(29 ސެޕްޓެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ސުވާލު ނުނިމެނީސް ސާލާރް ޖަވާބު ދިނެވެ. "ނޫން، ގާރލް ފްރެންޑެއް ވެސް ނެތް."
"މާޝާ ﷲ، މާޝާ ﷲ!" އެ ދައްތަ އަނެއްކާވެސް ބުންޏެވެ. އޭނާ އެހެން އެ ބުނަނީ ކީއްވެގެން ކަމެއް ސާލާރަކަށް މިފަހަރުވެސް ނުވިސްނުނެވެ.
"އަމިއްލަ ގެ ހުރޭތަ؟"
"ނޫން، އަހަރެން އުޅެނީ ކުއްޔަށް؟"
"ގޭގަ އެއްވެސް މީހަކު ގެންގުޅެންތަ؟"
"ނޫން. ގެ ފޮޅައި ސާފުކުރަން އަންނާނެ މީހެއް."
"މީ އަމިއްލަ ކާރެއް ދޯ؟"
"އާނ"
"މަހެއްގެ މައްޗަށް ކިހާވަރެއް ލިބޭ، މުސާރަ ކިހާވަރެއް؟"
ހުރިހާ ސުވާލަކަށް ޖަވާބު ދެމުންގޮސް އެ ހިސާބުން ސާލާރް ހިމޭންވެއްޖެއެވެ. ވާހަކައިގެ މިސްރާބު ދާ ދިމާ އެނގުނީއެވެ.
"ސައީދައްތަ އެކަނި އުޅެނީ ކީއްވެ؟ ކޮންމެވެސް ދަރިއެއްގެ ގާތު ނޫޅެނީ ކީއްވެ؟" ސާލާރް މައުޟޫއު ބަދަލުކުރިއެވެ.
"ތި ކަމާ އެބަވިސްނަން. އަހަރެންގެ އަންހެން ދަރިފުޅު މީހަކާ އިނީމަ އަހަރެން އިނގިރޭސި ވިލާތަށް ދާނަން. އެކަނި އުޅެއުޅެ ފޫހިވެއްޖެ މިހާރު."
ސާލާރް ސައީދައްތަ އާ ދިމާވި ހިސާބާށް އެނބުރި އައެވެ.
"މި އާދެވުނީ ސައީދައްތަ ކާރަށް އެރި ހިސާބަށް، އެ ގެ ހުންނަނީ މި މަގުގެ ކޮން ހިސާބެއްގަ؟" ކަނާތްފަރާތުގައި ހުރި ގެތަކަށް ބަލަމުން ސާލާރް މަޑުމަޑުން ކާރު ދުއްވަމުން ދިޔައެވެ. "ގޭގެ ނަންބަރު ނޭނގުނަސް ގެ ފެނުނީމަ އެނގޭނެއެއްނު؟"
"އާނ. ފެނުނީމަ އެނގޭނެ." އޭނަ ބުންޏެވެ.
ގޭގެ އެޑްރެސް ކިޔައިދިން ގޮތަށް އޭނާ ގެ ސިފަކޮށްދޭން ފެށިއެވެ. މަގުގެ އަނެއް ކޮޅަށް ދެވުނު އިރުވެސް ގެއެއް ނުފެނުނެވެ. ބިލާލްގެ ބައްޕަގެ ނަން ހޯދައިގެން ސާލާރް ކާރުން ފޭބިއެވެ. އެމީހާ ދަންނަ މީހަކާ ދިމާވޭތޯއެވެ. ބައިގަޑިއިރުތެރޭ އޭނާ އެ މަގުގައި ހުރި ހުރިހާ ގެއެއްގެ ދޮރުގައި ޓަކި ޖެހިއެވެ. އެކަމަކު ބިލާލްގެ ބައްޕަ ވެސް އަދި ސައީދައްތަ ދަންނަ މީހަކާ ވެސް ދިމައެއް ނުވިއެވެ.
"ރަނގަޅު ނަންތަ ތިބުނީ؟" ސާލާރް އެހިއެވެ.
""އާނ. އޭނަގެ ނަން ހަނދާން ނެތެންވީ ކީއްވެ؟" ސައީދާއްތަ ބުންޏެވެ.
"އެކަމަކު ތި ނަން ކިޔާ މީހަކު އުޅޭ ގެއެއް މި މަގަކު ނެތް. އެއީ އެ މީހުން އަޑުއެހި ނަމެއް ވެސް ނޫން." ކާރަށް އަރަމުން ސާލާރް ބުންޏެވެ.
"އަނެއް މަގުވެސް ބަލަމާ." ކައިރިން ފެންނަ މަގަކަށް އިޝާރާތް ކުރަމުން ސައީދައްތަ ބުންޏެވެ.
"އެގެ ހުންނަނީ މި މަގުގައޭ ބުނީމެއްނު؟"
"އަހަރެން ތިހެން ބުނީ ކޮންއިރަކު؟" އޭނާ ނުރުހުންވެފައި އެހިއެވެ.
"މި މަގުން އެއްވެސް ގޯޅިއެއް އެޅިންތޯ އެހީމާ ބުނީމެއްނު ނާޅަމޭ." ސާލާރް އޭނާއަށް ހަނދާން ކޮށްދިނެވެ.
"އާނ، ބުނިން. ކޮބާ ގޯޅި އަކީ؟"
"އެހެން މަގަކުންތަ އައީ ނުވަތަ ގޯޅިއަކުން ތަ؟"
"އޯހ، އެވާހަކަ ދޯ؟ އަހަރެން މިތާ އިށީނީ ހިނގަމުން ހިނގަމުން އައިސް ވަރުބަލިވެގެން. މިއޮތް ހަނި މަގުން ހިނގައިގެން މީހަކު ވަރުބަލިވާނެތަ؟"
ސާލާރް ކާރު ދުއްވައިލިއެވެ. އޭނާގެ މުޅި ދުވަސް ޚަރާބުވެއްޖެއެވެ. "މި މަގަށް އެޅީ ކޮން މަގަކުން އައިސް؟" އޭނާ މަޑުމަޑުން ކާރު ދުއްވަމުން އެހިއެވެ.
"މި މަގުންހެން ހީވަނީ..." އޭނާ ޔަގީން ނުވެފައި ކަހަލަ ގޮތަކަށް ބުންޏެވެ.
އެއީ އެ ބުނާ މަގެއް ނޫންކަން ސާލާރަށް ޔަގީންވިއެވެ. ދޮޅުގަޑިއެއް ހައި އިރު ކާރު ދުއްވިފަހުން ތަންކޮޅެއް ދުރުގައި ހުރި ގެއަކަށް އެ މީހާ އިޝާރާތް ކުރިއެވެ. އެ ގެއާ ކައިރި ކުރުމުން "ނޫން، ނޫން، ނޫން މިއެއް ނޫން..." ކަމަށް ބުންޏެވެ. ސާލާރް ކާރު ދުއްވަމުން ގޮސް އޭނަގެ ގެ ހުންނަ ކަމަށް ބުނި ހިސާބަށް އަނެއްކާ ވެސް ދިޔައެވެ. އަނެއްކާވެސް ގަޑިއެއް ހައިއިރު ބޭކާރުވީއެވެ.
"ފެނިއްޖެތަ؟" ގޯޅި އެޅުމުން އޭނާ އެހިއެވެ.
"ނޫން، އިރު އޮއްސެނީ މިހާރު. ދެން ދާނީ ފުލުސް އޮފީހަށް. ގެއަށް ނުގޮސް ލަސްވަންޏާ ގެއިން ފުލުހުންނަށް ގުޅާނެ. އޭރުން އެ މީހުން އެ ތަނަށް ދާނެ." އެހެން ބުނެފައި ސާލާރް ފުލުސް އޮފީހަށް މިސްރާބު ޖެހިއެވެ.
"އާމިނާ މިހާރު ހުންނާނެ އަހަންނަށް ވީއެއް ނުވީއެއް ނޭނގިފަ..." އާމިނާ އަށްވުރެ އޭނާ ކަންބޮޑުވެފައި އިން ވާހަކަ ބުނަން ސާލަރް ބޭނުންވިއެވެ. އެހެން ނަމަވެސް އަނގައިން ނުބުނެ އިނދެ ފުލުސް އޮފީހަށް ދިޔައެވެ. ފޯމު ފުރުމަށް ފަހު ސާލާރް ގޮނޑިން ތެދުވިއެވެ. އޭނާއާއެކު ސައީދައްތަ ވެސް ތެދުވެއްޖެއެވެ.
"އިށީނދޭ! މިތާ މަޑުކުރާނީ." ސާލާރް ބުންޏެވެ.
"ނޫން، މިތާ އަހަރެމެން އޭނަ ބައިންދަނީ ކޮންތާކު؟ ގޮވައިގެންދޭ. މީހަކު ގުޅައިފިއްޔާ އަހަރެމެން މި މައުލޫމާތު އެ މީހަކަށް ދޭނަން." އިންސްޕެކްޓަރ ބުންޏެވެ.
"އެކަމަކު އަހަރެން ބޭނުންވަނީ އޭނާ ފުލުހާ ހަވާލުކުރަން." ސާލާރް ބުންޏެވެ.
"ތީ އުމުރުން ދުވަސްވީ މީހެއް. އެއްވެސް މީހެއްގެ ޚަބަރެއް ނުވެއްޖެއްޔާ މިރޭ އަހަރެމެން އޭނާ ބަހައްޓާނީ ކޮންތާކު؟ ޚަބަރެއް ނުވެ ދެ ތިން ދުވަސް..." އިންސްޕެކްޓަރު އަނެއްކާވެސް ބުންޏެވެ.
އިންސްޕެކްޓަރު ގެ ވާހަކަ ނުނިމެނީސް ސައީދައްތަ ބުންޏެވެ. "އަހަންނާ މިތާކު ނީނދެވޭނެ. އަހަރެން ގޮވައިގެން ދޭ. މި ހުރިހާ ފިރިހެނުންނާ އެކު އަހަރެން އެކަނި މިތާ އިންނާނީ ކިހިނެއް؟" އޭނާ ސާލާރް އާ ދިމާއަަށް އެނބުރިލިއެވެ.
"އަހަރެން މީ އެކަނި އުޅޭ މީހެއް..." އެހެން ނުބުނެވި އުޅެނިކޮށް ފުރްގާންގެ މަތިން ސާލާރަށް ހަނދާންވިއެވެ. "އެންމެ ރަނގަޅު. ހިނގާ ދާން." ސާލާރް ފުން ނޭވައެއް ލިއެވެ.
ކާރަށް އަރައި އޭނާ ފުރްގާނަށް ފޯނުކުރިއެވެ. އޭނާ ބޭނުންވީ އެ މީހާއަށް އެރޭ އެގޭގައި ނިދޭނެ ގޮތް ހަމަޖައްސާށެވެ. ސާލާރް ގުޅިއިރު ފުރްގާން ހުރީ ހޮސްޕިޓަލުގައެވެ. "ނައުޝީން ވީ ރަށަށް ގޮސް." ފުރްގާން ބުންޏެވެ. "އެކަމަކު އެއީ މައްސަލައެއް ނޫން. އަހަރެން އިރުކޮޅަކުން ގެއަށް ދާނަން. ގޮސް އަހަރެމެންގެ އެޕާޓްމަންޓަށް އޭނާ ގެންދާނީ. ތީ އުމުރުން ދުވަސް ވީ މީހެއްނު؟ ހާސްވާނެ ކަމެއް ނެތް. ސާލާރް މާ އަވަހަށް ހާސްވަނީ ތި."
"ނޫން، އެހެނެއް ނޫން. އޭނަޔަށް އުނދަގޫ ވެދާނެތީ." ސާލާރް ބުންޏެވެ.
"ނުވާނެ، އަހަންވީނު؟ އޭނައަށް އުނދަގުލިއްޔާ އަލާމް މެން ގޭގަވެސް ބެހެއްޓިދާނެ."
"މައްސަލައެއް ނޫން ކޮއިފުޅާ. އަހަރެން ހުންނާނީ ކޮއިފުޅު ބެހެއްޓި ތަނެއްގަ. ތީ މިހާރު އަހަރެންގެ ދަރިއެއް ފަދަ ކުއްޖެއް. އަހަރެން އިތުބާރު ކުރަން."
ސާލާރް ހިނިތުންވެލިއެވެ. އޭނާ ގެއަށް ދަމުން ރެސްޓޯރެންޓަކުން ކާ އެއްޗެހި ގަތެވެ. އޭނާ އިނީ ބަނޑުހައިވެގެން ހާންތިވެފައެވެ. މެންދުރުއްސުރެ ސައީދައްތަ ވެސް އެއްޗެއް ނުކައި ހުރިކަން އޭނާއަށް ރޭކާލީ އަދި ކިރިޔާއެވެ. މިއީ އުމުރުން ދުވަސް ވީ މީހަކާ އެކު އޭނާ ވަގުތު ހޭދަކުރި ފުރަތަމަ ފަހަރެވެ. އެއީ ކިހައިވަރެއްގެ ކަމެއްކަން މިއަދު އޭނާއަށް އެނގިއްޖެެއެވެ.
ފުރްގާން އައި އިރު އޭނަޔާ ސައީދައްތަ ތިބީ ކާށެވެ. ފުރްގާން ވެސް މޭޒުދޮށުގައި އިށީނދެ ކާން ފެށިއެވެ. މާ ގިނަ އިރެއް ނުވެ ފުރްގާން އެ މީހާ އާ ޕަންޖާބު ބަހުން ވާހަކަ ދައްކަން ފެށިއެވެ. ހީވަނީ ދެކެފަރިތަ ރައްޓެހިން ހެންނެވެ. މިއީ ފުރްގާންގެ ފަރާތުން ސާލާރް ދަސްކުރަން ޖެހޭ ހުނަރެކެވެ.
ފުރްގާން އަކީ ޑޮކްޓަރެއް ކަން އެނގުމުން ސައީދައްތަ އެކި ކަންކަމަށް މަޝްވަރާ އެހިއެވެ. ކައި ނިމުނު އިރު ފުރްގާން ގެ ދަބަސް ގެނެސް އެ މީހާ ބަލަން މަޖުބޫރު ވާ ވަރު ކޮށްލިއެވެ.
ފުރްގާނަކީ އޮންކޮލޮޖިސްޓެއް ކަމެއް އެ މީހާއަކަށް ނޭނގެއެވެ. އެ ވާހަކައެއް ފުރްގާން ނުބުނެއެވެ. ދަބަސް ހިފައިގެން އައިސް އޭނާގެ ލޭގެ ޕްރެޝަރާއި ހިތުގެ ވިންދު ބެލިއެވެ. އަދި ހުރިހާ ކަމެއްވެސް ވަރަށް ބަރާބަރު ކަމަށް ބުންޏެވެ. ސައީދައްތަ ގައިގައި ވަރު ޖެހިއްޖެއެވެ. ތަށި ދޮންނަން ހުރި އިރު ސާލާރަށް އެ މީހުން ދައްކާ ވާހަކަ އަޑު އިވެއެވެ. އެ މީހުން ތިބީ ސިޓިން ރޫމުގައި ހުރި ސޯފާގައެވެ.
އިރުކޮޅަކުން ފުރްގާންގެ ފޯނަށް މީހަކު ގުޅިއެވެ. އެއީ ޑރ. ސިބްތެ އަލީ އެވެ. ސަލާންގަލާން ކުރުމަށްފަހު އޭނާ އެހިއެވެ. "ސާލާރް މިއަދު ސައީދާ ކިިޔާ މީހަކު ގޮވައިގެން ފުލުހަށް ދިޔަތަ؟"
ފުރްގާން ހައިރާންވިއެވެ. "އާނ، އެ މީހާ އެބައިން މިތާ."
"އަލްހަމްދުލިއްލާހި ޝުކުރު." ޑރ. އަލީ އަށް ބުނެވުނެވެ. "އެއީ އަހަރެންގެ ކޮއްކޮއެއް. ނުފެނިގެން ހޯދާތާ މިހާރު ވަރަށް ގިނަ އިރުވެއްޖެ. ސާލާރްގެ ނަމާއި ނަންބަރު ދިނީ ފުލުހުން."
ސައީދައްތަ އަތަށް ފުރްގާން ފޯނު ދިނެވެ. ސާލާރް ވެސް ބަދިގެއިން ނިމިގެން ސިޓިންރޫމަށް އައެވެ.
"އެއީ ޑޮކްޓަރ އަލީގެ ތިމާގެ މީހެއް." ފުރްގާން ވައި އަޑުން ބުންޏެވެ.
"އެހެންތަ؟" ސާލާރް ހައިރާންވިއެވެ. އޭނާ ހަމަޖެހުމުގެ ނޭވައެއް ލިއެވެ.
ސައީދައްތަ ފުރްގާން އަތަށް ފޯނު ދިނެވެ. ފުރްގާން އެ މީހާގެ އެޑްރެސް ނޯޓުކުރިއެވެ.
ސާލާރް ދޮރުމަތީގައި ހުއްޓާ ފެނުމުން ސައީދައްތަ ހައިރާންވިއެވެ. "ކީއްކޮށްފަ ތި އައީ؟" އޭނާގެ އޭޕްރަން އަށް ބަލަން އިނދެ ސައީދައްތަ އެހިއެވެ.
"ތަށިތައް ދޮވެފަ." ސާލާރް ބުންޏެވެ. އޭނާ ބަދިގެއަށް ގޮސް އޭޕްރަން ބޭލިއެވެ.
"ސާލާރް، ހިނގާ ސައީދައްތަ ގެއަށް ލާފަ އަންނަން." ފުރްގާން އޭނާގެ ފަހަތުން ބަދިގެއަށް ވަންނަމުން ބުންޏެވެ. "ގޮއްސަ އައިސް ބާކީ ހުރި ތަށިތައް ދޮންނާނީ ދެން."
"ކާރުގެ ތަޅުދަނޑި ނަގައިގެން ހިނގާ، އަތް ދޮވެގެން އެބަދަން." އެމީހުން ގޮސް ކާރަށް އެރިއެވެ. ފުރްގާން އިނީ އޭނާއާ އެކު ކާރުގެ ކުރީގައެވެ. އެކަމަކު ފަހަތަށް އެނބުރި ސައީދައްތަ އާއި ވާހަކަ ދައްކަމުން ދިޔައެވެ. އަދި ސާލާރަށް މަގު ވެސް ކިޔައިދެއެވެ.
ވިއްސަކަށް މިނެޓު ދުއްވައިގެން ސައީދައްތަ މެންގޭ ހިސާބަށް ދެވުނެވެ. ހަނި ގޯޅިއެއްގެ ކައިރީގައި ކާރު ބާއްވާފައި އެމީހުން އޭނާ ގޮވައިގެން އެ ގޯޅިގަނޑަށް ވަނެވެ. މިހާރު ސައީދައްތަ އަށް އިތުރު މީހެއްގެ އެހީ އެއް ބޭނުމެއް ނޫނެވެ. އެއީ އޭނާގެ ގެ ހުންނަ މަގުކަން ޔަގީނެވެ. ކުރިއަށް ދަމުން މެޓާ ފިހާރައާއި ކާނުގެ މަތިގަނޑާއި ޕަރްވޭޒްގެ ގެ އޭނާ ސާލާރަށް ދެއްކިއެވެ. ސާލާރް ހީނލިއެވެ.
"އާމިނާ... އެ ފަކީރު ހުންނާނެ އަހަންނަށް ވީނުވީ އެއް ނޭނގިފަ." ރަތްކުލައިގެ ގެއެއްގެ ކުރިމަތީ ހުއްޓިލާފައި އޭނާ އެއްހާސްވަނަ ފަހަރު ބުންޏެވެ. ފުރްގާން ކުރިއަށް ޖެހިލާފައި ގޭގެ ރަނގަބީލު ޖެހިއެވެ. ސާލާރް އޭނާގެ ކުރިމަތިން ފެންނަ ހަވޭލީއަށް ބަަލަން ހުއްޓެވެ. އެއީ ވަރަށް ދުވަސްވީ ތަނެއްކަން އެނގެއެވެ. އެހެނަސް ވަރަށް ރަނގަޅަށް ބަލަހައްޓާ ތަނެއްކަން ވެސް އެނގެއެވެ. އެ ހަވޭލީން އެމަގަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.
"ސައި ބޮއެގެން ދެވޭނީ." ސައީދައްތަ ބުންޏެވެ. "އަހަންނަށްޓަކައި އެތައް ގުރްބާނީ އެއް ވެއްޖައިން، ޚާއްޞަކޮށް ސާލާރް. އޭނަ މުޅި ދުވަސް ހޭދަކުރީ މި ގެ ހޯދަން." ސާލާރްގެ ކޮނޑުގައި ފިރުމަމުން އޭނާ ބުންޏެވެ.
"ޝުކްރިއްޔާ ސައީދައްތާ. މިއަދަކު ނޫން އެކަމަކު، އެހެން ދުވަހަކުން އަންނާނީ..."
"ތެެދެއް، ސައި ބޯން އަންނާނަން އަދި." ފުރްގާން ވެސް ބުންޏެވެ.
"ހަނދާން ބަހައްޓާތި." ސައީދައްތަ ބުންޏެވެ.
"ކިހިނެއް ހަނދާން ނެތޭނީ، އޭރު ދިނީމެއްނު ޕަލަކް ގޯޝްތު ރެސިޕީ، އަހަރެމެން އަންނަ ދުވަހަކު އެ ވެސް ކައްކާތި." ފުރްގާން އަވަސް އަވަހަށް ބުންޏެވެ.
ވާހަކައިގައި ތިއްބާ އެތެރެއިން މީހަކު އަންނަ އަޑު އިވުނެވެ. އެއީ ސައީދާއްތަގެ ދަރިފުޅު އާމިނާ ދޮރުހުޅުވަން އަންނަ އަޑެވެ. އޭނާއަށް މަންމަ މީހަކާ ވާހަކަ ދައްކާ އަޑު އިވެއެވެ. އައި ގޮތަށް އައިސް ދޮރުގެ ތަންޑު ނައްޓައި ތަންމިނަށް ދޮރު ހުޅުވިއެވެ.
ސައީދައްތަ އާ ސަލާންކުރުމަށްފަހު ފުރްގާން ކާރާ ދިމާއަށް ދިޔައެވެ. އޭނާއަށް ވުރެ ކުރިން ސާލާރް ހިނގައިގަތެވެ.
***
ކާރަށް އަރައި ކާރު ދުއްވާލަމުން ސާލާރް ފުރްގާން އާ ދިމާއަށް ބުންޏެވެ. "ޕަލަކް ގޯޝްތަކީ ފުރްގާން އަށް އެންމެ ނުބައި ކެއުމެއްނު؟ ކީއްކުރަން އެ ކައްކައިދޭށޭ ބުނީ؟"
ފުރްގާން ހިނިގަނޑެއް ޖަހައިލިއެވެ. "އެހެން ބުނެގެން ވާނެ ގެއްލުމެއް ކޮބާ؟ އެ ދައްތަ ވަރަށް މީރުކޮށް ކައްކަފާނެ އެއްނު، ފަހަރެއްގަ އަހަރެން ކާ ހިތްވެސް ވެދާނެ."
"އެގެއަށް ދާނަން؟" ބޮޑު މަގަށް ނުކުންނަމުން ސާލާރް ހައިރާންވެފައި އެހިއެވެ.
"އާނ، ޔަގީނެއްނު. އަހަރެން ދާނަން، ދައްތަ ގާތު ވައުދުވެސް ވެއްޖައިން. ނުދާނަންތަ؟"
"އަހަންނެއް ނުދާނަން." ސާލާރް ބުންޏެވެ. "އެއީ އަހަރެންގެ ތިމާގެ މީހެއްވެސް ނޫން. އެގެއަށް ކާން ދަނީ ކިހިނެއް؟"
"އޭނައަކީ ޑޮކްޓަރ ސިބްތެ އަލީ އާ ދެބެންގެ ދަރި މީހެއް. އެހެންނޫނަސް އަހަންނަށްވުރެ ރަނގަޅަށް އޭނަ އެނގެނީ ވެސް ސާލާރަށް." ފުރްގާން ބުންޏެވެ.
"އެއީ މުޅިން އެހެން ކަމެއް. އޭނަ އެހީއަކަށް ބޭނުންވީމަ އަހަރެން އޭނާއަށް އެހީވީ. އޭނަގެ ދަރިން މިތާ އުޅޭނަމަ އެހެން ދިމައެއް ވެސް ނުވީސް. އެހެން ނޫނަސް އެކަނިމާއެކަނި ދިރިއުޅޭ އަންހެނުންގެ ގޭގެއަށް ދާން އަހަރެން ހިތަށްވެސް ނާރުވާނަން." ސާލާރް ބުންޏެވެ.
"އަހަރެންވެސް އެކަނި ނުދާނާން. އެކަނި އެގެއަށް ދިއުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން. އަންހެނުންނާ ދަރިންކޮޅު ގޮވައިގެން ދާނީ. ނައުޝީން އޭނާއާ ބައްދަލުކުރާ ހިތްވާނެ ވަރަށް."
"އާނ، ފަހަރި ގޮވައިގެން ދޭ، ރަނގަޅުވާނެ." ސާލާރް ހިތްހަމަޖެހިލާފައި ބުންޏެވެ.
"މަ އެކަނި....؟ ސާލާރް ވެސް ދާނެ. ދައުވަތު ދިނީ ދެ މީހުންނަށް."
"އަހަރެން ނުދާނަން. އަހަންނަކަށް ވަގުތެއްވެސް ނެތް. ފުރްގާން ދޭ." ސާލާރް ބުންޏެވެ.
"ޚާއްޞަ މެހެމާނަކީ ތީ، މަޖަލެއް ނުވާނެ ސާލާރް ނުދަންޏާ."
ސާލާރް އެނބުރި ފުރްގާނަށް ބަލައިލިއިރު އޭނާ އިނީ ފާޑަކަށް ހިނިއައިސްފައެވެ.
"ކީކޭ ތި ބުނީ؟"
"އަހަންނަށް ހީވަނީ އޭނަ ސާޖާރް ޅީދަރިއަކަށް ހަދަން އުޅޭހެން."
(ނުނިމޭ)