ކުރިއަށް އޮތް ފަސް ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ދެކުނު އަތޮޅުތަކަށް އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީ އެފުން އިލްތިމާސް ކޮށްފިއެވެ.
ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރެއްވުމަށާއި، ކަނޑުދަތުރު ކުރައްވާނަމަ އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށް ވެސް އިލްތިމާސް ކޮށްފައިވެއެވެ. ރޭގަނޑު ދަތުރުކުރައްވާނަމަ އިތުރަށް ސަމާލުވުމަށާއި ދަތުރު ކުރައްވާ އުޅަނދުތަކުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރެއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން ޑައިވިންގ ކުރުމާއި އެހެނިހެން މޫދުކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ކުޅިވަރުތައް ރާވާ ހިންގުމަށާއި، ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް އޮޑިދޯނި ފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަން ދިނުމަށްވެސް އެމްޑީއެފުންވަނީ އިލްތިމާސް ކޮށްފައެވެ.
ކަނޑުދަތުރުކުރައްވާއިރު، އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށްއެމްއެންޑީއެފުން ވަނީ އެދިފައެވެ. .