ފާނޫޒު - 44

(31 އޯގަސްޓު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ކަކޫ މައްޗަށް ތިރިވޭ!" އެކަކު އަމުރުކުރިއެވެ. ސާލާރް އަމުރަށް ތަބާވިއެވެ. އެ މީހުން އޭނާގެ ފޯނާއި ވޮލެޓު ޖަހައިގަނެފައި ދޫކޮށްލާނެކަން ސާލާރަށް އެނގެއެވެ. އެ މީހުން އޭނާޔަށް އަނިޔާ ކުރާނެ އެއްވެސް ކަމެއް ނުކުރާނެއެވެ. އެކަކު ސާލާރް ގެ ފުރަގަހަށް ވަދެ އޭނާގެ ބުރަކަށީގައި އޮތް ދަބަސް ނެގިއެވެ. އޭގައި ހުރީ ކެމެރާއަކާއި ފިލްމު ރޯލާއި ބެޓެރީ، އަދި ދުރުމިއަކާއި ފަސްޓް އެއިޑް ކިޓަކާއި، ފެނާއި ވޮލެޓެވެ. ދަބަސް ނެގި ކުއްޖާ ދަބަސް ހާވައިލިއެވެ. ރަނގަޅަށް ބަލާލައިފައި ވޮލެޓުގައި ހުރި އެއްޗެއް ބަލައިލިއެވެ. ވޮލެޓުގައި ކޮންމެވެސް ވަރަކަށް ފައިސާ ހުއްޓެވެ. ދެން އޮތީ ކްރެޑިޓް ކާޑެކެވެ. ދެން އޭނާ ފަސްޓް އެއިޑް ކިޓާއި ޓިޝޫ ޕެކެޓު ނެގިއެވެ.

"ދެން ތެދުވޭ!" އެ ފިރިހެން ކުއްޖާ އަމުރުކުރިއެވެ. އޭނާ ކޮޅަށް ތެދުވިއެވެ. އަދިވެސް ހުރީ ދެއަތް މައްޗަށް ނަގައިގެންނެވެ. އެ ދެކުދީން އޭނާގެ ފުރަގަހަށް ގޮސް ޖީބުން ކާރުގެ ތަޅުދަނޑި ނެގިއެވެ.

"ރަނގަޅު! މީނަގެ އަތުގައި ކާރެއް ވެސް އޮވޭ." ސާލާރް ކަންބޮޑުވާން ފެށިއެވެ.

"އަހަރެންގެ ހުރިހާ އެއްޗެއް ގެންދޭ. އެކަމަކު ކާރުގައި އަތް ނުލާތި." ފުރަތަމަ ފަހަރަށް އޭނާ އެމީހުންނާ ވާހަކަ ދެއްކިއެވެ.

"އެއީ ކީއްވެ؟ ކީއްވެ ކާރު ބާއްވަންވީ؟ ތީ މަގޭ ކޮއްކޮ ތަ، ކަލެއަށް ކާރު ދޫކޮށްލަންވީ." އެތަނުން އެއްކުއްޖަކު ވަރަށް ހަރުކަށިކޮށް ބުންޏެވެ.

"ކާރު ގެންދަން އެހާ ފަސޭހައެއް ނުވާނެ. ދުއްވަން ވެސް އެހާ އުނދަގޫ ވާނެ. ވަރަށް ގިނަ ތަޅު ހުންނާނެ."

"އެއީ އަހަރެމެންގެ އަމިއްލަ ކަމެއް.، ކަލެޔާ ބެހޭ ކަމެއް ނޫން." ދެން ހުރި ކުއްޖާ ކުރިއަށް ޖެހިލާފައި ސާލާރްގެ އަވި އައިނު ޖަހައިގަތެވެ.

"ބޫޓޫ ބާލާ."

"ބޫޓުން ކީއްކުރަން؟" ސާލާރް ހައިރާންވެފައި އަހައިލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އަތް ދަމާލާފައި އެކުއްޖާ ސާލާރްގެ މޫނުމަތީ އެތިފަހަރެެއް އަޅުވާލިއެވެ.

"އިތުރު ސުވާލު ނުކުރާތި، ބޫޓު ބާލާ."

ސާލާރް އެމީހުންނާ ދިމާއަށް ރުޅި އައިސްފައި ބަލައިލިއެވެ. ދެކުދިން އޭނާޔާ ދިމާއަށް ބަޑި އަމާޒުކުރިއެވެ. ސާލާރް ގައިގައި ޖެހި ކުއްޖާ އޭނާގެ އަނެއް ކަންކަށިމަތީގައި އަޅައި ވިހެލިއެވެ.

"ދެން ނިކަން ކަޅި އަޅާބަލަ، ކެރޭނެ؟ ބޫޓު..." ސާލާރަށް ބަލައިނުލައި އޭނާ އަމުރުކުރިއެވެ. ސާލާރް މަޑުމަޑުން ބޫޓު ބޭލިއެވެ. މިހާރު އޭނާ ހުރީ ހަމައެކަނި އިސްޓާކީނަށް އަރައިގެންނެވެ.

"ދެން، ގަމީސް ބާލާ." ސާލާރް ދެކޮޅު ހަދަން ބޭނުންވިއެވެ. އެކަމަކުވެސް އިތުރު އެތިފަހަރެއް އޭނާގެ ގަޔަށް އަރާކަށް ބޭނުމެއް ނޫނެވެ. އެ މީހުންގެ އަތުގައި ހަތިޔާރު ނެތް ނަމަ އެމީހުންނާ ރަނގަޅަށް ކުރިމަތި ލެވުނީހެވެ. އޭނާގެ އަތަކު އެއްވެސް ހަތިޔާރެއް ނެތެވެ. ގަމީސް ބާލާފައި އެކުއްޖާއަށް ދިއްކޮށްލިއެވެ.

"ބިން މައްޗަށް ވައްޓާލާ." ސާލާރް އޭނާ ބުނި ގޮތަށް ގަމީސް ބިން މައްޗަށް އެއްލައިލިއެވެ. އެ ފިރިހެން ކުއްޖާ އޭނާގެ ޖިންސުގެ ޖީބުން ކޮންމެވެސް އެއްޗެއް ނެގިއެވެ. އެއީ ކުޑަކުޑަ ނައިލޯނު ބޮނޑިއެކެވެ. އެމީހުން މަގްސަދު ސާލާރަށް ރަނގަޅަށް އެނގިއްޖެއެވެ. އޭނާ ވަރަަށް ކަންބޮޑުވިއެވެ. ކުޑަ އިރުކޮޅަކުން އިރު އޮއްސި، އަނދިރި ވާނެއެވެ. މިތަނުން އޭނާ ނިކުންނާނީ ކިހިނެއް ހެއްޔެވެ؟

"އަހަރެން ނުބަންނާތި، އަހަރެންގެ ހުރިހާ އެއްޗެއް ގެންދޭ. ކާރުވެސް ގެންދޭ. އެއްވެސް މީހެއް ގާތު ނުބުނާނަން." ސާލާރް މަސައްކަތް ކުރީ ދިފާއު ވާށެވެ.

ބަލާކަށް ނުހުރެ އެކުއްޖާ ސާލާރްގެ ބަނޑުގައި ޖެހިއެވެ. ވީތަދުން ސާލާރްގެ އަނގައިން އަޑެއް ނިކުތެވެ.

"އަހަރެމެން ކަންތައްކުރާންވީ ގޮތް ކިޔައިދޭނެ ކަމެއް ނެތް."

އެފިރިހެން ކުއްޖާ ސާލާރް އެއްފަރާތަށް ކޮއްޕައިލިއެވެ. އެމީހުންގެ އަމުރަށް އޭނާ ތަބާވިއެވެ. ގަހެއްގެ ބުޑުގައި އިށީނދެ އެ ފިރިހެން ކުއްޖާ ސާލާރްގެ އަތް އެތަނުން ގަހެއްގެ އޮފިގަނޑުގައި އައްސަން ފެށިއެވެ. އަނެއް ކުއްޖާ ތަންކޮޅެއް ދުރުގައި ފާރައަށް ހުއްޓެވެ. ސާލާރާ ދިމާއަށް ބަޑި އަމާޒުކޮށްގެންނެވެ.

ސާލަރް ދެއަތް ރަނގަޅަށް ބަނދެފައި އައިސް އޭނާ ސާލާރްގެ އިސްޓާކީނު ބޭލިއެވެ. އެއަށްފަހު ފަސްޓްއެއިޑް ކިޓުން ކަތުރެއް ނަގައިގެން ސާލާރްގެ ގަމީހުން ހިމަކޮށް ފޮތި އަރިއެއް ކެފިއެވެ. ދެން އެ ފޮތި އަރިން އޭނާގެ ފައި އެއްސިއެވެ. އަދި ޓިޝޫ ފޮށީގައި ހުރި ޓިޝޫ ނެގިއެވެ.

"އަނގަ ހުޅުވާ." އޭނާކުރަން އެ އުޅޭ ކަމެއް ސާލާރަށް ރަނގަޅަށް އެނގެއެވެ. ފަހަރަކު ޓިޝޫއެއް ފަހަރަކު ޓިޝޫއެއް އޭނާގެ އަނގަޔަށް ލަވަމުން ގޮސް ޓިޝޫ ފޮށީ ހުސްކުރިއެވެ. ދެން ގަސްގަޑާއެކު އޭނާ ބަނދެލިއެވެ.

އަނެއް ކުއްޖާ ދަބަހުގެ ޒިބު އެޅުވިއެވެ. އޭގެ އިރުކޮޅެއް ފަހުން އެ ދެ ކުދީން ދިޔަ ތާކަށް ގޮސް ފިލައިފިއެވެ. އެމީހުން ދިއުމާއެކީ ސާލާރް އޭނާ މޮހެވޭތޯ މަސައްކަތް ފެށިއެވެ. އެކުދީން އޭނާ ބަނދެފައި އެދިޔައީ ވަރަށް މޮޅަށެވެ. އޭނާއަކަށް ގުޑައިވެސް ނުލެވުނެވެ. އަދި ފަށަށް ދޫވެސް ނުކުރެވުނެވެ. މަސައްކަތް ކުރި ވަރަކަށް އޭނާ ޒަޚަމް ވަމުން ދިޔައެވެ. އޭނާ ހުރީ ވަރަށް ހާލު ދެރަކޮށެވެ. އެހީއަށް އެދި ހަޅޭއްލެވޭ ހާލަތަކުވެސް ނޫނެވެ. އެހެން ގޮތަކުން މީހެއްގެ ސަމާލުކަން ހޯދޭނެ ހާލަތަކުވެސް ނޫނެވެ.

އޭނާގެ ވަށައިގެން ހުރީ ބޮޑެތި ބިޔަ ގަސްތަކެވެ. އެހެންކަމުން އޮޅިގެން އައިސްވެސް މީހަކު އޭނާގެ ގައިގައި އަޅައެއް ނުގަންނާނެއެވެ. ލައިގެން ހުރި ސޯޓު ފިޔަވައި އިތުރު ފޭރާމެއް އޭނާގެ ގަޔަކު ނެތެވެ. ރޭވެ ފިނިވާން ފަށައިފިއެވެ.

އޭނާ ވާދީއަށް ދިޔަކަމެއް ގޭގެ އެއްވެސް މީހަކަށް ނޭނގެއެވެ. ނެތްކަން އެނގުނަސް ބޯ ޖަންގައްޔެއްގެ ތެރޭގައި ބިޔަ ގަހަކަށް ބަނދެފައި ހުއްޓާ ފެންނާނީ ކިިހިނެއްހެއްޔެވެ؟

ބައިގަޑިއެއް ހައި އިރު ފަހުން ވަރަށް މަސައްކަތުން ފައިގައި އައްސާފައި ހުރި ފަށް މޮހައިލެވުނެވެ. އޭރު އިރު އޮއްސިއްޖެއެވެ. ހަނދުގެ އަލިކަން ނެތްނަމަ އޭނާއަކަށް ތަނެއްދޮރެއް ނުފެންނާނެއެވެ. މިހާރު މީހެއްގެ ހިލަމެއްވެސް ދުއްވާ އެއްޗެއްގެ ހިލަމެއްވެސް ނުވެއެވެ. އޭނާގެ ވަށައިގެން އޮތީ މަދިރިއާއި އެހެން ސޫފާސޫފީގެ ހާއްޔެކެވެ. ބާރަށް އައްސާފައި ހުރުމުގެ ސަބަބުން ކަރުން ފެށިގެން އުނަގަނޑާ ހަމައަށް ދިލަ ނަގައެވެ. އަތުކުރިވެސް މުޅިން ޒަޚަމް ވެއްޖެއެވެ. މިހާރު އޭނާގެ އަނގަޔަށް ލައްވާފައި ހުރި ޓިޝޫތައް ފޯވެއްޖެއެވެ. އޭނާ މަޑުމަޑުން ޓިޝޫތައް ނެގޭތޯ ބެލިއެވެ. ކުޅުޖެހޭނެ ގޮތެެއް އަދި ޓިޝޫތައް ދިރުވޭނެ ގޮތެއްވެސް ނުވިއެވެ. އަނގަ އޮތީ ފުރިފައެވެ. އެހެންކަމުން ހަފައެއްވެސް ނުލެވުނެވެ.

އޭނާ ހީކަރުވައިގަނެގެން ތުރުތުރު އަޅަން ފަށައިފިއެވެ. މި ފިނީގައި އިރުއަރާއިރު އޭނާ މަރުވެދާނެއެވެ. ނުވަތަ ހަރުފައެއް ވިހަލައިގެން ނުވަތަ ބިރުން މަރުވެދާނެއެވެ. ކުދި ސޫފިތައް ގައިގައި ހަފާތީ ގައި ހިރުވައެވެ. ފައި ތަޅުވައިގަތީމާ ފަޔަށް އަރާ ސޫފިތައް ފޮޅައިލެވެއެވެ. އެކަމަކު ހަށިގަނޑުގެ އެހެން ތަނަކުން ފޮޅައެއް ނުލެވުނެވެ.

ދަންވާ ވަރަކަށް އޭނާގެ ހާލަތު ދިޔައީ ދަށަށެވެ. "އަހަންނަށް މިހެން ދިމާވީ ކީއްވެހެއްޔެވެ؟ އަހަންނަށް ކުރެވުނީ ކޮން ގޯސްކަމެއް ހެއްޔެވެ؟ އަހަރެން މަރުވިޔަސް އަހަރެންގެ ގަބުރުވެސް އެއްވެސް މީހަކަށް ނުފެންނާނެއެވެ. ސޫތްޕާއި ޖަނަވާރު އޭނާ ކައި ހުސްކޮށްލާނެއެވެ.

އޭނާގެ ހާލު ދިޔައީ ގޯހުން ގޯހަށެވެ. މީގެ ކުރިން އޭނާ ހަތަރު ފަހަރަކު އަމިއްލައަށް މަރުވާން އުޅުނެވެ. އެކަމަކު ބިރެއް ނުގަނެއެވެ. މިހާރު އޭނާ މަރަށް ބިރުން ތެޅެނީއެވެ. ރަނގަޅަށް ނޭވާ ވެސް ނުލެވެއެވެ. މަރަށް ހާޒިރުކުރެވިފައިވާ ކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް ކުރެވުނެވެ. ވަރަށް މަސައްކަތުން އަނގައިގައި ހުރި ޓިޝޫތައް ހުސްކުރިއެވެ. އަދި ފުންކޮށް ނޭވާ ލާން ފެށިއެވެ. އެތައް އިރަކު ނޭވާ ލުމަށްފަހު އެހީއަށް އެދި ގޮވަން ފެށިއެވެ.

ބައިގޑިއެއް ހައިއިރު ހަޅޭއްލެވުމަށްފަހު އޭނާގެ ހިތްވަރު އެލިއްޖެއެވެ. ނޭވާ ހުސްވެއްޖެއެވެ. އޭނާގެ ހަޅޭކުގެ އަޑު އެއްވެސް މީހެއްގެ ކަންފަތަށް ނޭރިއެވެ. ގައިގައި ހުރި ޒަޚަމްތަކުން ދިލަ ނަގަނީއެވެ. މިހާރު މޫނުމަތިންވެސް ކުދި ސޫފިތައް ދުވެ ނަގަނީއެވެ. ސާލާރަށް ކުއްލިއަކަށް ރޮވިއްޖެއެވެ. ކުޑަކުއްޖެކޭ އޭނާއެކޭ މިހާރަކު ތަފާތެއް ނެތެވެ.

މިއީ އޭނާގެ މުޅި ހަޔާތުގައި ވެސް މިގޮތަށް ރުއި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިހައި ބޮޑަށް އެކަނިވެރިކަން އިހުސާސް ކުރެވިފައި ނެތީއެވެ. އޭނާ މަރުވާކަށް ބޭނުމެއް ނޫނެވެ. ނިއު ހޭވަންގައި މަރާއި ކުރިމަތިވި ގޮތަށް އަނެއްކާ މަރާ ކުރިމަތިވީއެވެ. އޭނާއަށް ރޮވުނީ ކިހައި އިރެއް ވަންދެން ކަމެއް ނޭނގެއެވެ. ކަރުން ހިކިއްޖެއެވެ. ރޮވޭ ވަރަށް ވުރެ މާ ބޮޑަށް ވަރުބަލިވީ ކަމަށް ވެދާނެއެވެ. ވަރުބަލިވެގެން އޭނާ ގަސްގަނޑަށް ލެނގިލާފައި ލޯ މަރައިލިއެވެ. ކޮނޑާއި އަތުގައި ރިއްސާވަރުން ގައިގެ ވާގި ނެތުނީހެން ހީވެއެވެ.

"އަހަރެން މީހަކަށް މިގޮތަށް ދުވަހަކު އަނިޔާ އެއް ނުކުރަމެވެ. އަހަންނަށް މިހެން ދިމާވީ ކީއްވެގެން ހެއްޔެވެ؟" އޭނާގެ ލޮލުން އަނެއްކާވެސް ކަރުނަ ފައިބަން ފެށިއެވެ.

"ސާލާރް! އަހަރެންގެ ހަޔާތުގައި މިހާރުވެސް ވާ ވަރަށް މައްސަލަ އެބަހުރި، އިތުރު މައްސަލަ ނުއުފައްދާ. މިހާރުވެސް ދިރިއުޅުން ފަސޭހައެއް ނޫން. ފާއިތުވެގެންދާ ކޮންމެ ދުވަހަކާއެކު އެތައް އުނދަގުލެއް ކުރިމަތިވޭ. އަހަރެންގެ ހާލަތަށް ވިސްނައި އަހަންނަށް އިތުރު ތަކުލީފު ނުޖައްސާ." ގަސްގަނޑަށް ލެނގިގެން އިނދެ އެނާ ލޯ ހުޅުވައިލިއެވެ. އޭނާގެ ކަރުވެސް ހިކިއްޖެއެވެ. ވާދީގެ ތިރިން ތަންކޮޅެއް ދުރުން އިސްލާމްއާބާދުގެ އަލި ފެނެއެވެ.

"އަހަރެން ތަކުލީފު އެބަޖައްސަންތަ؟ އަހަރެން...؟ ލޯބިވާ އިމާމާ! އަހަރެން މި ބަލަނީ މައްސަލަ ހައްލުކޮށް ދެވޭތޯ، މައްސަލަތަކަށް ނިމުން ގެނެވޭތޯ. އަހަންނާއެކު ދިރިއުޅެން ވިސްނާލަބަަ، އަމާން، ރައްކާތެރި ދިރިއުޅުމެއް އުޅެވޭނެ." ސާލާރް ތުންފަތުގައި ދަތް އަޅައިލިއެވެ.

"ސާލާރް! އަހަރެން ވަރިކުރޭ." އިމާމާ ބުންޏެވެ.

"ލޯބީ! ކުރިން ބުނި ގޮތަށް ވަރި ނަގަން ކޯޓަށް ދޭ."

އޭނާ އިނީ ދުރުން ފެންނަ އައްޔަށް ބަލަހައްޓައިގެންނެވެ. އޭނާގެ ސޫރައާއި އެހެން މީހެއްގެ ސޫރަ އޭނާގެ ކުރިމަތިން މިހާރު އެބަފެނެއެވެ. "އަހަރެން އިމާމާއާ ސަމާސާ ކޮށްލީ." އޭނާ ވައި އަޑުން ބުންޏެވެ.

"އަހަރެން އޭނާ ހިތުގަ ޖައްސާކަށް ނޫޅެން." އޭނާގެ ވާހަކަ އަޑުއަހާނެ މިހަކު ނެތެވެ. އޭނާ އެކަން އޮލުނފިލުވައިދޭން އުޅެނީ ކާކަަށްކަން ދެނެވޮޑިގެންވާނީ ކަލާނގެއެވެ. އެތައް އިރެއް ވަންދެން އިސްލާމްއާބާދުގެ އައްޔަށް ބަލަން އޭނާ އިނެވެ. ދެން މަޑުމަޑުން ލޯ މައްޗަށް އަނދިރިވާން ފެށިއެވެ.

"އަހަންނަށް ގޯހެއް ހެދިއްޖެކަމަށް ގަބޫލުކުރަން." ވައި އަޑުން އޭނާ ބުނެލިއެވެ. "އޭނާގެ ހަޔާތަށް އިތުރު ތަކުލީފު ޖައްސަން އަހަރެން އުޅުނިން. އަހަރެން އޭނާއަށް އޮޅުވައިލީ. އަހަރެން ހެދީ ބޮޑު ގޯހެއް. ވަރިއަށް އެދުމުން ވަރި ނުކުރުމާއި އަދި ޖަލާލް އާ ބެހޭ ގޮތުން ދޮގު ހެދުމުން އޭނާއަށް އެތައް މުސީބާތަކާއި ކުރިމަތިލާން ޖެހޭނެ. އެހުރިހާ ކަމަކަށް އަހަރެން މާފަށް އެދެން. އިމާމާގެ އިތުރުން އަހަރެން އެހެން މީހަކަށް ދެރަ ގޮތެއް ނަހަދަން." ސާލާރް އަނެއްކާވެސް ރޯން ފެށިއެވެ.

"ޔާ ﷲ، އަހަރެން މިތަނުން ސަލާމަތް ވެއްޖެނަމަ، އިމާމާ ހުރި ތަނަކުން ހޯދައި، އޭނާ ވަރިކުރާނަން. އަދި އޭނާއަށް ދުވަހަކުވެސް ތަކުލީފެއް ނުޖައްސާނަން. ޔާ ﷲ މިއަޅާ ސަލާމަތް ކޮށްދެއްވާ."

ސާލާރް ގިސްލަގިސްލާފައި ރޮނީއެވެ. މިއީ ވަރިނުކުރާނެކަމަށް ބުނުމުން އިމާމާއަށް ކުރާނެ އަސަރު އޭނާއަށް އިހުސާސް ކުރެވުނު ފުރަތަމަ ފަހަރެވެ. އޭނާއަށް މިހާރު އިހުސާސް ކުރެވޭގޮތަށް އޭނާގެ އަތް ބަނދެވިފައިވާ ކަމުގެ އިހުސާސް އިމާމާއަށް ވެސް ކުރެވޭނެއެވެ. އިމާމާގެ ހިތުގައި އުފެދޭނެ ބިރާއި ތަދު މިހާރު އޭނާއަށް އިހުސާސްކުރެވެއެވެ. ޖަލާލް މީހަކާ އިންކަމަށް ބުނެ އޭނާ ހެދީ ދޮގެވެ. އެވާހަކަ އަޑު އިވުމުން އިމާމާގެ މޫނުން ފާޅުވި އަސަރު މިހާރުވެސް އޭނާއަށް ފެންނަކަހަލައެވެ. އެދުވަހު އޭނާ އެކަމާ އުފާވިއެވެ. އެރޭ އިސްލާމްއާބާދުން ލާހޯރަށް ދެވެންދެން ހުއްޓާނުލައި އިމާމާ ރުއީއެވެ. އެރޭ އޭނާ އެކަމާ ވަރަށް އުފާވިއެވެ.

އެވަގުތު އިމާމާގެ ސިކުނޑިއާއި ހިތަށް ކުރާނެ އަސަރު މިހާރު އޭނާއަށް އެނގެއެވެ. އެ ކަޅުފޮއި ރޭ ކާރުގައި އިން އިރު އެކުއްޖާއަށް އޭނާގެ ކުރިމަތިންވެސް އަދި ފުރަގަހުންވެސް ތަނެއްދޮރެއް ނުފެންނާނެއެވެ. އިމާމާ ގެއިން ނުކުތީ ހަމައެކަނި ޖަލާލް އަންސާރްގެ ގޭގެ ހިޔާވަހިކަން ހޯދާށެވެ. އެކަމަކު އެގެޔަށް ދިޔަނުދިނީ އޭނާއެވެ. އެރޭގެ އަނދިރީގައި އިމާމާގެ ހިތް ކުދިކުދިވަމުން ދާނެގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެބަ އިހުސާސް ކުރެވެއެވެ.

"އަހަންނަށް މާފުކުރޭ... ކިހިނެއް ހަދާނީ... އަހަންނަށް އޭނާ ފެނިއްޖެއްޔާ މާފަށް އެދޭނަން... އެހީވެސް ވާނަން... އެކަމަކު މިވަގުތު އަހަންނަށް ކުރެވޭނެ ކަމެއް ނެތް. މި މުސީބާތުން އަހަރެން ސަލާމަތްކޮށް ދެއްވާ. ޔާ ﷲ. މިއަޅާއަށް ސަލާމަތް ކޮށްދެއްވާ..."

ކޯތާފަތުން ފައިބަމުންދިޔަ ކަރުނައާއެކު އޭނާ އަށް ކުރެވިފައިވާ ހެޔޮ އަމަލުތައް ހިތަށް ގެންނަން ސާލާރް މަސައްކަތް ކުރިއެވެ. ވިސްނައިލުމުން އެނގުނީ މިހައިތަނަށް އެއްވެސް ހެޔޮ އަމަލެއް ކުރެވިފައިނުވާ ކަމެވެ. ﷲ މަގުގައި އެއްވެސް ހެޔޮކަމެއް ކުރެވިފައި ނުވާކަމެވެ. އޭނާގެ ހިތަށް އެހެން ކަމެއްވެސް ވަނެވެ. މީގެ ކުރިން އޭނާ ﷲގެ މަގުގައި ހޭދަކޮށްފައެއް ވެސް ނުވެއެވެ. އެހެންނަމަވެސް ހޮޓާ، ރެސްޓޯރެންޓް ތަންތާނގައި ޓިޕްސް ދީފައިވެއެވެ. އެކަމަކު ސަދަގާތެއް ނުކުރެއެވެ.

"ސަދަގާތަކީ އަހަރެން ގަބޫލުކުރާ އެއްޗެއް ނޫން. ސަދަގާތުގެ ގޮތުގައި އުކާލާނެ ފައިސާއެއް ނެތް." މިއީ ޚައިރާތަށް ފައިސާ އެއްކުރާ މީހުންނަށް އޭނާ ދޭ ޖަވާބެވެ. ނިއު ހޭވަންގައި ވެސް އޭނާގެ ވިސްނުން ހުރީ މިގޮތަށެވެ. އޭނާ އެހީވީ ހަމައެކަނި މީހަކީ އިމާމާއެވެ. އެކަމަކު އޭނާޔާ ދޭތެރޭ ކަންތައް ކުރެވުނު ގޮތް ރަނގަޅު ނޫންކަން މިހާރު އެނގެއެވެ. އޭނާ ގަވައިދުން ނަމާދުވެސް ނުކުރެއެވެ.

ކުޑައިރު ސިކަންދަރާއެކު އީދު ނަމާދަށް ގޮސްފައި ހުރެދާނެއެވެ. އެއީ އަޅުކަމެއް ނޫނެވެ. ނިއު ހޭވަންގައި މިސްކިތަކަށް އެރި ރޭ ކަންތައް ވީ ގޮތް ހަނދާނަށް އައެވެ. ނަމާދުގެ މެދުތެރެއިން މިސްކިތުން ފައިބާ ކަސްބީ އަންހެނަކަށް އޭނާ ފަންސާސް ޑޮލަރު ދިނެވެ. މީހަކަށް ހަމްދަރްދީވީ ފުރަތަމަ ފަހަރަކީ ވެސް އެއީއެވެ. އުޅެއުޅެ ކުރެވުނު އެއްވެސް ހެޔޮ އަމަލެއް ހިތަކަށް ނުގެނެވުނެވެ.

ދެން އޭނާ މަސައްކަތް ފެށީ ކުރެވުނު ގޯސްކަންތައް ހިތަށް ގެނެވޭތޯއެވެ. އެތައް އިރަކު މަސައްކަތް ކޮށްގެންވެސް ކުރެވުނު އެއްވެސް ހެޔޮ އަމަލެއް ހިތަށް ނުގެނުވުނު މީހަކަށް ކަލާނގެ އެހީތެރިކަން ފޯރުކޮށް ދެއްވާނީ ކިހިނެއް ހެއްޔެވެ؟

"ވަޖިދާއި ޖެހިގެން އޮންނަނީ ކޮން އެއްޗެއް ހެއްޔެވެ؟" ފުރާވަރު އުމުރުގައި ކޮކޭންގެ ވަސްބަލަމުން އޭނާ ރައްޓެއްސަކު ގާތު އަހައެވެ.

"ވަޖިދު." އިތުރަށް ވަސްގެންފައި އެކުއްޖާ އޭނާއާއި ދިމާއަށް އެނބުރުނެވެ.

"ވަޖިދަކަށް ނިމުމެއް ނާންނާނެ. އެއަށްވުރެ ފަހުން އެހެން މަރުހަލާއެއް ނޯންނާނެ." ސާލާރަށް އެވާހަކަ ގަބޫލެއް ނުކުރެވެއެވެ.

"ނޫން، އޮންނާނެ އެހެން މަރުހަލާއެއް. އެކަމަކު އެ މަރުހަލާ ފެށެނީ ކިހާ ހިސާބަކުން؟"

"ތި ސުވާލުގެ ޖަވާބު ކަލެއަށް މާ ރަނގަޅަށް އެނގޭނެ. އެތައްފަހަރަކު އަމިއްލައަށް މަރުވާން އުޅެފީމެއްނު؟"

"ތަދާއި ޖެހިގެން ދެން އޮންނަނީ ކޮން އިހުސާސެއް؟" އޭނާ އެ ސުވާލު އިމާމާ ހާޝިމް އާ ކުރިއެވެ.

"ހުސްކަމެއް."

އޭނާގެ ގަޔަށް ބޮޑު ވާފަށެއް ކަހަލަ އެއްޗެއް ވެއްޓިއްޖެއެވެ. އެ ވާފަށް އޭނާގެ ބޮލުން ފެށިގެން މޫނަށް، އަދި މޫނުން ކަރަށް، ކަރުން މޭމައްޗަށް އަދި މޭމަތިން ގޮސް ބަނޑުން ތިރިއަށް ފޭބިއެވެ. ސާލާރްގެ ނޭވާ ހާސްވެގެން މަރުނުވީ ކިރޔާއެވެ. އޭނާގެ ބޮލުން ފެށިގެން ތިރިއަށް އެ ފޭބީ ބޮޑު ހަރުފައެކެވެ. މުޅި ހަށިގަނޑުން އޮށްދާ ހިއްލާލައިފިއެވެ. ހަށިގަނޑު ތުރުތުރު އަޅައެވެ.

"ހުސްކަމެއް." އެ އަޑު ތަންކޮޅެއް ސާފުކޮށް އިވުނެވެ.

"އެއަށްފަހު އޮންނަނީ ކޯޗެއް؟"

ޖަވާބު އައީ މަލާމާތުގެ ރާގަކަށް ހިނިގަނޑަކާއެކު އެވެ. "ނަރަކަ."

އިމާމާ ވެސް ދިނީ އެޖަވާބެވެ. އޭނާ އެގަހަށް ބަނދެފައި އިންނަތާ އަށްގަޑިއިރުވީއެވެ. އޭނާ އިނީ ކަނު އަނދިރިއާއި ނަރަކަ އާއި ދެެމެދު ތާށިވެފައެވެ. ހުސްތަނަކަށް ވަދެފައި ނަރަކައަށް ދިއުމުގެ މަގުމަތީގައެވެ. ނަރަކައަށް ފަހު ދެން އޮންނާނީ ކޮންތަނެއްތޯ އަހަން ބިރެއްނުގަނޭހެއްޔެވެ؟

މީހަކު މަރުވުމަށްފަހު ޖަޒާ ދެއްވުމަށްފަހު ދެން ބާކީ އޮންނާނީ ކޮން އެއްޗެއް ހެއްޔެވެ؟ ސާލާރް ވަށައިގެން ބަލައިލިއެވެ. އެއީ ކޮންތަނެއް ހެއްޔެވެ؟ ކައްވަޅު ހެއްޔެވެ؟ ނުވަތަ ނަރަކަ ހެއްޔެވެ؟ ނުވަތަ އޭނާގެ ހަޔާތުގެ އުސްއަލިތައް ހެއްޔެވެ؟ އޭނާ ހުރީ ބަނޑުހައިވެގެން ހާންތިވެފައެވެ. ގައިން ކުދި ސޫފިތައް ދުވަނީއެވެ. އަތާއި ފައި ހުރީ އައްސިވެފައެވެ. ގައިގައި ހުރި ޒަޚަމްތައް ގޯހުން ގޯހަށް ދަނީއެވެ. އޭނާ އަނެއްކާވެސް ހަޅޭއްލަވަން ފަށައިފިއެވެ. މުޅި ހަޔާތުގައި ވެސް މިހައި ބިރެއް ނުގަނެއެވެ. ވަށައިގެން ބިރުވެރި ސޫރަތައް ފެންނަން ފަށަައިފިއެވެ.

ސާލާރްގެ ގައިގެ ނާރުތަކަށް ވާންވެ ސިކުނޑިން ލޭ ހޮޅިއެއް ފަޅައިގެން ގޮސްދާނެހެން ހީވިއެވެ. މަޑުމަޑުން އަޑު މަޑުވަމުން ގޮސް ނޭވާ ހާސްވިއެވެ. ބިރުވެރި އަޑުތައް އިވެންފެށިއެވެ. އޭނާގެ ފުރާނަ ދަނީކަން ކަށަވަރެެވެ. އޭނާގެ ހިތް ހުއްޓެނީއެވެ. ކުއްލިއަކަށް އަތް އައްސާފައި ހުރި އޮފިގަނޑުން އޭނާގެ އަތް ދޫވިއެވެ. ހިއްސުތައް ހޭލަން ފަށަައިފިއެވެ.

ތުންފަތުގައި ދަތް އަޅައިގެން ހުރެ އަތް މޮހެވޭތޯ ބެލިއެވެ. އަތަށް ދޫވާން ފަށައިފިއެވެ. ހީވާގޮތުން އޮފިގަނޑު ބިންދައިގެން ދިޔައީއެވެ. ޖަހާފައި ހުރި މަޅިން ސަލާމަތްވިއެވެ.

"އަހަރެން ސަލާމަތްވީތަ؟" އެތައް އިރެއްވަންދެން އަތް އައްސާފައި ހުރުމުގެ ސަބަބުން އަތުގައި އެ ނިޝާންތައް ކަނޑައި ނެގިފައި ހުއްޓެވެ. އަތަށް ގެންނަ ކުޑަކުޑަ ހަރަކާތަކުން ވެސް ގައިގައި އަޅާ ވޭނަށް ކެތްނުކުރެވެއެވެ. ކޮޅަށް ތެދުވާން އުޅުމުން އަރިއަޅާލައިގެން ވެއްޓުނެވެ. ދެފައި ހުރި އައްސިވެފައެވެ. ކަކޫ ބިންމަތީގައި ޖައްސާފައި އަނެއްކާވެސް ތެދުވާން މަސައްކަތް ކުރިއެވެ. މިފަހަރު ކާމިޔާބު ވިއެވެ.

އެ ދެކުދިން ދިޔައީ އޭނާ އަރައިގެން ހުރި ބޫޓުވެސް ހިފައިގެންނެވެ. އޭނާގެ އިސްޓާކީނު ކޮންމެވެސް ތާކު އޮންނާނެއެވެ. އިސްޓާކީނު އަތުގައި ޖެހޭތޯ ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވިއެވެ. އޭނާ ބޭނުންވީ ކޮންމެ ހާލެއްގައި ވެސް އެތަނުން ނިކުންނާށެވެ. ކަނު އަނދިރީގެ ތެރެއިން ވަރަށް މަސައްކަތުން އޭނާ މަގާއި ހަމައަށް ނިކުތެވެ. ގަޑިންވީ އިރެއް ނޭނގުނު ނަމަވެސް ރޭ ދެބައިވެއްޖެކަން އެނގެއެވެ. ރޮމުން ރޮމުން އިސްދަށަށް ޖަހައިގެން ހިނގާފައި ދިޔައެވެ. ފުލުހުންގެ ކާރަކަށް ސާލާރް ފެނުމުން އޭނާ ހުއްޓުވިއެވެ. ހުރެވުނުތަން ރޭކާލީ ދެނެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.