ފާނޫޒު - 18

(17 ޖުލައި 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ޓާމް ނިމުނީމަ ދެން ކީއްކުރާނީ؟"

"ސްޕެޝަލައިޒް ވާން ބޭރަށް ދާނީ."

"ދެން؟"

"އެނބުރި އައިސް އަހަރެންގެ އަމިއްލަ ހޮސްޕިޓަލުގެ މަސައްކަތް ފަށާނީ."

"ކާވެންޏާ މެދު ވިސްނައިފިންތަ؟" ޖަލާލް ހުރީ އެ ސުވާލަށް ތައްޔާރު ވެގެނެއް ނޫނެވެ.

"ކާވެންޏާ މެދު އެންމެން ވެސް ވިސްނާނެ." ހިނުތުންވެލާފައި ޖަލާލް ބުންޏެވެ.

"އިންނަން ގަސްދުކުރަނީ ކާކާ؟"

"އެއެއް އަދި ނޭނގޭ."

އިރުކޮޅަކު ހުރެފައި އިމާމާ އަނެއްކާވެސް ސުވާލެއް ކުރިއެވެ. "އަހަންނާ ކާވެނިކޮށްފާނަންތަ؟"

އެ ސުވާލަށް ދޭނެ ޖަވާބެއް ޖަލާލަކަށް ނޭނގުނެވެ.

"ލަދު ގަތީތަ؟ އަހަންނާ އިނދެފާނަންތަ؟" ޖަލާލްގެ ޖަވާބަކަށް އިންތިޒާރު ކުރުމަށްފަހު އަނެއްކާވެސް އެހިއެވެ.

"ތިއީ އަހަރެން ކުރަންވީ ސުވާލެއް. އަހަންނާ އިންނާނަންތަ؟" ޖަލާލް އެހިއެވެ.

"އާނ." އިމާމާ ޖަވާބު ދިނީ ވަރަށް ޔަގީން ކަމާއެކުއެވެ. "ޖަލާލް އޯ؟ މަށާ އިންނާނަންތަ؟"

"އަހަރެން... އަހަރެން... އާނ. ޔަގީން. އެހެން ކާކާތަ އަހަރެން އިންނާނީ." ޖަލާލްގެ ވާހަކަ އަޑު އަހަން ހުރި އިރު އިމާމާ އުފަލުން ފޮޅެނީއެވެ. "އަހަރެން މިހާރު މި އަދާ ކުރާ ވަޒީފާ ނިމުނީމަ ކާވެންޏަށް އަހަން ތިގެއަށް މަންމަމެން ފޮނުވާނަން."

"ޖަލާލް، އަހަރެންގެ މައިންބަފައިނގެ ހުއްދަ ނެތި އަހަރެމެންނަށް ކާވެނި ކުރެވޭނެ ގޮތެއް ނޯންނާނެތަ؟"

ހައިރާންވެފައި ޖަލާލް އެހިއެވެ. "ތިބުނީ ކީކޭ؟"

"އަހަރެންގެ މައިންބަފައިން އަހަރެމެންގެ ކާވެންޏަށް ދެކޮޅު ހަދާފާނެ؟"

" މަންމަމެން ގާތު އަހަރެމެންގެ ގުޅުމުގެ ވާހަކައެއް ނުބުނަންތަ؟ ދެކޮޅު ހަދާނެކަން އެނގެނީ ކިހިނެއް؟"

"ނުބުނަން އަދި، އެކަމަކު އަހަންނަށް އެ މީހުން ރަނގަޅަށް އެނގޭ." އިމާމާ ބުނެލިއެވެ.

އިމާމާގެ މައިންބަފައިން ކާވެންޏަށް އިންކާރުކޮށްފާނެ ކަމަކަށް ޖަލާލްގެ ހިތަށް ވެސް ނާރައެވެ. އެކަމަކު އިމާމާ އަށް އެކަން ވަރަށް ޔަގީނެވެ. "މައިންބަފައިންގެ ނުރުހުމުގައި ވެސް މަށާ އިންނާނަން ތަ؟"

އެ ސުވާލު ވީ އިމާމާއަށް ޖަވާބު ދޭން ތަންކޮޅެއް އުނދަގޫ ސުވާލަކަށެވެ. އެހެންކަމުން ޖަލާލް ވާހަކަ ކުރިއަށް ގެންދިޔައެވެ. "އެހެން ވިޔަސް އަހަރެންގެ ހަމައެކަނި ޗޮއިސް އަކީ ތީ. އެހެން މީހަކާ އެކު ދިރިއުޅުން ވޭތިކުރުމުގެ ޚިޔާލެއް އަހަރެންގެ ނެތް. އިމާމާގެ މައިންބަފައިންގެ ރުހުން ހޯދަން އަހަރެން މަސައްކަތް ކުރާނަން. އެއްބަސް ނުވިއްޔާ ކާވެންޏާގެން ކުރިއަށް ދާނީ."

"އަހަންނާ އިންނަން ޖަލާލްގެ މައިންބަފައިންގެ ރުހުން ލިބޭނެތަ؟" އިމާމާ އެހިއެވެ.

"އާނ. އެއްބަސް ނުވެއްޖެއްޔާ އެއްބަސް ކުރުވާނީ. ދުވަހަކުވެސް އަހަރެން ކުރަން ބޭނުންވާ ކަމަކަށް ދެކޮޅެއް ނަހަދާނެ." ފަޚުރުވެރި ކަމާއެކު ޖަލާލް ބުންޏެވެ.

"ހެލޯ!" އިމާމާ އެނބުރުނު އިރު ދެ ތިން ފޫޓު ދުރުގައި ހުއްޓިލައިގެން ހުރީ ސާލާރް އެވެ. އާދައިގެ މަތިން ޖީންސްގެ ޖީބަށް އަތް ޖަހާލައިގެންނެވެ. ލައިގެން ހުރި ގަމީހުގެ އެންމެ ގޮށެއް ވެސް އަޅުވާފައި ނެތެވެ. އޭނާ އާއެކު ތައިމޫރް ވެސް ހުއްޓެވެ. ހަދާނެ ގޮތެއް އިމާމާ އަށް ފުރަތަމަ ނޭނގުނެވެ.

"އާދޭ، މި އަންހެން ކުއްޖާ ތައާރަފް ކޮށްދޭނަން." އިމާމާ ހުރީ ބުކްޝޮޕްގައި ހުރި ފޮތް ހަރުގަނޑެއްގެ ކައިރީގައެވެ.

"ޝޯލް އަޅައިގެން އެހެރަ އަންހެން ކުއްޖާ؟" ތައިމޫރު ހުރީ ވާނުވާ ނޭނގިފައެވެ. "އެއީ ކާކު؟"

"އެއީ ވަސީމްގެ ކޮއްކޮ."

"އެ މީހުންނާ ކަލެއާ އޮންނަނީ ކޮން ގުޅުމެއް؟ އެއީ ވަރަށް ދީންވެރި ބައެއް، އޭނައާ ބައްދަލުކުރަން ތި އުޅެނީ ކޮން ކަމަކު؟"

"އަލަކަށް ނޫނޭ އޭނަޔާ މި ދިމާވަނީ، މީގެ ކުރިންވެސް އަހަންނާ އޭނަޔާ ބައްދަލުވި. އެހެން ނޫނަސް އޭނަޔާ ވާހަކަ ދައްކައިގެން ލިބޭނެ ގެއްލުމެއް އެބައޮތްތަ؟" ތައިމޫރްގެ ވާހަކައަށް ސާލާރް މާ ބޮޑު ފަރުވާލެއް ނުބެހެއްޓިއެވެ.

ފޮތް ހަރުގަނޑުން ނެގި މަޖައްލާއިން ނެއްޓިގެން ގޮސް ސާލާރާއި ތައިމޫރަށް އިމާމާގެ ނަޒަރު ހުއްޓުނެވެ. "ކިހިނެއް؟" އިމާމާ ބަލައިލުމުން ސާލާރް އެހިއެވެ.

"ރަނގަޅު." އިމާމާ ޖަވާބު ދިނެވެ.

ސާލާރް އިމާމާއަށް ތައިމޫރް ތައާރަފްކޮށްދިނެވެ. އެއީ ވަސީމުގެ ރައްޓެއްސެއް ކަމަށް ވެސް ބުންޏެވެ. "އެހެރީ ވަސީމް." ވަސީމު ހުރި ދިމާއަށް އޭނާ އިޝާރާތް ކުރިއެވެ.

"އަހަރެމެން އައީ ވަސީމު ހޯދާކަށް ނޫން." ސާލާރް ބުންޏެވެ. އިމާމާ ސީރިއަސް ވިއެވެ.

"އަހަރެމެން އައީ އިމާމާ އާ ވާހަކަ ދައްކާލަން."

"އަހަންނާ ދައްކަން އޮންނާނީ ކޮން ވާހަކައެއް؟ ތީ އަހަންނާ އެހާ ގާތް ބައެއް ވެސް ނޫން." ސާލާރް ހުރީ ނުލަފާ ފާޑަކަށް އިމާމާއަށް ބަލާށެވެ. އިމާމާ ބިރުން ފިނި ވެއްޖެއެވެ. އޭނާ ދުވަހަކު ވެސް އެގޮތަށް އަންހެން ކުދީންނާ ވާހަކަ ދައްކާ ކަމެއް އިމާމާއަށް އެނގިފައެއް ނެތެވެ. ހާސްވެފައި ހުރެ އަތުގައި އޮތް މަޖައްލާގެ ގަނޑު އުކަން ފެށިއެވެ.

"އަހަރެން ނުދަންނަންތަ؟" ހިނިގަނޑެއް ޖަހާލަމުން ސާލާރް އެހިއެވެ. "އަހަރެން އުޅެނީ ތިގެއާ ޖެހިގެން ހުންނަ ގޭގައި."

"އެ ގޭގަ އުޅޭކަން އެނގޭ. އެކަމަކު ތީ އަހަރެން ދަންނަ މީހެއް ނޫން." މަޖައްލާގެ ގަނޑު އުކަމުން އިމާމާ ޖަވާބު ދިނެވެ.

"މީގެ ހަތް މަސް ކުރިން ކަލޭ އަހަރެންގެ ފުރާނަ ސަލާމަތްކުރި." ސާލާރް އަނެއްކާ ވެސް އިމާމާއަށް މަލާމާތް ކުރިއެވެ.

"މެޑިކަލް ސްޓޫޑެންޓެއްގެ ހައިސިއްޔަތުން އެއީ އަހަރެންގެ ވާޖިބެއް. އެހެން މީހަކު އެ ހާލުގައި އޮތް ނަމަވެސް އަހަރެން ކަންތައް ކުރީހީ އެ ގޮތަށް. އަހަރެން މިތަނުން ދިޔަދީ. އަހަރެން ބިޒީ."

ސާލާރް ގެ ގަމީހުގައި ހިފައި އޭނާ ދުރަށް ޖައްސަން ތައިމޫރް މަސައްކަތް ކުރުމުން ވެސް ސާލާރް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ވަސީމަށް ކުރާ އިހްތިރާމެއްގެ ސަބަބުން އިމާމާ އާ ފޮށޭކަށް ތައިމޫރު ބޭނުމެއް ނުވެއެވެ. އެކަމަކު ސާލާރް އޭނާގެ ގަމީހުން ތައިމޫރްގެ އަތް ދޫކުރުވިއެވެ.

"އަހަރެން މި އައީ އެ ރޭ އަހަރެންގެ ފުރާނަ ސަލާމަތް ކޮށްދިނީތީ ޝުކުރު އަދާކުރަން. އެކަމަކު އަހަންނަށް ދިނީ ވަރަށް އަންޕްރޮފެޝާނަލް ފަރުވާއެއް." ސާލާރް އެހެން ބުނުމުން އިމާމާ އޭނާ އާ ދިމާއަށް ބަލައިލިއެވެ.

"ތި ބުނާ ފަރުވާ އަކީ މޫނު މަތީގައި އަހަރެން ޖެހި އެތިފަހަރު ނަމަ، އެއީ އަހަންނަށް ކުރެވުނު އަންޕްރޮޝަނަލް ކަމެއް. އެކަމަށް އަހަރެން މާފަށް އެދެން. ("އެކަމަކު އިތުރު ދެ ތިން އެތިފަހަރު ވެސް ޖަހަންވީ.") ޖުމުލައިގެ ފަހު ބައި އިމާމާ ދިރުވައިލިއެވެ.

"އެ ވާހަކައެއް ނޫން މި ބުނީ. އެހެން ވާހަކައެއް." ސާލާރް އިމާމާއަށް ރައްދު ދިނެވެ. "އަހަރެންގެ އަތުގައި ބެންޑޭޖު އެޅީ ވަރަށް ފަރުވާ ކުޑަކޮށް. އަދި އަހަރެންގެ ލޭގެ ޕްރެޝަރު ވެސް ރަނގަޅަށް ނުބެލުނެއްނު؟" އަނގަޔަށް ޗުވިންގަމެއް ލަމުން އޭނާ ބުނެލިއެވެ. އިމާމާ ހުރީ ރުޅި އައިސް ރަތްވެފައެވެ. އެސްފިޔަވެސް ޖަހާނުލައި އޭނާ ސާލާރް އަށް ބަލަހައްޓައިގެން ހުއްޓެވެ. ސާލާރް އަދިވެސް އިމާމާ އަށް މަލާމާތް ކުރަމުން ދިޔައެވެ. "އެއްވެސް ތަމްރީނެއް ނެތް މީހަކަށް ވެސް އެވަރު ކަމެއް ކުރަން އެނގޭނެ. ލަދުން ބޯ ހަލާކު."

"އަހަންނަކީ ޑޮކްޓަރެއް ނޫން. އަހަންނަކީ މެޑިކަލް ސްޓޫޑެންޓެއް. އަންޕްރޮފެޝަނަލް ވާހަކަ ދައްކަންޏާ، އެ ކަންކަން ރަނގަޅު ކުރަން އަދި ވެސް ފުރުސަތު ލިބޭނެ. ތީ އެކަހަލަ ކަންކަން ކުރަން އާދަވެފައި ހުރި މީހެއްނު؟ އެހެންވީމަ އަހަންނަށް ޕްރެކްޓިސް ކުރަން ފުރުސަތު ލިބޭނެ. އޭރުން ހުރިހާ ކަމެއް ވެސް ފުރިހަމައަށް ކުރަން ދަސްވާނެ."

އިމާމާ އާ ދިމާއަށް ހިނިތުންވެފައި ހުރެ ސާލާރް ވާހަކަ ދެއްކިއެވެ.

"ތިއުޅެނީ އަހަރެން ލަދު ގަންނަވަން ކަމަށް ވާނަމަ..."

"އަހަރެން ފެއިލް ވެއްޖެ، ލަދެއް ނުގަނޭ ވިއްޔާ." އިމާމާ ސާލާރްގެ ޖުމުލަ ފުރިހަމަ ކޮށްދިނެވެ. "ލަދުވެތި ކަމަކީ ހަމައެކަނި އިންސާނުންގެ ކިބައިން ފެންނަ ސިފައެއް."

"ދެން އަހަންނަކީ ކޯޗެއް؟" ހަމަ އެ ރާގަށް ސާލާރް އެހިއެވެ.

"ތި ސުވާލުގެ ޖަވާބު އެންމެ ރަނގަޅަށް ދެވޭނީ ވެޓަކަށް." އިމާމާ ވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ސާލާރްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

"ކޮންމެ ބަސްފޮތެއްގައި ބައި-ޕެޑް ގެ މާނަކުރަނީ އިންސާނެއްގެ ގޮތުގައި. އަހަރެން ހިނގަނީ ދެފައި މަތީގައި."

"ބެއަރ އިން ފެށިގެން ކުއްތާ އާ ހަމައަށް ބޭނުން ޖެހޭ ހިނދެއްގައި ދެފައި މަތީ ގައި ތިބޭ."

"އެކަމަކު އަހަރެންގެ ހުންނަނީ އެންމެ ދެފައި. ހުރިހާ އިރަކު އަހަރެން އެ ދެ ފައި ބޭނުންކުރަން."

"ނަސީބެއް ހަތަރު ފައި ނުހުންނަކަން. އެހެންވީމަ ވެޓެއް ގާތަށް ދާންވީ. ތި ވާހަކަ ރަނގަޅަށް ކިޔައިދޭން އެނގޭނީ އޭނައަށް." އިމާމާ ބިރުން ހުރެ ވާހަކަ ދެއްކިއެވެ. އެ ވާހަކައިން ވެސް ސާލާރް ބަލިކުރެވޭ ގޮތެއް ނުވިއެވެ.

"ޖަނަވާރާ ބެހޭ ގޮތުން ވަރަށް ގިނަ މައުލޫމާތު އެބަހުރި. އެހެންވީމާ މޮޅު ވެޓަކަށް ވާނެ. އަހަރެން މި ހުރީ ހަމަ ހައިރާންވެ އަންތަރީސް ވެފައި. އެހާ ރަނގަޅަށް ޖަނަވާރުންނާ ބެހޭ މައުލޫމާތު އެނގޭތީ." އިމާމާގެ ކޯތާފަތް މުޅިން ރަތްވިއެވެ. "އަހަރެންގެ ވެޓަށް ވެއްޖެއްޔާ، ފަރުވާ ހޯދަން ދާނަން. ބޭނުމިއްޔާ އަހަންނަށް ދިރާސާ ވެސް ހަދަންވީ. ކިހާ ވަރެއްތަ ފީ އަކީ؟" ސާލާރް ވާހަކަ ދެއްކީ ސީރިއަސް ޓޯނެއްގައެވެ. އޭނާއާ ވާޙަކަ ދެއްކުން ވީ ހެދުނު ބޮޑު ގޯހަކަށެވެ.

"ވަސީމް އަންގާނެ." އިމާމާ ބެލީ ސާލާރް ފޮނުވައިލެވޭތޯ އެވެ. އެއީ އޭނާއަށް ބިރު ދައްކަން އިމާމާ ބުނި އެއްޗެއްކަން ސާލާރަށް އެނގެއެވެ. ތައިމޫރް އަނެއްކާވެސް ސާލާރްގެ ގަމީހުގައި ހިފައި ދަމަން ފެށިއެވެ. "ހިނގާބަލަ ދާން. އަހަރެން ކުރަން ޖެހޭ ކަމެއް ވެސް އެބައޮތް."

"އާނ، ގަމީހަށް ނުދަމަބަލަ." އޭނާ އަނެއްކާ ވެސް އިމާމާ އާ ވާހަކަ ދައްކަން ފެށިއެވެ. "އެއީ ސަމާސާ އިނގޭ. އަހަރެން އައީ ހަމަ އަސްލުވެސް ޝުކުރު އަދާކުރަން ވެގެން. ދެ ބޭންގެ އެހީތެރިކަމަށް އަހަރެން ހަގީގަތުގައި ވެސް ޝުކުރު ކުރަން. ދަނީ!"

އެމީހުން ދިޔުމުން އިމާމާ ފުން ނޭވައެއް ލިއެވެ. އެއީ ހަމަ ރަނގަޅަށް ވެސް މޮޔައެކެވެ. ވަސީމް ކަހަލަ މީހަކު ސާލާރް އާ ގުޅުން ބާއްވާތީ އިމާމާ ހުރި ހައިރާންވެފައެވެ.

"ސާލާރް އައިތަ؟" ވަސީމް އެހިއެވެ. އޭނާއަށް ތައިމޫރް އާއި ސާލާރް ތަންކޮޅެއް ދުރުން ފެނުނެވެ. "ކީކޭ އޭނަ ބުނީ؟" ސާލާރް ބުނި އެއްޗެއް ބަލަން އޭނާ ވަރަށް ޝައުގުވެރި ވެއްޖެއެވެ.

"އެކަހަލަ ރައްޓެހިން ގެންގުޅޭތީ ބުނާނެ  އެއްޗެއް ނޭނގިފަ މިހުރީ. އެހާ ވިޔާނުދާ ކުއްޖެއް އަހަރެން ދުވަހަކު ނުދެކެން." އިމާމާ ހުރީ ހިތް ހަމަ ނުޖެހިފައެވެ. "އަހަންނަށް ޝުކުރު އަދާކުރަން އޭނަ ކޮންމެހެން ވެއްޖެ. އަދި އަހަންނަށް ބެންޑޭޖް އަޅަން ނޭނގޭ ވާހަކައާއި ބްލަޑް ޕްރެޝަރ ބަލަން ނޭނގޭ ވާހަކަ ވެސް."

"އޭނަގެ ވާހަކަ ހަނދާން ނައްތާލާ. އެއީ ހަމަޖެހޭ މީހެއް ނޫން."

"އަހަރެން ހިތަށް އެރި އަނެއްކާ އޭނަގެ މޫނުމަތީ ދެ ތިން އެތިފަހަރު ޖަހާފާނަމޭ. އަދި ގޮވައިގެން އައީ ވެސް ސަހަލު މީހެއް ނޫން. އޭނަވެސް ބުނި ވަސީމްގެ ރައްޓެއްސެކޭ." ތައިމޫރްގެ ވާހަކަ ވެސް އޭނަ ހަނދާންވިއެވެ.

"އޭނަ ދަންނަން އަހަރެން. އެހައި ރައްޓެއްސެއް ނޫން."

"ކިހިނެއްތަ އެކަހަލަ މީހުންނާ ގުޅުން ބާއްވަނީ. ބަލާބަލަ އެ މީހުން ހެދުން އަޅާގޮތް، ވާހަކަ ދައްކާގޮތް. އެ މީހުންނާ ގުޅުން ބާއްވާނެ ކަމެއް ނެތް."

އިމާމާ ނުކުމެގެން ދާން ފެށުމުން ވަސީމް ވެސް އޭނާގެ ފަހަތުން ދިޔައެވެ.

"އެކަމަކުވެސް އަހަރެން ވަރަށް އުފާވެއްޖެ އޭނައަށް އަހަރެން ބެންޑޭޖް އޮޅި ގޮތް ރަނގަޅު ނޫންކަން ފާހަގަ ކުރެވުނީމަ، އަދި ލޭގެ ޕްރެޝަރު ރަނގަޅަށް ނަގަން ނޭނގުނު ކަން އެނގުނީމަ. އޭނަ އޮތީ އޭރު މުޅިންހެން ޚަބަރު ހުސްވެފަ. ކިހިނެއްބާ އެކަންކަން ފާހަގަކުރެވުނީ؟" އެ ސުވާލުގެ ޖަވާބު ހޯދަން އޭނާ ބޭނުންވިއެވެ.

""އޭނަ ބުންޏަސް އެއީ ރަނގަޅު ވާހަކައެއް." ވަސީމު ހުރީ ހިނި އައިސްފައެވެ. "އަސްލު ބެންޑޭޖް ވެސް ރަނގަޅަށް އަޅަން އުނދަގޫވިއެއްނު؟"

"އާނ، އެނގޭ ތިކަން، އަހަރެން ހުރީ ވަރަށް ހާސްވެފަ. އެކަހަލަ ކޭސް އެއް ފެނުނު ފުރަތަމަ ފަހަރު އެއީ. ލޭ ފެނުމުން ވަރަށް ބިރު ގަތް. އަދި އެ ހާލުގައި ވެސް އޭނަ އުޅުނު ގޮތް. އެ ހުރިހާ ކަމެއްގެ އިތުރުން، އަމިއްލައަށް ފުރާނަ ނަގައިލަން އުޅުނު މީހަކު އެގޮތަށް އުޅުނު ތަނެއް ނުދެކެން."

"އެކަމަކު ޑޮކްޓަރަކަށް ވާން ބޭނުންވެގެން ތިއުޅެނީ، ގާބިލު މަޝްހޫރު ޑޮކްޓަރަކަށް، ކިހިނެއް އެވާހަކަ ގަބޫލުކުރާނީ؟" ވަސީމް ބުންޏެވެ.

"ހުރިހާ ވާހަކައެއް މި ކިޔައިދިނީ އަހަންނަށް މަލާމާތް ކުރުވާކަށް ނޫން." ވާހަކައިގައި ތިބެ ދެ ކުދިން ގޮސް ކާރަށް އެރިއެވެ.

***

ޒައިނަބާއި ޖަލާލަށް ކޮންމެވެސް ބަދަލެއް އައިސްފައިވާކަން އިމާމާ އަށް ފަހާގަ ކުރެވުނެވެ. އޭނާއާ ނުރުހިފައި ތިބޭ ކަމުގެ އިހުސާސް ކުރެވުނެވެ. ޖަލާލް އާ ގުޅަން އޭނާ އެތައް މަސައްކަތެއް ކުރިއެވެ. ހޮސްޕިޓަލަށް ވެސް ދެ ތިން ފަހަރަކު ގުޅުމުން ކޮންމެ ފަހަރަކު ލިބެނީ އެއް ޖަވާބެކެވެ. ޖަލާލް ކޮންމެވެސް ކަމެއްގައި އަވަދިނެތި އުޅޭ ވާހަކައެވެ. ޒައިނަބް ބަލާ ކޮލެޖަށް އަޔަސް މިހާރު އިމާމާ އާ ވާހަކަދައްކާލަން މަޑެއް ނުކުރެއެވެ. އަދި ދިމާވިޔަސް ސަލާން ގޮވައިލުން ފިޔަވައި އިތުރު ވާހަކައެއް ނުދައްކައެވެ.

ކުރިން އެއީ ހިއެއް ކަމަށް ހީވިޔަސް އެކަން ރަނގަޅަށް ފާޅުވުމުން ޖަލާލް އާ ބައްދަލުކުރުމަށް އޭނާ ހޮސްޕިޓަލަށް ދިޔައެވެ. އިމާމާ ފެނުމުން ޖަލާލް އެންމެ ކުޑަވެގެން ހީނވެސް ނުލިއެވެ.

"އަހަރެމެން ދިމާނުވާތާ ދުވަސްކޮޅެއް ވެއްޖެ. އެހެންވެ ހިތަށް އެރީ އަންނާނީ އޭ." ހިތް ބިރުގެންފައި ހުރެ އޭނާ ޖަލާލް އާ ވާހަކަދެއްކިއެވެ.

"މަޑުކުރެވޭކަށް ނެތް މިހާރު. އަހަރެންގެ ޝިފްޓު ފެށެން އެ އުޅެނީ."

"ޒައިނަބް ބުނީ މީ ޝިފްޓް ނިމޭގަޑިއޭ. އެހެންވެ އަހަރެން މިއައީ."

"އާނ. އެކަމަކު ކުރަން ޖެހޭ އެހެން މަސައްކަތެއް އެބައޮތް." ޖަލާލް ބުންޏެވެ.

ޖަލާލަށް ބަލަން އިރުކޮޅަކު އިނދެފައި އިމާމާ އަނެއްކާވެސް ސުވާލުކުރިއެވެ. "އަހަރެން ދެކެ ހިތް ހަމަ ނުޖެހިފަތަ؟"

"ނޫން. އަހަރެން ނެތިން އެއްވެސް މީހަކު ދެކެ ހިތްހަމަ ނުޖެހިފައެއް." ފަރުވާ ކުޑަގޮތަކަށް ޖަލާލް ބުނެލިއެވެ.

"އަހަންނަށް ދިހަ ވަރަކަށް މިނެޓު ދީބަލަ، ހިނގާބަލަ ބޭރަށް."

އިމާމާ އަށް ބަލައިލުމަށް ފަހު އޭނާ ކޯޓު އަތުގައި އަޅުވައިގެން ބޭރަށް ނިކުތެވެ. ނިކުމެފައި ގަޑިއަށް ބަލައިލިއެވެ.

"ކީއްވެ އަހަންނާ ދޭތެރޭ ތިހެން ކަންތައް ކުރަނީ؟" އިމާމާ ސިދާ މައުޟޫއަށް ދިޔައެވެ.

"އަހަރެން ވަކި ގޮތަކަށް ކަމެއް އެބަ ކުރަންތަ؟" އޭނާ އެހިއެވެ.

"އާނ، މިހާރަކަށް އައިސް އަހަންނާ އެއްވެސް ވަރަކަށް އަޅައެއް ނުލާ."

"އާނ. ނުލަން." ޖަލާލްގެ ޖަވާބުން އިމާމާގެ ހިތް ކުދިކުދި ވިއެވެ. އެއީ އޭނާ އުއްމީދު ކުރި ޖަވާބެއް ނޫނެވެ. "އަހަރެން ބޭނުމެއް ނޫން އިމާމާ އާ ބައްދަލުކުރާކަށް." ޖަލާލް ފެށި ވާހަކަ ނިންމައިލިއެވެ.

"އެއީ ކީއްވެ؟ ކުއްލިއަކަށް ތިހާ ބޮޑު ބަދަލެއް އަންނަން ޖެހޭނީ ކޮންމެވެސް ކަމެއް ވެގެން."

"އާނ. ކަމެއް ވެއްޖެ. އެ ވާހަކަ ބުނުމަކީ މުހިއްމު ކަމެއް ނޫން. އަހަރެން ގާތު ބައެއް ވާހަކަ ބުނަން އިމާމާ އަށް ވެސް މުހިއްމެއް ނުވި." އިމާމާގެ ސުވާލުތަކަށް ޖަވާބު ދޭން އޭނާ ވިސްނަން ވެސް ނުޖެހެއެވެ.

"އަހަރެން؟ އަހަރެން ޖަލާލަށް ސިއްރުކުރީ ކޮން ކަމެއް؟"

"ތީ މުސްލިމެއް ނޫން ކަން." އިމާމާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. "އެ ވާހަކަ ސިއްރެއް ނުކުރަންތަ؟"

"ޖަލާލް، އެ ވާހަކަ ބުނަން އަހަރެން ބޭނުންވި." އިމާމާއަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ.

"ބޭނުންވި، އެކަމަކު ނުބުނަމެއްނު؟ އަހަންނަށް އޮޅުވައިލީ."

"އޮޅުވައެއް ނުލަން! ކީއްވެ އޮޅުވާލަންވީ؟" ދިފާއުގައި އިމާމާ ބުނެލިއެވެ.

"އޮލުވާލަން ޖެހޭ ސަބަބެއް ނެތް. އެކަމަކު އޮޅުވާލީމެއްނު. އަހަރެން މަޅީގަ ޖެއްސީ ގަސްދުގަ؟"

އިމާމާގެ ދެ ލޯ ކަރުނައިން ފުރުނެވެ. "މަޅީގަ ޖެއްސީ އޭ؟" ތުރުތުރު އަޅާ އަޑަކުން އިމާމާ ބުންޏެވެ.

"އިމާމާއަށް ރަނގަޅަށް އެނގޭނެ އަހަރެންގެ ހިތުގައި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް އޮންނަ ލޯތްބާއި ގަދަރު. ކާވެނި ކީއްކުރަން، ތިކަހަލަ މީހަކާ އެއްވެސް ގުޅުމެއް ބާއްވާކަށް އަހަރެން ބޭނުމެއް ނޫން. މީގެ ފަހުން އަހަންނާ ބައްދަލުކުރަން ނޫޅޭތި." ޖަލާލްގެ އަޑުގައި ވަނީ ހިތިކަމެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.