(27 ސެޕްޓެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މީގެ އެތައް އަހަރެއް ކުރިން އިމާމާއަށް ފުރިހަމަ މުރައްބީ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ފެނިއްޖެއެވެ. ފަހުމު ކުރެވިއްޖެއެވެ. އޭނާގެ ހިތުގައި އެ ކަލޭގެފާނަށް އޮތް ލޯތްބާއި އިހްތިރާމްގެ ސަބަބުން ތެދު މަގު ފެނި ހިތްވަރު ލިބުނެވެ. މުޙައްމަދުގެފާނަކީ ފުރިހަމަ މުރައްބީއެއް ކަމެއް އަދާ ހަމައަށްވެސް ސާލާރަކަަށް ފާހަގަކުރެވިފައެއް ނެތެވެ. އިމާމާ އެކަން ހޯދީ އޭނާ އަމިއްލަ އަށެވެ. ސާލާރް ހެން އެހެން މީހެއްގެ އެހީތެރިކަމެއް ބޭނުމެއް ނުވެއެވެ.
ވޭތުވެ ދިޔަ އަށް އަހަރުތެރޭ މީހެއްގެ ހިތުގައި އަނެކާއަށް ޓަކައި އުފެދޭނެ ހުރިހާ ޖަޒުބާތެއް އޭނާގެ ހިތުގައި އިމާމާއަށް ޓަކައި އުފެދުނެވެ. މަލާމާތާއި، ފުރައްސާރައާއި، ހިތާމަ އާއި ހަމްދަރްދީ އާއި ބަދަލުހިފުމާއި ލޯތްބާއި ރުޅިވެރިކަން އޭނާގެ ހިތުގައި މީގެ ކުރިން އުފެދުނެވެ. އެހެން ނަމަވެސް މިއަދު އޭނާގެ ހިތުގައި އުފެދޭ ޖަޒުބާތު ތަފާތެވެ. އެއީ ހަސަދަވެރިކަމެވެ. އިމާމާ އަކީ އަންހެނެކެވެ. އާދައިގެ އަންހެނެކެވެ. ސާލާރާއި އަޅާ ބަލާއިރު އެއީ ކާކުހެއްޔެވެ؟
"އަހަރެންގެ ހުރި އައިކިއު ލެވެލް އޭނާގެ އެބަހުރިތަ؟"
"އަހަރެން ހޯދާފައިވާ ކަހަލާ ކާމިޔަބީ އޭނާއަށް ހޯދުނުތަ؟"
"އަހަންނަށް ހޯދިފައިވާ އިއްޒަތާއި ގަދަރު އޭނާއަށް ހޯދޭނެތަ؟"
"އަހަންނާ އަޅާ ބަލާއިރު އޭނާގެ އަތަކު އެއްވެސް އެއްޗެއް ނެތެެވެ. އެހެން ނަމަވެސް އޭނާއަށް ތެދު މަގު ލިބިއްޖެއެވެ. އައިކިއު ލެވެލް 150 ގައި ހުރެމެ، އަހަރެންގެ ކުރިމަތިން ފެންނާން އޮތް މަގު ޚިޔާރުކުރަންވެސް އަހަންނަކަށް ނޭނގުނެވެ."
ސާލާރްގެ އިނީ ފެންކަޅިވެފައެވެ. އޭނާ ވައި އަޑުން ބުންޏެވެ. "އަހަންނަށް ދެއްވީ އެއްވެސް މާނައެއް، އަގެއް ނެތް ދުނިޔެއެއް ފަތަހަ ކުރުމުގެ ގާބިލުކަން... އެ ދުނިޔެ..." އޭނާ އިމާމާ ދެކެ ވަރަށް ރުޅި އަތުވެއްޖެއެވެ. އަށް އަހަރު ކުރިން، އޭނާ އިމާމާ އާ ދިމާއަށް ކޮންމެ ފަދަ ހުތުރު އެއްޗެއްވެސް ކިޔައިފާނެއެވެ. އެހެން ނަމަވެސް މިއަދު އިމާމާ އާ ދިމާއަށް ވިޔާނުދާ އެއްވެސް އެއްޗެއް އޭނާ ނުބުނާނެއެވެ. އޭނާއަކަށް ނުވެސް ބުނެވޭނެއެވެ. ތެދުމަގު ޚިޔާރުކޮށް އެ މަގުގައި ސާބިތުވެ ހުރި އަންހެނަކާ ދިމާއަށް އިދިކީލި އެއްވެސް އެއްޗެއް ބުނާނީ ކިހިނެއް ހެއްޔެވެ؟
ސާލާރް ލޮލުން އައިނު ނަގާފައި ކަރުނަ ފޮހެލިއެވެ. އޭނާއަށް ބަލި ގަބޫލުކުރެވިއްޖެއެވެ. "ފުރިހަމަ މުރައްބީ، މުޙައްމަދުއް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް... ސީދާ ވެގެންވާ ތެދު މަގު...." އޭނާއަށް އެ މަގު ފެންނަން އަށް އަހަރު ނެގިއެވެ. ނުލިބިގެން އުޅުނު ޖަވާބު މިހާރު ލިބިއްޖެއެވެ. ސާލާރަށް ސީދާ ވެގެންވާ ތެދު މަގު ހޯދިއްޖެއެވެ.
***
އެ ދެ މީހުން ތިބީ ރެސްޓޯރެންޓެއްގައެވެ. ރަމްޝާ އިނީ އެ މުނާސަބަތަށްޓަކައި ރީތިވެގެންނެވެ. އޭނާ އިނީ އުފަލުން ފޮޅިފައެވެ. ސާލާރަށް އެކަން އިހުސާސް ކުރެވެއެވެ. ވެއިޓަރުގެ އަތުން މެނޫ އަތުލުމަށްފަހު ރަމްޝާގެ ކުރިމަތީގައި ސާލާރް މެނޫ ބޭއްވިއެވެ. ރަމްޝާ ހައިރާންވެފައި އޭނާއަށް ބަލައިލިއެވެ.
"ކާންދޭނީ އަހަރެން، އެކަމަކު ކާން ގެންނާނެ އެއްޗެއް ނިންމާނީ ރަމްޝާ." ސާލާރް ހިނިތުންވެލާފައި ބުންޏެވެ.
"އެންމެ ރަނގަޅު." ރަމްޝާ ހިނިތުންވެލާފައި އޯޑަރު ދިނެވެ. އޯޑަރު ނަގައިގެން ވެއިޓަރު ހިނގައްޖެއެވެ.
"އަހަރެން ހިއެއް ނުކުރަން ގުޅާނެ ކަމަކަށް، ވަރަށް ހައިރާންވި..." އޭނާ ބުންޏެވެ. "މީގެ ކުރިން ދުވަހަކުވެސް އަހަންނަށް ދައުވަތެއް ނުދެމެއްނު. އަހަރެންގެ ދައުވަތު ވެސް ގަބޫލެއް ނުކުރި."
"އާނ، މަޝްވަރާ ކުރަންޖެހޭ ބައެއް ކަންކަން ހުރީމަ އަންނަން ބުނީ." ސާލާރް ބުންޏެވެ.
ރަމްޝާ މާނަވީ ގޮތަކަށް އޭނާއާ ދިމާއަށް ބަލައިލިއެވެ. "މަޝްވަރާ ކުރަން ޖެހޭ ކަންތަކޭ؟ ކޮން ކަމެއް؟"
"ފުރަތަމަ ކާނީ. ވާހަކަ ދައްކާނީ އެއަށްފަހު." ސާލާރް ގަސްތުކުރީ ތަންކޮޅެއް ފަހުން އެ މައުޟޫއަށް ދާށެވެ.
"ކައި ނިމޭ އިރު ހުންނާނީ ވަރަށް ލަސްވެފަ، މިހާރު ވާހަކަ ދެއްކިއްޔާ މާ ރަނގަޅު ކަން ނޭނގޭ." ރަމްޝާ އިނީ ކެތް މަދުވެފައެވެ.
"ނޫން، ކައި ނިމިގެން." ސާލާރް ބުންޏެވެ.
ރަމްޝާ އިތުރަށް އެ ވާހަކައެއް ނުދައްކައެވެ. ކާން ގެނައުމުން ދެ މީހުން ކާން ފެށިއެވެ. ކައި ނިމިގެން ސާލާރް ކޮފީއަކަށް އޯޑަރު ކުރިއެވެ.
"ތި ބުނަން އުޅޭ ވާހަކައެއް ބުނެބަލަ." ކޮފީ ކޯވަރެއް ބޯލަމުން ރަމްޝާ ބުންޏެވެ. ސާލާރް އިނީ އިސް ދަށަށް ޖަހައިގެންނެވެ. ކޮފީ ގިރާށެވެ. ރަމްޝާ އެހެން ބުނުމުން އޭނާ އިސް އުފުލާފައި ރަމްޝާ އަށް ބަލައިލިއެވެ.
"މީގެ ދެ ދުވަސް ކުރިން އަހަންނަށް ފޮނުވި ކާޑުގެ ވާހަކަ ދައްކާލަން ކަމަށް..."
ރަމްޝާގެ ކޯތާފަތަށް ޖަންބު ކުލަ އެރިއެވެ. މީގެ ދެ ދުވަސް ކުރިން ސާލާރް ގެއަށް ދިޔައިރު ގޭގައި މާ ބޮނޑިއަކާއި ކާޑެއް އޮތެވެ. އޭނާ އައީ ރަސްމީ ދަތުރެއްގައި ހަފްތާއަކަށް ހޮންގ ކޮންގަށް ގޮސްފައެވެ. އެއީ ރަމްޝަ ފޮނުވި މާ ބޮނޑި އަކާއި ކާޑެކެވެ.
"ފެންނާނެ އިރެއްގެ އިންތިޒާރުގައި، ހުރެވެނީކީ ނޫން، ހިތަށް ވެސް ނުގެނެވޭނެ..." ކާޑުގައި ލިޔެފައި އޮތް އިބާރާތް ސާލާރް ކިޔެވެ. އޭނާގެ ސިކުނޑި ގަނޑު ނުވީ ކިރިޔާއެވެ. އޭނާގެ ޝައްކު ހަގީގަތަކަށް ބަދަލުވީއެވެ. ރަމްޝާގެ ހިތުގައި އުފެދިފައިވާ ޝުއޫރު ފާޅުކުރީއެވެ. އޮފީހަށް ނުކުމެފައި އޭނާ އެ ކާޑުގެ ވާހަކަައެއް ނުދައްކައެވެ. ނަަމަވެސް ހަފްތާ ބަންދުގައި މެންދުރުގެ ކެއުމަކަށް ދާން ރަމްޝާއަށް ދައުވަތު ދިނެވެ. ރަމްޝާއަށް ހުރިހާ ވާހަކައެއް ސާފުކޮށް ކިޔާދިނުން މުހިއްމު ވީމައެވެ.
"ކާޑު ފޮނުވީމަ ހިތް ހަމަ ނުޖެހިފައިތަ؟"
"ނޫން، ހިތްހަމަ ނުޖެހުނީ އޭގައި ލިޔެފަ އޮތް އެއްޗަކާ މެދު."
ރަމްޝާ ލަދުގެންފިއެވެ. "އަހަރެން... އަހަރެން ސާލާރް މަތިން މާ ބޮޑަށް ހަނދާންވާތީ އެ ވާހަކަ ބުނެލަން ބޭނުންވީ..."
ސާލާރް ކޮފީ ކޯވަރެއް ބޮއިލިއެވެ.
"އަހަންނަށް ސާލާރް ވަރަށް ކަމުދޭ، ސާލާރާ އިންނަން ބޭނުން." ރަމްޝާ ބުންޏެވެ. "މި ހުށަހެޅުން ސާލާރަށް އައިބުވެދާނެ. އެކަމަކު އަހަރެން މި ވާހަކަ ބުނަން ބޭނުންވެގެން އުޅޭތާ ލައްކަ ދުވަސް ވެއްޖެ. ކާޑުގައި ލިޔެފައިވަނީ ސާލާރާ މެދު އަހަރެންގެ ހިތުގައި އުފެދިފައިވާ އިހުސާސް."
ރަމްޝާ ބުނަން ބޭނުން ހުރިހާ ވާހަކައެއް ބުނުމުގެ ފުރުސަތު ސާލާރް ދިނެވެ. ކޮފީ ތަށި މޭޒުމަތީގައި ބެހެއްޓިއެވެ.
"ރަމްޝާ އާ އިންނާކަށް އަހަރެން ބޭނުމެއް ނޫން." އޭނާ ބުންޏެވެ.
"ކީއްވެ؟"
"ތީ ޖަވާބު ދޭން ޖެހޭ ސުވާލެއްތަ؟" ސާލާރް އެހިއެވެ.
"ނޫން، ކޮންމެހެން ޖަވާބު ދޭކަށް ނުޖެހޭ. ޖަވާބު ދިނުމުން ލިބޭނެ ގެއްލުމެއް އެބައޮތްތަ؟"
"އަހަންނާ އިންނަން ބޭނުންވަނީ ކީއްވެ؟" އޭނާ އެހިއެވެ.
"ތަފާތު ވީމަ."
ސާލާރް ފުން ނޭވައެއް ލިއެވެ.
"ތީ އެހެން މީހުންނާ ވަރަށް ތަފާތު މީހެއް، އަމިއްލަ ގޮތެއް ހުރޭ، އެހާ ރީތި."
"އަހަންނަކީ ތި ހީކުރާ ކަހަލަ މީހެއް ނޫން."
"ސާބިތު ކޮށްދީ." އޭނާ ސާލާރަށް ގޮންޖެހިއެވެ.
"ކޮށްދެވިދާނެ، އެކަމަކު ނުކުރާނަން." ކޮފީ ކޯވަރެއް ބޯލަމުން އޭނާ ބުންޏެވެ. "ސާލާރް ސިކަންދަރް އަށް ވުރެ އެހެން ފިރިހެނުން ހުރިހާ ގޮތަކުން ވެސް ރަނގަޅުވާނެ."
"ކޮން ގޮތަކުން؟"
"ހުރިހާ ގޮތަކުން..."
"އަހަރެން ތި ވާހަކަ ގަބޫލެއް ނުކުރަން."
"ގަބޫލުކުރިޔަސް ނުކުރިޔަސް ހަގީގަތް ބަދަލެއް ނުވާނެ."
"އެހެން މީހުންނާ ތަފާތުކަން އަހަންނަށް އެނގޭ. ސާލާރް އާއެކު މަސައްކަތް ކުރާތާ ދޮޅު އަހަރު ވެއްޖެ."
"އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފިރިހެނުންނާ މެދު ގޮތް ނިންމުން ރަނގަޅެއް ނުވާނެ."
"ކޮންމެ އެއްޗެކޭ ބުންޏަސް އަހަރެން ދެކޭ ގޮތް ބަދަލެއް ނުވާނެ." ރަމްޝާ ބުންޏެވެ.
"ރަމްޝާ ވަޒީފާ އަދާކުރާ ދާއިރާ އިން އަހަންނަށް ވުރެ މާ ރަނގަޅު މީހުން ވާނެ، ރަމްޝާގެ އާއިލާ އާ އެއް ފެންވަރުގެ."
"އަމިއްލަ މީހާގެ ވާހަކަ ދައްކާ."
"ރަމްޝާ، އަހަރެން ލޯބިވަނީ އެހެން މީހެއް ދެކެ." އޭނާ އެންމެ ފަހުން ބުންޏެވެ. ފުރަތަމަ ފަހަރަށް ރަމްޝާގެ މޫނުމަތިން އުޖާލާކަން ގެއްލުނެވެ.
"އެހެން ކުއްޖެއްގެ ވާހަކަ ދުވަހަކުވެސް ނުބުނަމެއްނު..."
ސާލާރް ހިނިތުންވެލިއެވެ. "އަހަރެމެން ދުވަހަކުވެސް އެކަހަލަ ވާހަކައެއް ނުދައްކަމު."
"އެ ކުއްޖާ އާ އިންނަންތަ ތި އުޅެނީ؟"
ދެ މީހުންކުރެ އެކަކު ވެސް އަނގައިން ނުބުނެ އެތައް އިރަކު ތިއްބެވެ.
"ކޮންމެވެސް ސަބަބަކާ ހެދި އަހަންނަށް އޭނަޔާ ކާވެނި ނުކުރެވިދާނެ." ސާލާރް ބުންޏެވެ.
"ތިބުނި އެއްޗެއް ނޭނގުނު. ނީނދެވޭނެ ކަން އެނގޭއިރުވެސް އޭނަ ދެކެ ލޯބިވަނީއޭތަ؟"
"އާނ، އެހެން ބުނެވިދާނެ."
"ސާލާރް، ތީ އެހާ ޖަޒުބާތީ މީހެއްވެސް ނޫނެއްނު؟ ތިކަހަލަ ވާހަކަ ދައްކަނީ ކީއްވެ؟" ރަމްޝާ މަލާމާތުގެ ރާގަކަށް ހީނލިއެވެ. "އޭނާޔާ ނީނދެވިއްޖެއްޔާ ދުވަހަކުވެސް މީހަކާ ނީންނާނަންތަ؟"
"އާނ."
ރަމްޝާ ބޯ ހޫރައިލިއެވެ. "އަހަރެން ތި ވާހަކަ ގަބޫލެއް ނުކުރަން!"
"ކަން އޮތް ގޮތް މިބުނީ. ކާވެނީގެ ވާހަކަ ހިތަށް އެރުވިޔަސް އަރުވާނީ އަދި ދިހަ އަހަރު ނުވަތަ ފަނަރަ އަހަރު ފަހުން. އެހާ ދުވަސް ވާއިރު އަހަރެން ދުނިޔޭގައި ހުންނާނެ ކަމެއް ވެސް ނޭނގޭ." ވެއިޓަރަށް އިޝާރާތް ކުރަމުން އޭނާ ބުންޏެވެ.
"މީގެ ފަހުން މި ވާހަކަ ނުދައްކާނެ ކަމަށް އުއްމީދުކުރަން. އަހަރެމެންނަކީ އެއް އޮފީހެއްގައި މަސައްކަތް ކުރާ މީހުން. އޭގެ އިތުރު ގުޅުމެއް ބާއްވާކަށް ބޭނުމެއް ނޫން. އަހަންނަކީ ތި ހީކުރާ ކަހަލަ މީހެއް ވެސް ނޫން."
ވެއިޓަރު ބިލް ގެނެސްދިނުމުން ސާލާރް ބިލަށް ފައިސާ ދެއްކިއެވެ.
***
ސާލާރް އުޅުނީ އޮފީސް މަސައްކަތެއްގައި ބޭރުތެރޭގައެވެ. ރޭލު އިސްޓޭޝަނާ ދިމާއަަށް ދާ އެއްގަމު އުޅަނދުފަހަރު ފެނުމުން އޭނާ ކާރު އަނބުރައިލިއެވެ. މި ގަޑީގައި ޓްރެފިކްގައި ޖެހި ވަގުތު ބޭކާރު ކުރަން ބޭނުންނުވާތީއެވެ.
ކާރު އަނބުރާލާފައި އޭނާ އެހެން މަގަކަށް އެޅިއެވެ. އެއީ ދެކަފި ވެފައި އޮތް މަގެކެވެ. ތަންކޮޅަކަށް ދެވުނުތަނާ އުމުރުން ދުވަސްވީ އަންހެނަކު މަގުގެ އަރިމަތީގައި އިށީނދެލައިގެން އިންތަން ފެނުނެވެ. އަޅައިގެން ހުރި ހެދުމުންނާއި ފެންނަ ފެނުމަށް އެ މީހާ އަކީ ކަމުވޮށިގެންވާ އާއިލާއަކަށް ނިސްބަތްވާ މީހެއްކަން އެނގެއެވެ. އޭނާގެ އަތުގައި އަޅާފައިވާ ރަން އުޅާތައް ވެސް ސާލާރްގެލޮލުގައި އަޅަިގަތެވެ. މިކަހަލަ މަގެއްގައި މީހެއްގެ ދަހިވެތިކަމުގެ މަޅީގައި އެމީހާ ޖެހިދާނެ ކަމަށް ސާލާރަށް ވިސްނުނެވެ. އެމީހާ އާ ކައިރިއަށް ގޮސް އޭނާ ކާރު ހުއްޓިއެވެ.
އެމީހާ އަށް ހުރީ މާ ނޭވާ ލެވިފައެވެ. އޭނާ އިށީނީ ވަރުބަލިފިލުވަން ކަމަށް ވެދާނެއެވެ.
"އައްސަލާމު އަލައިކުމް ދައްތާ! މިތާ ތީނީ ކީއްވެ؟" ސާލާރް އަވި އައިނު ނަގާފައި ބޭރަށް ބަލައިލަމުން އެހިއެވެ.
"ރިކިސާ އެއް ނުލިބިގެން."
ސާލާރް ހައިރާންވިއެވެ. އެ މަގަކީ ރިކިސާ ދުއްވާ މަގެއް ނޫނެވެ.
"ދައްތާ! މި މަގުން ރިކިސާއެއް ނުލިބޭނެ. ކޮންތާކަށް ތި ދަނީ؟" އެ މީހާ ބުނީ ރަށުތެރޭ ހިސާބެއްގެ ނަމެވެ. އޭނާ ގޮވައިގެން މި ވަގުތު އެ ހިސާބަށް ނުދެވޭނެއެވެ.
"މައި މަގަށް ގެންގޮސްދީފާނަން. އެ މަގުން ރިކިސާއެއް ލިބިދާނެ، އާދޭ ދާން." ސާލާރް ކާރުން ފޭބިއެވެ. ސާލާރް ފޭބުމުން އެ މީހާ ކުޑަކޮށް ފަހަތަށް ޖެހެން އުޅުނެވެ.
"ދައްތާ، އަހަރެން ގޯނާއެއް ނުކުރާނަން. މި މަގުން ރިކިސާއެއް ނާންނާނެ. ތިވަރަށް ގަހަނާ އަޅައިގެން ހުރީމަ އެކަނި ދޫކޮށްލާފަ ދާން ނުކެރިގެން، މީހަކު އައިސް ތި އެއްޗެހި ދަމައިގެންފާނެ."
ސާލާރް ވާހަކަ ދައްކަން ފެށުމުން އެ މީހާ އައިނު ރަނގަޅުކޮށްލާފައި އަތުގައި ހުރި އުޅާތަކަށް ބަލައިލިއެވެ. "މީ އަސްލު ރަނެއް ނޫން." އޭނާ ބުންޏެވެ،
"އެންމެ ރަނގަޅު. ތިވީ އަދި މާ ރަނގަޅަށް. އެކަމަކު ވެސް ތީ ރަންކަމަށް މީހަކު ހީކޮށްފާނެ. އެކަކުވެސް ނާހާނެ ތީ އަސްލު ރަން ތޯ ނުވަތަ ނޫން ތޯ." އޭނާ ހެދީ ދޮގެއްކަން ސާލާރަށް އެނގެއެވެ. އެ މީހާ އަނެއްކާ ވެސް އެއީ ރަން ނޫންކަން ސާބިތުކޮށްދޭން މަސައްކަތް ކުރިއެވެ. ސާލާރް ގަޑި ޖެހެނީ އެވެ.
"އެންމެ ރަނގަޅު. ކާރަށް ނާރަންޏާ..." ސާލާރް ކާރާ ދިމާއަށް އެނބުރުނެވެ.
"ނޫން، ނޫން، އަހަރެން ދާނަން. އަހަރެންގެ ފައިގަ ވެސް އެބަ ރިއްސާ މިހާރު." އިށީނދެގެން އިންތަނުން ތެދުވަން މަސައްކަތް ކުރަމުން އޭނާ ބުންޏެވެ. ސާލާރް އޭނާގެ އަތުގައި ހިފައި އޭނާ ކޮޅަށް ނެގިއެވެ. އަދި ކާރުގެ ދޮރު ހުޅުވާފައި ކާރަށް އެރުވިއެވެ.
އޭނާ މަގު ހުރަސްކޮށްފައި ގޮސް މައި މަގަށް ނިކުމެ ދައްތަ އަށް ރިކިސާ އެއް ހޯދައިދޭން މަސައްކަތް ކުރިއެވެ. އެކަމަކު އެ މަގުން ވެސް ރިކިސާއެއް ނާދެއެވެ. އޭނާ ރިކިސާއެއް ފެނޭތޯ މަޑުމަޑުން ދުއްވަމުން ދިޔައެވެ.
"ކޮއިފުޅުގެ ނަންވެސް ނުބުނަމެއްނު އަދި، ކޮން ނަމެއް ކިޔަނީ؟" އޭނާ އެހިިއެވެ.
(ނުނިމޭ)
Dhen imaama aa dhimaakuran ulhay
Varah reethi vaahaka ah .dhen imaama aa dhimaakuruvan ulhay