ފާނޫޒު - 58

(23 ސެޕްޓެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ސާލާރްެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާއަށް މިހުރެވެނީ އެފަދަ ޖަނަވާރާއި ސޫފާސޫފީގެ ބައިގަނޑެއްގެ މެދުގައެވެ. މީގެ އެތައް ދުވަހެއް ކުރިން އެ ބައިވެރިންނާ ދުރުވެވުނު ކަން އެނގުމުން އޭނާގެ ހިތަށް އުފާވެރިކަން ވެރިވިއެވެ. އެތަނުގައި ތިބި އެންމެންވެސް ތިބީ އުފަލުންނެވެ. ހިތްހަމަ ޖެހިފައެވެ. ހުނުމާއި އުފާ ފާޅުކުރުމުގައެވެ. އޭނާގެ ކުރިމަތީގައި މަންމަ ޠައްޔިބާ، ޢައްމާރުގެ ބަފާބެ އާއެކު ނަށަނީއެވެ. ކޮއްކޮ އަނީތާ، އޭނާގެ އެންމެ ދޮށީ ބޭބެ، ކަމްރާން އާއެކު ނަށަނީއެވެ.

ސާލާރްގެ އޭނާގެ ނިތްކުރީގައި ފިރުމައިލިއެވެ. ބޮލުގައި ރިއްސާން ފަށައިފިއެެވެ. މިއުޒިކުގެ އަޑު ގަދަކަމުން ކަމެއް، ނުވަތަ ނަފްސާނީ ހާލަތު ދަށަށް ދާން ފެށީ ކަމެއް ނޭނގެއެވެ. އައިނު ނެގުމަށްފަހު ދެ ލޯ ފޮހެލިއެވެ. އަނެއްކާ އައިނު އަޅައިގެން އެތަނުން ނިކުމެވޭތޯ ބެލިއެވެ.

"ކޮންތާކަށް ތި ދަނީ؟" އޭނާ ދާން ފެށުމުން ޠައްޔިބާ އޭނާގެ ފަހަތުން ގޮސް އަތުގައި ހިފިއެވެ. އޭނާ ސްޓޭޖުން ފޭބީ ދެންމެއެވެ. ހުރީ މާ ނޭވާ ލެވިފައެވެ.

"މަންމާ، ނަމާދުކޮށްގެން އެބަ އަންނަން."

"މިއަދު ނަމާދު ދޫކޮށްލިއަސް ރަނގަޅުވާނެ..."

ސާލާރް އަނގަޔަކުން ނުބުނެއެވެ. އެކަމަކު ހިނިތުންވެލިއެވެ. އޭނާ މަޑުމަޑުން ބޯ ހޫރާލާފައި މަންމަގެ އަތު ތެރެއިން އަތް ދަމައިގަތެވެ. އޭނާ ބެލީ ބޭރަށް ނުކުމެވޭތޯ އެވެ.

"އޭނާ ދެން ދުވަހަކުވެސް ކުރިން ހުރި ގޮތަށް ރުޖޫއައެއް ނުވާނެ. މަޖާކުރުމަކީ ވެސް ފަންނެއް. މި މޮޔަ ކުއްޖާއަަށް ދެން ދުވަހަކުވެސް އެފަންނެއް ދަހެއް ނުވާނެ." ޠައްޔިބާ ހިތާ ހިތުން ބުނެލިއެވެ.

މިއުޒިކާއި ހުނުމާއި މަޖަލުގެ އަޑުން ދުރަށް ގޮސް އޭނާ ހަމަޖެހުުމުގެ ނޭވާއެއް ލިއެވެ. ގޭޓުން ނުކުމެގެން މިސްކިތާ ދިމާއަށް ސާލާރް މިސްރާބު ޖެހިއިރު ލަވަ ކިޔުންތެރިޔާ ފޯރި ހިފަން ފެށީއެވެ. އެ ގޭގެ ތެރެއިން ނިކުމުގެން މިސްކިތަށް ދިޔަ ހަމައެކަނި މީހަކީ އޭނާއެވެ. ޕާކުކޮށްފައި ހުރި ކާރުތައް ފަހަނައަޅައި ދިޔައިރު އޭނާގެ ޚިޔާލުގައި ހުރީ ޑރ. ސިބްތެ އަލީގެ ނަސޭހަތެވެ. އަދި ނެށުމާއި، ލަވަ ކިޔުމާއި މަޖާ ނަގަން އެގޭގެ ތެރޭގައި ތިބި އެތައް ސަތޭކަ މީހުންނެވެ.

ނަމާދަށް މިސްކިތަށް ގޮސް ތިބީ އެންމެ ސާދަ މީހުންނެވެ.

***

ޕާކިސްތާނަށް އެނބުރި އައިސް، އިސްލާމްއާބާދުގައި މަސައްކަތް ކުރި އިރު އޭނާ ހުރީ މައިންބަފައިންނާ އެކު ގޭގައެވެ. ލާހޯރަށް ދިރިއުޅުން ބަދަލުކުރުމުން އަގު ބޮޑު ހިސާބަކުން ގެއެއް ކުއްޔަށް ހިފުމުގެ ބަދަލުގައި އޭނާ ޚިޔާރުކުރީ ފުރްގާން އުޅޭ އިމާރާތުން އެޕާޓްމަންޓެއް ހޯދާށެވެ.

އެ ތަނުން އެޕާޓްމަންޓެއް ހޯދި އަނެއް ބޭނުމަކީ ގޭގައި ނޫޅޭ ވަގުތު ވެސް ގެ ބެލެހެއްޓޭނެތީއެވެ. ވަކިން ގެއެއް ކުއްޔަށް ހިފައިގެން އުޅޭ ނަމަ ގެ ބަލަހައްޓާނެ މީހުން ހޯދަން ޖެހޭނެއެވެ. އެމީހުންނަށް މުސާރަ ދޭން ޖެހޭނެއެވެ. ފުރްގާން އާއެކު އުޅެން ފެށުމުން އޭނާއަށް އިތުރު ރައްޓެހިން ވެސް ލިބެންފެށިއެވެ. ސާލާރްގެ މޫޑާއި މިޒާޖު އެނގޭއިރުވެސް ފުރްގާން އޭނާ ގޮަވައިގެން އެކި ތަންތަނަށް ދެއެެވެ.

އެރޭ ފުރްގާން އޭނާ ގޮވައިގެން ދިޔައީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މީހަކު އިންތިޒާމު ކުރި ކެއުމަކާއި މިއުޒިކު ޕާޓީ އަކަށެވެ. ސާލާރަށް ވެސް އެތަނަށް ދައުވަތު ލިބުނެވެ. އެ ޕާޓީގައި ޣަޒަލް ކިޔާނެ ވާހަކަ ބުނުމުން އޭނާއަށް އެތަނަށް ނުގޮސް ނުހުރެވުނީއެވެ.

އެ ނަގަރުގައި (ސިޓީގައި) ދިރިއުޅޭ ކަމުވޮށިގެންވާ އެންމެން އެތަަނަށް ޖަމާވިއެވެ. ސާލާރަށް އެންމެން ހެން އެނގެއެވެ. އޭނާ ބައެއް މީހުންނާ ވާހަކަ ދައްކަން ފެށިއެވެ. އޭނާ ފުރްގާން ފެނޭތޯ ވަށައިގެން ހޯދައިލިއެވެ. ސާލާރް ކާން އިންތަން ފެނިފައި ފުރްގާން އައެވެ.

"ސާލާރް، އާދެބަލަ. އެންމެންނަށް ތައާރަފްވެލަން ހިނގާބަލަ." ފުރްގާން ބުންޏެވެ. "މިއީ ޑޮކްޓަރ ރިޒާ، ކުޑަ ކުދީންގެ ޚާއްޞަ ޑޮކްޓަރެއް. މަސައްކަތް ކުރަނީ ގަންގާރާމް ހޮސްޕިޓަލުގައި." ސާލާރް އޭނާ އާ ސަލާން ކުރިއެވެ.

"މިއީ ޖަލާލް އަންޞާރް." އޭނާގެ ތައާރަފެއް ސާލާރަކަށް ބޭނުމެއް ނުވެއެވެ. އޭގެ ފަހުން ފުރްގާން ބުނި އެއްވެސް ވާހަކައެއް އޭނާއަކަށް އަޑެއް ނީވެއެވެ. އޭނާ ޖަލާލް އާއި ވެސް ސަލާންކުރިއެވެ. ޖަލާލަށް ވެސް ސާލާރް އެނގޭނެއެވެ.

ސާލާރް އެތަނަށް ދިޔައީ ހިތްހަމަ ޖައްސާލާށެވެ. އެކަމަކު މުޅި ރޭ ޚަރާބުވާނެކަން އޭނާއަށް އެނގިއްޖެއެވެ. އެތައް ހަނދާންތަކެއް އާވާން ފެށިއެވެ. އޭނާއަށް އުނދަގޫ ވާން ފެށިއެވެ. މިއުޒިކް އޮންނަ ދިމާއަަށް އެންމެން ދާން ފެށިއެވެ. ފުރްގާން އިނީ ސާލާރް ގާތުގައެވެ. ޖަލާލް އިނީ އެ މީހުންނަށްވުރެ ތަންކޮޅެއް ކުރީގައެވެ. އެހެން ޑޮކްޓަރުންނާ އެކުއެވެ. އިގްބާލް ބާނޫ ފައިޒް އަޙްމަދު ފައިޒްގެ ޣަޒަލެއް ކިޔަން ފެށިއެވެ.

"އޭ ލޯބިވާއެވެ. އެކަނިވެރިކަމުގެ ބިރުވެރިކަން ފެތުރިއްޖެއެވެ.

ތުރުތުރު އަޅާން ފަށައިފިއެވެ.

ކަލާގެ އަޑުގެ ހިޔަނި...

ކަލާގެ ތުންފަތުގެ ހުވަފެން...

އެކަނިވެރިކަމުގެ ބިރު...

ވަކިވުމުގެ ހިތާމަ...

މަލާއި މީރުވަހުގެ ތެރެއިންވެސް ކުރެވޭ އިހްސާސަކީ މިއީއެވެ."

އޭނާގެ ވަށައިގެން ތިބި އެންމެން ލަވައިގެ ޅެންވެރިކަމާއި ލަވަކިޔުންތެރިޔާގެ އަޑު އިވިފައި އާޝޯޚު ވެފައި ތިއްބެވެ. ސަލާރް އިށީނދެލައިގެން އިނީ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައެވެ. ކުރިމަތިން ފެންނަ މީހާއާ ދިމާއަށް އޭނާ ބަލައިލިއެވެ. މީގެ ކުރިން ދުވަހަކުވެސް އޭނާ މީހަކު ދެކެ ހަސަދަވެރިއެއް ނުވެއެވެ. އެކަމަކު އެ މީހާ ފެނުމުން އޭނާއަށް އެ އިހުސާސް ކުރެވެން ފެށިއެވެ.

ގަޑިއެއްގެ އިރު ފަހުން އޭނާ ފުރްގާން ގާތު އެހިއެވެ. "ދާކަށް ނުވޭތަ؟"

"ކޮންތާކަށް؟"

"ގެއަށް..."

"އަދި ކިރިޔާ އެ ފެށުނީ. ބުނީމެއްނު ތަންކޮޅެއް ދަންވަންދެން އޮންނާނެއޭ."

"އާނ. އެކަމަކު އަހަރެން ބޭނުންވަނީ ދާން. ފުރްގާން މަޑުކުރޭ. އަހަރެން ގެންގޮސްދޭނެ މީހަކު ހޯދަދީ."

ފުރްގާން އޭނާގެ މޫނަށް ބަލައިލިއެވެ. "ކިހިނެއްވީ، މާ އަވަހަށް ދާން ތިއުޅެނީ؟"

"ކުއްލިއަކަަށް ވަރަށް މުހިއްމު ކަމެއް ހަނދާންވީ." ހިނިތުންވެލަން މަސައްކަތް ކުރަމުން އޭނާ ބުންޏެވެ.

"އިގްބާލް ބާނޫގެ އަޑު އަހަން އިނދެފައި އެހެން ކަމެއް ހަނދާންވަނީ ކިިހިނެއް؟"

"ފުރްގާން އިނދޭ. އަހަރެން ހިނގައިދާނަން." އެހެން ބުނެފައި ސާލާރް ތެދުވިއެވެ.

"ހާދަ ފާޑަކަށް ތިއުޅެނީ. މިތަނުން ކިހިނެއް އެކަނި ދާނީ؟ ތިހާވަރަށް ދާން ބޭނުމިއްޔާ ހިނގާ ދާން." ފުރްގާން ވެސް ތެދުވިއެވެ.

ދެމީހުން ނުކުމެގެން ގޮސް ކާރަށް އެރިއެވެ.

"ބުނެބަލަ، ކިހިނެއްވީ ކުއްލިއަކަށް؟" ފުރްގާން ކާރު ދުއްވައިލަމުން އެހިއެވެ.

"އެތަނުގައި އިންނަން ބޭނުންނުވީ."

"ކީއްވެ؟"

ސާލާރް ޖަވާބެއް ނުދިނެވެ. އޭނާ އިނީ ކުޑަދޮރުން ބޭރު ބަލާށެވެ.

"ޖަލާލް އާ ހެދިތަ އެތަނުން ނުކުންނަން ބޭނުންވީ؟"

ސާލާރް ފުރްގާނާ ދިމާއަށް އެނބުރުނެވެ. ފުރްގާން ފުން ނޭވައެއް ލިއެވެ.

"މިފަހަރު ދިމާވެއްޖެ. ތި ނުކުތީ ޖަލާލް އަންޞާރް އާ ހެދި."

"ކިހިނެއް އެނގެނީ؟" ބަލި ގަބޫލުކުރާ ރާގަކަށް ސާލާރް ބުންޏެވެ.

"ތި ދެމީހުން ބައްދަލުވީ އާދަޔާ ޚިލާފު ގޮތަކަށް. ޖަލާލް މާ ބޮޑު ސަމާލުކަމެއް ނުދެއެއްނު؟ ބެންކުގައި މަަސައްކަތް ކުރަން ފެށުމުގެ ކުރިންވެސް މަޝްހޫރު މީހެއް، އޭނާއަކީ ލިބޭ ހުރިހާ ފުރުސަތެއްގެ ބޭނުން ހިފާ މީހެއް، ވަކިން ޚާއްޞަކޮށް އޭނާއަށް ފައިދާއެއް ވާން އޮތިއްޔާ، އެކަމަކު އޭނާ އަޅާވެސް ނުލިއެއްނު. އެވެސް އަދި ސާލާރް ކަޅިޖަހާނުލައި އޭނަ އަށް ބަލަން ހުރި އިރު..." ފުރްގާން މަޑުމަޑުން ބުނެލިއެވެ.

"ޖަލާލް އަންޞާރް ދަންނަންތަ؟" ސާލާރް އެހިއެވެ. ކުރިމަތިން ފެންނަން އޮތް މަގަށް ބަލަން އިނދެފައި އޭނާ ބުންޏެވެ. "އިމާމާ އިންނަން އުޅުނު މީހަކީ އެއީ."

ފުރްގާނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ސާލާރް އާއި ޖަލާލް އާ ދެމެދު އެކަހަލަ ގުޅުމެއް އޮވެދާނެއެކޭ އޭނާގެ ހިތަކަށް ނާރައެވެ. އެކަން އެނގޭނަމަ އޭނާ އެއްވެސް ސުވާލެއް ނުކުރީހެވެ. އެތައް އިރެއް ވަންދެން ކާރުތެރެއަށް ހިމޭންކަން ވެރިވެފައި އޮތެވެ.

"ޖަލާލް އަންޞާރް ކަހަލަ މީހަކާ އިންނާން އޭނާ އުޅުނުކަން އެނގުމުން އަހަރެން ހައިރާންވެއްޖެ. އެއީ ވަރަށް ބޯ ހަރު މީހެއް. ފައިސާ ނޫން އެހެން އެއްވެސް އެއްޗެއް އޭނާއަށް މުހިއްމެއް ނުވާނެ. ބަލިމީހުން ފައިސާ ހޯދާނީ ކޮންތާކުން، ކިހިނެއް ކަމެއް އޭނާއަކަށް މުހިއްމެއް ނުވާނެ. އެގޮތަށް ދާނަމަ ދިހަ އަހަރުތެރޭ ލާހޯރުގައި ހުރި އެންމެ މުއްސަނދި ޑޮކްޓަރަށް އޭނާ ވާނެ."

ފުރްގާން ދައްކަނީ ޖަލާލް ގެ ވާހަކައެވެ. ސާލާރް އަނގައިން ނުބުނެ އަޑުއަހަން އިނެވެ. އޭނާގެ ވާހަކަ ނިމުމުން ސާލާރް ބުންޏެވެ. "ތަގްދީރޭ ކިޔަނީ މިއަށް."

"އޭނަ ދެކެ ހަސަދަވެރިވޭތަ؟" ފުރްގާން ހައިރާންވެފައި އެހިއެވެ.

"ނޫން، ނުވޭ." ސާލާރް ފާޑަކަށް ހީނލިއެވެ. "ދެންމެ ތި ދެއްކި ހުރިހާ ވާހަކައެއް މީގެ އެތައް އަހަރެއް ކުރިން އެނގިފައި އޮތީ، އިމާމާ ބުނެެގެން އަހަރެން އޭނަޔާ ބައްދަލުކުރި ދުވަހު. އެ ދުވަހު އަހަންނަށް އެނގިއްޖެ އޭނަ ވާނީ ކޮންކަހަލަ ޑޮކްޓަރަކަށް ކަން. އެކަމަކު މިއަދު އޭނާއާ ދިމާވުމުން ހަސަދަވެރިވެވިއްޖެ. ތައުރީފު ކުރާނެ އެންމެ ސިފައެއް ވެސް ނުފެނުނު. އެކަހަލަ އެތައް ޑޮޮކްޓަރުންނެއް މި ދުނިޔޭގައި އުޅޭނެ، މުދަލާ ފައިސާއަށްޓަކައި އުޅޭ. އިމާމާ ހާޝިމް ކަހަލަ ކުއްޖަކު އޭނާ ދެކެ ލޯބިވުމަކީ ކިހައި ބޮޑު ނަސީބެއް. އެކުއްޖާ ގެއިން ނުކުމެ، ދިރިއުޅުން ބަރުބާދު ކޮށްލީ އޭނައަށްޓަކައި."

ވާހަކައިގެ މެދުތެރެއިން އޭނާ ހުއްޓާލިއެވެ. އެނާގެ ލޮލަށް ކަރުނަ ޖަމަވާތަން ފުރްގާނަށް ފެނުނެވެ.

"އިމާމާ ހާޝިމް އޭނަ ދެކެ ލޯބިވާނީ އޭނަގެ ކޮންމެވެސް ޚާއްޞަ ސިފައެއް ހުރީމާ." ސާލާރް ލޮލުން ކަރުނަ ފޮހެލިއެވެ.

"ސާލާރަށް ޖަލާލް އަންޞާރް އާ އެތަނުން ދިމާވާނެކަން އެނގުނު ނަމަ އެތަނަށް ނުގެންދިޔައިމުސް." ފުރްގާން ގެއާ ދިމާއަށް ދުއްވަމުން ބުންޏެވެ.

"އަހަންނަށް ކުރިން އެނގުނު ނަމަ އަހަރެން ނުވެސް ދިޔައިމުސް." ސާލާރް ގެ ހިތަށް އެރިއެވެ.

ކާރުތެރެއަށް އަނެއްކާވެސް ހިމޭންކަން ވެރިވިއެވެ. ފުރްގާން އިރުކޮޅަކުން އެނބުރިފައި އެހިއެވެ. "އެ ކުއްޖާ ހޯދަން އެއްވެސް މަސައްކަތެއް ކުރިންތަ؟"

"ކޮން ކުއްޖެއް؟ އިމާމާ؟ އޭނަ ނުފެންނާނެ."

"ކީއްވެ؟"

"ކިހިނެއް އޭނަ ހޯދާނީ؟ އެތައް އަހަރެއް ކުރިން އަހަރެން ވަރަށް މަސައްކަތް ކުރިން. އެކަމަކު ނަތީޖާއެއް ނުފެނުނު. މިހާރު އަދި މާ އުނދަގޫ ވާނެ."

"ނޫހުގައި ޖަހަންވީނު؟"

"ނޫހުގައި...؟" ސާލާރް އެހިއެވެ. "އޭނަ ވީ ތަނެއް ދެނެވޮޑިގެންވާނީ ކަލާނގެ. އެކަމަކު އެއް ކަމެއް ގައިމު، އޭނާގެ އާއިލާ މީހުން އަހަރެންގެ ފަހަތުން އަންނާނެ، ކުރިން ވެސް އަހަރެންގެ ބޮލުގައި އެމީހުން ތުހުމަތު އެޅުވީ. އެހެން ނޫނަސް ނޫހުގަ ޖަހާނީ ވެސް ކީކޭ؟" ސާލާރް ނާއުއްމީދުވެފައި އެހިއެވެ.

"އެހެންވެއްޖެއްޔާ އޭނަގެ މަތިން ހަނދާން ނައްތާލާ." ފުރްގާން ބުންޏެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.