ފާނޫޒު - 15

(12 ޖުލައި 2019ގައި ޝާއިއުކުރެވުނު ބަޔާ ގުޅޭ)

އޭގެ ފަހުން ހުރިހާ ދަރުހަކަށް އޭނާ ދެއެވެ. ފޮތް ފޮތުން އޭނާ ކިޔަމުން އައި ވާހަކަތައް އެހެން މީހެއްގެ ފަރާތުން އަޑު އިވުމުން އޭނާގެ ހިތަށް ނުހަނު އަސަރު ކުރިއެވެ. ޞަބީޙާ އާ މެދު ވެސް އިތުރު ކުލުނެއް އުފެދުނެވެ. ނަބީކަން ޚަތިމު ކުރެއްވުމާ ގުޅޭ ދަރުހެއް ފުރަތަމަ އޮތީ ޞަބީހާގެ ދަރުސްތަކަށް ދާން ފެށިތާ ދެ މަސް ފަހެވެ.  

"ކީރިތި ޤުރްއާން ބާވާލެއްވުނީ މުޙައްމަދުގެފާނުގެ މައްޗަށް." ޞަބީޙާ ދަރުސް ފެށިއެވެ. "މުޙައްމަދުގެފާނަކީ އެންމެ ފަހުން ފޮނުއްވި ރަސޫލާ އަދި ނަބިއްޔާ ކަމަށް ޤުރްއާނުގައި ﷲ ބަޔާން ކުރައްވާފައިވޭ. އޭގެ ފަހުން އެހެން ރަސޫލެއް ނުވަތަ ނަބިއްޔަކު ފޮނުއްވުނު ވާހަކައެއް ނެތް. އޭގެ ފަހުގައި އެހެން ރަސޫލެއް ނުވަތަ ނަބިއްޔެއްގެ ބޭނުމެއްވެސް ނެތް. ޢީސާ ޢަލައިހިއްސަލާމް ދެވަނަ ފަހަރަށް ފޮނުއްވުމަކީ އައު ރަސޫލަކު ފޮނުއްވުމެއް ނޫން. ޢީސާގެފާނު ފޮނުއްވުނީ މުޙައްމަދުގެފާނަށްވުރެ މާ ކުރީގެ ދުވަސްވަރެއްގައި. އެކަމަކު އެކަލޭގެފާނު އަނެއްކާވެސް ފަހު ޒަމާނުގައި ފާޅު ކުރެއްވުމަކީ ﷲ ގެ އިރާދަފުޅު. އެކަލޭގެފާނު ވަޑައިގަންނަވާނީ އެކަލޭގެފާނުގެ ޒަމާނުގެ މީހުންގެ ގާތަކަށް ނޫން. އަހަރެމެންގެ ރަސޫލާގެ މީހުންގެ ގާތަށް. ﷲ ގެ އެންމެ ފަހުގެ ރަސޫލަކީ މުޙައްމަދުގެފާނު. ނަބީކަން ޚަތިމު ކުރެއްވުމުގެ ސިއްކައަކީ އެއްވެސް އިރެއްގައި އެހެން ބޭކަލަކަށް ދެއްވި ޝަރަފެއް ނޫން. އެކަން ވަރަށް ސާފުކޮށް ވަނީ އަންގަވާފައި. އެހެންވީމާ ކުރިން އެންގެވި ކަމެއް ފަހުން ބަދަލު ކުރައްވައި އެންމެ ފަހުގެ ނަބިއްޔަކަށް ކަނޑައެޅުއްވި ބޭކަލެއްގެ ކިބައިން އެ ޝަރަފު އަތުލައްވައި އެހެން ބޭލަކަށް ދެއްވުމަކީ ﷲ އާ ކުރައްވާނޭ ކަމެއް ނޫން. އެކަލާނގެ ގަދަރުފުޅާ ގުޅޭ ކަމެއް ނޫން."

"ޤުރްއާނުގައި ﷲ ވަޙީކުރައްވާފައިވޭ، ބަސްފުޅުގައި ތެދުކަން ގާއިމު ކުރެއްވުމަކީ ހަމައެކަނި ﷲ އަށް އޮތް ކަމެކޭ. އެހެންވީމާ ﷲ ޚުދު އެކަލާނގެ ބަސްފުޅާ ދެކޮޅަށް ކަމެއް އިރާދަ ކުރައްވާނެތޯ؟ އަދި މުޙައްމަދުގެފާނަށް އެ ކަލޭގެފާނަކީ އެންމެ ފަހުގެ ރަސޫލާ ކަމަށް އެންގެވުމަށް ފަހު އެ ނިންމެވުން ﷲ ބަދަލު ކުރައްވައިފާނޭ ކަމަށް ގަބޫލު ކުރުމަކީ ހެޔޮވާނޭ ކަމެއްތަ؟ އެހެން ފަރާތަކުން ނަބީކަމަށް ކުރާ ދައުވާ ގަބޫލުކުރަން ވާނެތަ؟ ﷲ ގެ މަޚްލޫގުންގެ ތެރެއިން ބުއްދި ދެއްވާފައިވާ ހަމައެކަނި މަޚްލޫގަކީ އިންސާނާ. އެކަލާނގެ ވޮޑިގެންވާ ކަމުގެ ހެކި ހޯދުމުގެ ބުއްދި ﷲ ވަނީ އިންސާނާއަށް ދެއްވާފައި. ބުއްދީގެ ބޭނުން ކޮށްގެން އިންސާނާ ދަނީ ﷲ ވޮޑިގެންވާކަމުގެ ހެކިތައް ހޯދަމުން. އެހައި ހިސާބުން އިންސާނާ އޭނާގެ މަސައްކަތް ހުއްޓައެއް ނުލާ. އޭނާގެ ވިސްނުން އެކަލާނގެ ރަސޫލުންނާ ދިމާއަށްވެސް އެނބުރޭ. އީމާން ވުމުގެ ކުރީން ރަސޫލުންނާއި ރަސޫލުންގެ ރިސާލަތާ މެދު އޭނާ ސުވާލު އުފައްދާ. ކީރިތި ޤުރްއާނުގައި ރަސޫލުންގެ ވާހަކަ އޮޅުމެއް ނެތް މިންވަރަށް ބަޔާން ކުރައްވައިފައި ވާއިރު ވެސް އެހެން ރަސޫލަކު ފެނޭތޯ ބަލަމުން ގެންދޭ. އިންސާނާ ހަނދާން ނައްތައިލާ ކަމަކީ ރަސޫލުންނަކީ އަހަރެމެން އަމިއްލައަށް ކަނޑައަޅާ ބައެއް ނޫންކަން. ރަސޫލުކަން ދީ ނަގައި ހެދުމަކީ އިންސާނުންނަށް އޮތް ކަމެއް ނޫން. ރަސޫލުން ކަނޑައަޅުއްވަނީ ﷲ. ﷲ ވަނީ އެކަން ނިންމަވައިފައި. އެންމެ ފަހުގެ ރަސޫލާ ފޮނުއްވައި ނަބީކަމާއި ރަސޫލުކަން ޚަތިމު ކުރައްވާފައި. އެހެން ދީނެއްގެ، އެހެން ރަސޫލެއްގެ ބޭނުމެއް ނެތް. އަހަރެމެންނަށް އޮތް ކަމަކީ އެ ދީނާއި އެ ރަސޫލާއަށް ކިޔަމަންގަތުން. އަމަލު ކުރުން. އެހެން ނުހަދާ ކޮންމެ މީހަކު ގެއްލެނި ކުރައްވާނެ. އެންމެ ފަހުގެ ރަސޫލާއަށާއި އެންމެ ފަހުގެ ދީނަށް ތަބާނުވެ އެހެން ރަސޫލަކާއި ދީނެއް ފެނޭތޯ ދުވެނަގާ މީހަކާއި ޖަނަވާރު ބައިގަނޑުން ވަކި ވެގެން ކުޑަ ވިނަކޮޅެއް ފެނޭތޯ ދުއްވައިގަންނަ ބުއްދިއެއް ނެތް ޖަނަވާރަކާ ހުރީ ކޮން ތަފާތެއްތޯ؟"

ސާޅީސް ފަސް މިނެޓަށް ދިގު ދެމިގެން ދިޔަ އެ ދަރުހުގައި ޞަބީޙާ އެންމެ ފަހަރަކު ވެސް އިސްލާމް ދީނުގެ އެހެން ފިރުގާއެއްގެ ވާހަކައެއް ނުދައްކައެވެ. އެންމެ ވާހަކައެއް ފިޔަވައި އެހެން ހުރިހައި ވާހަކައެއް އިމާމާ އަށް ގަބޫލުކުރެވުނެވެ. އެ ވާހަކައަކީ އެންމެ ފަހުގެ ރަސޫލަކީ އަދި ނަބިއްޔަކި މުޙައްމަދުގެ ފާނު ކަމެވެ. އަދި އެކަލޭގެފާނު މީގެ 1400 އަހަރު ކުރިން މަދީނާގައި އަވަހާރަވެފައިވާ ވާހަކައެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅުގައި، އަދި އޭގެ ފަހުން މިއަދާ ހަމައަށް ވެސް މުސްލިމުން ސާބިތުވެ ތިބީ އެކަލޭގެފާނު ދެއްކެވި މަގުގައެވެ. އަދި މިއަދުވެސް އަހަރެމެންގެ ރަސޫލަކީ އަދި ނަބިއްޔަކީ އެކަލޭފާނެވެ. އެކަލޭގެފާނަށް ފަހު އެހެން ރަސޫލަކު އަދި ނަބިއްޔަކު ނުފޮނުއްވައެވެ. އެ ނޫން ގޮތަކަށް ގަބޫލުކުރާ ފަރާތްތަކުން ހިތުގައި އުފެދިފައިވާ ސުވާލަށް ޖަވާބު ހޯދައި ޝައްކު ފިލުވަން ޖެހެއެވެ.

ކޮންމެ ދަރުހަކަށް ފަހު އިމާމާ ޞަބީޙާ އާއި ބައްދަލުކުރެއެވެ. އެ ދުވަހު އޭނާ އަވަސް އަވަހަށް ހޯލުން ނުކުތެވެ. އޭނާގެ ސިކުނޑީގައި އެކި ސުވާލުތައް އެނބުރެނީ އެވެ. ފުން ޚިޔާލަކަށް ގެއްލިފައި ހުރެ އޭނާ ކޮލެޖުން ނުކުމެ ހިނގަން ފެށިއެވެ. އޭނާއަށް ރޭކާ ލީ އިރު، އިރު އޮއްސެން ކައިރިވެެއްޖެއެވެ. ކޯރެއްގެ އައްސޭރީގައި ހުރި ގޮނޑިއެއްގައި އޭނާ އިށީނެވެ. އެހެން އިނދެފައި ހިތާ ހިތާ ސުވާލުކުރަން ފެށިއެވެ.

"އަހަރެންގެ އަމިއްލަ ނަފްސަށް މިހާ ބޮޑު އަނިޔާއެއް މި ދެނީ ކީއްވެ؟ އަހަރެން ހޯދަން މިއުޅެނީ ކޮން އެއްޗެއް؟ އަހަރެން ލާހޯރަށް އައީ ޑޮކްޓަރުކަން ކިޔަވަން، އެންމެ މޮޅު ލޮލުގެ ޑޮކްޓަރަށް ވާން. "ރަސޫލާ"، މި ލަފުޒާއެކު އަހަރެންގެ ހުރިހާ ހަރަކާތެއް ހުއްޓެނީ ކީއްވެ؟" ދެ އަތުން މޫނު ފޮރުވައިގެން އިނދެ އޭނާ ބާރަށް ރޮމުން ގެންދިޔައެވެ.

"މި އުދާސްތަކާ ދުރުވާން އެބަޖެހޭ. މިހެން އުޅެގެން އަހަންނަކަށް ކިޔެވުމަށް ސަމާލުކަމެއް ނުދެވޭނެ. ދީނަކީ ކިޔެވުމަށް އެޅޭ ހުރަހަކަށް ވެގެން ނުވާނެ. އަހަންނަށް ވުރެ ދޮށީ މީހުން ވަނީ ރަނގަޅާއި ނުބައި ވަކި ކޮށްދީފައި، އެވަރުން ފުދެންވާނެ. މީގެ ފަހުން ޞަބީޙާގެ ދަރުހަށް އަހަރެން ނުދާނަން. އަދި ރަސޫލުންނާއި ނަބިއްޔުންނާ މެދު ނުވިސްނާނަން."

އިމާމާ ހޮސްޓެލްއަށް އެނބުރި ދިޔައިރު ރޭގަނޑު އަށެއް ޖަހައިފިއެވެ. އޭނާގެ އިންތިޒާރުގައި ރާބިޔާ އާއި ޖުވައިރިއްޔާ ތިއްބެވެ. "އަހަރެން ދިޔައީ ބާޒާރަށް." އެކުދީންނާ ކަޅި ހަމަނުކޮށް އޭނާ ބުންޏެވެ.

***

"އިމާމާ، ހާދަ ގިނަ ދުވަހެއް ކޮށްލާފަ ތި އައީ. ކިހިނެއްވީ އަނެއްކާ؟" ޞަބީހާގެ ދަރުހަކަށް އިމާމާ އެންމެެ ފަހުން އައީ މީގެ އެތައް ދުވަހެއް ކުރިންނެވެ. އޭނާއަށް އާދެވުނު އިރު ދަރުސް ފެށެން ކުޑަތަން ވެއްޖެއެވެ.

"ވާހަކައެއް ދައްކާލަން ބޭނުން. ނިމެންދެން މިތާ ބޭރުގަ މަޑުކޮށްލާނަން." ޞަބީހާގެ ސުވާލަށް ޖަވާބު ނުދީ އޭނާ ބުންޏެވެ.

ސާޅީސް ފަސް މިނެޓު ފަހުން ދަރުސް ނިންމާފައި ޞަބީޙާ ހޯލުން ނުކުތް އިރު އިމާމާ ކޮރިޑޯ ގައި ހުއްޓެވެ. ހޯލުން މީހުން ނުކުތުމުން އިމާމާ ގޮވައިގެން އޭނާ ހޯލަށް ވަނެވެ.

ޚިޔާލަކަށް ގެއްލިފައި އިރުކޮޅަކު އިނުމަށްފަހު އިމާމާ ވާހަކަ ފެށިއެވެ. "އަހަންނަކީ ކޮން ދީނެއްގެ މީހެއްކަން އެނގޭތަ؟"

"އާނ. ޖުވައިރިއްޔާ ބުނި." މަޑުމަތިރިކަމާއެކު ޞަބީޙާ ޖަވާބު ދިނެވެ.

"އަހަންނަށް ވާ ގޮތެއް ބުނެދޭނެ ގޮތެއް ވެސް ނޭނގޭ. މި ހާސްކަމާ ދުރަށް، އެހެން ދުނިޔެއަކަށް ދާން ބޭނުންވަނީ! އަހަރެން... އަހަރެން..." އިސް އުފުލާލާފައި ވާހަކަ ދެއްކޭތޯ އޭނާ ބެލިއެވެ. "އަހަންނަށް އެނގޭ..." ޖުމުލައިގެ މެދުތެރެއިން އަނެއްކާ ވެސް ހުއްޓުން އެރިއެވެ. "އެކަަަަަމަކު އަހަންނަކަށް އަހަރެންގެ ދީން ދޫކޮށްލެވޭކަށް ނެތް. އަހަރެންގެ މުޅި ހަޔާތް ބަރުބާދުވާނެ. އަހަރެންގެ އާއިލާ އިން އަހަރެންގެ ފުރާނަ ދުއްވާލާނެ. އަހަރެންގެ ކިޔެވުން، އަހަރެންގެ ހުވަފެންތައް، ހުރިހާ ކަމެއް ނިމުމަކަށް އަންނާނެ، މިހާރު ނަމާދުކުރުން ވެސް ހުއްޓާލައިފިން. އެކަމަކުވެސް ހިތަށް ފިނި ކަމެއް ނުލިބޭ. އެއްވެސް ހިތްހަމަ ޖެހުމެއް ނެތް. އަހަރެންގެ ޙާލަތާ މެދު ވިސްނާލަބަލަ. އަހަންނަށް ހީވާ ގޮތުން އަހަންނަށް މި އުޅެވެނީ އަދި ރަނގަޅަކަށް ނޫން. އެކަމަކު ރަނގަޅު ގޮތަކީ ކޮބައި ކަމެއް އަހަންނަކަށް ނޭނގޭ."

"އިމާމާ، އިސްލާމް ދީން ޚިޔާރުކުރޭ، ޞައްޙަ ދީން." އިމާމާގެ ހުރިހާ ކަންބޮޑުވުމަށް ޞަބީޙާ ޖަވާބު ދިނީ ކުރު، އެއް ޖުމުލައިންނެވެ.

"އަހަންނަކަށް ތި ކަމެއް ނުކުރެވޭނެ. ދެންމެ މި ކިޔައިދނީ އަހަރެން އުފުލަން ޖެހޭނެ ތަކުލީފު!"

"ދެން އަހަންނާ ބައްދަލުކުރަން އައީ ކީއްކުރަން؟" ޞަބީޙާ އެހިއެވެ.

"އަހަންނަކަށް ނޭނގޭ." އޭނާ ބުންޏެވެ.

"ތި އައީ ދެންމެ އަހަރެން ބުނި ވާހަކަ އަޑު އަހަން. އަހަންނަކަށް އެކަން ސާބިތު ކޮށެއް ނުދެވޭނެ. ތި ދިމާވެގެން އުޅޭ ބަލީގެ ފަރުވާ އިމާމާއަށް ރަނގަޅަށް އެނގޭ. މިތަނަށް ތި އައީ އެންމެ ކަމަކު، އެ ޖުމުލަ އަޑު އަހަން. ހަގީގަތް ގަބޫލުކުރަން ވާނެ، ނޫންތަ؟"  

އިމާމާގެ ދެ ލޯ ކަރުނައިން ފުރިއްޖެއެވެ. "ހީވަނީ އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދާ ހެން. އަހަރެން ޖައްވުގައި އުދުހޭހެން." ގިސްލަމުން ޞަބީޙާ އަށް ހިތުގެ އުދާސްތައް ކިޔައިދެމުން ދިޔައެވެ.

ޞަބީޙާ އެ ވާހަކައަށް ރައްދެއް ނުދެއެވެ. އޭނާ ބިސްމި ކިޔަން ފެށިއެވެ. "ބިސްމިއްލާހި."

އަތްތިލައިގެ ނުފުށުން އިމާމާ ކަރުނަ ފޮހެލިއެވެ. "އަހަންނަކަށް އެއްވެސް އެއްޗެއް ނުފެނޭ." ޞަބީޙާ އަށް ބަލަން އިނދެ އޭނާ ވާހަކަ ދެއްކިއެވެ.

"ލާ އިލާހަ އިއްލަﷲ..." ޞަބީޙާ ޝަހާދަތުގެ ކަލިމަ މަޑު މަޑުން ކިޔަން ފެށިއެވެ. ދެ އަތުން މޫނު ފޮރުވައިގެން އިނދެ ގިސްލަމުން ޞަބީޙާގެ އަޑުދަށުން އޭނާ ޝަހާދަތް ކިޔަމުން ދިޔައެވެ.

"މުޙައްމަދުއް ރަސޫލުﷲ." އޭނާގެ އަޑު ފަޅައިގެން ދިޔައެވެ.

ކަރުނަ ނުހިފެހެއްޓެނީ ކީއްވެގެން ކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ގައިމުވެސް އޭނާ ދެރައެއް ނުވެއެވެ. އެކަމަކުވެސް ގިސްލެވެނީއެވެ. ގިސްލުން ހުއްޓި، ހަމައަކަށް އެޅެންދެން ޞަަބީޙާ އޭނަ ގާތު އިށީނދެލައިގެން އިނެވެ. ދެ ލޯ ހުރީ ކަރުނައިން ފުރިފައެވެ. އޭނާ އިނީ ހިނިތުންވެލައިގެންނެވެ.

***

އިމާމާގެ ވާހަކަ އަޑު އަހާފައި ރާބިޔާ އާއި ޖުވައިރިއްޔާ އަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ. އިމާމާ ފުން ޚިޔާލަކަށް ގެއްލިފައި އިނދެ، ފައިތިލައިން ބިންމަތީގައި ކުރަހަމުން ދިޔައެވެ. ޖުވައިރިއްޔާ ވާހަކަ ފެށިއެވެ. "ތި ވާހަކަ އަހަރުމެން ގާތު ކުރިން ބުނަންޖެހޭނެ."

"އޭރުން ކިހިނެއްވާނީ؟" އިމާމާ އެހިއެވެ.

"ކުރިން ބުނި ނަމަ އިމާމާ އާ ދޭތެރޭ ކުށް ހީއެއް ނުއުފެދުނީސް. އަދި އެހީތެރިކަން ވެސް ފޯރު ކޮށްދެވުނީސް."

އެ ވާހަކައަށް އިންކާރު ކުރަމުން އިމާމާ ބޯ ހޫރައިލިއެވެ. "ބުންޏަސް އެއްވެސް ކަމެއް ނުވާނެ."

ޖުވައިރިއްޔާ އިމާމާ އާ ގާތަށް ޖެހިލާފައި ބުންޏެވެ. "އަހަރެން ވަރަށް އުފާވެއްޖެ، ތެދު މަގު ޚިޔާރު ކުރީތީ. އަހަރެންގެ އިހުސާސްތައް ބަޔާންކޮށް ދޭންވެސް ނޭނގޭ. ވަރަށް ވަރަށް އުފާވެއްޖެ."

އިމާމާ އޭނާއާ ދިމާއަށް ބަލައިލިއެވެ. ޖުވައިރިއްޔާ އަނެއްކާވެސް ވަހަކަ ދެއްކިއެވެ. "އެއްވެސް ކަމެއް ބޭނުން ވެއްޖެނަމަ އަހަރެމެން ގާތު ބުނާތި. އަހަރެމެންނަށް ވާ ވަރު ކަމެއް ވެެއްޖެއްޔާ ކޮށްދޭނަން."

"ތި މީހުންގެ އެހީތެރިކަން އަހަންނަށް ވަރަށް ބޮޑަށް ބޭނުންވާނެ." އިމާމާ ބުންޏެވެ.

"ތި ވަރު ނިންމުމެއް ތި ނިންމީ އަހަންނާ ހެދިތަ؟" ޖުވައިރިއްޔާ އެހިއެވެ.

އިމާމާ ހައިރާންވެފައި އޭނާ އާ ދިމާއަށް ބަލައިލިއެވެ. "ޖުވައިރިއްޔާ އާ ހެދި އޭ؟" އޭނާ ވިސްނައިލިއެވެ. ލޯމަތި ފުސްވެއްޖެއެވެ. އެ ފުސްގަނޑުގެ ތެރެއިން މޫނެއް ފާޅުވިއެވެ. މޫނުގެ ސިފަ އާއި އަޑު އިވުމުން އޭނާ ހިނިތުންވެލިއެވެ.

"ފެން ތިތްކަކަށް އެދިދަންނަވާ މީހާއަށް އިބަރަސްކަލާނގެ މާސިންގާ ކަނޑެއް ދެއްވައެވެ." އިމާމާ ކިޔައިލިއެވެ.

"މި ވާހަކަ އެއްވެސް މީހެއް ގާތު ނުބުނާތި. ޒައިނަބު ގާތު ވެސް."

ޖުވައިރިއްޔާ އާ ރާބިޔާ ބޯ ޖަހާލިއެވެ.

"މިއަދު މިއަޅާއަށް އިސް އުފުލައިގެން ކޮޅަށް ހުރެވޭނަމަ އެއީ އިބަރަސްކަލާނގެ ރަޙުމަތެވެ. މިއަޅާއަށް ހިތްވަރު ލިބިފައި މިވަނީ އިބަރަސްކަލާނގެ އެހީތެރިކަން ދެއްވިޔަތީއެވެ." އަނެއްކާވެސް އިމާމާ ކިޔައިލިއެވެ.

އެ އަޑަކީ އޭނާއަށް ބީރައްޓެހި އަޑެއް ނޫނެވެ. އެއީ ޖަލާލް އަންޞަރް ގެ އަޑެވެ. އޭނާ ކިޔަމުން ދިޔައީ ޖަލާލްގެ މަދަޙައެއްގެ ބައިތުތަކެވެ.

***

މެޑިކަލް ކޮލެޖާ ގުޅުނުތާ ދުވަސްކޮޅެއް ފަހުން ހަފްތާ ބަންދަކަށް އިމާމާ އިސްލާމްއާބާދަށް އައެވެ. ލާހޯރުގައި ދިރިއުޅޭ އޭނާގެ އެކުވެރި ޒައިނަބަށް ގުޅިއެވެ.

"މަޑު ކުރޭ ދަރިފުޅާ، ޒައިނަބަށް ގޮވާލާނަން." ފޯނު ނެގީ ޒައިނަބު ގެ މަންމައެވެ. ފޯނުގައި އިން އިރު ދުރުން މަދަހައެއްގެ އަޑު އިވެއެވެ. އެއީ ފިރިހެން އަޑެކެވެ. އިމާމާއަށް އެއީ ކާކު ކަމެއް ނޭނގެއެވެ. އެ އަޑުގައި ހިތްދަމަައިގަންނަ ކަހަލަ ގޮތެއް ހުއްޓެވެ. 

"ފެން ތިތްކަކަށް އެދިދަންނަވާ މީހާއަށް އިބަރަސްކަލާނގެ މާސިންގާ ކަނޑެއް ދެއްވައެވެ."

"މިއަޅާ އެދެނީ ހަމަ އެންމެ ކަމަކަށެވެ. އެއީ އިބްރަސްކަލާނގެ ރުއްސެވުމެވެ."

ފިރިހެނެއްގެ އަޑު އެހާއި ރީތިވެ އެ އަޑުގެ ސިހުރުގައި ބަޔަކު ޖެހިދާނެ ކަމަކަށް އޭނާ މީގެ ކުރިން ހިއެއް ނުކުރެއެވެ. ނޭވާ ލާން ވެސް އޭނާ ހަނދާނެއް ނެތެވެ.

"އިބަރަސްކަލާނގެ ރަޙުމަތުގެ ހައްދެއް ނެތް ކަމަށް މީހުން ކިޔައި އުޅެއެވެ. މިއަޅާ ބުނާނީ މުޅި ކާއިނާތަކީ އިބަރަސްކަލާނގެ ރަޙުމަތް ކަމުގައެވެ."

އިންސާނާގެ ހަޔާތުގެ ބައެއް ހިނދުކޮޅަކީ ބަރަކާތްތެރި ވަގުތުކޮޅުތަކެވެ. ލައިލަތުލް ޤަދްރި ވިލޭރެއަކީ އެފަދަ ރެއެކެވެ. ބައެއް މީހުން ފަރުވާލެއް ނުބަހައްޓައި އެރޭ ވެސް ދޫކޮށްލައެވެ. ނަމަވެސް އެއް ބަޔަކު ދެއަތް އުފުލައި ކެތްތެރި ކަމާއެކު ﷲގެ މަދަދަށް އެދެއެވެ. އެ ވަގުތުކޮޅަކީ އޮއި ނުދެމޭ ފެންގަނޑު ދެމިގަންނަ ވަގުތެވެ. އަދި ދެމިދެމި އޮންނަ ފެންގަޑު ހުއްޓޭ ވަގުތެވެ. ހިތުގައި އޮންނަ ދުއާ އިޖާބަކުރައްވާ ވަގުތެވެ. އިމާމާގެ ހަޔާތަށް ރަޙްމަތުގެ އެ ވަގުތުކޮޅު އައީ ލައިލަތުލް ޤަދްރި ވިލޭރެއަކު ނޫނެވެ. ނުވަތަ އޭނާ ﷲ އަށް ދެ އަތް އުފުލައި ދުއާ ކޮށްގެނެެއް ވެސް ނޫނެވެ. ނަމަވެސް އިރާއި ތަރިތައް އޭގެ ބުރު ފުރިހަމަކުރަމުން ދަނިކޮށެވެ. އޭނާއަށް ޖައްވުގެ ތެރެއިން އެ އަޑު އިވުނީ އެވެ.

"އޭ އަހަރެންގެ އެކަނިވެރިކަމުގެ ހަމައެކަނި ބައިވެރިޔާއެވެ.

އިބަރަސްކަލާނގެ އެހީތެރިކަން ނެތް ނަމަ މިއަޅާ މަރުވެ ހިނގައްޖައީހެވެ.

އިބަރަސްކަލާނގެ ނޫރުފުޅުގެ ތަރި ނިތްކުރީގައި ހުންނަ މީހާ...

ދަތިކަމެއް ނެތި އަނދިރިކަން ހުރަސްކޮށްފަތެވެ."

އެއީ އަސަރު ގަދަ އަޑެކެވެ. އިމާމާގެ ހިތަށް ފިނިކަން ލިބެމުން ދިޔައެވެ. ފޯނުގެ އަތްގަނޑު ކަންފަތުގައި ޖައްސައިގެން އެ އަޑު އަހަން އޭނާ އިނެވެ.

"ހެލޯ އިމާމާ!" ޒައިނަބުގެ އަޑާއެކު  މަދަހައިގެ އަޑު ކެނޑުނެވެ. ދުނިޔެ އޭގެ ޒާތުގައި ބުރުޖަހަން ފެށިއެވެ.

"ހެލޯ، އިމާމާ، އަޑު އިވޭތަ؟" އިމާމާއަށް ހޭވެރިކަން ވިއެވެ.

"އާނ، އިވޭ..."

"ރަނގަޅު، އަހަރެން ހީކުރީ ފޯނު ކެނޑުނީ ކަމަށް."

އިރުކޮޅެއް ވަންދެން ޒައިނަބާ އޭނާ ވާހަކަ ދެއްކިއެވެ. އެކަމަކު ސިކުނޑި އޮތީ އެހެން ދުނިޔެއެއް ގައެވެ.

***

ޖަލާލް އަންޞަރް އަކީ ޒައިނަބުގެ ބޭބެއެވެ. އިމާމާއަށް އޭނަ އެނގެއެވެ. އެކަމަކު އަދި ބައްދަލެއް ނުވެއެވެ. ޒައިނަބާ އިމާމާ ކިޔަވަނީ އެއް ކުލާހެއްގައެވެ. ފުރަތަމަ ދިމާވީ ކޮލެޖުންނެވެ. ދެކުދިންގެ ގުޅުން ބަދަހިވެ، އިމާމާ އަށް ޒައިނަބުގެ އާއިލާ ވެސް އެނގެއެވެ. އެ ގޭގައި ހަތަރު ބޭން ތިބޭ އިރު ޖަލާލަކީ އެންމެ ދޮށީ ދަރިފުޅެވެ. އޭނާއަކީ ޑޮކްޓަރެކެވެ. ޒައިނަބްގެ ބައްޕަ އަކީ އިންޖިނޭރެކެވެ. އެ އާއިލާ އަކީ ދީންވެރި އާއިލާއެކެވެ.

ހަފްތާ ބަންދު ނިންމާފައި ލާހޯރަށް އައިސް އިމާމާ ޒައިނަބާ ބައްދަލުކުރިއެވެ. "ޒައިނަބް، އެރޭ އަހަރެން ފޯނުކުރި އިރު ވަރަށް ރީތި މަދަހައެއް ކިޔާ އަޑު އިވޭ. އެއީ ކާކު؟"

"އާނ، އެއީ ޖަލާލްބެ، މަދަހަ މުބާރާތަކަށް ތައްޔާރުވަނީ. މުބާރާތްތަކުން ވަރަށް ގިނަ އިނާމުވެސް ލިބޭ. މިހާރު ފަރިިތަކުރަނީ ކޮލެޖުގައި އޮންނަ މުބާރާތަކަށް. އަންނަންވާނެ އިނގޭ؟"

ޒައިނަބަށް އޭރު އިމާމާގެ އަގީދާ އާ ބެހޭ އެއްވެސް އެއްޗެއް ނޭނގެއެވެ. އޭނާ އަބަދުވެސް ފަރުދާއަށް ވަރަށް ސަމާލުވާނެއެވެ. އެހެންވީމާ ޒައިނަބަށް ހީވެފައި އޮންނަނީ ވަރަށް ހަރުކަށި ދީނީ ވިސްނުމުގެ ކުއްޖެއްގެ ކަމުގައެވެ. އޭގެ ތިން ދުވަސް ފަހުން އިމާމާ ކުލާސް ކަޓުވާފައި މަދަހަ މުބާރާތް އަޑު އަހަން ދިޔައެވެ. އޭނާއަށް ޖަލާލް އަންޞަރް ފުރަތަމަ ފެނުނު ދުވަހަކީ އެ އެވެ. އެއީ ތުނބުޅިއެއް ލާފައި ހުރި ޒުވާނެކެވެ. އުުުުމުރުންވާނީ 25 އަހަރެވެ. އޭނާއާ ޒައިނަބާ ވައްތަރު ގޮތެއް ހުއްޓެވެ. ރޮސްޓްރަމް ކައިރިއަށް ދާން ޖަލާލް ތެދުވި ހިސާބުން އިމާމާގެ ލޯ އޭނާއަށް އަމާޒުވިއެވެ. ދެ ލޯ މަރައިގެން މޭމަތީގައި ދެއަތް ބާއްވައިގެން އޭނާ މަދަަހަ ފެށިއެވެ.

"އިބަރަސްކަލާނގެ އަޅާ ރަސްރަސްކަލުންގެ އަރިހުން ކަންކަމަަކަށް ނޭދެއެވެ.

މިއަޅާއަށް އެންމެ އަގުހުރި އިނާމަކީ އިބަރަސްކަލާނގެއަށް ޖެހޭ ސަޖިދައެވެ."

އިމާމާގެ ލޭ ހިނގުން އަވަސެްވިއެވެ. ހޯލަށް އޮތީ ހިމޭންކަން ވެރިވެފައެވެ. މުޅި ހޯލު ޖަލާލްގެ އަޑުން ގުގުމަމުން ދިޔައެވެ. ޖަލާލް ސްޓޭޖުން ފޭބިކަމެއްެ، އޭގެ ފަހުން ސްޓޭޖަށް އެރީ ކާކު ކަމެއް، އޭނާއަކަށް ނޭނގެއެވެ. މުބާރާތުގެ ނަތީޖާއެއް އަދި ހޯލުން އެންމެ ފަހު ކުއްޖާ ނުކުމެގެން ދިޔައީ ކޮންއިރަކު ކަމެއް އޭނާއަކަށް ނޭނގެއެވެ. ހޯލުގައި އިނީ އޭނާ އެކަނިކަން ރޭކާލީ އެތައް އިރެއް ފަހުންނެވެ.   

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.