ފާނޫޒު - 55

(19 ސެޕްޓެންބަރު ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އައިކިއު ލެވެލް 150 ގައި ހުންނަ ޒުވާނާ އެ އޮތީ ބިން މަތީގައި އަނގަ ވަތަށް ވެއްޓިފައެވެ. އޭނާ އަނެއްކާވެސް ގިސްލަގިސްލާފައި ރޯން ފެށިއެވެ. ދިލަ ނަގާން އެފެށީ އޭނާގެ ގައިގައި ހުރި ޒަޚަމްތަކުގެ ތެރެއިން ކޮން ޒަޚަމަކުން ހެއްޔެވެ؟ ނޭވާ ހާސްވަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ތެދުވެ ހިނގަަން ފެށިއެވެ. ގިސްލަމުންނެވެ. އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވޭނެ ބާރެއް އޭނާގެ ނެތެވެ. މަގުމަތިން އޭނާއާ ދިމާއަށް ކަޅި އަޅަމުން ދިޔަ މީހުންނަކަށް އޭނާ ފަރުވާލެއް ނުބަހައްޓައެވެ. މި ބާޒާރު ހުރި ސަރަހައްދަކީ އޭނާގެ ހަޔާތުގެ އެންމެ އަނދިރި ފަރާތެވެ. އޭނާގެ ގައިގައި އަޅަމުންދާ ވޭނަކީ މީގެ އަހަރުތަކެއް ކުރިން އެތަނުގައި ހޭދަކުރި ރޭތަކުގެ ހަނދާންތަކެވެ. އެ ހަނދާންތަކާއި ދުރަށް ދާން އުޅުނު ވަރަކަށް އެ ހަނދާންތައް އާވަމުން ދިޔައެވެ.

"އިމާމާ މި ބާޒާރަށް އައިނަމަ... ސަނޫބަރް އަކީ އިމާމާ ހާޝިމެއް ނޫނެވެ. ކޮންމެވެސް އެހެން މީހެކެވެ. އޭނާގެ ބޮލުގައި ތަދުގެ އޮއިވަރެއް ހިނގިއެވެ. މައިގްރެއިން ގެ އަސަރު ބޮޑުވަމުން ދިޔައެވެ. ލޯ މައްޗަށް އަނދިރިކަން ވެރިވިއެވެ. ކުރިއަށް އޮތް މަގު ރަނގަޅަކަށް ނުފެނެއެވެ. ބޯ ހީވަނީ ފަޅައިގެން ހިނގައިދާނެހެންނެވެ. ސާލާރް އަނެއްކާވެސް މަގުމަތީގައި އިށީނެވެ. މަގުމަތިން ދުއްވާފައިދާ އުޅަނދުތަކުގެ ބަރުގޮނާއި އަލީގެ ސަބަބުން އޭނާގެ ބޮލުގެ ރިހުން އިތުރުވިއެވެ. ދެން އޭނާގެ މޫނުމައްޗަށް އަނދިރިކަން ވެރިވިއެވެ.

***

މީހަކު ހީނގެންފައި ކޮންމެވެސް އެއްޗެހިތަކެއް ކިއެވެ. އެހެން މީހަކު އޭގެ ރައްދި ދިނެވެ. މަޑުމަޑުން ސާލާރަށް ހޭވަރިކަން ވާން ފެށިއެވެ. އޭނާ އިނީ ވަރަށް ވަރުބަލިވެފައެވެ. އެހެން ނަމަވެސް އެއީ ކޮން ބައެއްގެ އަޑުކަން ފާހަގަކުރެވުނެވެ. ސާލާރް މަޑުމަޑުން ލޯ ހުޅުވައިލިއެވެ. އޭނާ ހައިރާނެއް ނުވިއެވެ. އޭނާ އޮތީ ކްލިނިކެއްގައި އެނދުމަތިކޮށްފައެވެ. ތަންކޮޅެއް ދުރުން އެހެން ޑޮކްޓަރަކު ވާހަކަ ދައްކަން ހުއްޓެވެ. ސާލާރް ފުން ނޭވައެއް ލިއެވެ. ފުރްގާން އާއި ޑޮކްޓަރު ފަހަތަށް އެނބުރި ބަލާލާފައި އޭނާގެ ކައިރިއަށް އައެވެ.

ސާލާރް ލޯ މަރައިލިއެވެ. ލޯ ހުޅުވައިގެން އޮންނަން އުނދަގުލީއެވެ. ފުރްގާން އަައިސް އޭނާގެ މޭގައި ފިރުމައިލިއެވެ.

"ސާލާރް، މިހާރު ކިހިނެއް؟"

ސާލާރް ލޯ ހުޅުވިއެވެ. އޭނާ ހީނލާކަށް މަސައްކަތެއް ނުކުރެއެވެ. ޚިޔާލަކަށް ގެއްލިފައި ފުރްގާން އަށް ބަލަން އޮތެވެ.

"ރަނގަޅު..." އޭނާ ބުންޏެވެ.

ދެން ހުރި ޑޮކްޓަރު އޭނާގެ ވިންދު ބަލަނީއެވެ. ފުރްގާނާއި ޑޮކްޓަރު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. އެ ވާހަކައަކަށް އޭނާގެ މާ ބޮޑު ޝައުގެއް ނެތެވެ. އެއްވެސް ކަމަކަށް އެވަގުތު ޝައުގުވެރިކަމެއް ނެތެވެ. އޭނާގެ ހިތަކުން އަދިވެސް ކުރީގެ ޚިޔާލު ފިލައެއް ނުދެއެވެ. މީގެ ކުރިން ކުރެވިފައި ހުރި ވިޔާނުދާ ކަންކަމެވެ. އާކިފް، ސަނޫބަރް... އިމާމާ... ރެޑްލައިޓް އޭރިއާ... އެއިން އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ. ހޭނާރާ އަދި އިރުކޮޅަކު އޮތް ނަމައޭ އޭނާގެ ހިތަށް އެރިއެވެ.

"ސާލާރް، ކުޑަކޮށް ވާހަކަ ދައްކާލަމާ؟" ފުރްގާން އެހެން ބުނި އަޑަށް އޭނާ އަނެއްކާވެސް ލޯ ހުޅުވައިލިއެވެ. އެނދު ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން ފުރްގާން އިނެވެ. ދެން ހުރި ޑޮކްޓަރު ކޮޓަރިން ނުކުމެގެން ދިޔައެވެ. ސާލާރް އޭނާގެ ދެފައި ލަންބާލަން އުޅުނެވެ. ވީ ތަދުން އޭނާގެ އަނގައިން އަޑެއް ނިކުތެވެ. އޭނާގެ ފައިގެ ކުޑަހުޅާއި ކަކުލަށް ހުރީ ވަރަށް ބޮޑަށް އަނިޔާ ވެފައެވެ. އޭނާގެ ފައިމަތީގައި އޮތީ ރަޖައެއް އަޅާފައެވެ. އެހެންކަމުން ފަޔެއް ނުފެނެއެވެ. ނަަމަވެސް ކަކުލުގައި ބެންޑޭޖް އޮޅާފައި ހުރިކަން އެނގެއެވެ. އޭނާ އޮތީ ހޮސްޕިޓަލު ހެދުމުގައެެވެ.

"ކިހިނެއްވީ؟" ސާލާރް ފައި ސީދާކޮށްލަމުން އެހިއެވެ.

"ފައި ފުރޮޅިފައި... ދެ ކަކުލާއި ކުޑަކަޅުވާ ހުރީ ޒަޚަމްވެފަ، ދުޅަވެސް ވެފަ. ނަސީބަކުން ރެނދު އަޅާފައެއް ނެތް. އަތާއި އުޅަނބޮށީގެ ތެޔޮ ހަންވެސް ގޮސްފަ ހުރީ. ބޮލުގެ ފުއްކިބައިން ތަންކޮޅެއް ފަޅައިގެން ގޮސްފައި އެބަހުރި، އެތަނުން ކޮންމެވެސް ވަރަކަށް ލޭވެސް އެބަފައިބާ. އެކަމަކު ގެއްލުމެއް ވެފަ ހުރި ކަމަކަށް ސީޓީ ސްކޭނުން ނުދައްކާ. މޭމަތީގައި ވެސް ކޮންމެވެސް ވަރަކަށް ކުދިކުދި ޒަޚަމް އެބަހުރި. އެކަމަކު ވީ ކީއްތޯ ތި ކުރި ސުވާލުގެ ޖަވާބު އެނގޭނީ ހަމަ ސާލާރަށް އެކަނި." ފުރްގާން ބުންޏެވެ. ސާލާރް އޭނާއާ ދިމާއަށް ބަލައިލިއެވެ.

"އަހަރެން ފުރަތަމަ ހީކުރީ މައިގްރެއިން އެޓޭކެއް އައިސްގެން ހޭނެތުނީ ކަމަށް، އެކަމަކު ރަނގަޅަށް ޗެކަޕް ހަދާލީމަ އެހެން ނޫންކަން އެނގިއްޖެ. މީހަކު ހަމަލައެއް ދިނީތަ؟" ކަންބޮޑުވެފައި ފުރްގާން އެހިއެވެ.

ސާލާރް ފުން ނޭވައަކާއެކު ބޯ ހޫރައިލިއެވެ.

"އަހަރެން މިތަނަށް އައީ ކިހިނެއް؟"

"ސާލާރް ފޯނަށް ގުޅީމަ ޖަވާބުދިނީ އެހެން މީހެއް. އޭނާ ގާތު އަހަރެން ބުނީ ކައިރި ހޮސްޕިޓަލަކަށް ގެނެސްދޭށޭ. އަހަރެން އެ ހޮސްޕިޓަލަށް ގޮސް ގޮވައިގެން އައީ."

"މިހާރު ކިހާ އިރެއް؟"

"ފަތިހު ހަޔެއް ޖެހީ. ސަމީރް ރޭގާ ތަދު ކަނޑުވާ ބޭސް ދިނީމާ އެހާ ގިނައިރު ތި ނިދުނީ."

އޭނާޔާ ވާހަކަ ދައްކަމުން ދިޔައިރު ސާލާރް އޭނާގެ ވާހަކައަށް ޝައުގުވެރިކަމެއް ނެތްކަން ފުރްގާނަށް ފާހަގަކުރެވުނެވެ. އޭނާ އޮތީ އެހެން ދުނިޔެއެއްގައި ކަން ލޮލުން ހާމަވެއެވެ.

"އަނެއްކާވެސް ތަދު ކަނޑުވާ ބޭސް ދޭންވީނު..." ފުރްގާން ވާހަކަ ދެއްކުން ހުއްޓާލިކަން އެނގުމުން ސާލާރް ބުންޏެވެ. އެއަށް ފަހު ލޯ މަރައިލިއެވެ. އަދި ކޮންމެވެސް އެއްޗެއް ހަނދާންކުރަން މަސައްކަތް ކުރިއެވެ. "އަހަންނަށް ނިދާ ބޭސް ދީ، އަދި ވަރަށް ގިނަ އިރު ނިދާލަން ބޭނުން."

"އާނ... ނިދަންވެސް ޖެހޭނެ. އެކަމަކު ފުރަތަމަ ވީ ގޮތް ކިޔާދީ."

"ކަމެއް ނުވޭ." ސާލާރް ބުންޏެވެ. "ލަފާކުރި ގޮތަށް ހަމަ މައިގްރެއިންގެ އަސަރު އެއީ. ދެން މޫނު މައްޗަށް އަނދިރިވެފައި ވެއްޓުނީ."

ފުރްގާން އޭނާޔާ ދިމާއަށް ބަލައިލިއެވެ. "އެއްޗެއް ކާންވީނު..."

"ނޫން، ބަނޑުހައެއް ނުވޭ. ބޭސް ގުޅައެއް ދީ، ނުވަތަ އިންޖެކްޝަނެއް ޖަހައިދީ. އަހަރެން ގަޔަކު ވަރެއް ނެތް."

"އިސްލާމްއާބާދުގައި ތިބި..."

ފުރްގާންގެ ޖުމުލަ ފުރިހަމަ ކުރާނެ ފުރުސަތެއް ސާލާރް ނުދިނެވެ. "ނޫން. އަންގާނެ ކަމެއް ނެތް. ގައިގަ ވަރު ޖެހުނީމަ އިސްލާމްއާބާދަށް ދާނީ."

"ތި ހާލުގައި އޮވެ؟"

'ދެންމެ ބުނީމެއްނު މާބޮޑު މައްސަލައެއް ފާހަގަ ނުކުރެވެއޭ."

"އާނ، އެކަމަކު އަދި އެހާ ރަނގަޅެއް ނޫން. ދުވަސްކޮޅަކު އަރާމު ކުރަންޖެހޭ، އެއަށްފަހު ދެވިދާނެ."

"އެންމެ ރަނގަޅު، އެކަމަކު މަންމަ އާއި ބައްޕައަށް ނާންގާތި."

ފުރްގާން އަނެއްކާވެސް އޭނާއަށް ބަލައިލިއެވެ. "އިތުރު ކަމެއް ބޭނުންތަ؟"

"ނިދާ ބޭސް..."

"އަހަރެން މަޑު ކުރަންތަ މިތާ...؟"

"ކޮބާ ބޭނުމަކީ؟ އިރުކޮޅަކުން އަހަންނަށް ނިދޭނެ. ދޭ. ހޭލެވުނީމަ ގުޅާނަން."

އޭނާ ލޯމަތީގައި އަތް އެޅިއެވެ. އޭނާގެ ހަރަކާތް ހުރި ގޮތުން ފުރްގާން އިނީ ވަރަށް ކަންބޮޑުވެފައެވެ. ސާލާރްގެ ފަރާތުން މީގެ ކުރިން އެފަދަ ހަރަކާތެއް ނުފެނެއެވެ.

"އަހަރެން ސަމީރާ ވާހަކަ ދައްކާނަން. ނިދާ ބޭސް ބޭނުމިއްޔާ ކޮންމެވެސް އެއްޗެއް ކާލަންވާނެ." ފުރްގާން ގޮނޑިން ތެދުވަމުން ބުންޏެވެ. ސާލާރް ލޯ މަތީގައި އަތް އަޅައިގެން އޮތެވެ.

އޭނާއަށް ހޭލެވުނު އިރު ހަވީރު ވެއްޖެއެވެ. ކޮޓަރި އޮތީ ހުހަށެވެ. ހެނދުނަށް ވުރެ މިހާރު މާ ވަރުދެރަ ހެން ހީވެއެއެވެ. ފައި މަތީގައި އަޅާފައި އޮތް ރަޖާ ކަހާލާފައި ގަޔާ ދިމާއަށް ފައި ދަމައިލިއެވެ. އޭނާ އޮތީ ވަރަށް ބޮޑަށް ނޭވާ ހާސްވެފައެވެ. އެހެން އޮއްވައި މޮޅު ޚިޔާލެއް އައެވެ.

***

ފުރްގާން އައިސް ދޮރުގައި ޓަކި ޖެހި އިރު އޭނާ ހޮޓަލަށް އައިސް ފޮށްޓަށް އެއްޗެހި އަޅަނީއެވެ. ސާލާރް ދޮރު ހުޅުވިއެވެ. ފުރްގާން ފެނުމުން އޭނާ ހައިރާންވިއެވެ. ފުރްގާން އެހައި އަވަހަށް އަންނާނެއެކޭ އޭނާގެ ހިތަކަށް ނާރައެވެ.

"ތީ އަޖައިިބެއް ކަހަލަ މީހެއް..." ފުރްގާން ބުންޏެވެ. "އެއްވެސް މީހަކަށް ނާންގައި ސަމީރްގެ ކްލިނިކުން ނުކުމެެން ތިއައީ. ކްލިނިކަށް ގޮސްފައި އަހަރެން ވަރަށް ކަންބޮޑުވި. އަދި ނުވިތާކަށް ފޯނު ވެސް އޮތީ ނިވާލާފައި."

ސާލާރް ވާހަކައެއް ނުދައްކައެވެ. ފޮށްޓަށް އެއްޗެހި އަޅަމުން ދިޔައެވެ.

"ދާންތަ ތިއުޅެނީ؟" ފުރްގާން އެހިއެވެ.

"އާނ." ސާލާރްގެ ޖަވާބު ކުރެވެ.

"ކޮންތާކަށް...؟"

ސާލާރް ފޮށީގެ ޒިބު ދަމާލާފައި އެނދުމަތީ އިށީނެވެ.

"އިސްލާމްއާބާދަށް؟" ފުރްގާން އޭނަގެ ގާތުގައި އިށީނދެ އެހިއެވެ.

"ނޫން." ސާލާރް ބުންޏެވެ.

"ދެން...؟"

"ކަރާޗީ އަށް."

"ކީއްކުރަން؟" ފުރްގާން ހައިރާންވެފައި އެހިއެވެ.

"ފުރަން ޖެހޭ."

"ޕެރިހަށް؟"

"އާނ...!"

"ފުރަން އޮތީ އަދި ހަތަރު ދުވަސް ފަހުން. ކަރާޗީއަށް އެހާ އަވަހަށް ދަނީ ކީއްކުރަން؟" ފުރްގާން އޭނާއަށް ރަނގަޅަށް ބަލައިލިއެވެ. ސަމީރު ބުނީ ރަނގަޅަށެވެ. ސާލާރް މިއުޅެނީ އެހެންޏާ އުޅޭ ގޮތަކަށް ނޫނެވެ.

"އަހަރެން ކުރަން ޖެހޭ މަސައްކަތެއް އެބައޮތް އެތާ."

"ކޮން މަސައްކަތެއް؟"

ޖަވާބު ދިނުމުގެ ބަދަލުގައި ކަޅި ޖަހައިނުލައި ފުރްގާނަށް ބަލަން އޭނާ އިނެވެ. ފުރްގާން އަކީ ސައިކޮލޮޖިސްޓެއް ނޫނެވެ. އެކަމަކު އޭނާގެ މޫނުމައްޗަށް ބަލައިލީމާ ވެގެން އުޅޭ ގޮތް ކޮންމެވެސް ވަރަކަށް ލަފާ ކުރެވުނެވެ. ސާލާރް އިންނަނީ ކޮންމެވެސް ޚިޔާލަކަށް ގެއްލިފައެވެ. އޭނާ އިނީ ވަރަށް ބޮޑަށް މާޔޫސްވެފައިކަން އެނގެއެވެ. ޑިޕްރެޝަންގެ އަސަރު އޭނާގެ މޫނުމަތިން ފެނެއެވެ.

"ކިހިނެއްވީ ސާލާރް، ކޮބާ މައްސަލައަކީ؟" އޭނާ އަނެއްކާވެސް އެހިއެވެ.

އިރުކޮޅަކު އިނުމަށްފަހު ސާލާރް ޖަވާބު ދިނެވެ. "އެއްވެސް ކަމެއް ނުވޭ."

"ދެން..." ފުރްގާން ބުނަން އުޅުނު އެއްޗެއް ސާލާރް ހުއްޓުވިއެވެ.

"އަހަރެންގެ މައިގްރެއިން ހުންނަކަށް އެނގެއެއްނު، އަދި ދޭތެރެއަކުން މިހެންވާކަން ވެސް އެނގެއެއްނު؟"

"ސާލާރް، އަހަންނަކީ ޑޮކްޓަރެއް!" ފުރްގާން ބުންޏެވެ. "އަހަންނަށް ވުރެ ބޮޑަށް ސާލާރަކަށް މައިގްރެއިން އެއް ނޭނގޭނެ. ތީކީ ހަމައެކަނި މައިގްރެއިންގެ ސަބަބުން ވާކަމެއް ނޫން."

"މިހެން ދިމާވާނެ އެހެން ސަބަބުތައް ކިޔާދޭންވީނު؟" ސާލާރް ބުންޏެވެ.

"އަންހެން ކުއްޖަކާ މައްސަލަ ޖެހުނީތަ؟" ސާލާރް ދިޔައީ ސިއްސައިގެންނެވެ.

"އާނ." އެކަމަށް އިންކާރު ނުކުރެވުނީ ކީއްވެގެން ކަމެއް އޭނާއަކަށް ނޭނގެއެވެ.

"ކުއްޖަކާ ގުޅުމެއް އޮތީތަ؟"

"އާނ..."

ގަބޫލުކުރަން ދަތިވެފައި ފުރްގާން ސާލާރަށް ބަލަން އިނެވެ.

"އެއީ ކާކު؟"

"ބުންޏަސް ނޭނގޭނެ."

'އޭނަޔާ ނީނދެވުނީތަ؟"

ސާލާރް އޭނާއަށް ބަލަން އިނެވެ. އޭނާގެ ސުވާލުތައް ސާފުވެފައި ކުރެވެ. "ނޫން ކާވެނި ކުރެވުނު..."

"އޭނާޔާ އިނިންތަ؟" ފުރްގާން ހައިރާންވިއެވެ.

"އާނ."

"ދެން... އިނދެފަ ވަރިކުރީތަ؟" ފުރްގާން އެހިއެވެ.

"ނޫން."

"ދެން...؟"

"އެއީ އެ ކަންވީ ގޮތަކީ."

"ކިހިނެއް؟"

ސާލާރް އިސްދަށަށް ޖެހިއެވެ.

"ކޮން ނަމެއް ކިޔާ ކުއްޖެއްތަ އެއީ؟" ފުރްގާން އޯގާތެރި ކަމާއެކު އެހިއެވެ.

އޭނާ އަތްތިލައިގެ ހުރި ރޮނގުތަކުގައި ޝަހާދަތް އިނގިލިން ކުރަހައިލިއެވެ. އިރުކޮޅަކު ހިމޭނުން އިނދެފައި ވައި އަޑުން ބުންޏެވެ. "އިމާމާ ހާޝިމް."

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.