ފާނޫޒު - 45

(1 ސެޕްޓެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ) 

ގަޑިންވީ އިރެއް ނޭނގުނު ނަމަވެސް ރޭ ދެބައިވެއްޖެކަން އެނގެއެވެ. ރޮމުން ރޮމުން އިސްދަށަށް ޖަހައިގެން ހިނގާފައި ސާލާރް ދިޔައެވެ. ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް އޭނާ ފެނުމުން ހުއްޓުވިއެވެ. ހުރެވުނުތަން ރޭކާލީ ދެނެވެ. އެހެން ނަމަވެސް ރުއިން ހުއްޓައެއް ނުލެވުނެވެ. އެމީހުން ކުރި އެއްވެސް ސުވާލަކަށް ދޭނެ ޖަވާބެއް އޭނާއަކަށް ނޭނގުނެވެ. ފަނަރަވަރަކަށް މިނެޓުގެ ތެރޭގައި ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދިނެވެ. ފުލުހުން ގާތު ގޭގެ އެޑްރެސް ބުނަން އުޅެއުޅެ އަޑެއް ނުނިކުތެވެ. ދުޅަވެފައިވާ އަތުން ފޯން ނަންބަރާއި ގޭގެ އެޑްރެސް ކަރުދާސްކޮޅެއްގައި ލިޔެދިނެވެ.

***

"ކިހާ އިރެއް ވަންދެން މިތާ ބާއްވާނީ؟"

"މާ ގިނަ އިރެއް ނުވާނެ. ހޭ އެރުމުން ޗެކަޕެއް ހަދާފަ ދޫކޮށްލާނަން. ޒަޚަމްތައް އެހައި ސީރިއަސް އެއް ނޫން. އަރާމުކުރަން ދެން ޖެހޭނީ."

ހޭ އަރަމުން ދިޔައިރު އޭނާއަށް ސިކަންދަރް އުސްމާންގެ އަޑު އިވުނެވެ. ދެން ވާހަކަ ދައްކަނީ ޑޮކްޓަރެވެ. ސާލާރް މަޑުމަޑުން ލޯ ހުޅުވައިލިއެވެ. ކޮޓަރި ހުރީ ދިއްލައިފައެވެ. އަލިގަދަކަމުން އޭނާ ވަގުތުން ލޯ މަރައިލިއެވެ. އޭނާ އެ އޮތީ އާއިލާ ޑޮކްޓަރުގެ އަމިއްލަ ކްލިނިކްގައި ހެން ހީވެއެވެ. މިކަހަލަ ކޮޓަރިއެއްގައި މީގެ ކުރިންވެސް އޭނާ އެޑްމިޓްކުރެވުނެވެ. މިހާރު އޭނާގެ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަން ފަށައިފިއެވެ.

ގައިގައި ހުރި ޒަޚަމްތަކުން އަޅާ ވޭން ކޮންމެވެސް ވަރަކަށް އިހުސާސްކުރެވެން ފަށައިފިއެވެ. އެކަމަކު މިހާރު އޭނާ އޮތީ އަރާމު، މަޑު ގޮދަޑިއެއްގެ މަތީގައެވެ. ހެދުންވެސް ބަދަލުކޮށްފައެވެ. އޭނާ ހޭއެރިތަން އެންމެ ފުރަތަމަ ފެނުނީ ޑޮކްޓަރަށެވެ. އެއީ އާއިލާ ޑޮކްޓަރެއް ނޫނެވެ. އެ ޑޮކްޓަރާއެކު މަސައްކަތް ކުރާ އެހެން މީހެކެވެ. ސާލާރް ގާތަށް އަންނަން ޑޮކްޓަރު ސިކަންދަރަށް އިޝާރާތްކުރިއެވެ.

"ހޭ އެރީތަ؟" ދުރުގައި ހުރި ސޯފާއެއްގައި އިށީނދެގެން އިން ޠައްޔިބާ ދުވަމުން ކަހަލަ ގޮތަކަށް އޭނާގެ ގާތަށް އަންނަތަން ފެނެއެވެ. ސިކަންދަރް އިނީ އިސްދަށަށް ޖަހައިގެންނެވެ. ވިންދު ބަލާލާފައި ޑޮކްޓަރު ސާލާރްގެ ހާލު އެހިއެވެ.

ސާލާރް އެއްޗެއް ބުނަން އުޅުނެވެ. އެކަމަކު އަޑެއް ނުނިކުތެވެ. ޑޮކްޓަރު ތަކުރާރުކޮށް ސުވާލުކުރިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ސާލާރް ބޯ ހަލުވައިލިއެެވެ.

"ވާހަކަ ދައްކަބަލަ." ސާލާރްގެ އަޑު ނުނިކުންނަކަން ޑޮކްޓަރަަށް ފާހަގަވިއެވެ. ޑޮކްޓަރު ތަބަކުން ޓޯޗެއް ކަހަލަ އެއްޗެއް ނެގިއެވެ.

"އަނގަ ހުޅުވާ." ސާލާރް އަނގަ ހުޅުވިއެވެ. އޭނާގެ ކަރު ބަލާފައި ޑޮކްޓަރު ޓޯޗު ނިއްވައިލިއެވެ.

"ކަރު ރަނގަޅަށް ބަލައިލަން އެބަޖެހޭ." ސިކަންދަރް ގާތު ޑޮކްޓަރު ބުންޏެވެ. ދެން އޭނާ ނޯޓު ފޮތަކާއި ގަލަމެއް ސާލާރަށް ދިއްކޮށްލިއެވެ. "އިށީނދޭ، ކަރަށް ވީ ގޮތެއް އަހަރެމެންނަށް ކިޔައިދީ." އިށީންނާކަށް އޭނައަކަށް އުނދަގުލެއް ނޫނެވެ. ނަރުސް ކުއްޖާގެ އޭނާގެ ބުރަކަށި ދަށަށް ބާލީހެއް ލެއްވިއެވެ. ސާލާރް ގަލަން ހިފައިގެން ވިސްނަން އިނެވެ.

"ކިހިނެއްވީ... ކަރަށް... ހަށިގަނޑަށް... ސިކުނޑިއަށް؟" އޭނާއަށް އެއްވެސް އެއްޗެއް ނުލިޔެވުނެވެ. އޭނާ ގަލަމަށް ބަލަހައްޓައިގެން އިނެވެ. އެ ހާދިސާ މަތިން ހަދާންވާން ފެށިއެވެ. ވާހަކަ ނުދެއްކިގެން މިއުޅެނީ މާ ބާރަށް ހަޅޭއްލެވީމައެވެ. "ކޯޗެއް ލިޔަންވީ؟" ފަރުބަދައެއްގެ މަތީގައި ބަޔަކު އަހަރެންގެ ސާމާނު އަތުލުމަށްފަހު ގަހަކަށް އައްސާފައި ދިޔަ ވާހަކަ ހެއްޔެވެ؟ ފުރާނައާ ހަނގުރާމަ ކުރިވާހަކަ ހެއްޔެވެ؟

އިރުކޮޅަކު ވިސްނަން އިނދެފައި އެ ހާދިސާ ހިނގި ގޮތް ނޯޓު ފޮތުގައި ލިޔުނެވެ. ނޯޓު ފޮތުގައި ލިޔެފައިވާ ހަތެއް ނުވަތަ އަށް ޖުމުލަ ކިޔާފައި ޑޮކްޓަރު ސިކަންދަަރަށް ފޮތް ދިއްކޮށްލިއެވެ.

"އަވަހަށް ފުލުހަށް ގުޅާ، އޭރުން ކާރު ފެންނާނީ. މިހާރު މާ ލަސްވެސް ވެއްޖެ." ޑޮކްޓަރު ސިކަންދަރަށް ލަފާދިނެވެ.

"އާނ. އަންގާލާނަން." ޑޮކްޓަރާއި ނަރުސް ކުއްޖާ ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. އެ މީހުން ނިކުތުމާއެކު ސިކަންދަރް ސާލާރާ ދިމާއަށް ނޯޓުފޮތް ހޫރައިލިއެވެ.

"ތި ދޮގު ބޮނޑިވަރު ބާއްވާ. އަހަރެން ކަލޭ ދައްކާ ވާހަކަ ގަބޫލުކުރާނެއޭ ހީވަނީތަ؟ ނުކުރާނަން، ދުވަހަކުވެސް ނުކުރާނަން." ސިކަންދަރު ހުރީ ރުޅި އައިސް ރަތްވެފައެވެ. "މިއީ އަމިއްލައަށް މަރުވާން ކަލޭ އެންމެ ފަހުން ކުރި ތަޖުރިބާ."

އެހެން ނޫންކަމަށް ބައްޕަ ގާތު ބުނަން ސާލާރް ބޭނުންވިއެވެ. އެކަމަކު އޭނާގެ އަޑެއް ނުނިކުތެވެ.

"ޑޮކްޓަރު ގާތު އަހަރެން ކީކޭ ބުނާނީ؟ ތިއީ އަމިއްލައަށް މަރުވާން އުޅޭ މީހެކޭ؟" ސިކަންދަރް މިހައި ރުޅި އައިސްފައި ހުއްޓާ ުވަހަކުވެސް ސާލާރް ނުދެކެއެވެ. އެމީހުން އޭނާ ދެކެ ފޫހިވީކަމަށް ވެދާނެއެވެ. ޠައްޔިބާ އަނގައިން ނުބުނެ އިނެވެ.

"ކޮންމެ އަހަރަކު އާ ޑްރާމާއެއް. އާ މުސީބާތެއް. ކަލޭ އަހަރުމެންނަށް ލިބުނީ އަހަރެމެންނަށް ކޮން ފާފައެއް ކުރެވިގެންބާއޭ ހިތަށް އަރާ؟" މިއީ އޭނާ ފުރާނަ ނަގައިލަން ކުރި ކަމެއްކަން ސިކަންދަރަށް ޔަގީނެވެ. އޭނާގެ ހަށިގަނޑުގައި ހުރި ޒަޚަމްތަކަކީ ބަޔަކު ދިން އަނިޔާއަކަށް ނުވާނެއެވެ. ހެއްކެއް ނެތި އޭނާގެ ވާހަކަ ގަބޫލެއް ނުކުރެވޭނެއެވެ. މީގެ ކުރިން އެތައް ފަހަރަކު އޭނާ ފުރާނަ ނަގާލަން މަސައްކަތް ކޮށްފިއެވެ.

"އާ ޑްރާމާ އެއް ނުކުޅޭތާ މިހާރު ލައްކަ ދުވަސްވެއްޖެ. މައިންބަފައިން ލަދުނުގަންނަވައި އެތައް ދުވަހެއް ވެއްޖެ. އެހެންވީމަ ކުރިކަމެއް ތީ."

"ސިކަންދަރް، އޭނާ އެ ހަދަނީ ތެދު ކަމަށްވެސް ވެދާނެއެއްނު؟ އެންމެ ކުޑަވެގެން ފުލުހުންނަށް ކާރުގެ ވާހަކަ އަންގާލަދީ." ނޯޓު ފޮތުގައި ލިޔެފައި ހުރި ވާހަކަތައް ކިޔާފައި ޠައްޔިބާ ބުނެލިއެވެ.

"އޭނާ އެ ބުނަނީ ތެދުހެން ހީވޭތަ؟ ދުވަހަކުވެސް ތެދެއް ބުނިތަ؟ އޭނަ ދައްކާ ވާހަކަ އަހަރެން ގަބޫލެއް ނުކުރަން. ކަލޭގެ މި ދަރި، އަދި އަހަރެން ދަން ޖައްސާނެ. އަހަންނަށް މީހުން ކިހާ މަލާމާތެއް ކުރާނެ. ކާރަށްވެސް ކޮންމެވެސް ކަމެއް ކުރީ ކަމަށްވާނީ، ވިއްކާލީ ނޫން ކަމެއްވެސް ނޭނގޭ."

ސިކަންދަރް މީގެ ކުރިން ސާލާރާ އެހާ އިހާނެތިކޮށް ވާހަކައެއް ނުދައްކައެވެ. ހަތަރު ބެއިންގެ ތެރެއިން ސިކަންދަރާ ދިމާއަށް އެއްޗެއް ބުނަން ކެރޭ ހަމައެކަނި ކުއްޖަކީ ސާލާރެވެ. މިއަދު ސާލާރް އިނީ ބައްޕަގެ ވާހަކަ އަޑުއަހާށެވެ.

އޭނާ އާ ހެދި މައިންބަފައިންނަށް އުފުލަން ޖެހުނު ތަކުލީފާ މެދު މީގެ ކުރިން ދުވަހަކުވެސް އޭނާ ވިސްނައެއް ނުލައެވެ. ބޭނުން ކޮންމެ ކަމެއް އެމީހުން ކޮށްދެއެވެ. އޭގެ ބަދަލުގައި އޭނާގެ ފަރާތުން ލިބެނީ ހިތްދަަތި ކަމެވެ. އެހެން އެއްވެސް ކުއްޖެއްގެ ފަރާތުން ސިކަންދަރާ ޠައްޔިބާއަށް އެއްވެސް ތަކުލީފެއް ކުރިމައްޗެއް ނުވެއެވެ.

"ކަލެޔާ ހެދި އަހަރެމެން ދެމީހުން އަމިއްލައަށް އަދި މަރުވާނެ. އޭރުން ކަލޭ ހިތް ހަމެޖެހޭނީ."

ހަޔާތުގައި ފުރަތަމަ ފަހަރަށް މައިންބަފައިންނަށް އޭނާ ބޭނުން ޖެހުނީ ރޭ، ވާދީ ތެރޭގައި ގަހަކަށް ބަނދެފައި އިން އިރު އެވެ. މައިންބަފައިންގެ މުހިއްމުކަން އޭނާއަށް ފުރަތަމަ ވިސްނުނީ ރޭގައެވެ. މައިންބަފައިންނާ ނުލާ އޭނާ ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ މައިންބަފައިން ފިޔަވައި އޭނާ އާ އަޅާލާނީ ކޮން ބައެއް ހެއްޔެވެ؟ އޭނާ އެންމެ ލޯބިވާ މީހަކީ ސިކަންދަރެވެ. އެންމެ ގިނައިން ޒުވާބުކުރަނީ ވެސް ސިކަންދަރާ އެވެ.

"އަހަރެން ކަލޭގެ މޫނު ދެކެންވެސް ބޭނުމެއް ނޫން. އަހަރެން ބޭނުންވަނީ ދޮގު ހަދާފަ ތިބުނި ތަނަކަށް ކަލޭ ގެންގޮސް އެއްލައިލަން."

"ހުއްޓާލާ ސިކަންދަރް، ހެޔޮނުވާނެ." ޠައްޔިބާ ބުންޏެވެ.

"އަހަރެން ހުއްޓާލަންވީ ކީއްވެ؟ އޭނާ ހުއްޓާނުލައިގެން އުޅެނީ ކީއްވެ؟ އަހަރެމެންނާ މެދު ވިސްނާލާފަ އޭނާ ހުއްޓާލިއްޔާ ވާނީ ކީއް؟ މިއީ އަަހަރެމެންގެ ދިރިއުޅުން ބަރުބާދު ކުރަން ފޮނުއްވި ކުއްޖެއްތަ؟" ސިކަންދަރް އިނީ އަދިވެސް ރުޅި އައިސްފައެވެ.

"އިރުކޮޅަކުން އޭނަގެ ބަޔާން ނަަގަން ފުލުހުން އަންނާނެ. އެމީހުން އައިމަ އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށްދޭނެ. ރަނގަޅުވީހީ ބަޔަކު އޭނާގެ އަތުން ވައްކަން ކޮށް ފަރުބަދަ މަތިން އެއްލައިލިނަމަ، އޭރުން އަހަންނަށް އިތުރު މުސީބާތެއް ކުރިމައްޗެއް ނުވާނެ."

ސާލާރް ރޯން ފަށައިފިއެވެ. ސިކަންދަރާއި ޠައްޔިބާ ސިހުނެވެ. ދެއަތް ޖޯޑުކޮށްގެން އިނދެ އޭނާ ފުރަތަމަ ފަހަރަށް ރޯން ފެށިއެވެ. އާދޭސް ކުރާ ފާޑަށެވެ. ސިކަންދަރް ގޮނޑިން ތެދުވިއެވެ. އޭނާ އެ ބުނަނީ ކޮން ވާހަކައެއް ހެއްޔެވެ؟ ބޭނުންވެގެން އެ އުޅެނީ ކޮން ކަމެއްހެއްޔެވެ؟

ޠައްޔިބާ ސާލާރް ގާތުގައި އިށީނދެ އޭނާގެ ގައިގައި ބައްދާލިއެވެ. އަދި ބުރަކަށީގައި ފިރުމަމުން އޭނާ ހަމައަކަށް އެޅުވޭތޯ ބެލިއެވެ. ކުޑަ ކުއްޖެއްހެން ސާލާރް މަންމަގެ ގައިގައި ބާރަށް ބައްދާލިއެވެ. އެމަންޒަރު ފެނިފައި މިފަހަރު ސާލާރް އެ ބުނަނީ ތެދުކަން ޠައްޔިބާ އަށް އިހުސާސް ކުރެވުނެވެ. އަދި އޭނާއަށް ކޮންމެވެސް ކަމެއް ވެއްޖެކަމަށް ގަބޫލުކުރެވުނެވެ. ޠައްޔިބާ ގައިގައި ބައްދައިގެން އޮވެ ސާލާރް ބާރަށް ރޮނީއެވެ. ދިމާވާ ބޮޑެތި ކަންތައްތަކުގައި ވެސް އޭނާއަކީ ކަރުނަތިތްކެއް ވެސް ވައްޓައިލާ ކުއްޖެއް ނޫނެވެ. އޭނާގެ ކަރުނަ ނުހުއްޓިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟

ސިކަންދަރް ވިސްނައިލިއެވެ. ހަމަ ރަނގަޅަށްވެސް ސާލާރް އިނީ ގަހަކަށް ބަނދެފައި ބާވައޭ އޭނާގެ ހިތަަށް އެރިއެވެ. މުޅި ރޭ އޭނާ ހޭދަކުރީ ސާލާރް އާދޭތޯ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެއެވެ. މެންދަމުން އަލިވެ ތިނެއް ޖެހުމުން އޭނާ އޮށޯތީ އެވެ. ފުލުހުން ފޯނުކުރީ އެގަޑީގައެވެ.

ސިކަންދަރް ހޮސްޕިޓަލަށް ދިޔައިރު ސާލާރް އޮތީ ވަރަށް ހާލުދެރަކޮށެވެ. އެކަމަކު އޭނާ ސާލާރްގެ ވާހަކަ ގަބޫލުކުރަން ބޭނުންނުވީއެވެ. އަމިއްލަ ނަފުސަށް ސާލާރް ގޯނާކުރާނެ ކަން އޭނާއަށް އެނގެއެވެ. އަތުގައި ކަޓަރު އެޅުމާއި، އެއްކޮޅުން ދުއްވާ މަގެއްގައި ޓްރެފިކާ ދެކޮޅަށް ބައިސިކަލު ދުއްވުމާއި، ނިދާ ބޭސް ކާޑެއް ކެއުމާއި އަދި އަމިއްލައަށް ބަނދެވިގެން ކޯރަކަށް ފުންމާލި މީހަކަށް ޖަންގަލީ ތެރޭގައި ގަހަކަށް ބަނދެވިގެން އިނުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ.

ސޫފިތައް ހެފުމުގެ ސަބަބުން ގައިގެ އެކިތަންތަން ހުރީ ދުޅަވެފައެވެ. ގަައިގައި ނޫފައިގެންފައި ހުރި ތަންތަންވެސް މަދެއް ނޫނެވެ. އަތުކުރިއާއި ކަރާއި ބުރަކަށީގެ ހާލަކީވެސް އެއީއެވެ. ކޯތާފަތް މަތީގައި ވެސް ޒަޚަމް ހުއްޓެވެ. މިއީ އޭނާ އަމިއްލައަށް ކުރި ކަމެއްކަން ސިކަންދަރަށް ޔަގީނެެވެ. ސާލާރް ކިތަންމެ ވަރަކަށް ކިޔައިދިނަސް އޭނާ ސާލާރްގެ ވާހަކަ ގަބޫލެއް ނުކުރާނެއެވެ. އެކަމަކު ގިސްލަގިސްލާފައި ރޯތަން ފެނުމުން އޭނާ ވާހަކަ ދެއްކީ ހަގީގަތަަށް ކަމަށް ގަބޫލުކުރެވުނެވެ.

އޭނާ ކޮޓަރިން ނިކުމެފައި ފުލުހަށް ގުޅިއެވެ. އޭގެ ގަޑިއެއްގެ އިރު ފަހުން ރަތް ކުލައިގެ ސްޕޯޓްސް ކާރެއް ހޯދި ވާހަކަ ފުލުހުން އޭނާއަށް އެންގިއެވެ. ކާރު ދުއްވާފައި ދިޔަ ދެ ކުދީން ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެކުދީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނީ ފުލުހުން ހިންގި ހަރަކާތެއްގައި އާދަޔާ ޚިލާފަށް ހާސްވެފައި މިކުދިން ތިބިކަން ފާހގަކުރެވުމުންނެވެ. ކާރެއް ގެއްލިގެން މައްސަލަ ހުށަހަޅާފައި ނުވާތީ ފުލުހުންނަށް އެ ކުދީންގެ ބަޔާނުގެ ތެދުކަން ދެނެގަންނަން އުނދަގޫވިއެވެ. ސިކަންދަރް އުސްމާނު ކާރު ގެއްލުނު މައްސަލަ ފުލުހަށް ހުށަހެޅުމާއެކު ފުލުހުން ކާރު ހޯދާފައިވާ ކަމަށް އޭނާއަށް އެންގިއެވެ.

***

ސިކަންދަރާއި ޠައްޔިބާ އެރޭ ސާލާރް ގެއަކަށް ނުގެންދެއެވެ. ޖެހިގެން އައި ދުވަހު އޭނާގެ ގައިގެ ދުޅަ މަޑުވެ ތަދު ކުޑަވިއެވެ. އޭނާ ބަލައި ސިކަންދަރާއި ޠައްޔިބާ ހޮސްޕިޓަލަށް ދިޔައީ ހެނދުނު 11 ޖެހިއިރުއެވެ. އޭގެ ކުރިން ފުލުހުން އައިސް ސާލާރްގެ ބަޔާން ނެގިއެވެ.

ކޮޓަރިއަށް ވަންނަމުން ފާރުތަކުގައި ހުރި އިސްކޮޅު ސައިޒުގެ އޮރިޔާން ފޮޓޯތައް ފެނިފައި ސާލާރް ލަދުން އިސްޖެހިއެވެ. މިއީ އެ ޕޯސްޓަރުތައް ފެނި އޭނާ ލަދުން އިސްޖެހި ފުރަތަމަ ފަހަރެވެ. ސިކަންދަރާއި ޠައްޔިބާވެސް އެކޮޓަރިއަށް ވަދެ ނިކުމެއެވެ. އެމީހުންނަކަށް ވެސް އެއީ މާބޮޑު ކަމަކަށް ނުވެއެވެ.

"އަރާމު ކުރޭ. އައިސް އަލަމާރީގައި މޭވާ އާއި ޖޫސް ހުންނާނެ. ބަނޑުހައިވީމަ ކާލާ. ނުވަތަ ނޯކަރަށް ގޮވާ." ޠައްޔިބާ ބުންޏެވެ.

ސާލާރްގެ މަންމަ އާއި ބައްޕަ އޭނާގެ ގާތު އިރުކޮޅަކު މަޑުކުރިއެވެ. އިރުކޮޅެއްފަހުން ދޮރުފޮތިތައް ދަމާލާފައި ކޮޓަރިން ނިކުތެވެ. ސާލާރް ތެދުވެ ކޮޓަރި ތަޅުލިއެވެ. އަދި ދޮރުފޮތި ކަހާލާފައި ފާރުތަކުގައި ހުރި ޕޯސްޓަރުތައް ނަގަން ފެށިއެވެ. ޕޯސްޓަރުތައް ނަގައިގެން ގޮސް ފާޚާނާއަށް ވަދެ ބިލިގާއަށް އެޅިއެވެ. އޭނާގެ މޫނުގައި ހުރި ޒަޚަމްތައް ފެނުނީ އެވަގުތުއެވެ. އެނބުރި ކޮޓަރިއަށް ގޮސް ކޮޓަރީގައި ހުރި ޕޯނޯގްރެފީ މަޖައްލާތައް ނަގައިގެން ގޮސް ބިލިގާއަށް އެޅިއެވެ. އަދި ވީޑިއޯ ޓޭޕާއި ކެސެޓުވެސް ބިލިގާއަށް އެޅުމަށްފަހު ލައިޓަރުން ރޯކޮށްލިއެވެ. އޭނާ އެތަކެތި އަންދާލީ ނަރަކައިގެ އަލިފާނުން ސަލާމަތްވުމުގެ ނިޔަތުގައެވެ. މީގެ ދެ ރޭ ކުރިން ފުރާނައާއި ހަނގުރާމަކުރަމުން ދިޔައިރު އޭނާވަނީ އިސްލާހުވާން ފުރުސަތެއް ދެއްވުން އެދި ދުއާކޮށްފައެވެ.

މިހާރު އޭނާއަށް މިއޮތީ އެ ފުރުސަތު ލިބިފައެވެ. ބިލިގާގައި ހުރި ތަކެތި އަނދައި އަޅިއަށްވުމުން ފެންޖަހައި އަޅިތައް ދުއްވައިލިއެވެ.

އޭނާގެ ކަރުގައިވާ ރަން ފަށް ޖަހައިގަނެގެން އެކުދިން ދިޔައަސް ކަންފަތުގައި ހުރި ޕްލެޓިނަމް ސްޓަޑް ހުއްޓެވެ. އެކުދީން އެ އެއްޗެހި ނުގެންދިޔައީ އޭނާގެ ދިގު އިސްތަށިގަނޑުން އެ އެއްޗެހިތައް ފޮރުވިފައި ހުރީމާ ކަމަށް ވެދާނެއެވެ. ސާލާރް އެ އެއްޗެހި ކަންފަތުން ނެގިއެވެ. އެއަށްފަހު ޝޭވިން ކިޓުން ކްލިޕަރެއް ނަގައި ބޮލުގެ އިސްތަށިގަނޑު ކޮށައިލިއެވެ. އަދި ތުނބުޅި ބޭލިއެވެ. ދެން ހެދުން ބާލައި، ގައިގައި އޮޅާފައި ހުރި ބެންޑޭޖް ނިއުޅުވާލައި މާގަނޑު ދޮށަށް ވަދެ ފެންވަރަން ފެށިއެވެ. ޝަހާދަތް ކިޔަމުން ގައިގެ ހުރިހައި ގުނަވަނެއް ދޮވެ ސާފުކުރިއެވެ. އޭނާގެ އަަމަލުތައް ހުރިގޮތުން ހީވަނީ އިސްލާމް ދީނަށް އަލަށް ވަން މީހެއް ހެންނެވެ. ފެންވަރައިގެން އައިސް އަލަމާރިން އާފަލެއް ނެގިއެވެ. އާފަލު ކައިގެން އެނދަށް އަރައި އޮށޯތެވެ. އޭނާއަށް ހޭލެވުނީ ގަޑި ސޯނާ ވާ އަޑަށެވެ. އޭރު ގަޑިން މެންދުރު ދޭއް ޖެހީއެވެ.

***

"ޔާރައްބީ ދަރިފުޅާ! ބޮލަށް ކިިހިނެއް ހަދާފަ ތިހިރީ؟" ސާލާރަށް ވާހަކަ ނުދެއްކޭ ހަނދާނެއް ވެސް ޠައްޔިބާ ނެތެވެ. ޖީބުން ކަރުދާސްގަނޑެއް ނަގާފައި ސާލާރް މަންމައަށް ދިއްކޮށްލިއެވެ. "ބާޒާރަށް ދާން ބޭނުން." އެ ކަރުދާސްކޮޅުގައި ލިޔެފައި އޮތެވެ. 

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

3 ޚިޔާލު

  1. ހާދަހާ ސަޅިއޭ. ތަރުޖަމާވެސް ވަރަށް ވަރަށް ރީތި. މިހާރު ވާހަކަ ލިޔެ އުޅޭ މީހުންގެ ވާހަކަތައް ކިޔާލަން އެހާ ފަސޭހައެއް ނޫން. މި ވާހަކަ ކިޔާއިރު ހީވަނީ މަންޒަރު ފެންނަހެން. ޝުކުރިއްޔާ އާ ސާބަސް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.