއި ދުރުކުރެވިއްޖެ ނަމަ އެތައް ތަކުލީފަކުން ސަލާމަތްވާނެ." ސިކަންދަރްގެ ހިތަށް އެރިއެވެ. ސާލާރް މަރުވެއްޖެއޭ އޭނާ ބުނީ އެހެންވެގެންނެވެ.
އިމާމާ ފިލައިގެން ދިޔަ އަހަރަކީ ސިކަންދަރް އުސްމާނުގެ ހަޔާތުގައި ދިމާވި އެންމެ އުނދަގޫ އެއް އަހަރެވެ. އިމާމާ ގެއްލުވައިލީ ސާލާރް ކަމަށްބުނެ އޭނާގެ ބޮލުގައި ތުހުމަތު އަޅުވައި ހާޝިމް މުބީން އެ އާއިލާއަށް އެތައް ތުރާލެއް ކުރިމަތިކުރުވިއެެވެ. އޭނާގެ ވިޔަފާރިތަކަށް ސަރުކާރުން ލިބެންވާ ފައިސާ ލިބުން ލަސްވިއެވެ. ކާކުކަން ނޭނގޭ ނަންބަރުތަކުން އޭނާއަށް މަރުގެ އިންޒާރު އަންނަން ފެށިއެވެ. ހާޝިމް މުބީންގެ ދަރިފުޅު އަނބުރައި އާއިލާ އާއި ހަވާލުކުރުމަށް އެދި ނުދަންނަ މީހުންވެސް އިންޒާރު ދޭން ފެށިއެވެ. އެމެރިކާއަށް ފޮނުވައިލަން ދެން ހާޝިމް މުބީން ވަނީ ސާލާރް އަށް ފާރަލައިފައެވެ. އެކަން ހުއްޓުނީ އިމާމާ އާއި ސާލާރް އެއްވެސް ވަރަކަށް ގުޅައި ވާހަކަ ދައްކައި ނަހަދާކަން ޔަގީންވުމުންނެވެ. ވީނުވީއެއް ނޭނގި އިމާމާ ގެއްލުމުން ހާޝިމް މުބީންގެ ފަރާތުން ސާލާރަށް އެކި ގޮތްގޮތުން ގަނާ ކޮށްފައިވެއެވެ. އެކި ގޮތްގޮތުން އެ އާއިލާ އާއި އަލުން ގުޅުން ގާއިމުކުރުމަށް އޭނާ ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. ނަމަވެސް ހާޝިމް މުބީންގެ އާއިލާގެ ފަރާތުން ސިކަންދަރް އުސްމާންގެ އާއިލާއަށް ކުރިމަތިވި ބިރުވެރިކަން ވަނީ ކުޑަވެފައެވެ. އެކަމަކު ދެ އަހަރާއި ހަމަސް ދުވަސް ފަހުން އެ އުޅެނީ އަލުން ސާލާރް އަށް ގުޅާށެވެ. ސާލާރް މަރުވެއްޖެ ކަމަށް ބުނީ އެ އާއިލާ އިން ކުރިމަތިވެދާނެ އިތުރު ތަކުލީފަކަށްޓަކައެވެ.
ސިކަންދަރަކީ ހާޝިމް މުބީން އާއި އެއް ފެންވަރުގެ މީހެއް ނޫން ނަމަ އޭނާއަށް ދުނިޔޭގައި ނޫޅެވޭ ވަރުވީހެވެ. އޭނާ ވިސްނައިގެން ހުރީ ވަރީގެ ލިޔުންތައް ތައްޔާރުކުރުމަށްފަހު އިމާމާއަށް ފޮނުވާށެވެ. ސާލާރަށް ސިއްރުންނެވެ. އޭނާ ބޭނުންވީ އެ އާއިލާ އާއި އިމާމާ އާ އެއްވެސް ގުޅުމެއް ނެތްކަން އަންގާށެވެ. އިމާމާ ވީ ތަނެއް އެނގޭނަމަ އޭނާ އެކަން ކުރީހެވެ. ސާލާރް މަރުވެއްޖެކަމަށް އިމާމާ ގާތު ބުނީ އޭނާގެ ކިބައިން ސަލާމަތް ވާށެވެ. އިމާމާގެ ކޯލު ޓްރޭސް ކުރުމަށް ސިކަންދަރް ކުރި މަސައްކަތުން އެއީ މުލްތާނުން އައި ކޯލެއްކަން އެނގުނެވެ.
ސާލާރް އެމެރިކާއަށް ފުރާނީ ހަފްތާ އެއް ފަހުންނެވެ. އޭނާގެ ހުރިހާ ހަރަކާތެއް ބެލުމަށް ސިކަންދަރް ނިންމިއެވެ. ޕާކިސްތާނުގައި ހޭދަކުރި ހަފްތާ ތެރޭގައި ސާލާރް ގެ ހުރިހާ ހަރަކާތެއް ސިކަންދަރް ބެލިއެވެ. އޭނާއަށް އަންނަ ފޯން ކޯލުތައް ވެސް މޮނިޓަރ ކުރެވުނެވެ. ފޯނެއް އަޔަސް އޭނާ އަށް ނޭންގުމަށް ނޯކަރުންނަށް ސިކަންދަރު އިރުޝާދު ދިނެވެ. އިމާމާގެ ފޯނު ކޯލުގެ ވާހަކަ ސާލާރަށް ސިއްރުކުރަން ނާސިރާއަށް އެންގިއެވެ. ސިކަންދަރް އަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ ސާލާރް އެމެރިކާއަށް ފުރުވާފައެވެ. މިހާރަކު ނުރައްކަލެއް ނެތެވެ.
ލާހޯރަށް އެނބުރި ގޮސް އިމާމާ ސާލާރް ގެ ފޯނު ވިއްކިއެވެ. އަނބުރައި ރައްދުކެރެވޭނޭ ގޮތެއް ނެތީމައެވެ. ފޯނު ވިއްކާފައި ލިބުނު ފައިސާގެ ތެރެއަށް، އިތުރު ފައިސާލިއެވެ. އެއީ މީގެ ދެ އަހަރު ކުރިން އޭނާ ކުރި ފޯނުތަކަށް އަރާނޭކަމަށް އަންދާސާ ކުރެވުނު ފައިސާ އާއި އޭނާ ގޮވައިގެން ލާހޯރަށް ސާލާރް ކުރި ދަތުރަށް ހޭދަވާނެ ކަމަށް ލަފާކުރެވޭ ފައިސާއެވެ. އެއީ ކޮން ފައިސާއެއްކަން އެނގޭ ގޮތަށް ނޯޓަކާއެކު އޭނާ ސިކަންދަރް އުސްމާނަށް ފައިސާ ފޮނުވިއެވެ.
އިމާމާ ފޮނުވި ސިޓީ އުރަ ލިބުމުން ސިކަންދަރް އުސްމާން ހިތަށް ލުޔެއް ލިބުނެވެ. އޭނާގެ ވާހަކަ ގަބޫލުކޮށް، ސާލާރް އާ އޮތް ހުރިހާ ގުޅުމެއް އިމާމާ ކަނޑައިލީއެވެ.
***
ޑިގްރީ ނިންމުމަށްފަހު އިމާމާ މުލްތާން އަށް ބަދަލުވިއެވެ. އޭނާ ގެއިން ނިކުތްތާ މިހާރު ތިިން އަހަރު ވީއެވެ. އާއިލާއިން އޭނާ ހޯދުމުގެ މަސައްކަތް ކުރިން ކުރި ބާރު މިނަކު މިހާރު ނުކުރާނެކަން އެނގެއެވެ. ބެލިޔަސް ބަލާނީ ހަމައެކަނި މެޑިކަލް ކޮލެޖްތަކެވެ. އިމާމާ ޕަންޖާބު ޔުނިވަރސިޓީ އިން މާސްޓަރ އޮފް ސައެންސް ކޯހަކަށް ވަނެވެ.
ލާހޯރަށް އެނބުރި އައިސް ދިރިއުޅެން ފެށީ ސަޢީދައްތަގެ ގޭގައެވެ.
***
އިމާމާ މުލްތާން އަށް ދިއުމުގެ ކުރިން ޑރ. ސިބްތެ ޢަލީ އޭނާއަށް ސަޢީދައްތަ ތަޢާރަފްކޮށްދިނެވެ. ސަޢީދައްތަގެ ގާތް ތިމާގެ މީހުން މުލްތާންގައި ދިރިއުޅޭތީއެވެ. އެމަޖެންސީއެއް މެދުވެރިވެއްޖެ ނަމަ އެ މީހުންނާ ގުޅަންޖެހިދާނެ ކަމަށް ބަލާފައެވެ.
ސަޢީދައްތަގެ އުމުރުން ވާނީ 70 އަހަރެވެ. އޭނާ އުޅެނީ ލާހޯރްގެ މެދުތެރޭގައި، މުލްތާންގައި ހުންނަ ބޮޑު ގެއެއްގައެވެ. މީގެ އަހަރުތަކެއް ކުރިން އޭނާ ވަނީ ހުވަފަތްވެފައެވެ. އޭނާގެ ދެ ފިރިހެން ކުދީން ވީ ކިޔަވަން ބޭރަށް ގޮހެވެ. ކާވެންޏަށް ފަހު އެ މީހުން ދިރިއުޅެން ފެށީ ބޭރުގައެވެ. އެތައް ފަހަރަކު ބުނެގެން ވެސް ސަޢީދައްތަ އެކުދީންނާ އެކު ދިރިއުޅޭކަށް ނުދިޔައެވެ. އެހެންކަމުން އެ ކުދީން އޭނާއަށް ޒިޔާރަތްކުރެއެވެ. ސަޢީދައްތަ އަކީ ޑރ. ސިބްތެ ޢަލީ ގެ ދެބޭންގެ ދަރި މީހެކެވެ.
އިމާމާ ގޮވައިގެން އެގެއަށް ދިއުމުގެ ކުރިން ޑރ. ސިބްތެ ޢަލީ ވަނީ ސަޢީދައްތަ އަށް އިމާމާގެ ވާހަކަ ކިޔައިދީފައެވެ. އިމާމާ އެ ގެއަށް ޒިޔާރަތްކުރުމުން މުލްތާންގައި އުޅޭ އާއިލީ މީހުންގެ ވަނަވަރު ކިޔައިދިނެވެ. އޭގެ އިތުރުން އިމާމާ ގޮވައިގެން މުލްތާން އަށް ދިއުމަށް ސަޢީދައްތަ ނިންމިއެވެ. ނަމަވެސް ޑރ. ސިބްތެ ޢަލީ އެކަމަށް އެއްބަހެއް ނުވިއެވެ.
"ނޫން ދައްތާ. ދައްތަ ދާނެ ކަމެއް ނެތް." އޭނާ ބުންޏެވެ.
"ހޮސްޓެލްގަ ބެހެއްޓުމަށް ވުރެ އަހަރެންގެ ކޮއްކޮއެއްގެ ގޭގައި ބެހެއްޓިއްޔާ މާ ރަނގަޅުވާނެ." ސަޢީދައްތަ ބުންޏެވެ. "އޭނަގެ ހުރިހާ ކަމެއް ރަނގަޅަށް ބަލަހައްޓާނެ. އެއްވެސް ކަމަކުން ދަތިނުވާނެ." ހޮސްޓެލްގައި އުޅެންޖެހޭނެ ދަތި ހާލު ކިޔައިދޭން އޭނާ މަސައްކަތް ކުރިއެވެ. ނަަމަވެސް ޑރ. ސިިބްތެ ޢަލީ އޭނާގެ ނިންމުން ބަދަލެއް ނުކުރިއެވެ.
***
އިމާމާ އާއި ސަޢިދައްތަ އާއި ދެވަނަ ފަހަރަށް ބައްދަލުވި މުލްތާން އިންނެވެ. އިމާމާ އާއި ބައްދަލުކުރަން އަނެްހެނަކު ގޮސް ހުރި ކަމަށް ބުނުމުން ބިރުން ތުރުތުރު އަޅަން ފެށިއެވެ. އޭނާ ހޯދަން އަންނާނީ ކާކު ހެއްޔެވެ؟ ސައީދައްތަ ފެނުމުން އޭނާ ހައިރާންވިއެވެ. އޭނާ މުލްތާން އަށް އައީ ދެ ހަފްތާއަށެވެ. އެ ދެ ހަފްތާ ތެރޭ، ކޮންމެ ދުވަހަކުހެން އޭނާ އިމާމާ އަށް ޒިޔާރަތްކުރިއެވެ. އާއިލާ މީހުންނަށް އިމާމާ ތައާރަފްވެސް ކުރިއެވެ.
***
ސަޢީދައްތަގެ ދަތުރުތައް އާދައަކަށް ވެއްޖެއެވެ. ކޮންމެ ދެ ތިން މަހުން އެއްފަހަރު އޭނާ ހޮސްޓެލް އަށް ގޮސް އިމާމާ އާ ބައްދަލުކުރެއެވެ. އިމާމާވެސް ލާހޯރަށް ދާ ކޮންމެ ފަހަރަކު ސައީދައްތައަށް ޒިޔާރަތްކުރެއެވެ. އެހެންދާ ދުވަސްދުވަހު ސައީދައްތަގެ ގޭގައި ދެ ދުވަހަށް މަޑުވެސް ކުރެއެވެ. ސަޢީދައްތަ ގެ ގެ އިމާމާއަށް ވަރަށް ކަމުދިޔައެވެ. އެއީ ރަތްކުލައިގެ އެޅި ގަލުން ރާނާފައި ހުރި މުސްކުޅި ގެއެކެވެ. އާދަވެ ބައްދަލުވެ އުޅުމުގެ ތެރެއިން ދެ މީހުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އުފެދުނެވެ. ފާޅުގައި ނުބުނި ނަމަވެސް އެކަނިވެރިކަން ފިލާކަމުގެ އިހުސާސް ދެ މީހުންނަށް ވެސް ކުރެވެން ފެށިއެވެ. ލާހޯރުން މާސްޓަރސް ހަދަން ވިސްނާކަމަށް ބުނުމުން ލާހޯރަށް އެނބުރި އައިސް އެގެއަށް ބަދަލުވާން ސަޢީދާއްތަ ހިތްވަރު ދިނެވެ.
ޑރ. ސިބްތެ ޢަލީގެ އަންހެން ދަރިފުޅު ގެއަށް ބަދަލުވީ އިމާމާ ލާހޯރުން އެނބުރި އައި ދުވަސްކޮޅުއެވެ. އޭނާގެ ފިރިމީހާ ޕީއެޗްޑީއަށް ކިޔަވަން ބޭރަށް ދާން އުޅޭތީއެވެ. ފިރިމީހާ އެނބުރި އަންނަން ދެން ދަރީންނާއެކު އޭނާ އިންނާނީ އެ ގޭގައެވެ. އެ ގެއަކީ ބޮޑު ގެއެއް ކަމުގައި ވީ ނަމަވެސް، ގޭގައި މީހުން ގިނަވުމުން އިމާމާ އަށް އުނދަގޫ ވިއެވެ. މިހާރުވެސް ޑރ. ސިބްތެ ޢަލީ އޭނާއަށް އެތައް ޚަރަދެއް ކޮށްފިއެވެ. އަދި އެ ގޭގައި މަޑުކޮށްފިނަމަ މާސްޓަރސް ކޯހުގެ ފީ ދައްކާނީ ވެސް ޑރ. ސިބްތެ ޢަލީ އެވެ. ކިޔަވައި ނިމުމުން ވެސް އޭނާގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ އޭނާއެވެ. އިމާމާ ބޭނުންވީ މީހަކަށް ބަރޯސާނުވެ ދިރިއުޅޭށެވެ. ސަޢީދައްތަގެ ގޭގައި އޭނާއަށް މިނިވަން ކަމާއެކު އުޅެވޭނެއެވެ. ވަޒީފާއެއް ލިބުމުން ސައީދައްތަ އަށް ކޮންމެ މަހަކު ކުލީގެ ގޮތުގައި ކޮންމެވެސް އެއްޗެއް ދެވޭނެއެވެ. ޑރ. ސިބްތެ ޢަލީ ދުވަހަކުވެސް އޭނާގެ އަތުން ބަދަލެއް ނުހޯދާނެއެވެ.
***
އިމާމާ ސައީދައްތަގެ ގެއަށް ބަދަލުވާ ވާހަކަ ބުނުމުން ޑރ. ސިބްތެ ޢަލީ އަށް ލިބުނީ ޝޮކެކެވެ.
"ކީއްވެ އާމިނާ؟ މި ގެ ކިހިނެއްވީ؟"
"ސަޢީދައްތަ ބުނީ އެ ގެއަށް އަންނާށޭ."
"ސަޢީދައްތަ އާ ވާހަކަ ދައްކާނަން."
"ނޫން. އެގެއަށް ދާން ބޭނުން. އޭރުން ސަޢީދައްތަ އެކަނި ފިލާނެ."
"ތީ އެއްވެސް ސަބަބެއް ނޫން. އެ ގެއަށް ބަދަލުވަނީ ކީއްކުރަން؟ ދަރިފުޅު ބޭނުމިއްޔާ ކޮންމެ ދުވަހަކު އެ ގެއަށް ދެވިދާނެ."
"އެގެއަށް ފޮނުވަދީ. އަމިއްލަ ފައި މައްޗަށް ތެދުވަން ބޭނުން."
"ތި ބުނި އެއްޗެއް ނުވިސްނުނު." ޑރ. ސިބްތެ ޢަލީ ބުންޏެވެ.
"ބައްޕައަށް ބުރައަކަށް ވާކަށް ބޭނުމެއް ނޫން. މިހާރުވެސް އަހަރެން މިވަނީ ދަރަނިވެރި ވެފައި. މުޅި އުމުރު ދަރަނަވެރިވެގެން އުޅޭކަށް ބޭނުމެއް ނޫން." އިމާމާ ބުންޏެވެ. އެ ވާހަކައިން ޑރ. ސިބްތެ ޢަލީއަށް ވަރަށް އަސަރުކުރިއެވެ. އޭނާގެ ހިތުގައި ޖެހުނުކަން އެނގުމުން އިމާމާ އަދި މާ ދެރަވިއެވެ.
"އާމިނާ، ދަރިފުޅު ތީ ބުރައެއްގެ ގޮތުގައި ބައްޕަ ދުވަހަކުވެސް ނުދެކެން. އަންހެން ދަރިންނަކީ ބުރައެއް ނޫން. ތީ ބައްޕަގެ ދަރިއެއް. ދަރިފުޅު ތި ބުނި އެއްޗަކުން ބައްޕަ ވަރަށް ހިތުގައި ޖެެހިއްޖެ."
"ސޮރީ ބައްޕާ. އެހެނެއް ނޫން މި ބުނީ. އެހެން އިހުސާސް ކުރެވޭތީ އެ ވާހަކަ ބުނެލީ. މީހަކަށް ބަރޯސާވެގެން އުޅެން ޖެހުމަކީ ވޭން އަޅާ ކަމެއް. ސައީދައްތަ އާއި އެކު ދިރިއުޅެން ފެށުމުން އަހަރެން ހިތް ހަމަޖެހޭނެ. ބައްޕަ ދުވަހަކުވެސް އަހަރެން ދޭ ފައިސާއެއް ނުހިފާނެ. މީހަކަށް ބަރޯސާވެގެން އުޅުމަކީ ހިތްދަތި ކަމެއް. ސަޢީދައްތަ އަހަރެން ދޭ ފައިސާގަ ހިފާނެ. އެހެންވީމަ އެގޮތުން އަހަންނަށް ހިތަށް ހަމަޖެހުން ލިބޭނެ. ބައްޕަ އަހަންނަށް ކޮށްދޭ ކަންތައްތަކުގެ އަގު އަހަންނަށް ދުވަހަކުވެސް އަދައެއް ނުކުރެވޭނެ. އަހަރެންވަނީ ބައްޕައަށް ވަރަށް ބޮޑަށް ދަރަނިވެރިވެފައި. މިވަގުތު އަހަރެން ބޭނުންވަނީ އަމިއްލައަށް ދިރިއުޅެން ދަސްކުރަން. އެކަން އަހަނަންނަށް މަނާ ނުކުރޭ، ޕްލީޒް."
އިމާމާ އެގެއިން ދާން ޑރ. ސިބްތެ ޢަލީ ބޭނުންނުވި ކަމުގައި ވިޔަސް މިފަހަރު އޭނާ އިމާމާ އަށް ދޫކޮށްލީއެވެ. އެކަމަށްޓަކައި އިމާމާ ޝުކުރުވެރިވިއެވެ.
ސަޢީދައްތަ އާއެކު ދިރިއުޅުން ވީ އިމާމާއަށް އާ ދިރިއުޅުމެއްގެ ފެށުމަކަށެވެ. އެގޭގައި އުޅުން ޑރ. ސިބްތެ ޢަލީ އާއި އޭނާގެ ޢާއިލާ އާއެކު އުޅުމަށްވުރެ ހާސްބައި ތަފާތެވެ. މިގޭގައި އުޅެން ފެށުމުން އޭނާއަށް ބަޔާންކުރަން ނޭނގޭ ވަރަށް އުފާވިއެވެ. މިއީ ޙަޔާތުގައި ވެސް މިނިވަން ކަމާއެކު އުޅެން ލިބުނު ފުރަތަމަ ފުރުޞަތެވެ.
ސަޢީދައްތަ ދިރިއުޅެނީ އެކަންޏެވެ. އެ ގޭގައި އަތްގާތްކޮށް ދޭނޭ މީހަކު ގެންގުޅެއެވެ. އޭނާ ހެނދުނު އައިސް ގޭތެރޭގެ މަސައްކަތް ކޮށްފައި ހަވީރު ގެއަށް ދާނެއެވެ. ސައީދައްތަ ނުދަންނަ މީހަކު އެ ހިސާބަކު ނޫޅެއެވެ.އެހެންކަމުން ގިނަ ވަގުތު ހޭދަކުރަނީ އާއިލީ މީހުންނާއި އެކުވެރިންނާއެކު ބޭރުގައެވެ. ގޭގައި އުޅޭ ވަގުތެއް ވެއްޖެއްޔާ ގެއަށް ވެސް އެވަރަށް މީހުން ޒިޔާރަތްކުރެއެވެ. މެހުމާނުންނަށް އޭނާ އިމާމާ ތައާރަފްކޮށްދިނީ އޭނާއަށް ބޮޑުދައިތަ ކިޔާ ކުއްޖެއްގެ ގޮތުގައެވެ. ދުވަސްކޮޅަކުން އިމާމާ އަކީ އޭނާގެ އަމިއްލަ ދަރިއަކަށް ވިއެވެ. ކުރީން އެގެއަށް ޒިޔާރަތްކުރި މީހުންނަށް އިމާމާ އަކީ ސަޢީދައްތަގެ ދައްތަގެ ދަރިފުޅުގެ ގޮތުގައި އެނގިފައި އޮތަސް އޭނާގެ އާ އެކުވެރިންނަށް އެއީ ސައީދައްތަގެ އުފަން ދަރިއެކެވެ. އެ މީހުން އެންމެންވެސް އޭނާ ސިފަކުރަނީ ހިތްހެޔޮ މީހެއްގެ ގޮތުގައެވެ. ސަޢީދައްތަގެ ފިރިހެން ދަރިންވެސް އިމާމާ އަކީ އާއިލާ މީހެއްގެ ގޮތުގައި ދެކެން ފެށިއެވެ. އަހަރީ ޗުއްޓީއަށް ލާހޯރަށް އަންނަ އިރު ކޮއްކޮއެއްގެ ގޮތަށް އިމާމާ އާ މެދު ކަންތައް ކުރެއެވެ. އެހެންކަމުން އިމާމާ ވެސް އެމީހުން ބަލައިގަތީ އެއްބަނޑު އެއްބަފާ ބޭބެމެންގެ ގޮތުގައެވެ. އިމާމާ އަކީ އެ މީހުންގެ ދަރީންގެ ބޮޑުދައިތައެވެ.
(ނުނިމޭ)