(23 ޖުލައި 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ނޫން، ނީނދެވޭނެ. އެ މީހުން ހިތުގައި ޖައްސާކަށް އަހަންނަކަށް ނުކެރޭނެ."
އެ ހާލަތުން އޭނާ ސަލާމަތްކޮށް ދިނުމަށް އެދި އިމާމާ ޖަލާލަށް އެތައް އާދޭހެއް ކުރިއެވެ. ނަމަވެސް އޭނާގެ ނިންމުން ވަރަށް ސާފެވެ. "އަހަންނަށް މަޖުބޫރު ނުކުރޭ. އަހަންނަކަށް މައިންބަފައިންނަށް ނުކިޔަމަންތެރި އެއް ނުވެވޭނެ."
އިމާމާގެ ހަށިގަނޑުގައި ހުރި ނާރުތައް ބުރިވެގެން ދިޔަ ކަހަލައެވެ. އޭނާ އާ ކާވެނިކޮށް އެ ކާވެނި ސިއްރެއްގެ ގޮތުގައި ބާއްވާފައި އާއިލާ އިން ދައްކާ މީހަކާ އިންނަން އޭނާގެ މައްސަލައެއް ނެތް ކަމަށް ބުންޏެވެ. ނަމަވެސް ޖަލާލް ހުރީ ނިންމުން ބަދަލުކުރާ ގޮތަކަށް ނޫނެވެ.
"އިމާމާ ތީ ކުޑަ ކުއްޖެއްތަ؟ އަހަރެންގެ މައިންބަފައިންނަށް އެނގޭ ދުވަހަކުން އަހަރެން ގެއިން ނެރެ އެއްލައިލާނެ. އޭރުން ކިހިނެއް ހަދާނީ؟"
"ހިތްވަރު ކުރާނީ. ކޮންމެވެސް ގޮތެއް އޮންނާނެ."
"ތި ކިޔާ ކޮންމެވެސް ގޮތަކުން އަހަރެން ބޭރަށް ކިޔަވަން ދިއުމުގެ ޚަރަދު ހަމަޖެހޭނެތަ؟" މަލާމާތުގެ ރާގަކަށް ޖަލާލް ބުންޏެވެ. އެއަށް ދޭނެ ޖަވާބެއް އިމާމާއަކަށް ނޭނގެއެވެ.
"ނޫން، އިމާމާ. އަހަންނަށް އަހަރެންގެ ހުވަފެން އިމާމާއަށް ޓަކައި ގުރުބާން ކޮށެއްނުލެވޭނެ. އިމާމާ ދެކެ އަހަރެން ވަރަށް ލޯބި ވޭ. އެކަމަކު ތިކަމެއް އަހަންނަކަށް ނުކުރެވޭނެ. މީގެ ފަހުން އަހަންނަށް ނުގުޅާތި. އަހަރެން ބޭނުންވަނީ އަހަރެމެންގެ ގުޅުން މާޒީގެ ގޮތުގައި ބާއްވަން. އިމާމާގެ މައްސަލައަށް ހައްލެއް ހޯދައި ނުދެވުނީތީ ހިތާމަކުރަން."
ޖަލާލް ފޯނު ބޭއްވިއެވެ. އޭރު ގަޑިން ރޭގަނޑު ދިހަ ގަޑި ބައި ވީއެވެ. އިމާމާގެ ހީވީ އޭނާގެ ދުނިޔެ އެކަށް ބަރުބާދު ވީހެންނެވެ. ލިބިފައި ހުރި ހުރިހާ ނިއުމަތެއް ސިކުންތު ކޮޅެއްގެ ތެރޭގައި އަތުން ބީވެ ދިޔުމުން ކުރާނެ އިހުސާސް އިމާމާ އަށްވުރެ ބޮޑަށް އެނގޭނީ ކާކަށް ހެއްޔެވެ؟ އޭނާގެ ސިކުނޑި ގަނޑުވެއްޖެއެވެ. މުޅި މީހާ އިނީ ހަރަކާތް ހުއްޓިފައެވެ. ބުދެއް ހެން އޭނާ އެނދުގައި އިށީނދެލައިގެން އިނެވެ.
"ބައްޕަ އަށް ހުރިހާ ވާހަކައެއް ކިޔައިދިނުން ނޫން ގޮތެއް ނެތް. އޭރުން އަހަރެން ގެއިން ނެރެ އެއްލައިލަފާނެ. އަހަންނަށް މިތަނުން ސަލާމަތްވެވޭނެކަން ގައިމު."
***
"އަހަރެން އަސްޖަދާ އިންނާކަށް ބޭނުމެއް ނޫން. އެހެންވީމަ ބާޒާރަށް ދިއުމުގެ ބޭނުމެއް ނެތް." އިމާމާ މަންމަ ގާތު ބުނެލިއެވެ.
"ފުރަތަމަ ކާވެންޏާ ދެކޮޅު ހެދީ. މިހާރު އަސްޖަދާ ނީންނަން ތިއުޅެނީ. ކޮން ކަމެއްތަ އިމާމާ ބޭނުން ވެގެން ތި އުޅެނީ؟" އިމާމާގެ މަންމަ ރުޅި އަތުވެއްޖެއެވެ.
"އަހަރެން އަސްޖަދާ އިންނާކަށް ބޭނުމެއް ނޫން."
"ކާކާތަ އިންނަން ބޭނުންވަނީ؟" ހާޝިމް މުބީން ހުރީ ދޮރުމަތީގައި ހުއްޓިލައިގެންނެވެ. އިމާމާ އާ އޭނާގެ މަންމަ ދެއްކި ވާހަކަ ހާޝިމަށް އަޑު އިވުމުން ރުޅިގަނޑު ފަޅައިގެން ދިޔައީއެވެ. މުޅިތަނަށް ހިމޭންކަން ވެރިވިއެވެ.
"ބުނޭ، ކާކާތަ އިންނަން ބޭނުންވަނީ؟ ބަސް ހުއްޓުނީތަ؟ އަސްޖަދާ އިންނަން ދެކޮޅު ހަދަނީ ކީއްވެ؟ ކޮބާ މައްސަލައަކީ؟ ޖަވާބު ދީ!" އޭނާ ރުޅި އައިސްގެން ހަޅޭއް ލަވަނީ އެވެ.
އިމާމާ ހަމަޖެހިލައިފައި ހިތްވަރާއެކު ވާހަކަ ދެއްކިއެވެ. "ބައްޕާ، ކާވެންޏަކީ މުޅި އުމުރަށް ވެވޭ ޢަހުދެއް. އަހަރެން އިންނަން ބޭނުންވަނީ އަހަރެން ގަޔާވާ މީހަކާ."
"އިއްޔެ އާ ހަމައަށް އެ މީހަކީ އަސްޖަދް." އޭނާ އިމާމާއަށް ހަނދާންކޮށްދިނެވެ.
"އެއީ މިއަދެއް ނޫން. އިއްޔެ." އިމާމާ ޖަވާބު ދިނެވެ.
"ކީއްވެ މިއަދު އަސްޖަދު ކަމުނުދަނީ؟ ބުނޭ، ކިހިނެއްވީ؟" އަޑު ހަރުކޮށް އޭނާ އަނެއްކާ ވެސް އެހިއެވެ.
"ބައްޕާ، އަހަރެން ބޭނުންވަނީ މުސްލިމަކާ އިންނަން." އިމާމާ ބުންޏެވެ.
ހާޝީމް މުބީނުގެ ބޯ މައްޗަށް އުޑު ވެއްޓުނު ކަހަލައެވެ. "ކީކޭ ތި ބުނީ؟" ޔަގީން ކުރުމުގެ ގޮތުން އޭނާ އަހައިލިއެވެ.
"މުސްލިމު ނޫން މީހަކާ އިންނާކަށް އަހަރެން ބޭނުމެއް ނޫން. އަހަންނަކީ މިހާރު މުސްލިމެއް. އަހަރެން އިސްލާމް ދީން ގަބޫލުކޮށްފިން."
މުޅިތަނަށް ހިމޭންކަން ވެރިވިއެވެ. ސަލްމާ އިނީ އާގަމަ ވެފައެވެ. ހާޝިމް ހުރިތަނަށް ގާ ވިއެވެ. އަނގައިން ނުބުނެ އޭނާ އިމާމާ އާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. ނޭވާލާން ވެސް ހަނދާން ހުރި ހެނެއް ހިއެއް ނުވެއެވެ. އޭނާގެ ގޭތެރެއިން މިފަދަ ކަމެއް ފެންމަތިވެދާނެ ކަމަކަށް އޭނާ ހުވަފެނުން ވެސް ނުދެކެއެވެ. އެ ވެސް އަދި އޭނަގެ ރަން ދަރިފުޅުގެ ފަރާތުންނެވެ. އޭނާގެ ފުރާނަ ބިމު އަޑިއަށް ދަމައިގަތް ފަދައެވެ.
"ކީކޭ ހޭ ތި ކިޔަނީ؟" ރުޅިގަނޑު ކޮންޓްެރޯލުން ނެއްޓިއެވެ.
"އަހަރެން މި ބުނާ ވާހަކަ ބައްޕައަށް ރަނގަޅަށް އެނގޭނެ."
"ކަލޭ ތިހިރީ ހަމަ ހެޔަކު ނޫން." ނޫނެކޭ ބުނުމުގެ ގޮތުން އިމާމާ ބޯ ހޫރައިލިއެވެ. އޭނާ ހުރީ ހަމަހޭގައި ކަން އޭނާއަށް ރަނގަޅަށް އެނގެއެެވެ. "އަހަރެމެން ކަލޭ މި ދުނިޔެއަށް އުފަންކުރުވީ ތިހެން ވެގެން..؟ ކަލޭ އެހެން... ދީނެއް..." ރުޅި އައިސްފައި ހުރި ވަރުން ހާޝިމަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކެއެވެ. "ތި ހުރިހާ ކަމެއް ތިކުރަނީ އަހަރެންގެ ނިންމުން ބަދަލުކުރުވަން. އަދި ތިޔަ ބުނާ ގަޔާ ވާ މީހަކާ އިންނަން!"
"ނޫން، އެހެނެއް ނޫން."
"ހަމަ އެހެން. އިމާމާ ހީކުރަނީ އަހަންނަކީ މޮޔައެއް ކަމަށްތަ؟" ހާޝިމްގެ ދެ މިޔަކަނުން ސޮނި ވެސް ފައިބައެވެ.
"ބައްޕަ ބޭނުންވާ މީހަކާ އަހަރެންގެ ކާވެނި ހަމަޖައްސާ. އެ މީހަކީ ގާދިޔާނީންގެ ތެރެއިން މީހަކަށް ނުވާ ނަމަ އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް. އެކަމަކު އެ މީހަކު ވާން ޖެހޭނީ އަހަންނާ އެއް ދީނެއްގެ މީހަކަށް. އޭރުން މިއީ އަހަރެން ވަކި މީހަކަށްޓަކައި ކުރި ކަމެކޭ ބައްޕައަކަށް ނުބުނެވޭނެ."
އޭނާގެ ބައްޕަގެ ރުޅިގަނޑު އަދިވެސް މައިތިރިއެއް ނުވެއެވެ. އިމާމާ އަކީ އޭނާޔާ ބަލައި ކުޑަ އަންހެއް ކުއްޖެކެވެ. އެކަމަކު މިހާރު އޭނާޔަށް އިރުޝާދު ދެނީއެވެ. މި އަންހެން ކުއްޖާއަށް އެނގެނީ ކޯޗެއް ހެއްޔެވެ؟
"ބައްޕާ، އަހަންނަށް ވަރަށް ގިނަ އެއްޗެހި އެނގޭ. އަހަރެންގެ އުމުރުން މިހާރު ވިހި އަހަރުވެއްޖެ. ބައްޕަ އަހަންނަށް މަގު ދައްކާނެ ކަމެއް ނެތް. މި އާއިލާއަށް މިހައި ބޮޑު ތަނަވަސްކަމެއް ލިބުނީ ގާދިޔާނީ ފިކުރު ފަތުރަން ބައްޕަ ކުރި އަދި ކުރަމުުންދާ މަސައްކަތުން ކަން އަހަންނަށް އެނގޭ." އޭނާގެ ހިތުގައި މިހާރަކު ބިރުވެރި ކަމެއް ނެތެވެ.
"ކަލޭގެ ފާފަތައް ދުވަހަކުވެސް ނުފުއްސަވާނެ." އޭނާ އިމާމާ އަށް ބިރުދެއްކިއެވެ. ބައްޕައަށްޓަކައި އޭނާ ހަމްދަރްދީ ވިއެވެ. ބައްޕަ އޭނާއަށް އެ އިންޒާރު ދެނީ ޖަހައްނަމައިގައި ހުއްޓި ހުރެއެވެ. ކިޔައި ދެނީ އެތަނުގެ ބިރުވެރި ވާހަކައެވެ. ކަނުބަނދެވި ހިތް ގާވެފައިވާ ބައްޕައަށް ޓަކައި އޭނާގެ ހިތުގައި ވަނީ ހަމްދަރްދީ އެވެ. ބައްޕަ އެހެރީ މި ދުނިޔެ މަތީގައި މީހަކަށް ކުރެވޭނެ އެންމެ ބޮޑު ފާފައިގެ މަތީގައެވެ. އަމިއްލަ ނަފުސާއި ދިރިއުޅުން އެ ދުއްވާލަނީ އެގޮތުގައެވެ.
"ދެ ތިން ފޮތެއް ކިޔައިގެން ތިހިރީ މަގު ފުރެދިފަ..." ވާހަކަ ނުނިމެނީސް އިމާމާ ވާހަކަ ފެށިއެވެ.
"މި މައުޟޫއަށް ބައްޕައަށް އަހަންނާ ބަހުސެެއް ނުކުރެވޭނެ. އަހަންނަށް ހުރިހާ ކަމެއް އެނގިއްޖެ. ފޮތް ކިޔައި ދިރާސާކޮށް، ހުރިހާ ކަމެއް ޔަގީންވެސް ކޮށްފިން. ބައްޕަ އަހަންނަށް ދޭނީ ކޮން ނަސޭހަތެއް؟ ބައްޕަ ތިހިރީ ބައްޕައަށް ގަބޫލު ކުރެވޭ މަގު ޚިޔާރުކޮށްގެން. އަހަރެން މިހިރީ އަހަންނަށް ގަބޫލުކުރެވޭ ތެދު މަގު ޚިޔާރުކޮށްގެން. ބައްޕަ ތި އުޅެނީ ބައްޕަ ގަބޫލުކުރާ ގޮތަށް، އަހަރެން މި އުޅެނީ ތެދުމަގު ކަމަށް އަހަރެން ގަބޫލުކުރާ ގޮތުގައި. ބައްޕަގެ އަގީދާ އަކީ ބައްޕަގެ އަމިއްލަ ކަމެއް. ހަމައެގޮތަށް އަހަރެން ވަކި ދީނެއް ގަބޫލުކުރުމަކީ އެއީ އަހަރެންގެ އަމިއްލަ ކަމެއް. އަހަރެންގެ ނިންމުމަކީ ޖަޒުބާތުގައި ޖެހިގެން ނިންމި ނިންމުމެއް ނޫން. މިއީ ރަނގަޅަށް ހޯދާ، ބަލައި، އަމިއްލަ އަށް ނިންމި ނިންމުމެއް." އިމާމާ ވާހަކަ ދެއްކީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ. އޭނާ ވާހަކައިން ހާޝިމް އިތުރަށް ރުޅި ގަދަވިއެވެ.
"އެހެން ދީނަކަށް އުޅެން ދޫކޮށްލުން... އެއީ ކިހާވަރެއްގެ ކަމެއްކަން އެނގޭތަ؟ އަހަންނާ ދެކޮޅަށް މި ރަށުގެ އެންމެން ތެދުވާނެ. އަހަރެންގެ އަބުރު ވެއްޔާ މޮޑެލާނެ. އަހަރެމެން މަގުމަތިވާނެ. ކަލޭ ހޭބުއްދިފިލައި ދިޔަޔަސް އަށް އަހަރެން މިހިރީ އަދި ހަމަ ހޭގައި. ބޭނުން ދީނަކަށް އުޅެންވީ. އެކަމަކު އަސްޖަދާ އިނދެގެން އެ އާއިލާގެ ހިއްސާދާރަކަށް ވާންޖެހޭނެ. އެގެއަށް ދިޔައިމަ އުޅެންވާ ގޮތް އެނގިދާނެ ތޯއްޗެއް؟"
ހާޝީމް މުބީން ތޫފާނެއް ހެން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. އޭނާ ދިޔުމުން ސަލްމާ އިމާމާ އާ ދިމާއަށް އެނބުރުނެވެ. "މި އާއިލާ މިހައި ބޮޑަށް ފަޟީހަތް ކޮށްލާނެ ކަމެއް އަހަރެންގެ ހިތަށް ވެސް ނުގެނެވޭ. އެކަން އެނގޭނަމަ ވިހާފައި އެއްލައިލާނީ. މީހުންގެ ތެރޭގައި އަހަރެމެންގެ އަގު ވައްޓަން އުޅޭ މީހެއް ހެން ހީވަނީ."
އިސްދަށަށް ޖަހައިގެން މަންމަގެ ވާހަކަ އަޑުއަހަން އިމާމާ އިނެވެ. ކުދި ކިޔަމުން ސަލްމާ ވެސް ކޮޓަރިން ނުކުމެއްޖެއެވެ. އޭގެ ގަޑިއެއްހައި އިރު ފަހުން މީހަކު ދޮރުގައި ތަކި ޖެހިއެވެ. ދޮރު ހުޅުވި އިރު ދޮރުމަތީގައި ހުރީ އަސްޖަދެވެ. އޭނާ އަންނާނެ ކަމަކަށް އިމާމާ ހިއެއް ނުކުރެއެވެ. އަސްޖަދުގެ މޫނުމަތިން ފެންނަނީ މާޔޫސް ކަމެވެ. ހާޝިމް މުބީން އޭނާއަށް ފޯނުކޮށްފައި ހުރިހައި ވާހަކައެއް ކިޔައިދިނީއެވެ.
"މީ ކޮން ކަންތައްގަނޑެއް، އިމާމާ؟ ކިހިނެއްވީ؟" ކޮޓަރިއަށް ވަންނަމުން އަސްޖަދު އެހިއެވެ.
"އަހަރެން ކުރި ކަމެއް އެނގެންޏާ، އެކަން އެހެން ކުރީ ކީއްވެކަން ވެސްް އަސްޖަދަށް އެނގޭނެ."
"ތީ ކިހާވަރެއްގެ ކަމެއް ކަން އިމާމާ އަކަށް ނުވިސްނޭ." އިށީންނަމުން އޭނާ ބުންޏެވެ. "ހިތަށް އަރާ އިރަށް މީހުން ތިކަހަލަ ބޮޑެތި ނިންމުން ނިންމާތަ؟"
"އެއީ އެނގިހުރެ އަހަރެން ނިންމި ނިންމުމެއް." އިމާމާ އަސްޖަދުގެ ވާހަކަ މެދުކަނޑައިލިއެވެ. "ހިތަށް އަރާ އިރަށޭ ތި ބުނަނީ ކޮން ވާހަކައެއް؟ އެހެން ވެސް މީހުން ދީން ބަދަލުކުރޭތަ؟ އަހަރެން އިސްލާމް ދީން ދިރާސާ ކުރާތާ ހަތަރު އަހަރުވެއްޖެ. އެއީ ކުރު މުއްދަތެއް ނޫން."
"ތީ މީހުން ދައްކާ ވާހަކަ އަޑު އަހާފައި ނިންމި ނިންމުމަކަށް ވެދާނެ. އިމާމާ..."
"ނޫން. އެކަަހަލަ ނިންމުމެއް ނޫން މީ. ނުބައި މަގު ދޫކޮށް ތެދު މަގު އިޚްތިޔާރު ކުރީ އަހަރެން އަމިއްލައަށް."
ބަހުސްކުރާނެ ޖާގައެއް ނެތެވެ. "އެންމެ ރަނގަޅު. ދީނުގެ މައްސަލައަކީ އެއީ އިމާމާގެ އަމިއްލަ ކަމެއް. އެކަމަކު ކާވެންޏާ ދެކޮޅު ހަދަނީ ކީއްވެ؟ ކާވެނި ކުރެވުނަ ދީ."
"އަހަރެމެންނަކަށް ނީނދެވޭނެ. ކާވެނި ޞައްހައެއް ނުވާނެ."
އަސްޖަދު ސިހުނެވެ. "އެއީ ކީއްވެ؟ އަހަންނަކީ މުސްލިމެއް ނޫންތަ؟"
އިމާމާ އާނއެކޭ ބުނުމުން އަސްޖަދު ރުޅި އަތުވެއްޖެއެވެ. "ބޮޑުބޭބެ ބުނީ ރަނގަޅަށް. ކޮންމެވެސް މީހަކު ތިހިރީ އިމާމާގެ ބޯ ކާލާފަ."
"އެކަހަލަ އަންހެން ކުއްޖަކާ އިންނަން ތިއުޅެނީ ކީއްކުރަން؟ އިންނާނެ އެހެން މީހަކު ހޯދިއްޔާ ދެން ރަަނޅުވާނީ." އިމާމާ ވެސް ހުރި ހިތްހަމަ ނުޖެހިފައެވެ.
"އިމާމާގެ ހަޔާތް ބަރުބާދު ވިޔަކަ ނުދޭނަން."
"މަގޭ ހަޔާތް..؟" އޭނާ ހޭން ފެށިއެވެ. "ކޮން ހަޔާތެއް؟ ދުނިޔަވީ މުއްސަނދިކަމަށްޓަކައި އަމިއްލަ ފުރާނަ ނީލަން ކިޔައިގެން ދިރިއުޅޭ ބަޔަކާ އެކު އަހަރެން ވޭތި ކުރާ ހަޔާތުގެ ވާހަކަތަ؟"
"މާ ހަޔާތް ކުޑަ ނުވޭ! މިހާރު އަދަބު އިހްތިރާމް ކުރަންވެސް ހަނދާނެއް ހުރިހެން ހިއެއް ނުވޭ." އަސްޖަދު ހަޅޭއް ލަވައިގަތެވެ.
"އެހެން މީހުން މަގު ފުރަައްދާ މީހަކަށް އަހަންނަށް އިހްތިރާމް ނުކުރެވޭނެ." އިމާމާ ބުންޏެވެ.
"ތި އުމުރުގައި މީހުންނަށް އަމިއްލަ ނަފްސު އޮޅި މަގުން ކައްސާލައިގެން ދޭ. އުމުރުން ދުވަސްވެ ތަސައްރަފު ފުދުނީމަ އެނގޭނެ އަހަރެމެން މި ތިބީ ތެދު މަގުގައިކަން." އަސްޖަދު ބެލީ އޭނާ ހަމައަކަށް އެޅުވޭތޯ އެވެ.
"އަހަރެން މިހިރީ ނުބައި މަގު ޚިޔާރުކޮށްގެން ކަމަށްވާނަަމަ އަހަރެން އެގޮތުގައި އުޅެން ދޫކޮށްނުލައިގެން ތިއުޅެނީ ކީއްވެ؟ އަހަންނަކީ ގައިދީ އެއްތަ؟ ތެދު މަގަކީ ތިއީ ކަމުގައި ވާނަމަ އަހަރެން އަމިއްލައަށް އެކަން ހޯދަން ދޫކޮށްލަބަލަ..."
"އާއިލާ ކުއްޖަކު، އަދި ވަކިން ޚާއްޞަކޮށް އަންހެން ކުއްޖަކު އަމިއްލަ ނަފްސު ހަލާކުކޮށްލާ އިރު ބަލަހައްޓައިގެނެއް ނުތިބެވޭނެ. މި މައްސަލައިގެ ނާޒުކުކަން ވިސްނާލަބަލަ. މުޅި އާއިލާ އެ އޮތީ ނުރައްކަލަށް ހުށަހެޅިފަ އިމާމާ އާ ހެދި."
"އަހަންނާ ހެދި އެއްވެސް ބަޔަކު ނުރައްކަލަކަށް ހުށައެއް ނޭޅޭ. އެހެންވިޔަސް އަހަންނަކަށް ފަރުވާލެއް ނެތް. އެ މީހުންނާ ހެދި އަހަރެން ނަރަކައަށް ދާން ވީ ކީއްކުރަން؟ އަދި އަހަރެންގެ އަގީދާ އެއްފަރާތްކޮށްލަންވީ ކީއްވެ؟ އަސްޖަދު، އަހަންނަކަށް ތި މަގުން ނުހިނގޭނެ. އަހަރެން ދާން ބޭނުންވާ މަގުން ދާން ދޫކޮށްލާ." އިމާމާގެ އަޑުގައި ވަނީ ހަރުދަނާ ކަމެވެ.
"އަދި ގަދަކަމުން އަހަރެން އަސްޖަދާ ކާވެނި ކުރުވުމުން އަސްޖަދަށް ކުރާނެ ފައިދާއެއް ނޯންނާނެ. އަހަރެން އަސްޖަދުގެ އަނތްބަކަށް ނުވާނަން. އަހަރެން އަސްޖަދަށް ވަފާތެރިއެއް ނުވާނަން. ފުރުސަތު ލިބޭ އިރަށް އަހަރެން ރައްކާވާނަން. އަހަންނަށް ފާރަވެރިވެގެން ނުވަތަ އަހަރެން ބަންދުކޮށްގެން ގެންގުޅޭނީ ކިހައި ދުވަހަކު؟ އަހަރެން ދާނީ އަސްޖަދުގެ ދަރީން ވެސް ގޮވައިގެން. އެ ކުދީން ދުވަހަކުވެސް އަސްޖަދަށް ނުފެންނާނެ." އިމާމާ އެ ކާވެނީގެ ބިރުވެރި ތަސްވީރެއް ކުރަހައި ކުލަ ޖެއްސިއެވެ. "އަހަންނަކީ މީ އަސްޖަދު ނަމަ އިމާމާ ހާޝިމް ކަހަލަ މަގު އޮޅިފައިވާ މޮޔަ ކުއްޖަކާ ނީންނާނަން. މި ކާވެންޏަށް ނޫނެކޭ ބުނަން އަސްޖަދަށް އަދިވެސް ފުރުސަތު އެބައޮތް. އަސްޖަދުގެ ވިއްޔަށް ނިސްބަތްވާ ކުއްޖަކާ އިނދެގެން އުފާވެރި ދިރިއުޅުމެއް އުޅެންވީނު؟ އަހަރެން ނޫން މީހަކާ. އަހަންނާ އިނދެގެން އަސްޖަދު އުޅެންޖެހޭނީ އަބަދު ބިރުވެރިކަމެއްގެ ތެރޭގައި. ގެއަށް ގޮސް ބައްޕަ ގާތު ބުނޭ އަހަންނާ އިންނާކަށް ބޭނުމެއް ނޫނެ. އެހެން ނޫނީ މި މައްސަލަ ހައްލުވަންދެން ރަށުން ބޭރަށް ދޭ."
"އަހަންނަށް މޮޔަ ނަސޭހަތް ދޭނެ ކަމެއް ނެތް. އަހަރެން އިމާމާ ދުލެއް ނުކުރާނަން. ދުވަހަކުވެސް ނުކުރާނަން. އަދި ރަށުން ބޭރަކަށް ވެސް ނުދާނަން. އަހަރެން އިންނާނެ ހަމައެކަނި މީހަކީ ތީ. މި ކާވެނި ނުކުރެވިއްޖެނަމަ އަހަރެމެންގެ އާއިލާ އަށް ކުރިމަތިވާނެ ގެއްލުން އިމާމާގެ ހިތަށްވެސް ނުގެނެވޭނެ. އެކަން އެނގޭނަމަ ތިޔަކަހަލަ މޮޔަ އެއް ނުގޮވާނެ. ބޭވަފާތެރި އަނތްބަކަށް ވުމާއި ފިލައިގެން ދިޔުމަކީ އަދި މާ ފަހުގެ ކަމެއް. އަހަންނަށް އެނގޭ އިމާމާގެ ރުޅިގަނޑު. ބޭކާރު ގޮތުގައި މީހުންނާ ދިމާކޮށް ލަދުގަންނަވާނެ މީހެއް ނޫން އިމާމާ އަކީ. އަދި ވަކީން ޚާއްސަކޮށް އަހަންނާ ދޭތެރޭ އެގޮތަށް ނަހަދާނެ. އަހަރެން ދެކެ އިމާމާ ލޯބި ވޭ." އަސްޖަދުގެ ނިންމުން އިއްވިއެވެ.
"އަސްޖަދު، ތިއީ ކުށް ހީއެއް. އަހަރެން ދުވަހަކުވެސް އަސްޖަދު ދެކެ ލޯތްބެއް ނުވޭ. އަދި އިސްލާމް ދީން ގަބޫލުކުރިފަހުން އަސްޖަދާ އެހައި ގާތް ގުޅުމެއް ނުބާއްވަން. އަހަރެންގެ ހަޔާތުގެ އެއްވެސް ހިސާބެއްގައި އަސްޖަދުގެ ނަމެއް ނެތް. އަހަރެންގެ އާއިލާއަށް އަހަރެންގެ އިހުސާސްތައް ގަބޫލުނުކުރެވޭ އިރު ތި އާއިލާއިން އަހަންނަށް ކުރިމަތިވާނެ މައްސަލަތައް އަސްޖަދަށް މާ ރަނގަޅަށް އެނގޭނެ. ތި އާއިލާގެ މީހަކަށް ވާން އަހަރެން ބޭނުމެއް ނޫން." އިރުކޮޅަކު ހިމޭނުން އިނުމަށްފަހު އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަހަރެމެންގެ ދޭތެރޭގައި މާ ސިންގާ ކަނޑެއް އެބައޮތް. އެ ކަނޑު ހުރަސްކޮށް އަހަރެމެންގެ ގުޅުން ކުރިއަށް ގެންދާކަށް އަހަރެން ނެތިން. އަސްޖަދާ އިންނާކަށް އަހަރެން ނެތީން."
އިމާމާގެ ވާހަކަ އަޑު އަހާފައި އަސްޖަދުގެ މޫނު މަތީގެ ކުލަވަރު މުޅިން ބަދަލުވެއްޖެއެވެ.
***
"އަހަންނަށް ވަރަށް ބޮޑު ކަމެއް ކޮށްދީފާނަންތަ؟"
"މިއޮތް ހުރިހާ ދުވަހު އަހަރެން ކީއްތަ މި ކުރީ؟" ސާލާރް އެހިއެވެ.
އިރުކޮޅަކު ހުރެފައި އިމާމާ ބުނެލިއެވެ. "ލާހޯރަށް ގޮސް ޖަލާލް އާ ބައްދަލުކުރެވިދާނެތަ؟"
ސާލާރް އިރުކޮޅަކަށް ލޯ މަރައިލިއެވެ. "ކީއްކުރަން؟" އިމާމާ ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. އެ އަޑުވަނީ ކަރުނައިގެ އަަސަރެވެ.
"ޖަލާލް އާ ވާހަކަ ދައްކަން، އަހަންނާ އިންނާށޭ ބުނަން. ވަގުތީ ކާވެންޏެއް ވެސް އެންމެ ރަނގަޅު. އަހަރެން ބޭނުންވަނީ މިގެއިން ދާން. އޭނަގެ އެހީތެރިކަނން ނުލިބި އަހަންނަށް އެކަމެއް ނުކުރެވޭނެ. ކާވެންޏާ މެދު ގޮތެއް ނިންމަން ޖަލާލް ގާތު ބުނެދީ."
"ފޯނުން އޭނަޔާ ގުޅޭނެއެއްނު؟ އަމިއްލައަށް ތި ވާހަކަ ބުނަންވީނު؟" ބަދަން ހަފަމުން ސާލާރް ބުންޏެވެ.
"އަހަރެން ބުނެފިން." އިމާމާއަށް ބާރަށް ރޮވެން ފެށިއެވެ. "އޭނަ ބުނީ ނޫނެކޭ."
"ވަރަށް ދެރަ." ސާލާރް ބުންޏެވެ. "އެހެންވީމަ އޭނަ އިމާމާ ދެކެ ލޯބި ނުވަނީތާ؟"
"ނޫން."
"ދެން ކީއްވެ ނޫނެކޭ ބުނީ؟"
"ސާލާރްއަށް އެނގެންޖެހޭ ކަމެއް ނޫން އެއީ." އިމާމާ ބުނެލިއެވެ.
"އަހަރެން އޭނަޔާ ބައްދަލުކުރުމުގެ ބޭނުމަކީ ކޮބާ؟ އަމިއްލައަށް ގުޅައިގެން ވާހަކަ ދައްކާ."
"އޭނަ އަހަންނާ ވާހަކައެއް ނުދައްކާ. ގެއިން ވެސް ހޮސްޕިޓަލުން ވެސް ނުގުޅޭز އަހަރެންގެ ކޯލްތަކަށް ގަސްދުގަ ޖަވަބު ނުދެނީ."
"އެވަރު މީހެއްގެ ފަހަތުން ތިއުޅެނީ ކީއްކުރަން؟ އޭނަ އިމާމަ ދެކެ ލޯބިނުވާކަން އެބަ އެނގޭ."
"ވެގެން އުޅޭ ގޮތެއް ސާލާރަކަށް ނުވިސްނޭނެ. އަހަންނަށް އެހިތެރިވެދީ. އެރަަށަށް ގޮސްް އަހަރެންެގެ ހާލަތު އޭނައަށް ކިޔައިދީ. ޖަލާލް އަހަންނަށް ދެރަގޮތެއް ނަހަދާނެ."
"އޭނާ އަހަންނަށް އެއްބާރުލުން ނުދީފިއްޔާ؟ ދެން ކިހިނެއް ހަދާނީ؟"
"މަސައްކަތް ކުރެވިދާނެ އެއްނު- އެއްފަހަރު. މި މަޅިން ސަލާމަތްވާނެ ގޮތެއް ވެސް ފެނިދާނެ."
ސާލާރްގެ ތުންފަތް މައްޗަށް ހިނިތުންވުން ވެރިވިއެވެ. މިކަން ވީ އޭނާއަށް ވަރަށް ޝައުގުވެރި ކަމަކަށެވެ. ފޯނު ނިއްވާލާފައި، ބަދަން ހަފަމުން އިމާމާއަށް ދިމާވެގެން އުޅޭ މައްސަލައާ މެދު ވިސްނާލިއެވެ. އިމާމާގެ މައްސަލައިގެ ތެރެއަށް އޭނާ ވަދެއްޖެއެވެ. މިއީ ހަޔާތުގައި އޭނާއަށް ތަޖުރިބާ ކުރަން ދިމާވާ އެންމެ ފައްކާ މައްސަލައެވެ. ފުރަތަމަ އިމާމާގެ ގޭ މީހުންނަށް ސިއްރުން އޭނާއަަށް މޯބައިލް ފޯނެއް ހޯދައި ދިނުމެވެ. އެއަށްފަހު މިހާރު އިމާމާގެ ލޯބިވެރިޔާ ޖަލާލް އާ ބައްދަލުކުރަން ދިއުމެވެ. އިމާމާ ސާލާރަށް ޖަލާލްގެ ހޮސްޕިޓަލާއި އޭނާގެ ގެ ހުންނަތަން ކިޔައިދިނެވެ. މިހާރު އޭނާ ވިސްނަނީ ޖަލާލް އާ ދައްކަންވީ ވާހަކައަކާ މެދުގައެވެ.
***
ސާލާރް އެނާގެ ކުރިމަތީގައި ހުރި ފިރިހެން މީހާއާ ދިމާއަށް ރަނގަޅަށް ބަލައިލިއެވެ. އެއީ މެދުމިނުގެ އިސްކޮޅެއް ހުރި ރޫފަ ރަނގަޅު ޒުވާނެކެވެ. ތުނބުޅި ނެތްނަމަ ބަލައިލަން ރީތި ވާނެއެވެ. ސާލާރްގެ އިސްކޮޅާއި ރީތި ކަމުގެ ސަބަބުން އޭނާ އަށް އަންހެން ކުދިން ހިތް ކިޔައެވެ. އެކަމަކު މި ފިރިހެން މީހާގެ އަފަދަ ސިފައެއް ނެތެވެ. އިމާމާ މާ ގަޔާވާ މީހަކަށް މި މީހާ ވީ ގޮތެއް ސާލާރަަކަށް ނުވިސްނުނެވެ. އިމާމާ އަކީ އޭނާ ކުރިން ހީކުރި ވަރަށް ވުރެ މާ މޮޔަ ކުއްޖެކެވެ.
"އަހަންނަކީ ޖަލާލް އަންޞާރް. އަހަންނާ ބަައްދަލުކުރަން ބުނީމެއްނު؟"
"ސާލާރް ސިކަންދަރް." ސަލާން ކުރަން އޭނާ އަތް ދިއްކޮށްލިއެވެ.
(ނުނިމޭ)