ކްލެމެންސީ ބޯޑާއި އިންސާނީ ވަގުފާރި ހުއްޓުވުން ވިލަރެސްކުރާ ކޮމެޓީ އަށް ވެސް އެމްޑީޕީގެ ދެ މެމްބަރުން

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކްލެމެންސީ ބޯޑާއި މީހުން ޓްރެފިކް ކުރުން ނުވަތަ އިންސާނީ ވަގުފާރި ހުއްޓުވުން ވިލަރެސްކުރާ ކޮމެޓީއަށް ވެސް މަޖިލީހުން ކަނޑަ އެޅީ އެމްޑީޕީގެ ދެމެމްބަރުންނެވެ.

މަޢާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އެކުލައްވައިފައިވާ ކްލެމެންސީ ބޯޑަށް މަޖިލީހުން ކަނޑައެޅީ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢުއެވެ. އަދި ހިއުމަން ޓްރެފިކިން ނުވަތަ އިންސާނީ ވަގުފާރި ހުއްޓުވުމާބެހޭ ކަންކަން ވިލަރެސްކުރާ ކޮމެޓީއަށް ކަނޑަ އެޅީ ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަޙްމޫދެވެ. މި ދެ މެމްބަރުންގެ ނަންވެސް މަޖިލީހުން ފާސްކުރައްވައިފައި ވަނީ ވޯޓްގައި ބައިވެރި ވަޑައިގެންނެވި 81 މެމްބަރުންގެ ޢިއްތިފާޤުންނެވެ.

މި ދެ ކޮމެޓީއަށް މެންބަރުން އައްޔަން ކުރުމަށް ހުށަހެޅުނީވެސް ހަމަ އެކަނި މި ދެމެމްބަރުންގެ ނަންފުޅެވެ. ދެ މެމްބަރުންގެ ނަންފުޅުވެސް ހުށަހަޅުއްވައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމްއެވެ.

ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަޙްމޫދަކީ ކުރިން ހިއުމަންރައިޓްސް ކޮމިޝަންގެ މެމްބަރަކަށް ވުމުން ޖީހާނަކީ އިންސާނީ ވަގުފާރި ހުއްޓުވުން ވިލަރެސްކުރާ ކޮމެޓީއަށް މަޖިލީހުން ކަނޑައެޅަން އެންމެ އެކަށީގެންވާ މެމަބަރުކަމަށް ގިނަ މެމްބަރުން ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެކޮމެޓީއަށް ޖީހާންގެ ނަން ހުށަހެޅުމުން ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވަނީ އެކަމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ. ޖާބިރު ވިދާޅުވީ މިހާރު ރާއްޖޭގައި މިއޮތީ އާޢިލީ ވެރިކަމެއްކަމުގައެވެ. އަދި މަޖިލީހުގެ ކަންކަންވެސް ދަނީ އާއިލީ މީހުން އިސްކުރެވޭ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. ޖީހާނަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޢާއިލާއަށް ނިސްބަތްވެވަޑައިގެންނަވާ ބޭފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.