އެއްވަނަ ބާބު
"އަހަރެން އެންމެ ބޭނުންވާ ކަންތައް؟" ގަލަމުގައި ދަތް އަޅައިގެން ފުން ވިސުނުމެއްގައި އިރުކޮޅަކެ އިނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ހިނިތުންވެލައިފައި ބުންޏެވެ. "ތީ ހާދަ އުނދަގޫ ސުވާލެއް"
"އެއީ ކީއްވެ؟" ޖުވައިރިއްޔާ ސުވާލުކުރިއެވެ.
"އެއީ... އަހަރެން ވަރަށް ގިނަ ކަންކަން ބޭނުންވާތީ. އެއިން ކޮންމެ ކަމެއް ވެސް އަހަންނަށް ވަރަށް މުހިއްމު." ބޯ ހަލުވައިލަމުން އޭނާ ބުންޏެވެ.
އެ ދެ މީހުން ތިބީ އޮޑިޓޯރިއަމްގެ އެންމެ ފަހަތުގައި އިށީނދެލައިގެންނެވެ. ފާރަށް ފުރަގަސްދީގެންނެވެ. އެއީ އެފް. އެސްސީ ކުލާހުގައި، އެމީހުންގެ އަށްވަނަ ދުވަހެވެ. ދެ މީހުންނަށް ހުސްކޮށް ލިބޭ ގަޑި ހޭދަކުރަނީ އޮޑިޓޯރިއަމްގައެވެ. ފަހަރަކު ބަދަން އޮށެއް އަނގަޔަށް ލަމުން ޖުވައިރިއްޔާ އޭނާގެ ސުވާލު ތަކުރާރު ކުރިއެވެ. "އިމާމާ، ދެބް ބުނެބަލަ. ޙަޔާތުގައި އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ކޮބާ؟" އިމާމާ އޭނާއާ ދިމާއަށް ދެ ލޯ ބޮޑުކޮށްފައި ބަލައިލިއެވެ. އަދި އެ ސުވާލާމެދު ވިސްނައިލިއެވެ. "އަމިއްލައަށް އެންމެ ބޭނުންވާ ކަމެއް ފުރަތަމަ ބުނަންވީނުން؟" އިމާމާ ބުންޏެވެ.
"މަ ދޯ ފުރަތަމަ ސުވާލުކުރީ. އެހެންވީމަ ފުރަތަމަ ޖަވާބުދީ،" ޖުވައިރިއްޔާ ގޮތުގައި ހިފަހައްޓައިލިއެވެ.
"އެންމެ ރަނގަޅު. ކުޑަކޮށް ވިސްނައިލިޔަދީ." އިމާމާ ބަލި ގަބޫލުކުރިއެވެ. "ޙަޔާތުގައި އަހަރެން އެންމެ ބޭނުންވާ ކަމަކީ..." އޭނާ އަމިއްލަ އަށް މަޑުމަޑުން ބުނެލިއެވެ.
"އެއް ކަމަކީ ވީހައިވެސް ގިނަ ދުވަހަކު ދިރިހުރުން. ވަރަށް ގިނަ ދުވަހަށް." އިމާމާ ބުންޏެވެ.
"އެއީ ކީއްވެ؟" ޖުވައިރިއްޔާ ހެމުން ސުވާލުކުރިއެވެ.
"އަހަރެން ދެކޭ ގޮތުގައި މީހަކު ދިރިހުންނަން، ފަންސާސް ނުވަތަ ފަސްދޮޅަސް އަހަރު މާ ކުރު. ކޮންމެ މީހަކުވެސް އެންމެ މަދުވެގެން ސަތޭކަ އަހަރު ވަންދެން ދިރިހުންނާންވާނެ. އަހަރެން ކުރަން ބޭނުންވާ ވަރަށް ގިނަ ކަންތައް އެބަހުރި. އަހަރެން އަވަހަށް މަރުވެއްޖެނަމަ އެއިން އެއްވެސް ކަމެއް އަހަންނަކަށް ހާސިލެއްނުކުރެވޭނެ." އޭނާ އަނެއްކާވެސް ބަދަން އޮށެއް އަނގަޔަށް ލިއެވެ.
"ދެން ކޮންކަމެއް؟" ޖުވައިރިއްޔާ ސުވާލުކުރިއެވެ.
"އަހަރެން ބޭނުންވަނީ މި ގައުމުގައި ހުރި އެންމެ މޮޅު ޑޮކްޓަރަށް ވާން. އެންމެ މޮޅު، ލޮލުގެ ޚާއްޞަ ޑޮކްޓަރަށް ވާން، އޭރުން ޕާކިސްތާނުގައި ލޮލުގެ ސާޖަރީގެ ތާރީޚު އެކުލަވައިލާ އިރު ލިސްޓުގެ އެންމެ މަތީގައި އޮންނާނީ އަހަރެންގެ ނަން." އޭނާ ހިނިތުންވުމާއެކު އިސް އުފުލައިލިއެވެ.
"ޑޮކްޓަރަކަށް ނުވެވިއްޖެއްޔާ؟ އެހެން މި ބުނީ، ޑޮކްޓަރަކަށް ވުމާއި ނުވުން ބިނާވަނީ ދެކަމެއްގެ މައްޗަށް. ރަނގަޅު ނަތީޖާއަކާއި ނަސީބުގެ މައްޗަށް." ޖުވައިރިއްޔާ ބުންޏެވެ.
"ތިއީ ސުވާލެއް އޮތް ކަމެއް ނޫން. ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ ތެރޭގައި ހިމެނުމަށް އަހަރެން މިދަނީ ރެއާއި ދުވާލު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން. އެހެން ނޫނަސް މި ތަނުގެ މެޑިކަލް ކޮލެޖަށް ނުވަދެވުނަސް އަހަރެން ގައުމުން ބޭރަށް ފޮނުވޭނެހައި ތަނަވަސްކަން އަހަރެންގެ މައިންބަފައިންގެ އެބަހުރި."
"އެހެންވިޔަސް، ޑޮކްޓަރަކަށް ނުވެވިއްޖެއްޔާ؟"
"ތިއީ މުސްތަހީލުކަމެއް. ޙަޔާތުގައި އަހަރެން އެދޭ އެންމެ ބޮޑު އެދުމަކީ ޑޮކްޓަރަކަށް ވުން: އެކަމަށްޓަކައި އަހަރެންގެ އެހެން ހުރިހައި ކަމެއް ގުރުބާން ކޮށްފާނަން. ޑޮކްޓަރަކަށް ވުމަކީ އަހަރެން ތާއުމުރު ދެކެމުން އައި ހުވަފެނެއް. ކިހިނެއް އެ ހުވަފެން ހަނދާން ނައްތައިލާނީ. ނުވަތަ އަޅާނުލައި ދޫކޮށްލާނީ. ނުވާނެ ތިކަމެއް!" ދެއަތަށް ބޯ ހޫރައިލަމުން އަތްތިލައިން ބަދަން އޮށެއް ނަގައި އަނގަޔަށް ލަމުން އިމާމާ ބުންޏެވެ.
"ދިރިއުޅުމުގައި ހާސިލު ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ... ކޮންމެ ކަމެއް ވެސް ކޮންމެ ވަގުތެއްގައި ވެސް ވެދާނެ. މިސާލަކަށް، އެންމެ ބޭނުންވާ ކަންތައް ނުވިއްޔޯ. ދެން ކިހިނެއް ހަދާނީ؟"
އިމާމާ އަނެއްކާ ވެސް ވިސްނަން ފެށިއެވެ. "ފުރަތަމަ ކަމަކަށް، އަހަރެން ވަރަށް ރޯނަން. ވަރަށް ބޮޑަށް ރޯނަން. ވަރަށް ގިނަ ދުވަސް ވަންދެން... ދެން އަހަރެން މަރުވާނީ."
ޖުވައިރިއްޔާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. "ތިމަންނަ ވަރަށް ދިގު އުމުރެއް ބޭނުމޭ ބުނީ ދެންމެ. އެކަމަކު މިހާރު ބޭނުން ތިވަނީ މަރުވާން."
"ޔަގީނެއްނު. ދެން ދިރިހުރުމުގެ ބޭނުމަކީ ކޮބާ؟ އަހަރެން ހުރިހާ ކަމެއް ރާވާފައިވަނީ ބޭސްވެރިކަމުގެ ރޮނގުން ކުރިއަށްދާން. އެ މަގްސަދު ޙާސިލު ނުކުރެވެންޏާ ދިރިހުރުމުގެ ބޭނުމެއް އެބައޮތްތަ؟ އަހަރެންގެ ހަޔާތުގެ ބަޔަކަށް އެކަން ނުވަންޏާ ދެން އިތުރުކަމެއް ބާކީ އޮންނާނެތަ؟"
"އެހެންވީމަ ތިބުނަނީ އެ ހުވަފެން ހަގީގަތަކަށް ނުވެއްޖެނަމަ އެހެން ހުރިހައި ހުވަފެނެއް ފޮހެވޭނެއޭ ތަ؟"
"އާނ، އެއީ އަހަރެން ވިސްނާ ގޮތަކީ."
"އެހެންވީމަ އެންމެ ބޮޑު އެދުމަކީ ޑޮކްޓަރަކަށް ވުން... ގިނަ ދުވަހު ދިރިހުރުމެއް ނޫން؟"
"އާނ. ތިހެންވެސް ބުނެވިދާނެ."
"އެންމެ ރަނގަޅު. ޑޮކްޓަރަކަށް ނުވެވިއްޖެނަމަ، މަރުވާނީ ކިހިނެއް؟ އަމިއްލައަށް މަރުވާނީތަ ނުވަތަ މަރުވާނީ ގުދުރަތީ މަރަކުންތަ؟"
"ޔަގީނުންވެސް ގުދުރަތީ މަރެއް. އަހަންނަކަށް އަމިއްލައަށް މަރެއް ނުވެވޭނެ." އިމާމާ އާދައިގެ ގޮތަކަށް ބުންޏެވެ.
"ގުދުރަތީ މަރަކުން މަރުނުވެއްޖެއްޔާ، ދެން ކިހިނެއް ހަދާނީ؟ މި ބުނީ އަވަހަށް މަރު ނުވެއްޖެއްޔާ ޑޮކްޓަރަކަށް ނުވެވުނަސް ދިރިހުންނާނެއެއްނު."
"ނޫން. އަހަންނަށް ޑޮކްޓަރަކަށް ނުވެވިއްޖެއްޔާ އަހަރެން ވަރަށް އަވަހަށް މަރުވާނެ." އޭނާ ވަރަށް ޔަގީންކަމާއެކު ޖަވާބު ދިނެވެ.
"ތިހާ އުފާވެރި މީހަކު ރޮއިރޮއި މަރުވެދާނެ ކަމަށް ގަބޫލުކުރަން ވަރަށް ދަތި. އެވެސް އަދި ޑޮކްޓަރަކަށް ނުވެވުމުން. ވަރަށް ހެއްވާ ވާހަކައެއް ތީ،" ޖުވައިރިއްޔާ މަލާމާތުގެ ރާގަކަށް ބުންޏެވެ.
"މަގޭ ވާހަކަ ބާއްވަމާ. ބުނެބަލަ، ޖުވައިރިއްޔާ އެންމެ ބޮޑަށް ހިތް އެދެނީ ކޮންކަމަކަށް؟" އިމާމާ މައުޟޫއު ބަދަލުކުރިއެވެ.
"އަޅާނުލާ..."
އެ ކީއްވެ؟ ކީއްވެ އަޅާނުލާންވީ؟ އަޅެ ބުނެބަލަ..."
"އަހަރެން އެންމެ ބޭނުންވާ ކަމެއް ބުނެފިއްޔާ، މަށާ ދޭތެރޭ އިމާމާ ހިތްހަމަ ނުޖެހިދާނެ." ޖުވައިރިއްޔާ ޖެހިލުންވެފައި ހުރެ ބުންޏެވެ.
އިމާމާ ދެ ލޯ ބޮޑުކޮށްފައި، ޙައިރާންކަމާއެކު އޭނާއާ ދިމާއަށް ބަލައިލިއެވެ. "ކީއްވެ އަހަރެން ހިތް ހަމަނުޖެހޭންވީ؟"
ޖުވައިރިއްޔާ އަނގައިން ނުބުނު ހިމޭނުން އިނެވެ.
"އަހަރެން އެކަމާ ކަންބޮޑުވާންވީ ކީއްވެ؟" އިމާމާ އޭނާގެ ސުވާލު ތަކުރާރު ކުރިއެވެ.
"ވާނެ..." ޖުވައިރިއްޔާ މަޑުމަޑުން ބުންޏެވެ.
"ޙަޔާތުގައި ޖުވައިރިއްޔާ އެންމެ ހިތް އެދޭ ކަމަކުން އަހަންނަށް އަސަރުކުރާންވީ ކީއްވެ؟ އަހަރެން އެކަމާ ހިތްހަމަ ނުޖެހޭންވީ ކީއްވެ؟" އިމާމާ އަށް އުނދަގޫވާ ގޮތްވިއެވެ. "ތި ހިތް އެެދެނީ އަހަރެން ޑޮކްޓަރަކަށް ނުވުންތަ؟" އިމާމާގެ ހަނދާނަށް ކުއްލިއަކަށް އެ ވާހަކަ އައެވެ.
"ނޫން، ނޫން!" ޖުވައިރއްިޔާ ހޭން ފެށިއެވެ. "ޑޮކްޓަރަކަށް ވުމަށްވުރެ މާ މުހިއްމު ކަންތައް ޙަޔާތުގައި އެބަހުރި،" ފަލްސަފީ ރާގެއްގައި އޭނާ ބުނެލިއެވެ.
"އަރަތް ނުކިޔާ އަހަރެންގެ ސުވާލަށް ޖަވާބުދީ." އިމާމާ އަޑަށް ބާރުލާފައި ބުންޏެވެ. "ޖުވައިރިއްޔާ ބުނާ އެއްވެސް ވާހަކައެއް އަހަރެން ހިތުގައި ނާޅާނަން ކަމަށް ވައުދުވަން." އަމާންކަމުގެ ނިޝާން އަތުން ދައްކަމުން އޭނާ ބުންޏެވެ.
"ތިހެން ވައުދުވިޔަސް އަހަރެންގެ ވާހަކަ އަޑު އިވުމުން ވަރަށް ރުޅި އަންނާނެ. ދެން އެހެން ވާހަކައެއް ދައްކަމާ،" ޖުވައިރިއްޔާ ބުންޏެވެ.
"އެންމެ ރަނގަޅު. އަހަރެން ލަފާކޮށްލާފައި ބުނާނަން. ދިމާވެއްޖެއްޔާ ބުނާތި. ތި ބޭނުންވާ ކަމަކީ އަހަންނާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ދޯ؟" އިމާމާ އިތުރަށް އޮޅުންފިލުވަން މަސައްކަތް ކުރިއެވެ.
ޖުވައިރިއްޔާ ބޯ ޖަހައިލިއެވެ.
"ސުވާލަކީ... އަހަންނަށް އެހައި މުހިއްމު ވާނެ ކަމަކީ ކޮބާހޭ. އެކަމަކުން އަހަރެން..." އޭނާ ޖުމުލައިގެ މެދުތެރެއިން ހުއްޓައިލިއެވެ. "އެކަމަކު ތިއީ ކޮންކަހަލަ ކަމެއްކަން ވެސް ނޭނގި އަހަންނަކަށް ގޮތެއް ނުނިންމޭނެ. ޖުވައިރިއްޔާ، އަޅެ ދެން ބުނެބަލަ. ނުބުނެ ތިހެން ހިފަހައްޓައިގެން އިނީމަ އަހަންނަށް މާ އުނދަގޫވޭ،" އިމާމާ އާދޭހުގެ ރާގެއްގައި ބުންޏެވެ.
ޖުވައިރިއްޔާ އިނީ ފުން ޚިޔާލަކަށް ގެއްލިފައެވެ. އިމާމާ އޭނާގެ މޫނަށް ބަލަން އިނެވެ. އިރުކޮޅަކު އެހެން އިނދެފައި ޖުވައިރިއްޔާ އިސް އުފުލައިލިއެވެ.
"އަހަރެންގެ ވަޒީފާގެ އިތުރުން، މުޅި ޙަޔާތުގައި ވެސް ދެން އޮތީ އަހަންނަށް މުހިއްމު އެންމެ ކަމެއް."
އިމާމާ އޭނާ އާ ދިމާއަށް ބުންޏެވެ. "ތި ބުނަން އުޅެނީ އެކަމާ ގުޅޭ ވާހަކައެއް ނަމަ ދެން ބުނޭ. އަހަރެންގެ މައްސަލައެއް ނެތް." އިމާމާ ސީރިއަސް ވިއެވެ.
ޖުވައިރިއްޔާ ސިހުނެވެ. އިމާމާ އޭނާގެ އަތުގައި އޮތް އަނގޮޓިއަށް ބަލަން އިނެވެ. ޖުވައިރިއްޔާގެ މޫނުމަތިން ހިނިތުންވުމުގެ އަސަރު ފާޅުވިއެވެ.
"ހަޔާތުގައި އަހަރެންގެ އެންމެ ބޮޑަށް ބޭނުންވަނީ..." ޖުވައިރިއްޔާ އޭނާ އެންމެ ހިތް އެދޭ ކަމުގެ ވާހަކަ އިމާމާ ގާތު ބުނެލިއެވެ.
އިމާމާއަށް ލިބުނު ޙައިރާން ކަމާއެކު މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެ ވާހަކަ ބުނުމުން އިމާމާއަށް ކޮށްފާނެ އަސަރެއް ޖުވައިރިއްޔާ ހިތަށްވެސް ނާރައެވެ. ނަމަވެސް އޭނާގެ މޫނުމަތިން ފެނުނު ކުލަވަރުން ޖުވައިރިއްޔާ ހީވެސް ނުކުރާ ވަރަށް އިމާމާއަށް އަސަރުކޮށްފިކަން އޭނާއަށް އިހުސާސްކުރެވުނެވެ.
"އަހަރެން ބުނީމެއްނު ހިތްހަމަ ނުޖެހޭނެޔޭ،" ޖުވައިރިއްޔާ އޭނާ ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. އެކަމަކު އިމާމާ އަނގައިން ނުބުނެ، ކަޅިވެސް ޖަހައިނުލައި ބަލަން އިނެވެ.
(ނުނިމޭ)
ޝައުޤުވެރި ގޮތަކަށް ވާހަކަ ފެށިގެން ދިޔަކަން ފާހަގަކުރެވޭ. އަދި އެހާމެ ޝައުޤުވެރި ، ރީތި ވާހަކައަކަށް މުޅިވާހަކަވެސް ވެގެންދާނެކަމަށް ޤަބޫލުކުރެވޭ!ކުރައްވާ މިފަދަ އަގުހުރި އަދަބީ މަސައްކަތުގައި ބަރަކާތްލައްވައި، އާންތު މިސްގެ މަސައްކަތުގައި ކާމިޔާބު މިންވަރުކުރައްވާށި!
Vaahaka varah reethi
Salhi
v furihama miss