ފާނޫޒު - 63

(28 ސެޕްޓެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ސާލާރް."

"ސްލާރް؟" އޭނާ ސާލާރްގެ އަޑު ދަށުން ތަކުރާރު ކުރިއެވެ. ޔަގީންކުރާ ކަހަލަ ގޮތަކަށެވެ. ސާލާރް އަށް ހެވުނެވެ. މިއީ މީހަކު އޭނާގެ ނަން ނުބައިކޮށް ކީ ފުރަތަމަ ފަހަރެވެ.

"އާނ، ސާލާރް." ސާލާރް ޔަގީންކޮށްދިނެވެ.

"ކޮން ކަހަލަ ނަމެއް؟ މާނައަކީ ކޮބާ؟" އެ މީހާ އެހިއެވެ. އޭނާއަކީ ޕަންޖާބު މީހެކެވެ. އޭނާ ސާލާރް އާ ވާހަކަ ދެއްކީ ވަރަށް އުނދަގުލުންނެވެ.

ސާލާރް ޕަންޖާބީ ބަހުން ނަމުގެ މާނަ އޮޅުންފިލުވައިދިނެވެ. ޕަންޖާބީ ބަހުން ވާހަކަ ދައްކަން ފެށީމާ އޭނާ ހައިރާންވިއެވެ. އޭނާވެސް ސާލާރް އާ އެބަހުން ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެންގެ ދޮށީ ދަރިފުޅުގެ އަންހެނުންނަށް ފިރިހެން ދަރިއެއް ލިބިއްޖެ." އޭނާ ބުންޏެވެ.

ނަމުގެ މާނަ ބުނުމުން އެ ވާހަކަ އާއި ނުގުޅޭ ވާހަކައެއް ފެށުމުން ސާލާރް ހައިރާންވިއެވެ. އެކަމަކު ސާލާރް އޭނާއަށް ތަހުނިޔާ ކިއެވެ.

"ޝުކުރިއްޔާ. އަހަރެންގެ ޅީދަރިފުޅު އަހަންނަށް ގުޅާފަ ދަރިފުޅަށް ނަމެއް ހޯދަން ބުނި. އޭނަ ގާތު ތި ނަން ބުންޏަސް އެންމެ ރަނގަޅުތަ؟"

ހައިރާންވެފައި ސާލާރް ލޯގަނޑުން އެ މީހާއަށް ބަލައިލިއެވެ. "އާނ، މައްސަލައެއް ނެތް."

"ހާދަ ރަނގަޅޭ، އެ މައްސަލަ ހައްލުވީ."

އެ މީހާ އައިނު ނަގާފައި ޗާދަރުގެ ކަނުން އައިނު ފޮހެލިއެވެ. ސާލާރް އަދިވެސް ރިކިސާ އެއް ލިބޭތޯ ދުއްވަނީއެވެ.

"އުމުރު ކިހާވަރެއް؟" ވާހަކަ ނިންމައިލި ހިސާބުން އޭނާ އަނެއްކާވެސް ވާހަކަ ފެށިއެވެ.

ސާލާރް އޭނާގެ އުމުރު ބުންޏެވެ.

"މީހަކާ އިނދެގެންތަ އުޅެނީ؟"

ސާލާރް ބޭނުންވީ މީހަކާ އިނދެގެން ކަމަށް ބުނާށެވެ. ނަމަވެސް އިތުރު ސުވާލު އަންނާނެ ކަމަށް ވިސްނާފަ ޖަވާބު ދިނެވެ. އެއީ އޭނާ އަށް ހެދުނު ބޮޑު ގޯހެކެވެ.

"ނޫން."

"ކީއްވެ؟"

"ކަމެއްނުވޭ، ކާވެންޏާ މެދު ނުވެސް ވިސްނަން." ސާލާރް ބުންޏެވެ.

"އެހެންތަ؟" ތަންކޮޅެއް އަވަހަށް ރިކިސާއެއް ލިބޭތޯ ސާލާރް ދުއާ ކުރަނީއެވެ. އޭނާ އަށް ލަސްވެސް އެބަވެއެވެ.

"ކޮންތާކު އުޅެނީ؟"

"ބޭންކެއްގަ."

"ކޮންކަހަލަ މަސައްކަތެއް ކުރަނީ؟"

ސާލާރް އޭނާ އަދާކުރާ ވަޒީފާ ބުނެލިއެވެ. އެމީހާއަށް އެއީ ކޮން ވަޒީފާއެއް ކަން އެނގޭނެ ކަމަކަށް ސާލާރް ހިއެއް ނުކުރެއެވެ.

"އޯހ. އޮފިސަރެއް ދޯ؟" އޭނާގެ ސުވާލުން ސާލާރް ހައިރާންވިއެވެ.

"އާނ، އޮފިސަރެއް..."

"ކޮން ފެންވަރަކަށް ކިޔެވީ؟"

މިފަހަރު ސާލާރް ޖަވާބު ދިނީ އެ މީހާއަށް އެނގޭނެ ބަހުރުވައަކުންނެވެ. އެކަމަކު އޭނާ ދެން ކުރި ސުވާލުން ސާލާރް އިތުރަށް ހައިރާންވިއެވެ.

"ސޯޅަ ގުރޭޑޭ ތިބުނީ... އެމް.ބީ.އޭ ޑިގްރީއެއްތަ ނުވަތަ މާސްޓަރ އޮފް އާޓްސް އިން އިކޮނޮމިކްސް ތަ؟"

ސާލާރް ކުއްލިއަކަށް އެނބުރިފައި އެ މީހާއަށް ބަލައިލިއެވެ. އޭނާ އިނީ އައިނު މަތިން ސާލާރަށް ބަލާށެވެ.

"އެމް.ބީ.އޭ އާއި އެމް.އޭ އިން އިކޮނޮމިކްސް އަކީ ކޯޗެއްކަން އެނގޭތަ؟" ސާލާރް އިނީ ރަނގަޅަށް ވެސް ހައިރާންވެފައެވެ.

"މަށަށް ނޭނގޭނެތަ؟ މަގޭ ދޮށީ ދަރިފުޅު އެމް.އޭ އިން އިކޮނޮމިކްސް ހެދީ މި ރަށުން. ދެން އޭނާ ދިޔައީ އިނގިރޭސިވިލާތަށް، އެމް.ބީ.އޭ ހަދަން. ދަރިއެއް ލިބިގެން އުޅެނީ އޭނާއަށް."

ސާލާރް ފުން ނޭވައެއް ލިއެވެ.

"އަދި ނުބުނަމެއްނު... ކިޔެވީ ކޯޗެއް ކަމެއް." އެ މީހާ ބުންޏެވެ.

"އަހަރެންގެ އަތުގައި އޮތީ އެމް.ބީ.އޭ ޑިގްރީއެއް."

"ކޮންތާކުން؟"

"އެމެރިކާ އިން."

"ކޮބާ މައިންބަފައިން. ދުނިޔޭގައި އެބަތިބިތަ؟"

ސާލާރް އާނއެކޭ ބުންޏެވެ. ދެން އޭނާ އެހީ ސާލާރް އާއި އެއްބަނޑު އެއްބަފާ މީހުންގެ ވާހަކައެވެ. ސުވާލަކަށް ފަހު ސުވާލެކެވެ. ސަލާމަތް ވެވޭނެ ގޮތެއް ނެތެވެ.

"ފަހެއް."

"ކިތައް އަންހެނުން، ކިތައް ފިރިހެނުން؟"

"އަންހެނަކާއި ތިން ފިރިހެނުން."

"އެ މީހުން އުޅެނީ މީހުންނާ އިނދެގެންތަ؟"

"އަހަރެން ނޫން އެންމެން އުޅެނީ އިނދެގެން."

"ތީ އެންމެ ހަގު ތަ؟"

"ނޫން، އަހަރެން މީ ހަތަރުވަނަ. އަހަންނަށްވުރެ ހަގު ފިރިހެން ކުއްޖެއް ހުރޭ." މި އަންހެން މީހާއަށް އެހީވާން މަސައްކަތް ކުރެވުނީތީ ސާލާރް ދެރަވެއްޖެއެވެ.

"އޭނާވެސް އުޅެނީ މީހަކާ އިނދެގެންތަ؟" ސާލާރް އާނއެކޭ ބުނުމުން އަނެއްކާ އަނެއް ސުވާލުކުރިއެވެ. "ދެން ކީއްވެ ކޮއިފުޅު މީހަކާ ނީނދެ ތިހުންނަނީ؟ މީހެއް ދެކެ ލޯބި ވެވުނީތަ؟"

ސާލާރް ސިހުނެވެ. އެ ސުވާލު އަޑު ނީވޭ ކަމަށް ހަަދައިގެން އިނީއެވެ. "ރިކިސާއެއް ވެސް ނުލިބުނު، ކޮބާ ގެ؟ ގެއަށް ގެންގޮސްދީފާނަން." މިހާރުވެސް އޭނާއަށް މާ ލަސްވެއްޖެއެވެ. އެކަމަކު ރިކިސާއެއް ނުލިބެނީސް އެ މީހާ މަގުމައްޗަށް ދޫކޮށްލާފައި ދެވޭކަށް ވެސް ނެތެވެ.

އެމީހާ އެޑްރެސް ބުންޏެވެ. އެކަމަކު އޭނާއަކަށް ނޭނގުނެވެ. ސާލާރް މަގުމަތީގައި ހުރި ފުލުހެއް ގާތު އަހައިގެން ކުރިއަށް ދިޔައެވެ.

"އަދި ނުބުނަމެއްނު، މާ ބޮޑަށް ލޯބިވާ މީހަކު ހުރީތަ؟ އެހެން ވެގެންތަ މީހަކާ ނީނދެ ތިހުންނަނީ؟"

ސާލާރް އިނީ އެ މީހާއަށް އެހީވެވުނު މޮޔަ ހީވެފައެވެ. އެއްފަހަރު ކުރާ ސުވާލަށް ޖަވާބު ނުދެނީސް ހުއްޓައެއް ވެސް ނުލައެވެ. ހަނދާނެއް ވެސް ނުނެތެއެވެ. އެކަމަކު އޭނާ މިހާރު މި އުޅެނީ އެ މީހާ ގެއަށް ގެންގޮސްދޭށެވެ.

"ނޫން ދައްތާ، އެކަހަލަ ކަމެއް ނެތް." ސާލާރް ބުންޏެވެ.

"އަލްޙަމްދުލިއްލާހި!" ދައްތަ ޙަމްދުކުރީ ކީއްވެގެން ކޮން މާނައެއްގައި ކަމެއް ސާލާރަކަށް ނުވިސްނުނެވެ. މިހާރު ދައްތަ ސުވާލުކުރަނީ ސާލާރްގެ މައިންބަފައިންނާ ބެހޭގޮތުންނެވެ. އެމީހުންގެ ހުރިހާ މައުލޫމާތެއް ހޯދާށެވެ. ސާލާރް އަށް ސަލާމަތްވެވޭނެ އެއްގޮތް ވެސް ނެތެވެ. ދައްތަ އުޅޭ ސަރަހައްދުކަމަށް ބުނި ހިސާބަށް ދެވިއްޖެއެވެ. އެހެން ނަމަވެސް ގެ ހުންނަތަން އެހުމުން އޭނާ ދިން ޖަވާބުން ސާލާރް އިތުރަށް ގޮތް ހުސްވިއެވެ.

"އަހަރެން އުޅެނީ މި ހިސާބުގަނޑުގަ، އެކަމަކު ގެ ހުންނަ ތަން ކިޔައިދޭކަށް ނޭނގޭ."

"ދެން ކިހިނެއް އަހަރެން ދައްތަ ގެއަށް ގެންގޮސްދޭނީ؟" ސާލާރް އަށް ބުނާނެ އެއްޗެއް ވެސް ނޭނގުނެވެ.

އޭނާ ގޭގެ ނަމާއި ނަންބަރު ސާލާރަށް ދިނެވެ.

"ނޫން، ގެ ހުންނަ މަގާއި ނަންބަރު ބުނެބަލަ."

އޭނާ އެ މަގުގައި ހުންނަ ތަންތަން ކިޔައިދޭން ފެށިއެވެ. "އެ މަގު ވަރަށް ފުޅާ ވާނެ، ކަންމަތީގައި މެޓާ ވިއްކާ ފިހާރައެއް ހުންނާނެ. ޕަރްވޭޒްގެ ގެވެސް ހުންނާނީ އެ މަގުގައި. އޭނަގެ އަންހެން ދަރިފުޅުގެ ކާވެނި އޮތީ ޖަރުމަނުގަ، އޭނާގެ ދޮށީ އަނބި އުޅެނީ އެ ގައުމުގަ. ޕަރްވޭޒް އެހެން މީހަކާ އިން ޚަބަރު ލިބުމުން އެ ފަކީރު ރޮއިރޮއި ހަލާކުވި." މައުޟޫއު މުޅިން ބަދަލުވިއެވެ.

ސާލާރް މަގުގެ އަރިމައްޗަަށް ޖެހިލިއެވެ. "ދައްތަގެ ފިރިމީހާގެ ނަން ބުނެބަލަ. ގެ ހުންނަ ގޮތް ނުވަތަ އެ މަގު އޮންނަ ގޮތް ކިޔާދީ. މިހެން އަދި ގެއަކަށް ނުދެވޭނެ." ސާލާރް ކެތްތެރިކަމާއެކު ވާހަކަ ދެއްކިއެވެ.

"މީހުން އަހަންނަށް ކިޔަނީ ސައީދައްތަ. އަހަރެންގެ ފިރިމީހާ މީގެ ދިހަ އަހަރުކުރިން މަރުވެއްޖެ. އޭނާގެ މަތިން މީހުން މިހާރަކު ހަނދާނެއް ނުހުރޭ. އަހަރެމެންގެ ގެ ހުންނަނީ ވަރަށް ފުޅާ މަގެއްގަ. މީގެ ތިން ދުވަސް ކުރިން ކާނުމަތީގައި އަޅާފައި އޮންނަ ޖާލީގަނޑު ވެސް ބަދަލުކުރި."

ސާލާރް ފުން ނޭވައެއް ލިއެވެ.

"ކާނު ބަދަލުކުރި މަގަށް ދާންވީ ގޮތް ތަ އަހަންވީ؟ ރަށު މީހުން ދަންނަ މަޝްހޫރު މީހެއްގެ ނަން ބުނެބަލަ."

"އުޅޭނެ މުރްތަޟާ، އިއްޔެ ހެނދުނު އޭނަގެ ދަރިފުޅުގެ ފައި ބިނދިއްޖެ."

"ދައްތާ، ތިހެން ބުނެގެން އަދި ނޭނގޭނެ."

"މީހެއްގެ ފައި ބިންދައިގެނެއް ނުދާނެ ކޮންމެ ދުވަހަކު. އެއީ ކޮންމެ ދުވަހަކު ހިނގާ ކަހަލަ ހާދިސާއެއް ނޫން."

"ސާލާރް ކާރުން ފައިބައިގެން ފިހާރަތަކާ ދިމާއަށް ދިޔައެވެ. ދައްތަ ދިން މައުލޫމާތުން ގެ ހޯދޭނެ ކަމުގެ އުއްމީދުގައެވެ. ނާއުއްމީދުން ފުރިގެންވާ ގޮތަކަށް އޭނާ އެނބުރި އައެވެ.

"ގޭގަ ފޯނެއް ހުރޭތަ؟" ކާރަށް އަރަމުން އޭނާ އެހިއެވެ.

"އާނ، ހުރޭ."

"ނަންބަރު ބުނެބަލަ." ފޯނު ނަގަމުން ސާލާރް އެހިއެވެ.

"ނަންބަރެއް ނޭނގޭ."

"ގޭގެ ނަންބަރު ވެސް ނޭނގޭތަ؟"

"ދަރިފުޅާ، އަހަރެން ފޯނު ބޭނުންކުރަނީ ހާލަކުން ފަހަރަކު. އަހަރެންގެ ދަރިން އަހަންނަށް ގުޅާނެ. އަހަރެން މީހަކަށް ފޯނު ކުރަން ވެއްޖެއްޔާ އަހަރެންގެ ދަރިފުޅު ގުޅައިދޭނެ."

"ކޮންތާކުން ތި އަންނަނީ؟" މާމަ ދަރިއެއް ލިބުނު ވާހަކަ ބުނި ހަނދާން ވެގެން ސާލާރް އެހިއެވެ.

"އެ ހިސާބުގައި އުޅޭނެ ތިމާގެ މީހުން، މާމަދަރި ލިބުނީމަ އެ އުފަލުގައި އެ މީހުންވެސް ބައިވެރިކުރަން ދިޔައީ." އޭނާ ފަޚުރުވެރިވެލާފައި ބުންޏެވެ.

"އެންމެ ރަނގަޅު، އެ ގެއަށް ދަމާ. އެ ގޭގެ އެޑްރެސް އެނގޭތަ؟"

"ނޭނގޭ."

ސާލާރް އިނީ ހިތްހަމަ ނުޖެހިފައެވެ. "އެހެން ވެއްޖެއްޔާ އެ ގެއަށް ދިޔައީ ކިހިނެއް؟"

"އަހަރެން ތަންތަނަށް ގެންގޮސްދެނީ އަހަރެންގެ އަވަށްޓެރިއާގެ ދަރިން. އެ މީހުންނަށް އެނގޭނެ ހުރިހާ ގެއެއްގެ އެޑްރެސް. އެ މީހުން އެގޮތަށް އަހަރެން ގޮވައިގެން ތަންތަނަށް ގެންގޮސްދޭތާ މިހާރު ދިހަ އަހަރުވެއްޖެ. ބިލާލް ދާނެ އަހަރެން ބަލާ. އެމީހުންވެސް އެތާ ދިހަ ވަރަކަށް އަހަރުވަންދެން އުޅުނު. އެހެންވީމާ އެންމެންނަށް އެނގޭނެ އެގެ. މިއަދު އެއްވެސް ކުއްޖަކު ނޫޅޭ ގޭގަ. އެ މީހުން އާދޭތޯ އިރުކޮޅަކު މަޑުކޮށްފަ، ޚަބަރެއް ނުވީމަ ނުކުތީ. ނަސީބެއްނު ކޮއިފުޅާ ދިމާވިކަން."

"ދައްތާ. ރިކިސާއެއް ލިބުނު ނަމަ ދޭނީ ކޮން އެޑްރެހެއް؟"

"ދަރިފުޅަށްވެސް ދިން އެޑްރެސް." މި އަންހެން މީހާގެ ތޫނުފިލިކަމާ މެދު ސާލާރް އިރުކޮޅަކު ވިސްނައިލިއެވެ.

"އެގޮތަށް ކިޔައިދީގެން ދުވަހަކުވެސް ގެއަށް ދެވުނުތަ؟" މައި މަގަށް އަޅަމުން ސާލާރް އެހިއެވެ.

"ނޫން، ކިޔައިދޭކަށް ނުޖެހޭ ދުވަހަކުވެސް." އޭނާ ވަރަށް ހަމަޖެހިލައިގެން އިނދެ ބުންޏެވެ.

"މިހާރު ކޮންތާކަށް ތިދަނީ؟" ސައީދާއްތަ އެހިއެވެ.

"މިދަނީ އަހަންނާ ދައްތައާ ދިމާވި ތަނަށް، އެ މަގަށް. ތިބުނާ ގެ ހުންނަނީ އެ މަގުގައި ކަމަށް ވެދާނެ. އެއްވެސް ގޯޅިއެއް އެޅީންތަ؟" ލޯގަނޑުން ދައްތައަށް ބަލައިލަމުން ސާލާރް އެހިއެވެ.

"ނޫން، ނާާޅަން." އޭނާ މޮޅިވެރި ރާގަކަށް ބުންޏެވެ. ސާލާރަށް އެ މޮޅިވެރިކަން ފާހަގައެއް ނުކުރެވެއެވެ. އޭނާ ހީކުރީ ހަނިހަނި ގޯޅި ގޯޅިން ދުއްވުމަށް ވުރެ މި މަގުން ދިޔައީމާ އެ ގެ ހޯދަން ފަސޭހަވާނެ ކަމަށެވެ.

"ސިނގިރޭޓު ބޮންތަ؟" މި ފަހަރުވެސް ކާރުތެރެއަށް ވެރިވެފައި އޮތް ހިމޭންކަން ނަގައިލީ ދައްތައެވެ. ސާލާރް ސިހިފައި ލޯގަނޑުން އޭނާއަށް ބަލައިލިއިރު އޭނާ ވެސް އިނީ ސާލާރަށް ބަލަހައްޓައިގެންނެވެ.

"އަހަރެން؟ ނޫން، ނުބޮން." އޭނާ އިނީ އެކަހަލަ ސުވާލަކަށް ތައްޔާރުވެގެނެއް ނޫނެވެ.

"އެކަހަލަ އެހެން އެއްޗެއް ބޭނުންކުރަންތަ؟"

ސުވާލަށް ވުރެ އޭނާ އެ ސުވާލުކުރި ރާގުން ސާލާރް ހައިރާންވިއެވެ. "ކިހިނެއްވީ؟"

"ހަމަ އަހާލީ. ކިހިނެއް ވާހަކަ ނުދައްކާ އިންނާނީ؟" އޭނާގެ އަސްލު މައްސަލަ ޚުދު އޭނާއަށް ވެސް އެނގެއެވެ.

"ކިހިނެއް ހީވަނީ؟ މަސްތުވާ އެއްޗެހި ބޭނުންކުރާ މީހެއް ހެންތަ؟" ސާލާރް އެހިއެވެ.

"ނޫން، ނޫން، އެއްގޮތަކަށް ވެސް އެހެނެއް ނޫން. ހަމަ އަހައިލީ. އެހެންވީމާ އެކަހަލަ އެއްޗެހި ބޭނުމެއް ނުކުރަން ދޯ؟"

އޭނާ ވާހަކަ ދައްކާ ރާގުން ސާލާރް ހަމަ އަންތަރީސް ވެއްޖެއެވެ. "އާނ، ނުކުރަން."

ސާލާރް ޓްރެފިކަށް ކާރު ހުއްޓިއެވެ.

"ގާރލް ފްރެންޑަކު ހުރޭތަ؟""

ދައްތަ ބުނި އެއްޗެއް ޔަގީން ނުވެފައި ހުރެ ސާލާރް އެހިއެވެ. "ކީކޭ ދެންމެ ބުނީ؟"

"މި އެހީ ގާރލް ފްރެންޑަކު ހުރޭހޭ."

ސާލާރް ހޭން ފެށިއެވެ. "ދައްތަ އަށް ގާރލް ފެްރެންޑް ވެސް އެނގޭތަ؟"

"އާނ، ކިހިނެއްވީ! އަހަރެންގެ ދެ ފިރިހެން ދަރިން ތިބޭ. ކިޔަވަން ބޭރަށް ފޮނުވިއިރު އެކުދިން ގާތު ބުނިން ގާރލްފްރެންޑުން ނުނަގާށޭ. އެކުދިން ކޮންމެ މަހަކު ގެއަށް ގުޅާނެ."

ޓްރެފިކް އަމާންވުމުން ސާލާރް ކާރު ދުއްވައިލިއެވެ. ސައީދައްތަ އޭނާގެ ވާހަކައާއިގެން ކުރިއަށް ދިޔައެވެ.

"ކިޔަވާ ނިމެންދެން އަންހެން ކުދިންނާ ރައްޓެހި ނުވުމަށް އަހަރެން އެ މީހުން ލައްވާ ވައުދުކުރުވިން. މީހަކާ އިންނަންދެން އެ މީހުން ގުޅާފަ އެންމެ ފުރަތަމަ ވެސް ބުނާ ވާހަކައަކީ އެއީ." ސައީދައްތަ ބުންޏެވެ. "އަހަރެންގެ ހުރިހާ ދަރިންވެސް ވަރަށް ކިޔަމަންތެރިވާނެ. އެ މީހުން އަންހެން ކުދިންނާ ރައްޓެހިވެގެނެއް ނޫޅޭ."

"ދައްތަ ދެއްކި މީހުންނާތަ އެ މީހުން އިނީ؟" ސާލާރް އެހިއެވެ.

"ނޫން، އެ މީހުން އިނީ އެ މީހުން ބޭނުންވާ މީހުންނާ."

ސާލާރް ހޭން ފެށިއެވެ.

"ކިހިނެއްވީ؟" ސައިދާއްތަ އެހިއެވެ.

"ކަމެއް ނުވޭ. ޔޫރަޕް މީހުންނާތަ އެ މީހުން އިނީ؟"

"ނޫން، ޕާކިސްތާނު މީހުންނާ. އެއް އޮފީހެއްގަ އުޅެމުން އިނީ. ކޮން ކަމަކާ ތި ހެނީ؟" އޭނާ އެހިއެވެ.

"ވަކި ކަމެއް ވެގެނެއް ނޫން."

"އަދިވެސް ނުބުނަމެއްނު... ކުއްޖަކާ ރައްޓެހިވެގެންތަ އުޅެނީ..."

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.