ޕާކިސްތާނުގައި ބޭއްވި ޕޭސަސް މުބާރާތުގައި ބައިވެރިވި ސިފައިންގެ ޓީމު ރާއްޖެ އަތުވެއްޖެ

ޕާކިސްތާނުގެ އާމީން އިންތިޒާމުކޮށްގެން ބޭއްވި "ޕާކިސްތާނު އާމީ ފިޒިކަލް އެޖިލިޓީ އެންޑް ކޮމްބެޓު އެފިޝެންސީ ސިސްޓަމް (ޕޭސަސް) ކޮމްޕެޓިޝަން" ގައި ބައިވެރިވި ސިފައިންގެ ޓީމު ރާއްޖެ އަތުވެއްޖެއެވެ.

ޕާކިސްތާނު ފިޔަވައި އެހެން ޤައުމުތަކަށް ބައިވެރިވުމުގެ ފުރުޞަތު އަލަށް ދީގެން ބޭއްވި "ފުރަތަމަ ބައިނަލްއަޤްވާމީ ޕޭސަސް ޗެމްޕިއަންޝިޕް 2016" ގައި ބައިވެރިވި ސިފައިންގެ ޓީމު ރާއްޖެ އައުމުން، އިބްރާހިމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓުން ޓީމަށް މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ.

ފިޒިކަލް ގިނަ ހަރަކާތްތަކަކާ އެކު ކުރިއަށްގެންދިޔަ މި މުބާރާތް ބާއްވާފައިވަނީ މިމަހުގެ 18 އިން 23 އަށް ޕާކިސްތާނުގެ ލާހޯރުގައެވެ. މި މުބާރާތުގައި 3.2 ކިލޯ މީޓަރު ދުވުމާއި، ޕުލް އަޕްސް، ސިޓްއަޕްސް އަދި ޕުޝް އަޕްސް ފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު، ފަޔަރިންގއާ އެކު ކުރިއަށްދާ ކޮމްބެޓް އެފިޝެންސީ ޓެސްޓް (ސީއީޓީ) ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޕާކިސްތާނު އާމީން ކަނޑައަޅާފައިވާ ތަޖުރިބާކާރު އަދި ޓެކްނިކަލް އޮފިޝަލުންގެ ޓީމަކުން ކޮންޑަކްޓްކުރި މި މުބާރާތަކީ، ސަރަޙައްދީ ޤައުމުތަކުގެ ސިފައިންގެ ފިޒިކަލް ފިޓްނަސް ލެވެލް މަތިކޮށް، ސިފައިންގެ ފިޓްނަސް ލެވެލް މޮޑާން ޓެކްނޮލޮޖީގެ އެހީގައި ދެނެގަތުމުގެ ގޮތުން ކުރިއަށްގެންދިޔަ މުބާރާތެކެވެ.

މިއީ ދިވެހި ސިފައިންގެ ޓީމެއް މި މުބާރާތުގައި ބައިވެރިވި ފުރަތަމަފަހަރެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.