ރާއްޖޭގެ އެންމެ ދެކުނުގެ 4 އަތޮޅު ގއ. އާއި ގދ. އާއި ފުވައްމުލަކު ސިޓީއާއި، އައްޑޫ ސިޓީއަށް ޔެލޯ އެލާޓު ނެރެފިއެވެ. އެ ސަރަޙައްދު ތަކަށް ޔެލޯއެލާޓު ނެރުނީ ބޯކޮށްވާރޭވެހި ގުގުރާނެތީއެވެ. އެލާޓު މުއްދަތު މިއަދު 12:00 އަށް ހަމަވާނެއެވެ.
އިއްޔެ ހަވީރުން ފެށިގެން އައްޑޫ ސިޓީގެދަނީ ވާރޭވެހެމުންނެވެ. ވާރޭ ވެހުމުގެ ސަބަބުން ބައެއް ހިސާބުތަކުގައި ވަނީ ފެންބޮޑުވެފައެވެ.
މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް އެ އޮފީހުންވަނީ ލަފާކޮށްފައެވެ.
ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އެހެން ހިސާބުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެތަނުންވަނީ ވިދާޅުވެފައެވެ.
އެންމެ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ.