އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އަގު 3 ބިލިއަން ރުފިޔާއަށް

މޯލްޑިވްސް މާރކެޓިން އެންޑް ޕީއާރު ކޯޕަރޭޝން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ އަގު 220 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އަށް އަރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ޕްރެސްކޮންފަރެންސްގައދެއްވި މަޢުލޫމާތަކުން ހާމަވެއްޖެއެވެ. އެއީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި، ނުއަގުގައި ދޫކޮށްފައިވާ 60ށް ވުރެ ގިނަ ރަށްތަކުގެ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ޢަދަދެވެ. އެމްއެމްޕީއާރުސީ ޚިޔާނާތާ ގުޅޭ އޭސީސީ ރިޕޯރޓާއި އޮޑިޓް ރިޕޯރޓްތަކުން ފެންނަށް ހުރި މަޢުލޫމާތުތަކުން، ދައުލަތަށް ގެއްލުނު ކަމަށް ކަނޑަ އަޅައިފައި އޮތީ 91 މިލިއަން ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ 1.4 ބިލިއަން ރުފިޔާއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުން މަންފާ ލިބުނު އިތުރު ފަރާތްތަކުގެ މައްޗަށް ދައުވާ ކުރަން މިމަހު ފަހުކޮޅު ފޮނުއްވާނެކަމަށް އެސެޓް ރިކަވަރީ ކޮމިޝަނާ ޙަވާލާ ދެއްވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން، މިހާތަނަށް ދަޢުވާކޮށްފައި ވަނީ ހަމައެކަނި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށެވެ. ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ހަގީގަތް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެމަނިކުފާނު އުފެއްދެވި ރިޔާސީ ކޮމިޝަނާ ޙަވާލާ ދެއްވައި ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ބޮޑު ބައެއް ޖަމާކޮށްފައިވަނީ ކުރީގެ ނާއިބް ރައީސްގެ ގާތް ބައެއްގެ ކުންފުންޏެއްކަމަށްވާ އެސް.އޯ.އެފްގެ އެކައުންޓަށްކަމަށް އޭސީސީގެ ތަހްޤީޤު ރިޕޯރޓުން ހާމަވެއެވެ. ދެވަނައަށް އެންމެ ގިނަ ފައިސާ ޖަމާކޮށްފައިވަނީ މިލޭނިއަމް ކެޕިޓަލްއާއި މޮންޓާލިއަން އިންޓަރނޭޝަންލް ކުންފުނީގެ އެކައުންޓަށްކަމަށް ވެސް އޭސީސީން ނެރުނު ތަޙްޤީޤީ ރިޕޯޓުން ވަނީ ހާމަވެފައެވެ.

ޚިޔާނާތްތައް ބަލާ ރިޔާސީ ކޮމިޝަނުން މިހާތަނަށް ބެލިބެލުމުގައި ރަށްތަކުގެ އެކުއިޒިޝަން ކޮސްޓް، މިހާރު ހަމަޖެހިފައި އޮތް ގޮތުން އަގުކުރުމުން ޖެހެނީ 220 މިލިއަން ޑޮލަރެވެ. އެއީ ދޫކޮށްފައިވާ ފަޅުތައް ނުހިމަނައެވެ.

"އެހެންކަމުން އެ ރަށްތައް ލިބުނު ފަރާތްތަކުން ދެއްކި ކަމަށް ބުނާ 91 މިލިއަން ޑޮލަރު އުނިކުރުމުން ވެސް އެފަރާތްތަކުން ސަރުކާރަށް ދައްކަން އެބަ އޮވޭ 128 މިލިއަން ޑޮލަރު" ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯރޓް ފައިނަލް ވުމުން، އެރަށްތަކުން ހަމަ އަގު ހޯދުމުގެ މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިހާރުން މިހާރަށް ވެސް އެގްރިމެންޓް ބާޠިލްކުރެވެން ހުރި ރަށެއް އޮތްނަމަ އެގްރިމަންޓް ބާޠިލް ކުރައްވާނެކަމަށް ވިދާޅުވިއެވެ. ދެތިންދުވަހެއް ކުރިންވެސް ވަނީ މީގެތެރެއިން ރަށެއްގެ އެގްރިމަންޓް ބާޠިލްކުރައްވައިފައެވެ. ނުއަގުގައި ދޫކޮށްފައިވާ ރަށްތަކާމެދު ފިޔަވަޅު އަޅަން ޖެހޭނީ ނުވަތަ ހައްލެއް ހޯދަން ޖެހޭނީ އިންވެސްޓަރުންގެ އިތުބާރު ނުގެއްލޭ ގޮތަށް ވަރަށް ވިސްނައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ބައެއް ހޯދުންތަކުން ފެންނަ ގޮތުގައި ނުއަގުގައި ދޫކޮށްފައިވާ ބައެއް ރަށްރަށް ދޫކޮށްފައިވަނީ އެގްރީމެންޓެއް ނެތި، އަދި ފައިސާ ވެސް ނުނަގައެވެ. ދޫކުރިމީހާ ސާފުނުވާ ދިހަވަރަކަށް ރަށް އުޅޭއިރު އެއް ރަށް ދެ މީހުންނަށް ދޫކުރުން ފަދަ އޮޅުންބޮޅުން އަރައިފައި ހުރިކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.