ފާނޫޒު - 57

(21 ސެޕްޓެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ބޮޑެތި ދިހައެއް ނުވަތަ ފަނަރަވަރަކަށް ސިޓީން ދުރަށް ޖެހިލީމާ، ކުދި ރަށް ރަށާއި އަވަަށްތަކުގެ މީހުން އުޅެނީ ތިންވަނަ ދުނިޔޭގައި ނޫންކަން އެނގޭނެ، އެ ރައްޔިތުން އުޅެނީ ދިހަވަނަ ދުނިޔެ ނުވަތަ ބާރަވަނަ ދުނިޔޭގައި. ވަޒީފާގެ ފުރުސަތެއް ނުވަތަ އެހެން ޚިދުމަތެއް ނުލިބޭ. އެމީހުންގެ ދިރިއުޅުމުގެ އެއްބައި ވޭތިކުރަނީ އުއްމީދުގައި، އަނެއްބައި ނާއުއްމީދުގައި. ހިކި ޕާން ފޮއްޗަކުން ފަށާ ދުވަސް ނިންމައިލާން ޖެހޭނީ ހައިހޫނުކަމުގައި ކަން ލިޔެފައި އޮންނަނީ ކޮން ފޮތެއްގައިތަ؟ ހައި ހޫނުކަމަށް ހައްލެއް ހޯދައިނުދީ އަހަރެމެން ބަލަނީ މިސްކިތް ބިނާ ކުރެވޭތޯ. އަގު ބޮޑެތި މިސްކިތްތައް. ފާރާއި ތަޅުމުގައި އެންމެ މޮޅު ސަންގުމަރުމަރު ހިލަ ޖަހާފަ، ފަންގިފިލާގައި ރަނުން ކަނޑައި ނަގާފަ. އެއް މަގެއްގައި ހުރެދާނެ ދިހަ، ބާރަ މިސްކިތް، ހުހަށް، އެންމެ އަޅުވެރިއަކު ވެސް ނެތި." ފުރްގާން އޭރު ބުނެއެވެ.

'މުޅި ގައުމުގެ އާބާދީ ނުކުމެ މިސްކިތަށް އެރިއަސް ދެބައިކުޅަ އެއްބައި މިސްކިތް ހުންނާނީ ހުހަށް. އެވަރަށް މި ގައުމުގައި މިސްކިތް ބިނާކޮށްފައި އެބަހުރި. ބަނޑުފުރާނަ މުއްތިކުރާނެ ގޮތެއް ނެތި، މަރުވަމުންދާ އެތައް ބަޔަކު ދިރިއުޅޭ ގައުމެއްގައި މިސްކިތް ބިނާކުރުމުގެ ބޭނުމެއް އަހަންނަކަށް ނުވިސްނޭ. ޖާހިލު ކަމުގެ ތެރެއަށް އިޖްތިމާއީ އަގުތައް ގެއްލެމުން ދާއިރު މިސްކިތްތައް ބިނާކުރުމުގެ ފައިދާއެއް ނެތް. އެފަދަ ތަންތަނަށް ބޭނުންވަނީ މިސްކިތެއް ނޫން. ސްކޫލްތައް. އޭރުން ތައުލީމީ ފުރުސަތުގެ ސަބަބުން ހޭލުންތެރިކަން އުފެދި ވަޒީފާގެ ފުރުސަތު ފަހިވާން ފަށާނެ. މީހުންނަށް ޝުކުރުވެރިވާން އެނގޭނީ އޭރުން. ހައިހޫނުކަންމަތީ ތިބޭނަމަ އަބަދު އިވޭނީ ޝަކުވާގެ އަޑު."

އޭރު އޭނާ ފުރްގާންގެ ވާހަކަ އަޑު އަހަން އިންނަނީ އެވެ. އެ ރަށަށް ގަވާއިދުން ދާން ފެށީމާ ފުރްގާން ވާހަކަ ދެއްކީ ހަގީގަތަަށް ކަން އޭނާއަށް އެނގުނެވެ. ފަގީރު ހާލަތު އޮތީ މީހުން ދީނަށް ނަފްރަތުކުރާ މިންވަރަށެވެ. މީހުން ތިބީ ހައިހޫނުކަން ފިލުވައިދޭ ކޮންމެ މީހެއްގެ އަޅަކަށްވެ، ގުލާނުކޮށްދޭން ތައްޔާރަށެވެ. އެ ރަށަށް އަންނަ ދުވަހު އޭނާއާ ބައްދަލުކުރުމަށް ކިއޫގައި އެތައް ބަޔަކު ތިބެއެވެ. ގިނަފަހަރަށް އެ މީހުން އެދެނީ ވަރަށް އާދައިގެ ކަންކަމުގައެވެ.

"އަހަރެންގެ ދަރިފުޅަށް ފެކްޓަރީ އިން ވަޒީފާއެއް ހޯދައިދީ، އާމްދަނީގެ ގޮތުގައި ހާހެއްހައި ރުފިޔާ ލިބުނަސް އެންމެ ރަނގަޅު."

"އަހަންނަށް ވިހި ހާސް ރުފިޔާ ލިބިއްޖެއްޔާ ދަރިފުޅުގެ ކާވެނި ކުރެވޭނެ..."

"ވާރޭ ވެހިފައި އަހަރެމެންގެ ދަނޑުތައް މުޅިން ހަލާކުވެއްޖެ. މި އަންނަ މޫސުމުގައި އިންދާނެ އޮށް ގަންނަން އަހަރެންގެ އަތަކު ފައިސާއެއް ނެތް. އަހަންނަށް ފައިސާކޮޅެއް ދީ، ދަނޑުތަކުން ލިބޭ އެއްޗަކުން އެ ފައިސާ އަނބުރާ ދޭނަން."

"އަހަރެންގެ ދަރިފުޅު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި، އެއީ ކީއްވެގެން ކަމެއް ވެސް އެމީހުން ނުބުނޭ. ކިތަންމެ ގިނަ ދުވަހަކުވެސް އެ މީހުން އޭނާ ބަންދުގައި ބަހައްޓަފާނެ. އެމީހުންނާ ވާހަކަ ދައްކައިދީ."

"އަހަރެން ގޯތި އެހެން މީހަކަށް ހިބަކޮށްދޭން ވެގެން އަހަންނާ ދެކޮޅަށް ޕަތްވާރީ ވަރަށް މަސައްކަތް ކުރޭ. އޭނާ ބުނަނީ އަހަރެންގެ އަތުގައި ހުރި ލިޔުންތަކަަކީ ވަގު ލިޔުންތަކެކޭ."

"އަހަރެންގެ ދަރިފުޅު ވަޒީފާ އަދާކުރަނީ ޖެހިގެން އޮތް ރަށުގައި . ކޮންމެ ދުވަހަކު އައިސް ގޮސް ހަދަނީ އަށް މޭލަށް ހިނގާފައި. އެ ކުއްޖާއަށް ބައިސްކަލެއް ގަނެދީ..."

"އަހަރެމެންގެ ގޭގައި ފެން ޕަންޕެއް ބަހައްޓަން ބޭނުންވޭ. އަހަރެމެންނަށް އެހީއެއް ވެދީ."

ސާލާރް ރައްޔިތުންގެ އަޑު އަހަނީ ހައިރާން ކަމާއެކުއެވެ. ދިިރިއުޅުމުގެ މުހުތާދުތައް ފުއްދާނެ ގޮތެއް ހޯދުމުގައި މީހުންގެ މުޅި އުމުރު ނަގައިލަން ޖެހޭ ހެއްޔެވެ؟ މަހަކު އެއްފަހަރު ރަށަށް ދާއިރު ކޮންމެ ފަހަރަކުވެސް އޭނާ ދިހަ ހާސް ނުވަތަ ފަނަރަ ހާސް ރުފިޔާ ގެންދެއެވެ. ކުދި އަދަދުތަކުން އެ ފައިސާ ބަހާލީމާ އެ މީހުންގެ އާދައިގެ އެހެނަސް މުހިއްމު ބޭނުންތައް ފުއްދޭނެއެވެ. އެމީހުންގެ ދިރިއުޅުމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެއެެވެ. އެމީހުންގެ ހައްގުގައި މުއްސަނދި މީހުންނަށް އޭނާ ލިޔާ ކުރު ސިޓީއާއި މަދު ފޯނު ކޯލުތަކުން ނިކަމެތީންގެ ބޮޑެތި ބުރަ ލުއިވެ، ފައިދަށުން އެތައް ކަމަކަށް ހައްލު ލިބެމުން ދިޔައެވެ. ކުޑަކުޑަ އެހީއަކުން މީހުންގެ ދިިރިއުޅުމަށް އެހައި ބޮޑު ބަދަލު އަންނަމުން ދިޔައީ ކިހިނެއް ކަމެއް ސާލާރަކަށްވެސް ނޭނގެއެވެ.

***

ލާހޯރްގައި އުޅެމުން އޭނާ ގަވާއިދުން ޑރ. ސިބްތި އަލީ އާ ބައްދަލުކުރެއެވެ. ކޮންމެ ރެއަކު ޢިޝާ ނަމާދަށްފަހު މީހުން ޑރ. އަލީގެ ގެއަަށް ޖަމާވެއެވެ. ޑރ. އަލީ ޝައުގުވެރި ކޮންމެވެސް މައުޟޫއަކަށް ވާހަކަ ދައްކައެވެ. ބައެއްފަހަރު މައުޟޫއު ޚިޔާރުކުރަނީ އަމިއްލައަށެވެ. އަނެއްބައިފަހަރު މެހެމާނަކު ކުރާ ސުވާލެއް އެރޭގެ މައުޟޫއަށް ވެދެއެވެ. ބައެއް އިލްމުވެރިންނާ ޚިލާފަށް ޑރ. އަލީގެ ދަރުސްތައް ކުރިއަށް ގެންދަނީ އެރެއަކު އަންނަ މެހެމާނުން ބައިވެރިކޮށްގެންނެވެ. އޭނާ ބައެއް ފަހަރު އެ މީހުންނާ ސުވާލުކޮށް މަޝްވަރާއަށް ހިތްވަރު ދެއެވެ. މެހެމާނުންގެ ޚިޔާލަށް އޭނާ އިހްތިރާމު ކުރެއެވެ. ފާޑުކިއުންތައް ބަލައިގަންނަނީ ފަހި ގޮތަކަށެވެ. މިހައިތަނަށް އެއްވެސް ސުވާލެއް ނުކުރާ ހަމައެކަނި މީހަކީ ސާލާރް ސިކަންދަރެވެ. އަދި ޑރ. ސިބްތި އަލީގެ ސުވާލަށް ޖަވާބު ނުދޭ ހަމައެކަނި މީހަކީވެސް އޭނާއެވެ. ޚިޔާލު ފާޅުކުރާ މީހުންނާ ނުވަތަ ފާޑުކިޔާ މީހުންނާ ވެސް އޭނާ ބައިވެރިއެއް ނުވެެއެވެ.

އާއްމުގޮތެއްގައި އޭނާ އެގެއަަށް ދަނީ ފުރްގާނާ އެކުއެވެ. ފުރްގާނަށް ނުދެވޭ ރޭރޭ އެކަނި މާއެކަނި ގޮސް އޭނާ އާދަވެގެން އިންނަ ތަނުގައި އިށީންނަނީއެވެ. މަޝްވަރާގެ އަޑު އަހަން ހިމޭނުން އިންނަނީއެވެ. ބައެއް ފަހަރު މެހެމާނަކު ސުވާލުކޮށްފިނަމަ އޭނާގެ ކުރު ތައާރަފެއް ދެއެވެ. "އަހަންނަކީ ސާލާރް ސިކަންދަރް، އަހަރެން މަސައްކަތް ކުރަނީ ބޭންކެއްގައި."

އޭނާ އެމެރިކާގައި އުޅުނު އިރު ހަފްތާއަކު އެއްފަހަރު ޑރ. ސިބްތެ އަލީ އަށް ފޯނުކުރެއެވެ. އެއީ ކުރު ކޯލެކެވެ. އަބަދުވެސް ދައްކަނީ އެއް ވާހަކައެކެވެ. އޭނާ ފޯނު ކުރުމުން ޑރ. އަލީ ފޯނު ނަގާފައި އަހަނީ އެންމެ ވާހަކައެކެވެ.

ފުރަތަމަ ފަހަރު ޑރ. އަލީ އެ ސުވާލު ކުރުމުން އޭނާ ސިހުނެވެ. އޭނާ އެމެރިކާއަށް ދިޔަތާ ހަފްތާއެއް ވެސް ނުވަނީސް އެނބުރި ޕާކިސްތާނަށް ދާނެ އިރެކެވެ. ސާލާރް އެކަމާ ހައިރާންވިއެވެ.

"އަދި ނެތް އެހައި އަވަހަށް ދެވޭކަށް..." ޖަވާބުގައި އޭނާ ބުނެއެވެ. އެ ސުވާލުގެ މަގްސަދެއް އޭނާއަކަށް ނޭނގެއެވެ.

ފަހުން އެއި އެހައި އައިބު ސުވާލަކަށް ނުވިއެވެ. ޑރ. އަލީ އެ އަހަނީ ކޮން ވާހަކައެއްކަން އޭނާއަށް އެނގެން ފެށިއެވެ. އެންމެ ފަހުން އޭނާ އެ ސުވާލުކުރީ އިމާމާ ހޯދަން އޭނާ ރެޑް ލައިޓް އޭރިއާ އަށް ދިޔަ ދުވަހުއެވެ. ޕެރިހަށް އެނބުރި ގޮސް ޖެހިގެން އައި ހަފްތާގައި އޭނާ ޑރ. އަލީއަށް ފޯނުކުރިއެެވެ. އާދައިގެ މަތިން ޑރ. އަލީ ސުވާލު ތަކުރާރު ކުރިއެވެ. "ޕާކިސްތާނަށް އެނބުރި އަންނަނީ ކޮން އިރަކުން؟"

ވިސްނަން އިނދެފައި ކުއްލިއަކަށް އޭނާ ޖަވާބު ދިނެވެ.

"އަންނަ މަހު، އަހަރެން މިއުޅެނީ ވަޒީފާ އިން އިސްތިއުފާ ދޭން. ދެން މަސައްކަތް ކުރާނީ ޕާކިސްތާނުގައި ހުންނަ ބޭންކެއްގައި."

"ވަރަށް ރަނގަޅު. އަންނަ މަހު ބައްދަލުވާނެ." ޑރ. އަލީ ބުންޏެވެ.

"އަހަންނަށް ހެޔޮ ދުއާ ކޮށްދޭތި." ސާލާރް ބުންޏެވެ.

"ކުރާނަން. އިތުރު ކަމެއް އެބައޮތްތަ؟"

"ނޫން، އިތުރު ކަމެއް ނެތް."

ސާލާރް އެނބުރި ޕާކިސްތާނަށް ދަންދެން ގަވައިދުން އޭނާ ފޯނު ކުރެއެވެ.

***

ޑރ. އަލީ އާ ބައްދަލުކުރުމުން ސާލާރްގެ ހިތަަށް ހަމަޖެހުން ލިބެއެވެ. ޑިޕްރެޝަން އިން މުޅިން ސަލާމަތްވި ކަމުގެ އިހުސާސް ކުރެވޭ ހަމައެކަނި ވަގުތު ކޮޅަކީ އެއީ އެވެ. ޑރ. ސިބްތެ އަލީގެ ކުރިމަތީގައި އިށީނދެ އިންނަ އިރު އޭނާގެ އުފުލަމުންދާ ބޮޑު ބުރައިގެ ވާހަކަ ކިޔާދީފާނަމޭ ހިތަށް އަރައެވެ. ހުރިހާ ވާހަކައެއް ހިފަހައްޓައިގެން ހުރެހުރެ، އެ ވާހަކައިން އޭނާގެ ހަށިގަނޑުގައި ދަމިލަ ޖަހައި ވިހަވެއްޖެއެވެ. އެހެން ނަމަވެސް އެ ވާހަކަތައް ކިޔާދިނީމާ ޑރ. އަލީ ބުނާނެ އެއްޗަކާ މެދު އޭނާ ކަންބޮޑުވެއެވެ. އޭނާއާ މެދު ޑރ. އަލީ ދެކޭނީ ކިިހިނެއްހެއްޔެވެ؟

ޑރ. އަލީ އަކީ އެކި މައުޟޫއުތަކާ މެދު މީހުންނަށް އަރާފައި ހުންނަ އޮޅުންތައް ފިލުވައިދިނުމުގައި އަރައި ހުރި މީހެކެވެ. އޭނާގެ ވާހަކަތައް އަޑު އަހައި، އެ ވާހަކަތައް ފަހުމުކޮށް އަދި އެކި ކަންކަމާ މެދު ދެކެމުން އައި ގޮތް ބަދަލުވަމުން ދިޔައެވެ. އޮޅުން އަރާ ކަންކަން ތިލަވެ ސާފުވެއެވެ. އެތައް އަހަރެއް ވަންދެން އޭނާގެ ހިތަަށް އުނދަގޫ ކުރަމުން ދިޔަ ހުރިހާ ސުވާލެއްގެ ޖަވާބު ޑރ. އަލީ ދީފިއެވެ.

"އިސްލާމް ދީނުގައި އޮންނަ ގޮތް ފަހުމުވާނަމަ އޭގެ ފުންމިން އެނގޭނެއެވެ. އިސްލާމް ދީނަކީ ހުޅުވާލެވިފައިވާ ދީނެކެވެ. އެއީ ހަނި ވިސްނުމާއި އަނިޔާވެރި ކަމުގެ ދީނެއް ނޫނެވެ. އިސްލާމް ދީނުގައި އެއިން އެއްވެސް ކަމަކަށް ޖާގައެއް ނޯވެއެވެ. އެ ދީން ފެށެނީ އަމިއްލަ ނަފްސާއި ހިސާބުން ކަމުގައި ވީ ނަމަވެސް "އަހަރެމެން" ނާ ހަމައަށް ފުޅާ ވެއެވެ. ފަރުދީ ފެންވަރުން ގޮސް ވިލިވިލީގެ ފެންވަރަށެވެ. މުޅި ދުވަހު މުސައްލަ މަތީގައި އިށީނދެ އިންނާކަށް ނުވަތަ ބޮލުގައި ތާކިހާ އަޅައިގެ އުޅޭކަށް ނުވަތަ ހުވަނދު ލަައިގެން ހުންނާކަށް އިސްލާމްދީން ލާޒިމެއް ނުކުރެއެވެ. އަދި ނަމާދުކޮށްގެން ދަންނަކަން އެކަނި ބުނާކަށް ވެސް އިސްލާމްދީން ބާރެއް ނާޅައެވެ. އެއާ ޚިލާފަށް އިސްލާމް ދީން ބާރު އަޅަނީ ތެދުވެރި ކަމާއި، ހިތްތިރި ކަމާއެކު ހުރިހާ ކަމެއްގައި ހަމަހަމަ ކަމާއެކު ޝާމިލުވެ އުޅުމަށެވެ. އެ ދީން ގޮވާލަނީ ކިޔަމަންތެރި ކަމާއެކު ދީނުގެ މަތީގައި ސާބިތުވެ ތިބުމަށެވެ. ރަނގަޅު މުސްލިމަކު އެހެން މީހުންނަށް ނަމޫނާ ދައްކާނީ އޭނާގެ ހެޔޮ އަމަލުންނެވެ. ހަމައެކަނި ދައްކާ ވާހަކައަކުން ނޫނެވެ."

ޑރ. އަލީގެ ދަރުސްތައް ރެކޯޑްކޮށްގެން ގެއަށް ގޮސް އޭނާ އަޑުއަހައެވެ. އޭނާ މިއޮތް ހުރިހާ ދުވަހު ދިޔައީ މުރައްބީ އަކު ހޯދަމުންނެވެ. މަގު ދައްކައިދޭނޭ މީހަކު ހޯދަމުންނެވެ. އަނދިރިކަމުގެ ތެރެއިން ފާނޫޒެއްގެ އަލިވިޔަސް ހޯދަމުންނެވެ. ޑރ. ސިބްތެ އަލީ އަކީ އޭނާ ހޯދަމުން ދިޔަ އައްޔެވެ. އޭނާގެ ފާނޫޒެވެ.

***

"ސާލާރް، ދެން އާދެބަލަ، ހެޔޮނުވާނެ... ކިހާ ވަރަކަށް އާދޭސް ކުރުވަންތަ ތިއުޅެނީ!" އަނީތާ އޭނާ އަތުގައި ހިފައި ދަމާފައި ގެނައެވެ. އަނީތާ ހުރީ ރުޅި އައިސްފައެވެ.

ސާލާރް އިސްލާމްއާބާދަށް އައީ ޢައްމާރުގެ ކާވެންޏަށެވެ. ހަފްތާއަކަށް އަންނާން ބުނީމާ އޭނާ އައީ ތިން ދުވަހުގެ ޗުއްޓީ އެއް ނަގައިގެންނެވެ. ކާވެނީގެ ތައްޔާރީތައް ފެށިގެން ކުރިއަށްދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެފަދަ ހަރަކާތްތަކުގެ ޒާތާއި އޭގެ މުހިއްމުކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންކަމުން ގޭ މީހުން އާދޭސް ކުރުމުންވެސް ތިން ދުވަހަށް ވުރެ ގިނަ ދުވަހު ހުންނާކަށް އޭނާ ގަސްތެއް ނުކުރިއެވެ. މިހާރު އޭނާ އެހެރީ ޢައްމާރުގެ އާއިލާ އާއި އަންހެން ކުއްޖާގެ އާއިލާ ގުޅިގެން ބާއްވާ ހީނާފަތް އެޅުމުގެ ހަފްލާގައެވެ. ޢައްމާރް އާއި އާސްރާގެ ރައްޓެހިން އަދި އާއިލާ މީހުން ހިންދީ ފިލްމުތަކަށާއި ޕޮޕް މިއުޒިކަށް ނަށަމުން ދިޔައެވެ. އެ މާހައުލުގައި އަމިއްލަވަންތަކަމުގެ ނިޝާނެއް ހައި ހިސާބުވެސް ނެތެވެ. އަންހެނުން ހެދުން އަޅާފައި ތިބީ އެކި ކަހަލަ ނިވައިކަން ކުޑަ ހެދުމުގައެވެ. ކަރުވަޅު ބޮޑު ހެދުމާއި އަތް ނެތް ކުރު ހެދުމާއި، ވިދާ، އަދި ފަށުވި ހެދުމާއި ޝިފޯން ސާޅީ އާއި ނެޓު ބްލައުޒެވެ. އޭނާގެ އާއިލާގެ އަންހެނުންވެސް ތިބީ އެކަހަލަ ހެދުމުގައެވެ.

އެ ހަފްލާއަށް އެކި ފެންވަރުގެ މީހުންނަށް ދައުވަތު ދީފައި ވެއެވެ. ލަވަ ކިޔުމާއި ނެށުން ފެށުމުގެ ކުރިން ވިޔަފާރިވެރިންނާއި ބޭންކު ދާއިރާގައި މަސައްކަތްކުރާ މީހުން އިށީނދެގެން ތިބި މޭޒަކުން އޭނާ ޖާގަ ހޯދިއެވެ. މެހެނދީ ހަފްލާ ފެށުމާއެކު އަނީތާ އޭނާގެ އަތުގައި ހިފައި ދަމަމުން ގޮސް ސްޓޭޖަށް އެރުވިއެވެ. ޢައްމާރް އާއި އާސްރާ ސްޓޭޖް މަތީގައި ނަށަމުން ދިޔައެވެ. އޭނާ ފެނުމުން ޢައްމާރު އޭނާއަށް އާސްރާ ތައާރަފްކޮށްދިނެވެ. އެ ޙަފްލާ ނިމުމުން ސާލާރް އެތަނުން ދާން އުޅެނިކޮށް ޠައްޔިބާ އޭނާ ހިފެހެއްޓިއެވެ.

"މިއީ ކޮއްކޮގެ ހީނާފަތުގެ ޙަފްލާ. އެކަމަކު ދަރިފުޅު ތި އިންނަނީ މާ ދުރުގައި. ދަރިފުޅު އިންނަންވީ މިތާ މަންމަމެން ގާތުގައި." ޠައްޔިބާ ބުންޏެވެ. ކާމްރާންގެ އަންހެނުން ގާތު ސާލާރް މަޑުކުރިއެވެ. ބޮޑުބޭބެގެ ދަރިފުޅު އައިސް އޭނާގެ ކަރުގައި ފޮތިގަނޑެއް އަޅުވަން އުޅުނެވެ. ދެ އާއިލާގެ އެންމެންގެ ކަރުގައި ވެސް އޭގެ ފޮތިގަނޑެއް އޮތެވެ. ސާލާރް އޭނާ ދުރަށް ލިއެވެ. އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް މިއުޒިކު ފެށުނެވެ. ޢައްމާރް އާއި އޭނާގެ ހުރިހާ ބެއިން އަދި ބޮޑުބޭބެގެ ދަރިން ވެސް ނަށަން ފެށިއެވެ. އަނީތާ އޭނާ އެ ދިމާއަށް ކޮއްޕާލިއެވެ.

"ނޫން އަނީތާ، އަހަންނަކަށް ނުނެށޭނެ. އަހަންނަކަށް ނޭނގޭ ނަށާކަށް." އޭނާ އުޅުނީ އެތަނުން ދާށެވެ. އޭނާ ބުނި އެއްޗަކަށް ފަރުވާލެއް ނުބަހައްޓައި އަނީތާ އާއި ޢައްމާރް އޭނާ ދަމާފައި ގެންގޮސް އެންމެންގެ މެދަށް ލިއެވެ. ކަމްރާން އާއި މުޢިއްޒުގެ ކާވެނީގައި އޭނާވެސް އެގޮތަށް ނެށިއެވެ. އެއީ މީގެ ހަތް އަހަރު ކުރިއެވެ. މި ހަތް އަހަރުތެރޭ އޭނާ އެތައް ދުރަށް އެތައް ހިސާބަކަށް ދަތުރުކޮށްފިއެވެ. އެއީ ބުއްދިއާއި އާއި ރޫހުގެ ދަތުރެކެވެ. ޢައްމާރުގެ ކާވެނީގެ ހަފްލާގައި މީހުންގެ ތެރޭގައި ހުއްޓި ހުރި އިރު އަތް މައްޗަށް އުފުލައިލަން ވެސް އޭނާއަށް ވީ ބޮޑު ބުރައަކަށެވެ. ހަދާނެ ގޮތް ހުސްވެފައި އެންމެންގެ ތެރޭގައި އޭނާ ހުއްޓެވެ.

ސާލާރް ގުދުވެލާފައި އަނީތާގެ ކަންފަތް ދޮށުގައި ސިއްރުސިއްރުން ބުންޏެވެ. "ނަށާ ގޮތް މިހާރު ހަނދާން ނެތިއްޖެ، އަހަރެން މިތަނުން ދިޔަދީ، ހެޔޮނުވާނެ."

"ފަށާބަލަ، އޭރުން ހަނދާންވާނެ." ސާލާރްގެ ކޮނޑުމަތީގައި އަތް ބާއްވަމުން އަނީތާ ބުންޏެވެ.

"އަހަންނަކަށް ނުވާނެ. ތި މީހުން ނަށާ. އަހަރެން ދިޔަދީ."

އިރުކޮޅަކުން އާސްރާ ވެސް ސްޓޭޖް މައްޗަށް އެރިއެވެ. ދަނޑިވަޅު ބަލާފައި ސާލާރް ސްޓޭޖުން ފޭބިއެވެ.

"އުޑާ ހަމައަށް އުހަށް އަރައި މަތީ ދަރަޖަ ހާސިލުކޮށްގަތުމަކީ ކޮންމެ ގައުމެއްގެވެސް އަދި ކޮންމެ ނަސްލެއްގެވެސް ހުވަފެނެއް. އުއްމީދެއް. ފޮތް ބާވައިލެއްވި މީސްމީހުން ގަބޫލު ކުރާ ގޮތުގައި މި ބުނެވުނު މަތީ ދަރަޖައަކީ އެމީހުންގެ ހައްގެއް. އެކަމަކު ކަންތައް އޮންނަނީއަކީ އެހެންނެއް ނޫން. އެމީހުންގެ މައްޗަށް ފޮތެއް ބާވައިލެއްވުނަސް އަދި ނަބިއްޔަކު ފޮނުއްވުނަސް، އެބައެއްގެ ބަހާއި އަމަލުން މަތީ ދަރަޖައަކަށް ވާސިލުވުމުގެ ގާބިލުކަން ލިބިނުގަންނަ ބަޔަކަށް އެދަރަޖައެއް ނުލިބޭނެ. އިސްލާމީ އުއްމަތަށް ނުވަތަ އިސްލާމީ ގައުމުތަކަށް ކުރިމަތި ވެފައިވާ މައްސަލައަކީ މިއީ. މުސްލިމުންގެ ބޮޑުން އެ ތިބެނީ އަމިއްލަ ނަފުސު އޮފު އެރުވުމާއި ދުނިޔޭގެ އެދުމާއި ބޮޑާ ކަމުގެ ތެރެއަށް ގެނބިގެން ގޮސްފައި. މި ބުނެވުނު ސިފަތަކަކީ ބޮޑެތި ވަބާ. ނިމުމެއް ނެތި ފުރަތަމަ މަރުހަލާއިން ދެވަނަ މަރުހަލާއަށް، ދެވަނަ މަރުހަލާއިން ތިންވަނަ މަރުހަލާއަށް ބަދަލުވަމުން ދާ ސިލްސިލާ ވަބާއެއް." އެތާނގައި ހުރެގެން ނަށަމުން ދިޔަ ދެ ޖިންސުގެ މީހުންނާ ދިމާއަށް ބަލަހައްޓައިގެން ހުރި އިރު އޭނާގެ ސިކުނޑީގައި ގުގުމަމުން ދިޔައީ ޑރ. ސިބްތެ ޢަލީގެ ވާހަކައެވެ. އޭނާގެ ދަރުހެވެ. "އާދައިގެ ރައްޔިތަކަށް ވިޔަސް އަދި ވެރިއަކަށް ވިޔަސް މުއުމިނަކު އައްޔާޝީ މީހަކަށް ނުވާނެ. އޭނާގެ ދިރިއުޅުން ޖަނަވާރެއްގެ ދިރިއުޅުމަކަށް ބަދަލެއް ނުވާނެ. ކައިބޮއިފައި، ނަސްލު ދަމަހައްޓާފައި ފަނާވެ ނިމިގެން ދާ މީހަކަށް ނުވާނެ. އެއީ ޖަނަވާރުގެ ދިރިއުޅުން. މުސްލިމަކު އެހެންނެއް ނޫޅޭނެ."

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. "އާދައިގެ ރައްޔިތަކަށް ވިޔަސް އަދި ވެރިއަކަށް ވިޔަސް މުއުމިނަކު އައްޔާޝީ މީހަކަށް ނުވާނެ. އޭނާގެ ދިރިއުޅުން ޖަނަވާރެއްގެ ދިރިއުޅުމަކަށް ބަދަލެއް ނުވާނެ. ކައިބޮއިފައި، ނަސްލު ދަމަހައްޓާފައި ފަނާވެ ނިމިގެން ދާ މީހަކަށް ނުވާނެ. އެއީ ޖަނަވާރުގެ ދިރިއުޅުން. މުސްލިމަކު އެހެންނެއް ނޫޅޭނެ."
    Haadha ran`galhu vaahaka kolheh.
    Imama aa Salar dhimaavanee kondhuvahakun baa

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.