ފާނޫޒު - 30

(3 އޯގަސްޓް 2019 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ސާލާރް ގެ މޫނުމަތިން ހިނިތުންވުން މުޅިން ފިލިއެވެ. އިމާމާގެ އަތުގައި އޮތީ އަގު ބޮޑު ކުޑަކުޑަ ފިސްތޯލައެކެވެ. ފިސްތޯލައިގައި ހިފަހައްޓައިގެން ހުރި ގޮތުން އެޔަށް ފަރިތަ މީހެއްކަން އެނގެއެވެ. ޝައްކުގެ ނަޒަރަކުން އޭނާ އިމާމާ އާ ދިމާއަށް ބަލައިލިއެވެ.

"އަހަރެން ގަޔަށް ބަޑި ޖަހަން ކެރުނީސްތަ؟"

"އާނ، ކެރޭނެ. ނުޖެހީ އެއްވެސް ކަމަކުން އަހަންނަށް މަކަރު ހަދަން ނޫޅުނީތީ." އޭނާގެ އަޑުގައި ހުރީ ހަރުދަނާކަމެވެ. ސާލާރާ ދިމާއަށް އޭނާ ފިސްތޯލަ އަމާޒެއް ނުކުރެއެވެ. ހިފަހައްޓައިގެން ހުރީ އެވެ.

"ކާރުގެ ދޮރު ހުރީ ތަޅުލާފައި..." އިމާމާ އިތުރު އެއްޗެއް ނުބުނެއެވެ. ސާލާރް ދޮރު ހުޅުވިއެވެ. އިމާމާ އަތް ދަބަހަށް ފިސްތޯލަ ލިއެވެ. ދެމީހުންގެ މެދުގައި އިތުރު މުއާމަލާތެއް ނުހިގަނއެވެ. ދޮރު ހުޅުވާފައި އިމާމާ ކާރުން ފޭބިއެވެ. އިމާމާ ގޮސް އެރީ ވޭނަކަށެވެ.

ސާލާރަށް މީހުން ދެނެގަތުމުގެ ކުޅަދާނަކަން ލިބިފައިވެއެވެ. އިރުކޮޅަކަށް އޭނާ އެކަމާ މެދު ފަޚުރުވެެރިވިއެވެ. މީހެއްގެ މޫނުމަތިން އެ މީހެއްގެ ހިތުގައި ހިނގާ ޝުއޫރުތައް އޭނާއަށް އެނގެއެވެ. އެކަމަކު އެ ދުންފިނީގެ ތެރެއިން އޭނާއަށް އިމާމާ ހާޝިމްގެ މޫނު ރަނގަޅަކަށް ނުފެނެއެވެ. ވާނުވާ ނޭނގިފައި އިރުކޮޅަކު އޭނާ އިނެވެ. އެރޭގެ ތަޖުރިބާއަށް ފަހު އިމާމާ އާ މެދު ހިތްހަމަ ނުޖެހުން އިތުރުވިއެވެ. ދުންފިންޏަށް ބެލުމެއް ނެތި އޭނާ ދުންޖަހާފައި ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ދަތުރު މަތީގައި އޭނާގެ ސިކުނޑީގައި އޮތީ އެންމެ ކަމެކެެވެ. އިމާމާ ފިސްތޯލާ ނެގި ކޮންތަނަކުން ބާވައެވެ؟ ވުޟޫ ކުރި ވަގުތު އޭނާގެ ފައިގެ ކުޑަކަޅުވާގައި ފިސްތޯލައެއް ނެތްކަން ޔަގީނާ ގާތަށް އޭނާއަށް އެނގެއެވެ. ނަމާދުކޮށް ނިމެންދެން އޭނާ އިމާމާގެ ބޮލުން ފެށިގެން ފައިގެ ފައތިލައާ ހަމައަށް ހުރިހާ ހަރަކާތެއް ބެލިއެވެ. އޭރަކުވެސް ފިސްތޯލައެއްގެ ނިޝާނެއް ވެސް ނުފެނެއެވެ. ސައިބޮއި ނިމިގެން އޭނާ ގޮސް އެރީ ކާރަށެވެ. ސާލާރު ކާރަށް އެރީ އޭގެ އިރުކޮޅެއް ފަހުންނެވެ. ފިސްތޯލަ އޮތީ އޭނާގެ އަތް ދަބަހުގައި ކަމަށްވެދާނެއެވެ.

ގެއަށް އާދެވުނުއިރު ހުރީ މޫޑު ޚަރާބުވެފައެވެ. ގޭޓުން ވަންނަމުން ދޮރުވާނަށް ގޮވައިލިއެވެ.

"އަހަންނާ އެކު ރޭ ކާރުގައި ދިޔަ އަންހެން ކުއްޖާގެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ބުނެގެން ނުވާނެ، އެނގިއްޖެތަ؟ އަހަރެން ރޭ ގެއިން ބޭރަކަށް ނުދަން." ދޮރުވާނަށް އިންޒާރު ދިނެވެ.

"އާދެ، އަޅުގަނޑު އެއްވެސް މީހެއްގެ ގާތު ނުބުނާނަން." ދޮރުވާނު އަދަބުވެރިކަމާއެކު ބުންޏެވެ. އެކަހަލަ ވާހަކަ ދައްކަން އޭނާއަކީ މޮޔައެއް ނޫނެވެ. ސާލާރް ހަމަޖެހިލާފައި ގޮސް ކޮޓަރިއަށް ވަދެ ނިދައިފިއެވެ. އެ ދުވަހު އެއްވެސް ތަނަކަށް ދިއުމުގެ ވިސްނުމެއް ނެތެވެ.

***

ނިދިން ހޭލެވުނީ ދޮރުގައި ބާރަށް ތަޅާ އަޑަށެވެ. އޭނާ ތެދުވެ އެނދުގައި އިށީނދެއްޖެއެވެ. ފާރުގައި ހުރި ގަޑިން ފަތިހު ހަތަރެއް ޖެހީއެވެ. ދޮރުގައި ތަޅަނީ ކާކުތޯ ބަލަން ދެ ލޯ ފޮހެމުން ދޮރާ ދިމާއަށް ދިޔައެވެ. ރުޅި އައިސްފައި ވަރަށް ބާރަށް ދޮރު ހުޅުވި އިރު އެއީ ގޭގެ ނޯކަރެެވެ.

"ކިހިނެއްވީ؟ ކޮބާ މައްސަލައަކީ؟ ދޮރު ވައްޓާލަންތަ ތިއުޅެނީ؟" ނޯކަރާ ދިމާއަށް އޭނާ ހަޅޭއްލަވައި ގަތެވެ.

"ސާލާރް ސާހިބް. ފުލުހުން އެބަތިބި." ސާލާރްގެ ރުޅި އާއި ނިދި ވަގުތުން ފިލައިފިއެވެ. ފުލުހުން އައީ ކީއްކުރަން ކަން އޭނާއަށް އެނގެއެވެ. އިމާމާގެ އާއިލާ އާ ފުލުހުންނާ ގުޅުން އޮންނަކަން އޭނާއަށް އެނގެއެވެ. އެކަމަކު އެހައި އަަވަހަށް ފުލުހުން އައިގޮތެއް އޭނާއަކަށް ނުވިސްނެއެވެ.

"ކީއްކުރަން ފުލުހުން އައީ؟" ސާލާރް އެހިއެވެ.

"ކީއްވެގެން ކަމެއް ނުބުނޭ، އެމީހުން ބޭނުންވަނީ ސާލަރް އާ ބައްދަލުކުރަން. އެކަމަކު ދޮރުވާނު އެ މީހުން އެތެރެއަކަށް ނުވެއްދި. އޭނާ ބުނީ ގެއަކު ނެތޭ. އެ މީހުން އަތުގައި ކޯޓު އަމުރެއް އެބައޮތް. ފުލުހުން ބުނީ ވަންނަން ހުއްދަ ނުދީފިއްޔާ ދޮރު ވައްޓާލާފަ ވެސް ވަންނާނެ ކަމަށް. އަދި ގޭގެ އެންމެން ހައްޔަރުކުރާނެ ކަމަށް."

ސާލާރް ފުން ނޭވައެއް ލިއެވެ. ދޮރުވާނު ކަންތައް ކުރީ ވިސްނުންތެރިކަމާއެކު އެވެ. ފުލުހުން އައީ އަންހެން ކުއްޖާގެ މައްސަލަ ތަހުގީގު ކުރަންކަން އޭނާއަށް އެނގޭނެއެވެ. ފުލުހުން ގޭތެރެއަށް ނުވެއްދީ އެހެންވެގެންނެވެ. އަދި ސާލާރް ގޭގައި ނޫޅޭ ވާހަކަ ބުނީވެސް އެހެންވެގެންނެވެ.

"ކަންބޮޑު ނުވޭ. އަހަރެން މިދަނީ." އެހެން ބުނެފައި ސާލާރް ކޮޓަރިއަށް ވަދެއްޖެއެވެ. މިއީ އާދައިގެ މީހެއްގެ ގެ ނަމަ ބަލާކަށް ނެތި ދޮރު ވައްޓާލާފައި ފުލުހުން ވަދެގަންނާނެއެވެ. ނަމަވެސް ގޭގެ ބޮޑުކަމާއި އަދި ގެ ހުރި ސަރަހައްދުން އެ މީހުންނަށް ވަންނާން ނުކެރުނީއެވެ. ފުލުހުން މިހާރު އެ އައީވެސް އިމާމާގެ އާއިލާ އަކީ އެހައި ނުފޫޒުގަދަ އާއިލާއަކަށް ވާތީއެވެ. އެހެން ނޫންނަމަ މި ސަރަހައްދަކީ ފުލުހުން ވަންނާން ބިރު ގަންނަ ސަރަަހައްދެކެވެ. މިހާރު ފުލުހުން އެ ތިބީ ހަދާނޭ ގޮތް ހުސްވެފައެވެ. އެވެސް މަރު، މިވެސް މަރޭ ބުނާފަދަ ހާލަތަކަށް ވެއްޓިފައެވެ. ބޮޑު މީހަކު ބުނެގެން ބޮޑު މީހަކާ ކުޅެން ޖެހިފައެވެ.

ސާލާރް ވަގުތުން ސިކަންދަރް އުސްމާނަށް ފޯނުކުރިއެވެ. "ބައްޕާ، ކުޑަކަމެއް ދިމާވެގެން މިއުޅެނީ. މިގޭ ދޮރުމަތީގައި ފުލުހުން އެބަތިބި. އެމީހުން އަތުގައި އަހަރެން ހައްޔަރު ކުރުމަށް ކޯޓު އަމުރެއް އެބައޮތް."

ސިކަންދަރުގެ އަތުން ފޯނު ނުވެއްޓުނީ ކިރިޔާއެވެ. "ކިހިނެއްވީ؟"

"ނޭނގޭ ބައްޕާ. ނިދާފަ އޮއްވާ ނޯކަރު ގޮވީ. އަހަރެން ގޮސް އަހަންވީތަ؟" ވަރަށް އަދަބުވެރިކަމާއެކު އޭނާ އެހިއެވެ.     

"ނޫން، ކޮޓަރީގައި މަޑުކުރޭ. އިރުކޮޅަކުން އެބަ ގުޅަން. ސިކަންދަރު ފޯނު ބޭއްވިއެވެ. ސާލާރު ހަމައަކަށް އެޅުނެވެ. އިރުކޮޅަކުން އެ ސަރަހައްދު ދޫކޮށް ފުލުހުން ދާނެކަން އޭނާއަށް އެނގެއެވެ. ކަންތައް ވީ ވެސް އެހެންނެވެ. ފަނަރަވަރަކަށް މިނެޓު ފަހުން ފުލުހުން އެ ސަރަހައްދު ދޫކޮސް ދިޔަ ވާހަކަ ނޯކަރު އައިސް ބުންޏެވެ. ސިކަންދަރް ސާލާރާށް ގުޅިއިރު ނޯކަރު ހުރީ ސާލާރާ ވާހަކަ ދައްކާށެވެ.

"ފުލުހުން ހިނގައްޖެތަ؟" ސާލާރްގެ އަޑު އިވުމާއެކު ސިކަންދަރް އެހިއެވެ.

"އާނ، ހިނގައްޖެ." ސާލާރް ވައި އަޑުން ބުނެލިއެވެ.

"މަންމައާއި ބައްޕަ މިރޭ އިސްލާމްއާބާދަށް ދާނަން. އޭގެ ކުރިން ބޭރަށް ގޮސްގެން ނުވާނެ. އަޑުއިވިއްޖެތަ؟"

"އާނ." އޭނާ ފޯނު ބޭއްވިއެވެ. ފޯނު ބޭއްވި ވަގުތު އޭނާ އަށް ބިންމަތީގައި އަޅާފައި އޮތް ދޫލައިގެ މަތިން މީހެއްގެ ފިޔަވަޅުގެ ނިޝާން ފެނުނެވެ. ނޯކަރު މީހާއަށް ވެސް އެ ނިޝާންތައް ފެނުނެވެ. އޭނާ ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ.

"މިތަން ސާފުކުރޭ." ސާލާރް އަމުރުކުރިއެވެ.

ސާލާރް ބޭރަށް ގޮސް ކުޑަދޮރު ހުޅުވާފައި ބަލައިލިއެވެ. އެއީ ކޮން ފިޔަވަޅުތަކެއް ކަން އޭނާއަށް ވަގުތުން އެނގިއްޖެއެވެ. ކިސަޑުގެ ނިޝާން ވެރެންޑާ އިން ވެސް ފެންނާން ހުއްޓެވެ. ފާރުމަތިން އިމާމާ ފުންމާލީ ވިނަގަނޑު މައްޗަށެވެ. އަދި މުޅިތާނގައި އެހެރީ އޭނާގެ ފައިގެ ނިޝާނެވެ. ވެރަންޑާގައި ޖަހާފައި ހުރި ހުދުކުލައިގެ ތަށިމުށިން އެ ނިޝާންތައް ވަރަށް ރީތިކޮށް ފެނެއެވެ. ސާލާރް ފުން ނޭވައެއް ލިއެވެ. ދޫލައިގައި ހުރި ނިޝާންތައް ސާފުކުރަން ނޯކަރު އިނެވެ.

"ވެރަންޑާގައި ވެސް އެބަހުރި ނިޝާންތައް. އެތަންވެސް ސާފުކުރޭ." ސާލާރް ބުންޏެވެ.

ނޯކަރުގެ ޝައުގުވެރިކަން ކޮޅުންލިއެވެ. "މީ ކާކުގެ ފައިގެ ނިޝާނެއް؟"

"އަހަރެންގެ." ސާލާރް ބުންޏެވެ.

***

ސިކަންދަރް އުސްމާން އާއި ޠައްޔިބާ އައި އިރު އޭނާ އިނީ ރޭނގަޑުގެ ކެއުމަށް އިންސާފުކުރާށެވެ. އެ މީހުންގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރެެވެ. ސާލާރް އެނގޭކަމަށް ވެސް ނަހަދައި ކެއުން ކުރިއަށް ގެންދިޔައެވެ. އެމީހުން ސާލާރް ފަސްދީފައި ކޮޓަރިއާ ދިމާއަށް ދިޔައެވެ.

"ކައި ނިމިގެން އަހަރެންެގެ ކޮޓަރިއަށް އާދޭ." ސިކަންދަރް ބުންޏެވެ. އަނގައިންވެސް ނުބުނެ ސާލާރް މޭވާ ކާން ފެށިއެވެ. ކައި ނިމިގެން ސާލާރް ސިކަންދަރްގެ ކޮޓަރިއަށް ދިޔައެވެ. ސިކަންދަރު އުސްމާނު ކޮޓަރިތެރޭ ދެކޮޅަށް ހިނގަނީއެވެ. ޠައްޔިބާ ސޯފާގައި އިށީނދެލައިގެން އިނެވެ.

"ބައްޕާ، ގޮވިންތަ؟" ކޮޓަރިއަށް ވަންނަމުން ސާލާރް އެހިއެވެ.

"އިށީނދޭ. ގޮވީ ކީއްކުރަންކަން ބުނާނަން." ސިކަންދަރު ގޮސް ޠައްޔިބާ އާއި ޖެހިގެން އިށީނދެއްޖެއެވެ. "އިމާމާ ކޮބާ؟" ސިކަންދަރު އެހިއެވެ.

"ކޮން އިމާމާއެއް؟" އެއީ ސާލާރް ނޫން އެހެން މީހެއް ނަމަ މޫނުމަތިން ހާސްކަމުގެ އަސަރު ފެންނާނެއެވެ. ސާލާރަކީ ތަފާތު ކުއްޖެކެވެ. ސިކަންދަރުގެ މޫނު ހީވަނީ ރަތް އަނގުރުގަނޑެއް ހެންނެވެ. "ކަލޭގެ ކޮއްކޮ!" އޭނާ ހަޅޭއްލަވައިގަތެވެ.

"ބައްޕާ، ކޮއްކޮގެ ނަމަކީ އަނީތާ." ސާލާރް ބުންޏެވެ.

"އަހަރެންގެ އަގު ވައްޓައި ލަދުގަންނަވަން ސާލާރް ނުކުރާނީ ކޮން ކަމެއް، ބުނެބަލަ؟" ސިކަންދަރް ސޯފައިން ތެދުވެފައި އަނެއްކާ އިށީނދެއްޖެއެވެ. "ބައްޕަ ތި ދައްކަނީ ކޮން ވާހަކައެއް؟ އަހަންނަކަށް ނުވިސްނޭ." ސާލާރް ހައިރާންވެފައި ބުނެލިއެވެ.

"ހުރިހާ ކަމެއް ވަރަށް ރަނގަޅަށް އެނގޭ އިރުވެސް؟" ސިކަންދަރު މަލާމާތުގެ ރާގަކަށް ބުންޏެވެ. "އިމާމާ ވީ ތަނެއް ބުނޭ. ތި ހީކުރާހާ ފަސޭހައިން މި ކަމެއް ނުނިމޭނެ." ސިކަންދަރު ހުރީ ރުޅި އައިސް ފުފިފައެވެ.

"ވަސީމްގެ ކޮއްކޮތަ؟" އޭނާ ވިސްނަން ފަށައިފިއެވެ. "އާނ. ހަނދާން ވެއްޖެ. މިދިޔަ އަހަރު އަހަންނަށް ފަސްޓ-އެއިޑް ދިން ކުއްޖާ ދޯ؟"

"އާނ، އޭނަ. މިހާރު ހަނދާން ވެއްޖެއެއްނު. ކޮބާ އޭނާ؟"

"ބައްޕާ، އޭނާ އުޅޭނީ ގޭގަ ނުވަތަ ލާހޯރުގައި ހުންނަ މެޑިކަލް ކޮލެޖުގެ ހޮސްޓެލްގަ. އަހަންނާ އޭނަޔާ އޮތީ ކޮން ގުޅުމެއް؟" އަދިވެސް އޭނާގެ ހައިރާންކަމެއް ނުފިލައެވެ.

"އިމާމާ ވަގަށް ނެގި ކަމަށް ބުނެ އޭނާގެ ބައްޕަ ފުލުހަށް މައްސަލަ ހުށަހަޅައިފި."

"އަހަންނާ ދެކޮޅަށް؟ ތީ ކޮންކަަހަލަ ވާހަކައެއް؟ އަހަންނާ އިމާމާ އާ އޮތީ ކޮން ގުޅުމެއް؟" އޭނާގެ އަޑުން ހާސްކަމުގެ އެއްވެސް އަސަރެއް ނުފެނެއެވެ.

"ތިއެއް ނޭނގިގެން އަހަރެން ވެސް މިއުޅެނީ. އޭނަޔާ ސާލާރް އާ އޮތީ ކޮން ގުޅުމެއް؟"

"ބައްޕާ، އެއީ އަހަރެން ދަންނަ މީހެއް ވެސް ނޫން. ދެތިން ފަހަރަކު ނޫނީ ދިމައެއްވެސް ނުވޭ. އޭނަ ވަގަށް ނެގުމުގެ ތުހުމަތު އަހަރެންގެ ބޮލުގަ އަޅުވަނީ ކީއްވެ؟ އޭނަ ވަގަށް ނެގި ވާހަކައެއް އަހަރެން އަޑު ވެސް ނާހަން."

"ސާލާރް، އެކްޓު ނުކޮށް އެ އަންހެން ކުއްޖާ ވީ ތަނެއް ބުނޭ. ހާޝިމް މުބީނަށް އަހަރެން ވައުދުވެއްޖައިން އޭނާގެ ދަރިފުޅު ގެނެސްދޭނެ ކަމަށް."

"ދެން ވައުދު ފުއްދާ. އޭނަ ހޯދައިގެން ގެންގޮސް ގެއަށް ލާ. އަހަރެން ތި ހައިޖާނުގަނޑުގެ ތެރެއަށް ވައްދަނީ ކީއްކުރަން؟"

"އިމާމާ އާއި ދަރިފުޅާ ދެމެދު އެއްވެސް ގުޅުމެއް އޮތިއްޔާ ބައްޕަ އެކަން ހައްލުކޮށްދޭނަން. ބައްޕަ އަމިއްލައަށް ކާވެނީގެ ހުރިހާ ކަމެއް ހަމަޖައްސައިދޭނަން. އެކަމަކު މިވަގުތު އޭނަ ހުރި ތަނެއް ބުނޭ." ސިކަންދަރުގެ އޯގާތެރި ކަމާއެކު ބުނެލިއެވެ.

"ﷲ އަށް ޓަކައި ތި ކުޅިވަރު ހުއްޓާލާ، ބައްޕާ. ކޮން ގުޅުމެއް، ކޮން ކާވެންޏެއް... އޭނަޔާ އަހަންނާ ގުޅުމެއް އޮތް ނަމަ އަހަރެން އޭނަ ވަގަށް ނަގާނެތަ؟ އިމާމާ އާއި އަހަންނާ ދެމެދު ގުޅުމެއް އުފެދިދާނެކަމަށް ބައްޕައަށް ހީވަނީ ކީއްވެ؟ އެއީ އަހަންނަށް ކަމުދާ މީހެއް ނޫން." ސާލާރް ބައްޕަގެ ކުރިމަތީގައި އަޑު އުފުލިއެވެ.

"ދެން އޭނާ ވަގަށް ނެގިކަމުގެ ތުހުމަތު ދަރިފުޅުގެ ބޮލުގައި އެމީހުން އަޅުވަނީ ކީއްވެ؟"

"އެމީހުންނާ ތި ސުވާލު ކުރޭ." ސާލާރް އަދިވެސް ހުރީ ރުޅި އައިސްފައެވެ. "މިއަދު އެހެން އެ ބުނަނީ ހާޝިމް މުބީން. މާދަމާ އެހެން މީހަކު އަހަރެންގެ ބޮލުގައި ތުހުމަތު އަޅުވާނެ. އޭރުންވެސް ބައްޕަ އަހަންނާ ދިމާއަށް ތިހެން ހަޅޭއްލާނީ ތަ؟ ބުނެފީމެއްނު ފުލުހުން އައި އިރު އަހަރެން އޮތީ ނިދާފައޭ. ވަސީމްގެ ކޮއްކޮ ވަގަށް ނެގި ކަމެއް ނުވަތަ ނޫންކަމެއް އަހަންނަކަށް ނޭނގޭ. އަހަރެންގެ ބޮލުގައި އެ ތުހުމަތު އަޅުވަނީ ކީއްވެ؟ އޭނަ ވަގަށް ނެގުމުގައި އަހަރެން ބައިވެރިވި ކަމުގެ ހެއްކެއް އެބައޮތްތަ؟ އަހަރެން އޭނަ ވަގަށް ނެގިއްޔޯ، އެހެންވެއްޖެއްޔާ އަހަރެން މިތާ، ގެއަކު ނުހުންނާނެ، ހުންނާނި އޭނައާއެކު." ސާލާރް ހިތިގޮތަކަށް ބުނެލިއެވެ.

"އަހަންނަށް އެ މައްސަލަ އޮޅުންފިލުވައިދިނީ ފުލުސް ސުޕްރިންޓެންޑެއް. ކަރާޗީން އަހަރެން ހާޝިމް މުބީނަށް ގުޅިން. އޭނަ އަހަންނާ ވާހަކަދައްކަން އިންކާރު ކުރި. އެތައް އާދޭހެއް ކޮށްގެން އޭނާ އަހަންނާ ވާހަކަ ދެއްކީ... ބުނީ ރޭ އޭނަގެ ދަރިފުޅު ގެއްލިއްޖެއޭ. އެވަގުތު ދަރިފުޅު ވެސް ގޭގައި ނޫޅޭކަމަށް. އަދި އެނބުރި ގެއަށް އައީ ހެނދުނު ކަމަށް."

"ވަގަށް ނެގި ކަމަށްވީ ދެން ކިހިނެއް؟ ފުރަތަމަ ކަމަކަށް އަހަރެން ރޭގަ ގެއިން ބޭރަކަށް ނުދަން. ދެވަނަ ކަމަކަށް، މީހަކު ވަގަށް ނަގަންޏާ ފުރަތަމަ ޖެހޭނީ އެގެއަށް ވަންނަން. އެ ގެ ކީއްކުރަން، އަހަރެން އެއްވެސް ގެއަކަށް ނުވަންނަން."

"ހާޝިމް މުބީންގެ ދޮރުވާނަށް ދަރިފުޅު ބޭރަށް ދިޔަތަން ފެނުނު. އެނބުރި ގެއަށް އައިތަންވެސް..."

"އޭނަގެ ދޮރުވާނަކީ ބޮޑު ދޮގުވެރިއެއް." ސާލާރް އަނެއްކާ ހަޅޭއްލަވައިގަތެވެ.

"އަހަރެމެންގެ ދޮރުވާނަަށް ވެސް ދަރިފުޅު އަންހެން ކުއްޖަކު ގޮވައިގެން ބޭރަށް ދިޔަތަން ފެނުނު." ސިކަންދަރު ދަތްކުނޑި ވިކައިފައި ބުންޏެވެ. ރުޅި އައިސްފައި ހުރި ވަރުން އޭނާއަށް އިތުރު ވާހަކައެއް ނުދެއްކުނެވެ. ގެއަށް އައިސް ސިކަންދަރު ދޮރުވާނާ ސުވާލުކުރީއެވެ.

"އެއީ އަހަރެންގެ ރައްޓެއްސެއް." ޠައްޔިބާއަށް ބަލަންހުރެ ސާލާރް ބުނެލިއެވެ.

"ކޮން ރައްޓެއްސެއް؟ ކާކު އެއީ؟ އޭނަގެ ނަމާއި އެޑްރެސް ބުނޭ."

"އެއީ އަހަރެންގެ އަމިއްލަ ކަމެއް. އޭނަޔާ ބެހޭ އެއްވެސް މައުލޫމާތެއް ނުދެވޭނެ."

"އޭނަ ގޮވައިގެން އިސްލާމްއާބާދުގެ ސިޓީއަށްތަ ދިޔައީ؟"

"އާނ."

"އޭނަ ގޮވައިގެން ދިޔައީ ލަހޯރަށް، ހަތަރު ޗެކްޕޯސްޓް ހުރަސްކުރިކަމަށް ސުޕްރިންޓެންޑެންޓް ބުނި. ކާރުގެ ނަންބަރު ހަތަރު ޗެކްޕޯސްޓުގައި އެބައޮތް. ދިޔަ މަގުމަތީގައި ސާރވިސް ސްޓޭޝަނަކަށް މަޑުކޮށް ކާރު ޗެކްކުރުވި. އަދި އެރޭ އެ އަންހެން ކުއްޖާއާއެކު ކެއި." ސިކަންދަރް ބުންޏެވެ. ސިކަންދަރަށް ބަލަހައްޓައިގެން ސާލާރް އަނގައި ނުބުނެ ހުއްޓެވެ.

"މި ހުރިހާ މައުލޫމާތެއް އަހަންނަށް ދިނީ ސުޕްރިންޓެންޑެންޓް. މި މައުލޫމާތު އަދި ހާޝިމް މުބީން އާ ހިއްސާއެއް ނުކުރޭ. އޭނަ ބުނީ ދަރިފުޅާ ވާހަކަދައްކައިގެން އަންހެން ކުއްޖާ އަވަހަށް ގެއަށް ގެނެސްދޭށޭ. ނުވަތަ އޭނަވީ ތަނެއް އާއިލާ އަށް އަންގާށޭ. އޭރުން މައްސަލަ ހައްލުކުރެވުނީ. އެކަމަކު ކިހައި އިރެއް ވަންދެން އޭނަ މި މައުލޫމާތު ސިއްރުކުރާނީ؟ އަހަރެމެންނާ އޮންނަ ގާތް ކަމަކުން އޭނަ މި މައުލޫމާތު ހިފެހެއްޓިއަސް މި މައްސަލައިގެ އެންމެ ފުނަށްދާން ހާޝިމް މުބީނަށް އުނދަގުލެއް ނުވާނެ. އޭރުން ދަރިފުޅު މުޅި އުމުރު ހޭދަކުރަންޖެހޭނީ ޖަލުގައި."

ސިކަންދަރް މަސައްކަތް ކުރީ ސާލާރްގެ ހިތަށް ބިރުވެރިކަން ވައްދާށެވެ. ސާލާރް ހިރިވެސްނުލައި ބައްޕައަށް ބަލަން ހުއްޓެވެ.

"ދޮގު ނުހަދައި އޭނާ ވީ ތަނެއް ބުނޭ!"

"އެ އަންހެން ކުއްޖާ ވީ ނާސިގެ ހުންނަ ސަރަހައްދުގައި."

"ކީކޭ؟" ސިކަންދަރް ސިހިފައި އަހައިލިއެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.