ފާނޫޒު - 66

(1 އޮކްޓޯބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ސާލާރް...!"

އޭނާ ހުއްޓުނެވެ. ސިކަންދަރް އޭނާގެ ކޮނޑުމަތީގައި އަތް ބޭއްވިއެވެ. "ވެ ދިޔަ ކަމެއް ވީ... ބައްޕަ ގަސްތުގައި ކުރި ކަމެއް ނޫން... ބައްޕައަކަށް ނޭނގޭ ދަރިފުޅު... އިމާމާ އާމެދު ދަރިފުޅުގެ އިހުސާސްތައް ބައްޕައަށް ކުރިން އެނގުނު ނަމަ ބައްޕަ މިއިން އެއްވެސް ކަމެއް ނުކުރީމުސް. އެކަން އެނގޭނަމަ ބައްޕަ ކަންތައް ކުރީހީ އެހެން ގޮތަކަށް، ދަރިފުޅާ އޭނައާ ގުޅޭނެ ގޮތް ވެސް ހެދީމުސް. ބައްޕައަށް ހިތް ބަރު ނުކުރާތި."

ސާލާރް ހުރީ އިސްދަށަށް ޖަހައިގެންނެވެ. ބައްޕައާ ހަތަރުކަޅި ހަމަކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަަމަވެސް އާއެނކޭ ބުނުމުގެ ގޮތުން ކުޑަކޮށް ބޯ ޖަހައިލިއެވެ. ބައްޕައަށް ހިތް ބަރު ކަމެއް ނެތެވެ. ދަރިފުޅުގެ ކޮނޑުމަތިން ސިކަންދަރް އަތް ނެގިއެވެ.

ސާލާރް އަވަސްއަވަހަށް އެތަނުން ނުކުމެގެން ދިޔައެވެ. ސިކަންދަރްގެ ތުންފަތް ތުރުތުރު އަޅައެވެ. އެކަން ފޮރުވަން ވެގެން އޭނާ ތުންފަތުގައި ދަތްވެސް އެޅިއެވެ. ސާލާރް އިރުކޮޅަކު މަޑުކުރި ނަމަ އޭނާއަށް ރޮވޭނެއެވެ.

އެ ހުރިހާ ވާހަކައެއް ދެކެވުނު އިރު ޠައްޔިބާ އަނގައިން ނުބުނެ އަޑު އަހަން އިނެވެ. ސާލާރް ދިއުމުން ސިކަންދަރް ހަމައަކަށް އެޅުވޭތޯ އޭނާ މަސައްކަތް ކުރިއެވެ.

"އެކަމާ ހިތާމަކުރާނެ ކަމެއް ނެތް. ކުރި ކަމެއް ކުރީ އޭނައަށް ރަނގަޅަކަށް. އޭނާއަށް ވެސް އެކަން އެނގޭނެ." ސިކަންދަރް އިނީ ނަފްސާނީ ގޮތުން ބަލިކަށިވެފައިކަން ޠައްޔިބާއަށް އެނގެއެވެ.

ސިކަންދަރް ސިނގިރޭޓޭއް ރޯކޮށްގެން އެތަނުގައި ކުރުކާލި ކަޑަން ފަށައިފިއެވެ.

"މިއީ އަހަރެންގެ ހަޔާތުގައި ހެދުނު އެންމެ ބޮޑު ގޯސް. ސާލާރް ގާތު ނުބުނެ އަހަރެން އެކަން ކޮށްގެން ނުވާނެ. އިމާމާއަށް ދޮގު ހަދައިގެން ނުވާނެ... އަހަރެން..." ޖުމުލަ ފުރިހަމަ ނުކޮށް އޭނާ މުށްކަވައިގެން ގޮސް ކުޑަ ދޮރު ކައރީގައި ހުއްޓުނެވެ.

***

ސާލާރް ފަރުވާތެރިކަމާއެކު ކާރު ދުއްވަމުން ދިޔައެވެ. އެތައް އަހަރަކަށްފަހު ރޭގަނޑު ދަންވަރު އޭނާ އެދަނީ އެމަގުން ދުއްވާފައެވެ. ދުއްވަމުން ދިޔަ ވަރަކަށް އެރޭގެ ހަނދާންތައް ނިއުޅެމުން ދިޔައެވެ. ހަޔާތުން ދިގު އަށް އަހަރު އުނިވީހެން ހީވިއެވެ. އެރޭގެ ހަނދާންތައް ތާޒާ ކަމާއެކު އޭނާގެ ސިކުނޑީގައި އެބަހުއްޓެވެ. އޭނާއާ ޖެހިގެން އިން ސީޓުގައި އިނދެ އިމާމާ ގިސްލަގިސްލާފައި ރޯ އަޑު އިވެއެވެ.

"ސިކަންދަރްބެއަށް،

ދަރިފުޅު ނިޔާވި ވާހަކަ އިވުމުން އަހަރެން ވަރަށް ދެރަވި. މީގެ އަހަރުތަކެއް ކުރިން އަހަންނާ ހެދި ސިކަންދަރްބެ ގެ އާއިލާއަށް އެތަކެއް ދުއްތުރާ ތަކެއް ކުރިމަތިވި. އެހުރިހާ ކަމަކަށް އަހަރެން މާފަށް އެދެން. ސާލާރަށް އަހަރެން ދޭން ޖެހޭ ފައިސާކޮޅެއް މި ސިޓީއާއެކު ފޮނުވިން.

ސަލާމް،

އިމާމާ ހާޝިމް."

އެ ސިޓީގަައި ލިޔެފައި ހުރި ވާހަކަތައް އޭނާގެ ސިކުނޑީގައި ބާރަށް ގުގުމަމުން ދިޔައެވެ.

"ސިކަންދަރް އުސްމާނުގެ ވާހަކައަށް ފަހު ކޮޓަރިއަށް ގޮސް ސިޓީ ހިފައިގެން އޭނާ އެތައް އިރަކު އިނެވެ. އޭނާ އިމާމާއަށް އެއްވެސް ފައިސާއެއް ނުދެއެވެ. އެކަމަކު އިމާމާ އަދާކުރީ ކޮން ދަރަންޏެއް ކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. އެއީ ފޯނާއި ފޯނު ބިލަށްވާ ފައިސާއެވެ. ކޮޓަރި ތެރޭގައި އޭނާ އިމާމާގެ ގެއަށް ބަލަން އެތައް އިރަކު ހުއްޓެވެ.

ސިޓީގައި ލިޔެފައިވާ ތާރީޚު އޭނާ ބަލައިލިއެވެ. ސިޓީ ފޮނުވާފައި ވަނީ އޭނާ ފިލައިގެން ދިޔަތާ ބަރާބަރު ދެ އަހަރާއި ހަަމަސް ދުވަސްފަހުންނެވެ. އޭގެ މާނައަކީ އޭނާ އަދިވެސް ހެޔޮ ހާލުގައި ހުރިކަމެވެ. އިމާމާ ބޮޑު އެކްސިޑެންޓެއް ނުވާކަން އެނގުމުން އޭނާ ހިތްހަމަ ޖެހުނެވެ. އެހެން ނަމަވެސް އޭނާ މި ދުނިޔޭގައި ނެތްކަން އިމާމާ ގަބޫލުކޮށްފިއްޔާ އިމާމާގެ ދިރިއުޅުމަކު އޭނާގެ ނަމެއް މިހާރަކު ނޯންނާނެއެވެ.

އެތައް އިރަކު އެހެން އިނދެފައި ކުއްލިއަކަށް ފޮށްޓަށް އެއްޗެހި އަޅައިގެން އެ ދަންވަރު އޭނާ ގެއިން ނުކުތެވެ. މިހާރު އޭނާ ދުއްވާފައި އެދަނީ އެރޭ އިމާމަ ގޮވައިގެން ދިޔަ މަގުންނެވެ. އެ ދުންފިނީގެ ތެރެއިންނެވެ. އެ މޫސުމެވެ. މަގުމަތީގައި ހުރި އެއްޗެއް ވިއްޔާ ހުރީ ދުންފިނީގެ ތެރޭގައި ފޮރުވިފައެވެ. ދެ ތިން ގަޑިއިރު ދުއްވުމަށް ފަހު އޭނާ ގޮސް މަޑުކުރީ އެރޭ އިމާމާ ގޮވައިގެން އޭނާ ދިޔަ ކުޑަކުޑަ ކެފޭއަށެވެ. އެ އިމާރާތަށް ވަދެގެން ދިޔައިރު އެ އިމާރާތް ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަން އޭނާއަށް ފާހަގަކުރެވުނެވެ. އޭނާ ގޮސް ސަރވިސް ސްޓޭޝަނަށް މަޑުކޮށްފައި ކާރުން ފޭބިއެވެ. މީގެ އަށް އަހަރުކުރިއެކޭ އެއްގޮތަށް އެތަނަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ނަމަވެސް އޭރަށްވުރެ ބޮޑަށް މިހާރު ތަން ދިއްލާފައި އޮތްކަން އެނގެއެވެ. އޭނާ ބަރުގޮނު ނާޅާތީ އެތެރެއިން މީހަކު ނާދެއެވެ. ފެން ބަނޑިޔާ ވެސް އެތާކު ނެތެވެ. ސާލާރް އެތެރެއަށް ވަންނަން ދިޔައިރު މީހަކު ނުކުމެގެން އާދެއެވެ. އޭނާ އެއްޗެކޭ ބުނުމުގެކުރިން ސާލާރް ބުންޏެވެ. "ސައި ތަށްޓެއް ލިބިދާނެތަ؟"

އެމީހާ އާފުރެމުން އައިކޮޅަށް އެނބުރި ދިޔައެވެ. "ވަދޭ އެތެރެއަށް..."

ސާލާރް އޭނާއާއެކު އެތެރެއަށް ވަނެވެ. އެއީ ހަމަ އެ ކޮޓަރިއެވެ. ކޮޓަރިތެރެއަށް ވަނީ ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފައެވެ. ކުރިއަށްވުރެ ގިނަ މޭޒާއި ގޮނޑިވެސް ހުއްޓެވެ.

"ސައި ތަށްޓެއް އެކަނިތަ؟ އިތުރު އެއްޗެއް ބޭނުންތަ؟" އެ މީހާ އެހިއެވެ.

"ސައި އެކަނި."

ސާލާރް އެތަނުން ގޮނޑިއެއްގައި އިށީނެވެ. އެމީހާ ސައި ކައްކަން އުނދުން ރޯ ކުރަނީއެވެ.

"ކޮންތާކުން ތި އަންނަނީ؟" އެމީހާ އެހިއެވެ. ސާލާރް އަނގަޔަކުން ނުބުނެއެވެ. ސައިތަށްޓެއް ބޮއިލަން އެތަނަށް ވަން މީހާގެ ލޯ ހުރީ ކޮޓަރީގެ ކަނަކާ ދިމާއަށެވެ. ބުދެއްްހެން އޭނާ އެ ދިމާއަށް ބަލަހައްޓައިގެން އިނެވެ.

އޭނާ ނަމާދުކޮށްގެން އައިސް މޭޒުގެ އަނެއް ފަރާތުގައި އިށީނެވެ. ސާލާރްގެ ކުރިމައްޗަށް ވާ ގޮތަށެވެ. އަނގައިންވެސް ނުބުނެ ސައި ތަށީގައި ތުންޖެހިއެވެ. ސައި ގެނައި ކުއްޖާ މޭޒުމަތީގައި ދެ ބަރގަރ ބޭއްވިއެވެ. ސާލާރް އެތަނުން ބާރގާރއެއް މަތީ ފަށަލަ ހިއްލާފައި ބަލައިލިއެވެ. އަދި އެކުއްޖާ އާ ވާހަކަދެއްކިއެވެ.

"މީ ޝާމީ ކަބާބެއް." ބަރގަރގެ މަތީ ފަށަލަ ނަގަމުން އޭނާ ބުންޏެވެ.

"މީ ބިސްގަނޑެއް." ދެވަނަ ފަށަލަ ނަގަމުން އޭނާ ބުންޏެވެ. "މީ ޓޮމާޓޯ ސޯސް. ކޮބާ ކުކުޅު؟ އަހަރެން އޯޑަރު ދިނީ ޗިކެން ބަރގަރ އަކަށް."

ސާލާރް ޝަކުވާ ކުރަމުން ދިޔައެވެ. އިމާމާ އޭނާގެ ބަރގަރ ކާން ފަށައިފިއެވެ.

"މީ ޗިކެން ބަރގަރ." އެ ކުއްޖާ ބުންޏެވެ.

"ކޮންކަހަލަ ޗިކެން ބަރގަރ އެއް. މިއަކު ކުކުޅެއް ނެތް." ސާލާރް ބުންޏެވެ.

"ތީ މިތާ ހުންނަ ޗިކެން ބަރގަރ..." އެ ކުއްޖާ ހާސްވެފައި ބުންޏެވެ.

"އެ ބަރގަރ އަށް އަޅަނީ ކޯޗެއް."

"އެޔަށް އަޅަނީ ޝަމީ ކަބާބް، ބިސްގަނޑެއް ނޯންނާނެ އެއަކު."

"އެހެންވީމާ އާދައިގެ ބާރގަރ އެއް ޗިކެން ބަރގަރ އަކަށް ތި ހަދަނީ ބިސްގަނޑެއް ލައިގެން ދޯ؟ ބިސް އަޅަނީ ކުކުޅު ވިއްޔަ. އެހެންވީމަ ކުކުޅު ބިހުގެ ބިސްގަނޑެއް ލީމާ ވާނީ ޗިކަން ބާރގަރ އަކަށް." އެކުއްޖާ ހޭން ފެށިއެވެ. އިމާމާ ކައި ނިމެނީ އެވެ. އޭނާ ސާލާރްގެ ވާހަކައަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ.

"އެންމެ ރަނގަޅު، ދެން ދޭ." ސާލާރް ބުންޏެވެ.

އެ ކުއްޖާ ފުން ނޭވައެއް ލާފައި އެތަނުން ދިޔައެވެ. އުލާއި ވަޅި މޭޒުމަތީގައި ބޭއްވުމަށްފަހު ސާލާރް ވައަތުން ބަރގަރ ނެގިއެވެ. ސާލާރް ބަރގަރ ކާން ފެށިއިރު އިމާމާ ނިމެނީ އެވެ. ސާލާރް ބަރގަރ އިން އެތިކޮޅެއްގެ ރަހަ ބަލާލާފައި އަވަހަށް ތަށްޓަށް ލިއެވެ.

"ވަރަށް ނުބައި... އަހަންނަކަށް ނޭނގޭ ކިހިނެއް ކަމެއް ތި ހުސްކޮށްލީ."

"ތި ބުނާހާ ގޯހެއް ނޫން." އިމާމާ މަޑުމަޑުން ބުންޏެވެ.

"ފެންވަރު ދަށް ހުރިހާ އެއްޗެއް ވެސް ވަރަށް ކަމުދޭ ދޯ؟ ބަރގަރ ވިޔަސް ފިރިމީހާ ވިޔަސް."

އިމާމާ ރުޅި އައިސް ރަތްވިއެވެ. ސާލާރް މަލާމާތުގެ ރާގަކަށް ހޭން ފެށިއެވެ. "އަހަރެން މި ބުނީ ޖަލާލް އަންޞާރް ގެ ވާހަކަ." އޭނާ އިމާމާއަށް ހަނދާންކޮށްދިނެވެ.

"ރަނގަޅަށް ތި ބުނީ. އެއީ އަހަރެންެގެ ފެންވަރު." އެހެން ބުނެފައި އަނެއްކާ ވެސް ކާން ފެށިއެވެ.

"އަހަރެން ހީކުރީ އަހަރެންގެ މޫނަށް ތި ބަރގަރ އެއްލައިލާނެ ކަމަށް." އޭނާ ނުލަފާ ފާޑަކަށް ހީނލިއެވެ.

"ﷲ އަހަންނަށް ދެއްވި ރޯދި ބޭކާރު ކުރަންވީ ކީއްކުރަން؟"

"މި ނުބައި ބަރގަރ އަކީ ﷲގެ ރޯދި ތަ؟ މީގެ އިތުރުން މިވަގުތު ލިބިފައިހުރި އިތުރު ނިއުމަތްތަކަކީ ކޮބާ؟" އޭނާ އެހިއެވެ.

"ސާލާރް އަކަށް ނޭނގޭނެ ޝުކުރުވެރި ވާކަށް. އަހަރެން މި ކާއިރު އަހަންނަށް މީގެ ރަހަ އެނގޭ. ކޮންމެ އެއްޗެއް ކެޔަސް ރަހަ އެނގޭ. އަހަރެމެންނަށް މާ ބޮޑު އެއްޗަކަށް ނުވިޔަސް މިކަހަލަ ނިއުމަތްތަކުން މަހްރޫމުވެފައި ތިބި އެތައް ބަޔަކު މި ދުނިޔޭގައި އެބަތިބި."

"ޝުކުރުވެރި ނުވާ މީހުންގެ ލިސްޓެއް ހަދައިފިއްޔާ އެންމެ ކުރީގައި އޮންނާނީ ސާލާރް ސިކަންދަރްގެ ނަން ދޯ؟" ސާލާރް މަލާމާތުގެ ރާގަކަށް ބުންޏެވެ.

"ސާލާރް ސިކަންދަރް އެކަހަލަ އެއްޗެއްސެއް ނުކާނެ." އޭނާ އަނެއްކާވެސް ބުންޏެވެ.

އެ މީހާ ސައި ތަށި ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ. ސާލާރް ދިޔައީ ސިއްސައިގެންނެވެ. އޭނާގެ ކުރިމަތީގައި ހުރި ގޮނޑި ހުރީ ހުހަށެވެ. "އިތުރު އެއްޗެއް ބޭނުންތަ؟" އެމީހާ އެހިއެވެ.

"ނޫން." ސައި ތަށި ގަޔާ ކައިރިއަށް ކޮށްލަމުން ސާލާރް ބުންޏެވެ.

"އިސްލާމްއާބާދުންތަ ތި އައީ؟" އޭނާ އެހިއެވެ.

"އާނ..."

"ލާހޯރަށް ދާން؟" އޭނާ އަނެއްކާ ވެސް އެހިއެވެ.

މިފަހަރު ޖަވާބު ދިނުމުގެ ގޮތުން ސާލާރް ބޯ ޖަހައިލިއެވެ. އޭނާ ސައިކޯވަރެއް ބޯލިއެވެ. ސާލާރްގެ ލޮލުން ހިލިފައިވާ ކަރުނަ އެ މީހާއަށް ފެނުނެވެ.

"އަހަރެން ބޭނުންވަނީ އިރުކޮޅަކު އެކަނި އިނދެލަން." އިސް ދަށަށް ޖަހައިގެން އިނދެ މޭޒުމަތީގައި ޖޯޑު ބަހައްޓަމުން ސާލާރް ބުންޏެވެ. އެ މީހާ ހައިރާންވެފައި ހުރެ ބަދިގެއަށް އެނބުރި ދިޔައެވެ. މަސައްކަތުގައި އުޅެމުންވެސް އޭނާ ދޭތެރެއަކުން ސާލާރަށް ބަލައިލައެވެ.

ފަނަރަ ވަރަކަށް މިނެޓު ފަހުން ސާލާރް ތެދުވެ އެތަނުން ނުކުމެގެން ހިނގައްޖެއެވެ. އެމީހާ އަަވަސްއަވަހަށް ބަދިގެއިން ނުކުމެގެން އައެވެ. އޭނާ ބޭނުންވީ ބޭރަށް ނުކުމެ ސާލާރް ކުރާ ކަމެއް ބަލާށެވެ. ނަމަވެސް މޭޒުމަތީގައި ހުރި ޖޯޑުގެ ދަށުގައި އޮތް ނޫޓެއް ފެނިގެން އޭނާ ހުއްޓުނެވެ. ސާލާރަށް ބަަލަމުން ބަލަމުން ގޮސް ނޫޓު ނަގައިގެން އޭނާ ބޭރަށް ނުކުތެވެ. އެވަގުތު ސާލާރްގެ ކާރު އަނބުރާލާފައި ގޮސް ބޮޑު މަގަށް ނުކުންނަނީއެވެ. ހައިރާންވެފައި އަތުގައި އޮތް އެއް ހާސް ރުފިޔާގެ ނޫޓަށް ބަލަން ހުރެވުނީ ކިހައި އިރަކު ކަމެއް އޭނާއަކަށް ނޭނގެއެވެ.

"މި ނޫޓަކީ ޞައްޙަ އެއްޗެއް، އެކަމަކު، ނޫޓު ބާއްވާފައި ދިޔައީ މޮޔައެއް..." އެއް ހާސް ރުފިޔާ ޖީބަށް ލަމުން އޭނާ ބުންޏެވެ.

***

ސިކަންދަރް އުސްމާން ހެނދުނުގެ ނާސްތާ ކުރަން މޭޒުދޮށަށް އައި އިރުވެސް ސިކުނޑީގައި އެނބުރެނީ ސާލާރް އެވެ. "ކޮބާ ސާލާރް؟" ނޯކަރު ގާތު ސިކަންދަރް ބުންޏެވެ.

"ސާލާރް ސާހިބް ހިނގައްޖެ، ރޭ ދަންވަރު ދިޔައީ."

ޠައްޔިބާ އާއި ސިކަންދަރް ހައިރާންވެފައި އެކަކު އަނެކަކަށް ބަލައިލިއެވެ.

"ކޮންތާކަށް ދިޔައީ... ސްކޫލް ހުންނަ ރަށަށް ތަ؟"

"ނޫން، ލާހޯރަށް ދިޔައީ. ކޮންމެވެސް ކަމެއް ދިމާވެގެން ދިޔައީ. ހެނދުނު ބައްޕަމެންނަށް އަންގާލާށޭ ބުނި."

ސިކަންދަރް ތެދުވެގެން ގޮސް ވަގުތުން ސާލާރްގެ މޯބައިލް ފޯނަށް ގުޅިއެވެ. ފޯނު އޮތީ ނިއްވާލާފައެވެ. އެޕާޓްމަންޓު ނަންބަރަށް ގުޅި އިރު ފޯނު ހުރީ އާންސަރިން މެޝިނަށް ލާފައެވެ. އޭނާ ފޯނު ބޭއްވިއެވެ. ކަންބޮޑުވެފައި ހުރެ އޭނާ ގޮސް މޭޒުދޮށުގައި އިށީނެވެ.

"ނުގުޅޭތަ؟" ޠައްޔިބާ އެހިއެވެ.

"މޯބައިލް އޮތީ ނިއްވާލާފައި. ގޭގެ ފޯނު ހުރީ އާންސަރިން މެޝިނަށް ލާފައި. އޭނަ ވީ ތަނެއް ދެނެވޮޑިގެންވާނީ ކަލާނގެ."

"ހާސްނުވޭ... ސައި ބޯންވީނު." ޠައްޔިބާ ސިކަންދަރްގެ ހިތްހަމަ ޖައްސައިދެވޭތޯ މަސައްކަތް ކުރިއެވެ.

"ސައި ބޯ ހިތެއް ނެތް."

އޭނާ ތެދުވެގެން ދިޔައެވެ. ޠައްޔިބާ ފުން ނޭވައެއް ލިއެވެ.

***

ސާލާރް އޭނާގެ އެޕާޓްމަންޓުގެ ދޮރު ހުޅުވި އިރު ދޮރުމަތީގައި ހުއްޓިލައިގެން ފުރްގާން ހުއްޓެވެ.

"ކޮން އިރަކު އައީ؟" އެތެރެއަށް ވަންނަމުން ފުރްގާން އެހިއެވެ.

"މިއަދު ހެނދުނު..." ސޯފާ އާ ދިމާއަށް ދަމުން ސާލާރް ބުންޏެވެ.

"ކިހިނެއްވީ... ރަށަށް ދާ ގޮތަކަށް ނޫންތަ އޮތީ؟" ފުރްގާން އެހިއެވެ.

"ކާރު ޕާކް ކޮށްފައި އޮއްވާ ފެނިގެން އަހަރެން މިއައީ، ރައްޓެހިން އެނބުރި އައިސް އެމީހުންގެ ރައްޓެހިންނަށް އަންގާނެ."

އަނގައިން ނުބުނެ ސާލާރް ސޯފާގައި އިށީނެވެ.

"ކިހިނެއްވީ؟" ސާލާރް ކަންބޮޑުވެފައި އިންތަން ފެނިފައި ފުރްގާން އެހިއެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.