ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުތުތަކަށް ނިމިދިޔަ މަޖިލީހުން ގެނައި އިސްލާޙު، ޤާނޫނުން އުނިކުރަނީ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުތުތަކަށް ނިމިދިޔަ މަޖިލީހުން ގެނައި އިސްލާޙު، ޤާނޫނުން އުނިކުރުމަށް، ރިޔާސީ އިންތިޚާބާ ބެހޭ ޤާނޫނަށް އިޞްލާހު ހުށަހަޅުއްވައިފިއެވެ. މިބިލް މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރ އަޙްމަދު ހައިތަމްއެވެ.

މިމައްސަލައިގައި ވާހަކަދަ ދައްކަވަމުން މެމްބަރުން ވިދާޅުވީ ރިޔާސީ އިންތިޚާބާ ބެހޭ ޤާނޫނަށް ނިމިދިޔަ މަޖިލީހުން ގެނައި އިޞްލާޙަކީ ވަކި މީހަކަށް އަމާޒުކޮށްގެން ގެނެސްފައިވާ އިޞްލާހެއްކަމުގައެވެ. ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހެއްގެ ޝަރުތުތައް ޤާނޫނު އަސާސީގައި ބަޔާންކޮށްފައި ވާއިރު ޤާނޫނަށް އިޞްލާޙު ގެނެސް އިތުރު ޞަރުތުތަކެއް ކަނޑައަޅައިގެން ނުވާނެކަމަށް މެމްބަރުން ވިދާޅުވިއެވެ.

ހުޅުމާލޭ ދާއިރާގެ އެމްޑީޕީ މެމްބަރ ޢަލީ ނިޔާޒު ވިދާޅުވީ ރިޔާސީ އިންތިޚާބާ ބެހޭ ޤާނޫނަށް ގެނެސްފައިވާ އިޞްލާހަކީ ވާދަވެރިން ނައްތާލުމަށް ކުރީގެ ސަރުކާރުން ރާވާއިގެން ކޮށްފައިވާ މަސައްކަތެއްކަމަށެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރަން ތިބި ހުރިހާ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުން ކުރިމަތިލާނެކަމަށް ފެންނަ ކެންޑިޑޭޓުންގެ ޞަރުތުތައް ގެއްލޭ ގޮތަށް މަޖިލީހުގައި އޮތް މެޖޯރިޓީގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން ގެނެސްފައިވާ އިޞްލާހެއްކަމަށް ނިޔާޒު ވިދާޅުވިއެވެ. އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު މަޖިލިހުގައި އެބަ އޮތް އެމްޑީޕީގެ ސްޕަރ މެޖޯރިޓީ. ޤާނޫނު އަސާސިއަށް ބަދަލު ގެނެވޭނެ މެޖޯރީޓީ އެބައޮތް.ޤާނޫނު އަސާސީގެ މާއްދާއެއް އިތުރުކުރެވި ދާނެ ރައިސުލް ޖުމްހޫރިއްޔާއަކަށް އަންނަ މީހަކީ އެމްޑީޕީގެ ޓިކެޓްގައި އަންނަ މީހެއްކަމަށް ކަނޑައަޅައި. އެހެންލިޔުނީމާ އެއަށް ޢަމަލުކުރަންވެސް ޖެހިދާނެ، އެހެންނަމަވެސް އެއީކީ އެކަން ކުރަންޖެހޭ ގޮތެއް ނޫން. އެންމެންނަށް ވާދަވެރިކަމާއެކީ އިންތިޚާބުތަކުގައި ޤާނޫނު އަސާސީގައި އޮތް ޝަރުތުތަކުހެ ތެރޭގައި ވާދަކުރެވޭނެގޮތަށް އޮންނަން ޖެހޭނެކަމަށް އަޅުގަނޑު ޤަބޫލުކުރަނީ" ނިޔާޒު ވިދާޅުވިއެވެ.

ބިލަށް ހުށަހެޅި އިޞްލާޙުގައި ވަނީ ރިޔާސީ އިންތިޚާބާބެހޭ ޤާނޫނުގެ 7 ވަނަމާއްދާގެ (ނ) އުނިކުރުމަށެވެ. އުނިކުރުމަށް ހުށަހަޅައިފައިވާ އަކުރުގައި، ޤާނުނު އާސާސީއާ ޙަވާލާދީ ބުނެފައިވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލާ މީހަކު އެއްވެސް އިރެއްގައި ބޭރުޤައުމެއްގެ ރައްޔިތަކު ކަމުގައި ވެފައި ވާނަމަ ނުވަތަ ބޭރުޤައުމެއްގެ ހިމާޔަތާއި ރައްކާތެރިކަން ހޯދައިފައި ވާނަމަ އެފަދަ މީހަކަށް ރިޔާސީ އިންތިޚާބަކަށް ކުރިމަތި ލެވޭނީ އެފަދަ މީހަކު ބޭރު ރައްޔިތުކަން ނުވަތަ ބޭރު ޤައުމެއްގެ ހިމާޔަތް ނުވަތަ ރައްކާތެރިކަން ދޫކޮށްލިތާ 10 އަހަރު ފަހުން ކަމަށެވެ.

ކުރީގެ މަޖިލީހުން މި އިޞްލާޙު ގެނެސްފައިވަނީ މިދިއަހަރު އޮތް ރިޔާސީ އިންތިޚާބަށް ރައީސް ނަޝީދު ކުރިމަތި ލެއްވިޔަ ނުދިނުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ގެންދެވީ އޭރުވެސް ވިދާޅުވަމުންނެވެ. އެ އިޞްލާހުގެ ސަބަބުން އެމަނިކުފާނަށް ކުރިމަތި ނުލެއްވުމުގެ ސަބަބުން އެމްޑީޕީން ރިޔާސީޓިކެޓް ދެއްވީ މިހާރުގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.