ފާނޫޒު - 71

(6 އޮކްޓޯބަރ 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ސާލާރް، ވަޅުލެވިފައި ހުރި މައްސަލަތައް އަލުން ތިލަ ކުރަން ނޫޅޭ." ފުރްގާން ހިތްހަމަނުޖެހިފައި ބުނެލިއެވެ.

"އޭނައަށް އެނގެންވާނެ، އުމުރުގެ ބާކީ ބައި އަހަންނާއެކު ހޭދަކުރަންޏާ އަހަރެން އިސްކަން ދޭ ކަންތައްތަކާއި، ދިރިއުޅުމުގައި އަހަރެންގެ މަގްސަދް އޭނާއަށް އެނގެންވާނެ." ސާލާރް ބުންޏެވެ.

"ސާލާރް އާ އެކު އުޅެން ފެށުމުން އޭނައަށް ތި ކަންކަން އެނގޭނެ. އެއީ ތޫނުފިލި ކުއްޖެއް. މިހާރު ގޮސް ތިހުރިހާ ހާސަރެއް ދަމާނެ ކަމެއް ނެތް. އޭނާ އައިމާ ބުނޭ."

"އަންނަ ފަހުން ބުނުމުގެ ބޭނުމެއް އެބައޮތްތަ؟ އަހަރެން ބޭނުންވަނީ އަހަރެންގެ ވާހަކަތައް އަޑު އަހާފައި އޭނާ އަމިއްލައަށް ގޮތެއް ނިންމަން."

'އިތުރަށް ނިންމާނެ ނިންމުމެއް މިހާރަކު ނެތް. އެއީ ސާާލާރްގެ އަނބިމީހާ."

"އާނ. އެކަމަކު އަދި ރެއެއް ނުކުރަމެއްނު؟ ކާވެނި ފުރިހަމައެއް ނުވޭ."

"އޭގެ ސަބަބުން އަންނާނެ ތަފާތެއް އެބައޮތްތަ؟"

"ކީއްވެ ނުވާންވީ؟ އަހަރެން ދައްކާ ވާހަކައަށް އޭނަގެ އިއުތިރާޒެއް އޮތިއްޔާ މި ގުޅުމާ މެދު ވިސްނަން އޭނައަށް ފުރުސަތު އެބައޮތް." ސާލާރް ބުންޏެވެ.

ފުރްގާން ސާލާރް އާ ހަތަރުކަޅި ހަމަކުރިއެވެ. "ގުޅުން މުރާޖައާ ކުރުވަން ތިހުށަހަޅަނީ ކޮންކަމެއް؟"

"ދެން ބައެއް ކަންތައްތައް، އޭނައަށް މުހިއްމުހެން ހީވާ." ސާލާރް ޖަވާބު ދިނެވެ. "އެއީ ޑޮކްޓަރ ޢަލީގެ އާއިލާ މީހުން. އެހެންވީމާ އެ މީހުން އަހަންނާ މެދު ދެކެނީ ވަރަށް މާތް މީހެއްގެ ގޮތުގައި. މި ގުޅުން ގާއިމު ކުރެވުނީވެސް އެހެން ވެގެން. އެކަމަކު އަހަރެން..."

ސާލާރް ގެ ވާހަކަ ނުނިމެނީސް ފުރްގާން ވާހަކަ ފެށިއެވެ. "އެންމެ ރަނގަޅު. ބުނަން ބޭނުން ހުރިހާ ވާހަކައެއް ބުނޭ. އެކަމަކު އިމާމާގެ ވާހަކަ ނުބުނާތި. އޭނާގެ ހިތުގައި ޖެހެންޏާ ޖެހޭނީ އެ ވާހަކައިން." އޭނާ ސާލާރް އަށް ވިސްނައިދެވޭތޯ ބެލިއެވެ.

"އަހަރެން ބޭނުންވަނީ އޭނައަށް މިހުރިހާ ކަމެއް އެނގި އެކަަންކަމާ މެދު ވިސްނަން. ފުރްގާން ބުނާ ގޮތުން ނަމަ އޭނައަކީ ކިޔަވައިގެން ހުރި، ރީތި، ރަނގަޅު ޢާއިލާއަކަށް ނިސްބަތްވާ ކުއްޖެއް."

ފުރްގާން އަނެއްކާވެސް ވާހަކަ ފެށިއެވެ. "ހުއްޓާލާ، ގޮސް ބުނަން ބޭނުން ހުރިހާ ވާހަކައެއް ބުނޭ."

"އަހަރެން އޭނަޔާ ވާހަކަ ދައްކަން ބޭނުންވަނީ އެކަހެރިކޮށް."

"ސައީދައްތަ ގާތު ބުނެގެން ތިކަން ހަމަޖައްސައިދޭނަން." ފުރްގާން ބޯ ހަލުވައިލިއެވެ.

ބައިގަޑިއެއް ހައި އިރު ފަހުން އެ މީހުން ތިބީ ސައީދައްތަގެ ގޭގެ ދޮރުމަތީގައެވެ. ސާލާރް އާ ފުރްގާން ފެނުމުން އޭނާ އުފަލުން ފޮޅުނެވެ. އެ މީހުން ގޮވައިގެން އޭނާ ސިޓިންރޫމަށް ދިޔައެވެ.

"އާމިނާ އާ އެކަހެރިކޮށް ވާހަކަ ދައްކާލަން ސާލާރް ބޭނުންވޭ." އެތެރެއަށް ވަންނަމުން ފުރްގާން ބުންޏެވެ.

ސައީދައްތަ ހާސްވެފައި އެހިއެވެ. "ކޮން ވާހަކައެއް؟" އޭނާ ސާލާރް އާ ދިމާއަށް ބަލައިލިއެވެ.

"އާމިނާ ގާތު އަމިއްލައަށް ބުނަން ބޭނުންވާ ބައެއް ވާހަކަ ހުރީމަ. ހާސްވާ ކަހަލަ ވާހަކައެއް ނޫން." ފުރްގާން އޭނާގެ ހާސްކަން ފިލުވަން މަސައްކަތް ކުރިއެވެ. އޭނާ އަނެއްކާވެސް ސާލާރް އަށް ބަލައިލިއެވެ. ސާލާރް އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ.

"އެންމެ ރަނގަޅު. އާދޭ. އާމިނާ ވީ އެތެރޭގައި. އެތަނުން އޭނައާ ބައްދަލުކުރޭ." ސައީދައްތަ އެތެރެއަށް ވަދެގެން ދިޔައެެވެ. ފުރްގާން އާ ދިމާއަށް ފާޑަކަށް ބަލައިލާފައި ސާލާރް އޭނާގެ ފަހަތުން ދިޔައެވެ.

ސިޓިންރޫމުގެ ކަނާތްފަރާތުގައި ހުރި ސިޑިއަކުން އެރިއެވެ. އެތެރެއަށް ވަދެގެން ދާއިރު ރަތްކުލައިގެ ތަށިމުށި ޖަހާފައި އޮތް ހުސްތަނެއް ފެނެއެވެ. ސާލާރް ހުރީ ސައީދައްތަ އަށްވުރެ ހަތަރު ފަސް ފިޔަވަޅު ފަހަތުގައެވެ. ސައީދައްތަ އެތަނަށް ވަން އިރު ސާލާރް ހުރީ ސިޑި މަތީގައެވެ. ކުރިއަށްދާން ޖެހިލުންވެފައެވެ.

ހުސްބިމުގައި، އަރިމަތީ ފާރުގައި މާ ގަސްތައް ހުއްޓެވެ. ގަދަ ފެހިކުލައިގެ މާ ވެޔޮ ތަކާއި އެކި ކަހަލަ ގަސްތަކުން އެ ފާރުގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. އަވީގެ ދޯދިތަކުން ފާރުގައި ހުރި ރަތް ކުލައިގެ އެޅި ގަލާއި ތަށިމުށި ވިދައެވެ. ސާލާރް ކުއްލިއަކަށް ހުއްޓުނެވެ. އަވި ދީފައި ހުރި ދިމާގައި އުނދޯއްޔެއް ހުއްޓެވެ. އެތަނުގައި ފުރަގަސްދީގެން ކޮޅަށް އެހެރީ އުނދޯލީގައި އިށީނދެގެން އިން ކުއްޖާއެވެ. އޭނާ ހުރީ ހުދުކުލައިގެ ކުރުތާ އަކާއި ކަޅު ހަރުވާޅެއް ލައިގެންނެވެ. ހީވާގޮތުން ފެންވަރައިގެން އޭނާ ދެންމެ އެ ނިކުތީއެވެ. އުނަގަނޑާއި ހަމައަަށް އޮތް އިސްތަށިގަނޑުން އަދި ފެން ނުހިކެއެވެ. އުނދޯލީގައި ހުދު ދޯޕައްޓާއެއް އޮތެވެ. އުޅަބޮށްޓާއި ހަމައަށް އަތުކުރި އޮޅަމުން އެ އަންހެން ކުއްޖާ ސާލާރް އާ ދިމާއަށް އެނބުރެނެވެ.

ސާލާރްގެ ނޭވާ ހުއްޓުުނެވެ. މިހައި ރީތި އަންހެން ކުއްޖަކު މުޅި ހަޔާތުގައި ވެސް އޭނާ އަދި ނުދެކެއެވެ. މިއީ އާމިނާ ކަން ގައިމެވެ. މިގެއަކު އާމިނާ ނޫން އެހެން ކުއްޖެއް ނޫޅެއެވެ. އޭނާ ކަޅިޖަހައިނުލައި އެ ކުއްޖާ އާ ދިމާއަށް ބަލަން ހުއްޓެެވެ. އޭނާގެ ހިތުގެ ހިންގުން އަވަސްވީ ކަމެއް ނުވަތަ ހިތުގެ ވިންދު ހުއްޓުނީ ކަމެއް ބުނެދޭކަށް ނޭނގެއެވެ.

އޭނާ އާ އާމިނާ އާ ދެމެދު ފުދޭވަރަކަށް ދުރުމިން ހުއްޓެވެ. އޭނާ އެނބުރިފައި ފުރަތަމަ ބަލައިލީ ސައީދައްތަ އަށެވެ.

"ސާލާރް އަތުވެއްޖެ." ސައީދައްތަ ބުންޏެވެ. އާމިނާ ސާލާރް އަށް ބަލައިލިއެވެ. އޭނާގެ މޫނުމަތިން ހައިރާންވެފައި ހުރިކަން ފާހަގަވެއެވެ. އޭނާ އަނެއްކާ ވެސް އަނެއް ފަރާތަށް އެނބުރި ސާލާރަށް ފުރަގަސްދިނެވެ. އަދި  އުނދޯލީގައި އޮތް ދޯޕައްޓާ ނަގައި ގައިގައި އޮޅާލިއެވެ. އިސްތަށިގަނޑުވެސް ނިވައިވާ ގޮތަށެވެ. މިހާރު ސާލާރްއަކަށް އޭނާގެ އިސްތަށިގަނޑެއް ނުފެނެއެވެ. ނަމަވެސް އޭނާގެ ސާބިތުކަން ފެނިފައި ސާލާރް ހައިރާންވިއެވެ. އެއްވެސް ހާސްކަމެއް، ނުތަނަވަސްކަމެއް އޭނާގެ މޫނުމަތިން މިހާރަކު ނުފެނެއެވެ.

ސައީދައްތަ ސާލާރް އާ ދިމާއަށް އެނބުރުނެވެ. އޭނާ ދޮރުމަތީގައި ހުއްޓިލައިގެން ހުރިތަން ފެނުމުން އެތެރެއަށް ވަންނަން ބުންޏެވެ. "ދަރިފުޅާ، ކީއްވެ ތިތާ ތިހިރީ؟ އާދޭ، މީ ދަރިފުޅުގެ ވެސް ގެ."

އާމިނާ އަނެއްކާވެސް ސާލާރް އަށް ބަލައިލިއެވެ. ހަރަކާތް ހުއްޓިފައި، ކަޅިޖަހައިނުލައި އޭނާ އާމިނާ އަށް ބަލަން ހުއްޓެވެ. އާމިނާ އަދިވެސް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ. ސާލާރް ކުރިއަށް ޖެހިލިއެވެ.

"މިއީ އަހަރެންގެ ދަރިފުޅު، އާމިނާ." ސައީދައްތަ ސާލާރް އަށް އާމިނާ ތައާރަފްކޮށްދިނެވެ.

"އައްސަލާމް އަަލައިކުމް." އާމިނާ ސަލާން ގޮވިއަޑު ސާލާރް އަށް އިވުނެވެ. ނަމަވެސް އިޖާބައެއް ނުދެވުނެވެ. އާމިނާ ހުރީ ސާލާރް އާ ތިން ފޫޓެއްހައި ދުރުގައެވެ. އެހައި ކައިރިން އޭނާއަށް ބަލަން އުނދަގޫ ވިއެވެ. ސާލާރް ހާސްވެފައި ހުރިކަން އާމިނާ އަށް އިހުސާސްކުރެވުނެވެ.

"ސާލާރް އައީ ދަރިފުޅާ ވާހަކަ ދައްކާލަން." ސައީދައްތަ އާމިނާ ގާތު ބުންޏެވެ.

އާމިނާ އަނެއްކާވެސް ސާލާރް އަށް ބަލައިލިއެވެ. ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވުމުން ދުރަށް ބަލަން ފެށިއެވެ.

އާމިނާ ސައީދައްތަ އާ ދިމާއަށް ބަލައިލިއެވެ. ސާލާރް އާމިނާގެ އަތަށް ބަލައިލިއެވެ. އޭނާގެ އަތުގެ ކުޑަހުޅާ ހަމައަށް ހީނާފަތުން ކުރަހާފައެވެ. އެ އަންހެން ކުއްޖާ ގާތު ބުނާނެ ވާހަކައެއް އޭނާއަކަށް ނޭނގުނެވެ.

"ސާލާރް، ކޮޓަރިއަށް ދަމާ. ހަމަޖެހިލައިގެން އިނދެ އާމިނާ އާ ވާހަކަ ދައްކާލަން." ސައީދައްތަ އާ އެކު އިސް ދަށަށް ޖަހައިގެން ހުރެ އާމިނާ ވެސް ހިނގައިގަތެވެ. ސާލާރް އަދިވެސް އެތަނުގައި ހުރީ އެވެ. ސައީދައްތަ ދޮރު ހުޅުވާފައި އެތެރެއަށް ވަނެވެ. ދޮރުމަތީގައި ހުއްޓިހުރެ އާމިނާ ސާލާރް އާ ދިމާއަށް އެނބުރުނެވެ. ސާލާރް އިސްދަށަށް ޖެހިއެވެ. އާމިނާ އަނެއްކާވެސް އޭނާ އަށް ބަލައިލިއެވެ. ހައިރާންވެފައެވެ. އޭނާ ކޮޓަރިއަށް ނައިސް އެތާ އެހެރީ ކީއްވެހެއްޔެވެ؟ އާމިނާ އަށް ނުބަލައި ސާލާރް ކުރިއަށް ހިނގައިގަތެވެ. އާމިނާ އެތެރެއަށް ވަނެވެ.

ސާލާރް ކޮޓަރިއަށް ވަން އިރު ސައީދައްތަ ހަމަޖެހިލައިގެން އިށީނދެގެން އިނެވެ. އާމިނާ ކޮޓަރީގެ ބޮކި ދިއްލިއެވެ. އަވީގައި ހުރެފައި އެތެރެއަށް ވަނުމުން އޭނާއަށް ކޮޓަރިތެރެއިން ފިނިކަން އިހުސާސް ވިއެވެ.

"ދަރިފުޅާ، އިށީނދޭ." ސައީދައްތަ ބުންޏެވެ. ސާލާރް ގޮނޑިއެއްގައި އިށީނެވެ. އޭނާގެ ކުރިމަތީގައި ހުރި ސޯފާގައި އާމިނާ އިށީނެވެ.

ސާލާރް އިނީ ސައީދައްތަ ކޮޓަރިން ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ސާލާރް އާމިނާ އާ އެކަނި ބައްދަލުކޮށް ވާހަކަ ދައްކަން ބޭނުން ވާހަކަ ފުރްގާން ވަރަށް ސާފުކޮށް ބުންޏެވެ. ނަމަވެސް އޭނާ އާ އާމިނާ އެކަހެރިކޮށްފައި އޭނާ އެތަނުން ނުނިކުންނާނޭ ކަން ސާލާރަށް ވިސްނިއްޖެއެވެ. އެއްގޮތަކީ އެކަހެރި ބައްދަލުވުމަކަށް އެދުނުކަން އޭނާ ހަނދާން ނެތުނީއެވެ. ނުވަތަ އޭގެ މާނައަކީ ފުރްގާން އެތެރެއަށް ނުވެއްދުމެވެ. ނުވަތަ ސާލާރް އާ އެކު އޭނާގެ އަންހެން ދަރިފުޅު އެކަނިކޮށްލާފައި ދާވަރަށް ސާލާރް އަށް އިތުބާރު ނުކުރެވެނީއެވެ. ބޮޑަށް ލަފާކުރެވެނީ ފަހު ގޮތް ކަމަށެވެ. އާމިނާ ގާތު އޭނާ ދައްކަން އައި އެއްވެސް ވާހަކައެއް އޭނާގެ މަންމަގެ ހާޒިރުގައި ނުބުނެވޭނެއެވެ. ދައްކާނެ އެހެން ވާހަކައަކާ މެދު ވެސް އޭނަ ވިސްނައިފިއެވެ. އެކަމަކު އެހެން ވާހަަކައެއް ހިތަކަށް ނައެވެ. ކޮޓަރި ތެރެއަށް ފެތުރިފައިވާ ފަނޑު އަލީގެ އިތުރުން މުޅިތަނަށް ހިމޭންކަން ވެރިވިއެވެ. އެއް އަތުގެ އިނގިލިތައް އަނެއް އަތުގެ އިނގިލިތަކުގައި އަޅުވައިގެން ބިން މައްޗަށް ބަލަހައްޓައިގެން ސާލާރް އިނެވެ.

އާމިނާ ތެދުވެފައި ބޮތްކެއް ދިއްލައިލިއެވެ. ފެންނަ ފެނުމަށް ހީވާގޮތުން އެއީ ކުރިން ސިޓިންރޫމެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. އެތަނަށް ވަދެ ނިކުންނަން އެތައް ދޮރެއް ހުއްޓެވެ. މިހާރު ހުރިހާ ދޮރެއް ހުރީ ލައްޕާފައެވެ. އެތަނުގައި ހުރި ހަމައެކަނި ކުޑަ ދޮރު ހުރީ އަސްކަންޏާ ދިމާއަށެވެ. ބިންމަތީގައި އަޅާފައި އޮތީ މުށިކުލައިގެ ދޫލައެކެވެ. އެހެންކަމުން ދެންމެ ދިއްލި ބޮކީގެ އަލިކަމެއް ކޮޓަރިއަކުން ނުފެނެއެވެ.

ސާލާރް އަށް އެ ކޮޓަރި އަދިވެސް އަނދިރިއެވެ. "މިއަދު ލޮލުގެ ޑޮކްޓަރަށް ދާންވާނެ. އަހަންނަށް މިހާރު ދުރުވެސް ރަނގަޅަކަށް ނުފެނޭ." އޭނާގެ ހިތަށް އެރިއެވެ. އޭނާގެ ކުރިމަތީގައި އިށީނދެ އިން އާމިނާގެ މޫނު ވެސް ރަނގަޅަކަށް ނުފެނެއެވެ. އޭނާ އަނެއްކާވެސް ބިންމަތީގައި އަޅާފައި އޮތް ދޫލައަށް ބަލައިލިއެވެ. އާމިނާ ތެދުވެގެން ގޮސް އެހެން ބޮތްކެއް ދިއްލިއެވެ. އެ ހޮޅިބުރީގެ އަލިން ކުއްލިއަކަށް މުޅި ކޮޓަރި ދިއްލުނެވެ. އޭނާ އެ ހޮޅިބުރި ކުރިން ނުޖެއްސީ ކީއްވެބާވައެވެ. އާމިނާ ވެސް އިނީ ހާސްވެފައި ކަންނޭނގެއެވެ. އޭނާ އަނެއްކާވެސް ގޮސް އިށީނެވެ . މިފަހަރު ސާލާރްގެ ކުރިމައްޗަކު ނޫނެވެ. ސައީދައްތަ ގާތުގައެވެ. ސާލާރް އާމިނާއަކަށް ނުބަލައެވެ. އޭނާ އިނީ އަދިވެސް ދޫލައަށް ބަލަަހައްޓައިގެންނެވެ. އެންމެފަހުން ސައީދައްތަގެ ކެތްތެރިކަން ކޮޅުން ލިއެވެ. ސާލާރްގެ ސަމާލުކަން ހޯދަން އޭނާ ކަރުކެހިލިއެވެ.

"ދަރިފުޅާ، އާމިނާ ގާތު ބުނަން އައި ވާހަކައެއް ބުނަންވީނުން." ވަރަށް ލޯތްބާއެކު ސައީދައްތަ ސާލާރްއަށް ހަނދާންކޮށްދިނެވެ. "މިހާރު ކިހާ އިރެއްވެއްޖެ. އަހަރެން މީނީ ވަރަށް ކަންބޮޑުވެފައި."

ސާލާރް ފުން ނޭވައެއް ލިއެވެ. އަދި އިސްއުފުލާފައި އާމިނާ އާއި ސައީދައްތަ އާ ދިމާއަށް ބަލައިލިއެވެ. "ދައްކާނެ ވާހަކައެއް ނެތް، އަހަރެން ބޭނުންވީ އޭނަ ދެކިލަން."

ސައީދައްތަގެ މޫނަށް އުޖާލާކަން ވެރިވިއެވެ.

"އެ ނިމުނީ؟ ފުރްގާން ބުނި އެއްޗަކުން އަހަރެން މީނީ ބިރުން ފިތްކަޑައިގެން ދާވަރުވެފައި. އާނ. އޭނާގެ މޫނަށް ބަލަން އިންނަންވީ، އެއީ މިހާރު ދަރިފުޅުގެ އަންހެނުން."

ސާލާރް ތެދުވިއެވެ. "އަހަރެން ބޭރުގައި މަޑުކުރާނަން. އޭނާ ގާތު ބުނޭ ފޮށްޓަށް އެއްޗެހި އަޅާށޭ." ސާލާރް ދޮރުން ނިކުންނަމުން ބުންޏެވެ. އާމިނާ ހައިރާންވެފައި ސައީދައްތަައަށް ބަލައިލިއެވެ. އޭނާ ވެސް ހުރީ ހައިރާންވެފައެވެ.

"ދަރިފުޅާ. މިގެއަށް ތި އައީ އާމިނާ އާ ވާހަކަ ދައްކާލާކަށް ނޫންތަ؟ މިހާރު ތިއުޅެނީ އޭނާ ގޮވައިގެން ދާން. އަހަރެން ބޭނުންވީ ހަމަޖެހިލައިގެން ކުޑަ ހަފްލާއެއް ބާއްވާފަ ފޮނުވާން."

"މިއީ އެ ޙަފްލާ ކަމަށް ހަދާ. އަހަރެން މިހިރީ އޭނާ ބަލާ އައިސް." ސާލާރް ބުންޏެވެ.

ސައީދައްތަ މާނައިން ފުރިގެންވާ ނަޒަަރަކުން ސާލާރަށް ބަލައިލިއެވެ. "އެންމެ ރަނގަޅު. ދަރިފުޅު ބޭނުންވާ ގޮތަކީ މިއީ ކަމަށް ވާނަމަ މައްސަލައެއް ނެތް. އެކަމަކު ރޯދަ ވީއްލައިގެން ދާން މަޑުކުރަންވީނު."

"ނޫން. ފުރްގާން އާއި އަހަރެން ކުޑަ މަސައްކަތެއް ނިންމަން އެބަޖެހޭ. އަހަރެން އޭނާ ގޮވައިގެން މިއައީ ގަޑިއެއް ހައި އިރަށް. އެހާ ގިނަ އިރަކު މަޑެއް ނުކުރެވޭނެ."

"މަންމާ. އަހަރެން ފޮށްޓަށް އެއްޗެހި އަޅަން ވަގުތުކޮޅެއް ބޭނުންވާނެ." އާމިނާ ވެސް ވާހަކައިގައި ބައިވެރިވިއެވެ. އޭނާ އިނީ އަދިވެސް ގޮނޑީގައި އިށީނދެލައިގެންނެވެ. ސާލާރް ވާހަކަ ދެއްކީ ސައީދައްތަ އާ އެވެ. "އޭނާ ގާތު ބުނޭ ހަމަޖެހިލައިގެން ފޮށްޓަށް އެއްޗެހި އަޅާން. އަަހަރެން މަޑު ކުރާނަން."

ސާލާރް ކޮޓަރިން ނިކުތެވެ.

***

"ހާދަ އަވަހަކަށް ތި އައީ؟ އަހަރެން ހީކުރީ ވަރަށް ގިނަ އިރު ވާނެކަމަށް." ފުރްގާން ހައިރާންވެފައި ބުނެލިއެވެ.

އެ ވާހަކައަށް ޖަވާބު ދިނުމުގެ ބަދަލުގައި ސާލާރް އިށީނެވެ. ފުރްގާން އޭނާއަށް ބަލަން އިނެވެ.

"ހުރިހާ ކަމެއް ރަނގަޅުތަ؟"

"އާނ."

'އާމިނާ އާ ދިމާވިތަ؟"

"އާނ."

"ދެން؟"

"ދެން ކިހިނެއްވީ؟"

"ހިނގާ ދާން."

"ނޫން."

"ކިހިނެއްވީ؟"

"އާމިނާ ގޮވައިގެން ދާނީ."

"ކީކޭ؟" ފުރްގާން އަންތަރީސްވިއެވެ. "ވާހަކަ ދައްކާކަށް ނޫންތަ އައީ؟ ކުއްލިއަކަށް ވިސްނުން ބަދަލުވީ ކިހިނެއް؟"

ސާލަރް އޭނާ އާ ދިމާއަށް ފާޑަކަށް ބަލައިލިއެވެ. "ހަމަ ހިތަށް އެރީ."

ފުރްގާން އިނީ އުނދަގޫވެފައެވެ.

***

ދެގަޑިއިރު ފަހުން ސާލާރްގެ އެޕާޓްމަންޓަށް އާދެވުނު އިރު ރޯދަ ވީއްލާ ގަޑި ކުޑަތަން ވެއްޖެއެވެ. ގެއަށް އައި މަގުމަތީގައި ސާލާރް އައީ ރޯދަ ވީއްލާނެ އެއްޗެއް ގަނެގެންނެވެ. ފުރްގާން ބޭނުންވީ އެ މީހުން ގޮވައިގެން އެގެއަށް ދާށެވެ. ސާލާރް އެއްބަހެއް ނުވިއެވެ. ފުރްގާން އޭނާގެ އަންހެނުން ގާތު ސާލާރް ގެ ގެއަށް އަންނަން ބުންޏެވެ.

އޭނާ އައިސް ރޯދަ ވީއްލަން މޭޒުމަތި ތައްޔާރުކުރިއެވެ. އާމިނާ ވެސް އެމީހުންނާ ބައިވެރިވާން އުޅުނެވެ. އެކަމަކު ފުރްގާން އާއި އޭނާގެ އަންހެނުން އެކަމަށް އެއްބަހެއް ނުވިއެވެ. ސާލާރް އެކަމަކާ ނޫޅެއެވެ. ފޯނު ހިފައިގެން އޭނާ ނިކުތީ ބެލްކަންޏަށެވެ. ސިޓިންރޫމުގައި އިށީނދެލައިގެން އިން އިރު ކުޑަދޮރުން އާމިނާ އަށް ސާލާރް ފެނެއެވެ. އޭނާ ފޯނުން ވާހަކަ ދައްކަމުން ބެލްކަނީގެ އެއްކޮޅުން އަނެއްކޮޅަށް ހިނގަނީއެވެ.

ސައީދައްތަގެ ގެއިން ސާލާރްގެ އެޕާޓްމަންޓާ ހަމައަށް އައި އިރު ސާލާރް އެންމެ ފަހަރަކު ވެސް އާމިނާ އާ އަނގަޔަކުން ނުބުނެއެވެ. ގެއަށް އައިސްފައިވެސް އޭނާ އާމިނާ އަކާ ވާހަކައެއް ނުދައްކައެވެ. އޭނާ އާ ވާހަކަ ދައްކަން އިރުއިރުކޮޅާ ފުރްގާން މަސައްކަތް ކުރެއެވެ. ރޯދަ ވީއްލި ވަގުތު ވެސް ސާލާރް އޭނާާއާ އަނގަޔަކުން ނުބުނެއެވެ. ފުރްގާން އާއި އޭނާގެ އަންހެނުން އާމިނާ ގެ ތަށްޓަށް އެކި ކަހަލަ ހެދިކާ އަޅަމުން ދިޔައެވެ. ސާލާރް ގެ ހިމޭންކަން އޭނާއަށް ރަނގަޅަށް އިހުސާސް ކުރެވެއެވެ.

***

ރޯދަ ވީއްލައިގެން އޭނާ ދިޔައީ ފުރްގާން އާއެކު މިސްކިތަށެވެ. ނަމާދުކޮށްގެން ފުރްގާން ހޮސްޕިޓަލަށް ދާން ޖެހެއެވެ. ކާރާ ދިމާއަށް ދަމުން ފުރްގާން ބުންނެވެ. "ހާދަ ނެގިމަޑުވެފަ."

(ނުނިމޭ) 

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

2 ޚިޔާލު

    • ސާލާރް އެހެން ނުވާނެހެން ހީވަނީ..ރީތިނަމަ
      ރީއްޗޭ ހިތަށް އެރުން އެއީ
      ވަކިކަމެއްދޯ..ދެން އަންނަ ބައިން ވާގޮތެއް ބަލަމާ.ސާލާރް ގެ ކަންތަޢްވެސް ހުރިނެތްގޮތް އެނގިދާނެތާ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.