ރައީސް ޔާމީނާ ވަކީލުންނަށް ބައްދަލު ނުކުރެވި ވަނީ ކަރެކްޝަނުން ހުރަސް އަޅައިގެނެއްނޫން: ހޯމް މިނިސްޓަރ

ފަސް އަހަރުގެ ޖަލުޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް ޢަބަދުﷲ ޔާމީނާ ވަކީލުންނަށް ބައްދަލު ނުކުރެވިވަނީ، ޖަލުތަކާ ބެހޭ އިދާރާ، ކަރެކްޝަނަލަ ސާރވިސް އިން ހުރަސްއަޅައިގެނެއްނޫންކަމަށް ހޯމް މިނިސްޓަރ  ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ " ފަލަސުރުޙީ" ގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީނާ ވަކީލުންނާ ބައްދަލު ނުކުރެއްވި ވަނީ ވަކީލުން ހަމަޖައްސަންޖެހޭ ކަންކަން ހަމަ ނުޖައްސައި އޮތުމުން ކަމަށެވެ. ރައީސް ޔާމީން ހައިކޯޓްގައި ވަކީލުންނާ ބައްދަލުކުރުމުގެ ފުރުޞަތަށް އެދިވަޑައިގެންނެވުމުން ޖެހިގެން އައި ދުވަހު ކަރެކްޝަނަލް ސާރވިސްއިން އިސްނަންގަވައިގެން ވަކީލުން އެދި ވަޑައިގެންނެވުމުން، ބައްދަލުވުން ހަމަޖައްސަވައި ދެއްވާނެކަމަށް ވިދާޅުވިކަމަށެވެ. ނަމަވެސް 15 ދުވަސް ވަން ދެން ޖަވާބެއް ނުދެއްވައި ތިއްބެވުމަށްފަހު، ރައީސް ޔާމީނާ ބައްދަލުކުރެއް ވުމަށް އެދި ވަޑައިގެންނެވި ކަމަށެވެ. އެކަމަށް އެދިވަޑައިގެންނެވުމުން ހޯދަންޖެހޭ ހުއްދަތަކާއި އިންތިޒާމްތައް ހަމަޖެއްސުމުން ބައްދަލުވުން ހަމަޖައްސަވައި ދެއްވާނެކަމަށް ކަރެކްޝަނުން ވިދާޅުވެފައިވާ ކަމަށެވެ.

"ޤައިދީ އެއްގެ ޙައިޞިއްޔަތުން ރައީސް ޔާމީނާ ވަކީލުން ބައްދަލުކުރަން ދާއިރު ދަތުރުފަތުރާއި ލޯންޗްގެ އިންތިޒާމަކީ ކަރަކްޝަނުން ކުރަން ޖެހޭނެކަމެއްނޫން. އެހެން ފަރާތަކުން ހޯދަން ޖެހޭ ހުއްދައެއްވެސް އެއީ ކަރެކްޝަނުން ހޯދައިދޭން ޖެހޭނެ ހުއްދައެއް ނޫން." ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

 ރާއީސް ޔާމީނަށް ޤާނޫނީ ވަކީލުންނާ ބައްދަލުކުރެވޭނެ ގޮތެއް ހަމަޖައްސައި ނުދެއްވައި، ކްރިމިނަލް ކޯޓްގައި އެމަނިކުފާނާ ދެކޮޅަށް އުފުލާ ދެދަޢުވާއެއްގެ ޝަރީއަތެއް ތާވަލުކުރުމަކީ ދެވޭ އަނިޔާއެއްކަމަށް އިދިކޮޅު ކޯލިޝަނުން ރޭ ބުންޏެވެ. ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުން މާދަމާއަށް ވަނީ ތާވަލުކުރައްވައިފައެވެ.

ހޯމްމިނިސްޓަރާ އިދިކޮޅު ފަރާތްތަކުން ބައްދަލުކުރެއްވި އިރުވެސް ވަކީލުންގެ ބައްދަލުވުން ހަމަޖައްސައި ދެއްވަން އެދިވަޑައިގެންނެވިކަމަށާއި ނަމަވެސް އެބައްދަލުވުން ހަމަޖައްސައި ނުދެއްވައި، ރައީސް ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި މައްސަލައެއް ތާވަލުކުރުމަކީ އެމަނިކުފާނަށް އަމާޒުކުރެވިގެން ހިންގާ ސިޔާސީ ހަރަކާތެއްކަމަށް އދިކޮޅު ކޯލިޝަނުން ޤަބޫލުކުރެއެވެ. އަދި އެއީ ރައީސް ޔާމީނަށް ދެވޭ އަނިޔާއެއް ކަމަށްވެސް އިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.