ފާނޫޒު - 36

(17 އޯގަސްޓު 2019ގައި ޝާއިއު ކުރި ބަޔާ ގުޅޭ)

އެ ހަފްތާ ބަންދުގެ ދުވަސްވަރެވެ. ސާލާރް އިނީ ކޯރެއްގެ އައްސޭރީގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެންނެވެ. އޭނާ ކަހަލަ އެތައް ބަޔަކު އެ ހިސާބުގައި އުޅުނެވެ. އައިސްކްރީމް ބޮމުން އޭނާ ވަށައިގެން ހޯދާލިއެވެ. ކުޑަ ފިރިހެން ކުއްޖަކު ބޯޅަ ކުޅެމުން ދުވާތަން އޭނާއަށް ފެނުނެވެ. އެ ކުއްޖާ ބޯޅަ ކުޅޭތަން ބަލަން މަންމަ އިނެވެ. އޭނާ އިނީ ބުރުގާ އަޅައިގެންނެވެ. އެ އަންހެން މީހާއަށް ބަލަން އޭނާ އިން ނަމަވެސް އޭނާ އިނީ މުޅިން އެހެން ޚިޔާލަކަށް ގެއްލިފައެވެ. އޭނާއާ ދިމާއަށް ބޯޅަ އައުމުން ފައިތިލައިން ބޯޅަ ހިފެހެއްޓިއެވެ. ތުއްތު ކުއްޖާ ދުވަމުން އައިސް ސާލާރްގެ ގާތަށް ހުއްޓުނެވެ. ސާލާރް ބޯޅަ ދޫކޮށެއް ނުލިއެވެ. އޭނާ ބަލައިލީ އެ ކުއްޖާގެ މަންމާ އާއި ދިމާއަށެވެ. އުއްމީދުކުރީ އެ އަންހެން މީހާ އަންނާނެ ކަމަށެވެ. އޭނާ އައުމުން ސާލާރް ހައިރާންވިއެވެ.

"ބޯޅަ ދީ." އޭނާ ވާހަކަ ދެއްކީ އަދަބުވެރިކަމާ އެކު އެވެ. ސާލާރް ވަރަށް ބާރަށް ބޯޅައިގައި ފައިންޖަހައި ވަރަށް ދުރަށް ފޮނުވައިލިއެވެ. ދެން އެ އަންހެން މީހާ އާ ދިމާއަށް ބަލައިލިއެވެ. އޭނާ ހުރީ ރުޅި އައިސް ރަތްވެފައެވެ. ވައި އަޑުން ކޮންމެވެސް އެއްޗެހިތަކެއް ކިޔަމުން ބޯޅައިގެ ފަހަތުން ދުވަމުން ދިޔަ އޭނާގެ ދަރިފުޅާއެކު ހިނގައްޖެއެވެ. ސާލާރަކަށް އޭނާ ކީ އެއްޗެއް ނޭނގުނެވެ.

ސާލާރަށް ވެސް އޭނާއަށް ކަންތައް ކުރެވުނު ގޮތް ކަމަކު ނުދިޔައެވެ. އެކަމަކު އެއީ ކިހިނެއްވެގެން ވީ ކަމެއްކަން ރޭކާލިއެވެ. އެ އަންހެން ކުއްޖާ އިމާމާ އާ ވަރަށް ވައްތަރެވެ. އިސްކޮޅުން ދިގުވެފައި ލޫޅާފައްޗެވެ. ލައިގެން ހުރީ ގަޔަށް ދޫ ކަޅު ހެދުމެކެވެ. އޭނާގެ ގައިގައި ހުރީ އިމާމާގެ ގައިގައި ހުންނަ ދޮންކުލައެވެ. ލޯ ވެސް އެހައި ކަޅެވެ. އެކަމަކު އިމާމާ ބުރުގާއެއް ނާޅައެވެ. އޭނާ ހަށިގަނޑު ނިވައިކުރަނީ ޗާދަރަކުންނެވެ. އެ އަންހެން މީހާ އަށް ޖެއްސުންކުރެވުނީ އިމާމާ ކަމަށް ހީކޮށެވެ. އެކަމަކު އެއީ އިމާމާއެއް ނޫނެވެ.

"އަހަންނަށް ކިހިނެއްތަ ވީ؟ މިކަހަލަ ކަންތައް މި ކުރަނީ..." އޭނާގެ ހިތަށް އެރިއެވެ. ޖީބުން ސިނިގރެޓެއް ނަގައި ރޯކޮށްލައިފިއެވެ. އަނެއްކާވެސް އެ އަންހެން މީހާއާ ދިމާއަށް ބަލައިލިއެވެ. އެތަނުގައި ހިނގާ އިތުރު އެހެން ކަމަކަށް އޭނާ ސަމާލުކަމެއް ނުދެއެވެ. އެކަމަކު އެ އަންހެން ކުއްޖާއަށް އިރުއިރުކޮޅާ ބަލައިލައެވެ.

***

އެރޭ ވަރަށް ގިނަ އިރު ވަންދެން އޭނާ އިމާމާ އާ ދޭތެރޭ ވިސްނިއެވެ. ޖަލާލް އާއި އިމާމާ އާ ދޭތެރޭގައެވެ. ސިކަންދަރް އަތުން ވަރީގެ ލިޔުންތައް ލިބުމުން ޖަލާލް އާއި އިމާމާ މިހާރު އުޅޭނީ އިނދެގެންނެވެ. އެއީ އޭނާއަށް ގަބޫލުކުރެވޭ ގޮތެވެ. ވިސްނައިދިނުމުން ވެސް ޖަލާލް އިމާމާ އާ ކާވެނިކުރަން ދެކޮޅު ހެދިކަން އެނގޭ އިރުވެސް އެވެ. އެކަމަކު އިމާމާ އަމިއްލައަށް ގޮސް އޭނާއާ ބައްދަލުކުރުމުން ނޫނެކޭ ބުނަން ޖަލާލް އަށް ނުކުރޭނެއެވެ. އޭނާ ބުނުމުން ޖަލާލް ކާވެންޏަށް އެއްބަސްވާނެއެވެ.  

އިމާމާ އަކީ ނުލާހިކު ރީތި ކުއްޖެކެވެ. އޭނާޔާ ޖަލާލަކާ ނުގުޅެއެވެ. އޭނާގެ އާއިލާ އަކީ މުއްސަނދި، ނުފޫޒުގަދަ އާއިލާއެކެވެ. އެހެންކަމުން އިމާމާ ކަހަލަ ކުއްޖަކާ އިންނަން ދެކޮޅު ހަދާނީ މޮޔައެކެވެ. ކޮންމެ ގޮތެއް ވިޔަސް މިހާރު އެ ދެމީހުން އުޅޭނީ އިނދެގެންނެވެ. ހާޝިމް މުބީންގެ ވަކިތަކުން ސަލާމަތްވެ ކޮންމެވެސް ތާކު ފިލައެވެ. ނުވަތަ ހާޝިމް މުބީން އެ މީހުން ތިބިތަނަކުން ހޯދަފާނެއެވެ.

"އޭނަ އުޅޭތަނެއް ހޯދަން ވާނެ." ސާލާރްގެ ހިތަށް އެރިއެވެ. އޭގެ ސިކުންތުކޮޅެއް ފަހުން އަނެއްކާ ވެސް ހިތަށް އެރިއެވެ. "ހެޔޮނުވާނެ، ސާލާރް. ހާޝިމް މުބީނަށް އޭނާގެ ދަރި ވީތަނެއް އެނގުނަސް ނޭނގުނަސް ސާލާރަށް ކީއް؟"

ނަމަވެސް އޭނާގެ ޝައުގުވެރިކަން ކުޑައެއް ނުވިއެވެ. އަދި އިމާމާ ވީ ތަނެއް އޭނާގެ ބައްޕައަށް އެނގުނުތޯ ބަލަން މީގެ ކުރިން ނޫޅުނީ ކީއްވެގެން ހެއްޔެވެ؟

***

"އަހަރެންގެ ނަމަކީ ވީނަސް އެޑްވަޑް." ސަލާންކުރަން އަތްދިއްކޮށްލަމުން އެ އަންހެން ކުއްޖާ ބުންޏެވެ. އޭނާ އައި އިރު ސާލާރް ލައިބްރަރީގެ ފޮތް ހަރުގަނޑަކުން ފޮތެއް ނަގަނީއެވެ.

"ސާލާރް ސިކަންދަރް." ސާލަންކޮށްލަމުން އޭނާ ބުނެލިއެވެ.

"ތައާރަފެއް ބޭނުމެއް ނުވޭ، އަހަންނަށް އެނގޭ." އެ އަންހެން ކުއްޖާ ބުނެލިއެވެ.

އެ އަންހެން ކުއްޖާގެ ތައާރަފެއް ބޭނުން ނުވާ ވާހަކައެއް ސާލާރެއް ނުބުނެއެވެ. ކޯހުގެ  ފަންސާސް ބައިވެރިން އޭނާއަށް ރަނގަޅަށް އެނގެއެވެ. ވީނަސް އަކީ ނިއު ޖާރޒީގެ ކުއްޖެއް ކަމާއި އެ ތަނުގެ ކުންފުންޏެއްގައި ދެ އަހަރުވަންދެން މަސައްކަތް ކުރި ވާހަކަ އާއި މާކެޓިން އިން ޑިގްރީ އެއް އޮންނަ ވާހަކަ ބުނެ އޭނާ ހައިރާން ކޮށްލެވުނީހެވެ. އޭނާ މިހާރު ހަދަނީ ދެވަނަ ޑިގްރީއެވެ. ސާލާރަށްވުރެ ވީނަސް ފަސް އަހަރު ނުވަތަ ހަ އަހަރު ދޮށްޓެވެ. އިސްކޮޅާއި ހަށިގަނޑުގެ ބައްޓަމުން ދުވަސްވެފައިވާ ކަމަށް ދެއްކިޔަސް ކޯހުގައި އުޅޭ ކުދިންގެ ތެރެއިން އެންމެ ހަގީ އޭނާއެވެ. އޭނާ އަކީ މަސައްކަތުގެ ތަޖުރިބާއެއް ނެތި އެމްއައިބީ ހަދާ ހަމައެކަނި ކުއްޖާއެވެ. އެކަމަކު މިހުރިހާ ވާހަކައެއް ވީނަސްއަށް ކިޔައިދީފިއްޔާ ސާލާރާ މެދު އޭނާ ދެކޭނީ މާ މޮޅު މީހެއްގެ ގޮތުގައެވެ.

"ކޮފީއަކަށް ދައުވަތު ދީފިއްޔާ؟" ވީނަސް އެހިއެވެ.

"ދާނަން." ސާލަރް ބުންޏެވެ.

"ދަމާ." ވީނަސް ހިނިތުންވެލިއެވެ. ސާލާރް ފޮތް ހަރުގަނޑުގައި ފޮތް ބާއްވާފައި އެ އަންހެން ކުއްޖާ އާއެކު ހިނގައްޖެއެވެ.

ކޮފީ ޝޮޕްގައި ބައިގަޑިއެއް ހައި އިރު ވަންދެން ދެ ކުދީން ވާހަކަ ދައްކަން ތިއްބެވެ. މިއީ ސާލަރާއި ވީނަސްގެ އެކުވެރިކަމުގެ ފެށުމެވެ. އަންހެން ކުދިންނާ ގުޅުން ބޭއްވުމަކީ ސާލާރަށް މާ އުނދަގޫ ކަމެއް ނޫނެވެ. އެއީ އޭނާ ވަރަށް ފަރިތަކަމާއެކު ކުރާ ކަމެކެވެ. މިފަހަރު އަދި މާ ފަސޭހައެވެ. އިސްނެގީ ވީނަސްއެވެ.

ތިން ހަތަރު ބައްދަލުވުމަކަށް ފަހު ވީނަސް އަށް ގެއަށް ދައުވަތު ދިނެވެ. ވީނަސް ހިތުގެ އަޑިން ދައުވަތު ގަބޫލުކުރިއެވެ. ކުލާސް ނިންމާފައި ބޭރުގައި އެތައް އިރަކު އުޅުމަށްފަހު މެންދަންވި ފަހުން ސާލާރް ގެ އެޕާޓްމަންޓަށް ދެ ކުދިން އައެވެ. ބުއިމެއް ތައްޔާރުކުރަން ސާލާރް ވަނީ ބަދިގެއަށެވެ. ވީނަސް އެޕާޓްމަންޓު ރަނގަޅަށް ބަލާލައިފައި ގޮސް ބަދިގޭ ކައުންޓަރު ކައިރިއަށް ހުއްޓުނެވެ.

"އެކަނި އުޅޭތީ އަހަރެން ހީކުރީ ގެ އޮންނާނީ ވަރަށް ގޮނޑުކޮށް ކަމަށް. މީ އަބަދުވެސް އޮންނަ ގޮތްތަ، ނޫނީ އަހަރެން އަންނާތީ ސާފުކޮށް ތަރުތީބުކުރީތަ؟"

އޭނާގެ ކުރިމަތީގައި ޖޫސްތަށްޓެއް ބަހައްޓަމުން ސާލާރް ބުންޏެވެ. "މީ އަހަރެން އުޅޭ ގޮތް، ތަރުތީބުކޮށް." އޭނާ ޖޫސްތަށިން ކޯވަރެއް ބޮއިލުމަށްފަހު ކައުންޓަރު މަތީގައި ތަށި ބެހެއްޓިއެވެ. އަދި ވީނަސް އާ ގާތަށް ޖެހިލައިފައި ވީނަސްގެ ކޮނޑުމަތީގައި އަތް ބާއްވާލައިފައި ގަޔާ ކައިރިކޮށްލިއެވެ. ވީނަސް ހިނިތުންވެލިއެވެ. ވީނަސްގެ ކަރުގައި އޮތް ރަން ފަށާއި، ޕާރލް ފަށު ފޫ ފެނުމުން ސާލާރް ގަނޑުވިއެވެ. ވީނަސްގެ ކަރުގައި އަބަދުވެސް މި ފަށް އޮވެއެވެ. އެކަމަކު ފިނިން ރައްކާތެރިވުމަށް އޭނާ އަޅާ ހެދުމުން ކަރު ހުންނަނީ ފޮރުވިފައެވެ. އެ ދުވަހު އޭނާ ލައިގެން ހުރީ ކަރުވަޅު ބޮޑު ހެދުމެކެވެ. ފްލެޓަށް ވަދެފައި ލައިގެން ހުރި ދިގު ކޯޓު ބޭލީއެވެ.

ސާލާރްގެ މޫޑު ޚަރާބުވީ އެހެން މީހެއްގެ ކަރުގައި އަޅާފައި އޮތް އެކަހަލަ ފަށެއް ފެނުނު ހަނދާން ވުމުންނެވެ. ވުޟޫ ކުރި އިރު އަތުގެ އިނގިލިތަކުން ގޮސް އުޅަނބޮށްޓާ ހަމައަށް... އަދި މޫނުގައި ފެން ހޭކި މަންޒަރާއި، ލޮލުން ފެށިގެން ގޮސް ނިތްކުރި އަށް އަދި ނިތްކުރިން ފެށިގެން ގޮސް ޗާދަރުން ފޮރުވާފައި އޮތް ކަޅު އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް ވަދެގެން ދިޔަ މަންޒަރު އޭނާގެ ހަނދާނަށް އައެވެ.

އިމާމާގެ ކަރުގައި އަޅާފައި އޮތީ ކުރު ފަށެކެވެ. އެހެންކަމުން ފަށުފޫ އޮތީ އޭނަގެ ކަރުގެ ލަގޮނޑިވަޅުގައެވެ. ދިގު ފަށެއް ނަމަ އޭނާއަކަށް ފަށު ފޫ ނުފެނުނީހެވެ. އެރޭ އޭނާ ލައިގެން ހުރީ ގިރުވާނު ލީ ކުރުތާއެކެވެ. އޭގެ މަތިން ގަޔަށް ދޫ ޖެކެޓެކެވެ. އެކަމަކު ފަށު ފޫ ފެނުމުން އިރުކޮޅަކަށް ހަރަކާތް ހުއްޓުނެވެ.

މިއީ އިމާމާގެ މަތިން ހަނދާންވާން ކޮން ވަގުތެއް ހެއްޔެވެ. އޭނާ ވީނަސްގެ ފަށުފުލަށް ނުބަލައި ވޭތޯ ބެލިއެވެ. މޫޑު ޚަރާބުކުރަން ބޭނުންނުވާތީ އެވެ. "އަހަންނަށް ސާލާރް ގެ ލޯ ވަރަށް ރީތި." ސާލާރް ހިނިތުންވެލަން މަސައްކަތް ކުރިއެވެ.

"ހާދަ ބިރުވެރި ލޮލެއް." އެ އަޑު އައީ ތަންކޮޅެއް ދުރުންނެވެ. އެއާއެކު މޫނުމައްޗަށް ވެރިވި ހިނިތުންވުން ގެއްލިއްޖެއެވެ. ވީނަސްގެ ގައިން އަތް ދޫވިއެވެ. ފަހަތަށް ދެތިން ފިޔަވަޅެއް އަޅައި ކައުންޓަރު މަތިން ޖޫސްތަށި ނެގިއެވެ. ވީނަސް އަށް ލިބުނީ ކުއްލި ސިހުމެކެވެ.

"ކިހިނެއްވީ؟" ސާލާރްގެ ކޮނޑުމަތީގައި އެއް އަތް ބާއްވާލަމުން ކަންބޮޑުވެފައި އޭނާ އެހިއެވެ.

ސާލާރް ޖަވާބެއް ނުދެއެވެ. އެނާ އެއްކޯވަރުން ޖޫސްތަށި ބޮއިލައިފިއެވެ. ވާނުވާ ނޭނގިފައި ވީނަސް ހުއްޓެވެ. އޭނާގެ ޝައުގުވެރިކަން ގެއްލެން ނެގީ މަދު ސިކުންތުކޮޅެކެވެ. އޭނާއަށް ވީނަސް ފެނުމުން ކުއްލިއަކަށް އެހައި އުނދަގޫ ވީ ކީއްވެގެން ކަމެއް ނޭނގެއެވެ. ގެއަށް އައީ ވީނަސް އާއެކު ދެގަޑި އިރު ހޭދަކޮށްފައެވެ. އޭނާ ހުރީ އުފަލުން ފޮޅިފައެވެ. ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި މިވީ ކީއްހެއްޔެވެ؟

އެ ހަނދާންތަކާ ދުރަށް ދިއުމަށް ތަށި ހިފައިގެން ސިންކު ކައިރިއަށް ޖެހިލައިފައި ތަށި ދޮވެލިއެވެ. ވީނަސް އޭނާއަށް ބަލާތީ ވެސް އުނދަގޫ ވިއެވެ.

"އަހަރެން... އަހަރެން އެހާ ރަނގަޅެއް ނޫން." ތަށި ބަހައްޓަމުން އޭނާ ބުނެލިއެވެ. ވީނަސް ހުރީ އަދިވެސް ހައިރާންވެފައެވެ. ސާލާރް އެ އެދެނީ އޭނާ އެގެއިން ދިއުމަށެވެ. އެނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. ސާލާރް އޭނާ ލަދުގަންނަވައިފިއެވެ. ސާލާރާ ދިމާއަށް ބަލަންހުރެފައި ދަބަހާއި ކޯޓު ނެގިއެވެ. ތޫފާނެއްހެން ބާރަށް ދޮރުލައްޕާފައި ނިކުމެގެން ހިނގައްޖެއެވެ. ބޮލުގައި ދެއަތުން ހިފަހައްޓައިގެން ސާލާރް ސޯފާގައި އޮށޯތެވެ.

ވީނަސް އާއި އިމާމާގެ އެއްގޮތް އެއްވެސް ސިފައެއް ނެތެވެ. ފަށުފޫ ވެސް ތަފާތެވެ. އެކަމަކުވެސް ވީނަސް ކަރުގައި އޮތް ފަށު ފޫ ފެނުމުން އިމާމާގެ ހަނދާންތައް އާ ވީއެވެ. އެއީ ކީއްވެބާއެވެ؟ އިމާމާ މަތިން ހަނދާންވާންވީ ކީއްވެހެއްޔެވެ؟ އުފާވެރި ރެއެއް މުޅިން ޚަރާބުވެއްޖެއެވެ. ކުލިއަކަށް އޭނާ ކޮފީ މޭޒުމަތީގައި ހުރި ކުރިކީލަ މާވަށި ނަގައި ފާރާ ދިމާއަށް އެއްލިއެވެ.

ހަފްތާ ބަންދަށް ފަހު އަނެއްކާވެސް ވީނަސް އާ ބައްދަލުވިއެވެ. ނަމަވެސް އޭނާ ހުރީ ނެގިމަޑުވެފައެވެ. ވީނަސް އާއި އޮތް ގުޅުން ރަނގަޅަށް ނުފެށެނީސް ނިމުނީއެވެ. އެ އަންހެނެއްގެ ފަރާތުން އިމާމާގެ ޚިޔާލު އާ ވާ އެންމެން ދެކެ އޭނާ ފޫހިވެއެވެ. ވީނަސްގެ ނަން އެ ލިސްޓަށް އިތުރުވީއެވެ. ވީނަސް އުއްމީދުކޮށްގެން ހުރީ ސާލާރް މާފަށް އެދޭނެ ކަމަށެވެ. އަދި އަލުން ގެއަށް ދައުވަތު ދޭނެ ކަމަށެވެ. އޭނާ ވަރަށް ބޮޑަށް ހިތުގައި ޖެހިއްޖެއެވެ. މިއީ ޔޭލްގައި އޭނާގެ ފުރަތަމަ ގުޅުމެވެ.

***

ޖެހިގެން އައި ދުވަސްތަކުގައި އޭނާ އަވަދިނެތި އުޅުނީ ކިޔެވުމުގައި މަޝްޣޫލު ވެގެންނެވެ. އިމާމާ ވީތަނެއް ހޯދަން ނުވަތަ އޭނާގެ ޚިޔާލު ކުރާނެ ވަގުތެއް ނުލިބެއެވެ. ޖަލާލް އަންޞާރް އާ ދިމާނުވިނަމަ އިމާމާގެ ހަނދާންތަކާ ދުރަށް މުޅިން ދެވވުނީހެވެ.

ހަފްތާ ބަންދުގައި އޭނާ ބޮސްޓަން އަށް ދިޔައެވެ. އޭނާގެ ބޮޑުބޭބެ އުޅެނީ ބޮސްޓަންގައެވެ. އޭނާ ދިޔައީ ބޮޑުބޭބެގެ ދަރިފުޅުގެ ކާވެންޏަށެވެ. އެރޭ ބޮޑުބޭބެގެ ދަރިފުޅާއެކު އޭނާ ރެސްޓޯރެންޓަކަށް ދިޔައެވެ. އޯޑަރު ދީފައި ބޯޑުބޭބެގެ ދަރިފުޅު ބޭރަށް ނިކުތެވެ. ކުއްލިއަކަށް މީހަކު އޭނާއަށް ގޮވިއެވެ.

"ހެލޯ؟" ސާލާރް އެނބުރިލިއެވެ. "ތީ ސާލާރް ތަ؟" އެ ފިރިހެން މީހާ އެހިއެވެ. އެއީ ޖަލާލް އަންޞާރް އެވެ. އެއީ ކާކުކަން ދެނެގަންނަން ސާލާރަށް އިރުކޮޅެއް ނެގިއެވެ. ޖަލާލް ހުރި ބަދަލުވެފައެވެ. ތުނބުޅިއެއް ނެތެވެ.

ސާލާރް ތެދުވެފައި އޭނާޔާ ސަލާންކޮށްލިއެވެ. މީގެ އެއް އަހަރުކުރިން ދިމާވި ހާދިސާ އޭނާގެ ސިކުނޑީގައި އެނބުރިގަތެވެ. ސާލާރާއެކު ކެއުމުގައި ބައިވެރިވުމަށް ޖަލާލާށް ދައުވަތު ދިނެވެ.

"ނޫން، ލަސްވޭ އެބަ. ފެނުނީމަ ހަމަ ގޮވާލަން އައީ." ޖަލާލް އަތުކުރީގައި އޮތް ގަޑި ބަލައިލަމުން ބުންޏެވެ. "އިމާމާގެ ހާލު ކިހިނެއް؟" ޖަލާލް ވާހަކަ ފެށިއެވެ.

ސާލާރަށް ހީވީ އޭނާ ބުނި އެއްޗެއް ސާފުނުވި ހެންނެވެ. "ކީކޭ؟" އޭނާ އެހިއެވެ. ޖަލާލް ސުވާލު ތަކުރާރު ކުރިއެވެ.

"އިމާމާގެ ހާލު ކިހިނެއްހޭ؟"

ސާލާރް ކަޅިޖަހައިނުލައި އޭނާއަށް ބަލަން އިނެވެ. އިމާމާގެ ވާހަކާ އޭނާ ގާތު އަހަނީ ކީއްވެހެއްޔެވެ؟

"ނޭނގޭ، އިމާމާގެ ހާލު އެނގޭނީ ޖަލާލަކަށްނު؟" ސާލާރު ބުނެލިއެވެ.

"ކީއްވެ އަހަންނަށް އެނގެންވީ؟" ޖަލާލް ހައިރާންވިއެވެ.

"އެއީ ޖަލާލްގެ އަންހެނުންނެއްނު؟"

"އަހަރެންގެ އަންހެނުންނޭ؟" ޖަލާލް ސިހުނެވެ. "ކީކޭ ތިކިޔަނީ؟ އަހަރެންގެ އަންހެނުންނަށް ވާންވީ ކިހިނެއް؟ އަހަރެން އޭނާޔާ ނީންނާނެ ވާހަކަ ބުނީމެއްނު؟ ސާލާރަށް ރަނގަޅަށް އެނގެއެއްނު؟ މީގެ އަހަރެއްހައި ދުވަސް ކުރިން އަހަންނާ ވާހަކަ ދެއްކި މީހަކީ ތީ." ޖަލާލް އޭނާއަށް ހަނދާންކޮށްދިނެވެ. "އަހަރެން ބުނީމެއްނު އޭނަޔާ އިންނާށޭ؟"

ގަބޫލުކުރަން ދަތިވެފައި އޭނާ ޖަލާލަށް ބަލަން ހުއްޓެވެ.

"އަހަރެން މިއައީ އޭނާޔާ އިނީ ކަމަށް ހީކޮށް." ޖަލާލް ބުންޏެވެ.

"ޖަލާލް އިމާމާ އާ ނީންނަންތަ؟" ސާލާރް އެހިއެވެ.

"ނީންނަން. ބުނީމެއްނު ނީނދެވެނެއޭ. އެހެންވީމާ ކިހިނެއް އޭނަޔާ އިންނާނީ؟ އޭނާ ގެއިން ފިލައިގެން ދިޔަ ވާހަކަ އަޑުއެހިން. އަހަރެން ހީކުރީ ސާލާރާ އެކު ކަމަށް. އެހެންވެ ފެނުނީމާ ގޮވާލީ."

"އަހަންނަކަށް ނޭނގޭ އިމާމާ ވީ ތަނެއް. އަހަރެން މިތާ އުޅޭތާ ހަތް މަސް ވަރު ވެއްޖެ." ސާލާރް ބުންޏެވެ.

"އަހަރެން އައީ މިދިޔަ މަހު." ޖަލާލް ބުނެލިއެވެ.

"އަހަރެމެން ބައްދަލުވި ފަހުން އިމާމާ އާ ދިމާވިތަ؟ ނުވަތަ ގުޅުނު ތަ؟" ސާލާރް އެހިއެވެ.

"ނޫން."

"ކިހިނެއް އެހެންވާނީ... އޭނަ ލާހޯރަށް ގޮސް ޖަލާލް އާ ބައްދަލުނުކުރާނެތަ؟" ސާލާރަށް އެ ވާހަކަ ގަބޫލެއް ނުކުރެވެއެވެ.

"އަހަންނަށް ގުޅައިގެން ކޮން ކަމެއް ހާސިލުވާނީ؟"

"އޭނަ އާއިލާ ދޫކޮށް ދިޔައީ ޖަލާލަށްޓަކައި. އޭނަޔާ އިން ނަމަ."

"ނޫން. އަހަންނާ ހެދިއެއް ނޫން. އޭނަޔަށް ވަރަށް ރަނގަޅަށް ކިޔައިދިނިން އަހަންނަށް އޭނަޔާ ނީނދެވޭނެއޭ. އެހެންވީމަ ތިހެން ނުބުނޭ." ޖަލާލްގެ ރާގު ބަދަލުވިއެވެ. "ސާލާރަށް ވެސް އޭރު ކިޔައިދިނިން..."

"ޖަލާލްގެ ނަންބަރު ދީފާނަންތަ؟" ސާލާރް އެހިއެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.