(24 ޖުލައި 2019ގައި ޝާއިއުކުރި ބަޔާއި ގުޅޭ)
"މީ އަހަރުމެން ބައްދަލުވާ ފުރަތަމަ ފަހަރު." ސާލާރް ހޮސްޕިޓަލަށް އައީ ޖާލާލް އާ ބައްދަލުކުރާށެވެ. ކުޑަ އެހީތެރިކަމަކާ އެކު އޭނާއަށް ޖަލާލް ފެނިއްޖެއެވެ. މިހާރު އޭނާ ހުރީ ޖަލާލް އާއެކު ޑިއުޓީ ކޮޓަރީގައެވެ.
"ކޮންމެވެސް ތަނެއްގަ އިށީންނަމާ، ވާހަކަ ދައްކާލަން؟" ސާލާރް ބުންޏެވެ.
"ކޮން ވާހަކައެއް؟" ޖަލާލް ހުރީ ކަންބޮޑުވެފައެވެ.
"އިމާމާ އާ ބެހޭ ގޮތުން."
"ތީ ކާކު؟" ޖަލާލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
"އަހަންނަކީ އިމާމާގެ ރައްޓެއްސެއް." އަނގައިން ނުބުނެ ސާލާރަށް ބަލަން ހުރެފައި ދެ މީހުން ކުރިއަށް ހިނގައިގަތެވެ.
"އަހަރެންގެ ކާރު އޮތީ ޕާކު ކުރާ ތާނގައި. އެތަނަށް ދަމާ." ސާލާރް ބުނެލިއެވެ. ކާރާ ހަމައަށް ދެވެންދެން އެކަކުވެސް އަނގަޔަކުން ނުބުނެއެވެ.
"އަހަރެން މިއައީ އިސްލާމްއާބާދުން." ސާލާރް ފެށިއެވެ. "އިމާމާ ފޮނުވައިގެން މި އައީ، ޖަލާލް އާ ވާހަކަ ދައްކަން."
"އިމާމާ ދުވަހަކުވެސް ސާލާރްގެ ވާހަކައެއް ނުބުނޭ." ޖަލާލް ނުގޮތަކަށް ބުނެލިއެވެ. "އޭނާ ދަންނަނީ ކޮން އިރަކުން ފެށިގެން؟"
"ކުޑައިރުއްސުރެން. އަހަރެމެންގެ ގެ ހުންނަނީ ޖެހިޖެހިގެން. އަހަރެމެންނަކީ ގާތް ރައްޓެހިން." ފަހު ޖުމުލަ ބުނީ ކީއްވެގެން ކަމެއް ޚުދު ސާލާރަކަށް ވެސް ނޭނގެއެވެ. ޖަލާލްގެ މޫނު މައްޗަށް އަރައިފައިބާ ކުލަވަރު ފެނުމުން ކަމަށްވެސް ވެދާނެއެވެ. އޭނަގެ މޫނުމަތިން ނުރުހުމުގެ އަސަރު ސާލާރަަށް ފާހަގަކުރެވުނެވެ.
"އަހަރެން އޮންނާނީ އިމާމާއާ ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކާފައި. އިތުރަށް ދައްކަންޖެހޭ ވާހަކައެއް އޮތް އޮންނާނެހެން ހިއެއް ނުވޭ." ފޫހި ރާގަކަށް ޖަލާލް ބުނެލިއެވެ.
"އިމާމާ ބޭނުންވަނީ ޖަލާލް އާ އިންނަން." ސާލާރް ވެސް ހަމަ އެރާގުގައި ބުނެލިއެވެ.
"އަހަރެން ނިންމިގޮތް އިމާމާ އަށް އަންގާފައި އޮންނާނީ."
"އޭނާ ބޭނުންވަނީ އެ ނިންމުން އަލުން މުރާޖައާ ކުރަން."
"ތިކަމެއް ނުވާނެ."
"އޭނަ ހުރީ ގޭގައި ބަންދުވެފައި. މައިންބަފައިންގެ ބެލުމުގެ ދަށުގައި. މުޅި އުމުރަށް އިނދެގެން ނޫޅެވުނަސް އޭނާ ބޭނުންވަނީ ވަގުތީ ގޮތުން ނަމަވެސް އޭނަޔާ އިނދެފަ އެ ގެއިން އޭނާ މިނިވަންކޮށްދިނުމަށް."
"ކިހިނެއް އެހެން ވާނީ، އޭނާ ރަހީނުކޮށްފަ ހުރިއްޔާ؟" ޖަލާލް އެހިއެވެ. ފޯނުން ކާވެނި ކުރެވިދާނެ ކަމަށް ސާލާރް ލަފާދިނެވެ.
"ނޫން. އަހަންނަކަށް ތި ރިސްކެއް ނުނެގޭނެ. ތިކަހަލަ މައްސަލަގަނޑެއްގެ ތެރެއަށް ވަންނާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެންގެ މައިންބަފައިން އެކަހަލަ ކަމަކަށް ހުއްދައެއް ވެސް ނުދޭނެ. އެހެން ނޫނަސް އެ މީހުން ތިބީ އިމާމާ ބަލައިގަންނަ ގޮތަކަށް ނޫން."
ޖަލާލްގެ ލޯ ހުރީ ސާލާރްގެ ދިގު އިސްތަށިގަނޑާ ދިމާއަށެވެ. ސާލާރަށްް އޭނާ ކަމުނުދިޔަ ފަދައިން އޭނާއަަކަށް ވެސް ސާލާރް ކަމަކު ނުދިޔައެވެ.
"އޭނާ ހުރީ ވަގުތީ ކާވެންޏަކަށް ވެސް ތައްޔާރުވެގެން." ސާލަރް ދެވަނަ ފަހަރަށް ބުންޏޭވެ. "އޭރުން އޭނައަށް ގެއިން ނުކުމެވޭނެ. އެއަށްފަހު ވަރިކުރޭ، އިނދެގެން އުޅެން ބޭނުން ނެތިއްޔާ.”
"ވަރަށް ސާފުކޮށް ބުނެފިން އަހަންނަށް އޭނައަށް އެހީތެރިކަން ފޯރުކޮށެއް ނުދެވޭނެއޭ. ވަގުތީ ކާވެންޏެއް ވެއްޖެއްޔާ ސާލާރް އޭނަޔާ އިންނަންވީނުން؟ ތިއީ އޭނާގެ އެކުވެރިއެއްނު؟ ނޫންތަ؟" ޖަލާލް އޭނާޔާ ދިމާއަށް ބުންޏެވެ. "އޭނައަށް އެހީތެރިވާން އިސްލާމްއާބާދުން ލާހޯރަށް އާދެވެންޏާ، އެކަންވެސް ކުރެވޭނެ."
"އަަހަރެން ގާތު އޭނަ ނާހާ އިންނާކަށް، އެހެންވީމަ އަހަރެން އެކަމަކާ ނުވިސްނަން." ސާލާރް ދެ ކޮނޑު އަރުވައިލަމުން ބުންޏެވެ. "ކޮންމެ ގޮތެއް ވިޔަސް އޭނާ ލޯބިވަނީ ޖަލާލް ދެކެ، އަހަރެން ދެކެ އެއް ނޫން."
"އެހެންކުރާ ވަގުތީ ކާވެންޏަކަށް ލޯތްބަކުން ކުރާނީ ކީއް؟ ފަހުން ވަރި ކުރެވިދާނެއެއްނު؟" ޖަލާލް ހައްލުވެސް ހޯދައިދިނެވެ.
"ޝުކުރިއްޔާ. އޭނަޔަށް ތި ލަފާ ދޭނަން." އޭނާ ޖަވާބު ދިނެވެ.
"އޭނަޔާ ނީންނަންޔާ އިމާމާ ގާތު ބުނޭ އެހެން ގޮތެއް ހޯދާށޭ. އެހެން ނޫނީ ނޫހެއްގެ އިދާރާއަކަށް ގޮސް އިމާމާގެ ހާލަތު ކިޔައިދޭންވީނު؟ އޭނަގެ މައިންބަފައިން އޭނާ ހިފަހައްޓައިގެން އުޅޭ ވާހަކަ. ނޫސްތަކުގައި އެ ވާހަކަ ޝާއިއުކުރުމުން އިމާމާގެ މައިންބަފައިންނަށް މަޖުބޫރުވާނެ އޭނާ މިނިވަން ކުރަން. އެހެން ނޫނީ ފުލުހަށް ގޮސް އޭނާ މިނިވަން ކޮށްދީ."
ސާލާރް އިނީ ހައިރާން ވެފައެވެ. ޖަލާލް އެ ބުނާ ގޮތަށް އިމާމާ ކަންތައް ނުކުރީ ކީއްވެހެއްޔެވެ؟ އެއީ މާ ރައްކާތެރިވެސް ގޮތެކެވެ.
"އެންމެ ރަނގަޅު. އަހަރެން ތި ވާހަކަ ވެސް ބުނެދޭނަން."
"ދެން އަހަންނާ ބައްދަލުކުރަން ނާންނާތި. އަދި އިމާމާ ގާތު ވެސް ބުނޭ އަހަންނަށް ގުޅަން ނޫޅޭށޭ. އަހަރެންގެ މައިންބަފައިން މިހާރު އަހަރެންގެ އެންގޭޖްމަންޓުގެ ކަންތައް އެބަ ހަމަޖައްސާ." ޖަލާލް އިތުރު ވާހަކައެއް ވެސް ބުނެލިއެވެ.
"އެންމެ ރަނގަޅު. ތި ހުރިހާ ވާހަކައެއް އަހަރެން އޭނާއަށް ކިޔައިދޭނަން." އާދައިގެ ގޮތަކަށް ސާލާރް ބުންޏެވެ. ޖަލާލް އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. އޭނާ ކާރުން ފޭބިއެވެ.
އިމާމާއާ އިންނަން ސާލާރަށް ޖަލާލް އެއްބަސްކުރުވިދާނެ ކަމަށް އިމާމާ ހީކުރިއްޔާ އެއީ ބޮޑު ގޯހެކެވެ. ސާލާރްގެ ހިތުގައި އިމާމާ އަށް އެއްވެސް ހަމްދަރްދީ އެއް ނެތެވެ. އޭނާ މި އޮޅުންބޮޅުންގަނޑުގެ ތެރެއަށް ވަނީ އިމާމާ އަށް ހެޔޮކަމެއް ކޮށްދޭކަށެއް ވެސް ނޫނެވެ. މިއީ އޭނާއަށް ހައްލުކުރަން ލިބުނު ވަރުގަދަ މައްސަލައަކަށް ވާތީއެވެ. އިމާމާ ޖަލާލް ކާވެނިކުރުވުމަކީ އެ މައްސަލައިގެ ބައެއް ނޫނެވެ. އިމާމާ އާ ޖަލާލް އާ އިންނަން އުޅޭ ހަމައެކަނި ސަބަބަކީ އެ ދެމީހުން އެކަކު އަނެކަކު ދެކެ ވާ ލޯތްބެވެ. އެކަމަކު ޖަލާލް މިހާރު އެކަމަށް އިންކާރުކޮށްފިއެވެ. ޖަލާލްގެ ވިސްނުން ބަދަލުކުރަން ދީނީ ނަޒަރަކުން ސާލާރް ވާހަކައެއް ނުދައްކައެވެ. އޭނާ ވެސް ދީނުގެ މަފްޙޫމުތަކާ ދުރުވީމައެވެ. އެހެން ނޫނަސް އިމާމާއަށްޓަކައި ޖަލާލް އާ މާ ގިނަ ވާހަކަ ދައްކަނީ ކީއްކުރަން ހެއްޔެވެ؟ ފުރަތަމަ ނަޒަރުން ވެސް އޭނާ ޖަލާލް މަތިން ފޫހިވިއެވެ.
މިއީ ލާހޯރުން އިސްލާމްއާބާދަށް ދިޔަ މަގުމަތީގައި އޭނާގެ ހިތަށް އެރި ވާހަކަތަކެވެ. އޭނާ ލާހޯރަށް ދިޔަ ހަމައެކަނި ސަބަބަކީ އިމާމާ އާ ޖަލާލް އާ ދެމެދު އޮތް ގުޅުމެއް ހޯދުމުގެ ޝަައުގުވެރިކަމެވެ. ޖަލާލް ހުންނަނީ ކިހިނެއްތޯ އާއި އިމާމާގެ ވާހަކައަށް އޭނާ ދޭނެ ޖަވާބެއް ދެނެގަތުމެވެ. އިމާމާގެ މެސެޖު އޭނާ އަނގަބަހުން ޖަލާލަށް ރައްދުކޮށްދީފިއެވެ. މިހާރު އޭނާ އެދަނީ އިމާމާއަށް ޖަލާލްގެ ޖަވާބު ގެންގޮސްދޭށެވެ. އިމާމާ އާ ޖަލާލްގެ މައްސަލައަކީ އޭނާއަށް ވަރަށް ކަމުދިޔަ މައްސަލައެކެވެ. އިމާމާ ދެން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އޭނާ އަސްޖަދާ ނީންނާނެއެވެ. އަދި ޖަލާލް އޭނާޔާ ނީންނާނެއެވެ. އޭނާއަށް އެގެއިން ނުނިކުމެވޭނެއެވެ. އޭނާ ހިމާޔަތްކުރާނޭ އެކަކުވެސް ނުހުންނާނެއެވެ. ދެން އޭނާ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އާއްމުގޮތެއްގައި، އެފަދަ ހާލަތްތަކުގައި އަންހެން ކުދީން އެ މީހުންގެ ފުރާނަ ނަގައިލައެވެ.
"އާނ. އޭނަ އަހަރެންގެ އެހީއަށް އެދޭނެ. ވިހަ ނުވަތަ ބަޑިއެއް ހޯދަން ބުނާނެ. އަމިއްލަ ފުރާނަ ނަގައިލުން... ވަރަށް ވެސް އުފާވެރި." އޭނާގެ ހިތަށް އެރިއެވެ. "އިމާމާ އަށް އޮތީ އެ ނޫން ކޮން ގޮތެއް ހެއްޔެވެ؟"
***
"އަހަންނާ އިނދެފާނަންތަ؟ ފޯނުން؟" ސާލާރަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ މުޅިން ހިމޭން ވެއްޖެއެވެ.
ލާހޯރުން އެނބުރި އައިސް އޭނާ ޖަލާލްގެ ޖަވާބު އިމާމާއަށް ރައްދުކުރިއެވެ. އޭނާ ހީކުރީ އިމާމާ ރޯން ފަށާނެ ކަމަށެވެ. އަދި އަމިއްލައަށް މަރުވާން ހަތިޔާރެއް ހޯދަން ބުނާނެ ކަމަށެވެ. އެޔާ ޚިލާފަށް އިރުކޮޅެއް ވަންދެން ހިމޭނުން ހުރުމަށްފަހު އޭނާ ކުރި ސުވާލުން ސާލާރް މުޅިން ހައިރާންކޮށްލައިފިއެވެ. ސާލާރްގެ ބަސް ހުއްޓިއްޖެއެވެ.
"ކުޑަ ދުވަސްކޮޅަކަށް އަހަންނަށް ސާލާރްގެ އެހީތެރިކަން ބޭނުން. އޭރުން އަހަރެންގެ މައިންބަފައިންނަަށް އަސްޖަދާ އިންނާކަށް މަޖުބޫރެއް ނުކުރެވޭނެ. ދެން ގާނޫނުގެ އެހީގައި އަހަރެން ގެއިން ނެރެވޭނެ. އެއަށްފަހު އަހަންނަކަށް ސާލާރްގެ އެހީއެއް ބޭނުމެއް ނުވާނެ. ދުވަހަކުވެސް މައިންބަފައިން ގާތު ސާލާރްގެ ވާހަކަ ނުބުނާނަން." އިމާމާ ސާލާރަށް އޮޅުންފިލުވައިދިނެވެ.
"އެންމެ ރަނގަޅު. އެކަމަކު ތި ގާނޫނީ ކަންތައް އެހާ ފަސޭހައެއް ނޫން. ވަކީލެއް ހޯދުމާއި..."
އިމާމާ ސާލާރްގެ ވާހަކަ މެދުކަނޑައިލިއެވެ. "ރައްޓެއްސެއް ގާތު ބުނަންވީނު. އެމީހުންނަކީ އެކަހަލަ ކަންކަމުގެ ތަޖުރިބާކާރުންނެއްނު؟"
އެއީ ސާލާރް މާ ގަޔާވާ ވާހަކައަކަށް ނުވިއެވެ. "ކޮންކަހަލަ ކަންތަކެއް؟"
"މިކަހަލަ ކަންކަން." އިމާމާ ބުނެލިއެވެ.
"އިމާމާއަށް އެކަން އެނގެނީ ކިހިނެއް؟"
"ސާލާރްގެ އެހާ ރަނގަޅު ރައްޓެހިން ނުތިބޭނެ ވާހަކަ ވަސީމް ބުނި." ބޭއިޚްތިޔާރުގައި އިމާމާއަށް ބުނެވުނެވެ. ބުނެވުނު އެއްޗެއް ރޭކާލީ އިރުކޮޅެއް ފަހުންނެވެ.
"އަހަރެންގެ ރައްޓެހިން ވަރަށް ރަނގަޅުވާނެ. ގައިމުވެސް ޖަލާލް އަންޞާރަށް ވުރެ މާ ރަނގަޅުވާނެ." ސާލާރްގެ އަޑުގައި ހުރީ މަލާމާތުގެ އަސަރެވެ. އިމާމާ އަނގަޔަކުން ނުބުނެއެވެ. "އެންމެ ރަނގަޅު. ތިކަމުގައި އަހަންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލާނަން. އެކަމަކު މިއީ ވަރަށް ނުރައްކާތެރި ކަމެއްކަން އިމާމާ އަށް އެނގެންވާނެ."
"އަހަންނަށް އެނގޭ، އެކަމަކު އަހަރެން މީހަކާ އިންކަން އެނގިއްޖެއްޔާ އަހަރެން ގެއިން ނެރެ އެއްލައިލުން އެކަށީގެންވޭ. އޭރުން ގާނޫނުގެ އެހީއެއް ބޭނުމެއް ނުވާނެ. ނުވަތަ އެ މީހުން އަހަރެންގެ ކާވެނި ބަލައިގެންފާނެ. އެހެންވެއްޖެނަމަ ސާލާރް ގާތުން ވަރި ވެގެން އަހަންނަށް ޖަލާލް އާ އިނދެވޭނެ."
އިމާމާގެ ވާހަކަ އަޑުއަހަން ހުރެފައި އޭނާގެ ހިތަށް އެރިއެވެ. މިހައި މޮޔަ އަންހެނަކު އޭނާ ދުވަހަކުވެސް ނުދެކެއެެވެ.
"އެންމެ ރަނގަޅު. ބަލަމާ ކޮންކަމެއްތޯ ކުރެވެން އޮތީ." އޭނާ ފޯނު ބޭއްވިއެވެ.
***
"އަހަރެން ކާވެނީގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން ބޭނުން."
ސާލާރަށް ބަލާލައިފައި ހަސަންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. "ތިއީ އާ ކަމެއްތަ؟ ނޫނީ އެންމެ ފަހުގެ ތަޖުރިބާ ތަ؟"
"އެންމެ ފަހުގެ." ސާލާރް ޖަވާބު ދިނެވެ.
"ކާވެނީގެ ހަފްލާއެއް ބާއްވަން ދޯ ތިއުޅެނީ؟" ބަރގަރ އިން އެތިކޮޅެއް ކާލަމުން ހަސަން އެހިއެވެ.
"ކާވެނީގެ ހަފްލާއެއް ބާއްވަން އުޅެނީ ކާކު؟ އަހަރެން މިއުޅެނީ ހާލުގައި ޖެހިފައިވާ ކުއްޖަކަށް އެހީވާން. އަަހަރެން ބޭނުންވަނީ އޭނައަށް އެހީވާން."
ހަސަން ސާލާރަށް ބަލައިލިއެވެ. "ކޮން ސަކަރާތެއް ޖަހަން ތިއުޅެނީ؟"
"ސަކަރާތެއް ނޫން. އަހަރެން ކަލޭ މިތަނަށް ގެނައީ ކަމަކު."
"އެހެންވެއްޖެއްޔާ ތި ދައްކަނީ ކޮން ކާވެންޏެއްގެ ވާހަކަ. އަދި ކޮން ކުއްޖަކަށް އެހީ ވާ ވާހަކަ؟" ހަސަން އިނީ އުނދަގޫ ވެފައެވެ. "ކަލޭ އަނެއްކާ ކުއްޖަކު ދެކެ ލޯބިވީތަ؟"
"މޮޔަ ވާހަކަ ނުދައްކާ! ލޯބީގެ ގުޅުމެއް ފަށަން އަހަރެން މޮޔަވީތަ އެ ވެސް އަދި މި އުމުރުގައި؟" ސާލާރް ބުނެލިއެވެ.
"އެކަމާ އަހަރެން މި ވިސްނަނީ... ކީއްކުރަން ކުރާ ކަމެއް ތީ؟"
ސާލާރް ހަސަނަށް ވެގެން އުޅޭ ގޮތް ރަނގަޅަށް ކިޔައިދީފިއެވެ. އެކަމަކު އިމާމާ އަކީ ވަސީމްގެ ކޮއްކޮ ކަމެއް ނުބުނެއެވެ. ހަސަނާއި ވަސީމަކީ ވަރަށް ގާތް ދެ މީހުންނެވެ. ހަސަން ވަގުތުން އަންހެން ކުއްޖާގެ ވަނަވަރު އެހިއެވެ. ސާލާރް ފުން ނޭވައެއް ލިއެވެ. "އެއީ ވަސީމްގެ ކޮއްކޮ."
"ކީކޭ؟" ހަސަން ފުންމައިގެން ތެދުވިއެވެ. "ލާހޯރުގެ މެޑިކަލް ކޮލެޖެއްގަ ކިޔަވާ ކުއްޖާތަ؟"
ސާލާރް ބޯ ޖަހައިލިއެވެ.
"ތިކަހަލަ ކަމެއް ކުރަން އުޅޭނީ ކަލޭ ހަމަ ރަނގަޅަށް ވެސް މޮޔަވުމުން. ވެގެން އުޅޭ ގޮތް ރަނގަޅަށް ވަސީމަށް ކިޔައިދީ."
"އަހަރެން މި އެދެނީ ކަލޭގެ އެހީތެރިކަމަށް، ލަފަޔަކަށް ނޫން." ސާލާރް ދެރަވެއްޖެއެވެ.
"އެހީވާން އަހަރެން ކިހިނެއް ހަދަންވީ؟" ހަސަން އިނީ ވާނުވާ ނޭގިފައެވެ.
"ކަލޭ ކޮށްދޭންވީ ކަމަކީ ކާވެނި ރަޖިސްޓްރީ ކޮށްދޭނެ މީހަކާއި ހެކިވެރިން ހޯދުން. އޭރުން ފޯނުން ކާވެނި ކުރެވިދާނެ." ސާލާރް ބޭނުންވާ ގޮތް ބުންޏެވެ.
"ތިކަމުން ކަލެއަށް ލިބެނީ ކޮން ފައިދާއެއް؟" ހަސަން އޮޅުންފިލުވަން ބޭނުންވިއެވެ.
"އަހަންނަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް. އެހެން ނޫނަސް މިކަން ކުރަން މިއުޅެނީ ފައިދާއަކަށް ނޫން."
"ބޮޑު މުސީބާތެއްނު ސާލާރް! ކަލޭ ތިކަމުގެ ތެރެއަށް ވެއްޓެނީ ކީއްކުރަން؟ އެވެސް އަދި ވަސީމްގެ ކޮއްކޮއަށްޓަކައި..."
އިތުރު ބަހަނާ އަޑުއަހާކަށް ސާލާރް ބޭނުމެއްނުވިއެވެ. "ކަލޭ މިކަން ކޮށްދޭނަންތަ؟ ނުވަތަ ނޫންތަ؟ އިތުރު ކަމަކާ ކަލޭ ހާސްވާނެ ކަމެއް ނެތް."
(ނުނިމޭ)