ފާނޫޒު - 75

(11 އޮކްޓޯބަރ 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޑރ. ސިބްތެ ޢަލީގެ ވާހަކަ އަޑުއަހަމުން ދިޔައިރު އިމާމާގެ މޫނުމަތީގެ ކުލަވަރު ވެސް ބަދަލުވަމުން ދިޔައެވެ. މީގެ އެތައް މަހެއް ކުރިން އޭނާ ވެސް ހީކުރީ އެހެން ކަމަށެވެ. ސާލާރް ސިކަންދަރް ގެ މަޅީގައި ޖެހުނީ އެހެންވެގެންނެވެ.

ސާލާރް އާ އިނދެގެން ނެތް ނަމަ ޑރ. ސިބްތެ ޢަލީގެ ހުށަހެޅުން ގަބޫލުކުރީހެވެ. ރަނގަޅު އާއިލާއެއްގެ ކުއްޖަކާ އިނދެވިއްޖެނަމަ މިހާރު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ލިބޭނެއެވެ. އެކަމަކު މިހާރު އެހީއަކަށް އެދި ދާނެ އެއްވެސް މީހަކު ނެތެވެ. އޭގެ ސަބަބުން ހިތް ނުތަނަވަސްވިއެވެ. މިހެން އުޅެވޭނީ ކިހައި ދުވަހަކު ހެއްޔެވެ؟ ސާލާރް އާ ކުރެވުނު ކާވެންޏަކީ އޭނާގެ ކަރުގައި ޖެހުނު ކަށްޓެކެވެ. އެ ކަށި ނެގޭނެ ގޮތެއްވެސް ނެތެވެ. ދިރުވައިލެވޭކަށް ވެސް ނެތެވެ.

"ނޫން. މީހަކާ ނީންނާނަން."

ޑރ. ސިބްތެ ޢަލީ އަށް ދޭންވީ ޖަވާބު އެނގެއެވެ. ނަމަވެސް އެ ޖަވާބު ދޭނެ ހިތްވަރެއް ނެތެވެ. ހަގީގަތް ހާމަކޮށްފިނަމަ ޑރ. ސިިބްތެ ޢަލީ އޭނާއާ މެދު ދެކޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ އަކީ ދޮގުވެރިއެއް ކަމަށް ހެއްޔެވެ؟ ނުވަތަ މަކަރާއި ޙީލަތުން މިގޭގައި އުޅެނީ ކަމަށް ހެއްޔެވެ؟ ގެއިން ނިކުތީ ސާލާރް އާ ކާވެނިކުރަން ކަމަށް ހެއްޔެވެ؟ އަދި މިގޭގައި އުޅެނީ ދޮގު ހަދައި އޮޅުވާލައިގެން ކަމަށް ހެއްޔެވެ؟ ހަގީގަތް ހާމަކުރުމުން ޑރ. ސިބްތެ ޢަލީ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އެހީތެރިކަން ފޯރުކޮށްނުދީ ގެއިން ނިކުންނަން އަންގާނީ ހެއްޔެވެ؟ ނުވަތަ އޭނާ އެ ގޭގައި އުޅޭކަން އާއިލާއަށް އަންގާނީ ހެއްޔެވެ؟ އޭނާ ޑރ. ސިބްތެ ޢަލީގެ ގޭގައި ތިން މަސް ދުވަހު އުޅެފިއެވެ. ޑރ. ސިބްތެ ޢަލީ އަކީ ހިތްހެޔޮ ޚުލްގު ރަނގަޅު މީހެކެވެ. ނަަމަވެސް އިމާމާއަށް މެދުވެރިވެފައި އޮތް ހާލަތުން އެއްވެސް މީހަކަށް އިތުބާރު ކުރަން ބިރު ގަންނަނީ އެވެ.

އޭނާ ގޮތެއް ނިންމިއެވެ. އެއްވެސް މީހަކަށް އެ ސިއްރު ހާމަ ނުކުރުމަށެވެ.

"ފުރަތަމަ ކިޔެވުން ނިންމާނީ. އެއްވެސް މީހަކަށް ތަކުލީފަކަށް ވާކަށް ބޭނުމެއް ނޫން. ބޭނުންވަނީ ފުރަތަމަ އަމިއްލަ ފައި މައްޗަށް ތެދުވަން. ކާވެންޏެއް ކޮށްގެން މައްސަލަތަކެއް ދިމާވިޔަސް އަމިއްލަ ކަންތައް އަމިއްލައަށް ކުރެވޭނެ މަގެއް ފަހިވެފައި އޮންނާންވާނެ. ކާވެންޏަކަށް ފަހު ކަންތައް ވާނެ ގޮތެއް ނޭނގޭ. ކާވެނި ކުރުމުން ކިޔަވަން ފުރުސަތު ނުލިބިދާނެ." އިމާމާ އޭނާގެ ނިންމުން އިއްވިއެވެ.

"ދަރިފުޅަށް ބޭނުންޖެހޭ ކޮންމެ އިރެއްގައި އަހަރެމެން ތިބޭނަން. ކާވެނި ކުރިޔަސް ދަރިފުޅާ ވަކިވާކަށް ގަސްތެއް ނުކުރަން. މިއުޅެނީ ދަރިފުޅުގެ ކިބައިން ސަލާމަތްވާކަށް ނޫން. ތިއީ މިހާރު އަހަރެންގެ އަމިއްލަ ދަރިއެއް. އަހަރެންގެ ހަތަރުވަނަ އަންހެން ދަރި."

އިމާމާގެ ލޯ ކަރުނައިން ފުރުނެވެ.

"ދަރިފުޅަށް އެއްވެސް މަޖުބޫރުކަމެއް ނެތް. އެއީ ހަމަ ޚިޔާލެއް."

"އަދި ދެ ތިން އަހަރެއް ނިމެންދެން މަޑު ކުރަމާ، އެ ދުވަހަކުން ބައްޕަ ބޭނުން ކޮންމެ މީހަކާ އިންނާނަން." އިމާމާ ބުންޏެވެ. އޭނާގެ ހިތުގައި އޮތީ އެހެން ވާހަކައެކެވެ. "މިވަގުތަށް ހޯދަންވީ ސާލާރް ގެ ކިބައިން މިންޖުވާނެ ގޮތެއް. ވަރި ނެގޭނެ ގޮތެއް ހޯދަންވީ."

"ދަރިފުޅު ކިޔަވަންދާން ބޭނުންވަނީ ކޮން ރަށަކަށް؟" ޑރ. ސިބްތެ ޢަލީ މައުޟޫއު ބަދަލުކުރިއެވެ.

"ކޮންމެ ތަނެއްވެސް މައްސަލައެއް ނެތް. ވަކި ޚާއްސަ ތަނެއް ނެތް." އިމާމާ ބުންޏެވެ.

***

ގެއިން ނިކުމެގެން އައި އިރު އިމާމާ އޭނާގެ ސެޓްފިކެޓް ތަކާއި ލިޔެކިޔުންތައް ގެނައެވެ. އަދި ގެނެވެން އޮތް މިންވަރަކަށް ގަހަނާ ވެސް ގެނައެވެ. ދުވަސްކޮޅެއް ފަހުން ޑރ. ސިބްތެ ޢަލީ މުލްތާން ގައި ހުންނަ ކޮލެޖަކަށް އޭނާ ވެއްދި ވާހަކަ ބުންޏެވެ. އެ ޚަބަރު ލިބުމާއެކު އިމާމާ ކޮޓަރިއަށް ގޮސް ފޮށިން ދަބަހެއް ނެގިއެވެ. ޑރ. ޢަލީގެ ގާތަށް ގޮސް ދަބަހުން ލިޔެކިޔުންތައް ނަގައި އޭނާ އަތަށް ދިނެވެ. އެއަށްފަހު ދަބަހުން ކުޑަ ކޮތަޅެއް ނަގައި މޭޒުމަތީގައި ބެހެއްޓިއެވެ.

"މިއީ އަހަރެންގެ ބައެއް ގަހަނާ. މާ ގިނަ އެއްޗެއް ނެތް. އެހެން ނަމަވެސް މި ވިއްކާލައިގެން ޓިއުޝަން ފީ އަށް ވާ ފައިސާ ލިބިދާނެ." އޭނާ ބުންޏެވެ.

"ނޫން. ދަރިފުޅު މީހަކާ އިންނައިރު ގަހަނާ ބޭނުންވާނެ. ކިޔެވުމުގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ ބައްޕަ. ދަރިފުޅުގެ ހުރިހާ ކަމެއްގެ ޒިއްމާ ބައްޕަ ނަގާނަން." އެހެން ވާހަކަ އެއް ބުނަން އުޅެނިކޮށް އިމާމާގެ އަތުގައި އޮތް ދަބަހުން ދަޅަ އަޅާތަން ޑރ. ސިބްތެ ޢަލީ އަށް ފެނުނެވެ.

ޑރ. ޢަލީ އަށް އެ ފޮރުވައިގެން ގެންގުޅެވުނީތީ އިމާމާ ކުޑަކޮށް ލަދުގަތެވެ. އޭނާ ދަބަހުން ފިސްތޯލަ ނަގައި މޭޒުމަތީގައި ބޭއްވިއެވެ. "މިއީ އަހަރެންގެ ފިސްތޯލައެއް. ގެއިން ގެނައި އެއްޗެއް. ކުރިން ވެސް ބުނިހެން ސާލާރް ގެ އެހީ އަހަންނަށް ބޭނުންވީ. އޭނާއަކީ ވަރަށް ނުލަފާ މީހެއް..." އެއަށްވުރެ އިތުރު މައުލޫމާތެއް ދޭކަށް އޭނާ ގަސްތެއް ނުކުރިއެވެ.

"ފިސްތޯލަ ބޭނުންކުރަން އެނގޭތަ؟"

އިމާާމާ ހީނލިއެވެ. "އާނ. އަހަރެން ކޮލެޖުގައި އުޅުނު އިރު ތަމްރީނުތަކެއް ހެދިން. އަހަރެންގެ ބޭބެ ވަސީމް އަކީ 'ރައިފަލް ޝޫޓިންގ ކްލަބް' ގެ މެންބަރެއް. އޭނައާއެކު އެތަނަށް ވެސް ދަން. ބައްޕަ ގާތު އާދޭސް ކޮށްގެން ގަނެދިން އެއްޗެއް މީ. ރަން ޕްލޭޓު އެއްޗެއް."

ޑރ. ސިބްތެ ޢަލީ ފިސްތޯލަ ނެގިއެވެ. "މީގެ ލައިސަންސް އެއް އޮވޭތަ؟" އޭނާ އެހިއެވެ.

"އާނ. އެކަމަކު ނުގެންނަން."

"މުލްތާން އަށް ދާއިރު މި ނުގެންދާތި. ގަހަނާތައް ތިޖޫރީގައި ބަހައްޓަމާ."

އިމާމާ ބޯ ޖަހައިލިއެވެ.

***

އޭގެ ދުވަސްކޮޅެއް ފަހުން އިމާމާ މުލްތާން އަށް ދިޔައެވެ. މިއީ ދުވަހަކު ދާން ޚިޔާލަށް ވެސް ގެނައި ތަނެއް ނޫނެވެ. ހީނުކުރާ ކިތަންމެ ކަމެއް ކުރިމަތިވެއްޖެއެވެ. އުމުރުން ވިހި އަހަރުގައި އަލުން ކިޔަވަން ފަށާނަމޭ ދުވަހަކުވެސް ހިތަކަށް ނާރައެވެ. މި އުމުރަކީ އެހެން ކުދީން ޑިގްރީ ނިންމާ އުމުރެވެ. އޭނާ ޑިގްރީ ފަށަނީ އެވެ. ބެޗެލަރ އޮފް ސައެންސް އިންނެވެ.

ޑޮކްޓަރަކަށް ވުމުގެ ޚިޔާލު ދޫކުރަން ޖެހިދާނެއޭ އޭނާގެ ހިތަކަށް ދުވަހަކުވެސް ނާރައެވެ.

މައިންބަަފައިންނަށް އޭނާގެ ފަރާތުން ހިތްދަތިކަން ތަހައްމަލުކުރަން ޖެހިދާނެއޭ އޭނާގެ ހިތަކަށް ދުވަހަކުވެސް ނާރައެވެ.

ޖަލާލް ނޫން އެހެން ފިރިހެނަކު އޭނާގެ ހަޔާތަށް އަތުވެދާނެއެކޭ އޭނާގެ ހިތަކަށް ދުވަހަކުވެސް ނާރައެވެ.  

އިންނާން ބޭނުންވީ މީހާއާ ނީނދެވުނަސް ސާލާރް ކަހަލަ ވިޔާނުދާ މީހަކާ ކާވެނިކުރާނަމެކޭ ވެސް އޭނާގެ ހިތަކަށް ނާރައެވެ. ސާލާރް އާ އިނީ އަމިއްލަ އިޚްތިޔާރުގައި، އަމިއްލައަށް ބޭނުންވެގެންނެވެ.

އާއިލާގެ ރައްކާތެރިކަމާއި އަރާމު ދިރިއުޅުން ދޫކޮށް ޑރ. ސިބްތެ ޢަލީ ފަދަ ހިތްހެޔޮ ޢާއިލާ އާއެކު ދިރިއުޅެން ޖެހިދާނެއެކޭ ވެސް އޭނާގެ ހިތަކަށް ނާރައެވެ.

އޭނާއަކަށް ބޭރުތެރޭގައި ކަންހިނގާ ގޮތެއް މިހާރަކު ނޭނގެއެވެ. އެނގޭކަށްވެސް ބޭނުމެއް ނޫނެވެ. ގެއިން ނިކުމެގެން އައިއިރު ދުޢާކުރީ ރައްކާތެރިކަން ލިބުމަށް އެދިއެވެ. ހާލުގައި ނުޖެހި އުޅެވޭނެ ގޮތެއް ފަހިވުމަށް އެދިއެވެ. ދިމާވާނެ ދަތިތައް ތަހައްމަލު ކުރާނެ ހިތްވަރާއި ވާތްގަށް އެދިއެވެ.

އާއިލާގެ ހިމާޔަތުގައި އުޅުނު އިރު މެޑިކަލް ކޮލެޖު ނިންމުމަށް ފަހު އިނގިރޭސިވިލާތަށް ގޮސް ލޮލުގެ ޚާއްޞަ ޑޮކްޓަރަކަށް ވުމަށް އޭނާ އަޒުމް ކަނޑައެޅިއެވެ. އޭނާއަކަށް ފައިސާގެ ދަތިކަމެއް ނެތެވެ. ހާޝިމް މުބީންގެ ދަރިއަކަށް ވީތީ މީހުންގެ އިހްތިރާމާއި ލޯބި ލިބުނެވެ.

އޭނާގެ ހިތުގައި ކުރިން އޮތް އެއްވެސް ބިރުވެރިކަމެއް މިހާރަކު ނެތެވެ. ލާހޯރަށް އޭނާ ގޮވައިގެން އައީ ސާލާރް ސިކަންދަރް އެވެ. އޭނާއަށް ޙިމާޔަތް ދިނީ ޑރ. ސިބްތެ ޢަލީ އެވެ. އަމިއްލައަށް ވިސްނަންޖެހޭ އެއްވެސް ކަމަކާ އެގެއިން އޭނާ އަށް ކުރިމައްޗެއް ނުވެއެވެ. ހުރިހާ ކަމެއް ބަލަހައްޓަނީ ޑރ. ސިބްތެ ޢަލީ އެވެ. އޭނާގެ ނަން ބަދަލުކުރުމާއި، މުލްތާންގެ ކޮލެޖަކަށް ވެއްދުމާއި، އެތަނުގެ ހޮސްޓެލް އިން ޖާގަ ހޯދުމާއި، ކިޔެވުމުގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ ޑރ. ސިބްތެ ޢަލީ އެވެ. އެ ހުރިހާ ކަމަކަށް އޭނާ ޝުކުރުވެރި ވެއެވެ.

***

އިމާމާ މުލްތާން އަށް ދިޔައެވެ. މިއީ މުޅިން އާ ފެށުމެކެވެ. ދަތި ދިރިއުޅުމެކެވެ. ހޮސްޓެލްގައި އޭނާ އިންނަނީ އެކަނިވެރި ވެފައެވެ. ބައެއްފަހަރު އާއިލާ މަތިން ވަރަށް ހަނދާންވެއެވެ. އެފަދަ ދަނޑިވަޅުގައި އެނބުރި ގެއަށް ދިއުމުގެ ޚިޔާލު އާދެއެވެ. ކަމަކާ ނުލައި އެހެން ހުރެފައި ރޮވުމަކީ އާދައަކަށް ވެއްޖެއެވެ. ޖަލާލް އަންޞާރަށް ގުޅަން ބޭނުންވެއެވެ. ޖަލާލް މަތިން އަދިވެސް ވަރަށް ހަނދާންވެއެވެ.

އޭނާއާއެކު ކޮލެޖުގައި ކިޔަވާ ގިނަ ކުދީންނަކީ މެޑިކަލް ކޮލެޖަކަށް ދިއުމުގެ އަޒުމުގައި ތިބި ކުދީންނެވެ. އެކުދީންނަކީ މެޑިކަލް ކޮލެޖަށް ވަދެވޭ ވަރަށް ވުރެ ދަށުން މާކްސް ލިބުނު ކުދީންނެވެ. އެ ކުދީންވެސް މިހާރު އެކިޔަވަނީ ބެޗެލަރ އޮފް ސައެންސް ޑިގްރީ އެއް ހާސިލުކުރުމަށެވެ.

"މެޑިކަލް ކޮލެޖު... ޑޮކްޓަރު..." އެއިން ކޮންމެ ލަފުޒަކީ އޭނާގެ ހިތަށް ހެރޭ ތޫނު ހަންޖަރެއް ފަދައެވެ. އިމާމާ އޭނާގެ އަތްތިލައިގައި ހުންނަ ރޮނގުތަކަށް ބަލަން އެތައް އިރަކު އިނދެއެވެ. އޭނާ ހާސިލުކުރަން ބޭނުންވީ އެއްވެސް ކަމެއް ހާސިލެއް ނުވެއެވެ. ތަގްދީރުގައި ލިޔެވިފައި ވަނީ ކޯޗެއްކަމެއް އޭނާއަކަށް ނޭނގެއެވެ. ޖުވައިރިއްޔާ އާއެކު ދެކެވުނު ވާހަކަ ވަރަށް ގިނައިން ހަނދާނަށް އާދެއެވެ.

"ޑޮކްޓަރަކަށް ނުވެވިއްޖެނަމަ، ދިރިއުޅުމުގައި އަހަރެން ހާޞިލުކުރަން ބޭނުންވާނެ އިތުރު ކަމެއް ނޯންނާނެ... އަހަރެން މަރުވެދާނެ." އިމާމާ ބުނެއެވެ. އެކަމަކު އޭނާ މަރެއް ނުވެއެވެ. އޭނާ އެހެރީ ދިރި، ހެޔޮ ހާލުގައެވެ.

"އަހަރެން ވާނީ ޕާކިސްތާނުގައި ހުރި އެންމެ މަގްބޫލު ލޮލުގެ ޑޮކްޓަރަށް." 

އެއީ ހުވަފެނެކެވެ. އޭނާ ހާސިލުކުރަން ބޭނުންވީ ހުރިހާ ކަމެއްވެސް އަދި އޮތީ ބިލާހެއްގެ ގޮތުގައެވެ.

އޭނާގެ އަމިއްލަ ގެއެއް ނެތެވެ.

އޭނާގެ އާއިލާ އެއް ނެތެވެ.

އަސްޖަދަކީ އޭނާގެ މީހެއް ނޫނެވެ.

އޭނާ އަކަށް ޑޮކްޓަރަކަށް ނުވެވޭނެއެވެ.

ޖަލާލް އަކީ އޭނާގެ މީހެއް ނޫނެވެ.

އެންމެ ރާޅު ބާންޏަކުން ދިރިއުޅުމުގެ އަރާމާއި ލައްޒަތު ގެއްލުނެވެ. އަމިއްލަ އަށް ކަންކަން ނިންމައި އަމިއްލަ ފައި މައްޗަށް ތެދުވެވިދާނެއެކޭ އިމާމާގެ ހިތަކަށް ދުވަހަކުވެސް ނާރައެވެ. އެހެން ނަމަވެސް މިހާރު ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކާ ކުރިމަތިލުމުގެ ހިތްވަރު އޭނާއަށް ލިބިއްޖެއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް އާއިލާ މީހުންނާއި އެކުވެރީންގެ ހަނދާންތައް ފަނޑުވަމުން ދިޔައެވެ. އޭނާއަށް ދިމާވާ ހުރިހާ ކަމެއްގައި ޑރ. ސިބްތެ ޢަލީ އާއި އޭނާގެ އާއިލާ އެހީވެއެވެ. މަހަކު އެއްފަހަރު އޭނާ ޑރ. ޢަލީގެ އާއިލާއަށް ޒިޔާރަތްކުރެއެވެ. އޭނާ އަކީ އެ އާއިލާގެ މެންބަރެކެވެ. "އެ މީހުންނާ ދިމާނުވީނަމަ ދެން ކަންތައް ވީހީ ކިހިނެއްހެއްޔެވެ؟" އެއީ އިމާމާގެ ހިތުގައި އަބަދުމެ އޮންނަ ސުވާލެވެ.

***

މުލްތާންގައި އުޅުނު އިރުވެސް ސާލާރް ގެ މަތިން ހަނދާން ނައްތައެއް ނުލެވުނެވެ. ސާލާރް އަށް ގުޅައި އަލުން ވަރިއަށް އެދެން އޭނާ ބޭނުންވިއެވެ. ސާލާރް އެއްބަސްނުވެއްޖެނަމަ ޑރ. ސިބްތެ ޢަލީ އަށް ހުރިހާ ވާހަކައެއް ކިޔައިދޭނީއެވެ. އިމްތިހާނު ނިމުމުން ޕަބްލިކް ފޯނު އޮފީހަކަށް ގޮސް އޭނާ ސާލާރް އަށް ގުޅިއެވެ.

ސާލާރް ދީފައި އޮންނަ މޯބައިލް ފޯނު ބޭނުންކުރުން ހުއްޓާލިތާ މިހާރު ކިތަންމެ ދުވަހެކެވެ. އެހެންކަމުން ސާލާރް މިހާރު ބޭނުންކުރަނީ އެ ނަންބަރު ނޫންކަމެއް ވެސް ނޭނގެއެވެ. ނުވަތަ މީގެ ދެ އަހަރު ކުރިން އޭނާއަށް ދިން ނަންބަރަށް ވެސް ވެދާނެއެވެ. ވަރަށް އުއްމީދާއެކު އޭނާ އެ ދެ ނަންބަރަށް ވެސް ގުޅިއެވެ. ދެ ނަންބަރުން ކުރެ ނަންބަރަކުން ފޯނެއް ނުނަގައެވެ. ސާލާރް އާ ނަންބަރެއް ނެގީ ކަމަށް ވެދާނެއެވެ. ސާލާރް އާ ގުޅޭނެ އެހެން ގޮތެއް ނެތުމުން އޭނާ އެ ގެއަށް ގުޅިއެވެ. ފޯނު ނެގީ އަންހެނެކެވެ.

"ހެލޯ."

"ހެލޯ. ސާލާރް އާ ގުޅިދާނެތަ؟" އިމާމާ އެހިއެވެ.

"ސާލާރް ސާހިބް... ތީ ކާކު؟"

ފޯނު ނެގި މީހާއަށް ޝައްކުވެއްޖެކަން އިމާމާއަށް އެނގުނެވެ. އެއީ އޭނާ ދަންނަ އަޑެކެވެ. އެކަމަކު ކާކުކަމެއް ނޭނގުނެވެ. އިމާމާ އިތުރު އެއްޗެކޭ ބުނުމުގެ ކުރިން އެމީހާ ވާހަކަދެއްކިއެވެ. "އިމާމާ ކޮއްކޮ... ތީ އިމާމާ ކޮއްކޮތަ؟"

އިމާމާގެ ހިތަށް ބިރުވެރިކަން ވަނެވެ. އޭނާ އަވަސްއަވަހަށް ފޯނު ބޭއްވިއެވެ. ފޯނު ނެގީ ކާކުހެއްޔެވެ؟ އެ މީހަކަށް އެހައި ފަސޭހައިން އޭނާގެ އަޑު އެނގުނީ ކިހިނެއް ހެއްޔެވެ؟ ހުރި ތަނުން ގުޑައިލަންވެސް އޭނާއަކަށް ނުކެރުނެވެ. އޭނާގެ އަތް ތުރުތުރު އަޅައެވެ. ފޯނު ބޫތު ތެރޭގައި އިށީނދެ އިނދެ ހަމައަކަށް އެޅެން މަސައްކަތް ކުރިއެވެ.

"ބިރުގަންނަންވީ އެއްވެސް ކަމެއް ނެތް. މީ އިސްލާމްއާބާދް އާ އެތައް މޭލެއް ދުރުގައި އޮތް ރަށެއް. އެކަކަށް ވެސް އަހަރެން ނުހޯދޭނެ." ފުން ނޭވާއެއް ލާފައި އޭނާ ތެދުވިއެވެ. އަދި އޮޕަރޭޓަރު ގާތު އަލުން އެ ނަންބަރަށް ގުޅައިދިނުމަށް އެދުނެވެ.

ފޯނަށް ޖަވާބުދިނީ ފިރިހެނެކެވެ. އެއީ ސާލާރް ނޫންކަން އޭނާއަށް އެނގެއެވެ.

"ސާލާރް އާ ގުޅިދާނެތަ؟" އޭނާ އެހިއެވެ.

"ތީ އިމާމާ ހާޝިމް ތަ؟" އެއީ އިމާމާއަށް ބީރައްޓެހި އަޑެކެވެ.

"އާނ..." އިމާމާ ސާބިތުކަމާއެކު ޖަވާބު ދިނެވެ.

"ސާލާރް އާ ގުޅިދާނެތަ؟" އިމާމާ އަނެއްކާވެސް އެހިއެވެ.

"ތި ކަމެއް ނުވާނެ." އެ މީހާ ބުންޏެވެ.

"އެއީ ކީއްވެ؟"

"އޭނާ... އޭނާ މި ދުނިޔެ ދޫކޮށްފި."

"ކީކޭ؟ ސާލާރް... ސާލާރް މަރުވީތަ؟" އިމާމާ އެހިއެވެ.

"އާނ..."

"ކޮން އިރަކު..."

އެތައް އިރަކު އަނގައިން ނުބުނެ ހުރެފައި އެމީހާ ވާހަކަ ދެއްކިއެވެ.

"އެންމެ ފަހުން އޭނާއާ ގުޅުނީ ކޮން އިރަކު؟"

"މީގެ އަހަރުތަކެއް ކުރިން... ދެ އަހަރާއި ހަަމަސް ދުވަސް ކުރިން."

"އޭނާ މަރުވީ މީގެ އަހަރެއް ކުރިން... ތީ..."

އިމާމާ ފޯނު ބޭއްވިއެވެ. އިތުރު ވާހަކައެއް އަޑުއެހުމުގެ ބޭނުމެއް ނެތެވެ. އޭނާ އަކީ މިނިވަނެކެެވެ. މީހެއްގެ މަރުގެ ޚަބަރު ލިބުމުން އުފާކުރުމަކީ ކޮށްގެންވާނޭ ކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. އެކަމަކުވެސް އޭނާ އުފަލުން ފޮޅުނެވެ. ވަރިއަށް އެދުމުން ވަރި ކުރި ނަމަ ސާލާރްގެ މަރުގެ ޚަބަރު ލިބުމުން އޭނާ ދެރަވާނެ ކަމާމެދަކު ޝައްކެއް ނެތެވެ. ދެ އަހަރު ފަހުން އޭނާގެ ހިތަށް ލުޔެއް ލިބުނެވެ. މިނިވަންކަމުގެ އިހުސާސް ކުރެވުނެވެ. ޑރ. ސިބްތެ ޢަލީ އާ އެ ވާހަކަ ދެއްކުމުގެ ބޭނުމެއް މިހާރަކު ނެތެވެ. އެއީ ހޮސްޓެލްގައި އޭނާ ހޭދަކުރާ އެންމެ ފަހު ދުވަހެވެ. ސާލާރްގެ ފާފަ ފުއްސަވައި ފުރާނައަށް ރަޙްމަތް ލެއްވުން އެދި އެ ރޭ އޭނާ ދުޢާކުރިއެވެ. ސާލާރްގެ މަރުގެ ޚަބަރު ލިބުމުން އޭނާ ސާާލާރް އަށް މާފު ކޮށްފިއެވެ. މިނިވަން ވުމުން ބަޔާންކުރަން ނޭނގޭ ވަރަށް އޭނާ އުފާވިއެވެ.

***

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.