(12 ސެޕްޓެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކާރުގައި އިނީ އާކިފް އެވެ. މީގެ އެތައް އަހަރެއް ކުރިން ސާާލާރް އާއެކު އުޅުނު ކުއްޖެކެވެ. އޭރު އޭނާ އަބަދުހެން އުޅުނީ އާކިފް އާއި އަކްމަލް އާ އެކުއެވެ. އާކިފް އާއި އޭނާ މި ދިމާވީ އެތައް އަހަރެއް ފަހުންނެވެ. އޭރުގެ އެއްވެސް ރަހްމަތްތެރިޔަކާ އޭނާ ގުޅުމެއް ނުބާއްވައެވެ. ޕާކިސްތާނަށް އަޔަސް އެއިން މީހަކަށް ގުޅާވެސް ނުލައެވެ. އެ މީހުން އުޅެއުޅެ އޭނާޔާ ގުޅޭގޮތެއް ނުވެއެވެ.
އެތައް އަހަރެއް ފަހުން މިގޮތަށް ދިމާވުމުން ސާލާރް ހާސްވިއެވެ. އާކިފް ވަރަށް އުފަލުން އައިސް އޭނާ އާ ސަލާން ކުރިއެވެ.
"ސާލާރް! އަހަންނަކަށް ގަބޫލެއް ވެސް ނުކުރެވޭ. ކޮންތާކު މިއޮއް ހުރިހާ ދުވަހު ތިއުޅުނީ؟ ކީއްތިކުރަނީ؟ ކޮންތާކު އުޅެނީ؟ މީހާ މުޅިން ބަދަލުވެފައެއްނު ތިހިރީ. ކޮބާ އިސްތަށިގަނޑު؟ ލާހޯރަށް އައީ ކޮން އިރަކު؟ ކީއްވެ ނޭންގީ ކުރިން؟"
ސުވާލަަކަށް ފަހު ސުވާލެއް ކުރަމުން އޭނާ ދިޔައެވެ. ސާލާރަށް ޖަވާބު ނުދެވި އުޅެނިކޮށް އޭނާ އަނެއްކާ ސުވާލެއް ކުރިއެވެ.
"މިތާ ކީއްތިކުރަނީ؟"
"ކާރަށް މައްސަލައެއް ދިމާވީ، އެހެންވެ ޓެކްސީ އެއް ލިބޭތޯ މިއުޅެނީ." ސާލާރް ބުންޏެވެ.
"ކޮންތާކަށް ތި ދަނީ؟ އަހަރެން ގެންގޮސްދީފާނަން." އާކިފް ބުންޏެވެ.
"ނޫން، ޓެކްސީއެއްގަ ދާނީ..."
އާކިފް ބަލާކަށް ނުހުރެ ސާލާރް ކާރަށް އެރުވިއެވެ. ސާލާރް ވަރަށް ކަންބޮޑުވިއެވެ.
"އަޑު އެހިން އެމެރިކާއިން ވަޒީފާ ލިބުނު ވާހަކަ. ޕާކިސްތާނުގަ ކީއް ތިކުރަނީ؟" އާކިފް އެހިއެވެ. "ޗުއްޓީއަށްތަ ތިއައީ؟"
"އާނ." ސާލާރް މާގިނަ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.
"މި ދުވަސްކޮޅު ކީއްތިކުރަނީ؟" ކާރު ދުއްވަމުން އާކިފް އެހިއެވެ.
"އ.ދ.ގެ އޭޖެންސީއެއްގަ މަސައްކަތް ކުރަނީ."
"ކޮންތާކު ހުންނަނީ؟"
"ޕާލް ގަ؟"
"ކީއްކުރަން އެތާ ހުންނަނީ، ގުޅާލިނަމަ. ކޮންއިރަކު އައީ؟"
"އިއްޔެ."
"ހިނގާ ގެއަށް، ހޮޓަލަށް ދާނެ ކަމެއް ނެތް."
"ނޫން. މާދަމާ އަހަރެން އިސްލާމްއާބާދަށް ދާންޖެހޭ." ސާލާރް ދޮގު ހެދިއެވެ. އޭނާ ބޭނުންވީ އާކިފެްގެ ކިބައިން ސަލާމަތްވާށެވެ. އޭނާ އާ ދިމާވީމާ ކުރީގެ ހަނދާންތައް އާވާން ފެށިއެވެ.
"މާދަމާ ފުރަންޏާ ހިނގާ ކާން ދާން، ގެއަށް." އާކިފް ބުންޏެވެ.
"ދެންމެ މި ކެއީ، އަދި ދިހަ މިނެޓުވެސް ނުވާނެ."
"އެހެންވިޔަސް ހިނގާ ދާން. އަހަރެންގެ އަންހެނުންނާ ބައްދަލުކުރަންވާނެ އެއްނު؟"
"މީހަކާ އިނީތަ؟"
"އާނ، ތިން އަހަރު ވެއްޖެ. މީހަކާ އިނދެފިންތަ؟" އާކިފް އެހިއެވެ.
"ނޫން."
"ކީއްވެ؟"
"އަދި މީހަކާ އިނދެވޭ ވަރެއް ނުވޭ. މާ ބުރަކޮށް އުޅެންޖެހޭތީ." ސާލާރް ބުންޏެވެ.
"ރަނގަޅު، އަދިވެސް މިނިވަންކޮށް ތިހިރީ. ތީ ނަސީބުވެރިންނަކީ." ކާރު ދުއްވަމުން ކެސެޓެއް ނަގަން އުޅެނިކޮށް ކާރުގެ ވަތްގަނޑުގައި ހުރި ހުރިހާ އެއްޗެއް ވެއްޓުނެވެ. ސާލާރްގެ އުނގަށް ވެސް ބައެއް އެއްޗެހި ވެއްޓުނެވެ. އެ އެއްޗެހި ނަގަމުން ދިޔައިރު އޭނާއަށް ކަންފަތު ލާ އެއްޗެއް ފެނިފައި ސާލާރް ސިހުނެވެ. އޭނާ އޭތި ނަގައި އޭނާގެ އަތް ތިލަ މަތީގައި ބޭއްވިއެވެ. ކާރުގެ ފަނޑު އަލީގެ ތެރެއިން އެއަށް ވިދުން އަރައެވެ. ސާލާރް އިނީ ގަބޫލުކުރަން ދަތިވެފައެވެ.
މީގެ އެތައް އަހަރެއް ކުރިން އޭނާއަށް އެ ކަންފަތު ލާ އެތި އެހެން މީހެއްގެ ކަންފަތުން ފެނުނެވެ. ޔަގީންކުރަންވެގެން އޭނާ ހަތަރު ފަސް ފަހަރު އެއަށް ރަނގަޅަށް ބަލައިލިއެވެ. އިމާމާ ހާޝިމްގެ ކަންފަތުން އޭނާއަށް ފެނުނީ އެޔެވެ. ސާލާރް އިނީ ފުން ޚިޔާލަކަށް ގެއްލިފައެވެ. އޭނާ ސާލާރްގެ އަތުތެރެއިން އެ ނެގިއެވެ. އަދި ކާރުގައި ބޭއްވިއެވެ.
"މި ކަންފަތު ލާ އެތި.. އެއީ އަންހެނުންގެ ތަ؟"
"އަންހެނުންގެ ހޭ؟" އާކިފް ހިނިގަނޑެއް ޖަހާލިއެވެ. "އަންހެނުންގެ އެއްޗެއް ނަމަ ކާރުގަ ބާއްވާނެތަ؟"
ސާލާރް ކަޅިޖަހާނުލާ އޭނާއަށް ބަލަން އިނެވެ. "ދެން؟"
"ކުރީ ރޭ އަހަންނާއެކު އުޅުނު ކުއްޖެއްގެ. އެދުވަހު ރޫބާ މާ އަވަހަށް ގެއަށް އައީ. އަވަސްކުރަން ހަދައިގެން މީތި ބާއްވާފަ އޭނައަށް ދެވުނީ." ފޮރުވުމެއް ނެތި އާކިފް ކިޔައިދިނެވެ.
"އެހެން އަންހެނެއްގެ؟" ސާލާރް އިނީ ހައިރާން ވެފައެވެ.
"އާނ، އެއީ ރެޑްލައިޓް އޭރިއާގައި އުޅޭ ކުއްޖެއް."
"ކީކޭ... ކޮން ނަމެއް ކިޔާ ކުއްޖެއް؟" ސާލާރް އެހިއެވެ. "ރެޑްލައިޓް އޭރިއާގައި އިމާމާ އެއް ނޫޅޭނެ. އަހަންނަށް ހީވާގޮތެއް ކަން ނޭނގޭ." ސާާލާރްގެ ހިތަށް އެރިއެވެ.
"ސަނޫބާ." އާކިފް އެކުއްޖާގެ ނަން ބުންޏެވެ. ސާލާރް އޭނާގެ އުނގުގައި ހުރި އެއްޗެހި ބެހެއްޓިއެވެ. އަދި އެ ވަތްގަނޑު ލެއްޕިއެވެ. އެޔަށް ފަހު ގޮނޑިއަށް ލެނގިލާފައި ފުން ނޭވައެއް ލިއެވެ.
"އެކަމަކު އެއީ އޭނާގެ އަސްލު ނަމެއް ނޫން، އޭނާގެ އަސްލު ނަމަކީ އިމާމާ."
ސާާލާރްގެމެޔަށް ހީވީ ޚަންޖަރެއް ޖެހިހެންނެވެ. ނުވަތަ ކަންފަތަށް މީހަކު އަލިފާން އެޅިހެން ހީވިއެވެ. "ކީކޭ؟ ކީކޭ ތިބުނީ؟" ސާލާރް އަޑު ތުރުތުރު އަޅައެވެ.
އާކިފް ސީޓުގެ ކުރިއަށް ޖެހިލާފައި ސިނގިރޭޓު ރޯކުރަމުން އެހިއެވެ. "އެއްޗެކޭ ބުނިންތަ؟"
"އެ ކުއްޖާގެ ނަންތަ ދެންމެ ބުނީ؟"
"އާނ، އިމާމާ. އޭނާ ދަންނަންތަ؟"
"އަހަރެން... އަހަރެން..." ސާލާރް ޖަވާބު ދޭން މަސައްކަތް ކުރިއެވެ. ގޮތް ހުސްވީމާ ނޫނީ އިމާމާ ރެޑްލައިޓް އޭރިއާއަށް ނުދާނެކަން ސާލާރަށް އެނގެއެވެ. ކާރުގެ ތެރެއަށް ވެރިވެފައި އޮތް ފަނޑު އަލީގެ ތެރެއިންވެސް އާކިފަށް ސާލާރްގެ ހާސްކަން ފާހަގަކުރެވިއްޖެއެވެ. އޭނާ ހުރީ ގޮށްމުށް ކަވައިގެންނެވެ. ތުންފަތް ތުރުތުރު އަޅައެވެ. އާކިފް ހީނލާފައި ސާލާރްގެ ކޮނޑުގައި ޖަހައިލިއެވެ.
"ހާސްނުވެބަލަ، ކޮންކަމަކާތަ މާ ހާސްވެގެން ތިއުޅެނީ؟ އެއީ އަހަރެން ރައްޓެހި ވެގެން އުޅޭ ކުއްޖާއޭ. ތި ދެމީހުންގެ ކޮންމެ ގުޅުމެއް އޮތަސް މައްސަލައެއް ނެތެއްނު؟ މީގެ ކުރިންވެސް އަހަރެމެން އެގޮތަށް ކިތައް ކުދިން ގެންގުޅުނިން. ނޫންތަ؟" އާކިފް މާނަވީ ގޮތަކަށް ހީނލިއެވެ.
އާކިފްގެ ސުވާލުތަކުން ސާލާރް ވަރަށް ރުޅި ގަދަވިއެވެ. މަގުމަތި ވަރަށް ކާރުބާރު ބޮޑެވެ. ސާލާރް އާކިފްގެ ކަރުގައި ހިފިއެވެ. އާކިފް ފައިން ބުރެކި ޖެއްސިއެވެ. އެވަރުންވެސް އާކިފްގެ ގިރުވާނުން ސާލާރް ދޫކޮށެއް ނުލިއެވެ.
ރުޅި އައިސްގެން އާކިފް ހަޅޭއްލަވައިގަތެވެ. "ސާލާރް، ކިހިނެއްވީ؟ މޮޔަވީތަ؟" ސާލާރްގެ މޭގައި އަތް އަޅައި ކޮއްޕާލަމުން އޭނާ ބުންޏެވެ.
"ކަލޭގެ ހަޔާތް ކުޑަކަން ނިކަން ދެކިބަލަ، ލަދެއް ނުގަނޭތަ އެކަހަލަ ވާހަކަ ދައްކަން؟" ސާލާރްގެ އަތް އޮތީ އަނެއްކާވެސް އާކިފްގެ ކަރުގައެވެ. އާކިފް ނޭވާ ހާސްވިއެވެ. މުށްކަވާފައި ސާލާރް ގެ މޫނުގައި ޖެހިއެވެ. މޫނުގައި ދެއަތް އަޅައިގެން ސާލާރް ދުރަށް ޖެހިލިއެވެ. ކާރުތައް ފަހަތުން އައިސް ބަރުގޮނު އަޅައެވެ. އާކިފް ތަންކޮޅަކަށް ދުއްވާފައި ގޮސް ކާރު ޓްރެފިކް ނެތް މަގަކަށް ހުއްޓިއެވެ. އޭރުވެސް ސާލާރް އިނީ ކޯތާފަތުގައި ދެއަތް އަޅައިގެންނެވެ. ރުޅިގަނޑު މައިތިރިވެ އާކިފް ވާހަކަ ދައްކަން ފެށިއެވެ.
"ކިހިނެއްވީ؟ ކީއްވެ މަށާ ދިމާއަށް ހަޅޭއް ލެވީ؟ މަގޭ ކަރުގަ ހިފީ ކީއްވެ؟ މަ ކީއްތަ ކުރީ؟" ވާހަކަ ދައްކަމުން ޓިޝޫ ފޮށި ނަގާފައި ޑޭޝްބޯޑު މަތީ ބެހެއްޓިއެވެ. ސާލާރްގެ ގަމީހުގައި ވެސް ލޭ ހުއްޓެވެ. ޓިޝޫ ފޮށިން ޓިޝޫ ނަގައިގެން ސާލާރް ތުންފަތުގައި ހުރި ލޭ ފޮހެލިއެވެ.
"އެކްސިޑެންޓެއް ނުވެ ސަލާމަތްވިކަން ނަސީބެއްނު؟" އާކިފް ބުންޏެވެ.
އަތް ފޮހެން ފެށުމުން އޭނާ އަނެއްކާވެސް ކަންފަތުލާ އެތި މަތިން ހަނދާންވިއެވެ. އޭނާގެ ފައިދޮށުން އޭތި ހޯދަން ފެށިއެވެ.
"ކާރު ގޮސް ޕޭވްމަންޓަށް ވެސް އެރީސް..." އާކިފް ބުންޏެވެ. "ކޯޗެއް ތި ހޯދަނީ؟"
"އެ ކަންފަތު ލާ އެތި." ސާލާރް ބުންޏެވެ.
އާކިފް އަނެއްކާވެސް ރުޅި އަތުވެއްޖެއެވެ.
"ކޮބާތަ މައްސަލައަކީ ސާލާރް؟ އެއީ އަހަރެން ހިތާވެގެން އުޅޭ ކުއްޖާގެ އެއްޗެއް، ސާލާރް ގެ އެއްޗެއް ނޫން."
އޭނާއަށް ކުރެވުނު މޮޔަކަންތައް ރޭކާލީ ދެނެވެ. ޓިޝޫ އެއްލާލާފައި އޭނާ ގޮނޑީގައި ހަމަޖެހިލިއެވެ. ހީވަނީ ނޭވާ ހާސްވެފައި އިން ހެންނެވެ.
"ކަލެޔާ ސަނޫބާ..." ސާލާރް ރުޅި އައީ ކޮން ވާހަކައެއް ބުނެގެން ކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާ އިތުރަށް ރުޅިއަރުވާކަށް ވެސް ބޭނުމެއް ނޫނެވެ.
"އަހަންނަށް މާފު ކުރޭ." ސާލާރް ބުންޏެވެ.
"އެންމެ ރަަނގަޅު." އާކިފް ކުޑަކޮށް ހިތްހަމަ ޖެހުނެވެ. "ކަލެޔާ ސަނޫބާ..." އަނެއްކާވެސް އެ ވަރަށް ބުނެފައި މަޑުޖެހިލިއެވެ.
"ކަލޭ ބުނީ އޭނާގެ ނަމަކީ އިމާމާ އޭ." ސާލާރް އޭނާއާ ދިމާއަށް ބަލާލިއެވެ. އޭނާގެ ލޯ ފެނިފައި އާކިފް ކުޑަކޮށް ޖެހިލުންވިއެވެ. އޭނާގެ ލޮލުން ބިރުވެރިކަމާއި، ނުތަނަވަސް ކަމާއި ނިކަމެތިކަން ފާޅުވެއެވެ.
'އާނ. އޭނާ އަހަންނާ ފުރަތަމަ ވާހަކަ ދައްކަން ފެށިއިރު ބުނި އެހެން..."
"އޭނަ ހުންނަ ގޮތް ސިފަކޮށްދީފާނަންތަ؟" ސާލާރް އެހިއެވެ.
"އާނ، ކީއްވެ ކިޔާނުދޭންވީ؟ އާކިފް އިނީ ވާނުވާ ނޭނގިފައެވެ. "ވަރަށް ރީތިވާނެ، އިސްކޮޅުން، ދިގު، ދޮން..." ކިޔައިދޭންވީ ތަރުތީބެއް ވެސް އޭނާއަށް ނޭނގެއެވެ. "ލޮލުގެ ކަޅީގައި ހުންނަނީ ކަޅު ކުލަ، އިސްތަށިގަނޑުވެސް ކުރިން ކަޅު، މިހާރު އޮންނަނީ ކުލަ ޖައްސާފަ..."
ސާލާރް ލޯ މަރާލައިގެން އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. އެ އަންހެން ކުއްޖާގެ ސިފަ ކިޔައިދިނުމުން ހިތަށް މާ އުނދަގޫ ވިއެވެ. "އޭނާގެ ނަމަކީ އިމާމާ ހާޝިމް ތަ؟"
***
"ނޭނގޭ، ބައްޕަގެ ނަމެއް ނުބުނޭ، އަހަރެން ނުވެސް އަހަން." އާކިފް ބުންޏެވެ.
"އޭނާގެ ނަމަކީ އިމާމާ ހާޝިމް." ސާލާރް ވައި އަޑުން ބުންޏެވެ. އޭނާގެ މޫނު މަތި ފުސްވިއެވެ. "މި ހުރިހާ ކަމެއް މިވީ އަހަންނާ ހެދި، އަހަރެންގެ އިހުމާލުން. އަހަރެން ޒިއްމާ ނަގަން ޖެހޭނެ."
"ކޮން އިހުމާލެއް؟" އާކިފް އެހިއެވެ. ސާލާރް އިނީ ވިންޑްސްކްރީނުން ކުރިމަތިން ފެންނަ މަގަށް ބަލާށެވެ. އިރުކޮޅަކުން އާކިފާ ދިމާއަށް އެނބުރިލާފައި ބުންނެވެ. "އަހަރެން އޭނާ އާ ބައްދަލުކުރަން ބޭނުން، ހަމަ މިހާރު."
އާކިފް އިރުކޮޅަކަށް އޭނާއަށް ބަލަން އިނދެފައި މޯބައިލް ނެގިއެވެ. އެ އަންހެން ކުއްޖާއަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. "އޭނާގެ ފޯނު އޮތީ ނިއްވާލާފައި. މިވަގުތު ގޭގަ އުޅޭނެހެން ހިއެއް ނުވޭ، އަނދިރިވާން..." އާކިފްގެ ޚިޔާލު ބަދަލުވިއެވެ. "އެންމެ ރަނގަޅު، އެގެއަށް ގެންގޮސްދީފާނަން."
ބައިގަޑިއިރުފަހުން އެމީހުން ތިބީ ގޮސް އެގޭ ކައިރިއަށް ހުއްޓިއެވެ. އާކިފް އިނީ ސާލާރް ކާރަށް އެރުވުނު މޮޔަ ހީވެފައެވެ. އެތައް އިރަކު ބަރުގޮނު އެޅިފަހުން ދޮރުވާނު އައެވެ.
"ސަނޫބާ އެބައުޅޭތަ ގޭގަ؟" އާކިފް އެހިއެވެ.
"ނޫން، ނޫޅޭ."
"ކޮންތާކަށް ދިޔައީ؟"
"ނޭނގޭ."
އާކިފް ކާރުން ފޭބިއެވެ. "މިތާ މަޑު ކުރޭ، އެބަ އަންނަން." ދޮރުވާނާ އެކު އޭނާ ގޭތެރެއަށް ވަނެވެ. ދިހަވަރަކަށް މިނެޓު ފަހުން އެނބުރި އައެވެ.
"އޭނައާ ވާހަކަ ދައްކަން ބޭނުންތަ؟" ކާރަށް އަރަމުން އޭނާ އެހިއެވެ.
"އަހަރެން ބޭނުންވަނީ އޭނާ އާ ބައްދަލުކުރަން." އާކިފް ކާރު ދުއްވައިލިއެވެ. ރެޑްލައިޓް އޭރިއާ އަށް ދެވުނު އިރު ނުވައެއް ޖަހައިފިއެވެ. އެއީ ސާލާރަށް އާ ތަނެއް ނޫނެވެ. އެ ހިސާބަށް އާދެވުމުން ހިތަށް ނުތަނަވަސްކަން ވެރިވިއެވެ.
"އޭނާ ވީ މިތާނގަ. މިރޭ އޮތް ކޮންމެވެސް ކަމަކަށް ގެނައި ކުދިންނާ އެކު އޭނާވެސް އައީ." އާކިފް ބުންޏެވެ.
"ސާލާރް ވެސް ފައިބަންވާނެ. އޭނާ ގޮަވައިގެން މިތަނަކަށް ނާދެވޭނެ."
(ނުނިމޭ)
Impatiently waiting for the story
Haadha lahey vaahaka up vaaleh... waiting....v reethi vaahaka eh mee
Kobaa vaahaka
Keehve vaahaka mihaaru up nukuranee v kiyaa hiyy vey pls pls avahah up koh dhevvaa
When will u upload next part?
Ohhhhhh!hama thedheh? Haadha dheravejje?
Varah kamudhaa vaahakaeh