މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީއާރް.ސީ) ގެ ޚިޔާނާތުގެ ތަޙްޤީޤު ރިޕޯޓު އިއްޔެ އާއްމުކުރުމާ ހަމައަށް މި ސަރުކާރާ ހިއްސާ ކުރައްވާފައިނުވާ ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އިބްރާހީމް ޙޫދް ވިދާޅުވެއްޖެއެވެ. ހުކުރު ދުވަހު ކުރެއްވި ޓުވީޓެއްގައި ޙޫދް ވިދާޅުވީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަޙްޤީޤު ރިޕޯޓުގައި ހިމެނޭ ތަފްސީލު ރައީސަށް ފުރަތަމަ ފެނިވަޑައިގަތީ ބުރާސްފަތި ދުވަހު އެ ރިޕޯޓު އާއްމު ކުރުމުން ކަމަށެވެ.
ޙޫދް މިހެން ވިދާޅުވީ ރައީސް އޮފީހަށް މީގެ އެތައް މަހެއް ކުރީން އޭސީސީގެ ރިޕޯޓު ލިބިފައިވާ ކަމަށްބުނެ ޓްރާންސްޕޭރެންސީގެ ރައީސް އައިމަން ރަޝީދު ކުރައްވާފައިވާ ޓުވީޓެއްގެ ޖަވާބުގައެވެ. ރިޕޯޓު އާއްމު ކުރުމުން ގިނަބަޔަކު ރައީސަށް ތަހުނިޔާ ފޮނުވަމުން ގެންދަވާތީ އައިމަން ވިދާޅުވީ ތަހުނިޔާ ފޮނުވަންވީ އާއްމުންނާއި މީޑިއާ، އަދި ވަކީން ޚާއްޞަކޮށް އެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައި, ބޭންކް އޮފް މޯލްޑިވްސް ގެ ކުރީގެ މުއައްޒަފު ޤާސިމް ޢަބްދުލްކަރީމަށް ކަމަށެވެ.
ބުރާސްފަތި ދުވަހު އޭސީސީ އިން އާއްމުކުރި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި އެމް.އެމްޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލަ އެ ކޮމިޝަނުން ތަޙްޤީޤު ކުރަން ފަށާފައިވަނީ 2015ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 27ވަނަ ދުވަހުއެވެ. އަދި 2017ވަނަ އަހަރުގެ ޖުލައި މަހުގެ 13ވަނަ ދުވަހު ތަޙްޤީޤު ނިމިފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ތަޙްޤީޤު ނިމި ދެ އަހަރު ފަހުން ރިޕޯޓު އާއްމުކުރުމުން ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ވަނީ ދެ އަހަރު ވަންދެން ރިޕޯޓު ފޮރުވާފައި ބޭއްވުމުން އެކަމާ ސުވާލު އުފައްދަވާފައެވެ. ސަރުކާރުގެ ވަޒީރަކާއި އަދި ސްޓޭޓް މިނިސްޓަރެއްގެ އެކައުންޓަށް ވެސް އެމް.އެމް.ޕީ.އާރް.ސީ ގެ ފައިސާ ވަނީ ވަދެފައެވެ. މައްސަލަ ތަޙްޤީޤުކޮށް ނިމެންދެން މި ދެ ބޭފުޅުން ގޭގައި މަޑުކުރުމަށް ރައީސް ވަނީ އަންގަވާފައެވެ. މި ދެ ބޭފުޅުންގެ އިތުރުން ސަރުކާރުގެ ބައެއް މަގާޟުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ގޭގައި މަޑުކުރައްވަން އަންގަވާފައިވާ ކަމުގެ އަޑު ވަނީ ފެތުރިފައެވެ. ނަމަވެސް އެކަން އަދި ކަށަވަރު ކުރެވޭ ގޮތެއް ނުވެއެވެ.