(30 ސެޕްޓެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"މޮޔަ ނުގޮވާ." ސާލާރް ނުރުހިފައި ބުންޏެވެ.
"ބަލަން ހުންނާތި، އޭނަ އަދި ފޮނުވާނެ މީހަކު. އެ ދައްތައަށް ސާލާރް ވަރަށް ކަމުދޭ. އަހަރެން ކައިރިން ވެސް ނާހާކަށް ވާހަކައެއް ނެތް. އެންމެ ރަނގަޅު، ކާވެންޏެއް ކުރަން ހިތުގައި އޮތިއްޔާ، ކޮން އިރަކު އެކަން ކުރާނީ؟ އަހަރެން ބުނިން ރަނގަޅު ކުއްޖަކު ފެނުނުހާ އަވަހަކަށް އިންނާނެއޭ. އެހެން ބުނީމާ އޭނަގެ ދަރިފުޅުގެ ވާހަކަ ކިޔައިދިން، އާމިނާ އާ ސާލާރާ ވަރަށް ގުޅޭނެ."
"ތިކަހަލަ ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ، ތި ދައްކަނީ ޑޮކްޓަރ ސިބްތެ އަލީގެ ކޮއްކޮއެއްގެ ވާހަކަ." ސާލާރް ބުންޏެވެ.
މީ ފުރްގާނަށް މާ ކަމުދާ ވާހަކައެކެވެ. "އަހަރެން ލަދެއް ނުގަނޭ. ޑޮކްޓަރ އަލީގެ އާއިލާ އިން ފުރުސަތު ލިބުމަކީ ބޮޑު ފަޚުރެއްނު؟"
"ތި ވާހަކަ ބާއްވާ. ވާ ވަރަށް ތި ވާހަކަ ދެއްކިއްޖެ." ސާލާރް ނުރުހުންވެފައި ބުނެލިއެވެ.
"އެންމެ ރަނގަޅު، އެހެން ފަހަރަކުން އަދި މި ވާހަކަ ދައްކަންވާނެ." ފުރްގާން ވަރަށް ހަމަޖެހިލާފައި ބުންޏެވެ. ސާލާރް އޭނާއާ ދިމާއަށް އެނބުރިފައި ކަޅިއަޅައިލިއެވެ.
"މަގުމައްޗަަށް ސަމާލުވޭ. ތީނީ ދުއްވާކަށްނު؟" ސާލާރްގެ ކޮނޑުގައި ޖަހާލާފައި ފުރްގާން ބުންޏެވެ.
***
ސައީދައްތަ އާ އެ މީހުންނާ އޮތް ގުޅުން އެ ހިސާބުން ނިމުނީއަކީ އެއް ނޫނެވެ.
އޭގެ ދުވަސްކޮޅެއް ފަހުން އެމީހުން އެއްރޭ ޑރ. ސިބްތެ އަލީގެ ދަރުސް އަޑު އަހަން ދިޔައެވެ. ދަރުސް ނިމިގެން އޭނާ އެ މީހުން މަޑުކުރުވިއެވެ.
"ސައީދާ އެބައުޅޭ ތި މީހުންނާ ބައްދަލުނުވެގެން. ތިމަންނަ ގޮވައިގެން ތިގެއަށް ދާށޭ ވެސް ބުނެފި. އަހަރެން ބުނިން އިޝާކޮށްގެން މިގެއަށް އަންނާނެ އޭ، މިގެއިން ބައްދަލުކުރާނީ އޭ. އެގެއަށް ދާން ބުނެފަ ނުދަމެއްނު؟"
ފުރްގާން މާނައިން ފުރިގެންވާ ގޮތަކަށް ސާލާރަށް ބަލައިލިއެވެ. އޭނާ އިނީ ނޭނގޭ ކަމަށް ހަދައިގެންނެވެ.
"އާނ، އެގެއަށް ދާން ކިޔާފަ އަދި ވަގުތެއް ނުވެގެން." ފުރްގާން މަތި އޮމާންކުރިއެެވެ.
ފުރްގާނާ ސާލާރް ގޮވައިގެން ޑރ. ސިބްތެ އަލީ ކާ ކޮޓަރިއަށް ދިޔައެވެ. ކާން ފެށިތަނާ ސައީދައްތަ ވެސް އެތަނަށް އައެވެ. އައިސް ޝަކުވާ ބަނދެލިއެވެ. ފުރްގާން އޭނާ ހަމައަކަށް އެޅުވޭތޯ ބެލިއެެވެ. ސާލާރް އަނގަޔަކުން ނުބުނެއެވެ.
ޖެހިގެން އަންނަ ހަފްތާގައި ސައީދައްތަ މެންގެއަށް ދާ ވާހަކަ ފުރްގާން ސާލާރް ގާތު ބުންޏެވެ. ނަމަވެސް ސާލާރް އެ ދުވަސްކޮޅު އިސްލާމްއާބާދަށް ދާން ޖެހެއެވެ. އެހެން ބުނެފައި އޭނާ ސަލާމަތްވިއެވެ.
ސާލާރް އިސްލާމްއާބާދުން އެނބުރި ލާހޯރަށް އައުމުން ފުރްގާން ސައީދައްތަ މެންގެއަށް ދިޔަ ވާހަކަ ކިޔައިދިނެވެ.
"ސާލާރް! ސައީދައްތަގެ ދަރިފުޅާ ވެސް ބައްދަލުވި." ވާހަކައިގެ މެދުތެރެއިން ކުއްލިއަކަށް ފުރްގާން ބުންޏެވެ. "އެއީ ވަރަށް ރަނގަޅު ކުއްޖެއް، މަންމަ އާ ޚިލާފަށް ވަރަށް ބަސް މަދު، މަޑުމައިތިރި ކުއްޖެއް. ހަމަ ސާލާރް ހެން. ތި ދެ މީހުން ވަރަށް ގުޅޭނެ. ނައުޝީނަށް ވެސް އޭނަ ވަރަށް ކަމުދިޔަ."
"ރަނގަޅުވާނީ ފުރްގާން އެކަނި އެގެއަށް ދިޔައިއްޔާ، އަހަރެން ބަހައްޓާ." ސާލާރް ބުންޏެވެ.
"ވަރަށް ސީރިއަސް ވާހަކައެކޭ..." ފުރްގާން ބުންޏެވެ.
"އަހަރެންވެސް މި ބުނަނީ ވަރަށް ސީރިއަސްކޮށް." ސާލާރް ބުންޏެވެ. "އެނގޭތަ، ކާވެނީގެ ވާހަކަ ދެއްކި ވަރަކަށް އަހަރެން ކާވެނި މަތިން ފޫހިވަނީ." ސޯފާއަށް ލެނގިލަމުން އޭނާ ބުންޏެވެ.
"އަހަންނާ ހެދި ވާ ގޮތެއް ނޫން ތީ. އިމާމާ އާ ހެދި އޭ ނުބުނަނީ ކީއްވެ؟" ފުރްގާން އޭނާ އާ ދިމާއަށް ބުނެލިއެވެ.
"އެންމެ ރަނގަޅު... އަހަރެން މީހަކާ އިންނަން ބޭނުން ނުވަނީ އިމާމާ އާ ހެދި... ދެން؟" ސާލާރް ބުންޏެވެ.
"ކުޑަ ކުދިން އުޅޭހެން އުޅޭނެކަމެއް ނެތް، ތިކަމުން އަރައިގަންނަން މަސައްކަތް ކުރޭ. ކައުންސެލިން ނަގަންވީނު."
"އެ ހަނދާންތަކާ ދުރަށް ދާކަށް އަހަރެން ބޭނުމެއް ނޫން." ސާލާރް ވަގުތުން ރައްދުދިނެވެ.
ފުރްގާން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"މީގެ ފަހުން އަހަންނާ ސައީދައްތަގެ ދަރިފުޅުގެ ވާހަކަ ނުދައްކާތި. އޭނާ އެ ވާހަކަ ދައްކައިފިއްޔާ ބުނޭ އަހަރެން އުޅެނީ މީހަކާ އިނދެގެންނޭ."
"އެންމެ ރަނގަޅު. ދެން ނުދައްކާނަން. އެކަމަކު މިހާރު މާ އަވަހަށް ރުޅި އަންނަނީ ތި."
***
'ދަރިފުޅާ ވަރަށް މުހިއްމު ވާހަކައެއް ދައްކަން އެބަޖެހޭ، އެހެންވީމަ އިސްލާމްއާބާދަށް އަންނަން ބުނީ." ގޮނޑީގައި އިށީންނަން ސާލާރަށް އިޝާރާތް ކުރަމުން ސިކަންދަރް ބުންޏެވެ. ޠައްޔިބާ އާ ސިކަންދަރް ތިބީ ލައުންޖުގައެވެ. ސާލާރް އިސްލާމްއާބާދަށް އައީ ބައްޕަ އާއި މަންމަގެ އެދުމަކަށެވެ.
ސިކަންދަރ އޭނާގެ ތިންވަނަ ދަރިފުޅަށް ފަޚުރުވެރި ކަމާއެކު ބަލައިލިއެވެ. އޭނާ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރީ މަންމެންނާ އެކުއެވެ. މިހާރު އެ އައީ ހެދުން ބަދަލުކޮށްގެންނެވެ. ހުދު ކުރުތާ އަކާއި އާދައިގެ ފެންފައިވާނަކަށް އަރާފައި ހުރި އިރުވެސް ސާލާރް ނުލާހިކު ރީއްޗެެވެ. މިއީ އޭނާ މިހާރު އަދާކުރާ ވަޒީފާގެ ގޮތުން އައި ބަދަލަކަށް ވެސް ވެދާނެއެވެ. ނުވަތަ ދަރިފުޅާ ދިމާއަށް ރަނގަޅަށް ބަލައިލާނޭ ފުރުސަތު ސިކަންދަރާއި ޠައްޔިބާއަށް މީގެ ކުރިން ނުލިބެނީ ކަމަށް ވެދާނެއެވެ. އެ މީހުންގެ ދަރިއަކީ ގަދަރުވެރި، ކިޔަމަންތެރި، ހަރުދަނާ، މާތް ކުއްޖެކެވެ.
ސާލާރް ގެ ސަބަބުން މީހުންގެ އިހްތިރާމާއި ގަދަރު އޭނާއަށް ދުވަހަކުވެސް ލިބޭނޭ ކަމަކަށް ސިކަންދަރް ހިއެއް ނުކުރެއެވެ. މީހުންގެ ކުރިމަތީގައި ކުއްލިއަކަށް އޭނާގެ އަގު އުފުލިގެން ދިޔައީ ސާލާރް ގެ ސަބަބުންނެވެ. އޭނާއަށް މީހުން ނިސްބަތް ކުރަނީ ސާލާރް ސިކަންދަރްގެ ބައްޕަ ގެ ގޮތުގައެވެ. ސާލާރްގެ ފުރާވަރު އުމުރުގައި ސިކަންދަރް ލަދުން އިސް އުފުލައިލަން ނުކެރޭ ވަރުގެ ކިތަންމެ ކަމެއް އޭނާ ކުރިއެވެ. ސާލާރް ގެ މުސްތަގްބަލް އޭރު އޭނާއަށް ފެނުނީ ކަނު އަނދިރި ކޮށެވެ.
މޭޒުމަތީގައި ހުރި ހިިކި މޭވާ އަޅާފައި ހުރި ތަބަކެއް ޠައްޔިބާ ސާލާރާ ދިމާއަށް ޖައްސައިލިއެވެ. ތަބަކުން ބަދަން މުށެއް ނަގައިގެން ސާލާރް ކާން ފެށިއެވެ.
"ދަރިފުޅު މި ގެނައީ ކާވެނީގެ ވާހަކަ ދައްކަން..."
ސާލާރްގެ މޫނުމައްޗަށް ވެރިވެފައިވާ ހިނިތުންވުން ކުއްލިއަކަށް ގެއްލުނެވެ. ސިކަންދަރާއި ޠައްޔިބާއަކަށް އެކަމެއް ފާހަގައެއް ނުކުރެވެއެވެ.
"ދަރިފުޅު މިހާރު ދެން މީހަކާ އިންނަންވީ." ސިކަންދަރް ބުންޏެވެ. ސާލާރް އަތުގައި ހުރި ބަދަން ތަބަކަށް ލިއެވެ.
"ދަރިފުޅާ އިންނަން އަހާ މީހުން ގިނަ ކަމުން މަންމަ އައި ބައްޕަ މިތިބެނީ ހައިރާންވެފަ. ދަރިފުޅުގެ ބޭބެމެންގެ ކާވެންޏަށްވެސް އެހާ ގިނަ މީހުންނެއް ނޭދޭ." ސިކަންދަރް ވަރަށް ފަޚުރުވެރިވެލާފައި ބުންޏެވެ.
ސާލާރް އެ މީހުންނާ ދިމާއަށް ބަލަން އިނެވެ.
"ދަރިފުޅަށް އެނގޭތަ ޒާހިދް ޙަމްދާނީ؟" ސިކަންދަރް ބޮޑު ވިޔަފާރިވެރިއެއްގެ ނަން ބުންޏެވެ.
"އާނ، އޭނަގެ ދަރިފުޅު މަސައްކަތް ކުރަނީ އަހަރެން އުޅޭ އޮފީހުގަ."
"އޭނައަށް ކިޔަނީ ރަމްޝާ ކަން ނޭނގޭ."
"އާނ."
"އެއީ ކޮންކަހަލަ ކުއްޖެއް؟"
ސާލާރް އޭނާގެ ބައްޕައަށް ބަލައިލިއެވެ. ބައްޕަ އެ ބުނި އެއްޗެއް އޭނާއަށް އެނގެއެވެ.
"ރަނގަޅު ކުއްޖެއް." ސާލާރް ބުންޏެވެ.
"ދަރިފުޅަށް ކަމުދޭތަ؟"
"ކޮން ގޮތަކަށް؟"
"އިންނަން..." ސިކަންދަރް ބުންޏެވެ. "ޒާހިދު އެ ވާހަކަ ދައްކާތާ ދުވަސްކޮޅެއް ވެއްޖެ. އަންހެނުން ގޮވައިގެން ދެ ފަހަރަކު މިގެއަށް ވެސް އަތުވެއްޖެ. އަހަރެމެން ވެސް އެގެއަށް ގޮސްފިން. މި ދިޔަ ހަފްތާގައި ރަމްޝާ އާ ވެސް ބައްދަލުވި. މަންމަ އާއި ބައްޕަ އަށް ރަމްޝާ ވަރަށް ކަމުދޭ. ދަރިފުޅުގެ ވެސް ރައްޓެއްސެއްނު އެއީ. ދެ އާއިލާގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ދަރިފުޅު ރަމްޝާ އާއި އިނުމަކީ އެ އާއިލާގެ ވަރަށް ބޮޑު އެދުމެއް."
"ބައްޕާ! އަހަންނާ ރަމްޝާ އާ ރައްޓެއްސެއް ނޫން." ސާލާރް މަޑުމަޑުން ބުންޏެވެ. "އޭނަ އުޅެނީ އަހަރެން އުޅޭ އޮފީހުގަ، އެގޮތުން އަހަންނަށް އޭނަ އެނގޭ. އެއީ ރަނގަޅު ކުއްޖެއްކަމާމެދު އަހަރެން ޝައްކެއް ނުކުރަން، އެކަމަކު އޭނަޔާ އިންނާކަށް އަހަރެން ބޭނުމެއް ނޫން."
"ދަރިފުޅު ޝައުގުވެރިވާ އެހެން ކުއްޖަކު ހުރީތަ؟" ސިކަންދަރް އެހިއެވެ.
ސާލާރް އިނީ ހިމޭނުންނެވެ. އެ ސުވާލުގެ ޖަވާބެއް އޭނާ ނުދެއެވެ. ޠައްޔިބާ އާ ސިކަންދަރް އެކަކު އަނެކަކަށް ބަލައިލިއެވެ.
"ދަރިފުޅު ޝައުގުވެރިވާ އެހެން ކުއްޖަކު ހުރިއްޔާ ބައްޕަމެންގެ މައްސަލައެއް ނެތް. ދަރިފުޅާ ދެކޮޅަށް ބައްޕަމެން އެއްވެސް ކަމެއް ނުނިންމާނަން." ސިކަންދަރް އޭނާއަށް ޔަގީންކަން ދިނެވެ.
"އަހަރެން އުޅެނީ މީހަކާ އިނދެގެން، މިގެ އެތައް އަހަރެއް ކުރިން." އެތައް އިރަކު ހިމޭނުން އިނުމަށްފަހު އިސްދަށަށް ޖަހައިގެން އިނދެ މަޑުމަޑުން އޭނާ ބުންޏެވެ.
ސާލާރް ބުނި އެއްޗެއް ސިކަންދަރަށް އެނގެއެވެ. ކުޑަކޮށް ނުރުހިފައި އޭނާ ސުވާލުކުރިއެވެ. "ދަރިފުޅު ތި ދައްކަނީ އިމާމާގެ ވާހަކަތަ؟"
ސާލާރް ހިމޭނުން އިނެވެ. ސިކަންދަރް އެތައް އިރެއް ވަންދެން އޭނާއަށް ބަލަހައްޓައިގެން އިން އިރުވެސް އިސް އުފުލައި ބަލައިވެސް ނުލައެވެ. "މިހާ ދުވަސްވަންދެން ދަރިފުޅު މީހަކާ ނީނދެ ތިހުންނަނީ އެހެންވެގެންތަ؟" ސިކަންދަރަށް ލިބުނީ ބޮޑު ޝޮކެކެވެ. އޭނާ ހީކުރި އިމާމާ މަތިން މިހާރު ސާލާރް ހަނދާން ނެތިއްްޖެ ކަމަށެވެ. އެބުނާ ކާވެެންޏެއް ކުރީ މީގެ އަށް އަހަރު ކުރިންނެވެ.
"މިހާރު އިމާމާ އުޅޭނީ މީހަކާ އިނދެގެން. ދަރިފުޅާ އޭނަގެ ކާވެނި ރޫޅުނުތާ ކިތަންމެ ދުވަހެއް." ސިކަންދަރް އޭނާއަށް ވިސްނައިދެވޭތޯ ބެލިއެވެ.
"ނޫން، ބައްޕާ. އަހަންނާ އިމާމާގެ ކާވެންޏެއް ނުރޫޅޭ." އިސް އުފުލައިލަމުން އޭނާ ބުންޏެވެ.
"ކާވެނީގެ ލިޔުންތަކުގައި ދަރިފުޅު ވަނީ އިމާމާއަށް ވަރި ނެގުމުގެ ހައްގު ދީފައި. އޭނަ ވަރިކުރަންެވެގެން ދަރިފުޅު އޭނަ ހޯދަން އުޅުނު ހަނދާނެއްވެސް ބައްޕަވޭ." ސާލާރަށް ހަނދާންކޮށްދޭން އުޅޭ ކަހަލަ ގޮތަކަށް ސިކަންދަރް ބުންޏެވެ.
"ރަނގަޅު ވާހަކައެއް، އަހަރެން އޭނަ ފެނޭތޯ ވަރަށް މަސައްކަތް ކުރިން. އޭނައަކަށް ނޭނގޭނެ ވަރި ނެގުމުގެ ހައްގު އޭނައަށް ދީފައި އޮތް ކަމެއް. ކޮންމެ ތާކު އޭނަ އުޅުނަސް، އެއީ އަދިވެސް އަހަރެންގެ އަނބިމީހާ."
"ސާލާރް! ދިގު އަށް އަހަރު ފާއިތުވެ ހިނގައްޖެ. އެއް އަހަރެއް ދެ އަހަރެއްގެ ވާހަކައެއް ނޫން މި ދައްކަނީ. ވަރި ނެގުމުގެ ހައްގު ދީފައި އޮވެދާނެ ކަން އޭނާއަށް ވެސް އެނގޭނެ. ދަރިފުޅުގެ އަތްނބަަކަށް މިހާރު އޭނަ ނުވާނެ." ސިކަންދަރް އިނީ ކުޑަކޮށް އުނދަގޫވެފައެވެ.
"އަހަރެން ނޫން އެއްވެސް މީހަކަށް އެކަމެއް ނޭނގޭނެ، ވަރި ނެގުމުގެ ހައްގު އޭނައަށް ލިބިދީފައި އޮތް ވާހަކައެއް އަހަރެން އޭނަ ގާތު ނުބުނަން. އޭނައާ އަހަރެންގެ ކާވެނި ދެމިއޮތްހައި ހިނދަކު އަހަރެން އެހެން މީހަކާ ނީންނާނަން."
"އޭނައާ ގުޅޭނެ ގޮތެެއް އެނގޭތަ؟" ސިކަންދަރް އެހިއެވެ.
"ނޫން."
"އަށް އަަހަރު މި ދިޔައީ އޭނަޔާ އެއްގޮތަކަށްވެސް ނުގުޅި، އޭނަޔާ ދުވަހަކުވެސް ނުގުޅިއްޖެ ނަމަ ދަރިފުޅު ހުންނާނި ތިހެންތަ؟"
އެ ސުވާލަށް ދޭނެ ޖަވާބެއް އޭނާއަކަށް ނޭނގެއެވެ.
ޖަވާބަކަށް އިންތިޒާރުކޮށްގެން އިރުކޮޅަކު އިނުމަށްފަހު ސިކަންދަރް ބުންޏެވެ. "އިމާމާ އާ ގުޅުމެއް އޮތް ވާހަކައެއް ދަރިފުޅު ދުވަހަކުވެސް ނުބުނަމެއްނު؟ ދަރިފުޅު ބުނިހާވެސް އެއްޗަކީ އޭނާއަށް އެވަގުތު އެހީވީ ވާހަކަ. އަދި އޭނާ އެހެން މީހަކާ އިންނަން އުޅުނު ވާހަކަ."
މިފަހަރުވެސް ސާލާރް ވަކި ޖަވާބެއް ނުދެއެވެ.
ސިކަންދަރް ސާލާރަށް ބަލަން އިނެވެ. ދުވަހަކުވެސް އޭނާއަކަށް ސާލާރެއް ނޭނގެއެވެ. އެ އަންހެން ކުއްޖާއަށް ޓަކައި ސާލާރް އަށް އަހަރު ހޭދަކޮށްފިއެވެ. އޭނާ އެހެރީ ބާކީ އޮތް ދުވަސްތައް ވެސް ގުރްބާން ކުރަން ތައްޔާރަށެވެ. އެތައް އިރެއް ވަންދެން އެތަނަށް ހިމޭންކަން ވެރިވެފައި އޮތެވެ. ސިކަންދަރް ތެދުވެގެން ގޮސް ހެދުން ބަދަލުކުރާ ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާ އެނބުރި އައިސް ސޯފާގައި އިށީންނަމުން ސާލާރްގެ އަތަށް ސިޓީ އުރައެއް ދިއްކޮށްލިއެވެ. ސާލާރު ސުވާލުން ފުރިގެންވާ ނަޒަރަކުން ބައްޕައަށް ބަލައިލިއެވެ.
"އިމާމާ އަހަންނަށް ގުޅި."
ސާލާރްގެ ނޭވާ ހާސްވިއެވެ.
"އެއީ މީގެ ފަސް އަހަރު ނުވަތަ ހަ އަހަރު ކުރި. އޭނަ ބޭނުންވީ ދަރިފުޅާ ގުޅަން. ފޯނު ނެގީ ނާސިރާ. އޭނާއަށް އިމާމާގެ އަޑު ފާހަގަކުރެވުނު. ދަރިފުޅު އޭރު ރަށުގައި އުޅޭ. އެކަމަކު ދަރިފުޅަށް ނުގޮވައި އޭނާ ފޯނު ދިނީ ބައްޕަ އަތަށް. އިމާމާ ގާތު ބައްޕަ ބުނިން ދަރިފުޅު މަރުވެއްޖެއޭ. ދަރިފުޅާ އޭނަޔާ ބައްދަލުވާން ބައްޕަ ބޭނުންނުވީ. އޭރު އަހަރެމެން ތިބީ އެ މުސީބާތުން އަރައިގަނެވިފަ. އެހެންވީމާ އިތުރަށް އޭގެ ތެރެއަށް ވެއްޓެން ބޭނުން ނުވީ. ދަރިފުޅު މަރުވެއްޖެއޭ ބުނީމާ އޭނާ ގަބޫލުކުރާނެ ކަން ބައްޕަ އަށް ޔަގީންވި. ދަރިފުޅު އެތައް ފަހަރަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރިކަން އޭނާއަށް އެނގޭނެ. އެހެން ނޫނަސް އެއީ ވަސީމުގެ ކޮއްކޮއަށް ވެފައި ދަރިފުޅުގެ ހުރިހާ ކަމެއް އޭނައަށް އެނގޭނެތީ. ކާވެނީގެ ލިޔުންތަކުގައި ވަރި ނެގުމުގެ ހައްގު އޭނާއަށް ދީފައި އޮތް ވާހަކައެއް ބައްޕަ ނުބުނަން. އަދި ދަރިފުޅުގެ ނަމުގައި ބައްޕަ ތައްޔާރުކުރި ވަރީގެ ލިޔުންތަކުގެ ވާހަކައެއް ވެސް ނުބުނަން. ދަރިފުޅު އެމެރިކާއަށް ފުރި އިރު ހުސްގަނޑެއްގައި ސޮއި ކުރުވީ ވަރިީގެ ލިޔުންތައް ތައްޔާރުކުރަން. އެގޮތަށް ވަރި ކުރުވީމާ އެ ވަރި ޞައްޙަ ވާނެތޯ ނޫންތޯ ބައްޕައަކަށް ނޭނގޭ. ވަރީގެ ލިޔުންތަކުގެ ވާހަކަ އިމާމާ ގާތު ބުނަން އަހަރެން ބޭނުންވި، ނުބުނެވި އުޅެނިކޮށް އޭނަ ފޯނު ބާއްވައިފި. އަހަރެން އެ ނަންބަރު ޓްރޭސް ވެސް ކުރިން. އެކަމަކު އޭނަ ގުޅީ ކޮންމެވެސް އެހެން ތަނަކުން. އޭގެ ދުވަސްކޮޅެއް ފަހުން ސިޓީ އަކާއެކު އޭނާ ޓްރެވެލަރސް ޗެކެއް މެދުވެރިކޮށް އަހަންނަށް ވިހި ހާސް ރުފިޔާ ފޮނުވި. ވެދާނެ ދަރިފުޅު އޭނައަށް ދިން ފައިސާކަމަށް ވެސް. އެ ފައިސާ އޭނާ ފޮނުވި. ދަރިފުޅު ގާތު ބައްޕަ އެ ވާހަކަ ނުބުނީ އެ މައްސަލަ ގަނޑުގެ ތެރެއަށް ދަރިފުޅު ވައްދަން ބޭނުން ނުވީމަ، އިމާމާގެ އާއިލާ އިން ދަރިފުޅަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ބައްޕަ ވަރަށް ބިރުގަތް. ބައްޕަ ބޭނުންވީ ދަރިފުޅު ކިޔަވައިގެން ވަޒީފާއަށް ސަމާލުވާން."
ސިޓީ އުރަ ހިފައިގެން އާގަމަ ވެފައި އޭނާ ސިކަންދަރަށް ބަލަން އިނެވެ. މީހާ އިނީ މުޅިން މޮޅިވެފައެވެ. ބައްޕަ އެ ދަމައިގަތީ އޭނާގެ ހަށިގަނޑުގައި ހިނގަމުން ދިޔަ ހޫނު ލެއެވެ. ސާލާރް ސިޓީ އުރަ މޭޒުމަތީގައި ބޭއްވިއެވެ. މަންމަ އާއި ބައްޕައަށް އޭނާގެ އަތް ތުރުތުރު އަޅާތަން ފެންނަން ބޭނުން ނުވީއެވެ. އެހެން ނަމަވެސް އެ މީހުންނަށް އެކަން ފާހަގަކުރެވުނެވެ. ސިޓީ އުރަ މަތީގައި އެއް އަތް ބާއްވައިގެން އިނދެ އޭނާ އެ ސިޓީ އުރައަށް ބަލައިލިއެވެ. ދެން ސިޓީ އުރައިގެ ތެރޭގައި އޮތް ލިޔުން ނެގިއެވެ.
"ސިކަންދަރްބެއަށް،
ދަރިފުޅު ނިޔާވި ވާހަކަ އިވުމުން އަހަރެން ވަރަށް ދެރަވި. މީގެ އަހަރުތަކެއް ކުރިން އަހަންނާ ހެދި ސިކަންދަރްބެ ގެ އާއިލާއަށް އެތަކެއް ދުއްތުރާ ތަކެއް ކުރިމަތިވި. އެހުރިހާ ކަމަކަށް އަހަރެން މާފަށް އެދެން. ސާލާރަށް އަހަރެން ދޭން ޖެހޭ ފައިސާކޮޅެއް މި ސިޓީއާއެކު ފޮނުވިން.
ސަލާމް،
އިމާމާ ހާޝިމް."
***
ސާލާރަށް ހީވީ އޭނާގެ ފުރާނަ ހަށިގަނޑުން ލުހިގެން ދިޔަހެންނެވެ. މޮޅިވެފައި އިނދެ އޭނާ މޭޒުމަތީގައި ސިޓީ އުރަ ބޭއްވިއެވެ. ތެދުވަމުން ސިޓީ އުރަ ބޮނޑިކޮށްލިއެވެ. ސިކަންދަރާއި ޠައްޔިބާ ހާސްވެފައި ބަލަން ތިއްބެވެ. ސާލާރް އެތަނުން ދާން ހިނގައިގަތީމާ ސިކަންދަރް ތެދުވިއެވެ.
(ނުނިމޭ)
Konme dhuvahaku aabayeh adhi eves ehaa heyo vaahakaeh kiyaalan libeythee aaminath saeedhah jazaakillah
Mivaahaka kiyaafa dhivehi vaahakaeh kiyaa hitheh nuvey mihaaru...tharujamaa vaahakathah maa reethi...
ސާލާރު ގެ ހާލަށްޓަކާ މަގޭ ހިތަށް ލައްކަ ތަދުއެބަވޭ...އުއްމީދަކީ މަށަށް ވީގޮތް ސާލާރަށް ނުވުން. ޢިމާމާ އަކީ އަވާމެންދުރަކަށްނުވެ،
ސާލާރުގެ ހުވަފެން ހަގީގަތަކަށްވެ ރިވެތި ގޮތަކަށް ކުލަޖެހިގެންދިއުން.
ކިޔާހިތުން ކިޔާލެވޭ ރީތި ވާހަކައެއް.ތަރުޖަމާކުރައްވާ ބޭފުޅާއަށް ޝުކުރުވެރިވަން.