(26 ސެޕްޓެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެ ތަނުގައި ތިބި މީހުން އެކަކު އަނެކަކަށް ބަލައިލިއެވެ. އެކަކު ޖަވާބު ދިނެވެ.
"ދީންވެރި، ތެދުވެރި، އަޅުވެރިއެއް."
ޑރ. އަލީ ސުވާލުކުރިއެެވެ. "ދީންވެރި، ތެދުވެރި، ނަމާދު ނާޅާ އެތައް ބަޔަކު އުޅޭ، މިތާވެސް އެބަތިބި، އެކަމަކު އެއީ ފުރިހަމަ މުރައްބީންތަ؟"
"ފުރިހަމަ މަގުދެއްކުންތެރިއަކީ ހަމައެކަނި ދެއްކުންތެރިކަމުގެ ގޮތުން އަޅުކަން ކުރާ މީހާއެއް ނޫން. އެއީ ހަމައެކަނި ﷲއަށް ޓަކައި ހިތުން ނިޔަތް ގަނެ އަޅުކަން ކުރާ މީހާ. އޭނާ ހެޔޮ އަމަލާއި އަޅުކަން ކުރަނީ ތެދު ހިތުން. ދެއްކުމުގެ ގޮތުންނެއް ނޫން." އެހެން މީހަކު ބުންޏެވެ.
"ކަލޭގެ ރައްޓެހިންގެ ތެރޭގައި ހަމަގައިމުވެސް އެކަހަލަ ތެދުވެރި އަޅުވެރިޔަކު ހުންނާނެ. ﷲގެ މަގުގައި ހޭދަކޮށް، އޭނާ ކުރާ ކޮންމެ އަމަލަކީ ﷲއަށް ޓަކައި ކުރާ އަމަލެއް ކަމުގައި ވާނެ. އެކަހަލަ މީހަކީ ފުރިހަމަ މުރައްބީއެއްތަ؟"
އެހެން މީހަކު އެ ސުވާލުގެ ޖަވާބު ދިނެވެ. "އެއީ އެ މީހެއްގެ ނަސޭހަތުން އެހެން މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެންނަ މީހެއް."
"މީހަކު ބުނާ އެއްޗަކުން، ލިޔާ ލިޔުމަކުން މީހެއްގެ ދިރިއުޅުމަށް ބަދަލު އަތުވެދާނެ. ތަމްސީލު ކުޅޭ މީހެއްގެ ހަރަކާތުން، ނޫސްވެރިޔަކު ލިޔާ ކޮލަމަކުން ވެސް ހެޔޮ ބަދަލު އަތުވެދާނެ، އެހެންކަމަށް ވާނަމަ އެ މީހުން ފުރިހަމަ މުރައްބީންނަށް ވާނެތަ؟"
"ފުރިހަމަ މުރައްބީއަކަށް ވާނީ ޣައިބު ދަންނަ އަދި ކުރިމަގުގައި ހިނގާނޭ ކަންތައެްތައް ކިޔައިދެވޭ މީހަކު." އެހެން މީހަކު ބުނެލިއެވެ.
"އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ކުރިއަށް ހިނގާނޭ ނުވަތަ ހިނގާފާނޭ ކަންކަން ހުވަފެނުން ވެސް ފެނޭ. ބައެއް މީހުން ކުރިއަށް ވާނޭ ކަންކަމުގެ މައުލޫމާތު ލިބުމަށް އެދި ދުއާ ކުރޭ. ބައެއް މީހުންގެ ހަވަނަ ހިއްސު އެހާ ބާރުގަދަ، އެމީހުންނަށް ބައެއް ކަންކަން މާކުރިން އިހުސާސްވޭ. އެހެން ކަމަށް ވަންޏާ ފުރިހަމަ މުރައްބީ އަކީ ކާކު؟" ޑރ. ސިބްތެ އަލީ އެހިއެވެ. ހިމޭން ވަގުތުކޮޅަކަށް ފަހު އޭނާ ސުވާލު ތަކުރާރު ކުރިއެވެ. "ފުރިހަމަ މުރައްބީއަކަށް ވާނީ ކާކު؟"
ސާލާރް ޑރ. ސިބްތެ އަލީ އާ ދިމާއަށް ބަލަން ފެށިއެވެ. "ޑރ. އަލީ ނޫން ދެވަނަ މީހަކު ފުރިހަމަ މުރައްބީއަކަށް ވާނެތަ؟ އެހެންކަމަށްވާނަމަ އެ މީހަކީ ކާކު؟ އެއީ ކާކު؟" ސާލާރްގެ ހިތަށް އެރިއެވެ.
އެ ތަނުގައި ތިބި އެހެން މީހުންގެ ސިކުނޑީގައި ވެސް އެ ޚިޔާލު ގުގުމައިގަތެވެ. ޑރ. އަލީ ފަހަރަކު މީހެއްގެ މޫނަށް ވަކިން ބަލަމުން ދިޔައެވެ. އޭނާގެ ތުންފަތަށް ވެރިވި ހިނިތުންވުން މަޑުމަޑުން ފަނޑުވިއެވެ،
"ފުރިހަމަ މުރައްބީއެއްގެ ކިބައިގައި ފުރިހަމަކަން އެކުލެވެން ވާނެ. ފުރިހަމަ ކަމޭ މި ބުނަނީ ދެންމެ ތިޔަ ކިޔައިދިން ހުރިހައި ސިފައެއް އެމީހެއްގެ ކިބައިގައި ހުރުމަށް. ފުރިހަމަ މުރައްބީއަކު ނަމަ އެމީހެއްގެ އަޅުކަން ޚާލިސް ވެގެން ވާނީ ހަމައެކަނި ﷲ އަށް. އެ މީހަކީ ހެޔޮ މީހަކަށް ވާނެ. އެތެރެއާއި ބޭރުން ސާފު ތާހިރު މީހަކަށް ވާނެ. އެމީހެއްގެ ދުޢާ ﷲ އިރާދަކުރެއްވި މިންވަރަކަށް އިޖާބަ ކުރައްވާނެ. އެ މީހެއްގެ ބަހުގައި އަސަރު ހުންނާނެ. ވާހަކަތަކުގެ ސަބަބުން މީސްތަކުންގެ ހިތާއި އުޅުން ބަދަލު ވެގެން ދާނެ. އެއީ މީސްތަކުންނަށް ހިދާޔަތު ގެނެސްދޭ މީހެއް. އެކަމަކު އެމީހަކަށް އަންނާނީ އިލްހާމެއް ނޫން. އެމީހެއްގެ މައްޗަށް ބާވައިލައްވާނީ ވަޙީ. ވަޙީއަކީ ޢާއްމު އިންސާނެއްގެ މައްޗަށް ބާވައިލައްވާ އެއްޗެއް ނޫން. ވަޙީ ބާވައިލައްވަނީ ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންގެ މައްޗަށް. އެއްލައްކަ ސައުވީސް ހާސް ނަބީ ބޭކަލުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ކޮންމެ ބޭކަލަކީ ފުރިހަމަ ބޭކަލެއް. އެކަމަކު އެންމެ ފުރިހަމަ މުރައްބީއަކީ ނަބީކަން ޚަތިމު ކުރެއްވި ކަލޭގެފާނު."
"ކޮންމެ އިންސާނަކަށް ވެސް ހަޔާތުގެ ކޮންމެވެސް ހިސާބަކުން މުރައްބީއެއްގެ ބޭނުންޖެހޭނެ. ކުރާ ހުރިހާ ދުޢާ އަކާއި ހިތަށް އަރާ ހުރިހާ ކަމެއް އިޖާބަ ނުކުރައްވައޭ ހިތަށް އަރާ މަރުހަލާއަކަށް އިންސާނާ ދާނެ. މީހަކު ކުރާ ސަޖިދަ އާއި، ދުޢާއަށް އުފުލާ އަތަކުން ﷲ ގެ ނިއުމަތްތައް އޮހިގެންނެއް ނުދެއޭ ހިތަށް އަރާ ދަނޑިވަޅެއް އަންނާނެ. އެ އޮންނަ ގުޅުން ގެއްލިއްޖެ ކަމުގެ އިހުސާސް ކުރެވޭ ވަގުތެއް އަންނާނެ. އަދި މަގު ދައްކައިދޭނެ ފަރާތެއްގެ ބޭނުންޖެހޭނެ. މި ފަދަ ހާލަތްތަކުގައި އިންސާނާގެ އެދުމަކަށް ވަނީ ކޮން ކަމެއް؟ އޭނާގެ ހިތަށް އަރާނެ... އަހަންނަށްޓަކައި ﷲ ގެ ހަޝްރަތުގައި އަތް އުފުލައިލާނޭ މީހަކު އަންނާނެ ނަމައޭ... އެމީހަކު ކުރާ ހުރިހައި ދުޢާއެއް އިޖާބަ ކުރައްވާ ކަހަލަ މީހަކު އަހަންނަށްޓަކައި ﷲ ގެ ހަޝްރަތުގައި ސަޖިދައަށް ތިރިވެ ރޮއި އާދޭސް ކުރާނެ ނަމައޭ... އަހަރެންގެ އެދުންތައް އަސަރެއް ނުކޮށް އެނބުރި އަންނަ ފަދައިން އެ މީހެއްގެ އެދުންތައް އެނބުރި ނާންނަ ފަދަ މީހަކު އަހަންނަށްޓަކައި ދުޢާކޮށް ދޭނެ ނަމައޭ... އިންސާނާގެ ހިތުގައި ފުރިހަމަ މުރައްބީއެއްގެ އެދުން ހިނގައިގަންނަ ހިސާބަކީ މިއީ. އޭނާ އެތަން މިތަނަށް ދުވެ ނަގަނީ... ފުރިހަމަ ކަމުގެ ކޮންމެވެސް ހަރުފަތެއް ގިރާކޮށްފައި ހުރި މީހަކު ފެނޭތޯ."
"ފުރިހަމަ މުރައްބީއަކު ހޯދުމުގެ މަސައްކަތަކީ ހަމައެކަނި މިއަދުގެ ކަމެއް ނޫން. މިއީ އިންސާނާގެ އުފެދުމާއެކު ފެށިގަތް ކަމެއް. މިއީ ﷲ ތަޢާލާ އިންސާނާގެ ހިތުގައި ލައްވައިފައިވާ އަބަދީ އެދުމެއް. މި އެދުން އިންސާނާގެ ހިތުގައި ލައްވާފައި ނުވީނަމަ އިންސާނާ ރަސޫލުންނަކަށް އީމާނެއް ނުވާނެ. އެ ބޭކަލުންނަކަށް އިތުބާރެއް ނުކުރާނެ. އެ ބޭކަލުން ދެއްކެވި މަގުން ހިނގާކަށް މަސައްކަތެއް ނުކުރާނެ. އެ ބޭކަލުންގެ އަމުރުފުޅުތަކަކަށް ބޮލެއް ނުލަނބާނެ. ކޮންމެ ޒަމާނެއްގައިވެސް ފޮނުއްވި ނަބީ ބޭކަލުންނާ ދިމާއަށް އިންސާނުން ދަމާ ބާރަކީ މި ބުނެވުނު ފުރިހަމަ މުރައްބީއެއް ހޯދުމުގެ އެދުން. ނަބީ ބޭކަލުންގެ ސިލްސިލާ ދެމެމުން ގޮސް އަހަރެމެންގެ މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައާ ހަމައިން ﷲ އެ ސިލްސިލާ ނިންމަވައިލެއްވީ. އިތުރު އެކަލޭގެފާނަށް ފަހު މި އުއްމަތަކަށް ފުރިހަމަ މުރައްބީއެއްގެ ބޭނުމެއް ނެތް."
"މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވުރެ މަތީ މަގާމެއް ހައްގު އެހެން އާދަމުގެ ދަރިއަކީ ކޮބާ؟ މިއަދު ނޫނީ އަންނާން އޮތް ޒަމާނުގައި ކުރީން ބުނެވުނު މަތިވެރިކަން ދެއްވުން ހައްގު އެހެން އިންސާނަކީ ކޮބާ؟ އިތުރު އެ ކަލޭގެފާނަށްވުރެ ބޮޑަށް ޝަފާޢަތުގެ ދައުވާ ކުރެއްވޭނޭ މީހަކީ ކޮބާ؟"
"ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދޫކޮށްލާފައި އަހަރެމެން ދުވަމުން މި ދަނީ ކާކު ހޯދަން؟ ދިންނެވުމުގެ ކޮން ކަމެއް ހޯދަން؟ އެ ކަލޭގެފާނުގެ ޖަމާއަތަށް ވަދެ ތިބެ، އެ ކަލޭގެފާނަށް ބައިއަތު ހިފުމަށް ފަހު އަހަރެމްނެ އިތުރަށް ބޭނުން ވަނީ ކާކުގެ ބައިއަތެއް؟ އެކަލޭގެފާނު ދެއްކެވި މަގުން ހިނގުމުގެ ބަދަލުގައި އަހަރެމެން ޚިޔާރު ކުރަން މި އުޅެނީ ކޮން މަގެއް؟ މުސްލިމުންނަށްޓަކައި އެއް ކަލަކާއި އެއް ފޮތަކާއި އެއް ރަސޫލަކާއި އެ ކަލޭގެފާނުގެ ސުންނަތްތަކުން ނުފުދެނީތަ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ﷲ ގެ ބަސްފުޅު ފިޔަވައި އަހަރެމެންގެ އުނދަގޫތަކާއި ތުރާތައް ފިއްލަވާނޭ އެހެން ވަސީލަތެއް އެބައޮތްތަ؟ އަހަރެމެންގެ ދުޢާތައް އިޖާބަ ކުރައްވާނޭ އެހެން ފަރާތެއް ވޭތަ؟ އަހަރެމްންގެ މައްޗަށް ނިޢުމަތާއި ރަޙްމަތް ބާވައިލައްވާނޭ އެހެން ފަރާތެއް އެބަ ފެނޭތަ؟ ފުރިހަމަ މުރައްބީއެއްގެ ފިރުގާއަކީ އަހަރެމެން މުސްލިމުންނެއް ނޫންތަ؟ އެހެން ބަޔަކަށް މި ނަސީބު ލިބިފައި ވޭތަ؟"
ޑރ. ސިބްތެ ޢަލީ ވާހަކަ ދައްކަމުން ދިޔައެވެ.
"ހެޔޮ މަގުން ހިނގީމާ ސުވަރުގެއަށް ދެވޭނެ ކަމަށާއި، ހެޔޮ މަގުން އެއްކިބާ ވެގެންފިނަމަ ދާނީ ނަރަކައަށް ކަމަށް ގަބޫލު ކުރާ ބަޔަކީ ހަމައެކަނި އަހަރެމެން މުސްލިމުން. ހެޔޮ މަގަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މެދުވެރި ކުރައްވައި ކީރިތި ޤުރްއާނުގައި ﷲ އަންގަވާފައިވާ މަގު. އެ މަގު އެ އޮތީ ސާފު ސީދާ ބަހުން ދައްކަވާފައި. އެއީ ﷲ އާއި އެކަލާނގެ ރަސޫލާ ކުރަން އެންގެވި ކޮންމެ ކަމެއް ކުރުން. މަނާ ކުރެއްވި ކޮންމެ ކަމަކުން ދުރުވެގަތުން."
"ﷲ ވެސް، ކީރިތި ރަސޫލާވެސް، ޤުރްއާންވެސް މީހަކަށް އޮޅުވައެއް ނުލައްވާ. ކަތި މަގެއް ނުދައްކަވާ. ޤުރްއާން ރަނގަޅަށް ބަލާ. އެ ފޮތުގައި ފުރިހަމަ އެހެން މުރައްބީއެއްގެ ވާހަކަ އޮތިއްޔާ އެ މުރައްބީއަކު ހޯދަން މަސައްކަތް ކުރޭ. އެކަމަކު އެފަދަ އެއްވެސް ވާހަކައެއް ނެތް. ފުރިހަމަ އެހެން މުރައްބީއެއްގެ ވާހަކައެއް ނެތް. އެހެންވީމާ ބިރުވެތިވޭ. އެހެން ދިމާއަކަށް ދާ މީހަކު އެ ދަނީ އަނދަވަޅަކާ ދިމާއަށް. އުމުރުގެ ފަންސާސް އަހަރު ބޭނުން ކުރަނީ އަންނާން އޮތް ދާއިމީ ދިރިއުޅުން ހަލާކު ކުރުމަށް ކަމުގައި ހަދާކަށް ނުވާނެ. އެއީ ގެއްލުން ދެނިވި ވިޔަފާރިއެއް. ހިދާޔަތުގެ ބޭނުން ޖެހިއްޖެ ނަމަ ޤުރްއާނަށް ބަލާ. އެ ފޮތް ހުޅުވާ. އެ ފޮތުން އަންގައި ނުދެނީ ކޮން ކަމެއް؟ އެއީ އެއްވެސް މީހަކަށް މަގު އޮޅުވައިލާ ފޮތެއް ނޫން. އެއީ ޝައްކު އުފައްދާ ފޮތެއް ނޫން. އެއީ އެ ފޮތާ ދިމާއަށް އެނބުރޭ މީހަކަށް ބަދަލެއް ނުގެނެސް ދޫކޮށްލާ ފޮތެއް ނޫން. އެ ފޮތުން އިންސާނާގެ އަސްލު ސޫރާ އެ އިންސާނާއަށް ވަރަށް ރީތިކޮށް ދައްކާ. ﷲ އަށް އިންސާނާ އެނގިވޮޑިއެއް ނުގަންނަވާނެތަ؟ އިންސާނާއަކީ ކާކު؟ އިންސާނާއަކީ ﷲ ހެއްދެވި ހިމަނައި ކޮޅުން ނުލާހައި މަޚްލޫގުންގެ ތެރެއިން އެއް މަޚްލޫގު."
"ދުޢާ އިޖާބަ ނުކުރައްވާހެން ހީވީމާ އެހެން ވަސީލަތްތައް ހޯދަން މަސައްކަތް ނުކުރޭ. ޚުދު ތިމާ އަމިއްލައަށް ﷲ އަށް ދަންނަވާ. ދެއްވައިފިނަމަ ޝުކުރުވެރިވޭ. ނުދެއްވައިފިނަމަ ކެތްތެރިވޭ. ކޮންމެ ހާލަތެއްގައިވެސް އަމިއްލައަށް ދަންނަވާ."
"ދިރިއުޅޭނޭ ހެޔޮ ގޮތާއި ސުލޫކު ނޭނގި އޮޅިއްޖެ ނަމަ އެންމެ ރިވެތި ސިފަތަކުގެ ވެރިޔާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އާ ދިމާއަށް އެނބުރޭ. ހުރިހައި މަގެއް ސާފުކޮށް، އަލިކޮށް ފެންނާން ފަށައިފާނެ."
"ކޮންމެ ޞާލިޙަކަށް، ކޮންމެ ޝެއިޚަކަށް، ކޮންމެ ވަލީވެރިއަކަށް، ކޮންމެ ޝަހީދަކަށް، ކޮންމެ މުއުމިނަކަށް އިޙްތިރާމް ކުރޭ. އެކަމަކު ތިމާގެ ދިރިއުޅުން އާރާސްތުކުރަން ތެދު މަގު ހޯދަން ބޭނުން ކުރާ ވަސީލަތަކަށް ހަދަން ވާނީ ހަމައެކަނި ކީރިތި ރަސޫލާ. ސަބަބަކީ އެކަލޭގެފާނު އެކަލޭގެފާނުގެ އަމިއްލަފުޅު އެއްވެސް ހުކުމެއް އަހަރެމެންނަކަށް ގެނެހެއް ނުދެއްވާ. ގެނެސްދެއްވި ކޮންމެ ބަސްފުޅަކީ ސީދާ ﷲ ގެ ވަޙީ ބަސްފުޅު."
"ޑޮކްޓަރ ސިބްތެ ޢަލީއަކީ ކާކު؟ އޭނާ ދަންނަނީ ކިތައް މީހުން؟ ދޮޅަހަކަށް މީހުން. ނުނީ ދެ ތިން ހާސް މީހުން. އަހަރެން އެ ބޭކަލެއްގެ ވާހަކަ މި ދައްކާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ދުނިޔޭގެ އެއް ބިލިއަނަށް ވުރެ ގިނަ މީހުން އެމީހުންގެ ރޫޙާނީ ޒައީމުގެ ގޮތުގައި ބަލާ ބޭކަލެއް. އަހަރެން މި ދައްކާ ހުރިހައި ވާހަކައަކީ މީގެ ސާދަ ސަތޭކަ އެތައް އަހަރެއް ކުރީން އެ ކަލޭގެފާނު ދައްކަވައިފައި ހުރި ވާހަކަ. އާ އެއްވެސް ވާހަކައެއް އަހަރެން ދައްކައިފިންތަ؟"
ޑރ. ސިބްތެ އަލީގެ ދަރުސް ނިންމައިލިއެވެ. މުޅިތަނަށް ހިމޭންކަން ވެރިވިއެވެ. ހީވަނީ މޫނު ބަލާ ލޯގަނޑަކުން ޑރ. އަލީ އެ މީހުންނަށް އެ މީހުންގެ އަސްލު ސޫރަ ދެއްކީހެންނެވެ. އަދި ލޯގަނޑުން އަމިއްލަ ނަފްސު ފެނުމުން އެންމެންގެ ހިތަށް ބިރުވެރިކަން ވަނީހެންނެވެ.
އެ ގެއިން ނުކުމެގެން އައިސް ސާލާރް ކާރަށް އެރިއެވެ. ޑރ. އަލީ ދެއްކި ވާހަކައާ މެދު ވިސްނަން އޭނާ އިރުކޮޅަކު އިނެވެ. އޭނާގެ ލޯ މަތީގައި އެޅިފައި އޮތް އެންމެ ފަހުގެ ފަރުދާ ވެސް ހިއްލުނީއެވެ. މީގެ އެތައް އަހަރެއް ކުރިން އިމާމާ ހާޝިމް ގެއިން ނުކުމެގެން ދިޔައީ ކޮން ސަބަބަކާ ހުރެ ކަމެއް އޭނާއަކަށް ފަހުމެއް ނުވެއެވެ. އޭރު އޭނާ ހީކުރީ އިމާމާގެ ބުއްދި ފިލައިދިޔައީ ކަމަށެވެ. އޭނާއަށް ވިސްނެން ފެށީ މާ ފަހުންނެެވެ. އެ މީހެއްގެ ހިތުގައި ރަސޫލާ އަށް ޚާއްޞަ ގަދަރެއް ދީ އެންމެ މަތީ ދަރަޖައަަށް އުފުލައިލި މީހަކު ރަސޫލާއަށްޓަކައި އޭނާއަށް ލިބިފައިވާ ހުރިހާ އެއްޗެއް ދޫކޮށްލާނެ ކަން މިހާރު އޭނާއަށް އެނގެއެވެ.
އިސްލާމް ދިނާއި އިސްލާމީ ތާރީޚު އެނގުނުވަރަކަށް އޭނާއަށް އެއް ކަމެއް ޔަގީންވަމުން ދިޔައެވެ. ދީނަށްޓަކައި ރަސޫލާއަށް ތަބާވީ އެތައް ބަޔަކު އެ ފަދަ އެތައް ގުރްބާނީއެއް ވެފައިވާ ކަމެެވެ. ބިލާލް ރަޟިޔަﷲ ޢަންހް އިން ފެށިގެން އުވައިސް ޤަރްނީ އާއި ހިސާބަށް އެތައް ބަޔަކު ވަނީ އެތައް ގުރްބާނީއެއް ވެފައެވެ. ހުރިހާ ދުވަސްވަރެއްގައި ވެސް އިސްލާމް ދީނަށްޓަކައި އެ ބަޔެއްގެ ހުރިހާ މުދަލަކައި ތަކެތި އަދި އާއިލާ ގުރްބާންކޮށް ދިޔަ މީހުން އުޅެއެވެ.
ދަގަތްފާނަށް ދަގަނޑު ދަމާހެން މުޙައްމަދުގެފާނުގެ މައްޗަށް ހިތުގައި ލޯބި އުފެދިއްޖެ މީހަކު އެ ކަލޭގެފާނަށްޓަކައި އޭނާގެ ހުރިހާ އެއްޗެއް ދޫކޮށްލައެވެ. މީގެ ކުރިން އޭނާއަށް މިގޮތަށް ވިސްނިފައެއް ނެތެވެ. ކާރުގައި އިން އިރު އޭނާ ދިޔައީ އެ ކަމާ މެދު ފުންކޮށް ވިސްނަމުންނެވެ. އިމާމާ މައިންބަފައިންނާއި ގެދޮރު ދޫކޮށްފައި ދިޔައީ ހަމައެކަނި ރަސޫލާ ދެކެ ވާ ލޯތްބަކުން ނޫނެވެ. އޭނާއަށް ހެޔޮ މަގު ފެނުމުންނެވެ. ސީދާ ވެގެންވާ ތެދު މަގު ފެނުމުންނެވެ. އޭނާ އެ މަގު ޚިޔާރުކުރީއެވެ. އެއީ އެތައް އަހަރެއް ވަންދެން ސާލާރް ވެސް ހޯދަން މަސައްކަތް ކުރަމުން އައި މަގެވެ. އެއީ ރަސޫލާއަށް ތަބާވީ މީހުންގެ މަގެވެ.
(ނުނިމޭ)