ކޮރަޕްޝަނަކީ ޤައުމުގެ އެތެރޭގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް: ފަނޑިޔާރު އަޒްމިރާލްދާ

ކޮރަޕްޝަނަކީ ޤައުމުގެ އެތެރޭގެ ހަމަޖެހުމަށް އޮތް ނުރައްކަލެއްކަމަށް ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޝާއިއުކުރެއްވި "ބިތުފަންގި" ޚާއްޞަ ބުލެޓިންގެ ޚާއްޞަ އަދަދަށް  ދެއްވި ޚިތާބެއްގައެވެ.

ފަނޑިޔާރު އަޒްމިރާލްދާ ވިދާޅުވީ ކޮރަޕްޝަންގެ ސަބަބުން ޢަދުލުއިންސާފުގެ ހަމަތައް ގެއްލި ޤާނޫނުގެވެރިކަން ނުވަތަ ރޫލްއޮފްލޯ ނެތިދާކަމަށެވެ. ޖުމްހޫރިއްޔަތު ބަލިކަށިވެ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެލިގެން ދާކަމަށެވެ. ނަތީޖާއެއްގެގޮތުން އެހެނިހެން ކުށްތައް މުޖުތަމަޢުގެތެރޭގައި އާއްމުވެ، ތަރައްޤީގެ ދުވެލި މަޑުޖެހުމުގެ ސަބަބެއްކަމަށް ކޮރަޕްޝަން ވެގެންދާކަމަށް ވެސް ފަނޑިޔާރު އަޒްމިރާލްދާ ވިދާޅުވިއެވެ.

އަދުގެ ބަވަނަވަމުންދާ ދުނިޔޭގައި އިންސާނީ ވަޞީލަތްތައް ފުރިހަމަވެ ފަސޭހަވަމުންދާވަރަކަށް، ކޮރަޕްޝަންގެ ނުބައި ވަބާއާ ކުރިމަތިލާން ޖެހިފައިވުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުތަކާ ކުރިމަތިލާންޖެހިފައިވާ އެންމެބޮޑު އެއް ގޮންޖެހުންކަމަށް ފަޑިޔާރު އަޒްމިރާލްދާ ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ ފެންވަރެއްގައި އެންޓި-ކޮރަޕްޝަން ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ، ދުނިޔެއަށް ކުރިމަތި ވެފައިވާ ކޮރަޕްޝަނުގެ ނުބައި ވަބާއިން ޤައުމުތައް ރައްކާތެރިކޮށް، ކޮރަޕްޝަން ހުއްޓުވުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް، އޭނާ ދެކެވަޑައި ގަންނަވަ އެވެ.

ކޮރަޕްޝަންގެ ސަބަބުން ހަލާކުވެގެން ދަނީ ހަމައެކަނި ޤައުމުގެ ދާޚިލީހަމަޖެހުން އެކަންޏެއް ނޫން ކަމަށް ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ. އަޒްމިރާލްދާ ވިދާޅުވީ ކޮރަޕްޝަންގެ ސަބަބުން ސީދާގޮތުންނާއި ނުސީދާގޮތުން ވެސް އެންމެ ބޮޑު އަސަރެއް ކުރަނީ ޤައުމުތަކުގެ ކުރިއެރުމަށް ކަމަށެވެ.

"ކޮރްޕްޝަން އިތުރުވާ ވަރަކަށް މާލީގޮތުނާއި އިޤްތިޞާދީގޮތުން ޤައުތަކަށް ލިބޭ ކޮންމެ ގެއްލުމެއްގައި އެންމެ ބޮޑަށް ތަޙައްމަލުކުރަންޖެހޭ ބަޔަކީ އެޤައުމެއްގެ އާއްމު ފަރުދުންކަމީ ދެބަސްވެވެންނެތް ޙަޤީޤަތެކެވެ." އަޒްމިރާލްދާ ވިދާޅުވިއެވެ.

ރާއްޖޭގަޔާއި ދުނިޔޭގައި ކަރަޕްޝަންގެ ޙާލަތު އޮތް މިންވަރަށްވެސް ފަނޑިޔާރު އަޒްމިރާލްދާގެ ޚިތާބު ގައި ވަނީ އަލިއަޅުވާ ލައްވައިފައެވެ.

ކޮރަޕްޝަންގެ ނުބައި ވަބާ ޤައުމުން ނެތިކޮށްލުމަށްޓަކައި ފަރުދީގޮތުންނާއި ދައުލަތުގެ ފެންވަރުގައި އެއް އަމާޒަކަށް ވާޞިލްވުމަށް މަސައްކަތްކުރަންޖެހޭކަމަށް ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަޒްމިރާލްދާ ވިދާޅުވިއެވެ. އެގޮތުން ފަރުދުންނާއި ޖަމާޢަތުގެ ދައުރު ފުޅާކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ދައުލަތުގެ މުޢައްސަސާތަކުގެ ޤާބިލްކަން އިތުރުކޮށް ބާރުވެރިކުރުވަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"ކޮރަޕްޝަނަށް ފާރަވެރިވާ ނިޒާމު ހަރުދަނާ ކުރަންޖެހެއެވެ. ޤާނޫނީ އޮނިގަނޑަށް ހަމައެކަނި ބަރޯސާ ވުމުގެ ބަދަލުގައި ޓެކްނިކަލް ވަޞީލަތްތަކުގެ ބޭނުންހިފުމުގެ މުހިންކަން ބޮޑެވެ." ޚިތާބު ނިންނާލައްވަމުން ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވިދާޅުވިއެވެ.

1 ޚިޔާލު

  1. އެއްމެނަށް ވެސް ތިކަން އެގޭ. ތިކަން ހައްލުކުރާނެ އިޚްލާސްތެރި ބަޔަކުނެތިގެން މިއުޅެނީ. ހައްތާވެސް ރައްޔިތުންގެ ފައިސާ ފޭރޭ މީހުން ފެންނަމުން ދަނީ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.