ޝުޖޫން އާއި އަޒްމިރަލްދާއަށް ރުހުން ދިނުމުގެ މައްސަލަ މާދަމާ ޖަލްސާއަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ނަން ފޮނުއްވާފައިވާ އަންހެން ދެ ފަނޑިޔާރުންނަށް ރުހުން ދިނުމުގެ މައްސަލަ މާދަމާ ހެނދުނު އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ރައީސް ސޯލިޙު ނަން ފޮނުއްވާފައިވާ އަންހެން ދެބޭފުޅުން ކަމަށްވާ އަލްއުސްތާޒާ އައިޝާ ޝުޖޫން މުޙަންމަދު އަދި ޑރ އަޒްމިލްދާ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަން ކުރަން މަޖިލީހުގެ ރުހުން ހޯއްދަވަން ފޮނުއްވުމުން އެ މައްސަލަ މަޖިލީހުގެ ތަޅުމުން އޮތީ އެކަމާގުޅޭ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ. އެ ކޮމިޓީން އެ ދެބޭފުޅުންގެ ކަންކަން ދިރާސާ ކުރެއްވުމަށް ފަހު ނިންމާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ސުޖޫން އާއި ޑރ އަޒްމިރަލްދާ އައްޔަން ކުރައްވަން ފެންނަ ކަމަށެވެ.

ކޮމިޓީން ޝުޖޫން އާއި އަޒްމިރަލްދާއަށް ރުހުންދޭން ފެންނަ ކަމަށް ނިންމައި، އެކުލަވާލި ރިޕޯޓާމެދު މާދަމާ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުން އެޖެންޑާ ކޮށްފައިވާއިރު، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުގައިވެސް އެދެބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް ބޮޑު އަޣްލިއްޔަތަކުން ފާސްވާނެ ކަމަށް ބެލެވެއެވެ.

ސަބަބަކީ ކޮމިޓީން ރުހުން ދޭން ނިންމާފައިވުމުގެ އިތުރުން އަންހެން ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ ދެކޮޅަށް ދާދިފަހުން އިދިކޮޅު މެމްބަރަކު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދެއްކެވި ސަރުކާރަށް ނިސްބަތްވާ ހުރިހާ މެމްބަރުންވެސް އެ ކުއްލި މައްސަލައާ ދެކޮޅަށް ވާހަކަ ދައްކަވައި ސުޖޫން އާއި އަޒްމިރަލްދާ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައި ވާތީއެވެ.

އަންހެން ދެ ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާނެ ކަމަށް ބެލެވިފައިވާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ކުރިން ހުންނެވި އަބްދުﷲ ދީދީ މިހާރު ވަނީ މަޖިލީހުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓާއެކު މަގާމުން ވަކި ކުރައްވާފައެވެ. އެ މަގާމަށްވެސް ފަނޑިޔާރަކު އައްޔަން ކުރެއްވުމަށްޓަކައި ފަނޑިޔާރު ކަމަށް ކުރިމަތި ލުމުގެ ފުރުޞަތު ޖޭއެސްސީން ހުޅުވާލިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.