(12 އޯގަސްޓު 2019ގައި ޝާއިއު ކުރި ބަޔާ ގުޅޭ)
"ވަރި ނެގުމުގެ ހައްގު ކާވެނީގެ ލިޔުންތަކުގައި އަހަންނަށް ދީފައި އޮންނާނެ. އަހަރެމެން އެއްބަސްވީ އެގޮތަށް." އިމާމާ ޔަގީން ކަމާއެކު ބުންޏެވެ.
"ކޮން އިރަކު؟ ކޮންތާކު؟ ކިިހިނެއް؟" ސާލާރް ހުރީ ވަރަށް ހަމަޖެހިލައިފައެވެ.
"ސާލާރް ހަނދާން ހުންނާނެ. ކާވެނީގެ ލިޔުންތަކަށް އަހަރެން ބޭނުން އިރަކު ވަރި ނެގޭ ގޮތަށް މާއްދާއެއް އިތުރުކުރުމަށް އަހަރެން ބުނިން. ސާލާރް ވަރި ނުކުރިޔަސް އަހަންނަށް ވަރި ނެގޭނެ." އިމާމާ ބުންޏެވެ.
"ތި ހައްގުގެ ބޭނުން ހިފޭނީ ލިޔުންތަކުގައި އެ ހައްގު ދީފައި އޮތް ނަމަތާ؟ އަހަރެން ނުދެން އެ ހައްގެއް. ލިޔުންތަކުގައި ސޮއިކުރި އިރު އެކަން ނޭނގޭތަ؟ އެކަހަލަ މާއްދާއެއް ނޯންނާނެ. ވަރިއަށް ތި އެދެނީ ލިޔުންތައް ރަނގަޅަށް ކިޔާފަތަ؟"
އަނެއްކާވެސް އަނގައިން ނުބުނެ އިރުކޮޅަކު އިމާމާ ހުއްޓެވެ. ސާލާރް މިއޮތީ މޮޅު ރޭވުމެއް ރާވާފައެވެ. ލިޔުންތައް ލިބުމާއެކު އިމާމާ ސޮއިކުރިއެވެ. އޭނާ އޭގައި ލިޔެފައި އޮތީ ކޯޗެއްތޯ ނުބަލައެވެ. ސާލާރް ހުރީ ވަރަށް އުފަލުންނެވެ.
"ސާލާރް އަހަންނަށް އޮޅުވާލީތަ؟" އިރުކޮޅެއް ފަހުން އިމާމާގެ އަޑު އިވުނެވެ.
"އާނ. ފިސްތޯލައެއް ނަގައި އަހަންނަށް އޮޅުވާލި ގޮތަށް އަހަރެން ވެސް އޮޅުވާލީ ހަމަ." އޭނަ ބުންޏެވެ. "އަހަންނަށް ހީވާ ގޮތުން ދެ މީހުންނަށް ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ. އަހަރެމެންގެ އެކަކުގެ އުނިވާ ސިފަތައް އަނެކަކުގެ އެބަހުރި." އޭނާ އަނެއްކާވެސް އިމާމާއަށް މަލާމާތް ކުރިއެވެ.
"ސާލާރާ އެކު މުޅި އުމުރު ހޭދަކުރަން؟ ނޫން!"
"އަހަރެންގެ ހަޔާތުގައި މުސްތަހީލު އެއްވެސް ކަމެއް ނޯންނާނެ. ނުވާނެއޭ ތިބުނާ ކަންތައް ހަގީގަތަކަށް ހަދަން އަހަންނަށް އެއްބާރުލުން ދީ." ސާލާރް ބުންޏެވެ.
"ސާލާރް، އަހަންނަށް ވަރަށް ގިނަ ހެޔޮކަންތައް ކޮށްދީފީމު. މީ އަހަރެން އެދޭ އެންމެ ފަހު ކަންތައް، މިކަންތައް ވެސް ކޮށްދީ، އަހަރެން ވަރިކުރޭ، ޕްލީޒް."
"ނޫން، ހެޔޮކަންތައް ކޮށްދީދީ އަހަރެން ވަރުބަލިވެއްޖެ." ސާލާރް ބުންޏެވެ.
"އަހަރެމެންނަކީ މިޒާޖުގެ ގޮތުން ވަރަށް ތަފަތު ދެ މީހުން. ދިރިއުޅުން ވެސް އެހައި ތަފާތު. އަަހަރެމެންނަކަށް އިނދެގެން ނޫޅެވޭނެ. އަހަރެން ވަރިކުރޭ، ހެޔޮނުވާނެ." އިމާމާ އާދޭސްކުރަން ފެށުމުން ސާލާރަށް ލިބުނީ އިތުރު ހިތްވަރެކެވެ. އޭނާ ބޭނުންވީ ބާރަށް ހޭށެވެ.
"އަހަންނާއެކު އުޅެން ވައުދުވެއްޖެއްޔާ އަހަރެން މިހާރު ދިރިއުޅޭ ގޮތް ބަދަލުކޮށްލާނަން، އިސްލާހު ވާނަން." އޭނާ ބުންޏެވެ.
"ސާލާރް، އަަހަރެމެން ދެ މީހުންގެ އެއްގޮތް އެއްވެސް ކަމެއް ނެތް. އަަހަރެމެންނަކީ އުޑާއި ބިމާ ހާ ތަފާތު ދެ މީހުން. ދެ މީހުންގެ ދިރިއުޅުމުގެ ފަލްސަފާ ވެސް ތަފާތު. އަހަރެމެންނަށް އެކުގައި ނޫޅެވޭނެ." އާދޭސްކޮށްކޮށް އިމާމާ ވަރުބަލިވެއްޖެއެވެ.
"ނޫން. އަހަރެމެންގެ ދިރިއުޅުމުގެ ފަލްސަފާ ވަރަށް އެއްގޮތް. އެކަމާ ހާސް ނުވޭ. ކުދިކުދި ތަފާތު ހުއްޓަސް އެކަން ހައްލުކުރެވިދާނެ." ގާތް އެކުވެރިޔަކާ ވާހަކަދައްކާ ރާގަށް އޭނާ އިމާމާ އާ ވަހަކަ ދެއްކިއެވެ.
"އެހެން ނޫނަސް، އަހަރެންގެ އުނި ވަނީ ކޮންކަމެއް؟ އެންގޭޖުވެގެން އުޅުނު ލޯބިވެރިޔާ ހައި ބަލައިލަން އަހަރެން ރީތި ނުވެދާނެ. އެކަމަކު ޖަލާލް އަންޞާރަށްވުރެ މާ ރީތިވާނެ. އިމާމާ އަށް އަހަރެންގެ އާއިލާ ވަރަށް ރަނގަޅަށް އެނގޭނެ. ޖަލާލަށް ވުރެ ހުރިހައި ގޮތަކުން އަހަރެން ރަނގަޅުވާނެ." އަޑަށް ބާރުލާފައި ސާލާރް ބުންޏެވެ. އޭނާގެ ތުންފަތް މައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.
"އަހަރެންގެ ކުރިމަތީގައި ޖަލާލަށްވުރެ ރަނގަޅު އެހެން މީހެއް ނުހުންނާނެ. އަމުދުން ސާލާރް ރަނގަޅެއް ނުވާނެ..." ސާލާރްގެ ވާހަކައިން އިމާމާގެ ހިތަށް އުނދަގޫވިއެވެ.
"ކިހިނެއްވީ؟" މަލާމާތުގެ ރާގަކަށް ސާލާރް އެހިއެވެ.
"ތީ އަހަންނަށް ކަމުދާ މީހެއް ނޫން. އެކަން ގަބޫލުނުކުރަން ތިއުޅެނީ ކީއްވެ؟ އަހަރެން ވަރިނުކޮށްފިއްޔާ ކޯޓަށް ދާނަން." އިމާމާ ސާލާރަށް ބިރު ދެއްކިއެވެ.
ސާލާރްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. "އަވަހަށް ދޭ. ކުރިމަތިން ބައްދަލުވެ ވާހަކަ ދައްކާލަން އެއަށްވުރެ މޮޅު ތަނެއް އޮންނާނެތަ؟ ތީ ވަރަށް ފައްކާ ކަމެއް." އިމާމާ އަށް ގޯނާކުރެވޭތީ އޭނާ އުފަލުން ފޮޅެނީއެވެ.
"އެކަމަކު އެއްކަމެއް ހަނދާނުގަ ބަހައްޓަންވާނެ، އަހަރެން އެކަންޏެއް ނޫން، އިމާމާގެ މައިންބަފައިން ވެސް ކޯޓަށް ދާނެ." އޭނާ އިމާމާއަށް އިންޒާރު ދިނެވެ.
"ސާލާރް، އަަހަރެންގެ ހަޔާތުގައި މިހާރުވެސް ވާ ވަރަށް މައްސަލަ އެބަހުރި، އިތުރު މައްސަލައެއް ނުއުފެއްދިއްޔާ ރަނގަޅުވާނީ." އިމާމާ ހުރީ ރޮވެން ކާރިވެފައެއެވެ. ސާލާރްގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރެއެވެ.
"އިތުރު މައްސަލައެކޭ؟ ކަނބުލޯ، އަހަރެން މި ބަލަނީ ކަނބުލޮއަށް ކަންކަން ފަސޭހަކޮށްދެވޭތޯ، އަހަރެން ހަމްދަރްދީ ވަން. އަހަންނާއެކު ނުލާހިކު ހަމަޖެހިގެން އުޅެވޭނެ، ރައްކާތެރިކަން ކަށަވަރުކޮށްދޭނަން." އޭނާ ބުންޏެވެ.
"ސާލާރް، އަހަރެން މި ބުރަ އުފުލާ ސަބަބު ސާލާރަށް ވަރަށް ރަނގަޅަށް އެނގޭނެ. އަހަރެމެންގެ ރަސޫލާ ފާފައެއްކަމަށް ކަނޑައަޅުއްވާފައިވާ ހުރިހާ ކަމެއް ކުރާ މީހަކާއެކު އަހަރެންގެ ދިރިއުޅުން ވޭތިކުރާނެ ކަމަށް ހީކުރަނީތަ؟ ރަނގަޅު އަންހެނުން ވާނީ ރަނގަޅު ފިރިހެނުންގެ އަނބިންނަށް. ނުބައި އަންހެނުން ވާނީ ނުބައި ފިރިހެނުންގެ އަނބީންނަށް. ސާލާރް ގެ އަތްނބަކަށް ވާ ހައި ގޯސް މީހެއް ނޫން އަހަންނަކީ. އަހަންނަކަށް ޖަލާލް އާ ނީނދެވުނު، އެކަމަކު ސާލާރާއެކު ދިރިއުޅުން ވޭތިކުރާކަށް އަހަރެން ބޭނުމެއް ނޫން." އިމާމާ ހުރީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ.
"ޖަލާލް އިމާމާ އާ ނީން ސަބަބަކީ އެއީ... ރަނގަޅު ފިރިހެނުންގެ ހަޔާތުގެ ބައިވެރިޔަކަށް ވެވޭނީ ރަނގަޅު އަންހެނަކަށް، ތިކަހަލަ ވިޔާނުދާ މީހަކަށް ނުވެވޭނެ..."
ސާލާރްގެ އެ ބަސްތައް ތީރެއްހެން އިމާމާގެ މެޔަށް ހެރުނެވެ. ސާލާރް އަނގައިން ބުނަންދެން އިމާމާ ހިމޭނުން ހުއްޓެވެ. "ހެލޯ؟ އެބައިނިންތަ؟"
ކުރަކިވެފައިވާ އަޑަކުން އިމާމާ ޖަވާބު ދިނެވެ. "ސާލާރް، ޕްލީޒް، އަހަރެން ވަރިކުރޭ!" އޭނަގެ ހިތުގެ ރިހުން އިހުސާސް ވުމުން ސާލާރު އުފަލުން ފުމެނީއެވެ.
"ވަރިވާން ކޯޓަށް ދޭ!"
ދެން އިވުނީ އިމާމާ ފޯނު ބޭއްވި އަޑެވެ.
***
މިދިޔަ ދުވަސްތަކުގައި އިމާމާގެ މައުލޫމާތު ހޯދަން ހަސަން ކުރި ހުރިހާ މަސައްކަތެއް ވީ ނާކާމިޔާބެވެ. ސާލާރާ އިމާމާ އާ އެއްވެސް ގުޅުމެއް ނޯވެދާނެކަމަކަށް ހަސަން ގަބޫލެއް ނުކުރެއެވެ. އެހެން ކަމުން އިމާމާގެ ފޯނަށް ގުޅޭތޯ ހަަސަން އަމިއްލައަށް އެތައް މަސައްކަތެއް ކުރިއެވެ.
ސިކަންދަރް ސާލާރް ގާތު އެމެރިކާގެ އެކި ޔުނިވަރސިޓީ ތަކަށް ވަންނަން ފޯމުފުރަން ބުންޏެވެ. ސާލާރްގެ ނަތީޖާއިން ރަނގަޅު ޔުނިވަރސިޓީތަކުން ޖާގަ ލިބޭނެކަން އޭނާއަށް އެނގެއެވެ.
ސާލާރް އުއްމީދުކޮށްގެން ހުރީ އިމާމާ އޭނާއަށް ގުޅާނެ ކަމަށެވެ. ގުޅި ނަމަ ކާވެނީގެ ލިޔުންތަކުގައި ވަރި ނެގުމުގެ ހައްގު އޭނާއަށް ދީފައި އޮތް ވާހަކަ ބުނާނެއެވެ. އަދި އެދުވަހު އޭނާ ސަމާސާ ކުރީ ކަމަށް ވެސް ބުނާނެއެވެ. އެކަމަކު އިމާމާ އޭގެ ފަހުން އޭނާއަކަށް ނުގުޅައެވެ. އަދި ސާލާރް ވެސް ކާވެނީގެ ލިޔެކިޔުންތައް ބަލާކަށް ނޫޅެއެވެ. ބެލިނަމަ ކާވެނީގެ ލިޔެކިޔުންތައް އޭނާ އަތުގައި ނެތްކަން އެނގުނީހެވެ.
ފަހު އިމްތިހާނު ނިމުނު ދުވަހު އޭނާ ގެއަށް އައި އިރު ސިކަންދަރް އޭނާގެ އިންތިޒާރުގައި އިނެވެ.
"އަވަހަށް ފޮށްޓަށް އެއްޗެހި އަޅާ. މިރޭ އެމެރިކާއަށް ފުރަންޖެހޭ. ހުންނާނީ ކާމްރާންގެ ގޭގައި."
"ކީއްވެ ކުއްލިއަކަށް އަހަރެން ފޮނުވާލަނީ؟ ހުރިހާ ކަމެއް ރަނގަޅުތަ؟"
"އާނ، ތި ނޫން ހުރިހާ ކަމެއް ވެސް ރަނގަޅު." އޭނާ ބުންޏެވެ.
"ތިގޮތަށް އަހަރެން ފުރުވައިލަނީ ދެން ކީއްވެ؟"
"މިރޭ އެއަރޕޯޓަށް ދާއިރު ކީއްވެގެން ކަން ކިޔައިދޭނަން. ފޮށްޓަށް އެއްޗެހި އަޅަން ދޭ."
"ބައްޕާ، ވީ ގޮތެއް ބުނެބަލަ. އެހައި ކުއްލިއަކަށް އަހަރެން ފޮނުވައިލަނީ ކީއްވެ؟" ސާލާރް ބަލިކަށިގޮތަކަށް އަހައިލިއެވެ.
"ބުނެފީމެއްނު މިރޭ ބުނާނަމޭ. ފޮށްޓަށް އެއްޗެހި އަޅަން ދޭ، އެހެން ނޫނީ ހުސްއަތާ ފުރުވައިލާނީ." ސިކަންދަރް އޭނާއަށް އިންޒާރު ދިނެވެ. ސާލާރް ކޮޓަރިއަށް ހިނގައްޖެއެވެ.
ފޮށްޓަށް އެއްޗެހި އަޅަމުން ދިޔައިރު ސާލާރް ގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ސިކަންދަރް އުސްމާނު އެހައި ކުއްލިއަކަށް އޭނާ ފުރުވާލަނީ ކީއްވެހެއްޔެވެ؟ އެއްޗެއް ހަނދާންވެގެން މޭޒުގެ ވަތްގަނޑުގައި ހުރި ކަރުދާސްތައް ހާވަން އޭނާ ފެށިއެވެ. ކާވެނީގެ ސެޓްފިކެޓާއި ލިޔުންތަކެއް އޭނާއަކަށް ނުފެނުނެވެ. އެ ލިޔެކިޔުންތައް ކޮބައިހެއްޔެވެ؟ މިހާރު އޭނާގެ ބައްޕަގެ މޮޅު އުކުޅު އޭނާއަށް ވިސްނިއްޖެއެވެ. ކާވެނީގެ ސެޓްފިކެޓާ މެދު އެހައި ފަރުވާ ކުޑަކުރެވުނީތީ ދެރަވިއެވެ. އެ ލިޔެކިޔުންތައް ވީ ބައްޕަގެ އަތުގައި ކަން ސާލާރަށް ޔަގީނެވެ. ސިކަންދަރް ފިޔަވައި އެހެން މީހަކު އޭނާ ގެންގުޅޭ ތަކެތި ނުހާވާނެއެވެ.
ސާލާރްގެ ސިކުނޑި އޮޅުންބޮޅުންވިއެވެ. އޭނާ މަޑުމަޑުުން ފޮށްޓަށް އެއްޗެހި އެޅިއެވެ. މިހާރު ސިކުނޑީގައި އޮތީ އެންމެ ޚިޔާލެކެވެ. އެއަރޕޯޓަށް ދާ މަގުމަތީގައި ބައްޕަ ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ ސާލާރް ފުރުވަން ޠައްޔިބާ ނުދެއެވެ. އެއަރޕޯޓަށް ދަމުން ދެބަފައިން މާ ގިނަ ވާހަކައެއް ނުދައްކައެވެ. އެއަރޕޯޓަށް ގޮސް ސިކަންދަރް އޭނާގެ ބްރީފްކޭހުން ހުސް ކަރުދާހެއް ނަގައި ގަލަމަކާ އެކު ސާލާރަށް ދިއްކޮށްލިއެވެ. "މިތާ ސޮއި ކުރޭ."
"ތީ ކޯޗެއް؟" ސާލާރް ހައިރާންވެފައި އެހިއެވެ.
"އިތުރު ސުވާލުނުކޮށް ސޮއިކުރޭ." ވަރަށް ހަރުކަށިކޮަށް އެނާ ބުންޏެވެ. ސާލާރް ވަގުތުން އެ ގަނޑުގައި ސޮއި ކުރިއެވެ. އެ ގަނޑު ފަށް ޖަހާލާފައި ސިކަންދަރް އޭނާގެ ބްރީފްކޭހަށް ލިއެވެ.
"ތިކުރި ކަންތަކުން ދަރިފުޅާ މާ ގިނަ ވާހަކަ ދެއްކުމުގެ ބޭނުމެއް އޮތް ހެނެއް ހިއެއްނުވޭ. ބައްޕައަށް މުޅިންވެސް އޮޅުވައިލީ، ދޮގު ހެދީ. ދުވަހަކުވެސް ބައްޕައަށް ހަގީގަތް އެނގިދާނެ ކަމަކަށް ހިއެއް ނުކުރަމެއްނު؟ އެމެރިކާއަށް ފޮނުވުމުގެ ބަދަލުގައި އަހަރެން ބޭނުންވަނީ ދަރިފުޅު ހާޝިމް މުބީން އާ ހަވާލުކުރަން. ހިތާމައަކީ އަހަންނަކީ ދަރިފުޅުގެ ބައްޕައަށް ވީ ކަން. އެހެންވީމާ ދަރިފުޅު ސަލާމަތް ކުރަން ޖެހެނީ ވެސް ބައްޕައަށް. ބައްޕަގެ ބަލިފައި ފާހަގަކޮށް އޭގެ ނާޖާއިޒު ފައިދާ ނަގައިގެން ލައްކަ ދުވަހު އުޅެފީމު. ދެނެއް ނޫޅެވޭނެ. ވަރަށް އަވަހަށް އިމާމާއަށް ވަރީގެ ލިޔުންތައް ފޮނުވާނަން. މީގެ ފަހުން އޭނަޔަށް ގުޅަން ހިތަށް ވެސް ނާރުވާތި. އަހަރެމެންނަށް އެތައް ތުރާލެއް ކުރިމަތިކުރުވައިފި، އެކަންތަކަށް ނިމުމެއް ގެންނަން އެބަޖެހޭ. ސާފުވެއްޖެތަ؟"
ސިކަންދަރް ހުރީ ރުޅި އައިސް ފުފިފައެވެ. ބައްޕައަށް ޖަވާބު ދިނުމުގެ ބަދަލުގައި ސާލާރް އިނީ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެންނެވެ. ސިކަންދަރް ދެއްކި އެއްވެސް ވާހަކައެއް އަޑުއިވުނުހެންވެސް ހީނުވެއެވެ. ސިކަންދަރް އިނީ މާޔޫސްވެފައެވެ. ސާލާރަކީ އޭނާގެ ތޫނުފިލި ދަރިފުޅެވެ. އައިކިޔު ހުންނަނީ 150 ގައެވެ. އެކަމަކު އޭނާއަކީ އެއްވެސް ބުއްދިއެއް ހުރި މީހެއްތޯ ފެންނަ ކޮންމެ މީހެއްގެ ހިތުގައި ސުވާލު އުފެދޭނެއެވެ.
(ނުނިމޭ)
Kurin genes dhin gothah komme dhuvahu mi vaahaka genes dheeba...mee varah reethi vaahakaeh...