ފާނޫޒު - 3

(17 ޖޫން 2019 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޠައްޔިބާ ސިއްރުސިއްރުން ކޮޓަރިއަށް ބޯ ދިން އިރު ދަރިފުޅު އިނީ ޓީވީ އިން ދައްކާ މިއުޒިކް ޝޯ އެއް ބަލާށެވެ. އޭނާ ކޮޓަރިއަށް ވަނީ ޝައްކެއްގެ މަތީގައި ހުރެއެވެ. ކޮންމެ ފަދަ ވިޔާނުދާ އެއްޗެއް ބަލަންވެސް ދަރިފުޅު އިނދެފާނެތީއެވެ.

"ކޮންކަމެއް ތި ހިންގާލަނީ؟"

"ޓީވީ ބަލަނީ،" މަންމައާ ދިމާއަށް ބަލައިވެސް ނުލާ އޭނާ ޖަވާބު ދިނެވެ.

ޠައްޔިބާ އޭނާގެ ކުރިމަތީގައި ހުއްޓުނެވެ. "ޓީވީ ބަލަންތަ ވީ އަދިވެސް. މީ އިމްތިހާނު ދުވަސްވަރު ކަމެއް ނޭނގޭތަ؟'

"ކޮބާ މައްސަލައަކީ؟" އޭނާ ހިތްހަމަނުޖެހިފައި ބުންޏެވެ.

"މައްސަލައަކީ ކޮބާހޭ؟ ކަލޭ އިންނަންވީ ޓެސްޓަށް ފިލާވަޅު ދަސްކުރަން ކޮޓަރީގައި. ވިޔާނުދާ ޝޯތަކާ އެއްޗެހި ބަލަން މިތާކު ނޫން." ޠައްޔިބާ ހުރީ ވަރަށް ރުޅި އައިސްފައެވެ.

"ދަސްކުރަންވީ ވަރަށް ފިލާވަޅު ދަސްކޮށްފިން. މަގޭ ކުރިމަތިން ދުރަށް ދޭ." ހިތްހަމަނުޖެހިފައި ހުރިކަން އޭނާގެ އަޑުން ދައްކައިލިއެވެ.

"ހަމަ މިހާރު ފިލާވަޅު ދަސްކުރަން ދޭ." ޠައްޔިބާ ވެސް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

"ނޫން. އަހަރެން މިތަނުން ނުވެސް ތެދުވާނަން. ފިލާވަޅު ދަސްކުރާކަށް ވެސް ނުދާނަން. އަހަރެންގެ ކިޔެވުމާއި އަހަރެންގެ ޓެސްޓަކީ އަހަރެންގެ އަމިއްލަ ކަމެއް، މަންމަ އާ ބެހޭ ކަމެއް ނޫން."

"އަމިއްލަ ކަމެއް ނަމަ ޓީވީ ބަލަން މިތާ އިންނާނެތާ؟"

"ދުރަށްދޭ." މަންމަ ދައްކާ ވާހަކަ އަޑު އިވޭ ކަމަށް ވެސް ނުހަދައި އެތަނުން ފޮނުވައިލިއެވެ.

ޠައްތިބާ އޭނާއަށް ބިރުދައްކަން އުޅުނެވެ. "އަހަރެން މިއަދު ކަލޭގެ ބައްޕައަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން."

"އަހަންނަށް ހެޔޮ. ބައްޕަ ވަކި ކީއްކުރާނީ؟ ބުނެފީމެއްނު އަހަރެން ދަސްކުރަންވާ ވަރަށް ދަސްކޮށްފީމޭ. ކިހިނެއް ވެގެންތަ މަންމަ ތިއުޅެނީ؟"

މިއީ ދަރިފުޅުގެ ފަހު އިމްތިހާނު. ދަރިފުޅު އެކަން ހަނދާން ނައްތައިލައިގެން ނުވާނެ." އޯގާތެރިކަމާއެކު ޠައްޔިބާ ބުންޏެވެ.

"އަހަންނަނީ 4 އަހަރުގެ ކުޑަ ކުއްޖެއް ނޫން، އަހަރެންގެ ފަހަތުން އަބަދު ތިއަންނަނީ ކީއްކުރަން؟ އަހަރެންގެ ޒިއްމާ އަހަންނަށް މާ ރަނގަޅަށް އެނގޭ، މަންމަ އަށްވުރެ މާ ރަނގަޅަށް. އެހެންވީމަ އަހަންނަށް ތިކަހަލަ މޮޔަ ނަސޭހަތް ދޭން އުޅޭނެ ކަމެއް ނެތް."

"ދަރިފުޅުގެ ޓެސްޓު މިހާރު މިއޮތީ ފެށިފައި. މިދުވަސްކޮޅު ސަމާލުކަން ދޭންވާނީ ޓެސްޓަށް. ދަރިފުޅު އިންނަންވާނީ ފިލާވަޅު ދަސްކުރަން ކޮޓަރީގައ. ބައްޕަ ގާތު ތި ވާހަކަ ބުނާނަން."

"ކިހާ ބޮޑުކަމެއް!" ގޮނޑިން ތެދުވަމުން ރިމޯޓު ނަގައި ފާރާ ދިމާއަށް ހޫރައިލިއެވެ. ގުންފައި ޖަހާފައި އެތަނުން ނުކުމެގެން ހިންގައްޖެއވެ.

ބުނާނެ އެއްޗެއް ނޭނގި، ގޮތް ހުސްވެފައި ޠައްޔިބާ އިނެވެ.

***

އާ އަހަރު ފެށުމަށް ތައްޔާރުވަނީ އެވެ. ބާކީ އޮތީ އެންމެ ތިރީސް މިނެޓެވެ. މަގުމަތީގައި ވަރަށް ކާރޫ ބާރޫ ބޮޑެވެ. އެކި އުމުރުގެ މީހުން އާ އަހަރު ފާހަގަ ކުރުމަށް އެކި ތަންތަނަށް ދަނީއެވެ. ފުރާވަރު އުމުރުގެ ދިހަ ވަރަކަށް ކުދީން މަގުމަތީގައި ސައިކަލް ދުއްވާ އެކި ކަހަލަ ސްޓަންޓް ހަދަނީއެވެ. އޭގެ ތެރެއިން ބައެއް ކުދީން ތިބީ އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ބޮލުގައި ވިދާ ބޭންޑެއް އަޅައިގެންނެވެ. މީގެ ގަޑިއެއް ހައި އިރު ކުރީން މި ކުދީން ތިބީ ސުޕަރމާކެޓު ތެރޭގައި އަންހެން ކުދީންނާ ފޮށޭށެވެ. އެ މީހުން އަތުގައި ހުރި ހަވާ (ފަޔަރ ކްރެކަރސް)  އިރުއިރުކޮޅާ އެކުދީންނާ ދިމާއަށް ދޫކޮށްލައެވެ. އެ ކުދީންނަށް ކްލަބަށް ދެވުނު އިރު ބާރަ ޖަހަން ފަނަރަ މިނެޓަށްވީއެވެ. ޕާޓީގެ ދައުވަތު އެކުދީންނަށް ވެސް ލިބުނެވެ. އެ ކުދީން އެ ތަނަށް ދިޔައިރު އެކުދީންގެ މައިންބަފައިން ވެސް އެތާ ތިއްބެވެ.

ހޯލަށް ވަދެވުނު އިރު ބާރަ ޖަހަން ފަސް މިނެޓަށް ވީއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ހޯލުގައި ހުރި ހުރިހާ ބޮކިތަކެއް ނިވައިލެވޭނެއެވެ. ބާރަ ޖެހުމާއެކު ލޯނުގައި ހަވާ އަރުވަން ފަށާނެއެވެ. މުޅި ރޭ އޮންނާނީ ޕާޓީ ކުރުމާ މަޖާކުރުމެވެ. ނެށުމާއި ރާ ބުއިމާއި އެފަދަ އެކިއެކި ޙަރަކާތްތަކެވެ. އެންމެން މިތަނަށް އެއްވެފައި މިތިބީ މި މަޖަލުގައި ބައިވެރިވާށެވެ.

ޕާޓީއަށް ގުޅުނު ފުރާވަރު އުމުރުގެ ކުއްޖަކު ސްޓޭޖް މަތީގައި ބީޓަށް ނަށަމުންގެންދެއެވެ. ފަހަރަކު ހުށަހެޅުމެއް ހުށަހަޅަމުން ވަރުބަލިކަމެއް ނެތިއެވެ. އޭނާގެ ހުށަހެޅުންތަކުން އެ ތަނަށް އެއްވެ ތިބި އެންމެންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދެމުންނެވެ. ބާރަ ޖަހަން ދިހަ ސިކުންތަށް ވުމާއެކު ހޯލުގެ ހުރިހައި ބޮކިތަކެއް ނިވައިލެވުނެވެ. ހުނުމާއި ހަޅޭއްލެވުމުން މުޅި ހޯލު ގުގުމަމުން ދެއެވެ. އެއްބަޔަކު އާ އަހަރު ފެށުމުގެ ފަހު ސިކުންތުތައް ގުނަމުންދަނީއެވެ. ކުޅިވަރު ނިމުމުން އެކުދީން ޕާކިން ޒޯނަށް ނުކުމެ ކާރުން ބަރުގޮނު އަޅަން ފެށިއެވެ. ކޮންމެ ކުއްޖެއްގެ އަތުގައި ބިޔަރު ދަޅެއް އޮތެވެ. ސްޓޭޖު މަތީގައި ނަށަން ހުރި ކުއްޖާ އައިސް އެތަނުން ކާރެއްގެ މައްޗަށް އެރިއެވެ. އޭނާގެ އަތުގައި ވެސް ބިޔަރު ދަޅެއް އޮތެވެ. ލައިގެން ހުރި ޖެކެޓުން އިތުރު ބިޔަރު ދަޅެއް ނަގައި، ޕާކު ކޮށްފައި އޮތް ކާރެއްގެ ވިންޑްސްކްރީނުގައި ޖަހައި ވިންޑްސްކްރީން ފުނޑުފުނޑު ކޮށްލިއެވެ. އެއަށްފަހު ކާރަށް ލެނގިލައިގެން ހުރެ ބިޔަރު ދަޅުގައި ތުން ޖެހިއެވެ.

***

ކަމްރާން އިނީ ލައުންޖުގައި ވީޑިއޯ ގޭމެއް ކުޅޭށެވެ. ސާލާރް ވެސް އިނީ ލައުންޖުގައެވެ. ފިލާވަޅު ހަދަނީއެވެ. ނަމަވެސް އިރުއިރުކޮޅާ ކަމްރާންގެ ސްކޯރ ބަދަލުވިތޯ ބަލައިލައެވެ. ތިރީސް މިނެޓު ވީއިރުވެސް ކަމްރާންގެ ސްކޯރ އަކަށް ބަދަލެއް ނާދެއެވެ. މާ އުނދަގޫ ޓްރެކެއް ނަގަން އުޅެނީ ކަމަށްވެސް ވެދާނެއެވެ.

ބައިގަޑިއިރު ފަހުން ސާލާރް އޭނާގެ ފޮތް އެއްފަރާތެއްގައި ބާއްވައިލިއެވެ. މޯޅިއަކަށް ދެމިލަމުން މޭޒުމައްޗަށް ދެފައި ނަގައި ހަމަޖެހިލިއެވެ. ބޮލުގެ ފުއްކިބައިގައި ދެ އަތް އަޅުވައިލައިގެން ކަމްރާން ކުޅޭތަން ބަލަން ސޯފާގައި އިނެވެ. އޭރު ކަމްރާން ކުރިން ކުޅެން އިން ރައުންޑް ނިންމާފަ އާ ގޭމެއް ފަށައިފިއެވެ.

"ކަމްރާން، ކިހިނެއްވަނީ؟"

"ނޭނގޭ. މިއީ އާ ގޭމެއް. ސްކޯރ ކުރަން ވަރަށް އުނދަގޫ." ކަމްރާން އިނީ ވަރުބަލިވެފައެވެ.

ދީބަލަ މަގޭ އަތަށް." ސޯފާއިން ތެދުވެ ސާލާރް ރިމޯޓު ކޮންޓްރޯލް ނެގިއެވެ. ފުރަތަމަ ސިކުންތުކޮޅު ތެރޭގައި ސާލާރް ގޭމްގެ ކޮންޓްރޯލް ނެގިއެވެ. ކަމްރާން އަށް ނުކުޅެވިގެން އުޅުނު ގޭމު ސާލާރް މިއޮއް ކުޅެ ނަގަނީއެވެ. ޓްެރެކުގައި އޮތް ކާރުގެ ފުރިހަމަ ކޮންޓްރޯލު މިހާރު އޮތީ ސާލާރް ގެ އަތުގައެވެ. އެ ދުވެލީގައި ކަމްރާނަކަށް އުޅެއުޅެ ކާރު ކޮންޓްރޯލެއް ނުކުރެވެއެވެ.

ތިން މިނެޓު ފަހުން ކާރު ޓްރެކުން ކައްސައިލިއެވެ. އަދި އަރިއަޅައިލައި، ގޮވައި ކުދިކުދި ވީއެވެ. ސާލާރް ކަމްރާން އާ ދިމާއަށް އެނބުރުނެވެ. ކާރު ހަލާކުވީ ކީއްވެގެންކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ރިމޯޓު ކޮންޓްރޯލް މޭޒުމަތީގައި ބާއްވާފައި ފޮތް ނަގައިގެން ކަމްރާންގެ ފައިމަތިން ފުންމައިގެން އަނެއްފަރާތަށް ދިޔައެވެ. ސްކްރީނުގައި އޮތް ހަތް އަކުރުގެ އަދަދު ފެނުމުން ކަމްރާން ދަތްކުނޑި ވިކައިގަތެވެ. ނުކުމެގެން ދަމުން ސާލާރް ބުންޏެވެ. "ތީ ވަރަށް ފޫހި ގޭމެއް."

***

އިމާމާ އާއި އަސްޖަދު ބަގީޗާ ގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން ތިއްބެވެ. މިހާރަކަށް އައިސް އިމާމާ އަށް އަންނަމުންދާ ބަދަލާ ދޭތެރޭ އަސްޖަދު އިނީ ފިކުރު ބޮޑުވެފައެވެ. ކުރިއަށް ދިޔަ ބައިގަޑިއިރުގެ ތެރޭގައި އިމާމާ މާގިނަ ވާހަކައެއް ނުދައްކައެވެ. ބުނެލި މަދު ބަސްކޮޅު އެއް އަތުގެ އިނގިލިން ގުނައިލެވޭނެއެވެ. ވަރަށް ތުއްތު އިރުއްސުރެ ފެށިގެން އޭނާއަށް އިމާމާ އެނގެއެވެ. އިމާމާ އަކީ ވަރަށް އަނގަ ގަދަ ކުއްޖެކެވެ. އެހައިމެ ސަކަރާތް ޖަހާނެއެވެ. އިމާމާ އާއެކު ވަގުތު ހޭދަކުރުމުން އޭނާގެ ހިތަށް އަބަދުވެސް ހަމަޖެހުން ލިބެއެވެ. އުފާވެއެވެ. އިމާމާ އަކީ ތޫނުފިލި، މޮޅު ކުއްޖެކެވެ. ނަމަވެސް މިދިޔަ ދެ ތިން އަހަރުތެރޭ އިމާމާގެ މިޒާޖަށް ބޮޑު ބަދަލެއް އައިސްފިކަން އަސްޖަދަށް ފާހަގަކުރެވެއެވެ. މި ބަދަލު އަންނަން ފެށީ މެޑިކަލް ސްކޫލަށް ދާން ފެށި ފަހުންނެވެ. ބަސްމަދުވެފައި، އަބަދުވެސް ބޮޑު ފިކުރެއްގައި އިންނަހެން ހީވެއެވެ. އަސްޖަދާއެކު ވަގުތު ހޭދަކުރާކަށް އެއްވެސް ވަރަކަށް އޭނާ ބޭނުމެއް ނުވެއެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި އޭނާ ގެއަށް ފޮނުވައިލައެވެ. މިފަހަރުވެސް އަސްޖަދަށް ހީވީ އެހެންނެވެ.

"އަހަރުމެން ބައްދަލުވިޔަސް ނުވިޔަސް އިމާމާއަށް މިހާރަކު މާ ބޮޑު ފަރުވާލެއް ނެތް ދޯ؟ މިހާރަކަށް އައިސް ބައްދަލުވަނީ ވެސް އަހަރެން އެވަރަށް ކިޔައިގެން." އިމާމާ އޭނާ ބާކީކޮށްފިކަމުގެ އިހުސާސް އަސްޖަދަށް ވަރަށް ބޮޑަށް ކުރެވެއެވެ.

އިމާމާ އިނީ އަސްޖަދުގެ ކުރިމަތީގައި ހުރި ގޮނޑިއެއްގައެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ފާރަށް އަރުވާފައި އޮތް ހުދު ފިނިފެންމާ ގަހަށެވެ. އަސްޖަދު އެހެން ބުނުމާއެކު އޭނާ އަސްޖަދާ ދިމާއަށް ބަލައިލިއެވެ. އަސްޖަދު އިނީ ޖަވާބެއްގެ އިންތިޒާރުގައެވެ. އިމާމާ އެއަކަށް ޖަވާބެއް ނުދިނެވެ. އަސްޖަދު އަނެއްކާވެސް ސުވާލުކުރިއެވެ.

އަހަރެން މި ގެ އަށް ނަޔަސް އިމާމާއަށް މިހާރު އޯކޭ ދޯ؟"   

"އަހަރެން ކީކޭ ބުނަންވީ؟"

"ތީ ކުށް ހީ އެކޭ ބުނެވިދާނެއެއްނު، ތިއީ..."

"ތީ ކުށް ހީ އެއް." ޖުމުލަ ފުރިހަމަކުރާކަށް އަސްޖަދަށް އިމާމާ ފުރުސަތެއް ނުދިނެވެ.

އަސްޖަދު ފުން ނޭވާއެއް ލިއެވެ.

"އާނ، އަހަރެން އުއްމީދުކުރަނީ އެގޮތަށް. ވެދާނެ ކުށް ހީ އަކަށްވެސް. އެކަމަކު މިހާރު އިމާމާ އަހަރެން ދައްކާ ވާހަކައަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދޭކަން އަހަންނަށް ފާހަގަކުރެވޭ."

"އެއީ ކިހިނެއް؟"

އިމާމާގެ އަޑުން ނުރުހުން ވުމުގެ އަސަރު އަސްޖަދަށް ފާހަގަކުރެވުނެވެ.

"ވަރަށް ގިނަ ކަންތައް—އެއްކަމަކަށް، އަހަރެން ދައްކާ އެއްވެސް ވާހަކައަކަށް މިހާރަކު އިމާމާ ސަމާލުކަމެއް ނުދޭ. ސުވާލެއް ކުރިޔަސް އެދެވޭ ޖަވާބެއް ނުދޭ."

"އަސްޖަދު ކުރާ ހުރިހާ ސުވާލަކަށް ފުރިހަމައަށް ޖަވާބު ދެވޭތޯ އަހަރެން މަސައްކަތް ކުރަން. އަހަރެން ދޭ ޖަވާބު އަސްޖަދަށް ކަމުނުދަންޏާ އެކަމުގައި އަހަންނަށް ކުރެވޭނެ އިތުރު ކަމެއް ނެތް."

އޭނާ ދެކެ އިމާމާ އިތުރަށް ހިތްހަމަ ނުޖެހުނު ކަން އަސްޖަދަށް އެނގުނެވެ.

"މިބުނީ އިމާމާ ދައްކާ ވާހަކަ އަހަންނަށް ކަމުނުދާ ވާހަކައެއް ނޫން. އެކަމަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ޖަވާބުގައި ބުނަނީ 'އާނ' ނުވަތަ 'ނޫން.' އަހަރެން ވާހަކަ ދައްކަނީ އަމިއްލަ ނަފްސާހެން ހީވާ ފަހަރު ގިނައީ."

އަހަރެންގެ ހާލު ރަނގަޅުހޭ އަހާ ކޮންމެ ފަހަރަކު އަހަރެން ބުނަނީ "އާނއެކޭ" ނުވަތަ "ނޫނެކޭ'—އެ ނޫން ކޮން ޖަވާބެއް އެ ސުވާލަށް ދޭނީ؟ އެ ޖަވާބު އަސްޖަދަށް ކަމުނުދާނަމަ، އަޑު އަހަން ބޭނުން ވާހަކައެއް ބުނޭ. އޭރުން އެހެން ބުނެފާނަން." އިމާމާ ސީރިއަސް ވިއެވެ.

"އެ 'އާނއެކޭ' ނުވަތަ "ނޫނެކޭ' އަށް އެހެން ވާހަކައެއް އިތުރު ވެސް ކުރެވިދާނެއެއްނު. އިތުރުކުރާނެ ވާހަކައެއް ނެތިއްޔާ އަހަރެންގެ ހާލުއަހުވާލު ވެސް އޮޅުންފިލުވޭނެ."

"ހާލުއަހުވާލު؟ އަސްޖަދު ތިއިނީ އަހަރެންގެ ކުރިމަތީގަ. އަހަންނާ ވާހަކަ ދައްކަން—އަސްޖަދުގެ ހާލު ރަނގަޅުކަން އަހަންނަށް ޔަގީން. އެހެންނޫންނަމަ އަސްޖަދު އޮންނާނީ ގޭގަ، ބަލިއެނދުގަ."

"އިމާމާ، އެކަކު އަނެކަކު ދިމާވުމުން ހާލުއަހުވާލު އެހުމަކީ އާ ކަމެއް ނޫން. އެއީ އަދަބުގެ ތެރޭގައި ވެސް ހިމެނޭ ކަމެއް"

"އަސްޖަދަށް ރަނގަޅަށް އެނގޭނެ އަހަންނަކީ ތިކަހަލަ އަދަަބު ސަދަބު ގަބޫލުކުރާ މީހެއް ނޫންކަން. އަސްޖަދު ވެސް އަހަރެންގެ ހާލު އޮޅުންފިލުވުމުގެ މާނައެއް ނެތް. ހާލު ނޭހިޔަސް އެކަމަކާ އަހަރެން ޝަކުވާއެއް ނުކުރާނަން."

އަސްޖަދު އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. "އެންމެ ރަނގަޅު. ރަސްމީ ވާހަކަތައް ބާއްވަމާ. އަހަރުމެންނަށް އެހެން ވާހަކަވެސް ދެކެވޭނެ. ކަންކަމާ ޚިޔާލު ބަދަލުކޮށް މަޝްވަރާވެސް ކުރެވޭނެ. އެކަކު އަނެކަކު އެންމެ ކުރާ ހިތްވާ ކަންކަމުގެ ވާހަކަ ވެސް  ދެކެވޭނެ."

"އަސްޖަދު، އަހަރެން އަސްޖަދާ މަޝްވަރާ ކުރަން އޮންނާނީ ކޮންކަމެއް؟" އަސްޖަދަކީ ވިޔަފާރިވެރިއެއް. އަހަންނަކީ މެޑިކަލް ސްޓޫޑެންޓެއް، އަހަރެން އަސްޖަދާ ދައްކަން އޮންނާނީ ކޮން ވާހަކައެއް؟ ސްޓޮކް މާކެޓު މިހާރު އޮތް ހިސާބު؟ އިންޑެކްސް މައްޗަށް ދިޔައީ ކިތައް ޕޮއިންޓުންތޯ؟ ދެން އޮތް ޝިޕްމަންޓު ފޮނުވަނީ ކޮންތަނަކަށްތޯ؟ ސަރުކާރުން އަސްޖަދަށް ލިބުނު ފައިދާ... އިމާމާ ލިސްޓު ކުރިއަށް ގެންދިޔައެވެ. ނުވަތަ އިންސާނާގެ ހަށިގަނޑާ ބެހޭގޮތުންތަ؟ ފުރަމޭގެ މަސައްކަތަށް ބުރޫ އަރަނީ ކީއްވެގެންތޯ؟ ބައިޕާސް ސަރޖަރީ ހަދަން މިއަހަރު ބޭނުންކުރި އާ ޓެކްނޮލޮޖީގެ ވާހަކަތަ؟ މިއީ އަހަރުމެން  ދެމީހުން މަސައްކަތް ކުރާ ދާއިރާތައް. މި ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްގެން އަހަރުމެންނަށް އެކަކު އަނެކަކު ދެނެގަނެވޭނީ ކިހާވަރަކަށް؟ ހާސިލުވާނީ ކޮން ލޯތްބެއް؟ އަހަންނަކަށް ހަމަ އެއްގޮތަކަށް ވެސް ނުވިސްނޭ."

ޝަކުވާ ކުރެވުނީތީ އަސްޖަދު ދެރަވިއެވެ. 

"އަހަރުމެންނަށް ދެއްކޭނެ އެހެން ވާހަކަތައް ވެސް އެބަހުރި." އަސްޖަދު ބުންޏެވެ.

"ނޫން، ކިޔެވުމުގެ އިތުރުން އަހަރެން ދައްކަން ބޭނުންވާ އެހެން ވާހަކައެއް ނެތް." އިމާމާ އަޑަށް ބާރުލާފައި ބުންޏެވެ.

"އެކަމަކު މީގެ ކުރިން އަހަރުމެން ދައްކާނެ ވަރަށް ގިނަ ވާހަކަ އޮވޭ."

"މާޒީ ހަނދާން ނައްތާލާ. ވަގުތު ބޭކާރުކުރާކަށް އަހަރެން ބޭނުމެއް ނޫން މިހާރަކު. އަސްޖަދަކީ ވިޔަފާރިވެރިއެއް. އަސްޖަދި ތިއުޅެނީ ވިޔަފާރިވެރިން އުޅޭ ގޮތަކަށް ނޫން، ތަސައްރަފު ނުފުދޭ ކުދީން އުޅޭ ގޮތަށް. މީހަކު އެއްޗެކޭ ބުނާއިރަށް ޖަޒުބާތުގައި ޖެހޭ. މިހާރަށްވުރެ ހަރުދަނާ ވުން ބުއްދިވެރި."

އިރުކޮޅަކު ހިމޭނުން އިނދެފައި އަނެއްކާވެސް އިމާމާ ވާހަކަ ފެށިއެވެ.

"އަހަރުމެން ދެ މީހުންގެ މެދުގައި އޮތީ ކޮން ގުޅުމެއްކަން އަހަރުމެންނަށް އެނގޭ. އެކަމަކު އަހަރެން ވާހަކަ ދައްކާ ގޮތް އަސްޖަދަށް ކަމުނުދަންޏާ، އަހަންނަށް އިތުރަށް ކުރެވޭނެ ކަމެއް ނެތް. އަހަރުމެން ދެ މީހުންގެ ގުޅުމަށް އަހަރެން އިހްތިރާމު ނުކުރާނަމަ، ހިލޭ ފިރިހެނަކާއެކު މިތާކު އަހަންނެއް ނީންނާނެ." ސައި ކޯވަރެއް ބޮއިލުމަށްފަހު އިމާމާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "ދެން އޮތީ، އަސްޖަދު މިތަނަށް ނަޔަސް އަހަންނަށް ވަރިހަމަތޯ—ނުވަތަ ނޫންތޯ. އަހަރުމެން ދެ މީހުންނަކީ ވެސް ވަރަށް އަވަދިނެތި އުޅޭ ދެ މީހުން. ދެ މީހުންނަކީ ވެސް މި ޒަމާނުގެ އުފެއްދުންތައް. އަސްޖަދުގެ އިންތިޒާރުގަ ސައި ހަދައިގެން އަހަންނަކަށް ނީނދެވޭނެ. އަދި އަސްޖަދަކަށް ވެސް އަހަންނަށް ހުރިހައި ވަގުތެއް ނުދެވޭނެ. އެގޮތެއް އަހަރެން ބޭނުމެއްވެސް ނޫން. ހަގީގަތަކީ އަހަރުމެން ބައްދަލު ވިޔަސް ނުވިޔަސް، ވާހަކަ ދެއްކިޔަސް ނުދެއްކިޔަސް، އަހަންނަކަށް މާ ބޮޑު އަސަރެއް ނުކުރާނެކަން. އެއިން އެއްކަމެއް ނުކުރިޔަސް އަހަރުމެންގެ ގުޅުން މިގޮތުގަ ދެމިއޮންނާނެ. އަނެއްކާ، އެހެން ގޮތަކަށް ބަދަލުވެދާނެހެން އަސްޖަދަށް ހީވަނީތަ؟"

އިމާމާގެ ވާހަކަ އަޑުއަހަން އިން އިރު އަސްޖަދު އިނީ ދާ ހިއްލާ ފޯވެފައެވެ. އަސްޖަދާ އިމާމާގެ އާ ދެ މީހުންގެ އުމުރުގެގެ ފަރަގަކީ އަށް އަހަރެވެ. ނަމަވެސް އެ ވާހަކަތައް އަޑު އަހާފައި އޭނާއަށް ހީވީ އިމާމާ އޭނާއަށް ވުރެ އަށާރަ އަހަރު ދޮށިހެންނެވެ. އިމާމާއަށް ނަވާރަ އަހަރު ފުރުނީ މީގެ ދެ ހަފްތާ ކުރިންނެވެ. ނަމަވެސް އަސްޖަދަށް ހީވީ އެންމެ ރެއަކުން އިމާމާ މެދު އުމުރަށް އަޅައިގަތީ ހެންނެވެ. އިމާމާ އިނީ އަސްޖަދުގެ މޫނަށް ބަލަހައްޓައިގެންނެވެ. ޖަވާބެއްގެ އިންތިޒާރުގައެވެ. އިނގިލީގައި އޮތް އެންގޭޖްމަންޓް އަނގޮޓިއަށް ބަލަހައްޓައިގެން ފުން ޚިޔާލަކަށް ގެނބިފައި އަސްޖަދު އިނެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.