މުޅި ޤައުމުގެ މުސްތަޤުބަލްގެ އުޖާލާކަމާއި އުފާވެރިކަން ބިނާވެގެން ވަނީ އެންމެން ވެސް އެބައެއްގެ ޒިންމާދާ އަދާ ކުރުމުގެ މައްޗަށް ކަމަށް ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ 12 ވަނަ މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މުޅިޤައުމުގެ މުސްތަޤްބަލްގެ އުޖާލާކަމާ އުފާވެރިކަން ބިނާވަނީ އަޅުގަނޑުމެން އަޅުގަނޑުމެންގެ ޒިންމާ އަދާކުރުމުގެ މައްޗަށް،" މިނިސްޓަރ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޚާއްސަކޮށް ޒުވާނުން އެމީހުންގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރަން އެބަޖެހޭ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިއީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ފެއްޓެވި ބައްދަލުވުމެއް ކަމަށްވުމުން ރައްޔިތުންގެ އެމީހުންގެ ޒިންމާ ފުރިހަމައަށް އަދާ ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެއްވެސް މީހަކަށް އެއްމީހެއްގެ ޒިންމާއިން ބަރީއްޢަ ނުވެވޭނެ ކަމަށާއި ކޮންމެ މީހަކީ ވެސް އެތައް ޒިންމާއެއް އުފުލަންކެހޭ މީހެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިއަދު އުނގޫފާރުގައި ފެއްޓެވި މި ބައްދަލުވުން ޚާއްސަކޮށްފައިވަނީ ރ.އަތޮޅުގެ ރަށްރަށަށެވެ.
މި ބައްދަލުވުމުގައި ރ.އަތޮޅު ކައުންސިލްގެ މެމްބަރުންނާއި، ރަށްރަށުގެ ކައުންސިލްތަކުގެ މެމްބަރުން ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި ޒިންމާދާރު ވެރިންނާއި، ޖަމްޢއްޔާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
ހޯމް މިނިސްޓްރީން ވިދާޅުވީ މި ފަދަ ބައްދަލުވުމެއްގެ ބޭނުމަކީ ރާއްޖޭގައި އަމާން ވެއްޓެއް ޤާއިމް ކުރުމާއި ރައްޔިތުންނާއި ވަކި ފަރުދުންނަކީ ޒިންމާދާރު ބައަކަށް ވުމަށް ހިތްވަރު ދެއްވުން ކަމަށެވެ. އަދި ރަށާއި އަތޮޅުގެ ތަރައްޤީއަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް މި މަސައްކަތު ބައްދަލުވުމުގައި ކިޔައި ދެއްވާނެއެވެ.