ޓެރެރިޒަމް ޤާނޫނުގެ ސަބަބުން ދީނީ ޢިލްމް ފެތުރުމާއި އުނގެނުމަށް ހުރަހެއް ނޭޅޭނެ- ހޯމް މިނިސްޓަރ

ޓެރެރިޒަމް ޤާނޫނުގެ ސަބަބުން ދީނީ ޢިލްމް ފެތުރުމާއި އުނގެނުމަށް ހުރަހެއް ނޭޅޭނެކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބަދުﷲ ވިދާޅުވެއްޖެއެވެ.

ޓެރެރިޒަމް ޤާނޫނުގައި ވަރަށް ސާފުކޮށް ޓެރެރިޒަމްގެ ކުށަކަށް ވާގޮތް ބުނެފައިވާ ކަމަށާއި ދީނީ ޢިލްމް ފެތުރުމާއި އުނގެނުމަށް ހުރަހެއް އެޅޭނެ އެއްވެސް ސަބަބެއް ޓެރެރިޒަމް ޤާނޫނުގައި ބަޔާންކޮށްފައި ނުވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ކަމުން އެޤާނޫނުގެ ސަބަބުން ދީނީ ޢިލްމް ފެތުރުމާއި އުނގެނުމަށް އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

ޓެރެރިޒަމްގެ ޙަޤީޤީ ޢަމަލަކާ ގުޅުން ހުރި ބައެއްގެ މައްޗަށް ނޫން ގޮތަކަށް ޓެރެރިޒަމް ޤާނޫނުން ފިޔަވަޅު އަޅަން ޖާގަ ލިބޭކަމަށް ދެކެވަޑައި ނުގަންނަވާކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. އެނޫން ގޮތަކަށް ޢަމަލުކޮށްފިނަމަ ފުލުހުން ޖަވާބުދާރީ ކުރެވޭނެ ނިޒާމު ފުލުހުންގެ ތެރޭގައި އޮންނަންޖެހޭ ކަން ފާހަކުރެއްވިއެވެ. ފުލުހުންގެ ބޭރުން އެކަން ބެލުމުގެ ބާރު ނެޝެނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަނަށްވެސް ލިބިގެންވާ ކަމަށް ހޯމް މިނިސްޓަރ ޢިމްރާން ފާހަގަ ކުރެއްވިއެވެ. އެފަދަ މުޢައްސަސާތައް ހަރުދަނާ ވުމުން ފުލުހުން ޖަވާބުދާރީ ކުރެވޭނެކަމަށް ހޯމްމިނިސްޓަރ ވިދާޅުވިއެވެ. 

ޓެރެރިޒަމްގެ ޤާނޫނަށް ގެނެވިފައިވާ އިޞްލާޙުތަކަކީ ޓެރެރިޒަމްގެ ކުށަކަށް މީހަކު އަރައިގަތަސް، ޤާނޫން ބޭރުން ޢަމަލު ކުރަން ބޭނުން ނުވާތީ ގެނެވިފައިވާ އިޞްލާޙުތަކެއް ކަމަށް ހޯމްމިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޓެރެރިޒަމްގެ ޤާނޫނުން ފުލުހުންނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ކޯޓު އަމުރެއް ނެތި މީހުން ބަލާ ފާސްކުރުމުގެ ބާރާއި މީހުން ހައްޔަރުކުރުމުގެ ބާރު ހިމެނެއެވެ. ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ދީފައިވާ، ކުށްތަކުގެ ތެރޭގައި ޓެރެރިޒަމްގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވުމާއި ޓެރެރިޒަމްގެ ޢަމަލެއް ކުރަން ރޭވުންވެސް ހިމެނެއެވެ. މީގެއިތުރުން ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާ ތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން ނުވަތަ ބޭނުންކުރާ ނަމަވެސް ކޯޓު އަމުރެއް ނެތި ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބިއެވެ. ޓެރެރިޒަމްގެ އަމަލެއް ނުވަތަ އުކުޅެއް ދަސް ކުރަން އުޅެފި ނަމަ ވެސް ކޯޓު އަމުރާ ނުލައި ހައްޔަރު ކުރުމުގެ ބާރު ވަނީ ފުލުހުންނަށް ދީފައެވެ.

މަޖިލީހުން ފާސްކުރި ޓެރެރިޒަމްގެ ޤާނޫނަށް އިސްލާހު ގެނަމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އަދި ތަސްދީޤް ނުކުރައްވައެވެ. މިބިލް ޤާނޫނަކަށްވެ ޢަމަލު ކުރައްވަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރެއްވުމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.