ޖަލުގައި ޤައިދީންނާއެކު ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ރޯދަ ވީއްލި ފޮޓޯއެއް ކަރެކްޝަންސް ސަރވިސް އިން ޓްވީޓު ކުރުމުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ފާޑުވިދާޅުވެއްޖެއެވެ.
އެ ޓްވީޓަށް ހަވާލާދީ މޮސްޓާ ވިދާޅުވެފައިވަނީ ފޮޓޯއާއި ހެޑިން ހަދާލަން ރަނގަޅުކަމެއް ކަމަށާއި އެކަމު ދެރަ ނިކަމެތިން ކާން ޕުލާސްޓިކު ތަށި ބޮޑުން ކާން ސެރަމިކް މުށި ތަށި ކަމަށެވެ. ކެއީ އަނެއްކާ މާލެއިން ރަނގަޅު ރެސްޓޯރެންޓް އަކުން ގެންގޮސްގެން ނޫންބާ އޭ ވެސް މޮސްޓާގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
ފޮޓޯއާއި ހެޑިން ހަދާލަން ރަނގަޅުކަމެއް... އެކަމު ދެރަ ނިކަމެތިން ކާން ޕުލާސްޓިކު ތަށި ބޮޑުން ކާން ސެރަމިކް މުށި ތަށި ... ކެއީ އަނެއްކާ މާލެއިން ރަނގަޅު ރެސްޓޯރެންޓް އަކުން ގެންގޮސްގެން ނޫންބާ... @ShimranAb pic.twitter.com/8y0xUGhvvs
— Mohamed Nasheed Abdulla ( MosTaaA ) (@MNA_MosTaaA) April 2, 2022
ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ، ޖަލު ޤައިދީންނާއެކު ރޯދަ ވިއްލާފައިވަނީ އިއްޔެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ބުނެފައިވަނީ އިއްޔެގެ ރޯދަ ވީއްލުމުގައި ހޯމް މިނިސްޓަރާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިކަމަށެވެ.
ހޯމް މިނިސްޓަރ އިމްރާނަކީ ޖަލުގައި ހުކުމް ތަންފީޒުކުރައްވާފައިވާ އަދި ޖަލުގެ ހާލަތު ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އެހެންކަމުން ޖަލުގައި އޮންނެވުމަށްފަހު ނިކުމެވަޑައިގެން ހޯމް މިނިސްޓަކަށް ވަޑައިގެން ޖަލުތަކުގެ ހާލަތު ގާތުން ބައްލަވާ، ޤައިދީންނާ ވެސް ރަނގަޅު ގުޅުން ބާއްވާކަން ފާހަގަ ކުރެވެއެވެ.
ޚާއްސަކޮށް ޖަލުތަކުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުކޮށް ޒަމާނީކުރެއްވުމުގައި މިނިސްޓަރުގެ އިސް ދައުރެއް ފެންނަމުންދާއިރު، ރާއްޖޭގެ ޖަލުތަކަކީ ނެލްސަން މަންޑޭލާ ރޫލްސްއަށް ފުރިހަމައަށް ޢަމަލުކުރާ ތަނަކަށް ހެއްދެވުމަށް ވެސް އެމަނިކުފާނު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.