އިތުރު ކަމެއް ނެތުމުން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މަޖިލީހުގެ ޖަލްސާ ނިންމާލައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެޖެންޑާގައި ކުރާނެ އިތުރު ކަމެއް ނެތުމުން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައްވައިފިއެވެ.

މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ޚާއްޞަ ބިލެއްގެ ފުރަތަ ކިޔުން އެކަންޏެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ޙަސަން ލަޠީފު ހުށަހެޅުއްވި "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ބިލު 2020 " ގެ ފުރަތަމަ ކިޔުން ރިޔާސަތުން  ވަނީ އިއްވައިފައެވެ.

މިބިލަކީ ޖޫން މަހުގެ ތިންވަނަ ދުވަހަށް މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ހަމަވާތީ، ޤާނޫނުއަސާސީ އިޞްލާޙު ނުކޮށް ކައުންސިލްތައް ދެމި އޮތުމާމެދު ގޮތެއް ނިންމުމަށް މަޖިލީހަށް ހުށަ ހެޅުއްވި ޚާއްޞަ ބިލެކެވެ.

އާއްމުޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤާނޫނުއަސާސީ އަށް އިސްލާޙު ގެނައުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޭތުވެދިޔަ ދެދުވަހު ކުރިއަށްގެންދެވި ބަހުސްގައި ވެސް ގިނަ މެމްބަރުންގެ ޚިޔާލު ހުރީ ޤާނޫނުއަސާސީ އިސްލާޙުނުކޮށް މައްސަލަ ޙައްލު ކުރުމަށެވެ.

މިއަދުގެ ޖަލްސާގައި ބިލުގެ ފުރަތަ ކިޔުން އިއްވެވުމަށްފަހު ރިޔާސަތުން އަންގާ ބައެއް އެއްގުންތައް އަންގަވަމުން މަޖިލީހުހެ ރައީސް ވިދާޅުވީ ވޭތުވެދިޔަ ދެދުވަހު، ޤާނޫނު އަސާސީ އިޞްލާހުކުރުމާމެދު ކުރެވުނު ބަހުސްގައި 57 މެމްބަރުން ވާހަކަ ދައްކަވައިފައިވާއިރު ހައެއްކަ މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުން ބުރަވެވަޑައިގެންފައިވަނީ، ޤާނޫނުން ޖާގަ ދިން ކަމުގައި ވިއަސް މިވަގުތަކީ ޤާނޫނު އަސާސީ އިޞްލާޙުކުރަންވީ ވަގިތު ނޫންކަމަށެވެ. ޚާއްޞަ ގޮތެއްގައި ކައުންސިލްގައި ތިބި މެމްބަރުންގެ މުއްދަތު އިތުރު ކުރުމަށް ޤާނޫނު އަސާސީ އިޞްލާހު ކުރަންވީ ވަގުތު ނޫންކަމަށް މެމްބަރުން ބުރަވެވަޑައިގެންނެވިކަމަށް ފާހަގަ ކުރެއްވުނު ކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ އަޣްލަބިއްޔަތު އޮތުމުން ރައްޔިތުންގެ މަޖިލީހުގެ ދައުރާއި ރިޔާސީ ދައުރު އިތުރުކުރުމަށް ވެސް ޤާނޫނުއަސާސީއަށް އިސްލާޙް ގެނެވިދާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑު ހިތަށް އައީ މިކަން އަޅުގަނޑުމެން ކުރަން ވާނީ ވަރަށް ޒިންމާދާރުގޮތެއްގައި ބައިލައިގެންނޭ. މިކަމުގައ އަޅުގަނޑު ބޭނުންވާ ވަކިގޮތެއް އޮވެގެނެއް ނޫން މިއުޅެނީ. ޢިއްޒަތްތެރި މެމްބަރުން އެދިވަޑައިގަންނަވާނަމަ ޤާނޫނު އަސާސީވެސް އިޞްލާޙް ކުރައްވާ. އޭރުން އޮންނާނީ އިޞްލާޙް ވެފައި. އަދި ޢިއްޒަތްތެރިމެމްބަރުން އެހެން ގޮތެއް ހޯއްދަވަން މި ދެދުވަހުގެ ބަހުސްގައި މަޝަވަރާ ކުރެވުނީ. އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އެހެން ގޮތެއް ހޯއްދަވައި އެގޮތް ބިލެއްގެ ސިފައިގައި  މިއޮތީ މިއަދު މަޖިލީހުގެ ތަޅުމަށް ގެނެވިފައި . ޢިއްޒަތްތެރި މެމްބަރުންނަށް މީ ރަނގަޅުގޮތް ނޫންކަމަށް ފެނިވަޑައިގަންނަވަންޏާ، ބިލް ބަލައިގަންނަ ހިސާބުން ވެސް ބިލް ބަލައި ނުގަނެވެސް ދޫކޮށް ލެވިދާނެ. އެއީކީވެސް މިކަމުގައި އޮތް މައްސަލައެއް ނޫން. އަދި ބިލް ކޮމެޓީއަށް ގެންގޮސްފައި ކޮމެޓީން ގެނެސްފައިވެސް ފާސްނުކޮށްވެސް ބޭއްވި ދާނެ. އެއީއަކީވެސް މައްސަލައެއް ނޫން. ޢިއްޒަތްތެރި މެމްބަރުން އެދިވަޑައިގަންނަވާ ގޮތެއް ބުއްދިވެރިކަމާއެކީ ނިންމާގޮތެއް މީގައި އެންމެ ބޭނުންތެރީ. " މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.