ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް މޫސުމާބެހޭ އޮފީހުން ވިދާޅުވެއްޖެއެވެ.
އެ އޮފީހުން ވިދާޅުވެފައިވަނީ މޫސުމް ގޯސްވެ ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ. މީހާރު ވެސް ދެކުނުގެ އަތޮޅުތަކަށް ދަނީ ވިއްސާރަކުރަމުންނެވެ.
ދެކުނު އަތޮޅުތަކުގައި ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެބާރުމިނުގައި ކަމަށް ވެސް މޫސުމާބެހޭ އޮފީހުން ވިދާޅުވެފައިވެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އޮފީހުން ވިދާޅުވެފައިވެއެވެ.
ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާބެހޭ އޮފީހުން ވިދާޅުވިއެވެ.
މޫސުމާ ބެހޭ އޮފީހުންވަނީ ށ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްރަށަށް ވައިޓް އެލާޓް ވެސް މިއަދު ނެރެފައެވެ. އެލާޓް ނެރެފައިވަނީ މެންދުރު 12:00 އިން ހަވީރު 6:00 އާ ހަމައަށެވެ.