(11 ސެޕްޓެންބަރުގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަހަރެމެންގެ ރަށް ނޫން އެހެން ރަށެއް އެބައޮތް. އަހަރެމެންގެ ރަށް މީގެ ފަނަރަވަރަކަށް އަހަރުުކުރިން އޮތް ހާލަތުގައި މިހާރު އެރަށް އޮތީ. އެތަނުގައި ސްކޫލެއް އިމާރާތްކޮށްދޭނޭ މީހަކު އަހަރެން އެބަ ހޯދަން. އެރަށުގައި ސަރުކާރުން އަޅާފައި ހުރި ޕްރައިމަރީ ސްކޫލެއް އެބަހުރި. އެއީ ހަމައެކަނި ނަމެއްގަ. އެރަށުގައި ސްކޫލެއް އެޅިއްޔާ މާ ރަނގަޅުވާނެ. އަހަރެމެންވެސް އެހީވާނަން. އެކަމަކު ހިންގަން ޖެހޭނީ އަމިއްލައަށް. ޚަރަދު އެކަނި ބަލަހައްޓައިގެން ކަމަކު ނުދާނެ." ފުރްގާން ވިސްނާލާފައި ބުންޏެވެ.
"އަހަންނާއެކު އެރަށަށް މާދަމާ ދެވިދާނެތަ؟" ސާލާރް އެހިއެވެ.
"މާދަމާ ހެނދުނެއް ނޫންތަ ފުރަނީ؟"
"އަދި ދުވަސްކޮޅަކު މަޑު ކުރެވިދާނެ. އެނބުރި ދާގޮތަށް ދެން އަވަހަކަށް ނާދެވޭނެ. ފުރުމުގެ ކުރިން މަސައްކަތް ފަށަން ބޭނުން." އޭނާގެ ވާހަކައަށް އެއްބަސްވުމުގެ ގޮތުން ފުރްގާން ބޯ ޖަހައިލިއެވެ.
***
އެމީހުން އެރޭ އިސްލާމްއާބާދަށް ފުރިއެވެ. އަދި ހަމަ އެރޭ ފުރްގާންމެންގެ ރަށަށް ދިޔައެވެ. އެރަށުގައި އެރޭ ރޭކުރުމަށްފަހު ފުރްގާނާ އެކު ފަތިހު އެރަށަށް ދިޔައެވެ. މެންދުރު ވަންދެން ރަށުގެ އެކި މީހުންނާ ވާހަކަ ދައްކާ ރަށުގެ ހާލަތު ބެލިއެވެ. އެރަށުގައި ހުރި ސަރުކާރު ސްކޫލް ފެނިފައި ސާލާރް ކޮސްވިއެވެ. އެއީ ހަތަރު ފާރެވެ. ފުރްގާނަށް އެ ރަށުގެ ހާލަތު ވަރަށް ރަނގަޅަށް އެނގެއެވެ. އޭނާ ކޮންމެ އަހަރަކު ދެފަހަރު ނުވަތަ ތިން ފަހަރު އެރަށުގެ އެކި ސަރަހައްދުތަކުގައި މެޑިކަލް ކޭންޕު ބާއްވައެވެ. ރަށްފުށު ދިރިއުޅުން ސާލާރަށް ވުރެ މާ ރަނގަޅަށް އޭނާއަށް އެނގެއެވެ. ފުރްގާން އެދުވަހު ހަވީރު އެނބުރި ލަހޯރަށް ދާން ޖެހެއެވެ. އެހެންކަމުން މެންދުރުފަހު ދޭއް ޖެހިއިރު އެމީހުން އިސްލާމްއާބާދަށް ދާން ފުރިއެވެ.
***
ސްކޫލް ޕްރޮޖެކްޓްގެ މަސައްކަތް ފެށުމުގެ ކުރިން އޭނާ ސިކަންދަރް އުސްމާން އާ ވާހަކަ ދެއްކިއެވެ. އޭނާ އެކަމާ މާބޮޑަށް ދެކޮޅެއް ނަހަދައެވެ. ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުން ކުރީ އެންމެ ސުވާލެކެވެ. "ތިހުރިހާ ކަމެއް ތިކުރަނީ ކީއްކުރަން؟"
"ބައްޕާ، އެރަށު މީހުންނަށް އޭގެ ބޭނުންޖެހިފައި އޮތީމަ..."
ސިކަންދަރު އޭނާގެ ވާހަކަ ނުނިމެނީސް ބުންޏެވެ. "ސްކޫލްގެ ވާހަކައެއް ނޫން މިދައްކަނީ."
"ދެން ކޮން ވާހަކައެއް؟" ސާލާރް ހައިރާންވެފައި އެހިއެވެ.
"ދަރިފުޅުގެ ދިރިއުޅުމަށް އައި ބަދަލާ މެދު ބައްޕަ ސުވާލު މިކުރަނީ."
"ކިހިނެއްވީ؟" ސާލާރް އިތުރަށް ހައިރާންވިއެވެ.
"ޤުރްއާން ހިތުދަސްކުރި ވާހަކަ ވެސް ބުނީމެއްނު؟ އެކަމަށްވެސް ބައްޕަ އެއްޗެކޭ ނުބުނަން. ހައްޖަށް ދާން ބޭނުންވީމަ ވެސް ބައްޕަ ދަރިފުޅު ނުހުއްޓުވަން. ދަރިފުޅުގެ އިޖްތިމާއީ ދިރިއުޅުން މުޅިން ހުއްޓާލައިފި، އެކަމާ ވެސް ބައްޕަ ދެކޮޅެއް ނަހަދަން، މާ ބޮޑަށް ދީނަށް ޝައުގުވެރިވެއްޖެ، ނަމާދަށް މިސްކިތަށް ދާން ފަށައިފި، ބައްޕަ އެއަކަށް ވެސް އެއްވެސް އެއްޗެކޭ ނުބުނަން. ބައްޕަގެ ވިޔަފާރީގައި ބައިވެރިވުމުގެ ބަދަލުގައި ދަރިފުޅު ބޭނުންވީ އެމެރިކާގައި ވަޒީފާ އަދާކުރަން. އެކަމަށްވެސް ބައްޕަ ހުއްދަ ދިނިން. މިހާރު ދަރިފުޅު ތިޔަ އުޅެނީ ސްކޫލެއް ބިނާކުރަން. ބައްޕައަށް ހީވަނީ ދަރިފުޅުގެ ދިރިއުޅުމަށް ތިއައި ބަދަލުގެ ވާހަކަ ދައްކަން އެބަޖެހޭހެން."
"ދަރިފުުޅުގެ ދިރިއުޅުމަށް ތި އައި ބަދަލުން މިރަށު މީހުން ބައްޕަމެންނާ މެދު ދެކޭނެ ގޮތަކާ މެދު ދަރިފުޅު ވިސްނާލިންތަ؟ ކުރިން ދަރިފުޅު ހައްދަފަހަނައަޅައި ގޮސް ހުރީ މުޅިން އެެހެން ގޮތަކަށް، މިހާރު ތިހިރީ އަނެއްކޮޅަށް ހައްދުފަަހަނައަޅާފައި. ތި އުމުރުގައި، އުމުރުން އެންމެ ސައްބީސް އަހަރުގައި، ކުރަން ތިއުޅެނީ ދަރިފުޅު އުމުރުގެ މީހުން ކުރާ ކަހަލަ ކަންތަކެއް ނޫން. ތީ ބޭކާރު ކަމެއް. ދަރިފުޅު މިވަގުތު ސަމާލުކަން ދޭންވީ ވަޒީފާއަށް. އަދި އަމިއްލަ ކުރިއެރުމަށް. ތިވަރަށް ދީނުގެ ތެރެއަށް ވަދެގެން އުޅުމުން ބައްޕަމެންނަށް އިޖްތިމާއީ އެތައް މައްސަލައެއް ކުރިމަތިވާނެ."
ސާލާރް އިސްދަށަށް ޖަހައިގެން ބައްޕަގެ ވާހަކަ އަޑުއަހަން އިނެވެ.
"ބައްޕަމެނަށް އެކަންޏެއް ނޫން، ދަރިފުޅަށް ވެސް. އެހެން މީހުންނަށް ދަރިފުޅު ތި ދައްކާ ތަސައްވުރު ބަލާބަލަ. ދަރިފުޅު މީހަކާ އިންނަންވީމާ، ނުވަތަ ބައްޕަމެން ދަރިފުޅު އިންނާނެ މީހަކު ހޯދަން އުޅޭ އިރު ތިކުރާ ކަންތަކުން އެކަމަށް ހުރަސް އެޅޭނެ. ސިކަންދަރް އުސްމާންގެ ދަރިއަކަށް ވީތީ ނުވަތަ މަތީ ފާހެއް އޮތަތީ އެއްވެސް މީހަކު އެމީހުންގެ ދަރި މިގެއަށް ފޮނުވަން އެއްބަހެއް ނުވާނެ. އޭގެ އިތުރުން، ދަރިފުޅާ އެއް އުމުރެއްގެ މީހުން މަސައްކަތް ކުރަނީ އެމީހުންގެ ދިރިއުޅުން އިތުރަށް ރަނގަޅު ކުރުމަށް، ވަޒީފާގެ ކުރިއެރުން ހޯދުމަށް، ދަރިފުޅު ތި ފެށީ އިޖްތިމާއީ މަސައްކަތް. ޔުނިސެފްގައި ހުރެގެން ވާ ވަރަށް އެ މަސައްކަތް ކުރެވޭ ކަމަށް ބައްޕައަށް ގަބޫލުކުރެވެނީ. އެހެންވީމާ ދަރިފުޅުގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް އިޖްތިމާއީ މަސައްކަތް ވައްދާކަށް ބައްޕައަކަށް ނުފެނޭ. ތިރަށު މީހުންނަށާއި ތި ރަށު ސްކޫލަށް ޚަރަދު ކުރަން ތިއުޅޭ ފައިސާ ބޭކާރުނުކޮށް ފަހަށް ރައްކާ ކުރޭ. އެ ފައިސާ ދަރިފުޅުގެ އަމިއްލަ ކަންކަމަށް ޚަރަދުކުރޭ. ދިރިއުޅެން އޮތީ އެންމެ ހަޔާތެއް. ތީ ކީއްކުރަން ކުރާ ކަމެއް. ހަޔާތުގައި ހިތި ތަޖުރިބާވެސް ދަރިފުޅަށް ކުރެވިއްޖެ. އެކަމަށް ނިމުން އަތުވެއްޖެ، ދަރިފުޅަށް އިބްރަތް ހާސިލް ވެއްޖެ. އޭގެ މާނައެއް ނޫން ދަރިފުޅު ކުރިން އުޅެމުން އައި އުފާވެރި ދިިރިއުޅުމަށް ނިމުމެއް ގެނައުން." އޭނާ ސާލާރަށް ބަލައިލިއެވެ. "ބައްޕަ މިބުނާ އެއްޗެއް ދަރިފުޅަށް ވިސްނޭތަ؟"
"އެ ދިރިއުޅުން ދޫކޮށްލީ ދީނަށްޓަކައެއް ނޫން." ސާލާރް ބުންޏެވެ. "ބައްޕަ ބުނިގޮތަށް އަހަރެން މިހާރު މިއުޅެނީ، އެއްވެސް ކަމެއްގައި ހައްދުފަހަނައަޅައި ނުގޮސް. އަހަރެން އަދާ ކުރާ ވަޒީފާއާއި އަހަންނަށް ލިބެމުންދާ ކުރިއެރުން ބައްޕައަށް ރަނގަޅަށް އެނގޭނެ."
"އެވާހަކަ ބައްޕަ މި ދައްކަނީ، މިކަހަލަ ކޫސަނި ކަންތައް ތަކުގެ ތެރޭގައި ނޫޅޭނަމަ އަދި އިތުރު ކުރިއެރުން ލިބޭނެ." ސިކަންދަރް ބުންޏެވެ.
"މި ނޫން ކުރިއެރުމެއް މިވަގުތު އަހަރެން ބޭނުމެއް ނޫން. ވަޒީފާގެ ގޮތުން އަހަންނަށް ލިބެން އޮތް ކުރިއެރުމަކަށް މިކަމުގެ ސަބަބުން ހުރަސް އެޅޭނެ ކަމަށް ބައްޕައަށް ހީވަންޏާ އެއީ ކުށް ހީއެއް." ސާލާރް ބުނެލިއެވެ.
"ދަރިފުޅުގެ ކުރިމަގާ މެދު ވިސްނަބަލަ. ދިރިއުޅުމެއް ފަށަންވާނެ. ތިގޮތަށް ދިރިއުޅުން ވޭތިކުރަން ގަސްތުކުރާ މީހަކާ އިންނާނީ ކާކު؟"
"ބައްޕާ. އަހަރެން ތި ހުރިހާ ކަމަކާ ދޭތެރޭވެސް ވިސްނައިފިން. އަހަރެން މީހަކާ އިންނާކަށް ބޭނުމެއް ނޫން."
ސިކަންދަރު ހޭން ފެށިއެވެ. "ދަރިފުޅު އަދި ބޮޑުނުވަނީ، ތީ އެންމެން ވެސް ކިޔާ އެއްޗެއް. ދަރިފުޅު ގެ "ދަތުރު" މަތިން ހަނދާން ނައްތާލައިގެން ނުވާނެ."
ބައްޕަ އެ ބުނި ވާހަކައެއް އޭނާއަށް ރަނގަޅަށް އެނގެއެވެ. ބައްޕަގެ އެ ވާހަކައަށް އިރުކޮޅެއް ވަންދެން ރައްދެއް ނުދެވުނެވެ. އޭނާގެ ހަޔާތަށް އައި ބަދަލުގެ އަސްލަކީވެސް އެދަތުރެވެ. އެ ވާހަކަ ބައްޕަ ގާތު ބުނެވޭކަށް އަދި ނެތެވެ. އޭނާ މަޑުމަޑުން ބުންޏެވެ. "އެ 'ދަތުރު' މަތިން ވަރަށް ރަނގަޅަށް ހަނދާން އެބަހުރި."
"މިހާރުވެސް އަހަރެން ބައްޕަމެންގެ އިޖްތިމާއީ ގްރޫޕުން ބޭރުވެއްޖެ، މިތަނުން ޖާގައެއް ހޯދާކަށް ވެސް ނުވިސްނަން. މި މުޖްތަމައުގައި އާ ގުޅުންތަކެއް އުފައްދާކަށް ވެސް ބޭނުމެއް ނޫން. ރަށު މީހުން ނުވަތަ އަހަންނާ އެއްބަނޑު އެއްބަފާ މީހުން އަހަންނަށާއި އަހަރެން ކުރަން މިއުޅޭ ކަންތަކަށް މަލާމާތް ކުރިއަސް އަހަރެންގެ ފަރުވާލެއް ނެތް. އަހަރެން މިހިރީ އެހުރިހާ ކަމަކަށް ވެސް ތައްޔާރުވެގެން."
"ބައްޕާ، އަހަންނަށް މި ޕްރޮޖެކްޓް ފެށިޔަދީ. އެކަމަށް ޚަރަދު ހިނގާނެ ހުރިހާ ފައިސާއެއް އަހަރެންގެ އަތުގައި އެބަހުރި. މި ޕްރޮޖެކްޓްގެ ސަބަބުން އަހަރެން މަގުމައްޗެއް ނުވާނެ. ބައެއް މީހުންނަކީ ޖިސްމާނީ ގޮތުން ބަލި މީހުން، އެ މީހުން ފަރުވާ ހޯދަން ދަނީ ޑޮކްޓަރެއްގެ ގާތަަށް. ބައެއް މީހުންނަކީ ރޫޙާނީ ގޮތުން ބަލިކަށި މީހުން. އެމީހުން ލިބިގަންނަނީ އަހަރެން ވެސް ލިބިގަތް ފަރުވާ. އަހަރެންގެ އަތުގައި ހުރި ފައިސާއިން އަހަރެން ބޭނުން ކޮންމެ އެއްޗެއް ގަނެވިދާނެ. އެކަމަކު އެޔަކުން އަހަރެންގެ ސިކުނޑިއާއި ހިތަށް އެއްވެސް ހަމަޖެހުމެއް ނުގަނެވޭނެ. އެ ފައިސާ އިންވެސްޓު މިކުރަނީ އަހަރެންގެ ސިކުނޑިއަށް ހަމަޖެހުން ހޯދުމަށް. މިއީ މިހައިތަނަށް އަހަންނަށް ލިބުނު ފައިސާ ހޭދަކުރެވޭ އެންމެ މާތް މަގްސަދު."
ސިކަންދަރް އުސްމާން ބުނާނެ އެއްޗެއް ނޭނގިފައި އިނެވެ.
***
ނިއުޔޯކަށް އެނބުރި ގޮސް ކުރިއެކޭ އެއްގޮތަށް ސާލާރް އޭނާގެ މަސައްކަތާއިގެން މަޝްޣޫލު ވެއްޖެއެވެ. ހަމައެކަނި ތަފާތަކީ އޭނާ ފުރްގާން އާއި ޑރ. ސިބްތި އަލީ އަށް ގަައިދުން ގުޅާ ކަމެވެ. ސްކޫލްގެ މަސައްކަތް ކުރިޔަށްދާ ގޮތުގެ ތަފްސީލު ފުރްގާން އޭނާއަށް ދެއެވެ.
އެ ބާވަތުގެ މަސައްކަތަކީ އޭނާ ޔުނިސެފްގައި އަދާކުރާ ވަޒީފާގެ އެއް ބައެވެ. އެހެން ނަމަވެސް އަމިއްލަ ގައުމުގައި އަމިއްލަ ފައިސާއިން އެކަހަލަ ބޮޑު މަޝްރޫއެއް ފެށުމުން ބުނެދޭން ނޭނގޭކަހަލަ އުފާވެރި އިހުސާސެއް ކުރެވެއެވެ. އޭނާގެ މާޒީ އެނގޭ މީހުންނަށް އެހައި ބޮޑު ބަދަލެއް އެނާއަށް އަތުވެދާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. މިކަހަލަ މަސައްކަތެއް ފަށައި އަމިއްލަ ޖީބުން ޚަރަދުކޮށްފާނެ ކަމަކަށް ޚުދު އޭނާއަށް ވެސް ގަބޫލެއް ނުކުރެވެއެވެ.
މިދިޔަ ތިން އަހަރުތެރޭ އޭނާގެ އަމިއްލަ ޚަރަދުތައް އެތައް ގުނައަކަށް ކުޑަކުރިއެވެ. އޭނާގެ ދިރިއުޅުމުގެ ވައްޓަފާާޅިއަށް އައި ބަދަލާއެކު ބޭކާރު އެތައް ޚަރަދެއް އުނިވެގެން ދިޔައެވެ. އެކައުންޓުގައި ރައްކާކުރެވިފައި ހުރި ފައިސާގެ އަދަދު އެނގުމުން އޭނާ ހައިރާންވިއެެވެ. އޭނާއަކީ ފައިސާ ރައްކާ ކުރާ މީހެއް ނޫނެވެ. މާސްޓަރ އޮފް ފިލޯސަފީ އަށް ކިޔަވަނީ ވެސް ޔުނިވަރސިޓީ ސްކޮލަރޝިޕެއްގެ ދަށުންނެވެ. އެހެންކަމުން އެކަމަށް ވެސް އަމިއްލަ އެކައުންޓުން ފައިސާ ޚަރަދުކުރާކަށް ނުޖެހުނެވެ. އޭނާ މިހާރު ދިރިއުޅޭ އެޕާޓްމަންޓަކީ ވެސް އާދައިގެ ފެންވަރަކަށް ހަދާފައި ހުރި ތަނެވެ. ގެއަށްވުރެ ގިނަ ވަގުތު ހޭދަކުރަނީ އޮފީހުގައެވެ. ޔުނިސެފްގައި އެކުގައި މަސައްކަތް ކުރާ މީހުންނާއި ޔުނިވަރސިޓީގައި އުޅޭ ރައްޓެހިންގެ އިތުރުން އޭނާ ދަންނަ މާ ގިނަ ބަޔަކު ނޫޅެއެވެ. ނުވަތަ ގަސްތުގައި ރައްޓެހިން ގިނަކުރަން ބޭނުން ނުވީއެވެ.
އޭނާ ފައިސާ ޚަރަދު ކުރަނީ ހަމައެކަނި ފޮތަށެވެ. މިހާރު ދިރިއުޅުމުގެ ވައްޓަފާޅި ހުރިގޮތުން ބޭންކުގައި ފައިސާ ރައްކާ ކުރެވުމުން ހައިރާންވާކަށް ނުޖެހެއެވެ. ކުރިން ގޮސް އުޅުނުހެން ނައިޓްކްލަބާއި، ރެސްޓޯރެންޓް، ސިނަމާ، ތިއޭޓަރު އަދި ބަރ އަށް މިހާރަކު ނުދެއެވެ. މިހާރު ދަނީ އޮފީހުން ޔުނިވަރސިޓީ އަށް، އަދި ޔުނިވަރސިޓީ އިން ގެއަށެވެ.
***
މާސްޓަރ އޮފް ފިލޯސޮފީ ކޯހުގައި އުޅެމުން އޭނާ ޔުނިސެފުން ޔުނެސްކޯއަށް ބަދަލުވެއްޖެއެވެ. ކޯސް ނިމުމުން އޭނާގެ ވަޒީފާ ޕެރިހަށް ބަދަލުވިއެވެ. މިހާރު އޭނާ މަސައްކަތް ކުރަނީ ޔުނެސްކޯގެ ހެޑްކުއާޓަރުގައެވެ. ޔުނިސެފާއި ގުޅުނު ފަހުން ޕެރިހަށް އެތައްފަހަރަކު ދަތުރުކުރިއެވެ. އެހެން ނަމަވެސް މިހާރު އެތަނަށް ދިރިއުޅުން ބަދަލުވީއެވެ. ޕެރިހަކީ އޭނާއަށް ބީރައްޓެހި ގައުމެކެވެ. ރައްޓެއްސަކު ނެތް ތާނގައި ފަރަންސޭސި ބަސްވެސް ނޭނގެނީއެވެ.
ޕެރިހުގައި ވެސް އޭނާ ގިނަ ވަގުތު އުޅުނީ އޮފީސް މަސައްކަތުގައި މަޝްޣޫލުވެގެންނެވެ. ނަަމަވެސް އިސްލާމްއާބާދުގެ އަވަށެއްގައި އޭނާ ބިނާކުރަން ފެށި ސްކޫލުގެ މަތިން ހަނދާނެއް ނުނެތެއެވެ.
އޭނާ އަދާކުރާ ވަޒީފާގެ ގޮތުން ތައުލީމު ފޯރުކޮށްދިނުމުގެ އެކި މަޝްރޫއު ހިންގަން ޖެހެއެވެ. އެކަމަކު ފުރްގާން ހެން ސްކޫލެއް ބިނާކުރުމުގެ ވިސްނުން ކުރިން ނައީ ކީއްވެހެއްޔެވެ؟ ކުރިން އެ މަސައްކަތް ފެށުނު ނަމަ މިހާރު ހުރީހީ ރަނގަޅު ފެންވަރުގެ ސްކޫލެއް ގާއިމުވެފައެވެ.
"އަހަރެންގެ ހިތަކު ޕާކިސްތާނަށް މާ ޚާއްޞަ ގަދަރެއް ދެވިފައެއް ނޯވޭ." ފުރްގާނާ ބައްދަލުވީ ފުރަތަމަ ދުވަހު އޭނާ ބުންޏެވެ.
"ކީއްވެ؟" ފުރްގާން އެހިއެވެ.
"ކީއްވެގެން ކަމެއް ނޭނގޭ. ހަމަ މާ ޚާއްޞަކަމެއް ނުހުންނަނީ." އޭނާ ބުންޏެވެ.
"އަމިއްލަ ގައުމުކަން އެނގޭ އިރުވެސް؟"
"އާނ. އެކަން އެނގޭ އިރުވެސް."
"އެމެރިކާ މާ ޚާއްޞައީތަ؟ އެމެރިކާ ދެކެ ލޯބިވޭތަ؟" ފުރްގާން އެހިއެވެ.
"ވަކި އެހެނެއް ނޫން." ފުރްގާން ހައިރާންވިއެވެ. "ވަތަނީ ވުމަކީ އަހަރެން ގަބޫލުކުރާ ކަމެއް ނޫން." އޭނާ އޮޅުންފިލުވައި ދިނެވެ. "ވެދާނެ އުޅޭތަން ދެކެ ލޯބިވާން ނޭނގެނީ ކަމަށްވެސް. މާދަމާ އެމެރިކާއިން އެހެން ގައުމަކަށް ދިޔަޔަސް އަހަރެން އެމެރިކާ މަތިން ހަނދާނެއް ނުހުންނާނެ."
"ތީ ވަރަށް އާދަޔާ ޚިލާފު މީހެއް." ފުރްގާން ބުންޏެވެ. "އަމިއްލަ ގައުމު ދެކެ ނުވަތަ ދިރިއުޅޭ ގައުމުދެކެ ލޯބިނުވާ މީހުން އުޅޭތަ؟"
ފުރްގާން އޭނާ ބުނި ވާހަކަ ގަބޫލެއް ނުކުރެއެވެ. އެކަމަކު އޭނާ ވާހަކަ ދެއްކީ ހަގީގަތަށެވެ. ޕެރިހަށް ބަދަލުވިފަހުން އޭނާ އެމެރިކާ މަތިން ހަނދާނެއް ނުވެއެވެ. ނިއު ޔޯކަށް ބަދަލުވުމުން ނިއު ހޭވަން މަތިން ވެސް ހަނދާނެއް ނުހުރެއެވެ. ކޮންމެ ފެނަކަށް ވެސް ފަސޭހައިން ދިރެނީއެވެ.
***
އ.ދ. ގެ ފަރާތުން ސަރަހައްދީ ކޮންފަރެންސެއްގައި ބައިވެރިވުމަށް ސާލާރް ޕާކިސްތާނަށް ދިޔައެވެ. އޭނާ ހުރީ ޕާރލް ހޮޓަލުގައެވެ. ބިޒްނެސް މެނޭޖްމަންޓް އިންސްޓިއުޓެއްގައި އޭނާގެ ލެކްޗަރަ ތަކެއް ވެސް އޮތެވެ. އަދި ސްކޫލުގެ ބައެއް ކަންކަމާ ގުޅޭގޮތުން ފުރްގާންއާ ވެސް ބައްދަލުކުރަން ޖެހެއެވެ.
އޭނާ ލާހޯރުގައި އުޅޭތާ ތިންވަނަ ދުވަހެވެ. ނިންމަންޖެހޭ މަސައްކަތެއް އޮތުމުން އޭނާ ތަންކޮޅެއް އަވަހަށް ކައިގެން ހޮޓަލުން ނިކުތެވެ. ހަތްގަޑި ތިރީސް އެހައި އިރު އޭނާ ކާރަށް އެރިއެވެ. ވަކި ހިސާބަކަށް ދިޔަތަނާ ކާރުގެ ފުރޮޅު ފަޅައިގެން ދިޔައެވެ. ޑްރައިވަރު ކާރުން ފައިބާފައި އޭނާއަށް ޓެކްސީއެއް ހޯދައިދޭން އުޅުނެވެ.
"އަޅާނުލާ. އަހަރެން އަމިއްލައަށް ޓެކްސީއެއް ހުއްޓުވާފާނަން." އޭނާ ބުންޏެވެ. ތަންކޮޅެއް ދުރުގައި ޓެކްސީތައް ޕާކުކޮށްފައި ހުރިތަން އޭނާއަށް ފެނެއެވެ. އެދިމާއަށް ބަލަން ހުއްޓާ ކުއްލިއަކަށް ކާރެއް އައިސް ހުއްޓިއެވެ. ސާލާރް ހުރީ ޕޭވްމަންޓު މަތީގައެވެ. ކާރުގައި އިނީ ކާކުކަން އޭނާއަށް އެނގުނެވެ.
(ނުނިމޭ)