ފާނޫޒު - 73

(8 އޮކްޓޯބަރ 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ) 

"ޞަބީޙާ މެންގޭގަ. ޞަބީހާ އާއި އާއިލާ ވީ ޕިޝާވަރުގައި." ޞަބީހާ އާ ގުޅުނު ވާހަކައެއް މަރިޔަމް ގާތު އިމާމާ ނުބުނެއެވެ.

"ތިގޭގަ މަޑުކުރޭ. ކާރު އެބަފޮނުވަން. ދެން ކަންތައް ކުރަންވީ ގޮތެއް ބައްޕަ ގާތު އަހައިލާނަން."

އިމާމާ ފޯނު ބޭއްވިއެވެ. ސާލާރް ގެ ފޯނުން މަރިޔަމް އަށް ގުޅޭގޮތް ނުވީ ރަނގަޅު އިއްތިފާގަކަށެވެ. އޭނާގެ ފޯނުން ގުޅުނު ނަމަ ފޯނު ކުންފުނި މެދުވެރިކޮށް ޑރ. ސިބްތެ ޢަލީ ގެ ގެއަށް އޭނާ ގުޅިކަން ސާލާރް އަށް އެނގޭނެއެވެ. ލާހޯރަށް އައިފަހުން އަދި އެންމެ ފަހަރަކުވެސް އޭނާ ސާލާރްގެ ފޯނު ބޭނުމެއް ނުކުރެއެވެ.

އިމާމާ ބަލައި މަރިޔަމް ގެ ގެއިން ފޮނުވީ ޑރ. ސިބްތެ ޢަލީގެ އޮފީސް ކާރެވެ. މިއީ ވެސް ނަސީބުވެރި އިއްތިފާގެކެވެ. މަރިޔަމްގެ އަމިއްލަ ކާރު އައިނަމަ ދޮރުވާނަށް އެއީ މަރިޔަމްގެ ކާރުކަން އެނގޭނެއެވެ. ޑރ. ސިބްތެ ޢަލީގެ ކާރުވެސް އަދި ޑްރައިވަރު ވެސް ދޮރުވާނަކަށް ނޭނގެއެވެ. އެެހެންކަމުން ޞަބީޙާގެ ގެއިން އޭނާ ދިޔައީ ކޮންތަނަކަށް ކަމެއް އެއްވެސް މީހަކަށް ނުހޯދޭނެއެވެ.

***

ބައިގަޑިއެއްހައި އިރު ފަހުން ކާރެއް އައި ވާހަކަ ނޯކަރު އޭނާ ގާތު ބުންޏެވެ. އިމާމާ ދަބަސް ނެގިއެވެ.

"ދަނީތަ؟"

"އާނ."

"އެކަމަކު ޞަބީޙާ ކޮއްކޮ ބުނި މިގޭގަ އޭ ހުންނާނީ."

"ނޫން. ދަނީ. ޞަބީހާ ގާތު ބުނޭ އަހަރެން ހިނގައްޖެއޭ." ދަނީ ކޮންތަނަކަށް ކަމެއް ނުބުނެ އޭނާ ކާރަށް އެރިއެވެ.

***

މީގެ ކުރިން ދުވަހަކުވެސް އޭނާ މަރިޔަމް ގެ ގެއަކަށް ނުދެއެވެ. އެހެން ކަމުން އެ ގެއަށް ދިޔުމުން އެ ގޭ މީހުން ކަންތައް ކުރާނެ ގޮތެއް ނޭނގެއެވެ. އެެހެން ނަމަވެސް އެތަކެއް ސުވާލާ ކުރިމަތިވާނޭ ކަން އެނގޭތީ އެ ސުވާލުތަކަށް ތައްޔާރުވިއެވެ. ނަަމަވެސް އެގެއަކުން އޭނާ އާ އެއްވެސް ސުވާލެއް ނުކުރެއެވެ.

"މިހާރު ހުންނާނީ ވަރަށް ބަނޑުހައިވެފަ. އަހަރެމެން އެންމެން ހެނދުނުގެ ނާސްތާ ކޮށްފިން. "މަރިޔަމް އެންމެ ފުރަތަމަ ވެސް ބުނި ވާހަކައަކީ އެއީ އެވެ. މަރިޔަމް އޭނާ ގޮވައިގެން ގޭތެރެއަށް ވަދެ އޭނާގެ މައިންބަފައިންނަށް އިމާމާ ތައާރަފްކޮށްދިނެވެ. ޑރ. ސިބްތެ ޢަލީ އާއި އޭނާގެ އަންހެނުން އިމާމާ ބަލައިގައތީ ލޯތްބާއެކުއެވެ. އޭނާގެ މޮޅިވެފައިވާ މޫނު ފެނުމުން އެ މީހުންނަށް ވެސް އަސަރުކުރިއެވެ.

"ބައްޕަ ސައި ތައްޔާރުކުރާނަން. ދަރިފުޅު ދޭ އިމާމާއަށް ކޮޓަރި ދައްކާލަން. މޫނު ދޮވެ ތާޒާ ވެލަންވާނެއެއްނު." ޑރ. ސިބްތެ ޢަލީ އޭނާގެ ދަރިފުޅު ގާތު ބުންޏެވެ.

އިމާމާ ފެންވަރައިގެން އައި އިރު ހުރީ ސައި ތައްޔާރުކޮށްފައެވެ. އިމާމާ ހިމޭނުން އިނދެ ނާސްތާ ކުރިއެވެ. ސައި ބޮއި ނިމުމުން ޑރ. ސިބްތެ ޢަލީ ބުންޏެވެ. "އިމާމާ، ދޭ ނިދާލާން. އަހަރެން މި ދަނީ އޮފީހަށް. އޮފީހުން އައިސް ވާހަކަ ދައްކާނީ." ޑރ. ޢަލީ ބުންޏެވެ.

ކޮޓަރިއަށް ގޮސް މަރިޔަމް އިމާމާއާ ވާހަކަ ދައްކަން ފެށިއެވެ. "ތިހިރީ ވަރުބަލިވެފައެއްނު. ނިދާލާ. ނިދާ ބޭސްގުޅައެއް ގެނެސްދެންތަ؟ އޭރުން އަރާމުކޮށް ނިދާލެވޭނެ. "މަރިޔަމް ކޮޓަރިން ނުކުތެވެ.

އޭނާ އެނބުރި އައި އިރު ފެން ތަށްޓަކާ ބޭސްގުޅައެއް ގެނައެވެ. "ބޭސްގުޅަ ކާލަބަލަ." އެހެން ބުނެފައި އިމާމާގެ ހިތް ހަމަޖައްސައިދިނުމުގެ ގޮތުން މަރިޔަމް ބުންޏެވެ. "މީ އިމާމާގެ ވެސް ގެ. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ. " ދޮރުފޮތި ކަހާލުމަށްފަހު ކޮޓަރީގެ ބޮކިތައް ނިވާލާފައި އޭނާ ބޭރަށް ނުކުތެވެ.

ގަޑިން ހެނދުނު ނުވައެއް ޖެހީއެވެ. ނަމަވެސް ދުންފިނީގެ ސަބަބުން ކޮޓަރިތެރެ އޮތީ ހިސާބަކަށް އަނދިރިކޮށެވެ. އިމާމާ ނިދާ ބޭސްގުޅަ ކެއެވެ. ބޭސް ނުކައި ރަނގަޅަށް ނުނިދޭނެކަން އޭނާއަށް އެނގެއެވެ. އެހެން ނޫނީ އޭނާގެ ހަށިގަނޑަށް ލިބިފައިވާ ލޮޑުކަން ނުފިލާނެއެވެ.

ނިދަން އޮށޯވެ އިރުކޮޅެއް ވީއިރު ބޭސްގުޅައިގެ އަސަރުކުރާން ފެށިއެވެ. އިރުކޮޅަކުން އޭނާ ނިދުނެވެ.

***

އޭނާއަށް ހޭލެވުނު އިރު ކޮޓަރިތެރެ އޮތީ މުޅިން އަނދިރިވެފައެވެ. އެނދުން ތެދެވެގެން ގޮސް ސުވިޗު ހޯދައިގެން ބޮކި ދިއްލިއެވެ. ފާރުގައި ހުރި ގަޑި ބަލައިލިއިރު ރޭގަނޑު އެގާރަގަޑި ބައި ވީއެވެ. އެހައި ގިނަ އިރު ނިދުނީ ބޭސްގުޅައިގެ ސަބަބުން ކަމެއް، ނުވަތަ އެތައް ދުވަހެއް ވަންދެން ވެފައި ހުރި ވަރުބަލީގެ ސަބަބުން ކަމެއް ނޭނގެއެވެ. ކޮންމެ ސަބަބަކާ ހެދި ވިޔަސް އެތައް ދުވަހެއް ފަހުން މިހާރު އޭނާ އެހެރީ މުޅިން ތާޒާވެފައެވެ. އިމާމާ ހުރީ ބަނޑުހައިވެސް ވެފައެވެ. ގޭގެ އެކަކުވެސް ހޭލާ އުޅޭ ކަމެއް ނޭނގެއެވެ. އޭނާ ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވައިލިއެވެ. ސިޓިން ރޫމުގައި ޑރ. ސިބްތެ ޢަލީ ފޮތެއް ކިޔަން އިނެވެ. ދޮރު ހުޅުވި އަޑަށް އޭނާ ބަލައިލިއެވެ.

"ރަނގަޅަށް ނިދާލެވުނުތަ؟" ހިނިތުންވުމާއެކު އޭނާ އެހިއެވެ.

"އާނ." ހިނިތުންވާން މަސައްކަތް ކުރަމުން އިމާމާ ބުންޏެވެ.

"ދެން ހަދަންވީ ގޮތަކީ... އެހެރަ ދޮރު ފެނޭތަ؟ އެއީ ބަދިގެއަށް ވަންނަ ދޮރު. ކާއެއްޗެހި ހުންނާނެ އައިސްއަލަމާރީގައި. ބަދިގެ އަށް ވަދެ އެ ހޫނުކޮށްގެން ކައި. ކައި ނިމިގެން ދެ ތަށި ސައި ގިރައިގެން އާދޭ."

ސުވާލެއް ވެސް ނުކޮށް ޑރ. ޢަލީ އިރުޝާދު ދިން ގޮތަށް އިމާމާ ކަންތައް ކުރިއެވެ. ކައި ނިމިގެން ސައި ގެނައުމުން ޑރ. ޢަލީ އޭނާ ކިޔަން އިން ފޮތް އެއްފަރާތެއްގައި ބޭއްވިއެވެ. އިމާމާ ތަބަކުން ސައިތަށްޓެއް ނަގައި ޑރ. ސިބްތެ ޢަލީ އަށް ދިއްކޮށްލިއެވެ. އަދި އަނެއް ސައި ތަށި ހިފައިގެން ޑރ. އަލީގެ ކުރިމަތީގައި ހުރި ސޯފާގައި އިށީނެވެ.

"ވަރަށް މީރު." ސައި ކޯވަރެއް ބޯ ލަމުން ޑރ. ޢަލީ ބުންޏެވެ.

އިމާމާ އިނީ ހާސްވެފައެވެ. އެހެންކަމުން ޑރ. ޢަލީ ތައުރީފުކުރުމުން ވެސް ހިމޭނުން އިނީއެވެ.

"އިމާމާ، ތީ ވަރަށް ރަނގަޅު ނިންމުމެއް. ތިކަހަލަ ނިންމުމެއް ނިންމޭނީ ވަރަށް ހިތްވަރު ހުރެގެން. ތިގޮތުގައި ދެމިހުރުމުގެ ހިތްވަރުވެސް ހުންނަންވާނެ. މިބުނި އެއްޗެއްގެ މާނަ އެނގޭނެ އަދި ފަހުން." ޑރ. ސިބްތެ ޢަލީ އިމާމާ އާ ވާހަކަ ދެއްކީ އޯގާތެރިކަމާއި ވިސްނުންތެރި ކަމާއެކުއެވެ.

"އެއް ކަމެއް ސާފުކޮށްލަން ބޭނުން." ޑރ. ޢަލީ ވާހަކަ ކުރިއަށް ގެންދިޔައެވެ. ތި ނިންމުމަކީ ހަމައެކަނި ދީނީ ހަމައިން ނިންމި ނިންމުމެއްތޯ ނުވަތަ ތި ނިންމުމުގެ ފަހަތުގައި އެހެން ކަމެއް އޮތްތޯ."

އިމާމާ އޭނާއަށް ބަލަން އިނެވެ.

އިމާމާ އެ ސުވާލަށް ޖަވާބު ނުދިނުމުން ޑރ. ސިބްތެ ޢަލީ އަނެއްކާވެސް އޭނާގެ ވާހަކައާއިގެން ކުރިއަށް ދިޔައެވެ. "އަހަރެން މި ބުނި އެއްޗެއް ނޭނގުނީ ކަމަށްވެދާނެ. މިބުނީ ތި ނިންމުމުގެ ފަހަތުގައި އެއްވެސް ފިރިހެނަކު ވޭތޯ. އަދި ދީން ބަދަލުކޮށް ގެއިން ނިކުންނަން އޭނާ ނުފޫޒެއް ފޯރުވިތޯ."

އިމާމާގެ ޖަވާބަކަށް މަޑުކުރުމެއް ނެތި މިފަހަރު އޭނާ ވާހަކަ ދެއްކިއެވެ. "އެހެންކަމަށް ވިޔަސް އަހަރެންގެ މައްސަލައެއް އޮތީ އެއް ނޫން. އެހެން އަހަން ޖެހުނީ އޭރުން އޭނާ އާއި އޭނަގެ އާއިލާ އާއި ބައްދަލުކޮށް ވާހަކަ ދެއްކުމަކީ އަހަރެން ކުރަންޖެހޭ ކަމެއް ކަމަށް ވާތީ."

ސާލަރް އާ ކާވެނި ނުކޮށް މަރިޔަމް އާ ގުޅުނު ނަމައޭ އިމާމާ ގެ ހިތަށް އެރިއެވެ. ޑރ. ސިބްތެ ޢަލީ ޖަލާލް އާ ވާހަކަ ދެއްކިނަމަ... އޭނާ އެ ޚިޔާލު ދޫކޮށްލިއެވެ.

"ނޫން. ތިކަހަލަ ކަމެއް ނެތް." އޭނާ ބުންޏެވެ.

"ޔަގީންތަ؟" ޑރ. ޢަލީ އެހިއެވެ.

"އަހަރެން ދީން ބަދަލުކުރީ ފިރިހެނެއްގެ އަވައިގައި ޖެހިގެނެއް ނޫން." އިމާމާ ބުންޏެވެ. އޭނާ އިސްލާމް ދީން ޤަބޫލުކުރީ ޖަލާލް އަންޞާރް އަށްޓަކައެއް ނޫނެވެ.

"ތި ނިންމުމުގެ ސަބަބުން ކުރިމާތިވާނޭ ކަންކަން އެނގޭތަ؟" އެއީ ޑރ. ޢަލީގެ ދެވަނަ ސުވާލެވެ.

"އެނގޭ."

"އަހަންނަށް އިމާމާގެ ބައްޕަ، ހާޝިމް މުބީން ވަރަށް ރަނގަޅަށް އެނގޭ. އޭނާއަކީ މުޖްތަމައުގައި ގަދަރުވެރި މީހެއް. ދީން ބަދަލުކުރުމަކީ ދަރިފުޅުގެ ބައްޕަ އަށް ބަލައިގަންނަން ފަސޭހަކަމަކަަށް ނުވާނެ. އެހެންވީމާ ދަރިފުޅު ހުރިތަނަކުން ހޯދައިގެން ގެއަށް ގެންދަން ކުރަންޖެހުނު ކޮންމެ ކަމެއް އޭނާ ކުރާނެ."

"އަހަރެން އެނބުރި އެގެއަކަށް ނުދާނަން. މިއީ ވަރަށް ފުންކޮށް ވިސްނާފައި ނިންމި ނިންމުމެއް." އިމާމާ ސާބިތު ކަމާއެކު ބުނެލިއެވެ.

"ތިއިނީ ގެއިން ނިކުމެގެން އައިސް. ކުރިއަށް އޮތް ފިޔަވަޅަކީ ކޮބާ؟"

ޤާނޫނުން ޙިމާޔަތް ހޯދަން ޑރ. ޢަލީ ބުނެފާނެތީ އޭގެ ކުރިން އިމާމާ ޖަވާބު ދިނެވެ. "އަހަރެން ކޯޓަކަށް ނުދާނަން. އާއްމުންގެ ސަމާލުކަން ބޭނުމެއް ނޫން. ކޯޓަށް ހިނގައްޖެނަމަ ކަންތައް ވާނެ ގޮތް ވަރަށް ރަނގަޅަށް އެނގޭނެކަން ޔަގީން." އިމާމާ ބުންޏެވެ.

"އެހެންކަމަށް ވާނަމަ ކިހިނެއް ހަދަން ތި ގަސްތުކުރަނީ؟" ޑރ. ޢަލީ އެހިއެވެ. "ތިގޮތަށް ފިލައިގެން އައިސް ހުރެ މެޑިކަލް ޑިގްރީ ވެސް ނުނިންމޭނެ. އެކަން އެނގެއެއްނު؟"

"އެކަން އެނގޭ." މޭޒުމަތީގައި ޖޯޑު ބަހައްޓަމުން އޭނާ ބުންޏެވެ. "އަހަންނަށް އަމިއްލައަކަށް ޓިއުޝަން ފީ ވެސް ނުދެއްކޭނެ."

"އެހެން މެޑިކަލް ކޮލެޖަކަށް ބަދަލުވުން ކިހިނެއްވާނެ؟"

"ނޫން. ބަދަލެއް ނުވެވޭނެ. ޢާއިލާ އިން އެންމެ ފުރަތަމަ ވެސް ވިސްނުން ބަހައްޓާނީ އަހަރެން އެހެން ކޮލެޖަކަށް ހިނގައިދާނެ ކަމަށް. ހުރިހާ މެޑިކަލް ކޮލެޖެއް ބަލައި ފާސްކުރާނެ."

"ދެން...؟"

'ބެޗެލަރ އޮފް ސައެންސް ކޯހަކަށް ވަންނަން ބޭނުން. އެހެން ކޮލެޖަކަށް. ލާހޯރް އިން ބޭރުގައި ހުރި ކޮލެޖަކުން. ނަން ބަދަލުކުރަން ވެސް ބޭނުން."

ޑރ. ޢަލީ ވަގުތުން ޖަވާބެއް ނުދެއެވެ. އިރުކޮޅަކު ވިސްނަން އިނދެފައި އޭނާ ވާހަކަ ދެއްކިއެވެ. "މި ގޭގަ މަޑުކުރޭ އަދި. ބައްޕަމެން ކަންތައް ކުރާގޮތް ބަލަމާ. ދުވަސްކޮޅަކުން އެނގޭނެ އެ މީހުން ކަންތައް ކުރާ ގޮތް. އެހައިތަނަށް މި ގޭގަ މަޑުކުރަން އަހަންނަށް ފެންނަނީ. މިގެއިން ދަރިފުޅަށް ފުރިހަމައަށް ރައްކާތެރިކަން ލިބޭނެ. ކޯޓަށް ދާން ބޭނުން ނޫން ނަމަ އަހަރެން އެ ނިންމުމަށް ވެސް އިޙްތިރާމް ކުރަން. މި ގޭގައި މަޑުކުރޭ. ދެން ކަންތައް ކުރަންވީ ގޮތެއް އެނގޭނީ ދުވަސްކޮޅަކުން. މިގޭގައި އުޅޭ ކަމެއް އާއިލާއަކަށް ނޭނގޭނެ. އެނގުނަސް ދަރިފުޅުގެ ރުހުމާ ނުލައި މިގެއިން ނުގެންދެވޭނެ، އެކަން ޔަގީންކުރޭ." ޑރ. ސިބްތެ ޢަލީ މަސައްކަތް ކުރީ އިމާމާ އަށް އެގެއިން ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެކަން ޔަގީންކޮށްދިނުމަށެވެ.

ޑރ. ޢަލީ އަށް ބަލަން އިން އިރު އިމާމާއަށް އޭނާގެ ބައްޕަގެ މަތިން ހަނދާންވިއެވެ. އޭނާ އެނބުރި ކޮޓަރިއަށް ދިޔައީ މޮޅިވެރި ހިތަކާއިގެންނެވެ. 

***

ޖެހިގެން އައި ދުވަހު ޑރ. ސިބްތެ ޢަލީ އޮފީހުން އައީ ފަހެއް ޖެހިއިރުއެވެ. އޭނާ އައިސް އިމާމާ އަށް ގޮވިއެވެ. އޭރު އިމާމާ އިނީ މަރިޔަމް އާއެކު ބަދިގޭގައެވެ.

އިމާމާ ކޮޓަރިއަށް ވަން އިރު ޑރ. ސިބްތެ ޢަލީ އިނީ ވަތްގަނޑުގައި ހުރި ކަރުދާސްތަކެއް ހާވާށެވެ. "އިށީނދޭ." އޭނާ ބުންޏެވެ. އިމާމާ އޭނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ.

"ދަރިފުޅު ހޯދަން ބައްޕަމެން ކުރާ މަސައްކަތާ ގުޅޭ ބައެއް މައުލޫމާތު މިއަދު ހޯދީން." ވަތްގަނޑު ލައްޕަމުން އޭނާ ބުންޏެވެ. "ސާލާރް ސިކަންދަރް އަކީ ކާކު؟" އިމާމާ އަށް ބަލަން އިނދެ އޭނާ އެހިއެވެ.

އިމާމާ ސިހުނެވެ. ބިރުން ހިތް ތެޅެން ފެށިއެވެ. މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވިއެވެ. ޑރ. ސިބްތެ ޢަލީ އަށް އެކަން ފާހަގަކުރެވުނެވެ.

"ސާލާރް... އެއީ އަހަރެމެންގެ އަވަށްޓެރިއެއް... ލާހޯރަށް އަންނަން އެހީވީ އޭނަ. " އާގަންނަމުން އިމާމާ ބުންޏެވެ.

"ކާވެނީގެ ވާހަކަވެސް ބުނަންވީތަ؟" އިމާމާ ހިތާ ހިތާ ސުވާލުކުރިއެވެ.

"ދަރިފުޅު ވަގަށް ނެގި ކަމަށް ބުނެ ބައްޕަ ވަނީ އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފަ." ޑރ. ސިބްތެ ޢަލީ އިމާމާ ގާތު ބުންޏެވެ.

"އޭނާ ހައްޔަރު ކުރީތަ؟" އިމާމަ އަށް ރޮވުނެވެ. އެހައި އަވަހަށް އާއިލާ އިން ސާލާރް އަތުލައިގަންނާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. "އޭގެ މާނައަކީ އެމީހުންނަށް ވަރަށް އަވަހަށް ޖަލާލް އަންޞާރްގެ ވާހަކަ ވެސް އެނގޭނެ، އަދި ޑރ. ޢަލީގެ ގެއިން އޭނަ ވެސް ގެންދާނެ..،"

"ނޫން. އެކަމަކު އެރޭ އަންހެން ކުއްޖަކު ގޮވައިގެން އޭނަ ލާހޯރަށް އައިކަން އެމީހުންނަށް އެނގޭ. އޭނާ ބުނެފައިވަނީ އެއީ ރައްޓެހިވެގެން އުޅޭ ކުއްޖެއް ކަމަށް. މިހާރު ހެކިވެސް ދައްކައިފި."

ސާލާރް ފުލުހުން ގާތު ބުނެފައިވަނީ އޭނާ ލާހޯރަށް ދިޔައީ ކަސްބީ އަންހެނަކު ގޮވައިގެން ކަމަށެވެ. ޑރ. ސިބްތެ ޢަލީ އެ ވަހާކަ އިމާމާ ގާތަކު ނުބުނެއެެވެ.

"ސާލާރް ގެ އާއިލާ އަކީ ވެސް ނުފޫޒުގަދަ އާއިލާއަކަށް ވީމާ އޭނާ ފުލުހުންގެ ބެލުމުގެ ދަށަކަށް ނުގެންދޭ. ނަމަވެސް ދަރިފުޅަށް އެހީވީ އޭނާކަން ދަރިފުޅުގެ އާއިލާއިން ޔަގީންކުރޭ." ކުއްލިއަކަށް މައުޟޫއު ބަދަލުކޮށްލަމުން އޭނާ ސުވާލެއް ކުރިއެވެ. "ސާލާރް އަކީ ކޮން ކަހަލަ މީހެއް؟"

"ވަރަށް ގޯސް މީހެއް... ވިޔާނުދާ މީހެއް." އިމާމާ ބުންޏެވެ.

"އެކަމަކު ދަރިފުޅަށް އެހީވީ އޭނާއެއް ނޫންތަ؟"

"އެހީވިޔަސް، އޭނާ އަކީ ރަނގަޅު މީހެއް ނޫން. އަމިއްލައަށް މަރުވާން އުޅެނިކޮށް އަހަރެން އޭނަ ސަލާމަތް ކުރިން އެއްފަހަރު. ވެދާނެ އަހަންނަށް އެހީވީ އެހެންވެ ކަމަށްވެސް. އެހެން ނޫނީ ވެދާނެ އަހަރެންގެ ބޭބެގެ ރައްޓެއްސަކަށް ވާތީ ކަަމަށް ވެސް. އެއީ ރަނގަޅު މީހެއް ނޫން. ނަފްސާނީ މައްސަލަ ވެސް ހުރޭ. ބުނަން ނުޖެހޭ އެއްޗެހި ބުނާނެ. ކުރަން ނުޖެހޭ ކަންތައް ކުރާނެ." އިސްލާމްއާބާދުން ލާހޯރަށް އައި މަގުމަތީގައި އޭނައާ ދޭތެރޭ ސާލާރް ކަންތައް ކުރި ގޮތް ހިތަށް ގެންނަމުން އިމާމާ ކިޔައިދިނެވެ.

"ދަރިފުޅުގެ ހުރިހާ ރައްޓެހިންނާ ފުލުހުން ސުވާލުކޮށްފި، ޞަބީހާ އާ ވެސް." ޑރ. ސިބްތެ ޢަލީ ބުންޏެވެ. "ޞަބީޙާ ޕިޝާވަރުން އެނބުރި އަތުވެއްޖެ. ދަރިފުޅު މިގޭގައި އުޅޭ ވާހަކަ މަރިޔަމް އޭނާ ގާތު ނުބުނޭ. ދަރިފުޅު އޭނާއާ އެއްވެސް ގޮތަކަށް ވާހަކަ ދައްކައިގެން ނުވާނެ، ފޯނުންވެސް. އެ ގެ ވަނީ ފުލުހުންގެ ސާވެއިލެންސްގެ ދަށުގައި. ފޯނު ވެސް ހުންނާނީ ޓެޕް ކޮށްފައި. މިވަގުތަށް ދަރިފުޅަށް ރަނގަޅު ވާނީ އެއްވެސް މީހަކާ ގުޅަން މަސައްކަތް ނުކުރިއްޔާ."

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.