ފާނޫޒު - 79

(14 އޮކްޓޯބަރ 2019ގައިޝާއިއުކުރި ބަޔާ ގުޅޭ)

ސިއްސައިގެން ގޮސް އޭނާ ހޭލުވުނެވެ. މުޅި ކޮޓަރިތެރެ އޮތީ އަނދިރިކޮށެވެ. ހުވަފެނީ ދުނިޔެއަށް ގެއްލިފައި އިރުކޮޅަކު އިނެވެ. ކަޢުބާ ގައެވެ. ދެން ތެދުވެގެން ގޮސް ކޮޓަރީގެ ބޮކި ދިއްލިއެވެ. އަނެއްކާވެސް ގޮސް އެނދުގައި އޮށޯތެވެ. އެ ހުވަފެން ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ހީވަނީ ފިލްމެއް ހެންނެވެ. އެހެން ނަމަވެސް އެ ފިރިހެން މީހާގެ މޫނު ފެންނަވަރެއް ނުވިއެވެ. އެ މީހާއަށް ނޭނބުރެވެނީސް އޭނާއަށް ހޭލެވުނީއެވެ.

"ޖަލާލް އަންޞާރް އަށް ވުރެ ރީތި އަޑެއްގެ ވެރިޔަކީ ކާކު ހެއްޔެވެ؟" އޭނާ ވިސްނައިލިއެވެ.

އޭނާ އަށް ހުވަފެނުން ފެނުނީ އިސްކޮޅުން ދިގު، ބައިމަތި ފުޅާ މީހެކެވެ. އިޙްރާމް ބަނދެގެން ހުރި އިރު ފެންނަ، އަތާއި ކޮނޑުމަތި ދޮނެވެ. ޖަލާލް އަންޞާރް އަކީ ދޮން މީހެއް ނޫނެވެ. ޖަލާލް އަންޞާރް އަކީ ދޮން މީހެއް ނޫނެވެ. އެމީހާއަކީ ކާކުކަން ނޭނގުނަސް އެއީ އޭނާ ދަންނަ އަޑެކެވެ. އެއީ ޖަލާލް އަންޞާރްގެ އަޑު ހެއްޔެވެ؟ ނުވަތަ އެހެން މީހެއްގެ އަޑު ހެއްޔެވެ؟ އިމާމާއަކަށް ނޭނގުނެވެ.

އެއީ އާދަޔާޚިލާފު ހުވަފެނެކެވެ. އޭނާގެ ބޮލުގެ ރިހުންވެސް ރަނގަޅުވިއެވެ. މިހާރު އޭނާ އިނީ ވަރަށް ހަމަޖެހިފައެވެ. އޭނާ ފާރުގައި ހުރި ގަޑިއަށް ބަލައިލިއެވެ. ގަޑިން މެންދަމުން އަލިވެ ދޭއް ޖަހަނީއެވެ. އޭނާ އޮށޯތީ ޢިޝާ ނަމާދު ނުކޮށެވެ. ހެދުން ވެސް ބަދަލުނުކޮށެވެ. ނިދުމުގެ ކުރިން ވުޟޫ ވެސް ނުކުރެއެވެ. އިމާމާ ހެދުން ބަދަލުކޮށްގެން ކޮޓަރިން ނުކުތެވެ. ސަޢީދައްތަގެ ކޮޓަރި އޮތީ އަނދިރިކޮށެވެ. ގޭތެރެއަށް އޮތީ ހިމޭންކަން ވެރިވެފައެވެ. އަސްކަނީގައި ދިއްލާފައި ހުރި ކުޑަކުޑަ ބޮތްކަކުން ފަނޑު އައްޔެއް ފެތުރިފައި އޮތެވެ. ރަތްކުލައިގެ ފާރަށް އަރުވާފައި އޮތް ފެހި ވެޔޮތައް ހެލިލާތަނެއް ވެސް ނުފެނެއެވެ.

އޭނާ ބޭރަށް ނުކުތީ އަސްކަނީގެ އަނެއް ފަރާތުގައި ހުރި ގިފިއްޔަށް ގޮސް ވުޟޫ ކުރާށެވެ. އެކަމަކު އަސްކަނީގައި އިށީނދެ ތަނބަކަށް ލެނގިލިއެވެ. ސްވެޓަރުގެ އަތް އޮޅާލާފައި ކުރުތާގެ އަތުކުރީގައި ހުރި ގޮތް ނެއްޓިއެވެ. އެއަށްފަހު ކުރުތާގެ އަތް އޮޅައިލިއެވެ. އެއީ ވަރަށް ފިނި ރެއެކެވެ. އޭނާ އިށީނދެގެން އިރުކޮޅަކު ފާރުގައި އޮތް ވެލަށް ބަލަން އިނެެވެ. ޖަލާލް އަންޞާރް އާއި ބައްދަލުވެ އެ ދުވަހު ދިމާވި ހުރިހާ ކަމެއް ހިތަށް ގެނައެވެ. ޖަލާލް ބުނި ވާހަކަ އޭނާގެ ކަންފަތުގައި ގުގުމައެވެ. އެކަމަކު މިހާރަކު އޭނާގެ ލޮލުން ކަރުނައިގެ ހިލަމެއް ވެސް ނުވެއެވެ.

"އަހަރެންގެ އެކަނިވެރިކަމުގެ ބައިވެރިއަކަށް ވީ އިބަރަސްކަލާނގެއެވެ.

އިބަރަސްކަލާނގެ އެހީތެރިކަން ނެތް ނަމަ މިއަޅާ މަރުވެ ދިޔަތާ ކިތަންމެ ދުވަހެއް ވެދާނެއެވެ.

އަނދިރިކަމުގެ ފަށަލަތައް ރޫޙަށް ވެރިވަމުން ދާ ވަގުތު...

އިބަރަސްކަލާނގެ ނޫރުން މިއަޅާގެ ރޫޙަށް އަލިކަން ފަތުރުއްވައިފަތެވެ.

އިބަރަސްކަލާނގެއަށް ސަޖިދަޖަހާ މިއަޅާ ރަހެއްގެ ފުށުން އެދޭނޭ ކަމެއް ނެތެވެ.

އެފަދަ ރަހުންގެ ގާބިލުކަން އޮންނަނީ އިބަރަސްކަލާނގެ ފައިތިލަފުޅުގެ ދަށުން އަރާ ހިރަފުހުގައެވެ."

އިމާމާގެ ތުންފަތަށް މޮޅިވެރި ހިނިތުންވުމެއް ވެރިވިއެވެ. މިދިޔަ އަށް އަހަރު އޭނާގެ ކަންފަތުގައި ގުގުމާފައި ހުރީ ހަމައެކަނި އެ އަޑެވެ. ނަަމަވެސް އެ ރޭ... އެ ހުވަފެން... ތަލްބިޔާގެ އަޑު... އޭނާ އަނެއްކާވެސް އެ ހުވަފެން ހިތަށް ގެނައެވެ.

لَبَّيْكَ اللَّهُمَّ لَبَّيْكَ، لَبَّيْكَ لاَ شَرِيْكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لاَشَرِيْكَ لَكَ

އެއީ އޭނާ އަށް ބީރައްޓެހި އަޑެއް ނޫނެވެ. އެ އަޑޫގެ ވެރިޔަކީ ކާކު ހެއްޔެވެ؟ ޖަލާލް އަންޞާރްގެ އަޑު ނޫން އެހެން އަޑެއް އޭނާއަކަށް ނޭނގެއެވެ. އޭނާ ލޯ މަރައިލިއެވެ. އަދި އެ ހުވަފެން ހިތަށް ގެނައެވެ. މުލްތަޒިމްގެ މަޤާމު، ހުޅުވިފައިވާ ކަޢުބާގެ ދޮރުކޮޅު، ކަޢުބާގެ އުރަކޮޅުގައި ލިޔެވިފައިވާ ޤުރްއާނުގެ އާޔަތް، ތަރިތަކުގެ ވިދުވަރު، ކަޢުބާ ދޮރުކޮޅުގެ ކުރިމަތީގައި ހުއްޓި ހުރި މީހާ، އަދި އެ ދޮރުކޮޅުން ފެތުރެމުން ދިޔަ ވިދުވަރު، އެ މީހާ ސަޖިދައަށް ތިރިވި މަންޒަރު، ތަލްބިޔާގެ އަޑު... އިމާމާ ލޯ ހުޅުވައިލިއެވެ. އެ މީހަކީ ކާކުކަން އިމާމާ އަކަށް ނޭނގެއެވެ.

އެ މީހާގެ ކޮނޑުމަތީން ލަކުނެއް ފެނުނެވެ. ހުވަފެނެއްގެ އެ ހުރިހައި ތަފްޞީލެއް ހަނދާނުގައި ހަރުލާފައި ހުރުމުން އޭނާ ހައިރާންވިއެވެ. މީގެ ކުރިން ދުވަހަކުވެސް ހުވަފެނެއްގެ ކުދިކުދި ތަފްސީލު އެހައި ރަނގަޅަށް ހަނދާނެއް ނުހުރެއެވެ. އެއީ އޭނާ އަށް ކަޢުބާ ފެނުނު ފުރަތަމަ ފަހަރުވެސްމެއެވެ. އިށީނދެގެން އެ އިނީ މަސްޖިދުއްނަބަވީގައި ނަަމައޭ އިމާމާގެ ހިތަށް އެރިއެވެ. އަދި އެ ތަނުގައި އިނީ އޭނާ އެކަނި ނަމައޭ ހިތަށް އެރިއެވެ. އެ ފިކުރުގައި އެކަނިމާއެކަނި އެތާ އިނދެވުނީ ކިހައި އިރަކު ކަމެއް އޭނާއަކަށް ނޭނގެއެވެ. ސަޢީދައްތަ ދަމު ނަމާދަށް ތެދުވެގެން އައި އިރު ވެސް އޭނާ އިނީ އެ ތާނގައެވެ. އިމާމާ ފެނިފައި ސަޢީދައްތަ ހައިރާންވިއެވެ.

"ބޮލުގައި ރިއްސާތަ އަދިވެސް؟" އޭނާ އެހިއެވެ.

"މިހާރު ރަނގަޅު." އިމާމާ އިނީ އިސްދަށަށް ޖަހައިގެންނެވެ.

"ނުވެސް ކަމެއްނު ރޭގަ." ސަޢީދައްތަ އިމާމާ ގާތު ތަޅުންމަތީގައި އިށީނެވެ. އޭނާ އިނީ ގައިގައި ސާލެއް އޮޅާލައިގެންނެވެ. އިމާމާ އޭނާގެ ކޮނޑުގައި ބޯ އަޅާލިއެވެ. އެހައި ގިނަ އިރު ފިނީގައި އިނުމުގެ ސަބަބުން އޭނާގެ މޫނު ހުރީ ގަނޑުވެފައެވެ. ސަޢީދައްތަގެ ގަޔަށް ލެނގިލުމުން ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެއް ކުރެވުނެވެ.

"އާމިނާ، ދަރިފުޅު ދެން މީހަކާ އިންނަންވީ." ސަޢީދައްތަ ބުންޏެވެ.

އިމާމާ އިނީ ސަޢީދައްތަގެ ސާލުން އޭނާގެ މޫނުު ފޮރުވައިގެންނެވެ. މީގެ ކުރިން އެތައް ފަހަރަކު ސަޢީދައްތަ އެ މައުޟޫއުގައި ވާހަކަ ދައްކާފައިވެއެވެ. އެކަމަކު އޭރު އިމާމާ އެ މައުޟޫއަށް ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. މިއަދު އޭނާ ޖަވާބު ދިނެވެ. "މަންމަ ހަމަޖައްސަންވީނު."

ސަޢީދައްތަ ޙައިރާންވިއެވެ. "ހަމަ ރަނގަޅަށްތަ؟"

"އާނ." އިމާމާ އޭނާގެ ކޮނޑުމަތިން ބޯ ނެގިއެވެ.

"ދަރިފުޅު އިންނަން ބޭނުންވާ ވަކި މީހަކު އެބަހުރިތަ؟"

އިމާމާ ވިސްނައިލިއެވެ. "އަހަރެން ބޭނުންވާ މީހަކު؟ ނޫން، ނެތް." ސަޢީދައްތަގެ ސާލުން މޫނު ފޮރުވަމުން އިމާމާ ބުންޏެވެ. އޭނާގެ އަޑުގައި ހުރީ ރުއިމުގެ އަސަރެވެ.

"ދަރިފުޅުގެ ކާވެންޏަށް ފަހު މަންމަ ދާނީ އިންގްލެންޑަށް." އިމާމާގެ ބޮލުގައި ފިރުމައިލަމުން އޭނާ ބުންޏެވެ. އިމާމާ ރޮނީކަން އޭނާއަށް އެނގެއެވެ.

"ކިހިނެއްވީ ދަރިފުޅާ؟" އޭނާ ކަންބޮޑުވެފައި އަހައިލިއެވެ. ސައީދައްތަގެ ގައިގައި އޮޅުލައިގެން އިނދެ އިމާމާ ހިތް ފުރެންދެން ރުޔެވެ.

"ދަރިފުޅާ. ކިހިނެއްވީ؟ އަނގައިން ބުނެބަލަ." ސައީދައްތަ ވަރަށް ކަންބޮޑުވެއްޖެއެވެ.

"ކަމެއް ނުވޭ މަންމާ. ބޮލުގައި ރިއްސަނީ..." ސަޢީދައްތަ އޭނާ އިސްއުފުލުވިއެވެ. އޭނާ ތެދުވެފައި ހެދުމުގެ އަތުކުރިން މޫނު ފޮހެލިއެވެ. އޭނާ ބެލީ ސަޢީދައްތަ އާ ހަތަރުކަޅި ހަމަނުކޮށްވޭތޯ އެވެ. އިމާމާ ތެދުވެގެން ފާޚާނާއަށް ދިޔައެވެ.

ކާވެނީގެ ވާހަކަ އޭނާ އާއި ފުރަތަމަ ދެއްކީ ޑރ. ސިބްތެ ޢަލީއެވެ. އިމާމާގެ ޖަވާބުން ޑރ. ސިބްތެ ޢަލީ އަށް ލިބުނީ ހައިރާންކަމެވެ. "ބައްޕާ. އަހަރެން ވަޒީފާއަކަށް ގޮސްގެން އާމްދަނީ ހޯދަން ބޭނުން." އޭނާ ބުންޏެވެ. އޭނާއަށް ހީވެފައި އޮތީ އޭނާގެ ކާވެންޏަކީ ޑރ. ސިބްތެ ޢަލީގެ ބޮލުގައި އެޅުވޭ އިތުރު ޚަރަދެއްގެ ގޮތުގައެވެ. އޭނާ ވިސްނީ ވަޒީފާއަކަށް ގޮސްގެން އަމިއްލަ ޚަރަދު ބެލެހެއްޓޭ ވަރަށް ފައިސާ ރައްކާ ކުރާށެވެ. އެކަމަކު އެއިން އެއްވެސް ވާހަކަ އެއް ޑރ. ސިބްތެ ޢަލީ ގާތަކު ނުބުނެއެވެ.

ކާވެނީގެ ކުރިން އޭނާ ބޭނުންވީ ރަނގަޅު އެއްޗެއް ރައްކާ ކުރާށެވެ. ނަމަވެސް ޖަލާލް އަންޞާރް އާއި ބައްދަލުވުމުން އޭނާގެ ޚިޔާލު ބަދަލުވީއެވެ. އިމާމާގެ ވިސްނުން ބަދަލުވީ ވާހަަކަ ސަޢީދައްތަ ޑރ. ސިބްތެ ޢަލީ އަށް އެންގި ކަމެއް އިމާމާއަކަށް ނޭނގެއެވެ. ނަމަވެސް ވަގުތުން ރަނގަޅު ކުއްޖަކު ހޯދުމުގެ މަސައްކަތް އޭނާ ފެށިއވެ.

ފަހުދު މަސައްކަތް ކުރަނީ ކުންފުންޏެއްގެ އިސް މަގާމެއްގައެވެ. އޭނާގެ މައިންބަފައިން އިމާމާ ދެކެން އައެވެ. އަދި އެ މީހުން އިމާމާ އާ ވަރަށް ގަޔާވިއެވެ. އެ ހުށަހެޅުމާއެކު ސަޢީދައްތަ ޑރ. ސިބްތެ ޢަލީ އަށް އެ ޚަބަރު ދިނެވެ. އެއީ އޭނާއަށް މާ ކަމުދިޔަ ހުށަހެޅުމަކަށް ނުވިއެވެ. އޭނާ އަދިވެސް ބޭނުންވަނީ އެ އާއިލާގެ ކުއްޖަކާ އިމާމާގެ ކާވެނި ކުރުވާށެވެ. ނަމަވެސް ސަޢީދައްތަ އެއީ ރަނގަޅު ހުށަހެޅުމެއް ކަމަށް ބުނުމުން އޭނާ އެއްބަސްވިއެވެ.

އެ އާއިލާ އިން ބޭނުންވީ އަހަރެއް ފަހުން ކާވެނި ކުރާށެވެ. ނަަމަވެސް ފަހުން ކާވެނި އަވަސްކުރުމަށް އެދުނެވެ. އަދި އެއަށްފަހު ވަގުތުން ކާވެނި ކުރުމަށް އެ މީހުން މަޖުބޫރުކުރިއެވެ. އޭރު ޑރ. ސިބްތެ ޢަލީ ހުރީ އިންގްލެންޑުގައެވެ.

ސަޢީދައްތަ ކާވެނީގެ ތާރީޚަށް އެއްބަސްވިއެވެ. އަދި ޑރ. ސިބްތެ ޢަލީއަށް އެކަން އެނގިއެވެ. އޭނާ ލަފާ ދިނީ އަދި ދުވަސްކޮޅަކު މަޑުކުރުމަށެވެ. ނަމަވެސް ސަޢީދައްތަ އެ ތާރީޚަށް ހުރިހާ ކަމެއް ހަމަޖެއްސިއެވެ. ކާވެނީގެ ޙަފްލާގައި ބައިވެރިނުވެވޭތީ ޑރ. ސިބްތެ ޢަލީ ވަރަށް ދެރަވިއެވެ. ނަމަވެސް ކާވެނީގެ ތައްޔާރީތަކަށް އޭނާގެ އަންހެނުން ކުލްސޫމް އެ ގެއަށް ފޮނުވިއެވެ.

ކާވެނީގެ ހުރިހާ ތައްޔާރީއެއް ކުރީ ކުލްސޫމް އައި މަރިޔަމް އެވެ. އެ މީހުން ރާވަލްޕިންޑީއިން އައީ ކާވެނީގެ ހަފްލާއަށެވެ. ކާވެނީގެ ތާރީޚު ކަނޑައެޅުމުން ޑރ. ސިބްތެ ޢަލީ ލަންޑަނުން އިމާމާ އަށް ފޯނު ކުރިއެވެ. އަދި އޭނާއަށް ނަސޭހަތް  ދިނެވެ. އޭނާގެ ތިން އަންހެން ކުދީން ވެސް ކާވެނިކުރީ އާއިލާ ތެރެއިންނެވެ. އެހެންކަމުން ކާވެނީގެ އަގަކަށް ނޭދެއެވެ. ނަމަވެސް ރަނުގެ ބަދަލުގައި ޑރ. ސިބްތެ ޢަލީ އޭނާގެ ތިން ދަރިންނަށް ވެސް ފައިސާ ދިނެވެ.

"ދަރިފުޅު މިގެ އަށް އަހަރުކުރިން އަހަރެމެންގެ ގެއަށް އައުމުން ތީ އަހަރެންގެ އަމިއްލަ ދަރިއަކަށް ހެދިން. ދަރިފުޅުގެ ކާވެނީގެ ޚަރަަދަށް ވާ ފައިސާ ބައްޕަގެ އަތުގައި ހުންނާނެ. އެއީ ދަރިފުޅުގެ ފައިސާ. ދަރިފުޅު ބޭނުންވަނީ ނަގުދު ފައިސާކަމަށް ވާނަމަ ދަރިފުޅަށް ނަގުދު ފައިސާ ލިބޭނެ. ނުވަތަ ކާވެނީގެ ޚަރަދު ހަމަޖައްސަން ކުލްސޫމް އާއި މަރިޔަމް އަތަށް ދޭންވީތަ؟ ބައްޕަ ބޭނުންވީ ދަރިފުޅުގެ ކާވެނި ބައްޕަގެ ގެ، ދަރިފުޅުގެ ގޭގައި ބާއްވަން. އެކަމަކު ސަޢީދައްތަ ބޭނުންވަނީ ތިގޭގެ ބާއްވަން. ބައްޕަ ރަށުގައި ނެތީސް ބައްޕަގެ ހަތަރުވަނަ ދަރިފުޅުގެ ކާވެނި ކުރެވޭތީ ބައްޕަ ވަރަށް ދެރަވޭ. އެންމެ ފަހު ވަގުތުވެސް ދެވޭތޯ ބަލާނަން. އެކަމަކު ހިއެއް ނުވޭ ދެވޭނެހެން."

ޑރ. ސިބްތެ ޢަލީގެ ވާހަކަ އަޑުއަހަން އިމާމާ އިނެވެ. އޭނާ ދޭން ބުނި ފައިސާ އަށް ނޫނެކޭ ބުނާކަށް އިމާމާއަކަށް ނުކެރުނެވެ. އަދި ކާވެނީގެ ކަންކަމަށް ޚަރަދުކުރާނީ އަމިއްލަ ފައިސާއިން ކަމަށް ބުނަންވެސް ނުކެރުނެވެ. އޭނާގެ ކަންކަމަށް ޒިއްމާވާނޭ މީހަކު ހުންނަން މިއަދު ބޭނުންވީ އެވެ. ޑރ. ސިބްތެ ޢަލީ އަކީ ވަރަށް ހިތް ހެޔޮ މީހެކެވެ. އޭނާގެ ހެޔޮކަން އެންމެ ފަހު ދުވަހުވެސް އިމާމާ ބޭނުންވީއެވެ. އޭނާގެ ހަމައެކަނި ޝަކުވާ އަކީ ކާވެނީގައި ޑރ. ސިބްތެ ޢަލީއަށް ބައިވެރި ނުވެވޭ ކަމެވެ.

***

ފަހުދުގެ ޢާއިލާ އިން އެދުނީ މާ ބޮޑު ރަސްމިއްޔާތެއް ނުބޭއްވުމަށެވެ. އިމާމާ އެގޮތަށް އެއްބަސްވިއެވެ. އޭނާ ވެސް ބޭނުންވީ އާދައިގެ ގޮތަކަށް ކާވެނީގެ ކަންކަން ކުރިއަށް ގެންދިއުމަށެވެ. އިމާމާ އަށް ނޭނގުނީ ފަހުދުގެ އާއިލާއިން އެގޮތަށް ބޭނުންވުމުގެ ފަހަތުގައި ފޮރުވިފައި އޮތް ސިއްރެވެ.

ކާވެނި ކުރަން ހަމަޖެއްސީ ހީނާފަތުގެ ޙަފްލާ ވެސް އޮންނަ ދުވަހުއެވެ. ފަހު ވަގުތު އިންތިޒާމުތައް ބަދަލުކުރި ނަމަވެސް އެކަމާ ސަޢީދައްތަ މާ ބޮޑު ފަރުވާލެއް ނުބަހައްޓައެވެ. ފަރުދާގެ ފުރަގަހުގައި ފަހުދުގެ އާއިލާ އިން ރާވަމުން ދިޔަ އެއްވެސް ކަމެއް އޭނާއަކަށް ނޭނގެއެވެ. ހީނާފަތުގެ ޙަފްލާއަށް ދަޢުވަތު ދިނީ ވަރަށް މަދު ބަޔަކަށެވެ. އާއިލާ އާއި އަވަށްޓެރީންނަށެވެ.

ކާވެނިކުރާ ގޮތަށް ހަމަޖައްސާފައި އޮތީ ސަޢީދައްތަގެ ގޭގައެވެ. ފިރިހެން ކުއްޖާގެ ޢާއިލާ އެގެއަށް އަންނާނީ ހަތަރެއް ޖަހާއިރުއެވެ. ކާވެނިކުރާނީ ހަޔެއް ޖަހާއިރުއެވެ. ކާވެނި ކުރުމަށް ހަމަޖެހިފައި އޮތް ގަޑިއަށްވުރެ އެއްގަޑިއިރު ކުރިން ފިރިހެން ކުއްޖާގެ ޢާއިލާގެ ފަރާތުން އެ ގެއަށް މީހަކު ދިޔައެވެ. ވީނުވީއެއް ނޭނގި ފަހުދު ގެއްލިފައިވާ ކަމަށް ބުންޏެވެ. އެހެންކަމުން ކާވެނި ނުކުރެވޭނެ ކަމަށް އޭނާ އެންގިއެވެ.

އެ ދުވަހު މެންދުރާ ޖެހެންދެން ވެގެން އުޅޭ ގޮތެއް އިމާމައަކަށް ނޭނގެއެވެ. ފިރިހެން ކުއްޖާގެ ގެއިން ހެނދުނު ކާވެނީގެ ހެދުން ފޮނުވިއެވެ. އިމާމާ ހެދުންލައިގެން ރީތިވާން ހުއްޓާ މަރިޔަމް އެ ކޮޓަރިއަށް ވަނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރެވެ. އޭނާ އިމާމާ ގާތު ހެދުން ބަދަލުކުރަން އެދުނެވެ. އަދި ފަހުދު މެންގެ އާއިލާ މީހަކު ނިޔާވެގެން އުޅޭކަމަށް ބުންޏެވެ. ކާވެނި ކެންސަލްކުރި ވާހަކަ އިމާމާ ގާތު ބުނާކަށް އޭނާ ބޭނުމެއް ނޫނެވެ. ފުރަތަމަ އިމާމާ މަރިޔަމްގެ ވާހަކަ ގަބޫލުކުރިއެވެ. ނަމަވެސް ކޮންމެވެސް ގޯހެއް އުޅޭކަމަށް އޭނާއަށް އިހުސާސް ވާން ފެށިއެވެ. އޭނާ ކޮޓަރިން ނުކުތުމުން މެެހްމާނުންގެ މޫނުމަތިން ވެގެން އުޅޭގޮތް ސާފުވިއެެވެ. އޭނާ ސަޢީދައްތަގެ ކޮޓަރިއަށްވަނެވެ. އެ ކޮޓަރީގައި އާއިލީ މީހުންނާއި އަވަށްޓެރީން ތިއްބެވެ. ކުލްސޫމް ދައްތަ އާއި މައުމޫނާ އާއި ނޫރުލް ޢައިން، އަދި އަވަށްޓެރިންނާއި، މަރިޔަމް އެވެ. އޭނާ ވަން އިރު މަރިޔަމް ސަޢީދައްތަ އަށް ފެން ބޯން ދެނީއެވެ. ސަޢީދައްތަ ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެންނެވެ. އިމާމާ ހާސްވިއެވެ. ސަޢީދައްތަގެ ޙާލު ރަނގަޅުހެއްޔެވެ؟ ކޮޓަރީގައި ތިބި އެންމެން އޭނާ އާ ދިމާއަށް އެނބުރި ބަލައިލިއެވެ. "އާމިނާ، އާދޭ. ހިނގާ ބޭރަށް." މައިމޫނާ ދައްތަ އިމާމާގެ އަތުގައި ހިފިއެވެ. 

"މަންމައަަށް ކިހިނެއްވީ؟" އިމާމާ މައިމޫނާގެ އަތް ފޮޅުވާލާފައި ކުރިއަށް ޖެހިލިއެވެ. އޭނާ ގޮސް ސަޢީދައްތަގެ މަގަތުގައި އިށީނެވެ. "ކިހިނެއްވީ މަންމައަށް؟" އޭނާ މަރިޔަމް ގާތު އެހިއެވެ.

މަރިޔަމް ޖަވާބެއް ނުދިނެވެ. ސަޢީދައްތަގެ މޫނުވަނީ ކަރުނައިން ތެމިފައެވެ. އޭނާ މޮޅިވެރިގޮތަކަށް އިމާމާއާ ދިމާއަށް ބަލައިލިއެވެ. ފެން ތަށި އެއްފަރާތުގައި ބަހައްޓާފައި އިމާމާގެ ގައިގައި ބާރަށް ބައްދދައިލިއެވެ. އަދި ގިސްލގިސްލާފައި، ބާރަށް ރޯން ފެށިއެވެ. ކޮޓަރިން އެންމެން ބޭރަށް ނުކުތެވެ. އެތެރޭގައި ތިބީ ޑރ. ސިބްތެ ޢަލީގެ އާއިލާ އެވެ.

"ކިހިނެއްވީ މަންމާ؟" ވީ ގޮތެއް ބުނެދިނުމަށް އިމާމާ އެދުނެވެ.

"ފަހުދު އެހެން މީހަކާ އިނދެފި. ގޭ މީހުންނަކަށް ވެސް ނޭނގޭ. ދެންމެ އެ މީހުން އެންގީ. މިހާރު ކާވެނި ކެންސަލްކޮށްފި." މަރިޔަމް ބުންޏެވެ.

ހަރަކާތް ހުއްޓިފައި އިރުކޮޅަކު އިމާމާ އިނެވެ. އޭނާشގެ ހިތުގެ ވިންދު އިރުކޮޅަކަށް ހުއްޓުނެވެ. "މިއީ ވެސް އަހަރެންގެ ތަގްދީރުގައި ލިޔެވިފައިވާ ގޮތްތަ؟" އޭނާގެ ހިތަށް އެރިއެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.